ގޭތެރެއަށް ވަދެފައި ނަޞްރާއަށް ކުރާނެ ވަކި ކަމެއް ނުވިސްނުނެވެ. އަންނައުނު ފޮށިން ނަގާނީއޭ ހިތަށްއެރިއެއްކަމަކު އެކަން ކުރެވޭ ވަރަށްވުރެ ވަރު ބައްޔެވެ. ބައްޕައާއި އަފްރީން ނާންނަނީސް ނިދާކަށް ބޭނުމެއް ނުވިއެވެ. ނަޞްރާ ވަރުބަލި ގޮތަކަށް ސޯފާއަށް ވެއްޓިގަތެވެ. ނިދަން ބޭނުން ނުވިއެއްކަމަކު ދެލޯ މަރާލިތާ މާގިނައިރެއްނުވެ ނަޞްރާއަށް ނިދުނެވެ.
ނަޞްރާއަށް ހޭލެވުނީ އަފްރީންއާއެކީ ގެއަށް އައި ޝަރީފް އޭނައަށް ގޮވާލުމުންނެވެ. ނަޞްރާއަށް ލުއްކެއްޖަހައި ތެދުވެވުނީ އޭނައަށް ނިދުނުކަން ޤަބޫލުނުކުރެވިފައިވާ ޙާލުގައެވެ. ނަޞްރާއަށް ވީގޮތުން ޝަރީފާއި އަފްރީންވެސް އޭނައާއި ދިމާލަށް ހޭންފެށިއެވެ. ނަޞްރާވެސް ހީލަމުން އެންމެނަށް ކާން ހަދަން އަވަސްވެގަތެވެ.
ސުފުރާ ދޮށުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. އަފްރީންއާއި ޝަރީފް ހިމޭންކަމާއެކީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު ނަޞްރާ އޭނަގެ ދެލޯ ހުޅުވައިގެން ހުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އަފްރީން ވެސް އަވަސްއަވަހަށް ކައި ނިންމާލަމުން ކެއި ތަށިވެސް ނުދޮވެ ދިޔައީ ނަޞްރާގާތު ދޮވެދިނުމަށް އެދިފައެވެ. ޝަރީފް އެކަން މަނާކުރަން އުޅުމުން ނަޞްރާ ހިނިތުންވުމަކާއެކީ އެއީ ކަމެއްނޫނޭ ބުނެލިއެވެ. އަފްރީން ލޯ މައްޗަށް ގެއްލުމާއެކު ނަޞްރާ ތަށިތައް ނަގަން ފެށުމުން ޝަރީފް ވާހަކަ ދެއްކިއެވެ.
“ނަޞްރާ، މިރޭ އަދި ނަޞްރާގެ ކައިވެނީގެ ވާހަކަ ދެކެވުނަސް ބައްޕަމެން ނުއުޅެން އިނގޭ އަވަސްއަރުވާލައިގެން އެކަން ކުރާކަށް. ކުރިއަށް އޮތް ދެ ހަފްތާއަށްފަހު ދެން އޮތީ ރަމަޟާން މަސް. ރަމަޟާން މަހަށްފަހު ދޮންބެވެސް މިކޮޅަށް އައިމަ އެކަންތަކާ އުޅޭނީ. އެންމެ ރަނގަޅުތަ؟” ޝަރީފް ބުނެލިއެވެ. ނަޞްރާ ހިނިތުންވުމަކާއެކީ ލުއި ގޮތަކަށް ބޯޖަހާލިއެވެ. އޭނައަށް ހިތާހިތުން ޝުކުރުކޮއްލެވުނީ އޭނަ އެންމެ ބޭނުންވާ ގޮތަށް ކަންތައްވުމުންނެވެ. އޭނަ އަފްރާޒްގާތު ތައްޔާރޭ ބުންޏަސް އޭނަ ޙަޤީޤަތުގައި ތައްޔާރުވާން ވަގުތު ބޭނުންވެއެވެ. ޝަރީފް ދިޔުމުން ނަޞްރާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ ތަށިތައް ދޮވެ ނިންމާލުމަށްފަހު ނިދާލަން ދިޔައެވެ..
އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށް ނަޞްރާއަށް ހޭލެވުނީ ފަހެއް ޖެހިއިރު ފޯނު އެލާމްވުމުންނެވެ. އޭނަ ނަމާދުކުރަން އުޅެފަވެސް ކޮޓަރިން ނިކުމެގެން ދިޔައީ އަފްރީންއާއި ޝަރީފް ތެދުވުނުތޯ ބެލުމަށެވެ. ނަޞްރާ ނިކުތް ވަގުތަކީ ޝަރީފް މިސްކިތަށްދާން ގެއިން ނިކުތް ވަގުތެވެ. ނަޞްރާ އެ މަންޒަރު ބަލަން ހުރެފައި ޖެހިގެން ހުރި އަފްރީންގެ ކޮޓަރިއަށް ވަނެވެ. އޭރު އަފްރީން އޮތީ އޭނަގެ ބޮޑު އެނދުގައި ކުރުގެޅިލައިގެން ގަދައަށް ނިދާށެވެ. ނަޞްރާ އަފްރީންއަށް ގޮވައި ގަދަކަމުން ތެދުކުރުވިއެވެ. އަދި ފަތިސް ނަމާދުކުރީ އަފްރީން ވުޟޫކޮށްގެން އައުމުން ހަމަ އޭނައާއެކީގައެވެ. އެއަށްފަހު ރެއެކޭވެސް އެއްގޮތަށް ނަމާދުކުރުމާ ބެހޭގޮތުން އަފްރީންއަށް ނަޞޭޙަތްތެރިވިއެވެ. ނަމަވެސް އަފްރީން އޭގެއިން އެއްވެސް ނަޞޭޙަތެއް އަޑުއަހާހެނެއް ހިއެއްނުވެއެވެ. އޭނަގެ ދެލޯ އޭރުވެސް ރަނގަޅަކަށް ނުހުޅުވެއެވެ. އެންމެފަހުން މިކުރެވެނީ ފޫނެތް ފަޔަށް ފެންފުރުން ފަދަ ކަމެއްކަން އިޙުޞާޞް ކުރެވުމުން ނަޞްރާ އަފްރީންގާތު ދެން ދިޔަޔަސް މައްސަލައެއްނެތޭ ބުންޏެވެ. ހަމަ އެއާއެކު އަފްރީން މުސައްލަވެސް އޮތް ގޮތަށް ބާއްވާފައި ދުވެފައި ގޮސް އެނދުމައްޗަށް ބަންޑުންވެގަތެވެ. ނަޞްރާއަށް ފުން ނޭވައެއް ދޫކޮއްލަމުން ބޯހޫރުވާލެވުނެވެ. މިއަދަކީ ހުކުރު ދުވަހަށްވުމުން ނަޞްރާ ދެން އަފްރީން ތެދުކުރާކަށް ނުއުޅުނެވެ. ނަޞްރާ އަފްރީންގެ ދޮޅި ފަށްޖަހައި މުސައްލަ އޮޅާލަމުން އޭނަގެ މުސައްލަވެސް އޮޅާލިއެވެ. ނަޞްރާ އޭނަގެ މުސައްލަ ހިފައިގެން އަނެއްކާވެސް އޭނަގެ ކޮޓަރިއަށް ދިޔައެވެ. ކޮޓަރީގެ އެނދުކައިރީގައި ހުޅުވާފައި ހުރި ހެދުން ފޮށި ފެނިފައި ނަޞްރާ އެންމެ ފުރަތަމަ ކަމަކަށް ބެލީ އޭނަގެ ހެދުންތައް ހަމައަކަށް އެޅޭތޯއެވެ. އޭނަ އެ މަސައްކަތުން ނިމުނުތަނާހެން ޝަރީފް އައިސް ގެއަށް ވަތްއަޑު އިވުނެވެ.
“ބައްޕާ، ސައި ހަދައިދެންތަ؟” ކޮޓަރީގެ ދޮރުކައިރީ ހުރެ ގެއަށް ވަންނަމުން އައި ޝަރީފާއި ނަޞްރާ ސުވާލުކުރިއެވެ.
“ކޮފީއެއް.” ޝަރީފް ހިނިތުންވުމަކާއެކީ ބުނެލިއެވެ. ނަޞްރާވެސް ޝަރީފަށް ހިނިތުންވުމެއް ހަދިޔާކޮއްލަމުން ބަދިގެއަށް މިޞްރާބު ޖެހިއެވެ.
ނަޞްރާ ކޮފީތަށި ހިފައިގެން ކާގެއަށް ދިޔައިރު ޝަރީފް ލެޕްޓޮޕް ހުޅުވައިގެން ސުފުރާގެ އެންމެ ކޮޅުގައި ހުރި ގޮނޑީގައި އިނެވެ. ނަޞްރާ ގޮސް ކޮފީތަށި ސުފުރާ މަތީގައި ބެހެއްޓުމުން ޝަރީފް ނަޞްރާއަށް ބަލާލިއެވެ.
“ޝުކުރިއްޔާ…އަނހަ، ޖަޒާކައް ﷲ ޚައިރަން.” ޝަރީފް ހެވިފައިހުރެ ބުނެލިއެވެ. ޝަރީފް އެހެން ބުނެލި ގޮތުން ނަޞްރާއަށް ހީލެވުނެވެ.
“ކިހިނެއްވީ؟ ޞާލިޙު ކުދިންނާ ވާހަކަ ދައްކަންވެސްވާނީ ޞާލިޙު ގޮތަކަށްނު؟ އެކަމަކު ދޮންބެ އައިމަ ދެމީހުން ހުސް ޢަރަބިން ވާހަކަ ދައްކަން ނުފަށައްޗޭ އިނގޭ. ބައްޕައާއި އަފޫ ތިބެންވާނީ ވާވަދެފަ އޭރުން.” ޝަރީފް ކޮފީ ތަށި ނަގަމުން ސަމާސާއެއްކޮއްލިއެވެ. ނަޞްރާ އެއަށްވެސް ހީލާފައި ދާން އުޅުމުން ޝަރީފް ގޮވާލިއެވެ.
“ނަޞްރާ އަދި ކުޑައިރުކޮޅަކު ބައްޕައާ ވާހަކަ ދައްކަން މިތާ ހުރެބަލަ. އަދި އައިފަހުން އެހާ ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެއްނު؟ ކަމަކުތަ ތި އުޅެނީ؟” ޝަރީފް އަހާލިއެވެ. ނަޞްރާ އަނެއްކާވެސް ޝަރީފާއިވީ ފަރާތަށް އެނބުރިލިއެވެ. އަދި ލުއި ހިނިތުންވުމަކާއެކީ ނޫނެކޭ ބުނެލަމުން ޝަރީފްގެ ކައިރީގައި ހުރި ގޮނޑި ދަމައި އޭގައި އިށީނެވެ.
“ކޮބާ؟ މިހާރު ކިޔެވުން ވެސް ނިމުނީދޯ؟ ކޮންތަނަކަށްތަ ވަޒީފާއަށް ދާން ބޭނުންވަނީ؟” ޝަރީފް ސުވާލުކުރިއެވެ.
“އަޅުގަނޑު ބޭނުންވަނީ މި ރަށު ސްކޫލަށްދާން.” ނަޞްރާ ޖަވާބުދިނެވެ.
“މި ރަ..ށު…..އާނ ބައްޕަ އަޑުއެހިން ކުރީ ދުވަހު މި ރަށު ސްކޫލަށް އިސްލާމް ޓީޗަރަކު ބޭނުންވާ ވާހަކަ. ހާދަ ރަނގަޅު ވަގުތަކަށޭދޯ ހަމަ އެ މަޤާމަށް ބޭނުންވެފަ އެއޮތީވެސް؟” ޝަރީފް ބުނެލިއެވެ.
“އަލްޙަމްދުލި ﷲ. އެއީ ހަމަ ނަސީބު. ކޮން ގްރޭޑަކަށް ބޭނުންވާ ޓީޗަރެއްތޯ؟” ނަޞްރާ އަހާލިއެވެ.
“ގްރޭޑް…ހަތެއްކަށް ކަންނޭނގެ. ނަޞްރާއަށް ބެލޭނެތަ އެހާވަރުގެ ކުދިން؟” ޝަރީފް އެކުވެރިއެއް ފަދައިން ނަޞްރާއާއި ސުވާލުކުރިއެވެ.
“ކީއްވެ ނުބެލެންވީ؟” ނަޞްރާ ޒާތަކަށް ހެވިފައި އިނދެ ބުނެލިއެވެ.
“ބައްޕައަށް މިހާރުވެސް ޚިޔާލު އެބަކުރެވޭ ނަޞްރާ ކްލާހުގެ މެދުގައި ބޯފަޅައިގެން ދާވަރުވެފަ ހުރިތަން އެމީހުން ކޮންޓްރޯލް ނުކުރެވިގެން.” ޝަރީފް ބުނެލިއެވެ. ނަޞްރާއަށް މިފަހަރު ރަނގަޅަށް ހީލެވުނެވެ. އެ ހީލުމުގެ ތެރެއިން ނަޞްރާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. މަންމަ ދުނިޔެ ދޫކޮށް ދިޔުމަށްފަހުވެސް ބައްޕަގެ ސަކަ މިޒާޖު އަދިވެސް ނުގެއްލޭކަން އިޙުޞާޞް ކުރެވުމުންނެވެ.
“ހެހެހެހެ….ދެން އެނގިދާނެތާދޯ؟ ކޮންޓްރޯލް ނުކުރެވުނިއްޔާ ވަޒީފާއިން ކެނޑިގެން ގެއަށް އައިސްދާނަން.” ނަޞްރާވެސް ޝަރީފްގެ ވާހަކައާއި އެއްބައިވިއެވެ.
“ހެހެ….ސައުދީގަ ދޮންބެމެން ނަޞްރާ ރަނގަޅަށް ބެލިތަ؟ ސަދަފްއަކީ ވަރަށް ރަނގަޅު ކުއްޖެއްދޯ؟” ޝަރީފް މައުޟޫއު ބަދަލުކޮށްލިއެވެ.
“އާނ….ސަދަފް ވަރަށް ރަނގަޅު. އެއީ ދޮންބެއަށް ލިބިފަހުރި ނަސީބެއް. އެނގޭތަ؟ ސަދަފް އަޅުގަނޑަށް ސައުދީގެ ބައެއް އެއްޗެހިވެސް ކައްކަން ދަސްކޮއްދިން.” ނަޞްރާ އުޖާލާވެފައިވާ މޫނަކާއެކީ ވާހަކަ ދެއްކިއެވެ. އޭނަ ސަދަފްއާ ހަމަ ސަދަފްގެ ނަމުން މުޚާތަބު ކުރަނީ، ނަޞްރާގެ ނަޒަރުގައި ސަދަފްއަކީ އޭނަގެ ފަހަރިއަށްވުރެ ބޮޑަށް އޭނަގެ އެކުވެރިއަކަށްވާތީވެއެވެ.
“އެހެންތަ؟ އެހެންވިއްޔާ ވާނެ އިނގޭ އެއްދުވަހު ނަޞްރާވެސް މިގޭގަ އޭގެ ޑިޝްއެއް ތައްޔާރުކޮއްލަން؟” ޝަރީފް އެހެން ބުނެލަމުން ހީލިއެވެ. ނަޞްރާއަށްވެސް ހީލެވުނެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަނެއްކާވެސް ޝަރީފް ވާހަކަ ދެއްކިއެވެ.
“ދޮންބެ އެ އުޅެނީ ވަރަށް ހަމަޖެހޭ ޒަވާޖީ ޙަޔާތެއްދޯ؟” ޝަރީފް ދޯދިނެވެ. ނަޞްރާ ތުންފިއްތައިގެން އިނދެ ބޯޖަހާލަމުން ހޫނލައްވާލިއެވެ.
“ނަޞްރާވެސް ވާނެ އިނގޭ ހަމަ އެފަދަ ޒަވާޖީ ޙަޔާތެއް ބިނާކުރަން؟” ޝަރީފް ނަޞްރާއަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު ނަޞްރާގެ މޫނު މިލައިގެން ދިޔައެވެ. އޭނަ އިރުކޮޅަކު ބަލަހައްޓައިގެން އިނދެފައި އިސްޖަހާލިއެވެ. ޝަރީފަށް ނަޞްރާއަށް އައި ބަދަލުތައް ފާހަނގަ ކުރެވުނެވެ. އޭނަ އެއްޗެކޭ ބުނަން ކަމަށް އަނގަ ހުޅުވާލިތަނާ ނަޞްރާ އިސްއުފުލާލަމުން ވާހަކަ ދެއްކިއެވެ.
“ބައްޕާ….ކާކާތަ އަޅުގަނޑުގެ ކައިވެނި ކުރެވޭނީ؟” ނަޞްރާ އޭނަގެ ހިތުގައި އުފެދުނު ސުވާލުކޮށްލިއެވެ.
“ކާކާކަން ނިންމާނީ ހަމަ ނަޞްރާ. ބައްޕައާއި ދޮންބެވެގެން ކުއްޖަކު ހޮވައިފިން. އެކުއްޖާއާއި ނަޞްރާ ވާހަކަ ދައްކައިގެން ނަޞްރާއަށް ކަމުދިޔައިއްޔާ ކައިވެނި ކުރެވޭނީ. އެހެންނޫނީ ބައްޕަމެން ހޯދާނީ އެހެން ކުއްޖަކު. ބައްޕަ އޮފީހުގަ މަސައްކަތް ކުރާ ހަމީދުވެސް ބުނި ނަޞްރާއާ އޭނަގެ ދަރިފުޅާމެދު ދެކެނީ ކިހިނެއްހޭ. ދެން ބައްޕަ ބުނިން އެހެންކުއްޖަކާ ވާހަކަ ދައްކައިގެންނޭ މިއުޅެނީ.” ޝަރީފްގެ ވާހަކަ މުޅިންހެން ނުނިމެނީސް ނަޞްރާ ވާހަކަ ދެއްކިއެވެ.
“ބައްޕާ…..އެއީ ކޮންމެ މީހަކަށް ވިޔަސް، އޭނައަށް އެނގެންވާނެ…..އަހަންނަކީ ކާކުކަން.” ނަޞްރާ އޭނަގެ އެންމެ ފަހު ދެބަސް ބުނެލީ ފުން މާނަތަކެއް އެކުލެވޭ ގޮތަކަށެވެ. ޝަރީފް ފުން ނޭވައެއް ދޫކޮއްލިއެވެ.
“ނަޞްރާ ބޭނުންގޮތެއް.” ޝަރީފް ބޯޖަހާލަމުން އެހެން ބުނެލީ ވަރަށް ސީރިއަސްކަމާއިއެކީގައެވެ.
“އައްސަލާމުޢަލައިކުމް.” ބޭރުން އައި ޝަކީލާގެ އަޑަށް ޝަރީފާއި ނަޞްރާއާއި ޝަރީފްގެ ނަޒަރުވެސް އަޑުއައި ދިމާލަށް ދަތުރުކުރިއެވެ.
“ވަޢަލައިކުމުއްސަލާމް ދައްތާ…” ނަޞްރާ ބާރަށް ގޮވާލިއިރު ޝަރީފްވެސް މަޑުމަޑުން ސަލާމުގެ ޖަވާބު ދިނެވެ. ނަޞްރާ ޝަރީފަށް ބަލާލީ ތިމަންނަދަނީއޭ ބުނާ ފަދަ ގޮތަކަށެވެ. ޝަރީފް ނަޞްރާގާތު ދިޔުމަށް ބޮލުން ޢިޝާރާތް ކުރަމުން އަމިއްލަ މަސައްކަތާއި މަޝްޣޫލުވިއެވެ. ނަޞްރާ ތެދުވެގެން ގޮސް ކާގޭގެ ދޮރުން ބޯދިކޮއްލިއިރު ގޭގެ ހުޅުވާލެވިފައިވާ މައިދޮރު ކައިރީގައި ހުރި ޝަކީލާ ފެނުނެވެ. އެއާއެކު ދެމީހުންނަށް ވެސް ހިނިތުންވެލެވުނެވެ.
“ނަޞްރާ ދަރިފުޅު ކިހިނެއްތަ؟” ޝަކީލާ ނަޞްރާގެ ގާތަށް ގޮސް ނަޞްރާގެ ކޯތާފަތުގައި ފިރުމާލަމުން އަހާލިއެވެ.
“އަލްޙަމްދުލި ﷲ، ވަރަށް ރަނގަޅު.” ނަޞްރާ ޖަވާބުދިނެވެ.
“ބައްޕަ ކޮބައިތަ؟” ޝަކީލާ ގޭގެތެރެ ހޯދަމުން ކަހަލަ ގޮތަކަށް އަހާލިއެވެ.
“ބައްޕަ އެބަހުރި ކާގޭގަ.” ނަޞްރާ ބުނެލިއެވެ.
“އެހެންތަ؟ މީ….ނަޞްރާ ތިއުޅެނީ އަދި މިއަދު އެއްވެސް ކަމަކާ ނުއުޅެވިގެންދޯ؟ މިހެން ބުނަން މިޖެހުނީ އަދި އެތާ ކުނިވެސް ނުކަހާ އޮންނާތީ.” ޝަކީލާ ބޭރަށް ޢިޝާރާތް ކޮއްލަމުން ބުނެލިއެވެ.
“އޮހް….އާނ.” މައިދޮރުން ބޭރު ބަލާފައި ނަޞްރާއަށް އެއްއަތުން ނިތުގައި ހިފަހައްޓާލެވުނެވެ. އެއީ ވެސް އަދި އޮތްކަމެއްކަން ނަޞްރާއަށް އެނގުނީ ބޭރުގައި އޮތް ތަޅުންގަނޑު ހިކި ފަތްތަކުން ފުރިފައި އޮތްތަން ފެނިފައެވެ.
“ހެހެ….ތިހާވަރަށް ކަންބޮޑުނުވޭ. ދައްތަ މިއައީ ނަޞްރާއަށް އެހީވާންވެގެންނޭ. މިއަދު ދައްތަ ގޭގަ ކުރަންޖެހޭ ކަމެއްނޯންނާނެ. ހުކުރު ދުވަސްވީމަ އެންމެން ގޭގަ ތިބޭނެ. ހުކުރު ދުވަހަކީ ދައްތަގެވެސް ޗުއްޓީ ދުވަސް.” ޝަކީލާ ބުނެލިއެވެ.
އޭނަ ހުކުރު ދުވަސް އޭނަގެ ޗުއްޓީއެއްގެ ގޮތުގައި ސިފަކުރީ ހަމަ ރަނގަޅަށެވެ. ބަލަންޖެހޭ އެހާ ކުޑަ ދަރިފުޅެއް އޭނަގެ މިހާރަކުއެއްނެތެވެ. އޭނަގެ ދެ ކުދިންވެސް އުޅެނީ މީހުންނާ އިނދެގެންނެވެ. ޗުއްޓީ ނޫން ދުވަސްތަކުގައި އޭނަ ބަލަންޖެހެނީ އޭނަގެ މާމަ ދަރިންނެވެ. އެއީ އެމީހުންގެ މަންމައިން ވަޒީފާއަށް ގޮއްސަ ތިބޭތީވެއެވެ. ނަމަވެސް ހުކުރު ދުވަހު އެންމެން ގޭގަ ތިބުމުން ޝަކީލާގެ ދެ އަންހެން ކުދިން އޭނައަށް އެއްވެސް ކަމެއް ކުރާކަށް ނުޖައްސައެވެ.
“ހެހެހެ….އެހެންވިއްޔާ ހިނގާ. ދެމީހުން އެކީގަ މަސައްކަތް ކުރީމަ އަވަހަށް ނިމިދާނެއެއްނު؟” ނަޞްރާ އެހެން ބުނެލަމުން ޝަކީލާއާއެކީ ކުރިއަށް ދާން އުޅެފަވެސް އަނގަމަތީގައި އެއްއަތް އަޅާލަމުން ކުއްލިއަކަށް ހުއްޓިލިއެވެ. އޭނައަށް ހުރެވުނީ އާދައިގެ ބުރުގާއަކާއެކު އާދައިގެ ހެދުމެއް އަޅައިގެންކަން އޭނަ ހަނދާންވީއެވެ. ޝަކީލާ ކިހިނެއްވީހޭ އަހާލުމުން ނަޞްރާ ލުއި ހީލުމަކާއެކީ ހެދުން ބަދަލުކޮށްގެން އެބައަންނަމޭ ބުނެލިއެވެ. ޝަކީލާވެސް ލުއި ގޮތަކަށް ހީލާފައި ހޫންލައްވާލަމުން އަނެއްކާވެސް އޭނަގެ މިޞްރާބު ހުރި ދިމާލަށް ދިޔައެވެ.
ނަޞްރާ މޫނު ނިވާކޮށްގެން ގޮސް ފެންޑާއަށް ނިކުތްއިރު ޝަކީލާ ހިކި ފަތްތަކުން ކުނިއަތްގަނޑު ފުރާލަނީއެވެ. އޭރުވެސް ކުނިތައް މަދުވީހެނެއް އެތަނަށް ބަލާލުމުން ހިއެއްނުވެއެވެ. ނަޞްރާ ފެނުމުން ޝަކީލާ ކުނި އަތްގަނޑު ދިއްކޮށްލަމުން އެ ކުނި އެތާހުރި ގޯނިއަކަށް އަޅައިދިނުމަށް އެދުނެވެ. ނަޞްރާ ޝަކީލާ ބުނި ގޮތަށް ގޭގެ ގޭޓު ކައިރީގައި ހުރި ގޯނިއަށް ކުނި އަތްގަނޑު ހުސްކޮއްލިއެވެ. އެއަށްފަހު އަނެއްކާވެސް ޝަކީލާގެ ކައިރީގައި އަތްގަނޑު ބަހައްޓަމުން އޭނަގެ އަތަށް އިލޮށިފަތި ދިނުމަށް އެދުނެވެ. ނަޞްރާ ހީކުރި ގޮތާއި ޚިލާފަށް އިލޮށިފަތިން ކުނިކެހުމަކީ އެހާ ފަސޭހަކަމަކަށް ނުވިއެވެ. އޭނަ ދުވަހަކުވެސް މިނޫނީ އިލޮށިފައްޗަކުން ކުނިކަހާފައެއް ނުވެއެވެ. ނަޞްރާ ނުފަރިތަ ގޮތަކަށް އިލޮށިފަތި ތަޅުންގަނޑު މަތީގައި ހާކަމުން ދިޔަ ގޮތުން ޝަކީލާގެ ގާތަށް ހިނިއައެވެ. އޭނަ ނަޞްރާގެ އަތުން އިލޮށިފަތި ހޯދައި އިލޮށިފަތި ހިފަންވީ ގޮތާއި ކުނިކަހަން ވީގޮތް ދައްކައި ކިޔައިދިނެވެ. އޭނަ ކޮންމެ ފަހަރަކު ކުނި އަތްގަނޑު ފުރާފައި އޭތި ގޯންޏަށް ހުސްކޮށްލުމަށް އެދެނީ ނަޞްރާގާތުއެވެ. މަސައްކަތުގެ ތެރެއިން ބުޅާ ކުނީގެ ކައިރިއަށް އަންނައިރަށް ޝަކީލާ އެސޮރަށް އިލޮށިފަތިން ބިރުދައްކައި ފައްސާލައެވެ. ޝަކީލާ ބުޅަލަށް ކުދިކިޔަމުން ދިޔަ ގޮތުން ނަޞްރާ ހެވެމުންދިޔައެވެ. މިގޮތަށް ދަމުން ގޮސް ޝަކީލާ އެންމެ ފަހުގެ ކުނިތައް އަޅާފައި ކުނިއަތްގަނޑު ނަޞްރާއަށް ދިއްކޮއްލިއެވެ.
“މީތި ގޮސް އަޅާލާފަ އާދޭ….ދައްތަ މިދަނީ ނާސްތާ ތައްޔާރުކުރަ….” ޝަކީލާގެ ވާހަކަ ފުރިހަމަ ނުވަނީސް ނަޞްރާ ވާހަކަ ދެއްކިއެވެ.
“ނޫން ދައްތާ އަޅުގަނޑު…..” ޝަކީލާވެސް ނަޞްރާގެ ވާހަކަ ފުރިހަމަވިޔަކަ ނުދިނެވެ.
“އެއީ ކަމެއްނޫނޭ ނަޞްރާ. ނަޞްރާވެސް އާދޭ ދައްތައަށް އެހީވެދޭން އިނގޭ.” ޝަކީލާ ނަޞްރާއަށް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮއްލަމުން ދާން ހިނގައިގަތެވެ. ނަޞްރާ ޝަކީލާއަށް ބަލަން ހުރެފައި އަތްގަނޑު ހިފައިގެން ގޯނި ކައިރިއަށް ގޮސް އެ ފަތްތައް ގޯނި ތެރެއަށް ހުސްކޮއްލިއެވެ. އެވަގުތު އޭނައަށް ކުޑަ ފިރިހެން ކުއްޖެއްގެ ހުނުމުގެ އަޑު މަގާއި ދިމާލުން އިވުނެވެ. އެ އަޑުގައިވި މައުސޫމްކަމެއްގެ ސަބަބުން އެއީ ކޮން ކުއްޖެއްތޯ ބަލާލުމުގެ ޝައުޤު ނަޞްރާގެ ހިތުގައި އުފެދުނެވެ. އެހެންކަމުން ނަޞްރާ އޭނަ ހިފަހައްޓައިގެން ހުރި އަތްގަނޑު ބިންމަތީގައި ބަހައްޓާފައި ގޭގެ ގޭޓު ކުރިމަތީގައި ހުއްޓި ވާތް ފަރާތަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ނަޞްރާމެންގެ ގެއާއި ޖެހިގެން ހުރި ގޭގެ ކުރިމަތީގައި، ހަތް އަހަރަށްދާ ކުޑަ ފިރިހެން ކުއްޖަކު ފުއްޕާހަމަކާ ކުޅެމުން ދިޔަތަން ނަޞްރާއަށް ފެނުނެވެ. އެކުއްޖާ އޭތި މައްޗަށް އުދުއްސައި ހިފަމުން ގޮސް އެންމެ ފަހަކަށް އޭގެ ހައްޔަރުކޮށްފައިވާ ފަށުގައި ހިފައި ވަށްބުރަކަށް ދުވަންފެށިއެވެ.
“އަބާން! ވަދޭ އެތެރެއަށް. ބައްޕިގާތު ބުނާނަން ދެން އެއްވެސް އެއްޗެއް ހޯދައިނުދޭށޭ.” ނަޞްރާގެ އަވަށްޓެރި ގެއިން އަންހެނެއްގެ އަޑުއައެވެ. އެވާނީ ހަމަ ޔަޤީނުންވެސް އެކުއްޖާގެ މަންމައަށޭ އެވަގުތު ހެވިފައިހުރި ނަޞްރާގެ ހިތަށް އެރިއެވެ. އެ އަންހެން މީހާގެ އަޑާއިއެކު އިލޮށިފަތިން ކުނިކަހާއަޑު އިވުމުން އެމީހަކު ކުނިކަހަން ހުރިކަން ނަޞްރާއަށް ސިފަކުރެވުނެވެ. މަގުމަތީގައި ދުވަމުން ދިޔަ ކުއްޖާއަށް އެއަޑު އިވުނުހެނެއް ހިއެއްނުވެއެވެ. އޭނަ ހަމަ އެއްވެސް ފަރުވާލެއްނެތި މިނިވަން ދޫންޏެއްހެން އުދުހެމުން ދިޔައީ ކަހަލައެވެ. ވަގުތަކީ ވަރަށް ހެނދުނުގެ ވަގުތަށްވުމުން މަގުމަތި ހިމޭންކޮށް އޮތީތީ އެކުއްޖާއަށް އެގޮތުންވެސް މާބޮޑު ހުރަހެއްނެތެވެ.
“ޔޫންބެ ބަލާ!” ނަޞްރާ ދާން ޚިޔާލުކޮއްލި ވަގުތު އަބާންގެ އަޑަށް ނަޞްރާއަށް މަޑުކޮއްލެވުނެވެ. އަބާން އޭނަގެ ފުއްޕާހަން ތިރިން މައްޗަށް ހަލުވަމުން ބަލަހައްޓައިގެން ހުރީ އަބާންގެ ގެއާއި ސީދާ ކުރިމައްޗަށް ހުރި ގެއަށެވެ. ނަޞްރާއަށް އެގެއާއި ދިމާލަށް ބޭއިޚްތިޔާރުގައި ބަލާލެވުނެވެ. އެވަގުތު ނަޞްރާ ހިސާބަކަށް ހުއްޓުން އެރިއެވެ. އެތާހުރި އާދައިގެ ކުޑަކުޑަ ގޭގެ ވަށައިގެން ހުރި ތިރި ފާރަށް ދެއަތް އަރުވައިގެން އެހެރީ ނުހަނު ރީތި ޒުވާނެކެވެ. އެއީ ރޭގަ ނަޞްރާއަށް ފެނުނު ޒުވާނާހެން އޭނައަށް ހީވިއެވެ. އެޒުވާނާ ހުރީ އޭނަގެ ޖާދުވީ ހިނިތުންވުމާއެކީ އަބާންއަށް ބަލަހައްޓައިގެންނެވެ. އެ ހިނިތުންވުން ފެނިފައި ނަޞްރާއަށް ނޭނގޭ އުދަގޫތަކެއްވިއެވެ.
އާޗާ! ކޮއްކޮއަށް ކާކު ދިން އެއްޗެއް؟” އެޒުވާނާގެ ބަރު އަޑުގައި ޖޯޝެއް އެކުލެވިގެންވިޔަސް މަޑުމައިތިރިކަމެއްވިއެވެ. އެ އަޑު އިވުމުން އެއީ ރޭ ނަޞްރާމެންގެ ގެއަށް އައި ޒުވާނާކަން ނަޞްރާއަށް ޔަޤީންކުރެވުނެވެ.
“ބައްޕި…” އަބާން އެ ފުއްޕާހަމުގެ ފަށް ހަލުވަމުން މަޖާވެލާފައި ބުނެލިއެވެ.
“ރޭއްސުރެ އެއާއިގެން އެއުޅެނީ. ކުޅޭހިތުން ނުވެސް ނިދޭ.” ނަޞްރާއަށް އަނެއްކާވެސް އަބާންގެ ގެއިން އޭނަގެ މަންމަގެ އަޑު، ފަނޑު ގޮތަކަށް އިވުނެވެ. އެޒުވާނާ އެއަޑުއަހާފައި ދެލޯ މަރާލަމުން ހީލިއެވެ. އޭނަ ހުނުމުގެ ތެރެއިން ގޮސް ދެލޯ ހުޅުވާލިއިރު ބަލަހައްޓައިގެން ހުރެވުނީ ސީދާ ނަޞްރާއާއި ދިމާލަށެވެ. ނަޞްރާއަށް ހިނދުކޮޅަކަށް ހީވީ ހުވަފެނެއްގައި ހުރެވުނީހެންނެވެ. އޭނައަށް ދުރުބަލާކަށް ނޭނގުނެވެ. އެޒުވާނާވެސް ހުއްޓުން އަރާފައި ކަހަލަ ގޮތަކަށް ހުރީއެވެ. ނަމަވެސް އެ ހުވަފެން މާގިނައިރެއްނުވެ ވިއްސިވިހާލިވެގެން ދިޔައީ އަބާންގެ ފުއްޕާހަން ފެޅުނު އަޑަށެވެ. އެއާއެކު ދެމީހުންގެ ނަޒަރުވެސް ވަކިވެގެން ރޯންފެށި އަބާންއަށް އަމާޒުވިއެވެ.
“ނަޞްރާ!” ގޭގެތެރެއިން ޝަކީލާ ގޮވާލިއަޑަށް ނަޞްރާއަށް މަންޒަރު ބަލާކަށް ނުހުރެވުނެވެ. ނަޞްރާ ލައްބައޭ ކިޔައި ފަސްއެނބުރިލީއިރު އޭނައަށް ލޮލުގެ ކޮޅުން އެއްކަލަ ޒުވާނާ ގެއިން ނިކުންނަން ދިޔަތަން ފެނުނެވެ. ނަމަވެސް ނަޞްރާ މަޑުކުރާކަހަލަ ޚިޔާލެއް ނުކުރިއެވެ. އޭނަ ގެއަށް ވަންނަން ދިޔައެވެ..
ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި ނަޞްރާއަށް އެހީވެދިނުމަށްފަހު، ނަޞްރާގެ އެދުމުގެ މަތިން ޝަކީލާ ގެއަށް ދިޔައެވެ. ނަޞްރާ ތައްޔާރުކުރެވުނު ތަކެތި ސުފުރާ މައްޗަށް އަރުވަން ހުއްޓާ އަފްރީން އާފުރަމުން ކާގޭގެ ތެރެއަށްވަނެވެ. އޭނަ ހުރީ އެނދުން ތެދުވުނު ގޮތަށް ބޯހޭވިފައި، އަތްކުރު ޓީޝާޓަކާއި ބޮޑު ހަރުވާޅެއްގައެވެ.
“އައްދެ! ހާދަ އަވަހަކަށް ތި ހޭފުޅުލެއްވީ؟” ނަޞްރާ އަހާލިއެވެ. އޭރު އަފްރީން ދެލޯ މެރިފައި ކަހަލަ ގޮތަކަށް ގޮސް ސުފުރާ ދޮށުގައި ހުރި ގޮނޑިއެއް ދަމައިގެން އިށީންނަނީއެވެ.
“މަޖުބޫރީ ދޮންތާ….މަޖުބޫރީ!” އަފްރީން ޑްރާމާއެއް ކުޅޭ ފަދައަކުން މޭޒުމަތީގައި ބޯއަޅައި މޭޒުމަތީގައި ގޮށްމުށުން ޖަހަމުން އެހެން ބުނެފައި ރޮނީކަމަށް ހެދުނެވެ.
“ކޮން ކަމެއްތަ މަޖުބޫރުވެގެން ތިއުޅެނީ؟” ނަޞްރާ ކުރަން އުޅުނު ސުވާލު ކާގެއަށް ވަދެގެން އައި ޝަރީފް އަހާލިއެވެ. ނަޞްރާވެސް ތެދެއްހޭ އަހާލިއެވެ.
“ސްކޫލުންދޭ ހޯމްވޯކްތަކާ އެސައިންމެންޓަކާ އެހުރިހާ ހާއްޔެއް ހަދަންޖެހިފަ ހުރީތީ މިހާ އަވަހަށް ހޭލަން މި ޖެހުނީ. މިއަދު އެހުރިހާ އެއްޗެއް ނެހެދިއްޔާ ނެހެދޭނެ. މާދަމާ އެބައޮތް ގްރޫޕް ވޯކަކަށްދާންޖެހިފަ.” އަފްރީން އަނެއްކާވެސް މޭޒުމަތީގައި ބޯއަޅައި ރޯންފެށިއެވެ. ސުފުރާދޮށުގައި އިށީން ޝަރީފް ޒާތަކަށް ހެވިފައިހުރިއިރު ނަޞްރާ ކަޅި މައްޗަށް ހިންގާލަމުން ބޯހޫރުވާލިއެވެ.
“ތިހެންވިއްޔާ ކީއްވެ ރޭގަ ދޮންބެ މެރިއޭޖެއް ކޮއްދެންހޭ އެހީމަ ނޫނެކޭ ބުނީ؟ ސްކޫލުން ކެނޑިގެން މެރީކޮއްލީމަ އެނިމުނީއެއްނު؟” ޝަރީފް އޭނަގެ އަތުކުރި އޮޅަމުން ލާނެތް ގޮތަކަށް ބުނެލިއެވެ. އަފްރީން ގިސްލަމުން ކަހަލަ ގޮތަކަށް ބޯ ނަގައި ގޮނޑީގައި ދެފައި ވަށްކޮށްގެން އިށީނެވެ.
“އެކަމަކު ކިޔެވީމަ މޮޅުވެވެން އޮތީވެސް…..ބަޓް އައި ހޭޓް ގްރޫޕް ވޯކްސް. ދާހިތެއްނުވެސްވޭ. އަފޫގެ ފައިވާންވެސް އޮތީ ހަލާކުވެފަ. ބައްޕާ އަފް…..އެއީ ދޮގު ދޮންތާ!” އަފްރީން ދެރަގޮތަކަށް ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް އުޖާލާވެގެން ދިޔަ މޫނަކާއެކީ ނަޞްރާއަށް ބަލާލިއެވެ. އިށީންނަން އުޅުނު ނަޞްރާ ޙައިރާންކަން އެކުލެވިގެންވި ގޮތަކަށް އަފްރީންއަށް ބަލާލިއެވެ.
“ދޮންތަ އަފޫއަށްދޭން ހަދިޔާ ގެނައިންދޯ؟” އަފްރީން އޭނަގެ ހުރިހާ ދަތްތައް ފެންނާނެހެން ހެވިފައި އިނދެ އަހާލިއެވެ. ނަޞްރާގެ މޫނުމައްޗަށްވެސް ހިނިތުންވުމެއް ފެތުރުނެވެ. އޭނަ މަޑުމަޑުން ބޯޖަހާލިއެވެ.
“ހިނގާ އަފޫއަށް ދައްކަން.” އަފްރީން ފޯރިއާއެކީ ގޮނޑިން ތެދުވަން އުޅުނެވެ.
“އަނހަ! ސައިބޮއިގެންދޭ.” އަފްރީން އެއްފައި ބިމުގައި ޖައްސައި އަނެއްފައި ގޮނޑިން ނުނެގިގެން އުޅެނީސް ޝަރީފް ބުނެލިއެވެ.
“ބައްޕާ ޕުލީސް!” އަފްރީން އަނގަ ވަށްކޮއްފައި ދިގުކޮށް ބުނެލިއެވެ. ޝަރީފް ދެންވެސް ހުރީ ސީރިއަސް ގޮތަކަށް ބަލަހައްޓައިގެންނެވެ.
“ބައްޕާ….ޕްލީސް.” ނަޞްރާ އެހެން ބުނެލީ އެއީ މައްސަލައެއްނޫނޭ ޢިޝާރާތް ކުރާކަހަލަ ގޮތަކަށެވެ. ޝަރީފް ނަޞްރާއަށް ބަލަހައްޓައިގެން ހުރެ ބޯޖަހާލަމުން އެންމެ ރަނގަޅޭ ބުނެލިއެވެ. ނަޞްރާ ހިނިތުންވެލަމުން އަފްރީން ގާތު އައުމަށް ބޮލުން ޢިޝާރާތް ކުރިއެވެ.
ނަޞްރާ އޭނަގެ އެނދުގައި އިނދެ ކުރިމަތީގައި ހުރި ކަރުދާސް ފޮށިގަނޑު ކަޓަރުން ކަނޑާލިއިރު އަފްރީން އޭނަގެ ކައިރީގައި އިށީނދެގެން ކެތްމަދުވެފައި އިނެވެ. ނަޞްރާ އެފޮށި ހުޅުވާލަމުން އެންމެ ފުރަތަމަ ނެގީ ސެންޓު ފުޅިއެކެވެ. އަފްރީން އަތްތިލަ ބަޑި ޖަހާފައި އޭތި ހޯދައި ވަގުތުން ވަސްބަލާލިއެވެ. ދެން ނަޞްރާ ނެގީ އައި ލައިނާއެކެވެ. އޭތިވެސް ފެނިފައި އަފްރީން އޭތި ނަޞްރާ އަތުން ޖަހައިގަނެގެން އޭގެ ބޭރު ބަލައި އޭގެ މަތި ނަގައި ތުނޑު ބަލާލިއެވެ. ސެންޓުފުޅިގޮތަށް އޭތިވެސް އެނދުމަތީގައި ބާއްވާފައި ނަޞްރާ ދެން ނަގާނެ އެއްޗަކަށް އަފްރީން އިންތިޒާރުކުރިއެވެ. ނަމަވެސް ނަޞްރާ ފޮށިތެރެއިން ތިންވަނައަށް ނެގި އެއްޗަކުން އަފްރީންގެ ހިނިތުންވުން ގެއްލުނެވެ. އެއީ ދިގުކޮށް އޮތް ކަޅުކުލައިގެ ހެދުމެކެވެ..
“ވަޓްސް ދެޓް؟ ދޮންތަ ހެދުމެއް އޮޅިގެން މި ފޮށިތެރެއަށް އެޅުނީދޯ؟” ހިސާބަކަށް ހެވިފައި އިނދެ އަފްރީން ބުނެލިއެވެ.
“ނޫން އަފޫ، މިއީ ދޮންތަ އަފޫއަށް ދޭންވެގެން ގެނައި އެއްޗެއް. ކިހާ ރީތިދޯ މީތި؟” ނަޞްރާ ކޮޅަށް ތެދުވެ އެ ދިގު ހެދުން އަފްރީންއަށް ރަނގަޅަށް ދައްކާލިއެވެ. އޭގެ މެދުން ރޮނގަކަށް އެކިކުލަކުލައިގެ އެހުން ޖަރީކުރެވިފައިވެއެވެ.
“ޔޫ ހޭވް ގޮޓް ޓު ބީ ކިޑިން މީ. ދޮންތައަށް އެނގެއެއްނު ތިއީ އަފޫ ލައިއުޅޭ ކަހަލަ އެއްޗެއްވެސް ނޫންކަން؟ ކޮބައިތަ އަފޫ ގެނެސްދޭން ބުނި އެއްޗިސް؟ މަސްކަރަ، ލިޕް ގްލޮސް، ނެއިލް ޕޮލިޝް، އެނ؟” އަފްރީން ކޮޅަށް ތެދުވެ ވާހަކަ ދައްކަމުން ގޮސް ކުރުފައިމައްޗަށް ތިރިވެ ފޮށިތެރެ ހާވަމުން ނަޞްރާއަށް ބަލާލިއެވެ. އެ ފޮށިތެރޭގައި ހުސްވެސް ހުރީ އެކިކުލަކުލައިގެ ދިގު ހެދުންތަކާއި ޝޯލްތަކާއި ބުރުގާތަކެވެ. ނަޞްރާ އިރުކޮޅަކު ހުރުމަށްފަހު ސީރިއަސްކަމާއެކީ ވާހަކަ ދެއްކިއެވެ.
“އަފޫއަށް ދޭން ދޮންތަ އެއެއްޗެހި ނުގެނައީ އަފޫ އެއެއްޗެހި ބޭނުންކުރުމުގެ ނިޔަތް ރަނގަޅެއް ނޫންކަން ދޮންތައަށް އެނގޭތީ.” ނަޞްރާ ބުނެލިއެވެ.
“އައިމް ސޮރީ ވަޓް؟” އަފްރީން ނިތަށް ރޫއަރުވާލަމުން އަހާލިއެވެ. ނަޞްރާ އޭނަ ހިފަހައްޓައިގެން ހުރި ހެދުން އެނދުމަތީގައި ބާއްވަމުން ދެއަތް އުރާލިއެވެ.
“އަފޫ ސްކޫލަށްވެސް ދަނީ އެހުރިހާ މޭކަޕެއް ކޮށްގެން އެހެންނު؟” ނަޞްރާ ނުރުހިފައި ކަހަލަ ގޮތަކަށް ބުނެލިއެވެ.
“އޮބްވިއަސްލީ ޔެސް. އަހަރެން ސްކޫލަށްދާން ނޫނީ ގެއިން ބޭރަކަށް ނުނިކުންނަން، ދެން އަހަރެން ސްކޫލަށްދާން މޭކަޕް ނުކުރަންޏާ ކޮންއިރަކު ކުރާނީ؟” އަފްރީން ދެކޮނޑު އަރުވާލަމުން އަހާލިއެވެ.
“ސްކޫލުން އެކަން މަނާކޮށްފަ އޮންނާނީ ކަމަކުއެއްނު؟” ނަޞްރާގެ ޖުމްލަ ފުރިހަމަވީތަނާ އަފްރީން ވާހަކަ ދެއްކިއެވެ.
“އޯ..ކަމް…އޮން! ދޮންތައަށް ކުރިންވެސް އެނގޭ އެކަން އޮންނަނީ މަނާކޮށްފަކަން އެކަމަކު ދޮންތަ އަމިއްލައަށް ނޫންތަ އަހަންނަށް ގުޅާފަ މޭކަޕްކުރަންވީ ގޮތް ކިޔައިދެނީ؟” އަފްރީންގެ ހިސާބަކަށް ރުޅިއައިސްފައި ހުރެ ބުނެލިއެވެ. އަފްރީންގެ ފަހު ވާހަކައިން ނަޞްރާ ހުއްޓުން އެރިއެވެ. އޭނައަށް އިރުކޮޅަކަށް އިސްޖަހާލެވުނެވެ. ނަމަވެސް ނަޞްރާ އިސްއުފުލާލަމުން ހިތްވަރުކޮށްފައި ކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ.
“މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް މިހާރު އަފްރީން ތިހިރީ ހެޔޮ ނުބައި އަމިއްލައަށް ވިސްނޭވަރުވެފަ. ނުވިސްނެންޏާ މިބުނަނީ…ހަމައެކަނި ސްކޫލަކަށް ނޫން. ގެއިން ބޭރަށް ނިކުންނައިރު ވެސް އެހާ ދެއްކުންތެރިކަން ބޮޑުކޮށްގެން ދިޔުމަކީ ރަނގަޅުކަމެއްނޫން.” ނަޞްރާގެ ވާހަކަ ނިމުނުތަނާހެން މިފަހަރުވެސް އަފްރީން ވާހަކަ ފެށިއެވެ.
“ގޯޑް ސީރިއަސްލީ ވަޓް އާރ ވީ ޓޯކިން އެބައުޓް؟” އަފްރީންގެ ރުޅި ގަދަވީ ވަރުން އޭނަގެ މޫނު ރަތްވިއެވެ. އަފްރީންގެ އެޖުމްލައަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އަފްރީން އާއި ނަޞްރާ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބީ އެހެން މީހަކަށް ނޭނގޭ ފަދަ ގޮތަކަށް އެދެމެދުގައި މުޢާމަލާތެއް ހިނގާފަދަ ގޮތަކަށެވެ. އިރުކޮޅެއްފަހުން އަފްރީން މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ.
“ޔޫ ހޭވް ޗޭންޖްޑް، ދޮންތާ.” އަފްރީން ބުނެލިއެވެ. ނަޞްރާއަށް އަފްރީންގެ އެވާހަކައަށް އެއްޗެކޭ ނުބުނެވެނީސް އަފްރީން އޭނައަށް ފަސްދީފައި އިސްތަށިގަނޑުގައި ގޮށެއް ޖަހަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. ނަޞްރާ ފުން ނޭވައެއް ދޫކޮއްލަމުން އެނދުގައި އިށީނެވެ
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







varah interestin……..ven next part
Vvv reethi…. When nxt part?
N me 2nd 🙂
Its very interesting and different than the stories we get to read. Hope we get to read the next part soon.
Interesting story… I love it
Vvv reethi… thafaath story eh hen heevey
V reethi. Masha allah
avahah up kodheebaaaaaaaaa…….kiaahiyvaniyey
nice