Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވެވުމުން 3

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
June 22, 2021 4 Mins Read
2 Comments

”ޒަންމަ. އަހަރެންނަކަށް ތިކަމެއް ނުވާނެ. އަހަރެން ޝަމްވީލްދެކެ ވަރަށް ލޯބިވޭ. ވަރަށް ވަރަށް ބޮޑަށް.” ހަޔާތު އޭނާގެ ހިތުގެ ހާލު އިއްވާލުމަށްފަހު ދޮރާ ދިމާލަށް އެނބުރިލިއެވެ. އެވަގުތު ކުރިމަތީގައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި މީހާ ފެނުމުން އޭނާގެ ހިތް ބާރަކަށް ތެޅިގަތެވެ.

ހަޔާތުގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނި މުޖާހުގެ ހިތަށް ހީވީ ލޮޅުމެއް އައި ހެންނެވެ. އެހިތަށް އުނދަގޫވެގެން ދިޔައެވެ. ރަތްވެފައިވި އެދެލޮލާއި މޫނު ފެނި އެހިތަށްވެސް އަސަރުކުރިއެވެ. ވެގެން އުޅޭ ގޮތް ނޭނގޭ ހާލަތުގައިވެސް މުޖާހައަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ފަހަތުގައި އޭނާގެ ބައްޕައާއި ފަރުހާދު ހުރުމާއިއެކުއެވެ.

”އަހަރެން ދެން ދަނީ.” ކުރެހިފައިވާ އަޑަކުން ހަޔާތު ބުނެލިއެވެ. އަދި ބާރު ހިނގުމެއްގައި ހިނގާފައިގޮސް އެނެއް ފަރާތުގައި ހުރި ދޮރުން ނުކުމެގެން ދިޔައެވެ. އޭރުވެސް މުޖާހުއާއި ޒަންމަތުގެ އިތުރުން ނަވާޒްގެ ނަޒަރުވެސް ހުއްޓިފައި ހުރީ ހަޔާތުއަށެވެ. އެތިން މީހުންގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައިރު ރަޝީދުއާއި ފަރުހާދުގެ މޫނުމަތިން ފެންނަމުން ދިޔައީ ސުވާލުމާކެކެވެ. ވެގެން އުޅޭ ގޮތް އެދެމީހުންނަށް ނޭނގެއެވެ.

ފަރުހާދަކަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ. ހަޔާތުއަކީ އޭނާއަށްވެސް ދަރިއެއް ކަހަލަ ކުއްޖެކެވެ. އެންމެ ކުޑާ ދުވަހުން ފެށިގެން ޒަންމަތުއާއި އެކީ އެގޭގައި އެތައް ވަގުތެއް ހަޔާތު ވަނީ ހޭދަކޮށްފައެވެ.

ފަރުހާދުގެ ސުވާލެއް އަމާޒުވިނަމަވެސް އެތަނުގައި ހުރި އެކަކުވެސް އެއްޗެއް ބުނަން އުނގަ ހުޅުވާލަން ގަސްދެއް ނުކުރެއެވެ. އެހެންކަމުން އޭނާވެސް އިތުރަށް އެވާހަކަ ނުދައްކާ ގޮސް ގޮނޑީގައި އިށީންދެލައި އެންމެން ގާތު ކާން އިށީންނުމަށް އެދުނެވެ.

އެހަމަހިމޭން މާހައުލުގައި އެންމެން ކަމުން ދިޔައިރު އެކަކުވެސް ވާހަކަދައްކަން ހިޔާލު ނުކުރާ ފަދައެވެ. ވެދިޔަކަންތަކުން އެންމެން ވެސް ދިޔައީ ކަމުން، އެކަމާ ވިސްނަމުންނެވެ. ހާއްސަކޮށް އެތަނުގައި އެހަތަރު މިހުންގެ ހިދުމަތުގައި ޒަންމަތު ހުރި އިރު އަބަދުވެސް ހުންނަނީ ކޮންމެވެސް އެއް ދިމާލަކަށް ގެއްލިފައިއެވެ. އެދެލޮލުން ބައެއް ފަހަރު ކަރުނައިގެ މުތީތައް ބަބުޅަމުން ދާއިރު އެކަން ހިންދާލުމަށް އެތައް މަސައްކަތެއް ކުރަމުން ދެއެވެ.

އެކުވެރިޔާއާ މެދު އޭނާގެ ހިތުގައި ވަނީ ހަމްދަރުދީ އުފެދިފައެވެ. އެކުވެރިޔާ އެކުރަމުންދާ ހިތާމަތައް އޭނާއަށް ވެސް ތަސައްވުރު ކުރެވޭފަދައެވެ. އެކުވެރިޔާ ބޭކާރު މީހެއްގެ ހިޔާލުގައި ދުވަސްތައް ފާއިތުވެ ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެންމެ ކުޑާދުވަހުން ފެށިގެންވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާއަކީ ހަޔާތުއެވެ. ދެގޮތެއް ނުވެ އޭނާގެ ގާތުގައި ހުންނަނީވެސް ހަޔާތުއެވެ. އެހެންކަމުން އެކުވެރިޔާގެ ކޮންމެ ފަދަ ހާލަތެއްގައިވެސް އެންމެ ގާތުގައި ހުރުމަށް އޭނާ މަސައްކަތް ކުރެއެވެ. ހިތްވަރު އެލިގެންދާ ވަގުތުގައި ވިސްނައިދީ ހިތްވަރުގަދަ ކޮށްދެވޭތޯ ތަފާތު ވާހަކަތައް ހިއްސާކުރެއެވެ.

***

ގެޔަށް އައިސް ވަން ހަޔާތު ފެނި ޖޯލިފަތީގައި ދޮހާތަބަށް އުނގަން ލައިގެން އިން ފަރާހަތުގެ ނިތަށް ރޫ ގިނަވެގެން ދިޔައެވެ. އެދެލޮލުން ހުއްޓާނުލައި ފައިބަމުން ދިޔަ ކަރުނަތައް ފެނި ކޮންމެވެސް ބޮޑު ކަމެއް ވެއްޖެ އޭ އޭނާގެ ހިތްބުނަމުން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާގެ ސިކުނޑީގައި ކޮއްޓައިލީ ޝަމްވީލްގެ ނަމަވެ. ޝަމްވީލްގެ ސަބަބުން ނޫނީ ހަޔާތުގެ ދެލޮލުން އެވަރަކަށް ކަރުނައެއް ނުފައިބާނެއެވެ.

ހަޔާތު ދިޔަގޮތަށް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ބާރަކަށް ދޮރު ޖަހައި ތަޅުއެޅުވިއެވެ. އެހުރިހާ އަމަލުތަކެއް ބަލަން ފަރާހަތު އިނީ ކަންބޮޑުވެފައެވެ. ހިތާހިތުން ޝަމްވީލަށް އެއްޗެހި ގޮވަމުންނެވެ. ޝަމްވީލްގެ ސަބަބުން ހަޔާތުގެ މުޅި ދިރިއުޅުން ހަލާވެދިޔައީތީއެވެ. ހުރި ހަމައެކަނި ދަރިފުޅުގެ އުފާވެރިކަން ގެއްލި ދިޔައީތީއެވެ.

”ދަރިފުޅާ ހަޔާ. ހަޔާ.. ނިކަން މި ދޮރު ހުޅުވާލަބަ. ކިހިނެއް ވީތަ؟ މަންމައަށް ކިޔާދީބަލަ ވީ ގޮތެއް. ހަޔާ.” ދޮރުގައި ޓަކިޖަހަމުން ފަރާހަތު ގޮވަމުން ދިޔައެވެ.

ނަމަވެސް އެދޮރު ހުޅުވަން ހަޔާތު ގަސްތުވެސް ނުކުރާ ފަދައެވެ. އެނދުމަތީގައި ބަންޑުން އޮށޯތި ގޮތަށް ތަނެއް ގުޑުވައިވެސް ނުލައި އޮތީއެވެ. އޭނާއަށް ފަރާހަތު ކިޔަމުން ދިޔަ އެއްޗެއްވެސް އަޑު ނީވޭ ފަދައެވެ.

އެހިތުގައި މިއަދު އެތައް ވޭނެއް އަޅަމުން ދެއެވެ. އެތައް އުދާސްތަކެއް އެހިތުގައި ބިންވަޅު ނެގެމުން ދެއެވެ. ހަލާކުވެފައިވި އެހިތަށް ތުރާތަކެއް ލިބުން ނޫން ކަމެއް ނުވެއެވެ. އެހިތަށް ޒަލްޒަލާތައް އައުން ނޫން ކަމެއް ނުވެއެވެ. އެހިތް ބަލިކަށިވެއްޖެއެވެ. ހަލާކުވެއްޖެއެވެ. އެންމެ މީހެއްގެ ހައްގުގައި އެގޮތުގައި އިންތިޒާރު ކުރަމުން ދަނިކޮށެވެ. އެންމެ މީހަކަށް ޓަކައި ކަރުނަ އަޅައި ރޮމުން ދަނިކޮށެވެ. އެހިތް ޝަމްވީލްގެ ނަމުން ނޫން ނަމަކަށް ނުގޮވައެވެ. އެހިތުގައި ޖަހަމުން ދިޔަ ކޮންމެ ވިންދެއް ގޮވަމުން ދިޔައީ ޝަމްވީލަށެވެ. އެހިތުގެ ކޮންމެ ނާރެއްވެސް އިންތިޒާރު ކުރަމުން ދަނީ ޝަމްވީލް އެނބުރި އަންނާނެ ދުވަހަކަށެވެ. ހަޔާތުގެ ނަމުން ލޯބިން ގޮވާލާނެ ދުވަހަކަށެވެ. އޭނާއަށް ގުޅާލާ ލޯބި މެސެޖެއް ފޮނުވާނެ ދުވަހަކަށެވެ.

ކަރުނައަކަށްފަހު ކަރުނައެއް އެދެލޮލުން ފައިބަމުން ދިޔަ ހިނދު އެއިން ކޮންމެ ކަރުނައެއްވެސް ދިޔައީ އޭނާ ބޯ އަޅައިގެން އޮތް ބާލީސް ތެތްމަމުންނެވެ. އެބާލިސް ފޯ ކުރަމުންނެވެ. އެތައް ޝަކުވާތަކެއް ވީ އެކަރުނަތައް ނުބޭލުމަށް އެތައް މަސައްކަތެއް އޭނާ ދިޔައީ ކުރަމުންނެވެ. އެކަރުނަތައް ފޭބިޔަ ނުދީ ހިފަހާއްޓާލުމަށް ތުންފަތުގައި ބާރުބާރަށް ދަތްއަޅާލައެވެ. އިރުއިރުކޮޅުން ނޭފަތް ދަމާލައެވެ. ގިސްލައެވެ.

”ދަރިފުޅާ ހަޔާ.” ތަޅުދަނޑީގެ އެހީގައި ދޮރު ހުޅުވާފައި ވަތް ފަރާހަތުއަށް ހަލުވި ފިޔަވަލުތަކެއް ނަގަމުން ގޮސް ހަޔާތުގެ މަގަތުގައި އިށީންދެލިއެވެ. އަދި ހަޔާތުގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ”ހަޔާ. މަންމައަށް ކިޔައިދީބަލަ ވީ ގޮތެއް. އޭރަށެއްނު މަންމައަށްވެސް އެހީ ވެވޭނީ.”

މަޑުމަޑު ރާގެއްގައި ފަރާހަތު ވާހަކަދެއްކުމާއިއެކު ކުޑަކޮށް ތެދުވެލުމަށްފަހު ހަޔާތު، ފަރާހަތުގެ އުނގުގައި ބޯ އަޅައިލިއެވެ. އަދި އަނެއްކާވެސް ރޯން ފެށިއެވެ.

”ދަރިފުޅާ. ރުއިމަކީ އެއްވެސް ކަމެއްގަ ހައްލެއް ނޫނެއްނު. މަންމައަށްވެސް އެހީއެއް ވެދެވޭނީ ވީ ގޮތް ކިޔައިދީނަމައެއްނު.” އަނެއްކާވެސް ފަރާހަތު ވާހަކަދެއްކިއެވެ.

ހަޔާތުގެ ފަރާތުން ރުއިމުގެ އަޑު އިވުން ނޫން އަޑެއް ނީވެއެވެ. ހަޔާތުގެ ފަރާތުން ލިބެމުން ދިޔައީ ހުސް ވޭނީ ރިހުން އެކުވެފައިވި ގިސްލުމުގެ އަޑެވެ. އެއިން ކޮންމެ އަޑެއް ފަރާހަތުގެ މައިލަނގޮޑި ތޮރުފަމުން ދިޔައެވެ. އެދޮލުގައި ކަރުނައިގެ ފަށަލައެއް ފާއްދާލިއެވެ.

”މަންމައަށް އެނގޭ ދަރިފުޅު ތި ރޮނީ ކޮންކަމަކާ ކަން. ކީއްވެގެން ކަން. މަންމަ ކައިރީ ނުބުންޏަސް އެއްވެސް ކަމެއް މަންމައަކަށް އޮޅުވައެއް ނުލެވޭނެ.” ހަޔާތުގެ ބުރަކަށީގައި ލޯބިން ފަރާހަތު ފިރުމަމުން ދިޔައެވެ. އެދެލޮލުން ކަރުނަތައް ފައިބައިގަތަސް އެކަން އޭނާގެ އަޑުން ނުދެއްކޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ”ދަރިފުޅާ. ދަރިފުޅުގެ އުމުރުންވެސް މިހާރު 25 އަހަރު ވީ. ތިގޮތަކަށް އަބަދަކު ނުހުރެވޭނެއެއްނު. މީހަކާވެސް އިންނަން ޖެހޭނެ. 1 އަހަރު ފާއިތުވެގެން ދިޔައީ ދަރިފުޅު އެކަކަށް އިންތިޒާރު ކުރާތާ. އެމީހަކު ދަރިފުޅުގެ ހާލު ބަލައިލަނީއެއް ނޫން. ނުވިތާކަށް ދަރިފުޅަށް ގުޅާލާ ކަންތައްތައް ދަނީ ކިހިނަކުން ތޯ، ދަރިފުޅު ގުޅުމުން، މެސެޖް ކުރުމުންވެސް ހަބަރެއް ވަނީއެއް ނޫން. މަންމަ ބޭނުމެއް ނޫން ދަރިފުޅު ތިއުޅޭ އުޅުން ބަލަން ހުންނާކަށް. މަންމަ ބޭނުމެއް ނޫން ދަރިފުޅު ޝަމްވީލަށް އިންތިޒާރު ކުރާކަށް. ޝަމްވީލްގެ އިންތިޒާރުގައި ދުވަސްތައް ބޭކާރު ކުރާކަށް. މަންމަ ބޭނުމީ ދެން ދަރިފުޅު އެހެން މީހަކާ ކައިވެނި ކޮށް، ރަނގަޅު ދިރިއުޅުމެއް ފަށަން.”

ފަރާހަތުގެ ވާހަކަ ނިމުނުތަނާ ހަޔާތު އޭނާގެ ބޯ ހިއްލައިލިއެވެ. އަދި ފަރާހަތުގެ މޫނަށް ބަލައިލިއެވެ.

”ކީއްވެތަ އެންމެން ބޭނުންވަނީ އަހަރެން ޝަމްވީލާ ދުރުވާން؟ އަހަރެން ޝަމްވީލާ ގުޅުނު އިރު އެކަކުވެސް އެކައްޗެއްވެސް ނުބުނޭ. އެންމެން ރުހިގެން ތިބީ. ދެން މިހާރު ކީއްވެ؟ ޝަމްވީލްގެ ހަބަރެއް ނުވެ އަހަރެއް ފާއިތުވެ ދިޔައީމަތަ؟ އެއީ އަހަރެންނަކަށް މައްސަލައެއް ނޫނޭ މަންމާ. ޝަމްވީލް އަހަރެން ދޫކޮށްނުލަނީހެން އަހަރެން އޭނާ ދޫކޮށެއް ނުލާނަން. އަހަރެން ޝަމްވީލަށް ވައުދުވިން ދުވަހަކުވެސް ޝަމްވީލް ދޫކޮށް ނުލާނެކަމަށް. ހުދު އޭނާވެސް އަހަރެންނަށް އެކަމަށް ވައުދުވި. މަންމާ. ޝަމްވީލް އަދި އަންނާނެ. އޭނާއަށް ހަބަރެއް ނުވެވެނީ އެ ކިޔެވުމުގައި މާ ބިޒީކޮށް އުޅޭތީ.” ހަޔާތުގެ ލޮލުން އަދިވެސް ދިޔައީ ކަރުނަތައް ފައިބަމުންނެވެ. އެހިތަށް ކޮށްފައިވި ފުން އަސަރު ދުލުން ބޭރުކުރަމުން ދިޔަ ކޮންމެ ބަހަކާއިއެކު ފަހުމްވަމުން ދިޔައެވެ.

”އެންމެ ރަނގަޅު. މަންމައަށް ދެން އެއްޗެއް ނުބުނެ ހުރެވޭނީ ދަރިފުޅު ތިކުރަމުންދާ ހިތާމަތައް ހުއްޓާލީމަ. ދަރިފުޅު ތިކުރާ ހިތާމަތައް ކުރާހާ ދުވަހަކު މަންމައަކަށް އެއްޗެއް ނުބުނެ ނުހުރެވޭނެ. މަންމައަކަށް ނުހުރެވޭނެ ދަރިފުޅު ހިތާމަކުރާތަން ބަލާކަށް.” ހަޔާތުގެ ބޮލުގައި ބޮސްދިނުމަށްފަހު ފަރާހަތު އެކޮޓަރިން ނުކުމެގެން ދިޔައީ އޭނާގެ ހިތާ ދެކޮޅަށެވެ.

އޭނާ އެހެން ބުންޏަސް ހަޔާތު ކުރާނެ ހިތާމަ އޭނާއަށް އެނގެއެވެ. އެހިތުގައި އަޅާނެ ވޭން އޭނާ ދަނެއެވެ. އެހިތުގެ ރިހުން އޭނާއަށް އަންދާޒާ ކުރެވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ހަޔާތުގެ އެ ހިތާމަތަކަށް ނިމުމެއް އަންނާނެ ހެއްޔެވެ؟ ޝަމްވީލް އެނބުރި އަންނާނެ ހެއްޔެވެ؟ ހަޔާތަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ހެއްޔެވެ؟

***

ދުވަސްތައް ހަލުވި މިނުގައި ފާއިތުވަމުން ގޮސް މުޖާހު އެރަށަށް ދިޔަތާ ހަފްތާއެއްވީއެވެ. ނަމަވެސް އެދުވަހަށްފަހު އަދިވެސް މުޖާހަށް ހަޔާތެއް ނުފެނެއެވެ. މަގެއްގެ މަތިންވެސް ހިޔާތުގެ ހިލަމެއް ނުވެއެވެ. ދާ ކޮންމެ ތަނަކުންވެސް މުޖާހައަށް ހޯދެމުން ދިޔައީ ހަޔާތުއެވެ. އޭނާގެ ވިސްނުމާ ގުޅިފައިވާ ހަމައެކަނި މީހަކީ ހަޔާތުއެވެ.

އިތުރަށް އޭނާގެ ސިކުނޑި ހާސްކުރުވައި މާޔޫސްކުރުވަމުން ދިޔައީ އެންމެ ފަހުން ހަޔާތު އާއި ދިމާވި ދުވަހު އޭނާގެ ދުލުން ބޭރުވި ބަސްތަކެވެ. ހަޔާތުގެ ލޯބިވެރިއެއް ހުރެއެވެ. އިންތިހާއަށް އެމީހެއް ދެކެ އޭނާ ލޯބިވެއެވެ. ނަމަވެސް މިކަންތައް އެނގި ހުރެވެސް މުޖާހައަށް ހަޔާތުގެ ހިޔާލުން ދުރަކަށް ނުދެވުނެވެ. ހަޔާތުގެ މަތިން ހަނދާން ނައްތާލަން އުޅުނު ނަމަވެސް އޭނާއަށް އެކަން ކުރެވޭ ގޮތެއް ނުވިއެވެ. އަބަދާއި އަބަދު އޭނާގެ ސިކުނޑީގައި ހަރުލާފައި ވަނީ ހަޔާތުއެވެ. އެރީތި ސޫރައެވެ.

މުޖާހައަށް އަންނަމުން ދިޔަ ބަދަލުގެ ސަބަބުން ރަޝީދުވެސް އެތައް ފަހަރަކު އެވާހަކަ ދައްކަމުން ދިޔައެވެ. މީހާ ކެއުމާ ދުރުވެ ރޭގަނޑުގެ ނިދި ނަގައިލެވެނީއެވެ. ހަޔާތާއި މެދު ވިސްނުމުގައެވެ. ކުރަން އައި ކަންތައްވެސް ކުރަން އޭނާއަށް ވަނީ ނުކުޅެދިފައެވެ. މަސައްކަތުގައި އުޅުނު ނަމަވެސް އެކަމަކަށް ސަމާލުކަމެއް ނުދެވެއެވެ. ވިސްނަން ހުރެވެނީއެވެ. ކަމެއް ކުރާ ހިތް ނުވެފައެވެ.

އެއްބައި ދުވަސްދުވަހު ހަޔާތު ފެނޭތޯ އެނގޭ ކައިރީގައިވެސް މުގޯލި އެޅެއެވެ. ނަމަވެސް ފެންނާނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ. އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ގޮސްފިއެވެ. މުޅި މީހާވެސް ބަދަލުވެގެން ގޮސްފިއެވެ. މުޖާހައަށް ހަޔާތު ދެކެ ލޯބިވެވުނީ ހެއްޔެވެ؟ އޭނާއަށް ހަޔާތު ލިބޭނެ ހެއްޔެވެ؟ ހަޔާތު އޭނާ ދެކެ ލޯބިވާނެ ހެއްޔެވެ؟ އޭނާގެ މައިންބަފައިން ހަޔާތުއަށް ގަބޫލުވާނެ ހެއްޔެވެ؟

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ޕޯޝަން – 10 (ފަހުބައި)

Next

މި ވާވަރު ބުނެދޭ ހިތްވޭ 2

Next
June 22, 2021

މި ވާވަރު ބުނެދޭ ހިތްވޭ 2

Previews
June 22, 2021

ޕޯޝަން – 10 (ފަހުބައި)

2 Comments!

  1. Boaganvilla says:
    June 24, 2021 at 1:15 am

    ވާހަކަ ވަރަށްވެސް ރީތި
    ކުރިއަށް އޮތް ބަޔަށް އިންތިޒާރުކުރާނަނ
    ވަރަށް ރީތިވާނެހެންހީވޭ

    1. Nafu says:
      June 24, 2021 at 1:30 pm

      Thank u so much dear.. insha allah miadhuge vaguthehga upkohlaanan vaahakaige 4 vana part.. keep waiting

Comments are closed.

Next Episodeލޯބިވެވުމުން 4←


All Right Reserved!