އެއްބައި ދުވަސްދުވަހު ހަޔާތު ފެނޭތޯ އެނގޭ ކައިރީގައިވެސް މުގޯލި އެޅެއެވެ. ނަމަވެސް ފެންނާނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ. އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ގޮސްފިއެވެ. މުޅި މީހާވެސް ބަދަލުވެގެން ގޮސްފިއެވެ. މުޖާހައަށް ހަޔާތު ދެކެ ލޯބިވެވުނީ ހެއްޔެވެ؟ އޭނާއަށް ހަޔާތު ލިބޭނެ ހެއްޔެވެ؟ ހަޔާތު އޭނާ ދެކެ ލޯބިވާނެ ހެއްޔެވެ؟ އޭނާގެ މައިންބަފައިން ހަޔާތުއަށް ގަބޫލުވާނެ ހެއްޔެވެ؟
ހަޔާތުގެ ހިޔާލާތުގައި އޮއްވައި މުޖާހު ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ރިންގްވާން ފެށި އަޑާއިއެކުއެވެ. ކަންނެތް ގޮތަކަށް އޭނާގެ ބޯ ކައިރީގައި އޮތް ފޯނު ނަގައި ސްކްރީނަށް ބަލައިލިއެވެ. އަދި ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވުމަށްފަހު ފޯނުނަގައި ކަންފަތުގައި ޖަހައިލިއެވެ.
”އޭ މުޖާ. ތިރަށަށް ގޮސް ހަބަރެއް ދަބަރެއް ނުވަމެއްނު.” ފޯނުގެ އެނެއް ފަރާތުން އިވުނީ އަކްރަމްގެ އަޑެވެ. މުޖާހައަށް މަޑުމަޑުން ހީލެވުނެވެ.
”ހަބަރެއް ނުވެވޭނުން އެހައި ބިޒީކޮށް އުޅެންޏާ.” މުޖާހު ބުނެލިއެވެ.
”ކޮބާ ސަޅި ބިޓެއް ނުފެނޭތަ؟” އަފްއާން ލާނެއްކަން އެކުލެވިފައިވި އޭނާގެ އަޑުން ބުނެލިއެވެ.
މުޖާހުގެ ސިކުނޑީގައި އެވަގުތު ހަޔާތުގެ ސޫރަ ކޮށްޓާލިއެވެ. އަނގައިންވެސް ނުބުނެވި އޭނާއަށް އެހިޔާލުގައި އޮވެވުނެވެ. އޭނާގެ އެކުވެރިން ގޮވަމުން ދިޔަ ނަމަވެސް އެއަޑު ނީވޭ ފަދައެވެ.
”އެއް ކީކޭ؟” ތެޅިގަނެވިފައި ބާރު އަޑަކުން މުޖާހައަށް އެހެން ބުނެވުމާއިއެކީ ފޯނުގެ އެނެއް ފަރާތުން ދެމީހުންގެ ބާރު ހުނުމުގެ އަޑު އިވިގެން ދިޔައެވެ. އެވަގުތު ރަކިވެފައި އިނެ މުޖާހު އޭނާގެ ބޯ ކަހައިލިއެވެ.
”ހަމަ ރަނގަޅަށްވެސް އިޝްގުގަ ޖެހިފަ. އަހަރެމެން ކައިރީވެސް ބުނެލާގެން އުޅޭ.” އަކްރަމް އެހެން ބުނެލީ އަފްއާނަށް ދޯއެއް އެއްލަމުންނެވެ.
”އެކަހަލަ އެއްވެސް ކަމެއް ނެތް. މަމިތަނަށް އައީ ވެސް ބިޓުން ހޯދާކަށް ނޫނޭ.” މުޖާހު ބޭނުންވީ އޭނާގެ އެކުވެރިންނަށް ހަޔާތުގެ ވާހަކަ ސިއްރުކުރާށެވެ. އެއީ ހަމައެކަނި އޭނާގެ ހިތުގެ އަޑަށް ވީތީއެވެ. އެހެންމީހަކަށް އެއަޑު އިވޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ހާއްސަކޮށް ހަޔާތުގެ ހިތުގައި އޭނާއާ މެދު އެކަހަލަ އެއްވެސް ކަމެއް ނެތްކަން ޝައްކެއް ނެތް ވަރަށް ޔަގީންވެފައި ވާތީއެވެ.
”އޯކޭ އޯކޭ. އަދި އަހަރެމެން ގާތުވެސް ބުނާނެއްނު. ޔަގީނޭ ތިރަށު ކުއްޖެއް ވާހަކަކަން ބުނާނީ.” އަފްއާން ހުރީ ދޫ ދޭކަށް ނޫނެވެ. އޭނާ ބޭނުންވަނީ ގަދަކަމުން ވެސް މުޖާހުގެ ހިތުގައި ފޮރުވިފައިވާ ކަންތައް ހާމަކުރާށެވެ. އެހިތުގައި އައު ވިންދެއް ޖަހަމުންދާކަން ވެސް އެއްވެސް ޝައްކެއް ނެތް މިންވަރަށް އޭނާއަށް ވަނީ ޔަގީންވެފައިއެވެ.
”ހޫން ހެވޭ ދެން. އޭ ދެން ބާއްވަނީ. ކުޑަކޮށް ބިޒީވެއްޖެ.” މުޖާހު އޭނާގެ ފޯނު ބޭއްވުމަށްފަހު ދޮރުކައިރީ ހުއްޓިލައިގެން ހުރި ނަވާޒްއަށް ބަލައިލިއެވެ. އަދި އޭނާއާއި އެކު ބޭރަށް ދިޔުމަށް އެދުމުން އެކަމަށް ދެކޮޅު ނުހަދާ ތައްޔާރުވެލައިގެން ނުކުމެލިއެވެ. އަދި ބޭރު ޖޯލިފަތީގައި އިށީންދެލައިގެން އިން ނަވާޒްގެ ގާތުގައި ގޮސް އިށީންދެލައި ކިހިނެއްތޯ ވީ އަހައިލިއެވެ.
ނަވާޒްގެ ވާހަކަ ނުފަށާ ބިންމައްޗަށް ބަލަހައްޓައިގެން އިނީއެވެ. އެމޫނުމަތިން ކަމެއް ދޭހަ ކުރަން އުޅުނު ނަމަވެސް މުޖާހަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެމޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.
”މުޖާހު. އަހަރެމެންނަށް ވަރަށް ފާހަގަކުރެވޭ ފަހަކަށް އައިސް މުޖާހުގެ މިޒާޖަށް ބަދަލުތަކެއް އައިއްސިކަން. އަހަރެމެންނަށް ކަމެއް ހިތްހަމަ ނުޖެހޭ ގޮތަށް ކުރެވުނީތަ؟” ނަވާޒް ބަލައިލީ މުޖާހުގެ މޫނަށެވެ. ތެދަށް ބުނެދޭށޭ ބުނާ ފަދައިންނެވެ.
”ނޫނޭ. އެކަހަލަ ކަމެއް ނުވޭ. ނަވާޒްމެން އަހަރެންނާ މެދު ކަންތައް ކުރަނީ ވަރަށް ރަނގަޅަށް. އަހަރެން އެކަމާ ޝަކުވާއެއް ނުކުރާނަން.” ހިނިތުންވެލަމުން މުޖާހު ބުނެލިއެވެ. ”އަހަރެން ސުވާލެއް ކޮށްލަންތަ؟”
ނަވާޒްގެ ޖަވާބެއް ލިބުމުން މުޖާހު ވަރަށްވެސް ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި އެކިކޮޅުކޮޅު ބަލަން ފެށިއެވެ. އެމޫނުމަތިން މިހާރު ފެންނަމުން ދަނީ މާޔޫސްކަމެވެ. ހާސްކަމެވެ.
”އެއްޗެކޭ ހީ ނުކުރައްޗެ. އަހަރެން މިގޭގައި އުޅޭތީތަ ހަޔާތު މިހާރު ނާންނަނީ؟” ނަވާޒްގެ މޫނަށް ބަލައިލަންވެސް ނުކެރި އިނެ މުޖާހު އެހެން ބުނެލުމާއިއެކު ނަވާޒްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ނަމަވެސް އެކަމެއް މުޖާހަކަށް ނޭނގެއެވެ. އޭނާ އިނީ އިސްޖަހައިލައިގެންނެވެ. ދެއަތް ދެއަތާ ކުޅޭށެވެ.
”އެހެންވެގެންތަ މުޖާހައަށް ތިހާ ބޮޑު ބަދަލެއް ތި އަންނަނީ؟ އަނެއްކާ؟” ނަވާޒްގެ ފަރާތުންވެސް މުޖާހަށް އަމާޒުވީ ސުވާލެކެވެ.
އެސުވާލުން އޭނާ ހަމަ ރަނގަޅަށްވެސް ބަނދެވިއްޖެއެވެ. ބުނާނެ އެއްޗެއް ދުލާ ހަމައަށް ނައެވެ. ބިންފަޅާފައި އަޑިއަށް ދާންވެސް އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
”އެހެންނެއް ނޫން. އެދުވަހަށްފަހު ހަޔާތު ނުފެންނާތީ. މަގެއްގެ މަތިންވެސް. ގޭ ދޮށުންވެސް.” މުޖާހަށް އޭނާއަށް ބުނެވުނު އެއްޗެއްވެސް ރޭކައިލީ ނަވާޒްގެ އަނގައިން ހުނުމުގެ އަޑު ބޭރުވުމުންނެވެ. ހަތަރު ފަރާތުން އޭނާ ބެނދުނުކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. އެހައި ސިއްރުކުރަން އުޅުނު ކަންތައްވެސް ދެން އެގޮތުގައި ނޯންނާނެ ކަން އެނގި އޭނާ ހާސްވަމުން ދިޔައެވެ. ވަންހަނާ ކުރަން އުޅުނު ކަންތައްވެސް ކަޝްފުވީއެވެ.
”އޯ. މިހާރު އެގޭ ދޮށޫގައި މުގޯލިވެސް އަޅަންފެށީތަ؟ މަށަށް ކިޔާދީބަލަ ތިވާ ގޮތެއް.. އޭރަށެއްނު ހެލްޕެއްވެސް ވެދެވޭނީ.” ނަވާޒްއަށް ކިޔައިދޭނީތޯ ނުވަތަ ނޫންތޯ މުޖާހުގެ ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ.
އޭނާގެ ހިތް ބުނަމުން ދިޔައީ ނަވާޒަށް ކިޔައިދިނުމަށެވެ. ފަރުދާގެ ފޮތިގަނޑު ހުޅުވިފައިވާ އިރު އިތުރަށް ފޮރުވަން ޖެހޭ އެއްޗެއް ނެތްކަން އޭނާއަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ. އެހެންކަމުން މަޑުމަޑުން އިނދެ އޭނާގެ ހިތުގައި އުތުރިއަރަމުންދާ އިހުސާސްތައް ނަވާޒަށް ކިޔައިދޭން ފެށިއެވެ. އެކަމުން އޭނާގެ ހިތަށް ހިތްހަމަޖެހުން ލިބޭތޯއެވެ. އެކަމުން އޭނާއަށް އެހީތެރިކަމެއް ލިބޭތޯއެވެ.
”މުޖާހު. ހަޔާއަކީ ވަރަށް ރަނގަޅު ކުއްޖެއް. އަހްލާގު ވެސް.. ހުރިހާ ގޮތަކުންވެސް. އެކަމު މުޖާހަށްވެސް އެނގިއްޖެ އެއްނު ހަޔާ އެކުރަމުންދާ ހިތާމަ. އެހިތާމާގައި ކޮންމެ ދުވަހެއް އޭނާ ވޭތު ކުރަމުން އެދަނީ. ރޭގަނޑުގެ ނިދި ނަގައިލައިގެން. އެހިތުގައި ޝަމްވީލްގެ ނަން ލިޔެވިފައިވަނީ ވަރަށް ކުލަގަދަކޮށް. އެހެންނަމަވެސް އަހަރެމެން އެކަކުވެސް މިހާރު ބޭނުމެއް ނޫން ހަޔާ ޝަމްވީލަށް އިންތިޒާރުކުރާކަށް. އަހަރެމެން ބޭނުންވަނީ ހަޔާއަށް އުފާވެރި ދިރިއުޅުމެއް އަވަހަށް ލިބެން.” ފަހަތުން އިވުނު ޒަންމަތުގެ އަޑާއެކު މުޖާހައަށް ލިބިގެން ދިޔައީ ވަރުގަދަ ސިހުމެކެވެ. އިތުރު މީހަކަށް އޭނާގެ ހިތުގެ ހާލު އެނގުނީތީ އިތުރަށް މާޔޫސްވެގެން ދިޔައެވެ.
”އަހަރެންނަށް ޔަގީންވެއްޖެ މުޖާހަށް ތިވަނީ ހަޔާ ދެކެ ލޯބިވެފަކަން. އަހަރެމެން އެކަމަކަށް ހުރަހެއް ނާޅާނަން. އަދި އަހަރެންނަށް ޔަގީން މުޖާހު ހަޔާއަށް ދެރަގޮތެއްވެސް ނަހަދާނެކަން. އެކަމަކު ހަޔާ އެހެން މީހަކާ އެހައި ފަސޭހައިން ގުޅި ދާނެއޭ އަހަރެން ނުބުނާން.” ނަވާޒް ބުނެލިއެވެ.
މުޖާހަށްވެސް އެއްކަމެއް ޔަގީންވެގެން ގޮއްސިއެވެ. އޭނާއަށް ހަޔާތުދެކެ އިންތިހާ ލޯބިވެވިއްޖެއެވެ. އިންތިހާއަށް އެލޯބީގައި ދީވާނާ ވެއްޖެއެވެ. ހަޔާތުގެ ޖާދޫވީ އަޑު އަހައިލުމަށް އޭނާގެ ދެކަންފަތް ބޭގަރާރުވަމުން ދެއެވެ. ހަޔާތުގެ ރީތި ސޫރަ ދެކިލުމަށް އިންތިހާއަށް އެދެލޯ އެދެމުން ދެއެވެ. އަބަދުވެސް އޭނާގެ ސިކުނޑީގައި ހަރުލާފައިވަނީ ހަޔާތުއެވެ. އެނަމަވެ. އެރީތި ސޫރައެވެ.
”އާން. މިއީ މީގެ ކުރިން އަހަރެންނަށް ދުވަހަކުވެސް ވީ ކަމެއް ނޫން. މީހެއް ފެނުމުން ދުވަހަކުވެސް ވީ ގޮތެއް ނޫން. ހަޔާ ފެނުމުން އަހަރެންނަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވާން ފެށީ. އެހިޔާލުގައި މުޅި ދުވަސް ހޭދަކުރެވެން ފެށީ. އަހަރެންނަށްވެސް ގަބޫލު ކުރެވިއްޖެ. ހަޔާދެކެ އަހަރެންނަށްވެސް ލޯބިވެވިއްޖެ. ވަރަށް ބޮޑަށް. ދުވަހަކުވެސް އަހަރެން ހަޔާއަކަށް ދެރައެއް ނުދޭނަން. އިރާދަކުރެވިއްޔާ އަހަރެންގެ މީހަކަށް ހަޔާވާނެ.” ސާބިތުކަމާއިއެކު މުޖާހު އޭނާގެ ވާހަކަ ނިންމާލުމަށްފަހު ހިނިތުންވުމެއް ނަވާޒްއާށާއި ޒަންމަތުއަށް ރައްދުކޮށްލަދިނެވެ.
”ހިނގާބަލަ ހަޔާމެންގެއަށް ދާން. އޭރަށް ހަޔާ ފެނިވެސް ދާނުން.” ޒަންމަތު އެހެން ބުނެލުމަށްފަހު ޖޯލީގައި އިށީންދެލައިގެން އިން ނަވާޒްގެ އަތަށް ދަމަން ފެށިއެވެ. އަދި ދެމީހުން ޖޯލިން ތެދުވުމުން ގެއިން ނުކުންނަން ހިނގައިގަތެވެ.
***
އެނދުމަތީގައި ބޯއަޅައިލައިގެން އިން ހަޔާތުގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ދެލޯ ކައިރި ވަނީ ދުޅަވެފައެވެ. ރަތްވެފައެވެ. މިއަދު އޭނާގެ ހިތުގައި ޝަމްވީލަށް ޓަކައި އެތައް ހާސް ޝަކުވާއެއް އުފެދިއްޖެއެވެ. ރުޅިވެރިކަމާއިއެކު ނަފްރަތު އުފެދިއްޖެއެވެ. އިރުއިރުކޮޅުން ފޯނުގައި ލިޔެވިފައި އިން އެއްޗަކަށް އޭނާގެ ނަޒަރު ހިންގައިލައެވެ. އެއަށްފަހު އަނެއްކާވެސް ރޯންފަށައެވެ. މީގެ ތިންދުވަސް ކުރިން އެފޯނަށް އައިސްފައި އިން އެ މެސެޖުގެ ސަބަބުން ހަޔާތުގެ ދިރިއުޅުން މުޅިން ބަދަލުވެއްޖެއެވެ. އޭނާ މުޅިން ބަދަލުވެއްޖެއެވެ. ގެއިން ބޭރަށް ނުނިކުމެ އަބަދު ކޮޓަރީގައި އޮންނަން ބޭނުންވިއެވެ.
ހަޔާތުގެ ގެޔަށް އައިސް ވަން ތިންމީހުންނަށް އެނގެއިން މަރުހަބާ ކީ ހަމަހިމޭންކަމެވެ. އެއްވެސް މީހެއް ފެންނަން ނެތް ފަޅުކަމެވެ. އެހެންކަމުން ޒަންމަތު އެތަނުގައި ހުރެ ސަލާމް ގޮވަމުން ދިޔައެވެ. އެޔާއިއެކު ގޭތެރިން ނުކުމެގެން އައީ ފަރާހަތުއެވެ. ހިނިތުންވެލައިގެން ހުރެއެވެ.
”އަނހާ ޒަންމަތު.. ހާދަ ދުވަހެއް ކޮށްލާފަ ތިޔައީ.” ފަރާހަތުގެ އަޑުން ފާހަގަވެގެން ދިޔައީ ހިތްހެޔޮކަމެވެ.
”އާން ދައްތާ. ހަޔާގެ ހަބަރެއް އެއްވެސް ވަރަކަށް ނުވާތީ. ދެން މިދުވަސްކޮޅު ވަރަށް ބުރަކޮށް މިއުޅެނީވެސް. ކޮބާ ހަޔާ؟” ބޭރުގައި ހުރި ޖޯލިފަތީގައި އިށީންދެލަމުން ޒަންމަތު އަހައިލިއެވެ.
”ކޮޓަރީގައި ވީ. އަބަދު މިހާރު އެތަނުގައި އޮންނަނީ. ކަނީއެއް ނޫން. ހަޔާގެ މުޅި ދިރިއުޅުން ހަލާކުވެއްޖެ. އެފަކީރުގެ މޫނުމަތިން އުފާވެރިކަމެއް ނުފެނޭ. ޒަންމަތޫ. އަހަރެންގެ ދަރިފުޅަށް އެހީވެދީ. އެކަމުން އަރައިގަންނަން އޭނާގެ އަތުގައި ހިފާލަދީ.” ފަރާހަތުގެ ދެލޮލުން ކަރުނައެއް ފައިބައިގެން އައެވެ. ހުރި ހަމައެކަނި ދަރިފުޅު ކުރަމުންދާ ހިތާމަތައް ފެނި އެހިތުގައި އެތައް ކޫރުމެއް ވަނީ އެޅިފައެވެ. އެތައްތަނަކުން ވަނީ ލޭކޮށެވިފައެވެ.
”ދައްތަ ތިކަމާ ހާސްނުވޭ. އަހަރެން އަބަދުވެސް ހުންނާނީ ހަޔާއާ އެކީ. ހަޔާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން.” ވަރުގަދަ އަޒުމަކާއިއެކު ޒަންމަތު އެހެންބުނެލުމަށްފަހު ހިނިތުންވެލިއެވެ. އެހެންނަމަވެސް އޭނާގެ ހިތް ދިޔައީ ރޮމުންނެވެ. އެންމެ ގާތް އެކުވެރިޔާ އެކުރާ ހިތާމަތައް އޭނާއަށް އަންދާޒާ ކުރެވޭތީއެވެ.
”އެބަ އަންނަން ހަޔާއަށް ގޮވާލާފަ.” ފަރާހަތު ގޭތެރެއަށް ވަދެގެން ދިޔައެވެ.
ހަޔާތުގެ ސޫރަ ދެކިލުމަށް ކެތްމަދުވެފައި އިން މުޖާހުގެ ހިތުގައި ކަންބޮޑުވުން ވަނީ އުފެދިފައެވެ. ހަޔާތު އެކުރަމުންދާ ހިތާމަ އޭނާއަށްވެސް ކުރެވޭ ފަދައެވެ. އެހިތާމާގައި އޭނާއަށްވެސް ބައިވެރިވެވިފައިވާ ފަދައެވެ. ނަމަވެސް ހަޔާތުގެ އިންތިޒާރުގައި އޭނާ އެތަނުގައި އިންދާ ފޯނެއް އަންނަ އަޑު އިވިގެން ދިޔައެވެ. ގުޅަނީ އޭނާގެ ފޯނަށެވެ. މުނާއެވެ. އެހެންކަމުން އެބަ އަންނަމޭ ބުނެ މުޖާހު އެގެއިން ނުކުމެގެން ދިޔައީއެވެ. ފޯނު ކަންފަތުގައި ޖަހައިލައިގެން އޭނާ ގޮސް ހުއްޓުނީ އެނގޭ ކަންމަތީގައިއެވެ. ދުރުގައި ކުޅެން ތިބި ބަޔަކަށް ބަލަމުންނެވެ.
”ދަރިފުޅާ.. ހުރިހާ ކަމެއްވެސް ރަނގަޅުތަ؟” އެކޮޅުން މުނާ ވާހަކަދައްކަން ފެށުމާއިއެކު ރަޝީދު ކޮންމެސް އެއްޗެއް ކީކަން މުޖާހައަށް ކަށަވަރުވެގެން ދިޔައެވެ.
”ލައްބަ. ހުރިހާ ކަމެއްވެސް ރަނގަޅޭ މަންމާ. ވަރަށް ހިތްހަމަޖެހޭ ރަށެއް މިއީ. އަހަރެން ބޭނުން އަދި މިރަށުގައި އިތުރު ދުވަސްތަކަކަށް އުޅެލަން.” އޭނާގެ ލޯބި ހާސިލް ކުރަން މުޖާހު ބޭނުމެވެ. ނަމަވެސް ބޭނުންވާ ދުވަސްތަކެއް އޭނާއަށް ލިބޭކަށް ނެތެވެ. ބާކީ ދެން އޮތީ ހަފްތާއެކެވެ. އެހަފްތާ ނިމުމުން އޭނާ މާލެދާން ޖެހޭނެއެވެ. އޭނާގެ ލޯބި ހާސިލްނުވިޔަސް މެއެވެ.
”ހުރިހާ ކަމެއް ރަނގަޅިއްޔާ ކީއްވެ ކެއުމާ އެހައި ދުރުވީ؟ ބައްޕަ ބުނި މަސައްކަތް ކުރާ ތަނަށްވެސް ދަރިފުޅު ނުދެއޭ. އަބަދުވެސް މާޔޫސްވެފަ ހުންނަ ވާހަކަ. އެހެންނުހަދައްޗެ. ކަމެއް ހިތްހަމަ ނުޖެހޭ ގޮތަކަށް ވަންޏާވެސް ބުނެލާތި.” މުނާގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. ދުރުގައި ހުރި ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީ އޭނާގެ ހިތުގައި އުފެދިފައިވަނީ އަމަށަކު ބިރެ ނޫނެވެ. ”އަދި ބައްޕަ ބުނި އިތުރު ތިން ހަފްތާއަށް މަޑުކުރަން ޖެހޭ ވާހަކަ. ކުރަން ޖެހޭ ކަންތައް ގިނަވީމަ. ދަރިފުޅުގެ އެއްބާރުލުން ބައްޕައަށް ފުރިހަމައަށް ދޭތި.”
މުނާ ފަހުން ބުނެލި ޖުމުލަތައް އިވިފައި މުޖާހުގެ ހިތް އުފަލުން ނަށަން ފެށިއެވެ. އޭނާގެ މަގުސަދު ހާސިލްކުރުމަށް އިތުރު ދުވަސްތަކެއް ލިބިގެން ދިޔައީއެވެ. ނަމަވެސް ހަމަ އެހިނދުގައި އެމަގުސަދު ހާސިލްވެދާނެ ކަމާއިމެދު އޭނާގެ ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ. މުނާއާ ވަކިވެލުމަށްފަހު ފޯނު ޖީބަށްލަމުން ހަޔާތުމެންގެ ގެޔަށް ވަންނަން މުޖާހު މިސްރާބު ޖެހިއެވެ.
ޖޯލިފަތީގައި އިށީންދެލައިގެން އިން ހަޔާތުގެ ދެލޮލުން އަދިވެސް ކަރުނަތައް ދިޔައީ ފައިބަމުންނެވެ. ކައިރީގައި ޒަންމަތުއާއި ނަވާޒް ކިހިނެއްވީ ތޯ ސުވާލުކުރަމުން ދިޔަނަމަވެސް އޭނާއަށް ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. އެދެމީހުން ފެނުމުން އިތުރަށް އޭނާއަށް ރޮވޭގޮތް ވީއެވެ. ހަމައަކަށް އެޅުމަށް މަސައްކަތް ކުރަމުން ދިޔަނަމަވެސް އޭނާއަށް އެކަން ވާގޮތެއް ނުވިއެވެ.
އެހެން އިނދެ މަޑުމަޑުން ހަޔާތު ވާހަކަދައްކަން ފެށިއެވެ. ނަމަވެސް ކިޔާއެއްޗެއް އެކަކަށްވެސް ސާފެއް ނުވިއެވެ. އެހެންކަމުން ދެމީހުންނަށް އެއްފަހަރާ ކީކޭހޭ އަހައިލެވުނެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







ސަލާމް ހުރިހާ ކުދިންނަށް. އުންމީދުކުރަން މިބައިވެސް ކަމުދާނެ ކަމަށް. ދެން އޮތްބައި ހޮނިހިރު ދުވަހުގައި. އިންޝާ ﷲ.