ނޭނގި ވެވުނީ ލޯތްބޭ 2 – ޓްރެއިލަރ
ފުރަތަމަ ސީޒަންގެ ކުރު ޙުލާސާއެއް:
ރީމްއަކީ “ދަ ޕްލޭނަރސް” ކިޔާ އިވެންޓް އަދި ވެޑިންގ ޕްލޭނިންގ ވިޔަފާރިއެއްގެ ތިން ވެރިމީހުންގެ ތެރެއިން ވެރިމީހެކެވެ. ރީމްއާއި ޔޫޝައު އެންމެ ފުރަތަމަ ދިމާވީ ރީމް އޮފީސް ދަތުރަކަށް ފެލިދުއަށް ދިޔަ ލޯންޗުންނެވެ. މިދެމީހުންގެ އެކުވެރިކަން ލޯންޗު ތެރެއިން ފެށިގެން ދިޔައެވެ. އިއްތިފާގަކުން ރީމްއަށް ދެވުނީ ޔޫޝައުގެ ދޮންތަ އައިނާގެ ކައިވެނީގެ ކަންތައް ހަމަޖެއްސުމަށްޓަކައެވެ. އަދި ހުންނަންވެސް ޖެހުނީ ޔޫޝައު މެންގޭގައެވެ. ސަބަބަކީ އައިނާ، ރީމް، ހުދާ އަދި ޒިއުނީއަކީ ވަރަށް ގާތް އެކުވެރިންކަމުގައި ވާތީއެވެ.
ރީމް އެންމެ ފުރަތަމަ ލޯބިވި އަދި ރައްޓެހިވެ އިންނަން އުޅުނު ދާނިޝް ކުއްލި ގޮތަކަށް ރީމް ދޫކޮށްފައި ފިލައިދިޔުމަކީ ރީމްއަށް ގަބޫލުކުރަން ދަތިވި، އަދި އެކަމާ އެތަކެއް ހިތާމައެއް ކުރަން ޖެހުނު ކަމެއްވެސް މެއެވެ. ދާނިޝް އެގޮތަށް ކަންތައް ކުރިއެއް ކަމަކު ރީމް ދާނިޝް ދެކެ ވީ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދި ދާނިޝް އަންނާނެ ދުވަހަކަށް އިންތިޒާރުގައި ހުރުމަށް ރީމް އަޒުމު ކަނޑައެޅިއެވެ. އަހަރުތަކަކަށް ފަހު ރީމް ފެލިދޫގައި ހުއްޓާ ދާނިޝް އަނބުރާ އައިކަމުގެ އުފާވެރި ހަބަރު ރީމްއާއި ހަމަޔަށް ފޯރިއެވެ. ނަމަވެސް ކަމުގެ ފޮރުވިފައިވާ ހިތި ހަގީގަތް ފަޅާއެރުމުން ރީމްގެ އިންތިޒާރުވީ ހިއްޗެވެ.
ޔޫޝައުގެ އެންމެ ގާތް އެކުވެރިޔާ ނާއިފްއާއި ޔޫޝައު ރައްޓެހިވެގެން އުޅޭ ލަމްނާއާ ދެމެދު ކަމެއް އޮތްކަމާއި މެދު ރީމްއަށް ޝައްކުވާން ފެށުމުން މިވާހަކަ ރީމް ޔޫޝައުއާއި ހިއްސާ ކުރިއެވެ. ޔޫޝައުގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކޮށްގެން ހުއްޓައި އެކަން ނުވުމުން އެދެމެދުގައި މައްސަލަ ޖެހެން ފެށިއެވެ. ނަމަވެސް ރީމް ހުރީ ޔޫޝައުއާއި ހަމައަށް ހަގީގަތް ފޯރުކޮށްދިނުމަށް އަތުކުރި އޮޅައިލައިގެންނެވެ. ރީމްއަށް މި ލަނޑުދަނޑިވެސް ހާސިލްވިއެވެ. މަރާ ހަނގުރާމަކޮށްގެންނެވެ.
ދެމީހުންނަށްވެސް ނޭނގުނުކަމަކީ މިހުރިހާ ކަމެއް ހިނގިއިރު ދެމީހުންނަށްވެސް އެކަކު އަނެކަކު ދެކެ ލޯބިވެވެމުން އައި ކަމެވެ. ހުރިހާ ކަމެއް ހަމައަކަށް އެޅުމުން، ޔޫޝައު އޭނާގެ ހިތުގައި ރީމްއަށްޓަކައިވާ ލޯބި ހުށައަޅައި އިންނަން އެހިއެވެ. އަދި ރީމްގެ ހިތުގައިވެސް ޔޫޝައުއަށް ހާއްސަ މަގާމެއް ދެވިފައިވާ ކަމާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ޔޫޝައު އާއި ހިއްސާކުރިއެވެ. މީގެ ކުޑަ ދުވަސްކޮޅެއް ފަހުން ދެމީހުންގެ ކައިވެނި ކުރެވިގެންދިޔައެވެ. މިއަދު ރީމްއާއި ޔޫޝައު އިނދެގެން އުޅޭތާ ހަތަރު އަހަރު ވެފައިވާއިރު، މިދެމަފިރިންނަށް ވަނީ ތިން އަހަރުގެ އަންހެން ކުއްޖެއް (ނީމް) ލިބިފައެވެ.
***
ދެވަނަ ސީޒަންގެ ޓްރެއިލަރ
“ތެރީ ގަލިޔާ… ގަލިޔާ ތޭރީ ގަލިޔާ… މުޖުކޯ ބާވޭ ގަލިޔާ ތޭރީ ގަލިޔާ. ހަހަހަހަހަ! ރީމް އެންޑް ޔޫޝައު…” ރީމްއާއި ޔޫޝައުގެ ފޮޓޯއެއް ހިފައިގެން އިނދެ ދާނިޝް ވާހަކަ ދައްކަމުން ދިޔައެވެ. “ތިދެމީހުންގެ ދިރިއުޅުން ބަރުބާދުކޮށްލަން އަހަރެން ވަރަށް އަވަހަށް އަންނާނަން!” އަނެއް އަތުގައި އޮތް ލައިޓަރުން އެ ފޮޓޯގެ ކަން ރޯކޮށްލަމުން ދާނިޝް މިހެން ބުނެލީ ޔަގީންކަން އެކުލެވިގެންވާ ރާގަކުންނެވެ.
***
“ނޫން ޔޫޝައު ނޫން! ތިހެން ހަދަން ހެޔޮ ނުވާނެ! ނީމްއާ ދޭތެރޭވެސް ވިސްނަބަ… އެ ތުއްތު ކުއްޖާއަށް މިކަން އެނގޭ ދުވަހު އޭނައަށް ވާނެ ވަރު އަންދާޒާކޮށްލަބަ! އަހަންނަށް ކަންކަން ވީގޮތް ކިޔައިދޭން ޗާންސެއް ދީބަ ޔޫޝައު… ޕްލީސް” އާދެހާ އެކު ރީމް މިހެން ބުނެލި އިރު އޭނާގެ ކޯތާފަތްމަތިން ފައިބާ ހޫނު ކަރުނަތައް ދިޔައީ ވާރޭގެ ފިނި ފެންތިކިތަކާއި އެކުވަމުންނެވެ.
“ރީމް ތިހުރިހާ ގަނޑެެއް ގަތް އިރު ވިސްނާލިންތަ އެވަގުތު ނީމްއަށް މިކަން އެނގިއްޖެއްޔާ ވާނެ ވަރު! އޭނ؟ މިހާރު ދެން ތި ހުރިހާ ވާހަކައެއް ދައްކާނެ ކަމެއް ނެތް! ރި-ރީމް އަހަރެން ތި ބެހެއްޓީ އަނދިރިގަނޑެއް ތެރޭ! އަލިވެސް ނުފޯރާހާ އަނދިރިގަނޑެއް ތެރޭ!” ބާރު ގުގުރީގެ އަޑަކަށް ފަހު ޔޫޝައުގެ އަޑު ބާރުވެގެން ދިއުމުން ރީމްގެ ލޮލުން ފޭބި ކަރުނަތަށް އިތުރު ވެގެން ދިޔައެވެ.
“އަހަންނެއް ދުވަހަކުވެސް ޔޫޝައު އަނދިރިގަނޑެއް ތެރެއަކު ނުބަހައްޓަން… ނުވެސް ބަހައްޓާނަ-” ރީމްއަށް އޭނާގެ ޖުމުލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ޔޫޝައު ވާހަކަ ދައްކަން ފެށިއެވެ.
“ވާއު ރީމް… ވާއު!” އަތްތިލަ ބަޑިއެއް ރީމްއަށް ރައްދު ކުރުމަށްފަހު ޔޫޝައު ބުނެލިއެވެ. “އަހަރެން ހަމަ ރަނގަޅަށްވެސް އަންތަރީސްވެފަ މިހުންނަނީ… އަފްޓާރ އޯލް ދެޓް، ޑު ޔޫ ރިއަލީ ތިންކް އައިމް ގޮނަ ބިލީވް ޔޫ؟! ޓްރަސްޓް ޔޫ؟!” ރީމްއާއި ގާތަށް ޖެހިލައި އޭނަގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ޔޫޝައު އެހިއެވެ. “އަ-އަހަރެން ހިތަށް އަރާ މިއީ ބިރުވެރި ހުވަފެނެއް ނަމައޭ… މިއީ ބިލާހެއް ނަމައޭ… އެކަމު” ކޮށްފައިވާ އަސަރެެއްގެ ބޮޑުކަމުން ޔޫޝައުއަށް އިތުރު އެއްޗެކޭ ނުވެސް ބުނެވުނެވެ.
***
“ނާއިފް… ނުރޮއެ ހިތްވަރު ކުރޭ… ކޮންމެ މީހަކުވެސް މި ދުނިޔެ ދޫކޮށް ދާނެކަން ހަނދާން ނައްތައިނުލާ… މިއީ ވަގުތީ ތަނެއް! ނާއިފް ތިހެން ނީނދެ އެއްޗެކޭ ބުނެބަލަ!” ކޮޓަރީގެ ކަނެއްގައި ދެފައި ގަޔާލައި ކައިރިކޮށްގެން އިން ނާއިފަށް ޒިއުނީ ހިތްވަރު ލައިދެމުން ގެންދިޔައެވެ.
“ޒިއުނީ… އަހަ.. އަހަރެން މި ދުނިޔެއަށް އެކަ…އެކަނިވީތަ؟ އަަހަރެންގެ އެކެއްވެސް ނެތް. ޒިއުނީ އަހަރެން ދޫކޮށްފަ ނުދައްޗޭ.” ޒިއުނީގެ ފެންކަޅިވެފައިވާ ދެލޮލަށް ނަޒަރު ހުއްޓާލައި އޭނާގެ އަތުގައި ހިފާފައި ނާއިފް ބުންޏެވެ.
***
“މީގެ އަަަހަރުތަކެއް ކުރިން ރީމް އަހަރެން ގާތު ބުނީ ޔޫޝައުއަށް ދޯކާ ނުދީ ލަމްނާގެ ކަންތައްގަނޑު ފަޅާ އަރުވަދޭން ރީމްއަށް އެހީވެދޭށޭ! ހަނދާން ނެތުނީތަ ރީމް އެދުވަހު އަހަރެން ގާތު ބުނި އެއްޗެހި މަތިން؟ އެކަމު މިއަދު، ހަތަރު ފަސްވަރަކަށް އަހަރު ފަހުން، ރީމް ތި ހެދީ ކިހިނެއް؟ އޭނ؟ ރިމް ތި ހެދީ ކިހިނެއް؟ ލަމްނާއަށް ވުރެ ވެސް ގޯސްވީ އެންނު ރީމް މިހާރު!!” ނާއިފްގެ އަޑު ހިނދަކަށް ފަހު ހިނދެއް ބާރުވަމުން ދިޔައެވެ.
“ނޫން ނާއިފް ތިހެން ނުބުނޭ… އަސްލު ކަންތައްވީ އެހެނެއް ނޫނޭ!” ރީމް އާދޭސްކުރަމުން ގެންދިޔައެވެ.
“އިތުރު އެއްޗެއް ބުނެގެން ނުވާނެ! އަަހަރެން ލަދު ގަނޭ މިތާ ހުންނަންވެސް! އަހަރެން މި ދަނީ… އަމިއްލައަށް ފެށި ކަންތައްގަނޑެއް އަމިއްލައަށް ނިންމާ!” މިހެން ބުނެ ނާއިފް ވަގުތުން ސައިކަލަށް އަރައި ނައްޓައިލިއެވެ.
***
އައްސަލާމުއަލައިކުމް! ދިގު އިންތިޒާރަކަށް ފަހު ނޭނގި ވެވުނީ ލޯތްބޭގެ 2 ވަނަ ސީޒަންގެ ޓްރެއިލަރ އަށް ހުރިހާ ކިޔުންތެރިންނަށް މަރުހަބާ! މިފަހަރު ޓްރެއިލަރ ކުޑަކޮށް ތަފާތު ކޮށްލަން ވެގެން އަޅުގަނޑު މިލިޔެލީ މުޅި ވާހަކައިގެ އެކި އެކި ހިސާބުތަކުގެ ޑައިލޮގު ކޮޅުތައް. ފިލްމްތަކުގެ ޓްރެއިލަރ ތަކުން އިންސްޕަޔަރ ވެގެން އަސްލު މިގޮތަށް ޓްރެއިލަރ މިގެނެސްދިނީ. ކިޔުންތެރިން މިގޮތަށް ޓްރެއިލަރ ގެނެސްދިނުމުން ދެކޭ ގޮތް ހާމަކޮށްދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް! އަދި އިތުރަށް އަންނަން އޮތް ވާހަކަ ތަކުގައި މިގޮތަށް ޓްރެއިލަރ ބޭނުންވޭތޯ ނޫނީ ނުވޭތޯވެސް ބުނެލަދިނުން އެދެން! އިންޝާﷲ، ފުރަތަމަ ބައި ވަރަށް އަވަހަށް ގެނެސްދޭނަން! އިންތިޒާރު ކޮށްލައްވާ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


