Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހީވޭ ކަލާވާހެން-5

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
August 28, 2021 4 Mins Read
0 Comments

ހަށިގަނޑަށް ލިބިފައިވާ ވަރުބަލި ކަމާއެކު ދެލޯ މަރާލިތާ ގިނައިރެއްނުވެ ނިދީގެ ފުންކަނޑަކަށް ލިލިއަން ޣަރަޤުވެގެން ދިޔައެވެ.
******

ކުއްލިއަކަށް ނިދިން ހޭލެވުނު ލިލިއަން ގަޑިއަށް ބަލައިލިއެވެ. އޭރު ގަޑިން މެންދަމުން އަލިވެ ދޭއްޖަހަނީއެވެ. ރޭގަނޑު އެއްޗެއް ނުކައި ހުރުމުން މީހާ ހުރީ ނުހަނު ބަނޑުހައިވެ ކަރުހިތްކައިގެންފައެވެ. އެހާ ފަސޭހައިން ނިދާ ހޭލެވުނީ އެހެންވެކަން ލިލިއަން އަށް އެނގުނެވެ. ކޮޓަރީގައި ހުރި ފެންފުޅިވެސް ހުސްްވެފައި ހުރުމުން ލިލިއަން އަށް ކޮޓަރިން ނުނިކުމެ ވާކަށް ނެތެވެ. ކަންނެތްކަމާއެކު އެނދުން ތެދުވުމާއެކު ލައިގެން ހުރި އެއްޗެހި ލޮލުގައި އަޅައިގަތީ ދެނެވެ. އެނދުގައި އައިސް އޮށޯވެވުނީ އެއްޗެހިވެސް ބަދަލުނުކޮށްކަން ރެޔަކާލީ ދެނެވެ.

ކޮޓަރިން ނިކުމެގެން އައި ލިލިއަން ލައިގެން ހުރި އެެއްޗެހި މިހާރުވަނީ ނިދާ އެއްޗިއްސަށް ބަދަލުކުރެވިފައެވެ. އަދިވެސް ލޮލުގައި ނިދިހުރުމާއެކު ލިލިއަންގެ ކޮންމެ ހަރަކާތެއްގައިވަނީ ލަސްކަމެވެ. އާފުރެމުން އައިސް ކާގެއަށް ވަދެ މިސްރާބުޖެހީ އައިސް އަލަމާރިން ފެންފުޅިއެއް ނެގުމަށެވެ. އުޅެ ފަރިތަ މާޙައުލެއް ކަމުން ދާން ބޭނުންވާ މިސްރާބަށް ދިޔުމަށް ބޮކި ދިއްލުމަކީ ލިލިއަން އަށް މުހިއްމުކަމަކަށް ނުވިއެވެ. އައިސް އަލަމާރީގެ ދޮރު ހުޅުވާލަމުން ފެން ފުޅިއެއް ނެގުމަށްފަހު ލިލިއަން އެނބުރުނު ވަޤުތު ކާގޭގެ ދޮރުމަތީގައި ހުރި މީހެއްގެ ހިޔަނި ފެނި ހަޅޭއްލަވައިގަނެވުނެވެ. އަލަމާރިން ވަމުންދިޔަ އަލިކަމުން މީހެއްހުރިކަން އެނގުނު ނަމަވެސް އޭނާގެ މޫނު ސާފުވާވަރެއް ނުވިއެވެ.

“ކާ..ކާކު…؟” ފެންފުޅި މެޔާލާ ބާރުކޮށްލަމުން ލިލިއަން ސުވާލުކުރިއިރު އޭނާގެ އަޑުގައިވަނީ ހާސްކަމެވެ. ލިލިއަންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އެމީހަކު ދޮރުން އެތެރެއަށް މިސްރާބުޖެހިއެވެ. ކަޅު ބިޔަ ހިޔަންޏެއްފަދަ އެމީހާ ލިލިއަން އާ ދިމާއަށް އަންނަތަން ފެނި ލިލިއަންގެ ދެލޯ ބޮޑުވިއެވެ. ކުރިން ދެލޮލުގައި ވީ ނިދިވެސް ފިލައިގެން ގޮސްފައިވާފަދައެވެ.

ސިކުނޑިއަށް ވެރިވި ފުރަތަމަ ވިސްނުމާއެކު ލިލިއަން އަށް ބޮތްކާ ދިމާއަށް ދުއްވައިގަނެވުނެވެ. ސްވިޗު ޖައްސާލުމާއެކު މުޅި މާޙައުލު ދިއްލިގެން ދިޔައެވެ. ލިލިއަން އަށް އެންމެ ފުރަތަމަވެސް ބަލައިލެވުނީ އޭނާއާ ދިމާއަށް އައި މީހާ ކޮބައިތޯއެވެ. އެވަޤުތު ލިލިއަންގެ ހިތް ހުއްޓުނުހެން ހީވީ އޭނާއާ ޖެހޭ ނުޖެހޭހާ ޤާތުގައި ހުރި ޒުވާނާގެ މޫނުފެނިފައެވެ. ދެލޯ ބޮޑުކޮށްލެވުނު ލިލިއަން އަށް ހަރަކާތެއްވެސް ކޮށްނުލެވެނީސް އެޒުވާނާގެ ދެއަތް ފާރުގައި ޖައްސަމުން އެދޭތެރޭ ލިލިއަން ހައްޔަރު ކޮށްލިއެވެ. ހަދާނެގޮތެއް ނޭނގި ދެލޯ ބޮޑުވެފައި ހުރި ލިލިއަންގެ މޫނުގައިވީ އަސަރު އެޒުވާނާއަށް ނުހަނު ކަމުދިޔަކަން އެނގުނީ އޭނާގެ ތުންފަތް އެއްފަރާތަކަށް ދެމިލި ގޮތުންނެވެ.

“ސަޗް އަ ސްކެއަރޑީ ކެޓް..” ތުންފަތުގައިވީ ފޮށުން އެކުލެވިފައިވާ ހިނިތުންވުމާއެކު ސުހެއިލް ލިލިއަންގެ މޫނަށް ވެރިފައިވާ އިސްތަށިކޮޅުގައި އިނގިލި ކުރި ޖައްސާލިއެވެ. އެހެނަސް ސުހެއިލްގެ އިނގިލި ކުރި ޖެހުނު ހެނެއް ހިޔެެއްނުވެ ލިލިއަން އޭނާގެ މޫނު އަނބުރާލިއެވެ. އެއަށްފަހު އަލިފާނުގެ ބެލުމަކުން ލިލިއަން ސުހެއިލް އަށް ބަލައިލީ އޭނާ ހަމަ މިހާރު ދޫކޮށްލާށޭ ބުނާފަދައިންނެވެ.

“ހަހަހަަހަ.. ހައު އެމިޔުޒިންގް..” ލިލިއަންގެ ދެކޮޅުހެދުން ފެނި ސުހެއިލް އިތުރަށް ލިލިއަންއާ މެދު ޝައުޤުވެރިވާން ފެށިއެވެ. ސުހެއިލް ހޭންފެށުމާއެކު ލިލިއަންގެ ރުޅިވެރިކަންވީ އިތުރެވެ. ކަޅި އަޅައިގެން ސުހެއިލް އާ ދިމާއަށް ލިލިއަން ބަލަން ހުއްޓެވެ. ލިލިއަންގެ ބެލުން ފެނި ސުހެއިލް ހުނުން ހުއްޓާލަމުން އަނެއްކާވެސް ލިލިއަންގެ މޫނާ މޫނު ކައިރި ކޮށްލީ ނޭވާވެސް އިޙްސާސްވާހާ ކައިރިއަށެވެ. ފާރުގައި ބޯޖެހުމުގެ ސަބަބުން ފަހަތަށް ޖެހެވެން ނެތްނަމަވެސް ފާރު ފަޅައިފާވެސް ސުހެއިލް އާ ދުރުވުމަށް ލިލިއަން މަސައްކަތް ކުރަމުން ދާފަދައެއެވެ.

“ކީއްވެތަ މިހާ ލަހުން އަހަރެމެން ދެމީހުން މި ބައްދަލުވީ…؟ އެނީވޭސް.. އައިމް ސުހެއިލް.. އެންޑް ޔޫ އަރ..؟” ސީދާ ލިލިއަންގެ ލޮލަށް ބަލަހައްޓައިގެން ހުރެ ސުހެއިލް ސުވާލު ކޮށްލިއެވެ. ލިލިއަން ފަކުރު ގަނެފައިވީ ބެލުމަކާއެކު ސުހެއިލް އަށް ބަލައިލިއެވެ. ބިޔަ ހަށިގަނޑަކާއެކު އޮޅަލި ކުލައިގެ ހަންގަނޑެއްގެ ވެރިއެވެ. ކަނާއަތު ކަންފަތުގެ ފޫޅުގައި ދޫނި ފަތެެއްގެ ބައްޓަމަށް ފަރުމާ ކުރެވިފައިވާ ކަންފަތް މުންޖެެއް ހަރުކުރެވިފައި ވެއެވެ. ނަމަވެސް ލިލިއަން އާ ދިމާވެފައިވާ ގިނަ “ޕާޓޭ” ފާޑުގެ ފިރިހެނުންނާ ތަފާތަށް ސުހެއިލް ފެންނަނީ ސާފުތާހިރުކޮށެވެ. ލައިގެން ހުރި ޕްލެއިން ކަޅު ގަމީހަކާއި ފަޓުލޫނެކެވެ. އިސްތަށިގަނޑުވަނީ އާދައިގެ ކުރުމިނަކަށް ކޮށާ ރީއްޗަށް ސްޓައިލް ކުރެވިފައެވެ. ގައިން ފިރިހެންވަންތަ ސެންޓެއްގެ ވަސްދުވަމުން ދާއިރު މިޒަމާނުގެ ގިނަ އަންހެން ކުދިންނަށް ކަމުދާފަދަ “ބޭޑް ބޯއީ ވައިބް” އެއް ޒުވާނާގެ ފަރާތުން ފާޅުވަމުން ދިޔައެވެ.

“އަހަންނާ ވާހަކަ ނުދައްކަން ހިތުލައިގެންތަ ތިހިރީ..؟ އަހަންނަކީ އެހާ ކެތްތެރި މީހެއްނޫން އިނގޭ..” ލިލިއަންގެ އަޑު އަހާލަން ބޭނުންވެފައި ހުރި ސުހެއިލް ލިލިއަން ބިރުގަންނުވާލުމަށް ބުނެލިއެވެ.

“އަހަރެން ދިޔަ ދީ ހަމަ މިހާރު..!” ލިލިއަންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. އޭނާ ހުރީ ސުހެއިލް އާ ވާހަކަ ނުދައްކަން ހިތުލައިގެންނެވެ. އެހެނަސް އިތުރު ސިކުންތަކު އޭނާގެ ކުރިމަތީ ހުންނަން ވެއްޖެނަމަ ލިލިއަންގެ ބުއްދިގޯސްވެދާނެހެން އޭނާއަށް ހީވިއެވެ.

“އާހް.. ތި ރީތިކަމާ އެއްވަރަށް އަޑުވެެސް އެހާ އަސަރުގަދަ..” ސުހެއިލް މޭގައި އަތް އަޅާލަމުން ފިލްމީ ގޮތަކަށް ބުންޏެވެ. ސުހެއިލް ޖައްސަލަމުން ދިޔަ ވައްތަރުތައް ބަލަން ހުރި ލިލިއަން ހޮޑުލަވާ ގޮތްވިއެވެ.

“ބޮސް..” ކުއްލިއަކަށް ފަހަތުން އިވިގެން ދިޔައީ ފިރިހެނެއްގެ ޖެހިލުންވުމުގެ އަޑެވެ.

“ވަޓް..!؟” ފަހަތް ބަލާލުމެއްނެތި ރުންކުރު ގޮތަކަށް ސުހެއިލް ޖަވާބު ދިނެވެ. އޭނާ ކުރަމުން އައި ކަންތަކަށް މީހަކު ހުރަސް އެޅުމުން ހިތްހަމަ ނުޖެހިފައި ހުރިކަން އެ އަޑުން ފާޅުވަމުން ދިޔައެވެ.

“ވީ ހޭވް ޓު ގޯ ނައު..” އަދަބުވެރި ކަމާއެކު އެމީހަކު ސުހެއިލް އަށް ޖަވާބު ދިނެވެ. އަތުގައި އަޅާފައި އޮތް ގަޑިއަށް ސުހެއިލް ބަލައިލީ ދެނެވެ. ފްލައިޓަށް ޗެކިންގް ވާން ޖެހޭ ގަޑި ޖެހިއްޖެކަން އެނގުމުން ސުހެއިލް އަށް ޗޮކެއް ކަނޑާލެވުނެވެ. މިވަޤުތު އޭނާގެ ހިތް ދިޔުމަށް ދެކޮޅު ހަދަމުން ދިޔައެވެ. އޭނާގެ ގައިދުގެ ދަށުގައި ހުރި ރީތި ފަތްމިންޏަށް އަދިވެސް އެއްފަހަރު ސުހެއިލް އަށް ބަލާލެވުނެވެ.

“އައިލް ބީ ބެކް.. ވެއިޓް ފޯ މީ..” ސުހެއިލް އެއްލޯ މަރާލަމުން އޭނާގެ ފޮށުން އެކުލެވައިފާ ހިނިތުންވުން އަނެއްކާވެސް ދައްކާލިއެވެ. ސުހެއިލް ފާރުން އަތް ދޫކޮށްލަމުން އެނބުރި ދޮރާ ދިމާއަށް ނިކުންނަން ހިނގައިގަތެވެ. ދޮރުން ނިކުތުމާއެކު އިސްޖަހާލައިގެން ހުރި ފިރިހެންމީހާ ވެސް ސުހެއިލްގެ ފަހަތުން ނިކުމެގެން ދިޔައެވެ. ލިލިއަން އަށް ނޭވާ ލާންވެސް ހަނދާންވީ ކާގޭގައި އޭނާ އެކަނި ވުމުންނެވެ.

“ވެއިޓް ފޯ މީ އޭ.. އަހަރެން މިއުޅެނީ ކުރާނެކަމެއް ނެތިގެންތަ..” ލިލިއަން އަށް ސުހެއިލް އާ ދިމާއަށް ކުދިކިޔެމުން ދިޔައެވެ. އެ ކުދި ކިޔުމުގެ ތެރެއިން އޭނާގެ މަންމައާ މެދު އޮތް ރުޅިވެރިކަން ވެސް އިތުރުވެގެން ދިޔައެވެ. ސުހެއިލް ފަދަ މީހުންގެ ވަކިތަކުގައި އޭނާ ހައްޔަރުވަމުން ދަނީ އޭނާގެ މަންމަ ޢަމަލުތަކުގެ ސަބަބުންނެވެ. ޝިކާރައަކަށް ދަހިވެތިވެފައިވާ ސިންގާތަކަކުން މުޅި ގެ ފުރިފައިވާއިރު ރައްކާތެރިކަމެއް އޭނާއަށް އިޙްސާސްކުރެވޭނީ ކިހިނެއް ހެއްޔެވެ؟
********

މާޔާ އާއި ސަދޫފް އިސްވެ ތިބެގެން ހުކުރު ދުވަހަށް ދަތުރެއް ރާވަމުން ދިޔައެވެ. ރޭ ކުރާ ގޮތަށް ހަމަޖެހުނު ދަތުރުގައި ސަދޫފް އާއި މާޔާގެ ގިނަ ރަޙުމަތްތެރިންވެސް ބައިވެރިވާން އެއްބަސްވިއެވެ. އޭގެ ތެރޭގައި ލިލިއަން އާއި ދިޔާންވެސް ހިމެނުނެވެ. ހުކުރު ނަމާދަށްފަހު ދަތުރު ފެށުމަށްވަނީ ނިންމާފައެވެ. ލިލިއަން ބައިވެރިވާކަން އެނގުމުން ދިޔާން ހުރީ ދަތުރު ދެވޭނެވަޤުތަކަށް އިންތިޒާރުކޮށްލަ ކޮށްލައެވެ.

ހުކުރު ދުވަހު ހެނދުނުގެ ވަޤުތު ސަދޫފް އާއި އޭނާގެ ރައްޓެހިންނާއެކު ދިޔާންވެސް ހަރަކާތްތެރިވަމުންދިޔައީ ދަތުރަށް ބޭނުންވާނެ ހުރިހާ އެެއްޗެއް ހަމަކުރުމަށެވެ. ދަތުރު ދާން ހަމަޖެހުނީ ރަށާއި ކައިރީގައި ދަތުރު ދިޔުމަށް ހާއްސަކޮށްފައި އޮންނަ ރަށަކަށެވެ. އެ ރަށަށް އަންނަ ފަރާތްތައް ތިބުމަށް ކެބިން ހެދިފައި ހުންނަ އިރު ކައިބޮއެ ހެދޭނެހެން ބަދިގެ ބައިވެސް ތައްޔާރުކުރެވިފައި ހުރުމުން ސަދޫފް މެންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދިޔައެވެ.

ހުކުރުން އަވަދިވެގެން އެންމެންވެސް މިސްރާބުޖެހީ ބަނދަރާއި ދިމާއަށެވެ. ދަތުރުކުރަން ހިފާފައި އޮތް އުޅަނދަށް އަރާ އެންމެން ހަމަވުމުން ދޯނި ނައްޓާލިއެވެ. ކަނޑު މަޑު ދުވަހެއްނަމަވެސް ލުއި ވައިރޯޅި ޖެހެމުން ދިޔައެވެ. ދަތުރު މަތީގައިވެސް އެންމެން އެއްވެގެން ތަފާތު ކުޅިވަރު ކުޅެ ސަކަރާތް ޖެހުމުގައި އެންމެން އަވަދިނެތި އުޅެމުންދިޔައެވެ. ރަށަށް ދެވޭއިރަށް މަހެއް ބޭނުމަށް ބައެއް ޒުވާނުން މަސައްކަތް ކުރަމުން ދިޔައެވެ.

މާޔާ ކައިރީގައި އިން ލިލިއަންގެ މޫނަށް ދިޔާން އަށް އިރުކޮޅަކާ ނަޒަރު ހިންގާލެވެމުންދިޔައެވެ. ލިލިއަންގެ މޫނުމަތިން ފެންނަ ހިނިތުންވުމާއެކު ކަނޑަށް ނުހަނު ފަރިތަކަން ދިޔާން އަށް ހާމަވެގެން ދިޔައެވެ. ބައެއް އަންހެން ކުދިން އެކުރު ދަތުރުގައިވެސް ބޯ އަނބުރާ ހޮޑުލަވައިގެން އުޅެމުން ދާތަން ފެނުމުން ދިޔާން ހުރީ ލިލިއަން އާ މެދު ކަންބޮޑުވެފައެވެ. އެހެނަސް އޭނާ ހާސްވާންޖެހޭ ކަމެއް ނެތްކަން އެނގުމުން ދިޔާންގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތިން ސީރިއަސްކަން ފާޅުވެގެން ދިޔައެވެ. އޭނާ ލިލިއަން އަށް ކަމެއްވެދާނެތީ މިހާ ހާސްވީ ކީއްވެހެއްޔެވެ؟ އެންމެންގެ ތެރެއިން އެ އަންހެންކުއްޖާ ހާއްސަވީ ކީއްވެހެއްޔެވެ؟ އެއާއެކު ދިޔާން އަށް އަނެއްކާވެސް ލިލިއަންގެ މޫނަށް ބަލާލެވުނެވެ. މޭކަޕެއްގެ އަސަރު ނެތް ދޮން މޫނަށް ހިޔަނި އެޅިފައިވަނީ ބޮލުގައި އަޅާފައިވާ ތޮފިންނެވެ. އިރުގެ ދޯދިތައް އެދެލޮލަށް އެޅިގެންދާ ކޮންމެ ފަހަރަކު އެދެލޯ ޖަވާހިރެއްހެން ވިދަމުންދިޔައެވެ.

މީހެއްގެ ބެލުން އަމާޒުވެފައިވީހެން ހީވެ ލިލިއަން އެދިމާއަށް ބަލާލެވުނެވެ. ދިޔާންގެ ބެލުން އަމާޒުވެފައިވީ ލޯ ފެނުމާއެކު ލިލިއަންގެ ހަށިގަނޑަށް ފިނިވެގެން ދިޔައެވެ. އެބެލުމުގައި އެވަނީ ކޮންފަދަ އަސަރެއްހެއްޔެވެ؟

ލިލިއަންގެ ދެލޮލާ ބައްދަލުވުމާއެކު ދިޔާންގެ ނޭވާ ހިނދުކޮޅަކަށް ހުއްޓުނެވެ. މޭގައި ފުންވަމުން އައި އިޙްސާސްތައް އިތުރުވެ ކަރުބުޑުގައި ފުނިޖެހެމުންދާފަދަ އިޙްސާސް އެއް ދިޔާން އަށް ކުރެވުނެވެ. އުނދަގުލާއެކު ހިންދިރުވާލެވުނު ދިޔާން އަށް ދެއަތް މުށްކަވާލަމުން އިސްޖަހާލެވުނެވެ. ހަށިގަނޑަށް އަންނަމުންދިޔަ ދަސްވެފައިނުވާ ކޮންމެ އާ ބަދަލަކާއެކު ދިޔާން ބިރުގަންނަމުންދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ތި ސޫރަ ނޫން 15

Next

ޔާރު ނުބުނޭ ތިހެން … (3)

Next
August 28, 2021

ޔާރު ނުބުނޭ ތިހެން … (3)

Previews
August 28, 2021

ތި ސޫރަ ނޫން 15



All Right Reserved!