Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހީވޭ ކަލާވާހެން-7

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
September 2, 2021 4 Mins Read
0 Comments

އެންމެންވެސް އުފާވެރި މާހައުލެއްގައި ކެއުމަށް އިންސާފުކޮށް ނިންމުމަށްފަހު ތަށިތައް ދޮވެ ނިންމައިގެން މިސްރާބު ޖެހީ ރަށު ތުނޑިއާ ދިމާއަށެވެ. ތުނޑީގައި ވޮލީ ބޯލަ ކޯޓެއް ހުރުމުން އެންމެން ވެގެން ބައިބަހައިގެން ފޯރީގައި ވޮލީ ކުޅެން ފެށިއެވެ.
” ކައިގެން އައިސް ވާވަރު ކަމެއް ނޫން މިއީކީ.. އެކަށް ލޮޑުވެއްޖެ މީހާ..” ފަޔާޒް މައިނޭވާލަމުން ބުންޏެވެ. އެއާއެކު އެންމެން ހޭން ފަށަމުން ފަޔާޒާ ދިމާ ކުރަން ފެށިއެވެ.

ފޯރީގައި ވޮލީ ކުޅެ ނިންމާލުމަށްފަހު އެންމެން އަނބުރާ ކެބިން އަށް އައިސް ނިދަން ތައްޔާރު ވާން ފެށިއެވެ. ލިލިއަންވެސް ނިދަން ތައްޔާރުވެގެން އައިސް އޮށޯވެލިއެވެ. އޮށޯންތާ އިރުކޮޅެއް ވީ އިރުވެސް ވެސް ނިދި ނައުމުން ގަޑިން ވީއިރު ބަލާލަން ލިލިއަން އޭނާގެ ފޯނު ހޯދާލިއެވެ. ފޯނު ފެންނަން ނެތުމުން ލިލިއަން އަށް ލިބުނީ ހާސްކަމެކެވެ. ރަނގަޅަށް ތެދުވެ ވަށައިގެން އަންހެންވެރިން ނިދަން ތިބި ކޮޓަރިއަށް ނަޒަރެއް ދިނެވެ. ފޯނު ފެންނަން ނެތުމުން އެ ލެވުން ތަނަކާމެދު ލިލިއަން ފުންކޮށް ވިސްނަން ފެށިއެވެ. ކެބިންގެ ބޭރުގައި ބޭއްވިފައި އޮވެދާނެކަމަށް ވިސްނަމުން ލިލިއަން މަޑު މަޑުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

އެހެން މީހަކަށް ހޭލެވިދާނެތީ މަޑު މަޑުން ދޮރު ލައްޕާލަމުން ލިލިއަން މިސްރާބުޖެހީ ކެބިން ގައި ޑެކު ޖަހާ މޫދު ފެންނާނެހެން އިށީންނަން ހަދާފައި ހުރި ބީޗް ޗެއަރ ތަކާ ދިމާއަށެވެ.
ނިދަން ވަނުމުގެ ކުރިން މާޔާ މެންނާ އެކު އެތާނގައި ލިލިއަން އިށީނދެ އިނުމުން އެ ގޮނޑިތައް ލިލިއަން ހޯދާ ބަލަން ފެށިއެވެ.

” އެއްޗެއް ގެއްލުނީތަ..؟” ކުއްލިއަކަށް ފަހަތުން އިވިގެން ދިޔަ އަޑުން ލިލިއަން ދިޔައީ ސިއްސައިގެންނެވެ. މަޑު މަޑުން ފަހަތަށް އެނބުރުނު އިރު އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ދިޔާން ލޮލުގައި އަޅައިގަތެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ދިޔާން ލިލިއަން ކައިރިއަށް އައިސް ހުއްޓުނެވެ.

” މީ.. ފޯނު.. ބޭއްވުން ތަނެއް ނޭނގިގެން..” ލިލިއަން އާގަންނަމުން ޖަވާބު ދިނެވެ.

“ކޮންއިރަކު އެންމެ ފަހުން ފޯނު ބޭނުން ކުރީ..؟” ދިޔާން އޭނާގެ ފޯނު ނަގާ މާހައުލަށް އަލި ކޮށްލަމުން ތަންތަން ބަލަން ފެށިއެވެ.

” ތުނޑީގަ ގަޑި ބަލައިލި ހަނދާންވޭ.. ދެން.. ނޭނގެ ލެވުން ތަނެއް..” ލިލިއަން ވިސްނަމުން ހާމަކުރިއެވެ.

” ވެދާނެ އެންނު ތުނޑީގަ ހަނދާންނެތި ބާއްވާފަ އާދެވުނީ ކަމަށް..” ދިޔާން އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އޭނާއަށް ހީވާގޮތް ހާމަކުރިއެވެ.
ދިޔާން އެހެން ބުނުމާއެކު ލިލިއަން އަށްވެސް ބުރަވެވުނީ އެގޮތަށެވެ.

” ލިލިއަން ބޭނުންނަމަ އަހަރެން ލިލިއަން އާއެކު ހިނގައިދާނަން ތުނޑިއަށް.. އެނގެ އެންނު އަހަރެމެން އެކަނި ނޫންކަން މިރަށުގަ އުޅެނީ.. މީހަކަށް ފެނިއްޖިއްޔާ ފޯނު ވަގަށްނަގާކަށްވެސް ފަހަކަށް ނުޖެހޭނެ..” ދިޔާން ބުނެލިއެވެ.

ލިލިއަން ދިޔާންގެ މޫނަށް ބަލައިލީ ކަމެއް ދެނެގަންނަ ފަދައިންނެވެ. އެހެނަސް އޭނާ ކިތަންމެ ގިނައިރަކު ބެލި ނަމަވެސް ދިޔާންގެ މޫނުން ތަފާތު ކަމެއް ފާޅެއް ނުވެއެވެ. އޭނާގެ ހުށައެޅުމުގައި ގޯސް ނިޔަތެއް އޮތް ހެނެއް ލިލިއަން އަކަށް ހިޔެއް ނުވެއެވެ. އެހެނަސް މީހެއްގެ ބޭރުފުށުގެ ސިފަތަކަށް އިތުބާރު ކުރަން ނުވާނެކަން ލިލިއަން ދަނެއެވެ. ނަމަވެސް ކީއްވެކަމެއް ނޭނގި ލިލިއަން އަށް ދިޔާން އަށް އިތުބާރު ކުރެވެނީއެވެ. އެދެލޮލުން ހުރަހަކާ ނުލާ  ދޭހަވަމުން ދިޔައީ ދިޔާން އޭނާއަށް މަދަދު ވެރިވާން ބޭނުންވެފައިވާކަމެވެ.
ލިލިއަން އަށް ބޯ ޖަހާލެވުނީ އެއްވެސް ބިރެއް ފިކުރެއް ނެތިއެވެ. އުޒުރަކާއެކު ވިޔަސް ދިޔާން އާއެކު ވަޤުތު ކޮޅެއް ހޭދަކޮށްލުމަށް އޭނާގެ ހިތުގެ ކަނަކުން ބޭނުން ވުމުން ލިލިއަން ހައިރާންވިއެވެ.

************************

މާދުރަށް ފެތުރިފައިވާ ހުދު ދޮންވެލި ތުނޑީގައި ލިލިއަން ހިނގަމުން އައެވެ. ދިޔާން ލިލިއަން އަށް ފަސޭހަ ކޮށްދޭން ފޯނުގެ އަލި ބިންމައްޗަށް އަޅުވަމުން ދިޔައެވެ. ވޮލީ ކޯޓު ސަރަހައްދުގެ ކައިރި ބަލަމުން ދިޔަ ލިލިއަން އަށް އުނދަގުލަކާ ނުލާ އޭނާގެ ފޯނު ފެނުނެވެ. ހުދު ދޮންވެލިގަނޑުގައި ފޯނު އޮތް އިރު ވޮލީ ކުޅެން އުޅުމުގެ ތެރޭގައި ޖީބުން ވެއްޓޭނީ ކަމުގައި ލިލިއަން ލަފާ ކުރިއެވެ. ލިބުނު ހިިތްހަމަ ޖެހުމާއެކު ފޯނު ނަގާ ވެލިތައް ފޮޅާލަމުން އެއަށް ކަމެއްވެފަ އޮތްތޯ ލިލިއަން ބަލައިލިއެވެ.

” ފޯނު އޯކޭތަ..؟” ދިޔާން ސުވާލުކޮށްލިއެވެ. ލިލިއަން ހިނިތުންވުމަކާއެކު ބޯޖަހާލަމުން ދިޔާން އަށް ޝުކުރު އަދާކުރިއެވެ. ދިޔާން އެއީ އެއްވެސް ކަމެއް ނޫންކަމަށް ބުނަމުން ކެބިން ހުރި ދިމާއަށް ދެމީހުން މިސްރާބު ޖެހިއެވެ
ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތަކާ ފައިން މައްލަވަ ކުރަމުން ހިނގަމުންް ދިޔަ ލިލިއަންގެ މޫނުގައިވަނީ ހިނިތުންވުމެކެވެ. އެހެނަސް ދެވަނަ ސިކުންތުގައި ފަޔަށް ވެގެން ދިޔަ ތޫނު ތަދާ އެކު ލިލިއަންގެ އަނގައިން މަޑު އާހެއް ބޭރުވެގެން ދިޔައެވެ. ލިލިއަންގެ ހަރަކާތްތައް ބަލަން ފަސް ފަހަތުން ހިނގަމުން އައި ދިޔާން ހާސްވެފައި ލިލިއަންގެ ކައިރިއަށް ގޮސް ހުއްޓުނެވެ. ލިލިއަން އުފުލައިގެން ހުރި ފައި ކައިރީ ކަކޫމައްޗަށް ތިރިވެ ދަށްފަޔަށް ދިޔާން ނަޒަރު ހިންގާލިއެވެ. ފަޔަށް ހެރިފައި އިން ތޫނު ގާކޮޅި ފެނުމުން ދިޔާން އިސްއުފުލާލާ ލިލިއަންގެ މޫނަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.

” ތަންކޮޅެއް ފުނަށްހެން ހީވަނީ ހެރިފަ އިނީ.. އަވަހަށް ކެބިން އަށް ގޮސް ބޭސް އަޅަން ޖެހޭނީ.. މިގަޑީގަ ގާކޮޅު ނައްޓައިފިއްޔާ ލޭ އިސްރާފު ވާނެ..” ދިޔާން އޭނާއަށް އެނގިފައިވާ މަޢުލޫމާތުގެ އަލީގައި ހެދުން އެންމެ ރަނގަޅު ގޮތް ކިޔައިދިނެވެ.

” އިޒް އިޓް އޯކޭ އިފް އައި ކެރީ ޔޫ..؟” ދިޔާން ސުވާލު ކޮށްލިއިރު އެމޫނުގައިވަނީ ލިލިއަންގެ ރުހުން އިންތިހާއަށް ބޭނުންވެފައިވާ ކަމުގެ އަސަރެވެ. އެހެނަސް ފުރަތަމަ އޭނާ ލިލިއަން އާއި ދިމާވި ރޭފަދައިން ލިލިއަންގެ ހުއްދަ ނެތި ކުރެވޭ ކަމަކުން އޭނާގެ ނުރުހުންވުން އަމާޒުވާކަށް ދިޔާން ބޭނުމެއް ނޫނެވެ.

ލިލިއަން އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ފަޔަށް ލިބުނު ގެއްލުމާއެކު އެހެން މީހެއްގެ އެހީނެތި އޭނާއަށް ހިނގޭނެ ގޮތެއް ނެތެވެ. ލިލިއަން ދެފިކުރެއްގައި ހުރެ ބޯ ޖަހާލިއެވެ. ފަޔަށް ވަމުންދާ ދިލަ ތަދަށް ލުޔެއް ހޯދަން ވީއެންމެ އަވަހަކަށް އޭނާ ބޭނުންވިއެވެ. ދިޔާން ހީވަނީ ލިލިއަންގެ ފަރާތުން އިޝާރާތަކަށް ބަލަބަލާ ހުރިހެންނެވެ. ލިލިއަން ބޯ ޖަހާލުމާއެކު އިތުރު ވިސްނުމެއްނެތި ލުއި ފަތެއްހެން ލިލިއަން އޭނާގެ އަތްދަނޑި މައްޗަށް އުފުލާލިއެވެ.

ދިޔާންގެ ބާރުގަދަ އަތުގެ ތެރޭގައި އޮތް ލިލިއަން އަށް ދިޔާންގެ ހިތުގެ ވިންދު އިޙްސާސްވަމުން ދިޔައެވެ. ލިލިއަން އަށް ކިރިޔާވެސް އުނދަގުލެއް ލިބިދާނެކަމަށް ދިޔާން ލިލިއަން ހިފަހައްޓައިގެން ހުރީ ނުހަނު ފަރުވާތެރި ކަމާއެކު ބަލައިގެންނެވެ. އެކަން ލިލިއަން އަށްވެސް އިޙްސާސްކުރެވެމުންދިޔައެވެ. ދިޔާންގެ ހޫނު ނޭވާތައް އޭނާގެ ނިތްކުރިއަށް އެޅެމުންދިޔައިރު ލިލިއަން އަށް ނޭނގޭ ރައްކާތެރި ކަމެއް ދިޔާންގެ އަތު ތެރެއިން އިޙްސާސްކުރެވެމުން ދިޔައެވެ.

***************

ކެބިންގެ ބޭރުން ދިއްލާފައިވާ ފަނޑު އަލީގެ ބޮކިތައް ފެނުމާއެކު ލިލިއަން އަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ދިޔާން ލިލިއަން ގޮވައިގެން ވަނީ ކެބިންގެ ކައްކައި ކައި ހަދާ ބަޔަށެވެ. ލިލިއަން ގޮނޑީގައި ބޭނދުމަށްފަހު ދިޔާން ފަސްޓް އެއިޑް ބޮކްސް އާއި ސާފު ތުވާއްޔެއް ހޯދިއެވެ. އަތްމަތި އަވަސްކޮށްލައިގެން އެއްޗެހި ހަމަކުރަން އުޅުނު ދިޔާން އަަށް ބަލަހައްޓައިގެން ލިލިއަން އިނެވެ.

ބޭނުންވާ ހުރިހާ އެއްޗެއް ހަމަވުމުން ދިޔާން އެ އެއްޗެހި މޭޒުގައި ބަހައްޓަމުން  ގޮނޑީގައި އިށީނދެ އޭނާގެ އުނގަށް ލިލިއަންގެ ފައި އެރުވިއެވެ.

” ކުޑަކޮށް ތަދުވެދާނެ އެތިކޮޅު ނައްޓާލާ ގަޑީގަ…” ފަރުވާތެރި ކަމާއެކު ލިލިއަންގެ ދަށް ފަޔަށް ނަޒަރު ހިންގާލަމުން ދިޔާން ބުންޏެވެ. ދިޔާންގެ ވާހަކައާއެކު ލިލިއަން ދެލޯ ތަގުޅި ކޮށްލަމުން ބޯ ޖަހާލިއެވެ. އެހިނދު ކުއްލިއަކަށް ފަޔަށް ތޫނު ތަދެއް އިޙްސާސް ކުރެވިގެން ދިޔައެވެ. އެއްވެސް އަޑެއް ބޭރުވެދާނެކަމުގެ ބިރަށް ލިލިއަން އޭނާގެ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ.

ގާކޮޅު ނައްޓުވާލެވުމާއެކު ލިލިއަންގެ ފައިން ލޭތައް ފައިބަން ފެށިއެވެ. އެހެނަސް ދިޔާންގެ ހުނަރުވެރިކަމާއެކު އެހިސާބު ލޭމަނާކޮށް ޑިސް އިންފެކްޓު ކުރުމަށްފަހު ބޭސް އަޅާނިންމިއެވެ.

” އަދިވެސް ވަރަށް ތަދުވޭތަ..؟ ” ބޭސް އަޅާ ނިންމާލުމަށްފަހު ލިލިއަން އަށް ބަލައިލި ދިޔާންގެ މޫނު މަތިން އަދިވެސް ކަންބޮޑުވުމުގެ ލިސާން ފާޅުވަމުން ދިޔައެވެ. ލިލިއަންގެ ފަޔަށް ދެވުނު ފަރުވާއާ މެދު ހިތްހަމަ ޖެހުނު ނަމަވެސް ދިޔާން ބޭނުންވިފަދައިން ލިލިއަން ގޮވައިގެން ހޮސްޕިޓަލަށް ގޮސް އެންމެ ފުރިހަމަ ފަރުފަރުވާ ދެވެން ނެތުމުން އޭނާ ނުތަނަވަސްވިއެވެ.

ލިލިއަން ތަދުނުވާ ކަމަށް ބުނަމުން ދެފަރާތަށް ބޯ ހޫރުވާލިއެވެ. އަދިވެސް ހިސާބެއްގެ ދިލަ ރިހުމެއް ދަށްފަޔަށް އިޙްސާސްކުރެވެމުން ދިޔަ ނަމަވެސް ދިޔާން އަށް އޭނާގެ ސަބަބުން އިތުރު ތަކުލީފުތަކެއް ލިބޭކަށް ލިލިއަން ނޭދެއެވެ.
” ތެންކިޔު..” ލިލިއަން ހަޤީޤަތުގައިވެސް އޭނާގެ ހިތުގެ ފުންމިނުން ދިޔާން އަށް ޝުކުރުވެރިވިއެވެ.

” ތެންކިޔު ބުނަން ޖެހޭ ވަރު ކަމެއް ނޫނެންނު.. ލިލިއަން އަށް ތިހެން ތިވީވެސް އަހަރެންގެ ސަބަބުން.. އަހަރެން ތުނޑިއަށް ދާން ނުބުނިނަމަ…” ދިޔާން އަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ.

” އެއީ ދިޔާންގެ ސަަބަބުން ވީ ކަމެއް ނޫނޭ.. އަހަރެންގެ ފަރުވާކުޑަކަމުން ފޯނު އެތާ ބާއްވާފަ އައީމަ ވީކަމެއް މިއީ..” ލިލިއަން ދިޔާން ދިފާޢު ކުރަމުން ބުންޏެވެ. ލިލިއަން އާ އިތުރަށް ދެބަސްވުމުގެ ބަދަލުގައި ދިޔާން ހިނިތުންވެލިއެވެ. އެއްވެސް މީހެއްގެ މައްސަލަ ނޫންކަމަށާއި އެއީ ފަޔަށް ހެރުނު އެތިކޮޅުގެ މައްސަލަ ކަމަށް ދިޔާން ބުނުމާއެކު ލިލިއަން އަށް ނުހީ ނީނދެވުނެވެ. ފައިގާ އަޅާ ވޭންވެސް ކުޑަ ވަޤުތު ކޮޅަކަށް ހަނދާން ނެތިގެން ދިޔަފަދައެވެ.

ދިޔާންއާ ރޭގަނޑުގެ ސަލާމް ކުރުމަށްފަހު ލިލިއަން އަންހެންވެރިން ނިދަން ހަމަޖެހުނު ކޮޓަރިއަށް ވަނެވެ. ފަޔަށް ބަލައިގެން އައިސް ސްލީޕިންގެ ބޭގުގައި ލިލިއަން އޮށޯވެލިއެވެ. ދިޔާން ދިން ޕެއިން ކިލާގެ ބާރު ހަށިގަނޑަށް ކުރަން ފެށުމާއެކު ލިލިއަން އަށް ލޮޑުކަން އިޙްސާސް ކުރެވެން ފެށުނެވެ. އިސާހިތަކު ނިދީގެ ހަމަހިމޭން މާލަމަށް ލިލިއަން ދަތުރުކުރިއެވެ.
***********

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ތިންވަނަބައި)

Next

ޔާރު ނުބުނޭ ތިހެން … (5)

Next
September 3, 2021

ޔާރު ނުބުނޭ ތިހެން … (5)

Previews
September 1, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ތިންވަނަބައި)



All Right Reserved!