ކުލާސްތެރޭގައި ހުރި މުދައްރިސް އަތްމަތީގައި އޮތް ފޮތެއް ބަލައިގެން ބޯޑުގައި އެއްޗެއް ލިޔަމުން ގެންދިޔައެވެ. ކުލާހުގައި ތިބި ކުދިން އެ ލިޔެވޭ އެއްޗެއް ފޮތްތަކަށް ނަގަމުން ދިޔައިރު އެމީހުންގެ މެދުގައި އެކިއެކި ވާހަކަތައްވެސް ދެކެވެމުން ދިޔައެވެ. އެއްބަޔަކު މިއީ ހާދަ ފޫހި ގަޑިއެކޭ ބުނަމުން ދިޔައިރު އަނެއްބަޔަކު ކޮންމެވެސް ކަމަކާ ހޭން ތިއްބެވެ. ކުލާހުގެ އެންމެ ފަހަތު ބަރީގައި ތިބި އަންހެން ކުދިންތައް އޮލަ ވާހަކައެއްގައި ތިއްބެވެ. އެހެން ދުވަސްތަކަކާ ޚިލާފަށް މިއަދު އަފްރީން އިނީ އެ ބަރީގައެއްނޫނެވެ. އަފްރީން އިނީ އެންމެ ކުރީ ބަރީގައި އަވަސްއަވަހަށް އޭނަގެ މަސައްކަތް ނިންމާށެވެ. މަސައްކަތުގެ ތެރެއިން އޭނަ ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު އިރުއޮއްސި ހައެއްޖަހައިފިއެވެ. ހަމަ އެވަގުތު ރަނގަބީލުގެ އަޑު އިވުނުތަނާ އަފްރީންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އޭނަ ފޮތް ލައްޕާލިތަނާ މުދައްރިސް ފަސްއެނބުރި ބަލާލައިފިއެވެ.
“ފިލާވަޅު ނުނިންމާ އެއްވެސް ކުއްޖަކު ގޮސްގެންނުވާނެ!” އިނގިރޭސި ބަހުން މުދައްރިސް އިއްވާލިއެވެ. ހަމައެއާއެކު ބައެއްކުދިން ޗޮއްކަނޑާލި އަޑު އިވުނެވެ. އަފްރީން ވަގުތުން ފޮތް ހުޅުވައި މުދައްރިސަށް ދައްކާލިއެވެ. މުދައްރިސް ބޯ ހަލުވާލުމުން އަފްރީން އަނެއްކާވެސް ފޮތް ލައްޕައި އަތުގައި އޮތް ފަންސުރާއެކީ އޭތި ދަބަހަށް ވައްޓައި ޒިބު އަޅުވާލިއެވެ. އެއްކޮނޑުގައި ދަބަސް އަޅުވާލަމުން އަފްރީން ދިގު ފިޔަވަޅުތަކެއްގައި ކުލާހުން ނިކުންނަން ދިޔައެވެ.
“އަފޫ!” ފަހަތު ބަރީގައި ތިބި އަންހެން ކުދިންގެ ތެރެއިން ގޮނޑިން ތެދުވެފައި ހުރި ނައުފާ ގޮވާލުމުން ވެސް އަފްރީން ބަލައެއްނުލިއެވެ.
ކޮރިޑޯ ތެރެއިން ހިނިތުންވުމަކާއެކީ ބާރަށް ހިނގާފަ ދިޔަ އަފްރީންގެ ދިގު ފިޔަވަޅުތައް ދުވުމަކަށް ވެސް ބަދަލުވަމުން ދިޔައެވެ. އެހެންކަމުން ފަހަތުން އައި ނައުފާއަށް އޭނައާއި އެއްހަމަ ކުރެވުނީ ދުވެފައި އައިހެވެ.
“އަފޫ ކިހިނެއްވެގެންތަ މިއަދު ތިއުޅެނީ؟ އަހަރެންނަށް ވެސް ދޯކާދީފަ ފަސްޓް ރޯއަށް މިއަދު ގޮއްސަ ހުރީ.” ނައުފާ އަފްރީން އާއި އެއްވަރަށް ހިނގަމުން ޝަކުވާގެ ރާގަކަށް ބުންޏެވެ. އެވަގުތު އެހެން ކުލާސްތަކުން ވެސް ކުދިން ނިކުންނަމުން ދިޔައީތީ ކޮރިޑޯތެރެ އަޑުގަދަވެފައިވިއެވެ.
“ހެހެހެ…..ފަސްޓް ރޯއަށް ދިޔައީ މަސައްކަތް ނިންމޭތޯ ބަލަންވެގެން. ނައުމެންނަށް ވާހަކަ ދައްކަމުން ފިލާވަޅު ނިންމުނަސް އެއީ އަހަންނަށް ވާނެ ކަމެއްނޫން. ޕްލަސް މިއަދު ދޮންތަ އެބައާދޭ!” އަފްރީން ފޯރިއާއެކީ އެހެން ބުނެލަމުން ތޫލި އަޑެއް ލައްވާލިއެވެ.
“އޯވް…..އެހެންވެދޯ އަވަސް އަރުވާލައިގެން ތި އުޅެނީ؟” ނައުފާ ހިނިތުންވުމަކާއެކީ އަހާލިއެވެ. އަފްރީން ހޫނލައްވާލިއެވެ.
.
ވަކި ހިސާބަކުން ސްކޫލް އޮފީހަށް ވަދެގެން ދިޔަ ނައުފާއާ ވަކިވެ އަފްރީންއަށް ސްކޫލްގެ ގޭޓާއި ހަމައަށް ދެވުނުއިރު ސީދާ އެ ގޭޓުގެ ކުރިމަތީގައި އަޅިކުލައިގެ ޖިޕެއް އޮތެވެ. އެ ޖިޕް ފެނުމާއެކު އަފްރީން އެއާއި ދިމާލަށް ދުވެފައި ގޮސް އޭގެ ކުރީ ސީޓަށްއެރޭ ދޮރު ހުޅުވާލިއެވެ.
“ޔުނިފޯމް ބަދަލުކޮށްގެންދާނެ ވަގުތެއްނެތް އިނގޭ؟” އަފްރީން ޖިޕަށް އަރައި ދޮރު ލައްޕާލި ވަގުތު ކުރީ ސީޓުގައި އިން އޭނަގެ ބައްޕަ ޝަރީފް ބުނެލިއެވެ.
“ދޮންތައާނުލާ ގެއަށްދާކަށްވެސް ނުއުޅެން ދެނެއް.” އަފްރީން ސީޓުގައި ހަމަޖެހެމުން ބުނެލިއެވެ. ޝަރީފް އަފްރީންއަށް ބަލަންހުރެ ލުއިގޮތަކަށް ހީލަމުން ޖިޕު ދުއްވާލިއެވެ.
ޝަރީފް އެހެން ބުންޏެއްކަމަކު އަފްރީންއާއެކީ އެއާރޕޯޓަށް ދެވުނުތާ ދިހަ މިނެޓު ހިނގިއިރުވެސް ފްލައިޓެއް ނުޖައްސައެވެ. ޝަރީފް ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް ޙަޤީޤަތަކީ ޝަރީފްވެސް އަފްރީންއާ އެއްވަރަށް ކެތްމަދުވެފައި ހުރިކަމެވެ. އޭނަގެ ދޮށީ އަންހެން ދަރިފުޅުކަމަށްވާ ނަޞްރާ ދެކިލުމަށްޓަކައެވެ. މިއަދަކީ ނަޞްރާ ފަސް އަހަރުގެ ދިގު މުއްދަތެއްގެ ޓީޗިންގް ކޯހަކަށްފަހު ސައުދީ އަރަބިޔާއިން އަނބުރާ ރަށަށް އަންނަ ދުވަހެވެ. ނަޞްރާ ދިޔަ ދުވަހުއްސުރެ ޝަރީފަށް އޭނަގެ އުނިކަން އިޙްޞާޞްކުރެވުނީ ހީކުރިވަރަށްވުރެވެސް ބޮޑަށެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. ނަޞްރާމެންގެ މަންމަ އާބިދާ މި ދުނިޔެ ދޫކޮށްފައިވަނީ ނަޞްރާގެ އުމުރު ފުރާވަރަށް އެޅިގެން އުޅެނީހެވެ. އޭރު އަފްރީންއަށް އެންމެ ތިން އަހަރު ވީއިރު ޢާއިލާގެ އެންމެ ދޮށީ ދަރިފުޅު ކަމަށްވާ އަފްރާޒްއަށް ސަތާރަ އަހަރެވެ. އާބިދާގެ މަރު ވެގެން ދިޔައީ މުޅި ޢާއިލާއަށް އައި ލޮޅުމަކަށެވެ. ޝަރީފް ހިންގާ ވިޔަފާރިންވެސް އެދުވަސްކޮޅު ގިނައިން ލިބެމުން ދިޔައީ ގެއްލުމެވެ. ވިޔަފާރީގެ ކަންތައްތަކުގައި އުޅެމުން ކުދިން ނުބެލޭތީ ޝަރީފް އާބިދާގެ ދައްތަ ޝަކީލާގެ އެހީ ހޯދަންޖެހުނެވެ. މި ދަތިތަކާއެކީ ވެސް އޭގެއިން އެއްވެސް ކުއްޖެއްގެ ތަޢުލީމަށް އަސަރުކުރި ކަމަކަށް ނުވެއެވެ. ސަބަބަކީ އެ ތިން ކުދިންނަކީވެސް ތޫނުފިލި އަދި ކިޔެވުމަށް ޝައުޤުވެރިކަން ބަހައްޓާ ކުދިންނަށް ވާތީވެއެވެ. އަފްރާޒްއަށް އޭލެވެލްގައި ލިބުނު ރަން ވަނަތަކެއްގެ ސަބަބުން އޭނައަށް ސަރުކާރުގެ ފަރާތުން ސްކޮލާރޝިޕެއް ލިބުނެވެ. އޭނަ ސައުދީ އަރަބިޔާއަށް ކިޔަވަން ދިޔައީ އެ ސްކޮލާރޝިޕްގެ ދަށުންނެވެ. އަފްރާޒް ދިޔަތާ އަހަރުތަކެއް ފަހުން ނަޞްރާވެސް ފުރައިގެން ދިޔައެވެ. އޭގެ ފަހުން ގެއަށްވެރިވީ އާދަޔާ ޚިލާފު ފަޅުކަމެކެވެ. ގިނަފަހަރު އަފްރީންގެ ކަންތައް ބަލައި ހަދަންޖެހުނީ ޝަރީފަށެވެ. ޝަކީލާއަށް އޭނަގެ އަމިއްލަ ގޭގެ ކަންތަކުން އަވަދިނުވާތީވެއެވެ. ނަމަވެސް އެއީ މާޒީއެވެ. މިއަދު އެ ކުޑަކުޑަ އަފްރީންވެސް ވަނީ ބޮޑު އަންހެން ކުއްޖަކަށްވެފައެވެ. ޝަރީފްގެ ވިޔަފާރިވެސް ވަނީ މުޅި ރަށުން ހޮވާލެވޭފަދަ ވިޔަފާރިއަކަށްވެފައެވެ. އަދި އަމުދުން މިއަދު ނަޞްރާ އައުމުން އެ ޢާއިލާގެ އުފާވެރިކަން ފުރިހަމަ ވާނެކަމަށް ޝަރީފްގެ ހިތް ބުންޏެވެ.
“ބައްޕާ ފްލައިޓް!” ޚިޔާލެއްގެ ފުންކަނޑަށް ގެނބެމުން ދަނިކޮށް ޝަރީފް ސިހިގެން ދިޔައީ އަފްރީން އޭނަގެ އަތުގައި ހިފައި ތަޅުވާލުމުންނެވެ. އެއާއެކު ޝަރީފަށްވެސް ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ އެއާރޕޯޓުގައި އަޑުގަދަވެގެން ދިޔަ ދިމާލަށް ބަލާލެވުނެވެ. އެވަގުތު ދެންމެ ޖެއްސި ފްލައިޓް ބާރު ސްޕީޑެއްގައި ރަންވޭމަތިން ދިޔަތަން ޝަރީފަށް ފެނުނެވެ.
“އޯ މައި ގޯޑް އޯ މައި ގޯޑް އޯ މައި ގޯޑް!” ޝަރީފް ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮއްލި ވަގުތު އަފްރީން ދެއަތް ޖޯޑުކޮށް ފުއްމަމުން އެހެން ކިޔަމުން ދިޔައެވެ.
ނަޞްރާ އެއާރޕޯޓުން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި އަފްރީންއަށް ހުރެވުނީ ޓާމިނަލްގެ ކޮޅުގައި ހުރެ ދެކޮޅުން ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ޝަރީފްވެސް ދުރުގައި ހުއްޓި ދެޖީބަށް އަތްޖަހާލައިގެން ހުރީ އޭނަގެ ޝުޢޫރުތައް ކޮންޓްރޯލް ކޮށްގެނެވެ. އެދެބަފައިން އެހެން ތިއްބާ ކުއްލިއަކަށް އެދެމީހުންގެ ނަޒަރު ފަސިންޖަރުން ނިކުންނަ ގޭޓަށް ހުއްޓުނީ އެ ގޭޓް ހުޅުވުމުންނެވެ. އަފްރީން ފިޔަވަޅުތައް މަޑުޖައްސާލަމުން އެދިމާލަށް ބަލާލީ އެސްފިޔަ ނުޖަހަން ހުވާކޮށްގެން ފަދައެވެ. މީހުންތައް ނިކުންނަން ފެށުމުން އަފްރީންއަށް ދެލޯ ބޮޑުކޮށްގެން އެދިމާލަށް ބަލަހައްޓައިގެން ހުރެވުނީވެސް ކުޑަކޮށް އަނގަ ހުޅުވައިގެންނެވެ. އަފްރީން އޭނަގެ ކަޅި ދެފަރާތަށް ދެފަރާތަށް ހިންގަ ހިންގާ ހުއްޓާ ކުއްލިއަކަށް މީހަކު އަފްރީންގެ ދަތްދޮޅީގައި ޝަހާދަތް އިނގިލި ޖައްސައި އޭނަގެ އަނގަ ލައްޕައިފިއެވެ. ޙައިރާންކަމެއް ލިބިގެން އަފްރީން ވާތް ފަރާތަށް ބަލާލީ އެއީ ކާކުތޯ ބެލުމަށްޓަކައެވެ. އެވަގުތު އޭނަ ކައިރީގައި ހުއްޓިހުރީ ދެލޯ ފިޔަވައި އެހެން ހުރިހާ ތަނެއް ކަޅުކުލައިގެ ފޭރާމުން ނިވާކޮށްގެން ހުރި އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ އިސްކޮޅު އަފްރީންއަށްވުރެ ކުޑަ ތަންކޮޅެއް ދިގެވެ. އޭނަގެ ދެލޯ ހަނިވެފައިވި ގޮތުން އޭނަ ހުރީ ހިނިތުންވެލައިގެންކަން އަފްރީންއަށް ނަގައިގަނެވުނެވެ. އެއީ ކާކުކަން އަފްރީންއަށް ނަގައިގަންނަން އިރުކޮޅެއްނެގިއެވެ.
“އޯ މައި….ދޮންތާ!” ކާކުކަން ނަގައިގަނެވުމާއެކު އަފްރީންއަށް އެ އަންހެން ކުއްޖާގެ ގައިގައި ބައްދާލެވުނެވެ. އެ އަންހެން ކުއްޖާވެސް އިރުކޮޅަކު ހުރުމަށްފަހު އަފްރީންގެ ގައިގައި ބައްދާލިއެވެ..
އަފްރީންގެ ބުރުގާގެ މަތިން އޭނަގެ ބޮލުގައި ފިރުމަމުން ނަޞްރާއަށް ދުރުގައި ހުރި ޝަރީފަށް ބަލާލެވުނެވެ. ޝަރީފް ހިތާމަވެރިކަމާއި އުފާވެރިކަން އެކުލެވޭފަދަ ހިނިތުންވުމެއް ނަޞްރާއަށް ހަދިޔާކުރިއެވެ. ނަޞްރާވެސް ހިނިތުންވެލީކަމަށް އޭނަގެ ލޯ ޢިޝާރާތްކުރިއެވެ.
“ދޮންތާ….އައި މިސްޑް ޔޫ ސޯ މަޗް….އެއީ ދޮގު، އެހާވަރަކަށް މިސްއެއްނުވޭ.” އަފްރީން ނަޞްރާގެ ގައިން ދޫކޮއްލަމުން ބުނެލީ ތެދަކަށް ވިޔަސް އޭނަ އެވާހަކަ ދޮގު ކޮއްލިއެވެ.
“ހޫމް، އެބަ އިނގޭ މިސްއެއް ނުވާކަން، ނުވެސް އެނގުނެއްނު؟” ނަޞްރާ މަޑުމައިތިރި އަޑަކުން ބުނެލިއެވެ.
“ކިހިނެއް އެނގޭނީވެސް؟ ސީދާ ސައުދީގެ ކުއްޖެއް ގޮތަށްވިއްޔާ ތިއައީ.” އަފްރީން ބުނެލި ވާހަކައިން ނަޞްރާގެ ގާތަށް ކުޑަކޮށް ހިނިއައެވެ..
“ދޮންބެ ދިޔަތަ ނަޞްރާ ފުރުވަން؟” ޝަރީފް ސުވާލުކުރުމުން ނަޞްރާއާއެކު އަފްރީންއަށްވެސް އެދިމާލަށް ބަލާލެވުނެވެ.
“ލައްބަ.” ނަޞްރާ އެއްފަހަރު ބޯޖަހާލަމުން ބުނެލިއެވެ.
“ދެން ހިނގާ އަވަހަށް!” އަފްރީން ނަޞްރާގެ އަތަށް ދަމާލަމުން ބުނެލިއެވެ. ނަޞްރާ ހީލިވަގުތު ޝަރީފް ނަޞްރާގެ ފޮށި ނެގުމަށް އަވަސްވެގަތެވެ.
ޝަރީފްގެ ޖިޕް ގޮސް މަޑުކޮއްލީ ބޮޑު، ތަނަވަސް ގެއެއްގެ ކުރިމައްޗަށެވެ. ދެ ބުރިއަށް ނަގާފައިވާ ގެއަކަށް ނުވިއަސް އެއީ ބޮޑު ގޯއްޗެކެވެ. ޖިޕުން އެންމެ ފުރަތަމަ ފޭބީ އަފްރީންއެވެ. އަފްރީންގެ ފަހަތުން ނަޞްރާވެސް ފައިބައި އެ ގޭގެ ގޭޓު ކައިރިއަށް ހުއްޓިލިއެވެ. އެއީ ނަޞްރާގެ އިސްކޮޅާއި އެއްވަރުގެ ފާރެއްގެ މެދުގައި ހުރި ގޭޓެކެވެ. ނަޞްރާއަށް އެ ގޭޓު ކައިރީގައި ހުރެ ގޭގެ ތެރެއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަ ދިޔަފަހުން އެގެއަކަށް ވަކި މާބޮޑު ބަދަލެއްނާދެއެވެ. އެގޭގެ ފެންޑާގައި އޮންނަނީ ހަމަ އެތަޅުންގަނޑެވެ. ތަޅުންގަނޑުގެ އެއްފަރާތުގައި އެ ތަޅުންގަނޑު އެޅުމުގެ ކުރިންވެސް އެތާހުރި އަނބުގަސް އަދިވެސް އެބަހުއްޓެވެ. ފެންޑާ ފަހަނަޅާފައި ގޮސް ދެވެން ހުރި ގޭގެ މެދުގައި ހުރީ ހަމަ އެ އާދައިގެ ދޮރެވެ. ބަދަލުވެފައިވަނީ އެ ދޮރާއި ކައިރީގައި ހުރި ކުޑަދޮރުތަކުގެ ކުލަތަކެވެ. އޭގެ އިތުރަށް ނަޞްރާއަށް އާ ކަމަކަށްވީ އަނބުގަހުގެ ގޮތްޕެއްގައި އެލުވާފައިވާ އުނދޯއްޔެވެ. ނަޞްރާ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ގެއްލިފައި ހުއްޓާ ސިހިގެން ދިޔައީ އޭނަގެ ފައިގައި އެއްޗެއް ޖެހުނުހެން ހީވުމުންނެވެ. ނަޞްރާ ތިރިއަށް ބަލާލި ވަގުތު އެގޭގަ އޮންނަ ހުދުކުލައިގެ ބޭރު ބުޅާ އޮތީ އޭނަގެ ވާތު ފައިގައި ހިފަހައްޓައިގެންނެވެ. އެތައް ދުވަހެއްފަހުން އޭތިވެސް ފެނުމުން ނަޞްރާގެ ހިތް ލޯބިން ފުރިގެންއައެވެ. އޭނައަށް މޫނުފޮތިކޮޅުގެ މަތިން އަނގަމަތީގައި ދެއަތް އަޅާލެވުނެވެ.
“ހެހެހެ….މީނަވެސް އޮތީ ދޮންތަގެ އިސްތިޤްބާލުގަ.” ނަޞްރާގެ ކައިރިއަށް އައިސް ހުއްޓުނު އަފްރީން ބުނެލިއެވެ. ޝަރީފް ނަޞްރާގެ ދަބަސް ހިފައިގެން އައިސް އެތެރެއަށް ހިނގާށޭ ބުނެލީ އެވަގުތެވެ. އެއާއެކު ތިން މީހުން އެކީގައި ގެއަށް ވަދެގެން ދިޔައެވެ.
ނަޞްރާއަށް އޭނަ ވަރުބަލިވެފައިހުރި ވަރު އިޙްޞާޞް ކުރެވުނީ އޭނައަށް އޭނަގެ ބޮޑު އެނދު ފެނުނު ވަގުތެވެ. އޭނަ ވަގުތުން ދުވެފައި ގޮސް އޭގެ މައްޗަށް ބަންޑުންވާން ބޭނުންވިއެވެ. ނަމަވެސް ކެތްކޮއްލީ އޭނަގެ ފަހަތުން އައި އަފްރީން އަދިވެސް އޭނައާއި ވާހަކަ ދައްކަދައްކައި ހުރީތީވެއާއެކު ޝަރީފްވެސް އޭނަގެ ފޮށިތައް ހިފައިގެން އައިސް ކޮޓަރީއަށް ވައްދަމުން ދިޔައިތީވެއެވެ. ނަޞްރާ ހުރީ އެދެމީހުންނަށްވެސް ފުރަގަސްދީ ނިދިބަރުވެފައިވާ ދެލޮލާއެކު ކޮޓަރިއަށް ނަޒަރު ހިންގައި އެކޮޓަރީގެ ވެސް އެހާރާއި މިހާރު ހިތާހިތުން އަޅައި ކިޔަމުންނެވެ.
“އަފޫ މިހާރު ދޮންތަ ހުންނާނީ ވަރުބަލިވެފައޭ. ފަހުން ވާހަކަ ދައްކާނީ. މިހާރު އާދޭ….” ޝަރީފް ނަޞްރާގެ ފޮށި ބަހައްޓާފައި ކޮޓަރީގެ ދޮރުކައިރީ ހުރެ އަފްރީންއަށް ގޮވާލިއެވެ. އަފްރީން ޝަކުވާގެ ރާގަކަށް ދެނޭ ކިޔަމުން ޝަރީފަށް ޝަކުވާގެ ނަޒަރެއް ދިނެވެ. ނަޞްރާ އިރުކޮޅަކު ހުރުމަށްފަހު ފަސްއެނބުރެމުން އޭނަގެ މޫނުފޮތިކޮޅު ނަގާލިއެވެ. އެއަށްފަހު ބަލި ގޮތަކަށް ފުން ނޭވައެއްދޫކޮއްލުމަށްފަހު ޝަރީފާއި އަފްރީނަށް ވެސް ވާގޮތަށް ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ. އެވަގުތު ބަލަން ހުރި މީހަކަށް ހީވެގެންދާނީ އެ އަލި މޫނުން މުޅި އެތަންވެސް އަލިވެގެން ދިޔައީހެންނެވެ. ނަޞްރާއަށް ލިބިފައިވަނީ ހިތުގެ ބަށްޓަމައްވާ މޫނެކެވެ. އެދެލޯ ޢިޝާރާތް ކުރަމުން ދިޔައީ މައުސޫމްކަމަށާއި ހިތްތިރިކަމަށެވެ. އެ ލުއި ހިނިތުންވުން ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް ފިނިކަމެއް ލިބޭނެއެވެ. މިހުރިހާކަމެއްވެސް ޝަރީފަށް ހަނދާންކޮށްދިނީ އާބިދާގެ މަތިންނެވެ. ނަޞްރާ އޭނަގެ މަންމައާ ވަރަށްވެސް ވައްތަރެވެ.
“ޖަޒާކައް ﷲ ޚައިރަން ބައްޕާ، ފޮށި ބަހައްޓައިދިން ކަމަށްޓަކައި…..އަފޫ ޔުނިފޯމް ބަދަލުކޮށްގެން ވުޟޫކޮށްލައިގެން އާދޭ ނަމާދަށް. މަޣުރިބް ނަމާދަށް ބަންގި ގޮވާކަށެއްނު މިހާރު އުޅޭނީ؟” ނަޞްރާ ހަމަ އެހިނިތުންވުމުގައި ހުރެ އޭނަގެ މަޑުމައިތިރި އަޑުން ބުނެލިއެވެ. ނަޞްރާގެ ވާހަކަ ހުރިގޮތުން ޝަރީފްގެ މޫނުމައްޗަށް ހަމަޖެހުން ވެރިވީއިރު އަފްރީން ހުރީ ޤަބޫލުނުކުރެވިފައި ކަހަލަ ގޮތަކަށް ބޯއަރިކޮށްގެން އަނގަ ހުޅުވައިގެން ނަޞްރާއަށް ބަލާށެވެ. އޭނަ އިރުކޮޅަކު ހުރުމަށްފަހު ނަޞްރާގެ ކައިރިއަށް ގޮސް ނަޞްރާގެ ނިތުގައި އަތުގެ ނުފުށް ޖައްސާލިއެވެ.
“ދޮންތާ އާރ ޔޫ އޯކޭ؟ މަޣުރިބް ނަމާދަށް ބަންގި ގޮވަންވެސް އަދި ދިހަ މިނިޓު އެބަހުރި…..ދޮންތައެއް ނޫންތަ ބުނެއުޅުނީ މަޣުރިބް ނަމާދު ކުރާނީ ޢިޝާ ނަމާދާ އެކީގައޭ؟ އަދި ޢިޝާ ނަމާދުޖެހެން ކިހާ ވަގުތެއް އެބައޮތް؟ މި ވަގުތުކޮޅުގެ ތެރޭގަ ދޮންތަ އަހަންނަށް…..” އަފްރީންގެ ވާހަކަ މެދުކެނޑުނީ ނަޞްރާ އޭނަގެ ދެކޮނޑުގައި ހިފައި އަފްރީންގެ ނަމުން ގޮވާލުމުންނެވެ. އަފްރީން ނަޞްރާގެ މޫނަށް ބަލާލިއެވެ. އެވަގުތު ނަޞްރާގެ މޫނުމަތީގައި ހިނިތުންވުމެއްނެތެވެ. ވީ މުޅިންވެސް ސީރިއަސްކަމެވެ. ދުރުގައިހުރި ޝަރީފްގެ މޫނުމަތީގައިވެސްވީ ހަމަ އެފަދަ އަސަރެކެވެ.
“އަފްރީން….އެއީ ގޯހެއް. ކޮންމެ ނަމާދެއްވެސް ކުރަންޖެހޭނީ ހަމަ އެނަމާދެއްގެ ވަގުތުގަ. ނަމާދަކީ އަހަރުމެންނަށް މި ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅުކަން. އެކަމަށްޓަކައި ގޮވުމުގެ ކުރިން އެކަންކުރުމަށް ތައްޔާރުވެގެން ހުރުމުގައި ކޮބައިތަ ނުބައަކީ؟” ނަޞްރާ ނަޞޭޙަތުގެ ރާގަކަށް ވާހަކަ ދެއްކިއެވެ.
“ބަޓް މުހިންމީ ނަމާދު އަދާކުރުމެއްނު؟ ހަމަ ޢިޝާ ނަމާދާ ކައިރިކޮށްފަ ވެސް އަދާކުރެވި….” އަފްރީންގެ ވާހަކަ މިފަހަރު މެދުކަނޑާލީ ޝަރީފެވެ.
“އަފްރީން ވާހަކަ ދިގުނުކޮށް ދޮންތަ ބުނާ ގޮތަށްހަދާ.” ޝަރީފް އަފްރީންގެ ނަން ފުރިހަމައަށް ބުނެލި ގޮތުން އެ ހަރުކަށިކަން އަފްރީންއަށް އިޙްޞާޞް ކުރެވުނެވެ. އޭނައަށް އިތުރު އެއްޗެކޭ ބުނަން ނުކެރުނީ އެހެންވެއެވެ. އޭނަ ނަޞްރާ ގާތު އެބައަންނަމޭ ބުނެލުމުން ނަޞްރާ ބޯޖަހާލިއެވެ. އަފްރީން ޖެހިލުންވެފައިހުރެ ޝަރީފްއާއި ވީފަރާތަށް ފަސްއެނބުރިލިއެވެ. ކުރިމައްޗަށް ބަލާލުމާއެކު ޝަރީފްގެ ސީރިއަސް މޫނު ފެނިފައި އަފްރީންއަށް އިސްޖަހާލެވުނެވެ. އަދި ޖެހިލުންވެހުރެ ކޮޓަރިން ނިކުމެގެން ދިޔައެވެ. އަފްރީން ދިޔުމުން ޝަރީފް ނަޞްރާއަށް ބަލާލިއެވެ. ޝަރީފް އޭނަގެ ސީރިއަސް މޫނަށް ހިނިތުންވުމެއް ވެރިކުރެވޭތޯ ބެލިއެވެ.
“އަވަހަށް ވަރުބަލި ފިލުވައިގެން ކާން އާދޭ އިނގޭ.” ޝަރީފް ބުނެލިއެވެ. ނަޞްރާ އަނެއްކާވެސް ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ. އޭގެ އިރުކޮޅެއްނުވެ ޝަރީފް އެކޮޓަރިން ނިކުންނަމުން ދޮރު ލައްޕާލިއެވެ. .
އެރޭގެ މަޣުރިބު ނަމާދާއި ޢިޝާ ނަމާދުވެސް އަފްރީންއާއި ނަޞްރާކުރީ އެކުއެކީގައެވެ. މަޣުރިބް ނަމާދަށްފަހު އަފްރީން ދާން އުޅުމުން ނަޞްރާ އޭނަ މަޑުކުރުވިއެވެ.
“އަފޫ ދެކޭގޮތުގަ ނަމާދު ވަގުތުން ނުކުރިއަސް އެއީ މާބޮޑު މައްސަލައެއްނޫންދޯ؟” ނަޞްރާ އަހާލިއެވެ.
“ޔާ…އޭޒް ލޯންގް އޭޒް ދެން އަންނަ ނަމާދަށްވުރެ ކުރިން އެނަމާދު ކުރެވެންޏާ އެއީ މާބޮޑު މައްސަލައެއް ނޫނެއްނު؟” އަފްރީން ބުނެލިއެވެ. ނަޞްރާ އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.
“އަފޫއަށް ކީއްވެގެންތަ ވަގުތުން ނަމާދު ނުކުރެވެންވީ؟ އަފޫގެ އެއްދުވަހުގެ ޝެޑިއުލް ކިޔާލަދީބަލަ ދޮންތައަށް.” ނަޞްރާ ސުވާލުކުރިއެވެ.
“ވެލް، ފުރަތަމަ ފަތިހު ފަހެއްޖަހާއިރު ތެދުވެގެން ސްކޫލަށްދާން ތައްޔާރުވެގެން ތެޅެމުން ފަތިސް ނަމާދު ކޮށް ސައިބޮއިގެން ދުވެފަ ދާނީ ސްކޫލަށް. ދެން ޓުވެލް ތާޓީއިން ގެއަށް އައިސް ފްރެޝްވެލައިގެން ކައިގެން ހޯމްވޯކް ހަދާނީ. އެކަމަކު އޭގެ ކުރިން ކުޑަކޮށް އެފްބީއަށް ވަދެލާފަ އިނގޭ އެއީ….” އަފްރީން އެންމެ ފަހު ވާހަކަ ބުނެލީ ހެމުންނެވެ.
“ދެން ކޮބައިތަ މެންދުރު ނަމާދު؟” ނަޞްރާ އަހާލިއެވެ.
“އެއީ މަސައްކަތް ހުންނާތީއޭ ނަމާދުނުކޮށް މަސައްކަތް ފަށަނީ. ދޮންތައަށް ނޭނގޭނެ ޓެންއަށް އައިފަހުން ބައިވަރު މަސައްކަތްތައް ހުރޭ. އަދި އަނެއްކޮޅުން އަނެއްކާ ހަވީރު އެކްސްޓްރާއަށް ދާންޖެހޭ.” އަފްރީން ކިޔައިދިނެވެ.
“އެހާ ވަރަށް މަސައްކަތް ހުންނާތީތަ ނަމާދުނުކޮށް ގޮސް އެންމެ ފުރަތަމަ އެފްބީއަށް ވަންނަނީ؟” ނަޞްރާގެ އެވާހަކައިން އަފްރީންގެ ބަސްހުއްޓުނެވެ. އޭނައަށް ޙަޤީޤަތުގަވެސް ވަކި އެހާ ވަގުތެއްނުވަނީއެއް ނޫންކަން ކުއްލިއަކަށް އިޙުޞާޞް ކުރެވުނެވެ. އަފްރީން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ނަޞްރާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އަދި އެއްވާހަކަ. އަފޫ ވިސްނާލަބަލަ، އަފޫ އެ ގޮތަށް ފަހުން ނަމާދު ކުރަންވެގެން ހުންނަނީ ކާކު ގެރެންޓީއެއް ދީގެންތަ މިދުނިޔޭގަ ހުންނާނެ ކަމުގެ؟” ނަޞްރާ ބުނެލިއެވެ. އަފްރީންއަށް ޙައިރާންވެފައި ކަހަލަ ގޮތަކަށް ނަޞްރާއަށް ބަލަހައްޓައިގެން ހުރެވުނެވެ.
“ވާވް ދޮންތާ! ދޮންތަ ހަމަ ސައުދީ ކުއްޖެއް ގޮތަށް މިހާރު ވާހަކަވެސް ތި ދައްކަނީ….ހެހެހެ…އެނީވޭސް، ވަރަށް ރަނގަޅު ވާހަކައެއް ދޮންތަ ތި ދެއްކީ. މޭޑް މީ ތިންކް. ނައު އެކްސް ކިއުޒް މީ އަފޫ އަދި ބައިވަރު ހޯމްވޯކްތައް ހަދަންވެފަ އެބަހުރި.” އަފްރީން އެހެން ބުނެލަމުން ތެދުވެގެން އެ ކޮޓަރިން ނިކުމެގެން ދިޔައީ ނަޞްރާއަށް އިތުރު އެއްޗެކޭ ބުނެލާނެ ފުރުޞަތެއް ނުދީއެވެ. ނަޞްރާ އިތުރަށް ބުނަން ބޭނުންވި އެއްޗެއް ނުބުނެވުނެއްކަމަކު އޭނައަށް ހަމަޖެހުމުގެ ނޭވައެއްލެވުނެވެ.
ޢިޝާ ނަމާދަށްފަހު ނަޞްރާ ލައިގެން ހުރީ އޭނަ ގެއަށް އައިއިރު ވެސް ލައިގެން ހުރި ކަހަލަ ހެދުމެކެވެ. ތަފާތަކީ އޭނަ މޫނު ނިވާނުކޮށް ހުރިކަމެވެ. އޭނަ ކޮޓަރިން ނިކުތްތަނާހެން އަފްރީން އައިސް ސައުދީ ކުއްޖާއަށް ހޫނެއްވެސް ނުވަނީހޭ އަހައި ދިމާކުރިއެވެ. ނަޞްރާ އެއަށް ލުއި ގޮތަކަށް ހީލިތަނާހެން އަފްރީން އޭނަގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަންނަން އުޅުނީ އޭނައަށް ދޭން އެއްވެސް އެއްޗެއްވެސް ނުގެންނަނީތޯ ކިޔާފައެވެ. ނަމަވެސް ސިޓިންގް ރޫމުގައި އިން ޝަރީފް ނަޞްރާއަށް ގޮވާލީ އެވަގުތެވެ. އަފްރީން ނަޞްރާގެ އަތުން ދޫކޮއްލުމުން ނަޞްރާ ލައްބައޭ ކިޔައި އަޑު އައި ދިމާލަށް ދިޔައެވެ. އަފްރީން ދިޔައީ ޖެހިގެން ހުރި އޭނަގެ އަމިއްލަ ކޮޓަރިއަށެވެ.
“ކިހިނެއްވީތޯ ބައްޕާ؟” ނަޞްރާ އިށީނުމެއްވެސް ނެތި ސޯފާގައި އިން ޝަރީފްގެ ކުރިމަތީގައި ހުއްޓިލަމުން އަދަބުވެރިކަމާއެކީ އަހާލިއެވެ.
“އިށީނދޭ…” ޝަރީފް އޭނަގެ އަތުގައި އޮތް ފައިލް ލައްޕައި ކުރިމަތީގައި ހުރި މޭޒުމަތީގައި ބާއްވަމުން ބުނެލިއެވެ. ނަޞްރާ އިށީނުމުން ވެސް ޝަރީފު އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.
“އަފްރީން އުޅެނީ ރަނގަޅަކަށް ނޫންދޯ؟” ޝަރީފް ބިމަށް ބަލަހައްޓައިގެން އިނދެ އަހާލިއެވެ.
“ބައްޕާ….އެއީ އެ އުމުރުގެ ކުދިންނަށް އާއްމުގޮތެއްގަ ވާގޮތް. އެމީހުންނަށް ބޭނުންވާނީ ނަޞޭޙަތް. އަހަރުމެން މި ތިބީއެއްނު އަފޫއަށް ނަޞޭޙަތްދޭން؟” ނަޞްރާ ބުނެލިއެވެ. ޝަރީފް ދެންވެސް ނަޞްރާއަށް ބެލުމެއްނެތި ބޯޖަހާލިއެވެ.
“ބައްޕަގެ އުއްމީދަކީ ވެސް އެއީ. ނަޞޭޙަތްދީގެން ރަނގަޅުވާނެ ކަމަށް. ބިރުގަންނަނީ މާޒީ ތަކުރާރު ވެދާނެތީ.” ޝަރީފް ނަޞްރާއަށް ބަލާލީ އެންމެ ފަހު ޖުމްލައާއެކީގައެވެ. އެއާއެކު ނަޞްރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނައަށް ދެލޯ މަރާލަމުން އިސްޖަހާލެވުނެވެ. ޝަރީފް ދެންވެސް ހުރީ ނަޞްރާގެ ޖަވާބަކަށް އިންތިޒާރު ކޮށްގެނެވެ. ނަޞްރާ އެތެރެއަށް ނޭވައެއްލަމުން ޝަރީފަށް ބަލާލިއެވެ.
“އެހެންނެއްނުވާނެ، އިން ޝާ ﷲ.” ނަޞްރާގެ ބަހުގައި ސާބިތުކަމެއްވިއެވެ. އެ ބަސް އަޑުއަހައިގެން ހުރި ޝަރީފްގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. ހަމަ އެއާއެކު އޭނަވެސް ބޯޖަހާލިއެވެ.
“އެހެންވިއްޔާ ވަރަށް ރަނގަޅު….އަސްލު ބައްޕަ ނަޞްރާ މިގެނައީ އެހެން ވާހަކަ ދައްކަންވެގެންނޭ.” ޝަރީފް އޭނަގެ ވާހަކައިގެ ރާގު ބަދަލުކޮއްލިއެވެ.
“ކޮން ވާހަކައެއް؟” ނަޞްރާ ދެބުމަ ކައިރި ކޮއްލަމުން ޝަރީފްގެ އުޖާލާވެގެން ދިޔަ މޫނަށް ބަލަހައްޓައިގެން އިނދެ އަހާލިއެވެ. ޝަރީފް އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ އަފްރީންގެ ކޮޓަރީގެ ދޮރު ހުޅުވުނެވެ.
“ދޮންތާ! ދޮން….ބެ….” އަފްރީން ފޯރިއާއެކީ ލެޕްޓޮޕް ހިފައިގެން ދުވެފައި އައިސް ނަޞްރާގެ ކައިރީގައި ހުއްޓުނުތަނާހެން ޝަރީފް ފެނުމާއެކު އޭނަގެ އަޑު ފޭދިގެން ދިޔައެވެ.
“ކިހިނެއްވީ؟ ދޮންބެ އޮންލައިންގަ ހުރީތަ؟” އަފްރީންގެ އަތުގައި ހުރި ލެޕްޓޮޕް ހުޅުވާފައިވުމުން ޝަރީފަށް އަހާލެވުނެވެ. އަފްރީން ހެވިފައިހުރެ އަވަސްއަވަހަށް ބޯޖަހާލިއެވެ.
“ގެނޭ އަވަހަށް…” ޝަރީފް އެހެން ބުނުމާއެކު އަފްރީން އެތާ މެދުގައި ހުރި މޭޒުމަތީގައި ލެޕްޓޮޕް ބޭންދިއެވެ. އެއަށްފަހު ލެޕްޓޮޕާއި ސީދާ ކުރިމަތީގައި އިން ނަޞްރާގެ ކައިރީގައި އިށީނެވެ. ޝަރީފްވެސް ލެޕްޓޮޕް ސްކްރީން ފެންނާނެހެން ބޯދިއްކޮއްލިއެވެ.
“ސަލާމް، ސަލާމް…” ލެޕްޓޮޕް ސްކްރީނުން ފެންނަމުން ދިޔައީ އުނގުމަތީގައި ކުޑަކުއްޖަކު ބަހައްޓައިގެން އިން އަފްރާޒް އެކުއްޖާގެ ކުޑަ ކަނާތު އަތް ދެފަރާތަށް ހަލުވަމުން ދިޔަތަނެވެ. އަފްރާޒް އެގޮތަށް ހަދަމުން ދިޔައިރު އެކުއްޖާ ވަރަށް ރީއްޗަށް ހެވިފައި އިނެވެ.
“އަޅޭ…ލޯބި ލޯބި އާޒް…” އަފްރީންއާއި ނަޞްރާ އެކަކު އަނެކެއްގެ އަޑުދަށުން ކަހަލަ ގޮތަކަށް ކިޔަންފެށިއެވެ. އާޒްއަކީ އަފްރާޒްގެ ހަތަރު މަހަށްދާ ދަރިފުޅެވެ. އަފްރާޒް މީހަކާ އިނީ އޭނަ ސައުދީގައި ކިޔަވަމުން ދަނިކޮށެވެ. އެއީ ނަޞްރާވެސް އެތަނަށް ނުދަނީހެވެ. އަފްރާޒް އިނދެގެން އުޅެނީ އޭނައަށް ސައުދީއިން ދިމާވި ދިވެހި އަންހެން ކުއްޖަކާއެވެ. ސަދަފްއަކީ އަފްރާޒްއަށް ވަރަށް ކަމުދިޔަ ކުއްޖަކަށްވިއެވެ. އަފްރާޒް އޭރު ދުވަހަކުވެސް އެފަދަ ޞާލިޙު ކުއްޖަކާ ދިމާވެފައެއްނުވެއެވެ. އަފްރާޒް ސަދަފްއާއި ރައްޓެހިވުމެއްވެސް ނެތި ބޭނުންވީ ސީދާ ކައިވެންޏާއި ހަމައަށް ދާށެވެ. ސަދަފް ކަހަލަ ކުއްޖަކަށް އެންމެ ކަމުދާނީވެސް އެގޮތްކަން އަފްރާޒްއަށް އެނގޭތީވެއެވެ. އަފްރާޒް ކައިވެނިކުރަން އުޅޭ ވާހަކަ ޝަރީފް ގާތު ބުނުމުން ޝަރީފް އެކަމަށް ރުހުންދޭން ޖެހިލުންވިއެވެ. އެހާ ޒުވާން ފުރައެއްގައި އަވަސް އަރުވާލައިގެން ކުރާ ކަމެއް ދެމިނުހުންނާނެކަމަށް ހީކުރެވުނެވެ. ޝަރީފް ޖެހިލުންވެފައިހުރެ އާނބަސް ދީފައި ޒަވާޖީ ޙަޔާތާމެދު އަފްރާޒްއަށް އެތައް ނަޞޭޙަތެއް ދިނެވެ. އެދުވަހު އަފްރާޒް ފޯނު ބޭއްވީ އެއީ ދޫކުރެވޭވަރަށްވުރެ ރަނގަޅުކުއްޖެއްކަމަށް ބުނެފައެވެ. ޝަރީފަށް އަފްރާޒްގެ އެބަސްތައް ޤަބޫލުކުރެވުނީ މިއަދެވެ. އެހެނީ މިއަދުވެސް އަފްރާޒް އުޅެމުން ދަނީ އަލަށް ޒަވާޖީ ޙަޔާތެއް ފަށައިގެން އުޅޭހާ އުފަލުގައެވެ. އެ އަންހެން ކުއްޖާ ވެގެން ދިޔައީ އަފްރާޒްގެ ކިޔެވުމަށް ލިބުނު އިތުރު ހިތްވަރަކަށެވެ. ނަތީޖާއެއްގެ ގޮތުން އަފްރާޒް އެންމެ ފަހުގެ ކިޔެވުން ވެސް ނިންމާލީ ރަން ވަނަތަކާއެކީގައެވެ. މިއަދު އޭނައަކީ އަބޫ ދާބީގެ ކާމިޔާބު ކުންފުންޏެއްގެ މަތީ މަޤާމެއްގައި މަސައްކަތް ކުރަމުންދާ ޒުވާނެކެވެ.
“ކޮބާ ކިހިނެއްތަ ހުރިހާ ކުދިން؟ ނަޞްރާ، ހޮޑުލެވުނުތަ ފްލައިޓް މަތިން؟” އަފްރާޒް ކޮއްލި ސުވާލުން ނަޞްރާއަށް އޭނަގެ ރަތްވެގެން ދިޔަ މޫނުމަތީގައި ދެއަތް އަޅާލެވުނެވެ.
“ދޮންބޭ!” ނަޞްރާ ހެވިފައިހުރެ ނުރުހުމުގެ ރާގަކަށް ދިގުކޮށް ގޮވާލިއެވެ. އަފްރާޒް މަޖާވެލާފައި ހީލިއެވެ. އެވަގުތު އޭނަގެ އުނގުގައި އިން އާޒް އަޑުކިޔާ ކުޅޭ އެއްޗަކަށް ގެއްލިފައި އިނެވެ.
“މިކޮޅުގަ ހުރިހާ ކަމެއްވެސް ރަނގަޅު…ތިކޮޅުގެ ކަންތައް ކިހިނެއް؟” ޝަރީފް ސުވާލުކުރިއެވެ.
“ހަމަ ރަނގަޅޭ. މިއިނދަ އަފޫ ރީންގެ ކިޔެވުން ކިހިނެއްތަ؟ އަބަދު އަބަދު އޮންލައިންގައޭ އޮންނަނީ.” އަފްރާޒް ބުނެލިއެވެ.
“ހޫނ….މިހާރުވެސް ނަގާ ކޮންމެ ޓެސްޓަކުން ހައެސްޓް…ދެން އެހާވަރަށް ކަންނޭނގެދޯ ކިޔެވުން ރަނގަޅުވާނީ؟” އަފްރީން ފޮނި ގޮތަކަށް ބުނެލިއެވެ. އަފްރާޒް އަނގަޔަށް ގޮތެއް ހަދާލިއެވެ.
“ތި ވާހަކައެއްނޫނޭ ދޮންބޭ. ކޮބައިތަ އަހަރެންގެ ގްރެޖުއޭޝަން ގިފްޓް؟ ހަނދާން ނައްތާލީދޯ؟” މިފަހަރު ވާހަކަ ދެއްކީ ނަޞްރާއެވެ.
“އޮހް…..މި ނަޞްތުއަށް ދޭންޖެހޭ ގިފްޓްތައް ގިނަކަމުން މަ ބޯހަލާކު…އެހާ ގިނައިން ހަދިޔާ ދޭންޖެހިއްޖެއްޔާ ދޮންބެ ހުލިވެދާނެއެއްނު އަޅެ ކޮއްކޯ.” އަފްރާޒް ވާހަކަ ދެއްކިގޮތް މަޖާކަމުން އަފްރީންއާއި ނަޞްރާގެ އިތުރުން ޝަރީފަށްވެސް ހެވުނެވެ.
“ރައިޓް! ޔޫ.އޭ.އީގެ ކެޕިޓަލްގަ މަސައްކަތް ކުރާ މީހަކު ހުލިވާ ވާހަކަ މި އަޑުއެހީ ފުރަތަމަ ފަހަރަށް.” ނަޞްރާ ބުނެލިއެވެ. އޭނަ ވާހަކަ ދެއްކީ ވަކި ހަދިޔާއެއް ހޯދާކަށެއް ނޫނެވެ. އޭނަގެ ދޮންބެއާ ސަމާސާކޮއްލުމުގެ ގޮތުންނެވެ.
“ހެހެހެހެހެ…..ނަޞްރާ! ނަޞްރާއަށް ހީވޭތަ ދޮންބެ ދޭނަމޭ ބުނެފަ ނުދީ ހުންނާނެހެން؟” އަފްރާޒް ހުނުން ހުއްޓުމަށްފަހު އެއްމިޔަކަނުން ހިނިތުންވެގެން ހުރެ ބުނެލިއެވެ. ނަޞްރާ އިރުކޮޅަކު އަފްރާޒަށް ބަލަން އިނދެފައި ބޯހޫރުވާލިއެވެ.
“ނަޞްރާގެ ގިފްޓް މިހާރުވެސް އޮތީ ތައްޔާރަށް. އެކަމަކު އޭތި ދޮންބެ ނަޞްރާއަށް ދޭނީ ވެޑިންގް ގިފްޓެއްގެ ގޮތުގަ.” އަފްރާޒް ބުނެލިއެވެ.
“ތިއީ ތިހެންވިއްޔާ ނުލިބުނު އެއްޗެއް ކަމަށް ބަލައިފިން.” ނަޞްރާ ސަމާސާވެރި ރާގަކަށް ބުނެލިއެވެ.
“ކިހިނެއްވީ؟ ނަޞްރާގެ ވެޑިންގް އަކީ ދެން މާ ދުރުގަ އޮތް ކަމެއްނޫނެއްނު؟” އަފްރާޒް ވާހަކަ ދެއްކީ ސީރިއަސްކަމާއެކީގައެވެ.
“ހަމަ އަސްލުވެސް؟” ނަޞްރާ އަދިވެސް ވާހަކަ ދެއްކީ އަފްރާޒް އެކުރަނީ ސަމާސާއެއް ކަމަށް ހީކޮށެވެ.
“ބައްޕާ، އަދިވެސް ނުބުނަންތަ؟” އަފްރާޒް ޝަރީފާއި ސުވާލުކުރުމުން ނަޞްރާގެ ހިނިތުންވުން ފަނޑުވިއެވެ. އޭނަ ޖަވާބަކަށް އުއްމީދުކުރާފަދަ ގޮތަކަށް ޝަރީފަށް ބަލާލިއެވެ. އަފްރީން ވެސް ހުރީ ވާނުވާއެއް ނޭނގިފައެވެ.
“ބުނަން އުޅެނިކޮށް އަފްރީން ދެންމެއަކު އައީ. ނަޞްރާ……ބައްޕަ ދެކޭގޮތުގަ…..ބައްޕައާއި ދޮންބެ ވެސް ދެކޭގޮތުގަ ދެން…..ނަޞްރާވެސް ވީ މީހަކާ އިންނަން.” ޝަރީފް ޖެހިލުންކަމާއެކީ ބުނެލިއެވެ. އެއާއެކު ނަޞްރާ ހުއްޓުން އެރިއެވެ. މުޅި ތަން ހިމޭންވިއެވެ. ޝަރީފަށް ބަލަހައްޓައިގެން ހުރެފައި ނަޞްރާ މަޑުމަޑުން އިސްޖަހާލިއެވެ. އަދި ސޯފާގައި ދެއަތުން ބާރަށް ހިފަހައްޓާލަމުން ދެލޯ މަރާލިއެވެ.
“ނަޞްރާ؟” އަފްރާޒްއަށް ކަންބޮޑުވުން އެކުލެވިފައިވި ގޮތަކަށް ގޮވާލެވުނެވެ. ނަޞްރާ އަފްރާޒަށް ބަލާލިއެވެ.
“ނަޞްރާ ތައްޔާރެއް ނޫނިއްޔާ ލަސްކުރެވިދާނެއޭ.” ނަޞްރާ އެއްޗެކޭ ނުބުނުމުން އަފްރާޒް ބުނެލިއެވެ. އަފްރާޒްގެ ވާހަކަ ނިމުނުތަނާ ނަޞްރާ ބޯހޫރުވާލިއެވެ.
“އަހަރެން ތައްޔާރު….” ނަޞްރާ އޭނަގެ ނޭވާ ހަމައަކަށް އަޅުވަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ. އަފްރާޒްއާއި ޝަރީފްގެ މޫނުމަތިން ދެންވެސް ފެނުނީ ކަންބޮޑުވުމެވެ.
“ސީރިއަސްލީ ދޮންތާ؟ އެރޭންޖްޑް މެރިއޭޖް؟” އަފްރީން ޤަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށް ބުނެލިއެވެ.
“ކިހިނެއްވީ؟ އެކޮއެ ވެސް ބޭނުންވަނީތަ އެރޭންޖްޑް މެރިއޭޖެއްކުރަން؟” އަފްރާޒް މޫޑު ބަދަލުކޮއްލަމުން އަހާލިއެވެ.
“އީއޫ….ނުއުޅެން. އޯ ގޯޑް، ޓިއުޝަން ގަޑިވެސް ޖެހިއްޖެ. ބައްޕާ އަވާސް!” އަފްރީން މޫނު ކުނިކޮށްގެން ހުއްޓާ އެއްލިކަޅިއަކުން ގަޑި ފެނުމުން ވަގުތުން ތެދުވެވުނެވެ. ޝަރީފް ވެސް އަފްރީންގެ ޓިއުޝަން މަތިން ހަނދާންވުމުން އޭނަވެސް މިވަގުތު އޮފީހަށް ދާންޖެހިފައި އޮތްކަން ހަނދާންވިއެވެ. އޭނަވެސް އަވަހަށް ތެދުވެ އަފްރާޒަށް ވަރަށް ސަލާމޭ ބުނެލަމުން ދިޔައީ ކޮޓަރިއަށެވެ.
“ނަޞްރާ!” އެއޮތްހާއިރު އިސްޖެހިފައި އިން ނަޞްރާއަށް އިސްއުފުލާލެވުނީ އަފްރާޒް ގޮވާލި އަޑަށެވެ.
“ވަދާޢު.” އަފްރާޒް ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“ވަދާޢު.” ނަޞްރާގެ މޫނަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ.
ނަޞްރާ ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އުޅެފަވެސް ބައްޕައާ އަފްރީން ނާންނަނީސް ނުކެއުމަށް ނިންމިއެވެ. އަފްރީންއާއި ޝަރީފް ކެއުމަށް ވަގުތެއްނެތޭ ކިޔައި ދިޔައީއެވެ. އެމީހުން ދިޔަތާ އިރުކޮޅެއްފަހުން އެގޭގެ ކަންތައް މިހާ ދުވަހަށް ބެލި ޝަކީލާއައެވެ. ނަޞްރާ ފެނިފައި ޝަކީލާ ނިހާޔަތަށް އުފާވިއެވެ. އޭނަ ނަޞްރާއަށް ހޫނު މަރުޙަބާއެއް ކިޔުނެވެ. އެއަށްފަހު ފާއިތުވި އަހަރުތަކުގައި ޝަރީފް އުޅުނު ދަތި ޙާލު ކިޔައިދިނެވެ. ޝަކީލާއަށް ބައެއް ދުވަސްދުވަހު އަމިއްލަ ގޭގެ ކަންތައް ކުރަމުން އެގެއަށް ނުދެވޭ ވާހަކަ ކިޔައިދިނެވެ. ނަމަވެސް ދެން އެކަން ބަދަލުވާނެ ނޫންހޭ ބުނެލީ ހެވިފައި އިނދެއެވެ. ނަޞްރާ އެކަމާ އެއްބަސްވީ ހިސާބަކަށް ޖެހިލުންވެހުރެއެވެ. އޭނައަށް ދެން އޭނަގެ ބައްޕަގެ ޚިދުމަތުގައި ވެސް މާ ގިނަ ދުވަހު ނުހުރެވޭނެ ނޫންހޭ އަމިއްލަ ހިތާ ސުވާލުކޮއްލެވުނެވެ.
ޝަކީލާ ދިޔުމުން ނަޞްރާ މޫނު ނިވާކޮށްގެން ގޮސް އޮތީ ގޭގެ ފެންޑާގައި އެލުވާފައި އޮތް އުނދޯލީގައެވެ. އޭނަ ދެލޯ މެރިފައި އޮތް ގޮތުން އޭނަ އޮތީ ވަރުބަލި ވެފައިކަން ހާމަވެއެވެ. އެހެން އޮތްއިރު ނަޞްރާގެ ކަންފަތުގައި ގުގުމަމުން ދިޔައީ މިރޭ އޭނަގެ ބައްޕައާއި ދޮންބެ ދެއްކި ވާހަކަތަކެވެ. ދޮންބެ އާއި ބައްޕަ އޭނަގެ ކައިވެނީގެ ވާހަކަ ދެއްކުމުން އޭނައަށް އާނބަސް ދެވުނުތަން ޚިޔާލު ކުރެވުމުން ނަޞްރާއަށް އޭނަގެ މަރާލެވިފައިވާ ދެލޯ ތަގުޅިކޮށްލެވުނެވެ. އޭނަގެ އެސްފިޔަތަކުގެ ތެރެއިން މާޒީގެ އެކިއެކި މަންޒަރުތައް ސިފަވާން ފެށިއެވެ. މަންޒަރަކަށްފަހު މަންޒަރެއް އަވަސްއަވަހަށް ފެނިގެއްލެމުން ދަނިކޮށް އިވުނު އަޑަކާއެކު ނަޞްރާއަށް ސިއްސައިގެން ގޮސް ތެދުވެވުނެވެ. އެވަގުތު އޭނަގެ ކުރިމަތީގައި އޮތީ އެގޭގައި އޮންނަ ބުޅަލެވެ. ހަމަ އެއާއެކު އެ އިވުނު އަޑަކީ ބުޅާ ގަހުގައި އޮވެފައި ފުންމާލި އަޑުކަން ނަޞްރާއަށް ނަގައިގަނެވުނެވެ.
“މީނަ! ބިރުންގޮސް ހަލާކުނުވީ ކިރިޔާއޭ.” ނަޞްރާއަށް ބުނެލެވުނެވެ. އެސޮރުވެސް އޭގެ ބަހުރުވައިން އެއްޗެކޭ ބުނެލައިފިއެވެ. ނަޞްރާއަށް އިރުކޮޅަކު ބަލަން އިނދެފައި އަމިއްލަ ނަފްސާ ހީލެވުނެވެ. އޭނަ ބަލަ ބަލާ ހުއްޓާ އެ ބުޅާ އަނެއްކާވެސް ބާރު މިނެއްގައި އެގަހަށް އަރަންފެށިއެވެ. ވަކި ހިސާބަކަށް ގޮސް ތިރިއަށް ބަލާފައި ވަރަށް ނުފަރިތަ ގޮތަކަށް ފައިބައިފިއެވެ. އެސޮރު ބޭނުންވަނީ ކުޅެންކަން ނަޞްރާއަށް ވިސްނުނެވެ. އޭތި ފެންޑާގެ ވަށައި އެކި ގޮތްގޮތަށް ފުންމަމުން ދިޔަތަން ނަޞްރާ މަޖާވެލާފައި ބަލަން އިނެވެ. އޭނަ ހަމަ ބަލަން އިންދާ އެ ބުޅާ ގޭގެ ގޭޓުން އަނދިރި މަގަށް ނިކުމެފިއެވެ.
“އަނހަ…” ބުޅާ އޭނަގެ ލޯމަތިން ގެއްލުމުން ނަޞްރާއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. އޭނަ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ގޭގެ ގޭޓު ކައިރީގައި ހުއްޓިލިއެވެ. ގޭގެ ފެންޑާއިން މަގުގެ ވަކި ހިސާބަކަށް ގޮސްފައިވާ އަލި ފިޔަވައި އެހެން އައްޔެއް އެ މަގުގައި ނެތެވެ. އެ މަގުގެ އަނދިރިކަމުގެ ތެރެއިން ބުޅާ ރޯލި އަޑު ނަޞްރާއަށް އިވުނެވެ. އެ އަޑު އައީ އެހާ ދުރަކުންނެއް ނޫނެވެ. ނަޞްރާ މަގަށް ނިކުންނަން ހީކޮއްލިތަނާ ފިރިހެންވަންތަ ހުނުމެއްގެ އަޑު އޭނައަށް އިވުނެވެ. އެ އަޑު ލަސްލަހުން ކައިރިވަމުން ދިޔައެވެ. ނަޞްރާގެ ހިތަށް ވެރިވި ނުތަނަވަސްކަމާއެކު އޭނަ ގޭތެރެއަށް ދާން ހިތަށްއެރިއެވެ. އެމީހަކު ނަޞްރާއާ ވާހަކަ ދައްކަން ފަށާފާނެތީ ޖެހިލުންވިއެވެ. އެފަދަ ޙާލަތަކަށްޓަކައި ނަޞްރާ ހިތާހިތުން އެމީހަކު ފޮނުވާލުމަށްޓަކައި ހަރުކަށިކޮށް ބުނެލެވޭނެ ބަސްތައް ރާވަމުން ދިޔައެވެ. މާ ގިނައިރެއްނުވެ އެމީހަކު އަނދިރީގެ ތެރެއިން ނިކުމެފިއެވެ. އެއީ ގައިގެ ކުލަ އަލި އާދައިގެ ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. ކަޅުކުލައިގެ ތެތް އިސްތަށިގަނޑު މައްޗަށް ކަހާލެވިފައިވާއިރު ތުނބުޅި ކޮންމެވެސް ވަރަކަށް ދިގުކޮށްފައިވިއެވެ. އޭނަ ލައިގެން ހުރި ހުދުކުލައިގެ ގަމީހުގެ އަތުކުރި އޮޅާލެވިފައިވާއިރު އޭނަގެ އަތްމަތީގައި ނަޞްރާމެންގެ ބުޅާ އޮތެވެ. ދުރު ބަލަން ހުރި ނަޞްރާއަށް އޭނަގެ ހުރިހާ ސިފައެއް ނުފެނުނެވެ. ނަޞްރާ ހުރި ގޮތަށް ހުއްޓާ އެމީހަކު ބުޅާ ގޭގެތެރެއަށް ދޫކޮއްލައިފިއެވެ. އަދި ނަޞްރާއަށް ވެސް ވަކި ބެލުމެއްނެތި އެގެއިން ނިކުމެގެން ދިޔައެވެ. އެ ޒުވާނާ އަނދިރީގެ ތެރެއަށް ގެއްލިގެން ދިޔަ ދިމާލަށް ބަލަން ނަޞްރާއަށް ހުރެވުނީ ޙައިރާންކަންމަތީގައެވެ. އޭނަ ކަންތައް އެކުރީ ނަޞްރާ އެއްގޮތަކަށް ވެސް ހީކުރި ގޮތަކަށް ނޫނެވެ. އަންހެން ކުއްޖަކު އެކަނި ހުއްޓާ އެންމެ ބަހެއްވެސް ބުނެ ނުލީތީ އަންތަރީސްވިއެވެ. އެޒުވާނާ އެ ކަންތައް ކުރި ގޮތުން ނަޞްރާއަށް ލުއިގޮތަކަށް ހިނިތުންވެލެވުނެވެ. އޭނަ ފުން ނޭވައެއް ދޫކޮއްލަމުން ގޭގެ ގޭޓު ލައްޕާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.







އައްސަލާމްޢަލައިކުމް 🙂 ޖަނާ މި ވާހަކައާ ބެހޭގޮތުން ބުނަން ބޭނުންވާ ވާހަކަތަކެއް އެބަހުރި. މި ވާހަކައަކީ ހަމައެކަނި ކިޔުންތެރިން ކިޔައި ނިންމާލުމަށްޓަކައި ޖަނާ އެކުލަވާލި ވާހަކައެއްނޫން. ވާހަކައިގެ ތެރޭގަ ހުންނާނެ މެސެޖްތަކެއް ފޮރުވިފަ. އެ މެސެޖްތައް އިތުރަށް ކިޔައިދިނުމަށްޓަކައި ޖަނާ ހެދި ފޭސްބުކް ޕޭޖެއްގެ ލިންކް ތިރީގައި އެވަނީ. މި އެއްވާހަކައިގެ ތެރޭގަ މައިގަނޑު ދެ ވާހަކައެއް އޮންނާނީ. އޭގެތެރެއިން އެއްވާހަކައަކީ ފުރާވަރުގެ އަންހެން ކުއްޖެއްގެ ޙަޔާތުގައި ދިމާވާ ކަންތައްތަކެއްގެ ވާހަކަ. އެ ވާހަކަ އެ އުމުރު ފުރައިގެ ކުދިންނާ ފުދޭވަރަކަށް ގުޅޭނެ. އެހެން ގޮތަކަށް ބުުނާނަމަ “ރިލޭޓެބްލް” ވާނެ. ފޭސްބުކް ޕޭޖްގަ ވެސް އެ އުމުުރުގެ ކުދިންނާ ގުޅޭ މެސެޖްތައް ގިނައިން ހުންނާނީ. އެހެންވީމަ އެ އުމުރު ފުރައިގެ ކުދިން އެ ޕޭޖަށް ޒިޔާރަތް ކޮށްލުމަކީ ޖަނާގެ ވަރަށް ބޮޑު އެދުމެއް. ޖަނާގެ މަޤްޞަދަކީ މި ވާހަކައާ އެ ޕޭޖަކީ ވެސް ކިޔުންތެރިންނަށް ކަމުދާ އަދި ފައިދާކުރަނިވި ދެއެއްޗަށް ހެދުން އިން ޝާ ﷲ
އަދި ވަރަށް މުހިންމު ވާހަކައެއް. މި ވާހަކައިގަ ޖަނާ ސިފަކޮށްދީފަ ހުންނާނީ މުޅިންވެސް ޚިޔާލީ ވާހަކަތައް. އެހެންވީމަ ދިވެހި މުޖުތަމަޢުގައި ހިނގާ ކަންތަކާ މި ވާހަކައިގަ ވާގޮތް އަޅާ ނުކިޔުމަކީ ޖަނާގެ ވަރަށް ބޮޑު އެދުމެއް. މިހެން ބުނަން ޖެހުނު ސަބަބު ވާހަކައިގެ ކުރިއަށް އޮތް ތަނުގަ އެނގިގެންދާނެ އިން ޝާ ﷲ
https://www.facebook.com/pages/Hijra/1445208739121696
🙂
mi vaaahaka vrh kamudheyy….. aslu meege therein gina kanthakakee aharemenge thereyygaii hingaaaa thanthahthah… misaaalakah dhe namaaadhu ehkkohlaaafa kurun… mi story in libeyy msg aslu vrh vrh rangalheyy buneveyyneeee… Good luck
Mi vaahaka v reethi v kamudhey masha allah. Jana Jazaakillah khairan. Mikahala vaahaka gina in genes dhey nama kiyaa kudhin na konmeves varey ge asarey kuraane kan gaimu. Thibaa ge masaeykathuga allah barakaaey lavvaashi. Aameen
Beautiful so far
varah reethii/////
nice…
MashaAllah ❤❤❤❤❤ adhi kiriya reethi ibraiytheri vaahaka eh mi site in kiyalan mi libuny. Ummeedh kuran mikahala gina vaahaka thah kiyanibeyne kamah. Jazakillah khairan.
Kiyan* libeyne*
Maashaa allah v v reethi mivaahaka v hinhama jehigen mi kiyaaleeves:-)..
V iburaihtheri reethi vaahakaeh.
varah reethi.. vaahaka medhu nukendi up vaane kamah ummeedhu kuran..
V reethi masha allah.
Nice
V salhi Masha Allah
ITS BEAUTIFUL MAA SHA ALLAH