Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވެވުމުން 2

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
June 19, 2021 5 Mins Read
1 Comment

އޭނާގެ ހިތް މާޔޫސްވަމުން ދިޔައެވެ. އަންހެންކުއްޖެއް ފެނުމުން މީގެ ކުރިން އެއީ އޭނާއަށް ވީ ގޮތެއް ނޫނެވެ. ކުރިން އެތައް އަންހެންކުދިންނަކާ ރައްޓެހިވިޔަސް މިފަދަ ގޮތެއް އޭނާއަކަށް ނުވެއެވެ. މިފަދަ ގޮތަކަށް އޭނާގެ ހިތުގައި ވިންދެއް ނުޖަހައެވެ.

***

”ހެލޯ. ހަޔާ.. މެންދުރަށް މަށާއިއެކީ ކައްކާލަދޭން މިގެޔަށް އަންނަން ވާނެ އިނގޭ.” ޖޯލިފަތީގައި އިށީންދެލައިގެން އިނދެ ދެފައި ތަޅުވަމުން ޒަންމަތު ވާހަކަ ދައްކަމުން ދިޔައެވެ.

އޭނަގެ އެ ހަރަކާތްތައް ބަލަން ދުރުގައި އޭނާގެ ފިރިމީހާ ނަވާޒް ހުއްޓިލައިގެން ހުރިއިރު އެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ. އެދެލޮލުން ޒަންމަތުއަށް ޓަކައި ވީ ލޯބި ފެންނަމުން ދިޔައެވެ.

”ކޮންކަމަކަށް ކައްކަން.. މާ ވަރުގަދަ ކަމެއް އޮތީތަ؟” މަޑުމަޑު ރާގަކަށް ހަޔާތު ބުނެލިއެވެ.

”ހޫމް. ގެޔަށް ބައްޕަގެ ރައްޓެހިން އައިސްގެން އެމީހުންނަށް ވަރުގަދަ ކެއުމެއް ދޭން. މިއަދު ހެނދުނު އައީ. އެގާރަ ޖަހައިކަން ހާއިރު އަންނައްޗެ.” ޒަންމަތު އޭނާގެ ވާހަކަ ނިންމާލުމަށްފަހު ހަޔާތުގެ ބަހަކަށްވެސް ބަލާއިނުލައި ފޯނު ކަނޑާލިއެވެ. އަދި ނަވާޒްގެ ކައިރިއަށް ގޮސް ހުއްޓިލައި އޭނާއާ އެކު ފިހާރައަށް ދިޔުމަށް އެދުނެވެ.

***

އެނދުމަތީގައި އޮށޯވެލައިގެން އޮތް މުޖާހުގެ މޫނުމަތީގައި ވަނީ ސާދާ ހިނިތުންވުމެކެވެ. ކަނާއަތުގެ އިނގިލިތަކުން ބޮލުގެ އިސްތަށިތަކާ ކުޅެމުން ދިޔައިރު އެނެއް އަތް ވަނީ އޭނާގެ ބަނޑު މަތީ ބާއްވާލާފައެވެ. އެނބުރެމުން ދިޔަ ފަންކާއަށް ބަލަހައްޓައިގެން އޮވެވުނު އިރު އޭނާއަށް އޭނާގެ ފޯނު ރިންގްވަމުން ދިޔަކަމުގެ ހިލަމެއްވެސް ނުވެއެވެ.

ފުން ވިސްނުމެއްގައި އޮވެ އޭނާއަށް ކުއްލި ސިހުމެއް ގެނުވީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އޭރު އޭނާގެ ބައްޕަ ދޮރުމަތީގައި ހުއްޓިލައިގެން އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

”ދަރިފުޅު ހިނގާބަލަ ފަރުހާދު ދައްކަން ހުރި ބިންތައް ބަލައިލަން.. ބައްޕަ މިފަހަރު ބޭނުމީ ފަރިފުޅު ބޭނުންވާ ގޮތަށް މި ގެސްޓް ހައުސް ޑިޒައިން ކުރަން.” ރަޝީދު ހިތްހެޔޮ ކަމާއިއެކު ބުނެލިއެވެ.

” އޯކޭ. އެކަމަކު ބައްޕަގެ އެހީވެސް ބޭނުންވާނެ. ބައްޕަ ހިތްހަމަޖެހޭ ގޮތަށް އަޅުގަނޑު ކަންތައް ކުރާނީ.” މުޖާހު ބުނެލިއެވެ.

މުޖާހު މަޑުމަޑުން އެނދުން ތެދުވެލައިގެން ގޮސް ޑްރެސިން ޓޭބަލް ކައިރީ ހުއްޓިލައި ރީތިވާން ފެށިއެވެ. ބޮލުގައި ޖެލް ހާކައިލުމަށްފަހު ރީތި ގޮތަކަށް އިސްތަށިތައް މައްޗަށް ހިއްލާލާފައި މުޅި ގަޔަށް ސެންޓް ބުރުވައިލިއެވެ. އަދި އެނދުމަތީގައި އޮތް ފޯނު ހިފައިގެން ރަޝީދުގެ ފަހަތުން ހިނގައިގަތެވެ.

”މަންމަ އެބައިން ގުޅާފަވެސް.” މުޖާހު އެހެން ބުނެލުމަށްފަހު ކަންފަތުގައި ފޯނު ޖަހައިލިއެވެ. އަދި މަޑުމަޑުން ހިނގަމުން ކުރިއަށް ދިޔައެވެ.

”މަންމާ. ދައްތަމެން ގެޔަށް އައިއްސި…” މުޖާހުގެ ދުލުގައި ބުނަން އުޅުނު ބަސްވެސް ތާށިވިކަހަލައެވެ. އޭނާގެ ނަޒަރުވެސް ކުރިމައްޗަށް ހުއްޓުނު ފަދައެވެ.

***

އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލަމުން ޒަންމަތުމެން ގޭގެ ދޮރު ހުޅުވައިލި ވަގުތު ހަޔާތަށް ލިބުނު ސިހުމާއިއެކު ފައިގައި ތަޅުއެޅުވިގެން ދިޔައެވެ. އެލިބުނު ސިހުމުގައި ކުރިމަތީގައި ހުރި ޒުވާނާއަށް ހިނދުކޮޅަކަށް އޭނާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ނަމަވެސް އޭނާގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. އިތުރަށް އޭނާގެ ލޭ ކެކިގެން ދިޔައީ އެޒުވާނާ އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރިގޮތުންނެވެ. މިއަދު ހެނދުނު ވެސް ހަމަ އެޒުވާނާ އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރީ ހަމަ އެހެންކަން ހަޔާތުގެ ހަނދާނައަށް އައެވެ.

އެޒުވާނާއަށް ތަންދެމުން ހަޔާތު ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ނަމަވެސް ފައި އަޅައިލެވުނު ގޮތަކުން އޭނާގެ ފައި އަރިވެ ވެއްޓެން ދިޔައެވެ. އެވަގުތު މަޑުމަޑުން އޭނާގެ އަނގައިން މަންމާއޭ ގޮވައިލި އަޑު އިވުމާއިއެކު އެތަނުގައި ހުރި ޒުވާނާއަށް ހޭވެރިކަމެއް އައި ފަދައެވެ. އަވަސް ހަރަކާތަކާއިއެކު ފޯނު ޖީބަށް ލުމަށްފަހު ހަޔާތުގެ ލޫޅާފަތި ހަށިގަނޑު އޭނާގެ ބާރުގަދަ އަތުން ހިފަހައްޓާލިއެވެ. އަދި އެމޫނަށް ހުއްޓާ ނުލައި ބަލަން ފެށިއެވެ. ދީވާނާވެފައިވާ މީހެއްފަދައިންނެވެ.

”ހަޔާ.. ތީ ކޮންކަމެއް؟” ޒަންމަތުގެ އަޑު އިވުމާއިއެކު ލޯ ފިކަނޑު ކޮށްލައިގެން އޮތް ހަޔާތަށް ތެޅިގަނެވުނެވެ. ވެއްޓެން ދިޔައެއްކަމަކު އޭނާ ނުވެއްޓޭކަންވެސް ރޭކައިލީ އެވަގުތުއެވެ.

އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރި ޒުވާނާއަށް ބަލަހައްޓައިގެން ހިނދުކޮޅަކު ހުރީ އަދިވެސް އޭނާ ހާޔާތުގެ އުނަގަނޑުން ދޫކޮށްނުލައިގެންނެވެ. ހަޔާތުގެ ދޮން މޫނަށް އޭނާ އަދިވެސް ދިޔައީ ބަލަމުންނެވެ. ބަލައި ފޫހި ނުވާ ކަހަލައެވެ.

”ހެއި. ތެންކްސް ވަރަށް ބޮޑަށް. އަހަރެން ދާންވެއްޖެ.” ހަޔާތު މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު ޒުވާނާ އޭނާގެ އަތް ނައްޓުވާލާ ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.

”އެއީ އެއްވެސް ކަމެއް ނޫން. ދެންވެސް ބަލައިގެން އުޅެއްޗެ. އަބަދަކު މިހެންނެއް މީހެއް ނުހުންނާނެ އެންނު..” ލާނެތް ރާގަކަށް އެޒުވާނާ އެހެން ބުނެލުމާއިއެކު ހަޔާތު ލަދުން އިސްޖަހައިލިއެވެ. ހަމައެވަގުތު ޒަންމަތުގެ ހުނުމުގެ އަޑުވެސް އިވިގެން ދިޔައެވެ.

”ބައިދަވޭ.. އައިމް މުޖާހު. ތީ؟”

”މީ ހަޔާތު. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. ހަޔާ. މިއީ މިއަދު މިގެޔަށް އައި ބައްޕަގެ އެކުވެރިއެއްގެ ދަރިއެއް.” އެއްޗެކޭ ނުބުނެ ހަޔާތު އެތަނުން ދާން އުޅުމުން ޒަންމަތު ހަލުވި ފިޔަވަޅުތަކެއްގައި އައިސް ހަޔާތުގެ ކޮނޑަށް އަތްވައްޓާލުމަށްފަހު ތަޢާރަފުކޮށްދިނެވެ. އެއަމަލުން ހަޔާތުގެ ދެބުމަ ގޮށްޖެހިގެން ދިޔަ ނަމަވެސް އެވަގުތަށް އޭނާ އަނގައަކުން ނުބުނެއެވެ. މުޖާހު ހީކޮށްދާނެ އެއްޗަކަށް ވިސްނާފަދައެވެ.

ވަށްކަޅިން އެތަނުގައި ހުރެ މުޖާހު އެކިފަހަރު މަތިން ހަޔާތުއަށް ބަލަމުން ދިޔަ ނަމަވެސް އޭނާއަށް އެކަން ކުރެވެމުން ދިޔައީ ސިއްރަކުން ނޫނެވެ. އޭނާގެ ކޮންމެ އަމަލަކަށް ފާރަވެރިވެ ބަލަން އެތަނުގައި ޒަންމަތު ހުރީ ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެންނެވެ.

”އެއޮށް އަންނަނީ ރަޝީދުބެ. މުޖާހު ލަސްވެގެން ކަންނޭގެ. އެހެންނު ވާނީ ފަހަތުން ދިޔަ ކަމަށް ރަޝީދުބެ އާއި ބައްޕަ އެދަނީ އަނގަތަޅުވަމުން.” ޒަންމަތު ހިނިއައިސްފައި ހުރެ އެހެން ބުނެލީ ހަޔާތުގެ އަތުގައި ހިފަހައްޓާލައިގެން ހުރެއެވެ.

”ހަމަ ރަނގަޅަށް ތިބުނީ.. ދެން ދަނީ.” ހަޔާތަށް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު މުޖާހު ހިނގައިގަތެވެ. އަންހެންކުދިންގެ ހިތްތައް ކަތިލާފަދަ އެހައިމެ ފިރިހެންވަންތަ ހިނގުމެއްގައެވެ.

މިހުރިހާ ކަމެއް ވަމުން ދިޔައިރު ހަޔާތުގެ ހިތުގައި މުޖާހުއަށް ޓަކައި އުފެދެމުން ދިޔައީ ނަފްރަތުގެ ބާނިތަކެވެ. ރުޅިވެރިކަމުގެ އަސަރުތަކެވެ. މުޖާހުގެ މޫނަށް ބަލައިވެސް ލެވެނީ ރުޅިއައިސް މޫނުމައްޗަށް ފޫހިކަމެއް ވެރިކުރުވައިގެން ހުރެއެވެ.

”ވަރަށް ހީވޭ އޭނާއަށް ހަޔާ ކަމުގޮއްސި ހެން.. ކިހާ ސަޅި ބިޓެއް.” ހަޔާތުގެ ކޮޑުގައި ޖަހައިލަމުން ޒަންމަތު އެހެން ބުނެލާފައި ބަދިގެޔަށް ވަދެގެން ދިޔައެވެ.

”ޒަންމަ ކީއްކުރަންތަ އޭނާ ގާތު މަގޭ ނަން ބުނީ؟” ރުންކުރު ރާގަކަށް ހަޔާތު ވާހަކަދައްކަމުން ދިޔައީ ހަގީގަތުގައި ވެސް އޭނާ ރުޅި އައިސް ހުރުމުން އެކަން ހިންދާނުލެވިގެންނެވެ. ގޮތް ނޭނގޭ މީހުން ގާތު އޭނާގެ ނަން ބުނުމަކީ އޭނާ ކޮށް އުޅޭ ކަމެއް ނޫނެވެ.

”އައްދެ. އެކަމާތަ ރުޅި އައީ ތި؟ ހަޔާ ތިއުޅެނީ ހަޔާގެ ނަން ވެސް ފޮރުވައިގެންތަ؟” ޒަންމަތުގެ އަޑުގައި ވަނީ ލާނެތްކަމެވެ. ހަޔާތު ރުޅިއަރުވަން އުޅޭފަދައެވެ.

”އެކަމާ އަޅާނުލައި ދެން. ކައްކަން ފަށަން ހިނގާ.” އިތުރަށް އެމައުޟޫއަށް ވާހަކަދައްކާކަށް ހަޔާތު ބޭނުމެއް ނުވިއެވެ. ވާހަކަދައްކައިގެން ވެސް އޭނާ ގާތަށް ރުޅިއައުން ނޫން ކަމެއް ނުވާނެއެވެ.

***

އަތަށް ފޯނު ލައިގެން ސޯފާގައި އިށީންދެލައިގެން އިން މުނާގެ މޫނުމަތިން ހާސްކަމާއި ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. އިރުއިރުކޮޅުން ފޯނުގެ ސްކްރީނަށް ބަލައިލައެވެ. މުޖާހުގެ ހަބަރެއް ނުވުމުންނެވެ. ވާހަކަދައްކަ ދައްކާ އޮއްވާ މުޖާހުގެ އަޑެއް ނީވުމުން އެހިތުގައި ބިރުވެރިކަމުގެ ސާލެއް އޮޅިގެން ދިޔައެވެ. އޭގެ ފަހުން މުޖާހުގެ ހަބަރެއްވެސް މުނާއަށް ނުވެއެވެ.

ބިރުގަނެފައި އިން މުނާގެ ހިޔާލަށް ދެން އައީ ރަޝީދުއަށް ގުޅާށެވެ. ރަޝީދު ފޯނު ނަގައިފިއްޔާ ވީ ގޮތް ސާފު ވާނެއެވެ. އެހެންކަމުން ލަސްތަކެއް ނުކޮށް އޭނާ ފޯނު ނަގައި ރަޝީދުއަށް ގުޅާލިއެވެ. އަދި ކަންފަތުގައި ފޯނު ޖަހަމުން ދެކޮޅަށް ހިނގަންފެށިއެވެ.

”ރަޝީދު. ތިތަނުގަ މުޖާ އެބަހުރިތަ؟” މުނާގެ އަޑުގައި މަޑު ތުރުތުރެއް ވިއެވެ. މޫނުމަތިން އޮށްދާތައް ވަނީ ހިލެން ފަށާފައެވެ. ހިތުގެ ތެޅުން ވަނީ މެކުހަށް ޖަހާފައެވެ.

އެހުރިހާ ކަމެއްވެސް ހިނދިގެން ދިޔައީ ސަލާމަތްތެރިކަމާއިއެކު ރަޝީދުގެ ގާތުގައި މުޖާހު ހުރި ވާހަކަ ބުނުމުންނެވެ. މުނާއަށް ވިސްނުނު މޮޔަ ވިސްނުންތަކުން އޭނާއަށް ވެސް ހެވިގެން ދިޔައެވެ. ކުޑަކުޑަ ކަމަކާ އޭނާގެ ސިކުނޑި ހާސްކުރުވައި ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ހަށިގަނޑު އަމިއްލައަށް ވައްޓައިލެވުނީތީ އޭނާގެ ހަށިގަނޑުވެސް އެކަމަކަށް މަލާމާތް ކުރާ ފަދައެވެ.

ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު މުނާ ގޮސް ބާލު ޚާނާއަށް ވަދެލިއެވެ. އަދި ކުރައަށް ފެން އަޅައިގެން އައިސް އެތަނުގައި އޭނާ ހައްދަމުން ދިޔަ ގަސްތަކަށް ވަރަށް ފަރުވާތެރިކަމާއިއެކު ފެންދެމުން ދިޔައެވެ. އަދި އެއަށްފަހު ކޮންމެ ގަހަކުންވެސް ހަލާކުވެފައި ނޫނީ މަރުވެފައި ހުރި ފަތްތައް އުފުރަމުން ދިޔައީ ވަރަށްވެސް އަޅާލުމާއިއެކީއެވެ. އެއިން ކޮންމެ ކަމަކުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދެއެވެ. ގޭގައި އެކަކުވެސް ނޫޅޭ ނުވަތަ އުޅުނަސް އޭނާ އެކަނިވެރިވެފައި ހުންނަ ވަގުތުތަކުގައި އޭނާގެ ފޫހިފިލުވައި ސިކުނޑި ތާޒާ ކޮށްދޭ ހަމައެކަނި ވަސީލަތްތަކަކީ މި ގަސްތަކެވެ. ގަސްތަކުގައި އަޅާ ކުލަކުލައިގެ މާ މަލެވެ.

***

އަވަދިނެތި ކެއްކުމުގައި އުޅުނު ހަޔާތުއާއި ޒަންމަތަށް ސިހުމެއް ލިބިގެން ދިޔައީ ކުއްލިއަކަށް އެތަނަށް ނަވާޒް އައުމުންނެވެ. ހިތްހެޔޮކަމާއިއެކު ނަވާޒް އެކިއެކި ވާހަކަތައް ދައްކަމުން ދިޔައީ އަނގައާއި އެއްވަރަށް އޭނާގެ އަތްވެސް ހަރަކާތްކުރަމުންނެވެ. މޭޒުމައްޗަށް ކައްކާފައި ހުރި އެއްޗެހި އެރުވުމުގައި އެމީހުންނަށް އެހީތެރިވެދެމުންނެވެ.

”ހަޔާ. އަދިވެސް ޝަމްވީލުގެ ހަބަރެއް ނުވޭތަ؟” ކުއްލިއަކަށް ނަވާޒް ކުރި ސުވާލުން ހަޔާތުގެ މޫނުގެ ކުލަވަރު ބަނަވެގެން ދިޔައެވެ. ވަރުބަލިކަމާއި އެއްވަރަށް އެމޫނުމަތިން ހިތްދަތިކަން ފެންނަމުން ދިޔައެވެ.

ޝަމްވީލަކީ ހަޔާތުގެ ލޯބިވެރިޔާއެވެ. މުޅި އުމުރަށް އެކުގައި އުޅުމަށް ވައުދުވެފައިވާ އެހިތުގެ ބައިވެރިޔާއެވެ. އެހިތުގެ ވިންދެވެ. އެހިތުގައި ޖަހަމުންދާ ކޮންމެ ވިންދެއް ޖަހަމުން ދިޔައީ ޝަމްވީލަށެވެ. އޭނާގެ ފުރާނައަށްވުރެ ބޮޑަށް ޝަމްވީލްދެކެ ލޯބިވެއެވެ. އެހިތުގެ ކޮންމެ ނާރެއްވެސް ޝަމްވީލުގެ ނަމުން ގޮވާގޮވާ ތިބެއެވެ.

މީގެ ދެ އަހަރު ކުރިން ހަޔާތުއާއި ޝަމްވީލު ގުޅި ، ލޯބިގެ ކުރިތައް އެކުގައި ފަޅުވަމުން ދިޔައެވެ. އުޑުން ތަރިތައް ބާލުވައި ޝަމްވީލު ދިޔައީ ކޮންމެ ރެޔަކުމެ ހަޔާތުގެ ހިތް ލޯބިން ފުރަމުންނެވެ. ނަމަވެސް އެހުރިހާ ކަމަކަށް ހުއްޓުމެއް އައީ ރާއްޖެއިން ބޭރަށް ޝަމްވީލަށް ކިޔަވަން ދިޔުމަށް ފުރުސަތު ލިބުނު ހިސާބުންނެވެ. އިންޑިއާއަށް ކިޔަވަން ދިޔަ ފުރަތަމަ ދުވަސްކޮޅު ކޮންމެ ދުވަހަކު ހަޔާތަށް ، ޝަމްވީލުގެ ލޯބި މެސެޖެއް ނުވަތަ ފޯނު ކޯލެއް ނައިސް ނުދެއެވެ. ފަހުންފަހުން އައިސް ދުވާލަކު ޝަމްވީލުގެ އެންމެ މެސެޖެއްވެސް އަދި ފޯނު ކޯލެއްހާ ހިސާބުވެސް ހަޔާތުގެ ފޯނަށް ނާދެއެވެ. ގުޅިޔަސް ފޯނެއް ނުނަގައެވެ.

ޝަމްވީލުގެ ހަބަރެއް ހަޔާތަށް ނުވާތާ މިހާރު އަހަރެއް ވެއްޖެއެވެ. ނަމަވެސް ހަޔާތުގެ ހިތުން ޝަމްވީލުގެ ނަން ފުހެވިގެން ނުދެއެވެ. އެހިތުގައި މިއަދާ ހަމައަށް ވެސް ތާޒާކަމާއިއެކު ޝަމްވީލުގެ ސޫރަ ކުރެހިފައިވެއެވެ. އެނަން އެހިތުގައި ލިޔެވިފައިވެއެވެ. ވާހަކަ ނުދައްކާތާ އަހަރެއް ފާއިތުވެ ދިޔަނަމަވެސް އަދިވެސް ހަޔާތު އިންތިޒާރު އެކުރަނީ އޭނާގެ ފުރަތަމަ ލޯތްބަށެވެ. ފުރަތަމަ ނަޒަރުން ވެވުނު ފުރަތަމަ ލޯތްބަށެވެ. ޝަމްވީލުގެ ހަބަރެއް ވަންދެން އޭނާ ޝަމްވީލަށް އިންތިޒާރު ކުރާނެއެވެ. އެއީ އޭނާ ޝަމްވީލަށްވެފައި އޮތް ވައުދެކެވެ. ދުވަހަކުވެސް ބޭވަފާރެތި ނުވުމަށެވެ. އެގޮތުގައި އޭނާ ހުންނާނެވެ.

ހަޔާތުގެ ލޮލުން ކަރުނައެއް ފައިބައިގަތެވެ. އެމަންޒަރު ފެނި ޒަންމަތުގެ ހިތުގައިވެސް ކޫރުމެއް އެޅިގެން ދިޔައެވެ. އަދިވެސް ހަޔާތު އޭނާގެ ގޮތުގައި ހުރެ މުޅި ދިރިއުޅުން ހަލާކު ކުރަމުންދާ ކަން އެނގި ހިތަށް ތަދުވެގެން ދިޔައެވެ.

”ހަޔާ.. އެކަމާ އެހައި ވަރަށް ނުވިސްނާ. އަހަރެމެން މިތިބީ އަބަދުވެސް ހަޔާއާ އެކީ. ހަޔާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން. މިއީ އަހަރެން ހަޔާއަށް ހެޔޮއެދިގެން ބުނާ އެއްޗެއް.” ނަވާޒްގެ މޫނަށް ބަލައިލުމަށްފަހު ޒަންމަތު އޭނާގެ ވާހަކަ މެދުކަނޑާލިއެވެ. ”އަހަރެން ބޭނުމެއް ނޫން ހަޔާގެ ދިރިއުޅުމުގެ ބާކީ ތި ހުރި ދުވަސްތައް ޝަމްވީލުގެ އިންތިޒާރުގައި ބޭކާރުވެގެން ދާކަށް. އަހަރެންނަށް އެނގެނީ ހަޔާއަށް ޝަމްވީލަށްވުރެ މާ ރަނގަޅު މީހުން ވާނެކަން.”

ހަޔާތުގެ ދެލޮލުން ކަރުނައަކަށްފަހު ކަރުނައެއް ވެއްޓެމުން ދިޔައެވެ. އެހިތުގައި ލެވިފައި އިން ފާރުގަނޑު ބޮޑުވިފަދައެވެ.

”ޒަންމަ. އަހަރެންނަކަށް ތިކަމެއް ނުވާނެ. އަހަރެން ޝަމްވީލްދެކެ ވަރަށް ލޯބިވޭ. ވަރަށް ވަރަށް ބޮޑަށް.” ހަޔާތު އޭނާގެ ހިތުގެ ހާލު އިއްވާލުމަށްފަހު ދޮރާ ދިމާލަށް އެނބުރިލިއެވެ. އެވަގުތު ކުރިމަތީގައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި މީހާ ފެނުމުން އޭނާގެ ހިތް ބާރަކަށް ތެޅިގަތެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އެކުއްޖާ 2 – 39

Next

އައިނާ (3) 2

Next
June 19, 2021

އައިނާ (3) 2

Previews
June 19, 2021

އެކުއްޖާ 2 – 39

One Comment

  1. Nafu says:
    June 19, 2021 at 1:18 pm

    Salaam hurihaa kudhinnah..
    Unmeedhu kurany LOABIVEVUMUN mi vaahaka vs kiyuntherinnah kamudhaane kamah.. mi vaahakaige part thah genesdhevigen dhaany tuesday, thursday and saturday ga..
    Vaahakaige kusheh nuvatha kiyan undhagoovaa kameh huri nama comment akun alhugandah ekan angaaladhy..
    Have a nice day?

Comments are closed.

Next Episodeލޯބިވެވުމުން 3←


All Right Reserved!