Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ތިންވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
July 21, 2015 11 Mins Read
42 Comments

ޔޫ ހޭވް ޗޭންޖްޑް، ދޮންތާ.” އަފްރީން ބުނެލިއެވެ. ނަޞްރާއަށް އަފްރީންގެ އެވާހަކައަށް އެއްޗެކޭ ނުބުނެވެނީސް އަފްރީން އޭނައަށް ފަސްދީފައި އިސްތަށިގަނޑުގައި ގޮށެއް ޖަހަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. ނަޞްރާ ފުން ނޭވައެއް ދޫކޮއްލަމުން އެނދުގައި އިށީނެވެ.

 

 

އެވަގުތުކޮޅަށްފަހު މުޅި ދުވަހު ނަޞްރާއާއި އަފްރީން އާ ދެމެދު ވާހަކައެއް ނުދެކެވެއެވެ. ނަޞްރާ ނަމާދަށް އަންނާށޭ ބުނީމަ އަފްރީން އަޔަސް ނަމާދު ނިމުމާއެކީ ނަޞްރާއަށް އެއްޗެކޭ ބުނެލާނެ ފުރުޞަތެއްނުދީ އޭނަ ދަނީއެވެ. އަފްރީން މުޅި ދުވަހުހެން އުޅުނީ އޭނަގެ ކޮޓަރި ތެރޭގައެވެ. ނަޞްރާ އެކޮޓަރީގެ ދޮރު ހުޅުވާފައި ބެލިއިރު އަފްރީން ހުރީ ފިލާވަޅު ހަދާށެވެ. އެހެންކަމުން އޭނަ ފިލާވަޅުތައް ހަދައި ނިމުމުން ވާހަކަ ދައްކަން ނަޞްރާ ނިންމިއެވެ.

 

ހަވީރު ފަހެއްޖަހަން ގާތްވެފައި ވަނިކޮށް އަފްރީން އޭނަގެ ހިސާބު ފޮތާއި ކަލްކިއުލޭޓަރާއި ގަލަން ހިފައިގެން ގޮސް ފެންޑާގައި އެލުވާފައިވާ އުނދޯލީގައި އިށީނެވެ. އޭނަ ފިލާވަޅު ހަދަން އެއްތަނެއްގައި ހުރެހުރެ ފޫހިވުމުން މާހައުލު ބަދަލުކޮއްލީއެވެ. ހިސާބުގެ ފިލާވަޅު ނިމުމުން އޭނަގެ ހުރިހާ ފިލާވަޅެއް ނިމޭނެތީ އަފްރީން ހުރީ ހިތްހަމަޖެހިފައެވެ. އޭނަ ފިލާވަޅުގެ ތެރެއަށް މުޅިން ގެނބުނުތަނާހެން ނަޞްރާ އެތަނަށް އައެވެ. ނަޞްރާ އައި ބުޅަލަށް ދޭންވެގެން ކުޑަކުޑަ ތަށްޓަކަށް ސަމުސަލަކުން ކާއެއްޗެއް އެއްކޮށްގެނެވެ. އަފްރީން ނަޞްރާއަށް ކުޑަކޮށް ބަލާފައި އަނެއްކާވެސް މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ނަޞްރާ އަފްރީންއަށް ބަލަން ހުރެފައި ގޮސް އެތާ އަނބުގަހުގެ ދަށުގައި ހުރި މަތިގަނޑަކަށް އޭނަ ގެނައި ކާއެއްޗެހި ބިސްމި ކިޔައި ހުސްކޮއްލިއެވެ. ނަޞްރާއަށް އެތަނުން ތެދުވެވުނީ ހަމަ ކިރިޔާއެވެ. ބުޅާ އަވަސް އަވަހަށް ދުވަމުން އައިސް ކާންފެށިއެވެ. ނަޞްރާ ލުއިގޮތަކަށް ހީލަމުން އަފްރީންއަށް ބަލާލިއެވެ. ނަމަވެސް އަފްރީން އޭނައަށް ބަލައެއްނުލިއެވެ. ނަޞްރާ ލަސް ހިނގުމެއްގައި ގޮސް ގެއަށްވަނެވެ.

 

އަފްރީން އޭނަގެ ފިލާވަޅުގެ އެންމެ ފަހު ސުވާލާ ހަމަވުމާއެކު ހިނިތުންވެލާފައި އަތްމަތި އަވަސްކޮއްލިއެވެ. ހަމަ އެވަގުތު އަނެއްކާވެސް ނަޞްރާ އެތަނަށްއައެވެ. ނަޞްރާގެ ފިޔަވަޅުގެ އަޑަށް އަފްރީންއާ ނަޞްރާއާ ދެމެދު މީގެ އިރުކޮޅެއްކުރިން ހިނގި ނަޒަރު ބަދަލުވުންތައް ތަކުރާރުވިއެވެ. އެއަށްފަހު ނަޞްރާ މިފަހަރުވެސް ދިޔައީ ބުޅާ ކައިރިއަށެވެ. ކައިނިމިގެން ގަސްދޮށުގައި ނިދިފައި އޮތް ބުޅަލުގެ ބޮލުގައި ނަޞްރާ އޭނަގެ ބޫޓުން ފިރުމާލިއެވެ. އޭގެ އިރުކޮޅެއްނުވެ އަފްރީން ނިކަން ބާރަށް ފޮތް ލައްޕާލިއަޑު އިވުނެވެ. ނަޞްރާ ބަލާލިއިރު އަފްރީން ހެވިފައި އިނދެ ގަލަމުގެ ދޯރި ޖަހާލަނީއެވެ. ނަޞްރާ ހުރީ ބަލަހައްޓައިގެންކަން އަފްރީންއަށް އެނގުނެވެ. ނަމަވެސް އޭނަ ހަމަ ނުބަލަންވެގެން ދެލޯ މަރާލަމުން އުނދޯލީގައި އޮށޯތެވެ. އޭނަ އެހެން އޮވެފައި އިރުކޮޅެއްފަހުން ލޯ ހުޅުވާލިއިރު އުޑުން އެއްޗެއް ފެނުނެވެ. އަފްރީން ހިންދެމިލަމުން ރަނގަޅަށް ބަލާލިއިރު އެއީ އުޑުގައި އުދުހެމުން ދިޔަ ފެހިކުލައިގެ މަޑިއެކެވެ.

 

“ދޮންތާ ބަލާ ކައިޓް!” އައި ފޯރިއާއެކީ އަފްރީންއަށް އެދިމާލަށް އިނގިލި ދިއްކޮއްލަމުން ބުނެލެވުނެވެ. ނަޞްރާ ބަލާލުމުން އޭނަގެ ހިނިތުންވުން ފަނޑުވިއެވެ. ނަމަވެސް ޙަޤީޤަތުގައި އަފްރީން އޭނަގެ ދޮންތައަށް ރުޅި ނާންނަކަން އޭނައަށް އެވަގުތު އިޙްޞާޞް ކުރެވުނެވެ. އޭނަ ރުޅިވާކަށްވެސް ބޭނުމެއްނުވިއެވެ. ރުޅިވެގެން އޭނައަށް ލިބޭނެ ފައިދާއަކީ ވެސް ކޮބައިހޭ އަފްރީންގެ ހިތަށްއެރިއެވެ. އެހެންކަމުން އަފްރީން ރުޅި ނޫންކަން އެންގުމަށްޓަކައި އޭނަގެ ފުރިހަމަ ހިނިތުންވުން ނަޞްރާއަށް ދައްކާލިއެވެ.  ނަޞްރާގެ ދެލޯ ވެސް ހަނިވެގެން ދިޔައީ އޭނަ ވެސް ހިނިތުންވެލީކަމަށް އަންގަމުންނެވެ. އެއަށްފަހު އޭނަވެސް އެ މަޑިއާއި ދިމާލަށް ބަލާލިއެވެ.

 

“ވާވް! ނޭނގޭ ކިތައް ދުވަސްފަހުން ކަމެއްވެސް ކައިޓެއް މިފެނުނީ. ވަރަށް ކައިޓް އަރުވައި ހަދާދޯ މިރަށު މީހުން؟” ނަޞްރާ އަފްރީންއާ ސުވާލުކުރިއެވެ.

 

“ކޮންތާކު؟ އެތައް އަހަރެއްވެއްޖެ އަފޫއަށްވެސް ކައިޓެއް ނުފެންނަތާ…..އަންނާނަން ކެމެރާ ހިފައިގެން.” އަފްރީން މަޑިއަށް ބަލަންހުރެ އުނދޯލިން ތެދުވެ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގެއަށްވަނެވެ. އަފްރީން ވާހަކަ ދެއްކުމުން ހިތްހަމަޖެހުން ލިބުނު ނަޞްރާއަށް، އަފްރީން ގެއަށް ވަތްތަން ބަލަން ހިނިތުންވެފައި ހުރެވުނެވެ. ނަޞްރާ އަނެއްކާވެސް އެ މަޑިއަށް ބަލާލިތާ އިރުކޮޅެއްނުވެ އޭތި ތިރިއަށް އަންނަމުން ދިޔަހެން ނަޞްރާއަށް ހީވިއެވެ. އެ ހީ ޔަޤީނަކަށްވާން މާގިނައިރެއް ނުނެގިއެވެ. އޭތި ތިރިވަމުން ވަމުން ގޮސް އެންމެ ފަހަކަށް ނަޞްރާގެ ލޯމަތިން ގެއްލުނެވެ. ނަޞްރާ މާޔޫސްވިއެވެ. އަފްރީންއަށް ކެމެރާއާއެކީ ނާދެވެނީސް އޭތި ގެއްލުމުން އަފްރީން މާޔޫސްވާނެވަރު އިޙުސާސްކުރެވުމުންނެވެ. އަފްރީންއަށް ކެމެރާއާއެކީ ނާދެވެނީސް ގެއަށް ވަންނަން ކަމަށް ނަޞްރާ ފަސްއެނބުރިލީ ވަގުތު ކަރުގައި ކެމެރާއެއް އަޅުވައިގެން ހުރި އަފްރީން ދޮރުމައްޗަށް އެރީއެވެ.

 

“ކޮބާ؟” އަފްރީން ދޮރުމަތީގައި ހުރި އޭނަގެ ފައިވާނަށް އަރަމުން ހެވިފައިހުރެ ބުނެލިއެވެ. އަދި ދުވެފައި އައިސް ނަޞްރާއާއި އެއްހަމައެއްގައި މަޑުކޮއްލައިފިއެވެ.

 

“މަޣުރިބު ނަމާދަށް އޭތިވެސް އޮއްސުނީ. ހިނގާ ނަމާދަށް ވުޟޫކޮއްލަން އަވަހަށް.” އަފްރީން އުޑުން މަޑި ހޯދަން ފެށުމުން ނަޞްރާ ބުނެލިއެވެ.

 

“ދެން…..ކާކުތަ އެހާ އަވަހަށް ކައިޓެއް އަރުވާފަ ތިރިކޮއްލާނީ؟” އަފްރީންގެ ތުން ދިގުވިއެވެ.

 

“ކިހިނެއް އެނގެނީ އަވަސްކަން؟ އަހަރުމެންނަށް އޭތި ފެނުނީ ލަހުން ކަމަށްވެސް ވެދާނެއެއްނު؟” ނަޞްރާ ބުނެލިއެވެ.

 

“ދެން އެކަމަކު……” އަފްރީން ބިންމަތީގައި ދެފައި ޖަހަމުން އެހެން ބުނެލީ އަދިވެސް ތުން ދިގުކޮށް އުޑާއި ދިމާލަށް ބަލަހައްޓައިގެން ހުރެއެވެ. ނަޞްރާ އަފްރީންގެ ފުރަގަހުން އޭނަގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.

 

“އެއީ ދެން ކޯޗެއްތަ؟ އެއްދުވަހު އަފޫއާ ދޮންތަވެގެން އެއަށްވުރެ މާ ރީތި ކައިޓެއް އަރުވާނީ.” ނަޞްރާ ޖޯޝާއި އެކީގައި ބުނެލިއެވެ.

 

“ސީރިއަސް؟” އަފްރީން އުޖާލާވެގެން ދިޔަ މޫނަކާއެކީ ނަޞްރާއާއި ދިމާލަށް ބަލަމުން ބުނެލިއެވެ. ނަޞްރާ އަވަސްއަވަހަށް ބޯޖަހާލުމުން އަފްރީން ޔެސްއޭ ކިޔައި ނަޞްރާގެ ގައިގައި ބައްދާލިއެވެ. އެއަށްފަހު ނަޞްރާ ނަމާދަށް ހިނގާށޭ ބުނުމުން އަފްރީން ވަގުތުން ހިނގާށޭ ބުނެލިއެވެ.

 

 

އިރުއޮއްސެމުން ދިޔަ ވަގުތު ނަޞްރާމެންގެ ގެ ހުންނަ މަގުން ކުރިއަށް ހިނގާފަ އައީ މިއަދު ހެނދުނު ނަޞްރާއަށް ފެނުނު އަބާންއާއި ކޮންމެވެސް އެހެން އަންހެނަކާ ފިރިހެނެއްގެ އިތުރުން އެއްކަލަ ޒުވާނާއެވެ. އެޒުވާނާއާއި އެއްހަމައެއްގައި ހިނގަމުން ދިޔައީ އަބާންގެ މަންމައާއި ބައްޕަކަން ބަލާ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އެހެނީ އަނެއް ޒުވާނާ ހިނގަމުން ދިޔައީ އެމީހުންނާ އެއްހަމައެއްގައި ވިޔަސް އެމީހުންނާ ދުރުދުރުންނެވެ.  ހެމުން ވާހަކަ ދައްކަމުން ހިނގާފަ އައި އޭނަގެ މަންމައާއި ބައްޕަގެ ދެމެދުގައި ހުރި އަބާންގެ އަތުގައި އޮތީ ފެހިކުލައިގެ މަޑިއެކެވެ. އަބާން އެމީހުންގެ ގެއާއި ކައިރިވިތަނާހެން އެ މަޑި ދެއަތުން މައްޗަށް ހިއްލައި ގެއަށް ވަންނަން ދުއްވައިގަތެވެ. އަބާން ގޭގެ މައިދޮރާއި ހަމަވީތަނާ އޭނަގެ ބައްޕަ އޭނަ މަޑުކުރުވިއެވެ.

 

“އަބޫ މަޑުކުރޭ! ތިއީ ޔޫންބެ ހެދި އެއްޗެއްނު؟ ޔޫންބެއަށްދީ!” އަބާން ގެ ބައްޕަ ބުނެލިއެވެ. އެއާއެކު އަބާންގެ ޙަރަކާތްތައް ހުއްޓުނެވެ. އޭނަ ފަސްއެނބުރި “ޔޫންބެ”އަށް ބަލާލިއެވެ. އެޒުވާނާ އަބާންއަށް އެވަގުތު ބަލަހައްޓައިގެން ހުރި ގޮތުން އޭނަ ހުރީ ހިނިތުންވެގެންކަމެއް ނުވަތަ ނޫންކަމެއް އެކަކަށްވެސް ނަގައިނުގަނެވޭނެއެވެ. އަބާން އިރުކޮޅަކު  ހުރުމަށްފަހު ދެރަ މޫނަކާއެކީ މަޑިއަށް ބަލަހައްޓައިގެން ހުރެ “ޔޫންބެ” ގެ ކުރިމައްޗަށް ގޮސް މަޑުކޮއްލަމުން މަޑި ދިއްކޮއްލިއެވެ. އެޒުވާނާ ކުރުފައިމައްޗަށް ތިރިވެ ސީރިއަސް ނަޒަރެއްގައި ހުރެ އެ މަޑި އަތުލިއެވެ. އެއަށްފަހު އެއްމިޔަކަނުން ހިނިތުންވެލައިގެން އަބާންގެ ލޯބިލޯބި ދެރަ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.

 

“މިއީ ކޮއްކޮ އެއްޗެއް.” އެޒުވާނާ އަބާންގެ އަތަށް އަނބުރައި އެ މަޑި ލައިދެމުން ބުނެލިއެވެ. އެއާއެކު އަބާން އުފަލުން ފުރިގެންގޮސް އެޒުވާނާގެ ގައިގައި ބައްދާލިއެވެ. އެޒުވާނާވެސް ހެވިލާފައި އަބާންގެ ގައިގައި ބައްދައި އޭނަގެ ބުރިކަށީގައި އޯގާތެރިކަމާއެކު ފިރުމާލިއެވެ. އެވަގުތު އަބާންގެ މަންމައާއި ބައްޕަ ހިނިތުންވެފައި އެ މަންޒަރު ބަލަން ތިއްބެވެ. އެ ޒުވާނާ އިރުކޮޅެއްފަހުން އަބާންގެ ގައިން ދޫކޮއްލިއެވެ. އެވަގުތު އަބާންގެ މަންމަ ވާހަކަ ދެއްކިއެވެ.

 

“އަބޫ ކީކޭތަ ބުނާނީ ޔޫންބެގާތު؟” އަބާންގެ މަންމަ ބުނެލިއެވެ.

 

“ތެންކިއު!” އަބާން އެހެން ބުނެފައި ކުއްލިއަކަށް އެޒުވާނާގެ ކޯތާފަތަށް ބޮސްދިނެވެ. އަދި އެއަށްފަހު ވަގުތުން ދުވެފައި ގޮސް ގެއަށްވަނެވެ. އެޒުވާނާއާއި އަބާންގެ މަންމައާއި ބައްޕައަށް ހެވެން ފެށިއެވެ. މަޣުރިބު ނަމާދަށް ބަންގި ގޮވަން ފެށީ އެވަގުތެވެ. އެޒުވާނާ ވަގުތުން ދެފައި މައްޗަށް ތެދުވެ ތިމަންނަ ވުޟޫކޮށްގެން އެބައަންނަމޭ ބުނެ އޭނަގެ ގެއަށްދާން ފަސްއެނބުރިލިއެވެ. އަބާންގެ ބައްޕަ އެއަށް އާނއެކޭ ބުނަމުން ގެއަށް ވަދެގެން ދިޔައީ އަންހެނުންނާއި އެކީގައެވެ.

 

ކޮންމެ ނަމާދެކޭ ވެސް އެއްގޮތަށް މަޣުރިބް ނަމާދުވެސް އަފްރީންއާ އެކީގައި ކުރުމަށްފަހު އަފްރީން ދާން އުޅުމުން ނަޞްރާ އޭނަ މަޑުކުރުވިއެވެ. އަފްރީން ވަރަށް ހިމޭންކަމާއެކު ނަޞްރާ ބުނާނެ ވާހަކައެއްގެ އިންތިޒާރުގައި އިނެވެ.

 

“މިއަދު…..އަފޫ ބުނި ވާހަކަ، ދޮންތަ ބަދަލުވެއްޖެއޭ. އަފޫ ބުނެބަލަ އަފޫއަށް ހީވާގޮތުގަ ކީއްވެގެންތަ ދޮންތަ ބަދަލުވާންޖެހުނީ؟” ނަޞްރާ އަހާލިއެވެ. އަފްރީން އިރުކޮޅަކަށް އިނދެފައި ފުން ނޭވައެއް ދޫކޮއްލިއެވެ.

 

“ދޮންތާ އަފޫ ބޭނުމެއްނޫން އަނެއްކާވެސް ދޮންތައާ ފައިޓްކުރާކަށް. މި ޓޮޕިކަށް ވާހަކަ ދެއްކީމަ ދޮންތަވެސް ރުޅި އަންނާނީ އަފޫވެސް ރުޅި އަންނާނީ. ސޯ ޕްލީޒް….” ވާހަކަ ދާނެ މިޞްރާބު ދަނެގެންހުރެ އަފްރީން ބުނެލިއެވެ. ނަޞްރާ އަނެއްކާވެސް ވާހަކަ ދައްކަން އުޅުމުން އަފްރީން އޭނައަށް ފުރުޞަތެއްނުދީ ކޮޅަށް ތެދުވެ ކޮޓަރިން ނިކުމެގެން ދިޔައެވެ. ނަޞްރާ ވީ ދެރައާއެކު އޭނަގެ ކޮއްކޮއަށް ހެޔޮގޮތް ދެއްކެވުމަށް އެދި ދުޢާކުރެވުނެވެ.

 

ދުވަސްތައް ހަލުވިކަމާއެކީ މާޒީއާ އެކުވަމުން ދިޔައެވެ. ނަޞްރާއަށް ރަށުގެ މަދުރަސާއިން ވަޒީފާ ލިބުނީ އޭނަ ހީކުރިވަރަށްވުރެ ވެސް ފަސޭހައިންނެވެ. ނަޞްރާ މަސައްކަތް ފަށައިގެން އުޅުނު ދުވަސްވަރު ކުދިކުދި އުދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ. އެހެނީ މުޅި އެ މަދުރަސާގަ މަސައްކަތް ކުރާ ހުރިހާ މުދައްރިސުންގެ ތެރެއިންވެސް މޫނު ބުރުގާ އަޅައިގެން ހުރީ ހަމައެކަނި ނަޞްރާ ކަމަށްވާތީވެއެވެ. ދަރިވަރުންނާއި ބައެއް މުދައްރިސުންގެ ފަރާތުން އޭނައަށް ކަޅިއެޅުންތައް އަމާޒުވިއެވެ. ނަމަވެސް މާ ގިނަ ދުވަހެއްނުވެ ނަޞްރާ އޭނަގެ އެކުވެރިކަމުން އެންމެންގެ ރުހުން ހޯދައިފިއެވެ.

 

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ނަޞްރާއަށް ފެންނަމުން ދިޔަ އެއްކަލަ ޒުވާނާގެ ރަނގަޅު ސިފަތައް ގިނަވާން ފެށިއެވެ. ނަޞްރާ އެޒުވާނާއަށް ނުބަލައިވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް ކޮންމެވެސް އެއްބަހަނާއެއް ދައްކާފައި އޭނަގެ ލޮލުގެ ކަޅި ދަތުރުކުރަނީ ހަމަ އެދިމާލަށެވެ. އެޒުވާނާގެ ސިއްރުވެރި ނަޒަރުތައް ވެސް އޭނައަށް އަމާޒުވާކަން ޔަޤީންވީ ދުވަހުއްސުރެ ނަޞްރާއަށް އޭނަގެ ނަފްސުގެ މައްޗަށް ބާރު ހިންގަން އުދަގޫވިއެވެ. ނަޞްރާ އެޒުވާނާއާމެދު އިތުރަށް އެނގެން ބޭނުންވީތީ އޭނަ އަމިއްލަ ނަފްސަށް ނަފްރަތުކުރިއެވެ.

 

ރަމަޟާންމަހުގެ ހަނދު ފެނުނުރޭގެ މަޣުރިބު ނަމާދަށްފަހު ނަޞްރާ އަފްރީންގާތު އޭނައާއެކީ ތަރާވީޙަށް ދާންވީނޫންހޭ އެހިއެވެ. އަފްރީން ވަގުތުން ބޮޑާހާކަން ފެށިއެވެ. ދަސްކޮށް ތައްޔާރުވާންޖެހޭ އެތައް އިމްތިޙާނެއްގެ ވާހަކަ ދެއްކިއެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް ކާމިޔާބުދެއްވަނީ ހަމަ މާތް ﷲކަން ނަޞްރާ އަފްރީންއަށް ހަނދާންކޮއްދިނެވެ. އަފްރީން ދެންވެސް ދެކޮޅު ހަދަން ފެށުމުން ނަޞްރާ އޭނައަށް އެތައް ނަޞޭޙަތެއް ދިނެވެ. މަރު މަތިން ހަނދާންކޮއްދީ އާޚިރަތުގެ ވާހަކަތައް ނަޞްރާ އަފްރީންއަށް ކިޔައިދިނެވެ. އަފްރީން މަޑުމައިތިރިކަމާއެކީ އެވާހަކަތައް އަޑުއަހަން އިނދެފައި އެންމެ ފަހަކަށް ތަރާވީޙަށް ދާން އެއްބަސްވުމުން ނަޞްރާއަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އަފްރީންގެ އީމާންތެރިކަން އެހާވެސް ބަލިކަށްޓެއްނޫންކަން އިޙުޞާޞް ކުރެވުމުންނެވެ.

 

ޢިޝާ ނަމާދަށް ބަންގި ގޮވަން ގާތްވެފައިވަނިކޮށް އަފްރީން އޭނަގެ ނަމާދު ދޮޅި ފަށްޖަހައި ކޮތަޅަކަށް އަޅައިގެން ނަޞްރާގެ ކޮޓަރިއަށް އައެވެ. އަމިއްލަ ދޮޅި ފަށްޖަހަން ހުރި ނަޞްރާއަށް އަފްރީން ފެނުމުން ހިނިތުންވެލެވުނެވެ. އަފްރީން ހުރީ ގަޔަށް ދޫ ހެދުމަކާއެކު އާދައިގެ ބުރުގާއެއް އަޅައިގެންނެވެ. އަފްރީންވެސް ހިނިތުންވެލަމުން ކޮޓަރީގެ ތެރެއަށް ވަދެގެން ގޮސް ރީތިވާ މޭޒު ކައިރީގައި ހުއްޓިލާފައި ބުރުގާގައި ގޮށެއްޖަހާލިއެވެ. އަފްރީން ލޯގަނޑަށް ބަލަހައްޓައިގެން ހުއްޓާ އެއްލި ކަޅިއަކުން އެ މޭޒުމަތީގައި އޮތް އަނގޮޓިއެއް އޭނައަށް ފެނުނެވެ. އޭނައަށް އެ އަނގޮޓި ނަގައި ބަލާލެވުނެވެ. އާއްމު ގޮތެއްގައި އަފްރީންއަކީ އަނގޮޓިފަދަ އެއްޗެހި ރީތިވެގެން އުޅޭ މީހެއްނޫނެވެ. ނަމަވެސް ނޫކުލައާއި ރަތްކުލައިގެ އެހުން އޭތި ޒީނަތްތެރި ކުރެވިފައިވި ގޮތް އަފްރީންއަށް ރީތިވިއެވެ. އަފްރީން އެއަށް ބަލަހައްޓައިގެން ހިނިތުންވެފައިހުރެ އޭތި އޭނަގެ ކާނާތް އަތުގެ ކަށި އިނގިލީގައި އަޅުވާލިއެވެ. ނަޞްރާ އޭނައަށް ގޮވާލީ އެވަގުތެވެ. އެއާއެކު އަފްރީންއަށް ސިހިފައި އަތްތިރި ކޮށްލަމުން ނަޞްރާއާއިވީ ފަރާތަށް އެނބުރިލެވުނެވެ.

 

“ޕިސް ޕިސް….ވައްކަމެއް ކުރީތަ؟” ނަޞްރާ ހިސާބަކަށް ހިނިތުންވެފައިހުރެ އަހާލިއެވެ. އަފްރީން ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ. ނަޞްރާ އަވަހަށް ހިނގާށޭ ބުނެލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. އަފްރީން ފުން ނޭވައެއް ދޫކޮއްލަމުން އޭނަގެ ކަނާތު އަތް ހިއްލައި އެ އަނގޮޓިއަށް ބަލާލިއެވެ. އޭތި އޭނަގެ އިނގިއްޔަށް ވަރަށްވެސް ބޮޑެވެ. ދެންމެ އޭނަ އެނބުރިލީއިރު އޭނަގެ އިނގިލިން ކައްސާލާފައި ނުދިޔައީ ކިރިޔާއެވެ. އެހެނަސް އަފްރީން އޭތި ނަގާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އޭނަ ކުރިއަށް ހިނގައިގަތީ އޭތި އަޅައިގެންނެވެ.

 

އަފްރީން މިސްކިތަށް އައީ އެ އަނގޮޓި އަޅައިގެންކަން ނަޞްރާއަށް އެނގުނީ، މިސްކިތަށް ވަންނަން ދިޔަ މަގުމަތީގައި އޭތި އަފްރީންގެ އިނގިލިން ކައްސާލައިގެން ގޮސް ތަޅުންގަނޑުމަތީގައި ޖެހުމުންނެވެ. ނަޞްރާ ބަލާލި ވަގުތު އަފްރީން ހިނދުކޮޅަކަށް ހުއްޓުން އަރާފައި ހުރުމަށްފަހު ގުދުވެލަމުން އޭތި ނަގައި އިނގިލީގައި އަޅުވާލިއެވެ. އެއަށްފަހު ނަޞްރާއަށް ބެލުމެއްނެތި ކުރިއަށް ދާންއުޅުނީ ނަޞްރާ ބުނެފާނެ އެއްޗަކުން ސަލާމަތްވުމަށެވެ. އަފްރީން ކުރިއަށް ދެފިޔަވަޅު އެޅިތަނާހެން ނަޞްރާ އަފްރީންއާއި އެއްހަމަކުރިއެވެ.

 

“އަފޫ ކީއްކުރަންތަ ތީތި އަޅައިގެން އައީ؟” ނަޞްރާ ދެދަތްޕިލަ ޖައްސައިގެން ހުރެ ސިއްރުން އަހާލިއެވެ.

 

“އަފޫއަށް ރީތިވީމަ އަފޫ މީތި އަޅައިގެން އައީ. ކިހިނެއްވީ؟ މިއީ ފާފައެއްތަ؟” އަފްރީންވެސް ނުރުހިފައި ކަހަލަ ގޮތަކަށް ސިއްރުން ވާހަކަ ދެއްކިއެވެ.

 

“ދެން….ތީތި ގެއްލިގެން ނުވާނެ އެއްވެސް ޙާލެއްގަ. އަޑުއިވިއްޖެ؟” ނަޞްރާގެ ގާތަށް ރުޅިއައެއްކަމަކު އޭނަ ވާހަކަ ކުރުކޮށްލީ މިސްކިތް ތެރެއަށް ވަދެވުނީތީވެއެވެ. އަފްރީން ކާމިޔާބުގެ ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ.

 

ޢިޝާ ނަމާދަށްފަހު ހުރިހާ ސުންނަތް ނަމާދުތައް އަދާކޮށް ނިމުނުއިރު ބޭރުގައި އޮތީ ވިއްސާރަ ބޯކޮއްލާފައެވެ. ދުވަހުގެ މޫސުމަށް ބަލާފައި ކުޑަ ހިފައިގެން އައި މީހުން އޭގެ ހިޔަލުގައި ގެއަށްދާން ފެށިއެވެ. އަނެއްބައި މީހުން ތެމިގެން ވިޔަސް ގެއަށް ދެވޭތޯ ބެލިއިރު ދެން ތިބި މީހުން ނިންމީ ވިއްސާރަ ތުނި ކޮއްލަންދެން މިސްކިތުގައި މަޑުކޮއްލުމަށެވެ.  ނަޞްރާމެން އައީ ކުޑައެއް ހިފައިގެން ކަމުގައި ނުވިޔަސް ޝަރީފް އޭނަ ގެނައި ކުޑަ ނަޞްރާމެނަށްދިނެވެ. ކޮންމެއަކަސް އަފްރީން ބޭނުންވީ އެގޮތެއް ނޫނެވެ. އޭނަ އައި ފޯރީގައި މިސްކިތުން ނިކުމެ ވާރޭގެ ތެރެއަށް ނިކުތެވެ. އެވަގުތު އަފްރީންއަށާއި ނަޞްރާއަށް ވެސް ނޭނގުނު ކަމަކީ އަފްރީންގެ އިނގިލީގައި އޮތް އަނގޮޓި އަނެއްކާވެސް ކައްސާލައިގެން ގޮސް މިސްކިތުގެ ތަޅުންމަތީގައި ޖެހުނުކަމެވެ. ފުރާޅުގައި ޖެހެމުން ދިޔަ ބޮޑެތި ވާރޭ ތިކިތަކުގެ އަޑުގެ ދަށަށް އެ އަނގޮޓި ގޮސް ޖެހުނު އަޑު ގެނބުނީއެވެ. އެ އަނގޮޓި އޮތްތަނުގައި އޮއްވާ މިސްކިތުން ނިކުންނަން އައި މީހެއްގެ ފައިދަށުގައި އޭތިވިއެވެ.

 

އަފްރީން ގޮސް ގެއަށްވަނީވެސް ފުންމަމުން ނަށަމުން ކަހަލަ ގޮތަކަށެވެ. ނަޞްރާ ކުޑައިގެ ހިޔަލުގައި ހުރެ އަފްރީންގެ ޙަރަކާތްތަކަށް ބޯހޫރުވަމުން އޭނަގެ ފަހަތުން އައެވެ. އަފްރީން ހުޅުވާލި ގޭގެ މައިދޮރާއި ހަމަވުމުން ނަޞްރާ ބޭރުގައި ކުޑަ ބަހައްޓާފައި ގެއަށް ވަންނަން އުޅުނު ވަގުތު ތެމިގެން އައި ޝަރީފް ދުވެފައި ކަހަލަ ގޮތަކަށް ގޭގެ ގޭޓުން ވަދެގެންއައެވެ.

 

“ބައްޕާ! އަހަރެން ހީކުރީ ބައްޕަ މިސްކިތުގައި މަޑުކުރާނެކަމަށް. ބައްޕަ ކީއްކުރަން…..” ނަޞްރާގެ ވާހަކަ ފުރިހަމަ ނުވަނީސް ޝަރީފް ވާހަކަ ދެއްކިއެވެ.

 

“އެއީ ދެން ކަމެއްނޫނެއްނު؟ ކިހާ މަޖާދޯ އަފޫ؟” ޝަރީފް ނަޞްރާއާ އައިސް ހަމަކުރަމުން ދޮރުން ބޯދިއްކޮއްލައިގެން ހުރި އަފްރީންއަށް ދޯދިނެވެ.

 

“ރައިޓް ބައްޕާ. ދޮންތާ ޑޯންޓް ބީ ސޯ ބޯރިންގް.” އަފްރީން ބުނެލިއެވެ. ޝަރީފް ލުއި ގޮތަކަށް ހީލާފައި ގެއަށްވަނެވެ. ނަޞްރާ ވެސް ގެއަށްވަދެ ދޮރު ލައްޕާލިއެވެ.

 

“އެއީ މަންމަ ގޮތަށް. މަންމައާ ދޮންތައާ ދެމީހުންނަކީ ހަމަ އެއްސްޓައިލެއްގެ ދެމީހުން.” ޝަރީފް އޭނަގެ އިސްތަށިގަނޑު އެއްއަތުން ފޮޅަމުން އަފްރީންގާތު ބުނެލިއެވެ. އެވަގުތު އަފްރީން ރަނގަޅަށް ހީލިއިރު ނަޞްރާވެސް އޭނަގެ މޫނުފޮތިކޮޅު ނަގާލިއެވެ. ނަޞްރާގެ ތުންފަތްމަތީގައި ހިނިތުންވުމެއްވިއެއްކަމަކު އޭނަގެ ލޯ އިޝާރާތްކުރީ ހިތާމަވެރިކަމަށެވެ. ނަޞްރާގެ މޫނުމަތިން އެކުލަވަރު ފެނިފައި ޝަރީފަށް އޭނައަށް ވީގޮތް ނަގައިގަނެވުނެވެ. މަންމަ މަތިން ހަނދާންކޮއްދިނުމުން ނަޞްރާއަށް ލިބޭ ހިތްދަތިކަން އަދިވެސް ކުޑައެއްނުވެއެވެ. ޝަރީފް ނަޞްރާއަށް ބަލަހައްޓައިގެންހުރެ ބޯހޫރުވާލީ ނަޞްރާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނަޞްރާ އިސްޖަހާލަމުން ދެލޯ މަރާލައިގެން އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު އެސްފިޔަ ޖަހަމުން އިސްއުފުލައި ސޯފާގައި އިން އަފްރީންއަށް ބަލާލިއެވެ.

 

“އަފޫ ކޮބައިތަ އަނގޮޓި؟” ނަޞްރާ އަދިވެސް ހިސާބަކަށް ދެރަވެފައިހުރެ އަހާލިއެވެ. އަފްރީން އޭނަ އަޅައިގެން ހުރި ބުރުގާ ނަގާލަން އުޅެފަވެސް އަނގޮޓި މަތިން ހަނދާންވުމުން ވަގުތުން އޭނަގެ ކަނާތް އަތަށް ބަލާލިއެވެ. އެއަތުގައި ނެތުމުން އަފްރީން ދެލޯ ބޮޑުކޮއްލާފައި ސީދާވެލަމުން އޭނަގެ ދެއަތްވެސް ހިއްލައި ބަލާލީ ކަންބޮޑުވުމާއި އެކީގައެވެ. އަފްރީންއަށް ނުތަނަވަސްވެފައި އިނދެ ނަޞްރާ ބަލާލެވުނެވެ. ނަޞްރާގެ ދެރަ މޫނަށް ނުރުހުންތެރިކަން ފާޅުވިއެވެ.

 

“ކޮބާ އޭތި؟” ނަޞްރާއަށް ކުރިއަށް ފިޔަވަޅެއް އަޅާލަމުން ހަރު އަޑުން އަހާލެވުނެވެ. އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެންވިއެވެ. އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. ނަޞްރާގެ އަޑަށް އަފްރީން ވަގުތުން، އެއީ ނުވާނެކަމެއްކަން ޔަޤީންވެހުރެވެސް އޭނަގެ ޖީބުގައި ވިޔަސް އަނގޮޓި އޮތްތޯ ޖީބު ހުންނަ ދިމާލުގައި އަތްޖައްސާލިއެވެ. ނަމަވެސް އޭނަ އެވަގުތު ލައިގެން ހުރީވެސް ޖީބެއްނެތް ހަރުވާޅެކެވެ. އަފްރީންއަށް އަނެއްކާވެސް ނުތަނަވަސްކަމާއެކީ ނަޞްރާއަށް ބަލާލެވުނެވެ.

 

“ކޮން އަނގޮޓިއެއް؟ ނަޞްރާގެ؟” ޝަރީފް ނަޞްރާއަށް ބަލަހައްޓައިގެންހުރެ އަހާލިއެވެ. ނަޞްރާ ރޮވެން ކައިރިވެފައިހުރެ މަޑުމަޑުން ބޯޖަހާލިއެވެ. ޝަރީފް އެއްފަހަރު ނަޞްރާއަށް އަނެއްފަހަރު އަފްރީންއަށް ބަލާލިއެވެ. ހަމަ އެވަގުތު ނަޞްރާ ގެއިން ނިކުންނަން އުޅުނެވެ. ނަމަވެސް ޝަރީފާއި ހަމަވީތަނާ ޝަރީފް ނަޞްރާގެ ނަމުން ގޮވައި އޭނަގެ ދެކޮނޑުގައި ހިފާލަމުން މަޑުކުރުވިއެވެ.

 

“ނަޞްރާ ކޮންތާކަށް؟” ޝަރީފް އަހާލިއެވެ.

 

“ބަޕް…އޭތި ހޯދަ….” ނަޞްރާގެ ކުރެހިފައިވާ އަޑުން އޭނަ ދައްކަން ފެށި ވާހަކަ މެދުކެނޑުނެވެ.

 

“ބައްޕަ ދާނަން އޭތި ހޯދަން. ހޯދައިގެން އަންނަނާން އިރާދަކުރެއްވިއްޔާ. އެންމެ ރަނގަޅެއްނު؟” ޝަރީފް ނަޞްރާގެ ކޮނޑުގައި ބާރަށް ހިފަހައްޓާލަމުން ބުނެލިއެވެ. ނަޞްރާ ތުންފިއްތައިގެންހުރެ އިސްޖަހާލަމުން ބޯޖަހާލިއެވެ. ޝަރީފް ލަހެއް ފަހެއްނުކޮށް ގެއިން ނިކުމެގެން ދިޔައެވެ. އެއާއެކު ނަޞްރާ އަނެއްކާވެސް އަފްރީންއާއިވީ ފަރާތަށް އެނބުރުނެވެ. ނަޞްރާ ވާހަކަ ދެއްކި ގޮތުން އޭރު އަފްރީން ހުރީ ފެންކަޅިވެފައެވެ. އަފްރީން ހީކުރި ގޮތުގައި މިފަހަރު ނަޞްރާ އޭނައަށް މަޢާފަށް އެދޭނެއެވެ. ނަމަވެސް ނަޞްރާގެ މޫނުމައްޗަށް އަނެއްކާވެސް ވެރިވީ ނުރުހުންތެރިކަމެވެ.

 

“ބުނީމެއްނު އޭތި ގެއްލިގެން ނުވާނެއޭ؟ ނުބުނަންތަ؟” ނަޞްރާ ރުޅިއާއި ހިތާމަ އެކުވެގެން ދިޔަ އަޑަކުން ބުނެލިއެވެ. އެއަށްފަހު މޫނު އަނބުރާލަމުން ހަރު ހިނގުމެއްގައި ގޮސް އޭނަގެ ކޮޓަރިއަށްވަނެވެ. އިހުނަށްވުރެވެސް ބޮޑަށް ހިތުގައިޖެހިގެން ދިޔަ އަފްރީން ބަލަހައްޓައިގެން ހުރެވުނީއެވެ. ހިތުގައި ޖެހުނު ވަރަށްވުރެ ބޮޑަށް އޭނަ ޙައިރާންވެސްވިއެވެ. އެ އަނގޮޓީގައިވީ އެފަދަ ކޮން ޚާޞިއްޔަތުކަމެއްބާއޭ ހިތަށްއެރިއެވެ.

 

ކޮޓަރީގެ ދޮރު ލައްޕާލަމުން ގޮސް އެނދުގައި އިށީންގޮތަށް ނަޞްރާ ރޯންފެށިއެވެ. މޫނުގައި ދެއަތް އަޅައި ގިސްލަގިސްލަމުންނެވެ. އޭނަގެ މެރިފައިވާ ދެލޮލުގެ ދޭތެރެއިން އޭނައަށް ފެންނަމުން ދިޔައީ ނުސާފު މަންޒަރުތަކެވެ. އެ ކުރީގެ މަންޒަރުތައް ފެނި، ގެއްލެމުން ދިޔައީ އޭނަގެ ސިކުނޑި އެހަނދާންތައް އޭނައަށް އާ ކޮއްދޭން އުޅުމުން އޭނަ އޭގެ މައްޗަށް ފަސްއަޅާލަން އުޅޭފަދައަކުންނެވެ. ނަޞްރާ ފުން ނޭވައެއް އެތެރެއަށްލައި މޫނު ދެއަތުން ފޮހެމުން ހަމައަކަށް އެޅޭތޯ ބެލިއެވެ. އެވަގުތު ބޭރުން އަފްރީންގެ ކޮޓަރީގެ ދޮރު ބާރަށް ލެއްޕިގެން ދިޔަ އަޑަށް ނަޞްރާ ދިޔައީ ސިއްސައިގެންނެވެ. ނަޞްރާއަށް ވަގުތުން އަޑުއައި ދިމާލަށް ބަލާލެވުނެވެ. ދެންމެއަކު އޭނައަށް އަފްރިންއާ ވާހަކަ ދެކެވުނު ގޮތް ނަޞްރާގެ ހަނދާނަށް އައެވެ. އަފްރީން އަނެއްކާވެސް އޭނަދެކެ ރުޅި އައީކަން ނަޞްރާއަށް ނަގައިގަނެވުނެވެ. ހަމަ އިސާހިތަކު ނަޞްރާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނައަށް ޖަޒުބާތުގައި ޖެހިގެން ވާހަކަ ދައްކަން ނުޖެހޭ ވަރަށް ދެކެވިއްޖެކަން ވިސްނުނެވެ. އޭނައަށް އެންމެ އަނގޮޓިއަކާހެދި އަފްރީންއަށް ރުޅިވުމުގެ އެއްވެސް ޙައްޤެއް ނޯންނާނެވެ. އެ އަނގޮޓި ކިތަންމެ ޚާއްސަވިޔަސްމެއެވެ. ނަޞްރާ އަދިވެސް އެއްފަހަރު އޭނަގެ ކޯތާފަތްމަތިން އެއްއަތް ހިންގާލަމުން ފުންނޭވައެއް ދޫކޮއްލިއެވެ. އަދި އަފްރީންގެ ގާތަށް ދާން ޚިޔާލުކޮށްލަމުން ކޮޅަށް ތެދުވިއެވެ.

 

ނަޞްރާ ގޮސް އެންމެ ފުރަތަމަ އަފްރީންގެ ކޮޓަރި ހުޅުވަން އުޅުމުން ނުހުޅުވުނެވެ. އަފްރީން ތެތްހެދުން ބަދަލުކުރަނީކަން ނަޞްރާއަށް ވިސްނުނެވެ. ނަޞްރާ ހީކުރީ އަފްރީން ދެން މިރޭ ކޮޓަރީގެ ދޮރު ނުހުޅުވާނެކަމަށެވެ. ނަމަވެސް ނަޞްރާ ސިޓިންގް ރޫމުގެ ސޯފާގައި ގޮސް އިށީންނަން އުޅުނުތަނާ ކޮޓަރީގެ ތަޅު ނެއްޓުނު އަޑު އިވުނެވެ. ނަޞްރާ ލިބުނު ހިތްހަމަޖެހުމާއެކު ލަސް ހިންގުމެއްގައި ގޮސް އަފްރީންގެ ދޮރުގެ ތަޅު މަޑުމަޑުން އަނބުރާލުމުން އެ ދޮރު ހުޅުވިގެން ދިޔައެވެ. ނަޞްރާ އެ ދޮރު ކުޑަކޮށް ހުޅުވާލިއިރު އަފްރީން ހުރީ އޭނަގެ ކިޔަވާ މޭޒުކައިރީގައި ދަބަހަށް ފޮތްތައް އަޅާށެވެ. އޭނައަށް ފުރަގަސްދީގެން ހުރި އަފްރީންގެ މޫނު ނަޞްރާއަށް ނުފެނުނެއްކަމަކު އަފްރީންގެ ޙަރަކާތްތައް ހުރިގޮތުން އޭނަ ހުރީ ނުރުހިފަކަން ނަޞްރާއަށް އެނގުނެވެ. ނަޞްރާ ކޮޓަރި ތެރެއަށް ފިޔަވަޅެއް އަޅައި އެ ދޮރު ރަނގަޅަށް ހުޅުވާލިއިރު އެ ދޮރުން ކިޔާލި އަޑު އަފްރީންގެ ޙަރަކާތްތަކަށް ހުއްޓުމެއްގެނައެވެ. އޭނަ އިރުކޮޅަކު ހުރެފައި ފުރަގަހަށް ބަލާލިއިރު ނަޞްރާ އޭނައަށް ބަލަހައްޓައިގެން ހުރިތަން ފެނިފައި އޭނަ ވަގުތުން މޫނު އަނބުރައި މަސައްކަތާއި މަޝްޣޫލުވިއެވެ.

 

“ރުޅިތަ؟” ނަޞްރާ މަޑުމައިތިރި އަޑަކުން އަހާލިއެވެ.

 

“ކިހިނެއްހެންތަ ހީވަނީ؟” އަފްރީން ނުރުހުމުގެ ރާގަކަށް އެހެން ބުނެލީ ނަޞްރާއަށް ބެލުމެއްނެތިއެވެ. އެއާއެކު އޭނައަށް އެހެން އަހާލެވުނު ގޮތާއިމެދު އަފްރީންއަށް ހިތާމަކުރެވުނެވެ. އެފަދަ ރާގަކަށް އެއްވެސް މީހަކާ ވާހަކަ ދައްކާކަށް އަފްރީން ބޭނުމެއްނޫނެވެ. އަދި އޭނަގެ ދޮންތައާއި އަމުދުންނެއްނޫނެވެ. ނަމަވެސް އޭނަގެ ދޮންތަ ދެންމެ އޭނައާއި ވާހަކަ ދެއްކީ ކިހިނެއްހޭ ހިތަށްއެރި ވަގުތު އެ ހުރިހާ ހިތާމައެއް ފިލައިދިޔައެވެ.

 

“ސޮރީ….” ނަޞްރާ އިސްޖަހާލަމުން ބުނެލިއެވެ. ނަޞްރާގެ އެބަހަށް އޭނައަށް ފުރަގަސްދީގެން ހުރި އަފްރީންގެ ހިތް ވިރިގެންދާން ފެށިއެވެ. އަފްރީންގެ އަރުތެރެ ބެދެން ފެށިއެވެ. މިވަގުތު މަޢާފަށް އެދެންޖެހޭ މީހަކީ ޙަޤީޤަތުގައި އޭނަކަން އޭނައަށް ވެސް އިޙުސާސް އެބަކުރެވެއެވެ. ގެއްލުމެއް ލިބުނީ ދޮންތައަށެވެ. އެ ކުށުގެ ވެރިއަކީ އޭނައެވެ. ދޮންތައަށް މަޢާފަށް އެދެންވީއޭ ފަޅި ސިކުންތަކަށް އަފްރީންގެ ހިތަށް އެރިއެވެ. ނަމަވެސް ދެންމެ އޭނަގެ ދޮންތަވެސް އޭނައާއި އެފަދަ ގޮތަކަށް ވާހަކަ ދައްކަން ނުޖެހޭނެއޭ ހިތަށް އެރިވަގުތު އަނެއްކާވެސް އަފްރީންގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ.

 

“ދޮންތަ އަފޫއަށް މަޢާފުކޮށްފިން. އަފޫ ގަޞްދުގައެއް ނޫން އެއަނގޮޓި ގެއްލުވާލީ. އެކަމަކު ދެންމެ ދޮންތައަށް ގަޞްދުގައި އެވާހަކަތައް ދެއްކުނީ ރަނގަޅަކަށްނޫން. އަފޫ ދޮންތައަށް މަޢާފެއް ނުކުރާނަންތަ؟” ނަޞްރާ ފެންކަޅިވެފައިހުރެ ސުވާލުކުރިއެވެ. މިފަހަރު އަފްރީންގެ ލޮލަށްވެސް ކަރުނަތައް ޖަމާވިއެވެ. އޭނަ އޭނަގެ ދަބަހުގެ ޒިބު އަޅުވައި އޭތި މޭޒުމަތީގައި ބޭއްވިއެވެ. އަދި އޭނަގެ ކަރުނަތައް ހިންދާލަން މަސައްކަތް ކުރަމުން ފަސްއެނބުރިލިއެވެ.

 

“ޝަރުތެއްގެ މަތިން. އެއީ ކޮން އަނގޮޓިއެއްކަން ބުނެލަދޭންވީ.” އަފްރީން ކިތަންމެ ބޭނުމެއް ނުވިޔަސް އޭނައަށް ވާހަކަ ދެކެވުނީ ކުރެހިފައިވާ އަޑަކުންނެވެ. އޭނަގެ ކުރިމަތީގައި ހުރި ނަޞްރާގެ މޫނުމައްޗަށް ވަގުތުން ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަފްރީން ބަލަބަލާހުއްޓާ ނަޞްރާ އައިސް އަފްރީންގެ ގައިގައި ބައްދާލައިފިއެވެ. އަފްރީންގެ ހިތް މިފަހަރު މުޅިން ވިރިގެން ދިޔައީ އޭނަގެ ދޮންތަ އޭނަދެކެ ލޯބިވާވަރު އިޙުސާސް ކުރެވުމުންނެވެ. އަފްރީންއަށް ނުރޮވި ހުރީ ހަމަ ކިރިޔާއެވެ. އޭގެ ކުރިން އޭނަ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“ކާކު ކޮން ދުވަހަކު ދިން އެއްޗެއް އެއީ؟” އަފްރީން ނަޞްރާގެ ކޮނޑުމަތީގައި ދަތްދޮޅި ޖައްސައިގެން ހުރެ އަހާލިއެވެ. ނަޞްރާ އަފްރީން ގައިން ދޫކޮއްލަމުން މަޑުމަޑުން ދުރުވެލިއެވެ. ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު ނަޞްރާ ޖަވާބުދިނެވެ.

 

“އެއީ މަންމަ ދިން އެއްޗެއް.” ނަޞްރާއަށް އެހެން ބުނެލެވުނީ އިވޭ ނުއިވޭ އަޑަކުންނެވެ.

 

“ވަޓް؟ ސީރިއަސްލީ؟ އެހެންވިއްޔާ އަފޫ ވަރަށް ޖޭ. މަންމަ އަފޫއަށް ދޭން އެކަހަލަ އެއްޗެއް ދޫކޮށްފައެއްވެސް ނުދޭ.” އަފްރީން ހަމައަކަށް އެޅުމަށްޓަކައި އޭނަ ވާހަކަ ދެއްކުމުގެ ރާގު ބަދަލުކޮށްލިއެވެ.

 

“ތިހެން ނުބުނޭ. މަންމައަށް އޭރު އެފަދަ ތަނަވަސްކަމެއް ލިބިފައިވިނަމަ މަންމަ އަހަރުމެންނަށް ހޯދައި ނުދޭނެ އެއްޗެއް ނެތީސް.” ނަޞްރާ މަޑުމަޑުން އަފްރީންގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ބުނެލިއެވެ.

 

“މަންމަ ވަރަށް ލޯބިވޭދޯ ދޮންތަދެކެ؟” އަފްރީން ދެރަވެފައިހުރެ އަހާލިއެވެ. އަފްރީންގެ މޫނުމައްޗަށް ވެރިވީ ކުލަވަރު ފެނިފައި ނަޞްރާއަށް އޭނަގެ މޫނުގައި ދެއަތުން ހިފަހައްޓާލެވުނެވެ.

 

“މަންމަ ވަރަށް ލޯބިވޭ އެންމެން ދެކެވެސް. އެނގޭތަ؟ އަފޫ ކުޑައިރު މަންމަ އަފޫއަށްޓަކައި މަންމަގެ ދެއަތުން ހެދުން ފަހައިދިން. މަންމައަށް ދެފައި މައްޗަށް ކޮޅަށް ހުރެވުނު ދުވަހު ކޮންމެ ހަވީރަކު އަފޫ ދޮންތައާ ދޮންބެ ގޮވައިގެން އަތިރިމައްޗަށްދާނެ. އަދި ކޮންމެ ރެއަކު އަފޫ ނިދިއަންނަންދެން އަފޫއާއެކީ ކުޅެން އުޅޭނެ ހަމަ ކުޑަކުއްޖަކު ކަމަށް ހެދިގެން.” ނަޞްރާ ދެމާނައެއް އެކުލެވޭ ހިނިތުންވުމަކާއެކީ ކިޔައިދިނެވެ.

 

“އަސްލުވެސް؟” ފެންކަޅިވެފައިހުރި އަފްރީންއަށް އެހެން ބުނެލެވުނީ ވައިއަޑުންނެވެ. މަންމައަކީ އަފްރީންއަށް އޭނަގެ ވަށައިގެންވާ މީހުން ދައްކާ ވާހަކަތަކުން އެނގޭ މީހަކަށް ނޫނީ ނުވެއެވެ. އަފްރީން އޭނަ މަންމައާއެކީ ހޭދަކުރި ވަގުތުތައް ހަނދާންކުރަން ސިކުނޑިއަށް ކިތަންމެ ބާރުލިއަސް އެކަން ކާމިޔާބެއްނުވެއެވެ. މަންމަ ނިޔާވީ އޭނަ އެހާވެސް ކުޑައިރެވެ. އަފްރީންގެ ހިތާމަވެރި މޫނަށް އެއްވެސް ބަދަލެއް ނައުމުން ނަޞްރާގެ ހިތްދަތިވިއެވެ.

 

“އަފޫ…..އަފޫ ދެރަވަނީ ކީއްވެ؟ އަފޫއަށް މަންމަ ދުވަހަކުވެސް ނުފެންނާނެހެން ހީވާތީތަ؟ އެކަމަކު އެއީ ކުށްހީއެއް…..އަހަރުމެން އެންމެން އެކީގަ ބައްދަލުވާނެ ދުވަހެއް އަންނާނެ. އެއީ އިރާދަކުރެވިއްޔާ ސުވަރުގޭގަ. މިއަދު އަހަރުމެންނަށް ކުރެވެން އޮތްހާވެސް ކަމަކީ މަންމައަށްޓަކައި ދުޢާކުރުން.” ނަޞްރާ ބުނެލިއެވެ. ނަޞްރާގެ އެވާހަކައިން އަފްރީންއަށް ހިތްވަރެއް ލިބުނުކަން ނަޞްރާއަށް އެނގުންވީ އަފްރީން ފުންނޭވައެއް ދޫކޮއްލަމުން ބޯޖަހާލި ގޮތުންނެވެ. އަދި އެއަށްފަހު އަފްރީން އިސްއުފުލައި ހިނިތުންވެލުމުން ނަޞްރާއަށް ވެސް ހިނިތުންވެލެވުނެވެ. އޭނަ އަދިވެސް އެއްފަހަރު އަފްރީންގެ ގައިގައި ބައްދާލިއެވެ.

 

އެރޭގެ ކެއުމަށް އިންސާފުކުރަން އުޅެފަވެސް އަފްރީންއާއި ނަޞްރާ ނިންމީ ޝަރީފް އައުމުން ނޫނީ ނުކާށެވެ. ޝަރީފް ދިޔަތާ ބައިގަޑި ވީއިރުވެސް އޭނަ ގެއަށް ނައުމުން ނަޞްރާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނައަށް ބައްޕަ މަޑުކުރެވުނު ނަމައޭ ހިތަށްއެރިއެވެ. އަދިވެސް ވާރޭ ހަމަ އެ ބޯމިނުގައި ވެހެމުން ދިޔައީތީ ނަޞްރާ އިތުރަށް ކަންބޮޑުވިއެވެ. ޝަރީފް ދިޔައީވެސް ގޭގަ ފޯނު ބާއްވާފައެވެ. އަފްރީންގެ ކޮޓަރީގައި އޭނަ އޭނަގެ ލެޕްޓޮޕުން ކުޅެން އިން ގޭމަށް ބަލަހައްޓައިގެން އިން ނަޞްރާއަށް މެދުކެނޑުމެއްނެތި ވިސްނެމުން ދިޔައީ ޝަރީފްއާއި މެދުގައެވެ. ޝަރީފް ބަލައި ދާންވީއޭ ހިތައި ނަޞްރާ އަފްރީންގެ ކައިރީގައި އިނދެފައި އެނދުން ތެދުވީ އެބަ އަންނަމޭ ބުނަމުންނެވެ. ނަޞްރާއަށް އަފްރީންގެ ކޮޓަރިން ނިކުމެވުނުތަނާހެން ބޭރުން ފިރިހެނަކު ސަލާން ގޮވާލި އަޑު އިވުނެވެ. ނަޞްރާއަށް ދެބުމަ ކައިރިކޮއްލަމުން ގޭގެ ލައްޕާލެވިފައި ދޮރަށް ބަލާލެވުނީ އެއީ ޝަރީފްގެ އަޑު ނޫންކަން ޔަޤީންކުރެވުނީތީވެއެވެ. ނަޞްރާ ސަލާމުގެ ޖަވާބު ދެމުން ކުރިއަށް ހިނގައިގަތީ މޫނު ނިވާކުރަމުންނެވެ. ނަޞްރާ އޭނަގެ އާދައަށްވުރެ އަވަސް ހިނގުމެއްގައި ގޮސް ގޭގެ ދޮރާއި ހަމަވީތަނާ ދޮރުގެ ދަށުން ގޭގެ ތެރެއަށް އެއްޗެއް އައިތަން ނަޞްރާއަށް ފެނުނެވެ. ނަޞްރާ އެއަށް ބަލާލުމާއެކު އެއީ ރިހިކުލައިގެ އަނގޮޓިއެއްކަން އޭނައަށް ނަގައިގަނެވުނެވެ. އޭނަ ކުރުފައިމައްޗަށް ތިރިވެ އޭތި އަތަށް ނަގައި ބަލާލުމުން އެއީ އޭނަގެ އަނގޮޓިކަން ނަޞްރާއަށް އެނގުނެވެ. ސިކުންތުކޮޅަކަށް އެއަށް ބަލަހައްޓައިގެން އިނދެފައި ނަޞްރާ ކުއްލިއަކަށް ކޮޅަށް ތެދުވެ ދޮރު ހުޅުވާލިއެވެ. އެވަގުތު ކަޅުކުލައިގެ ދިގު ވާރޭ ކޯޓެއް ލައިގެން ހުރި ޒުވާނަކު ގޭގެ ގޭޓާއި ދިމާލަށް ހިނގާފަ ދިޔަތަން ނަޞްރާއަށް ފެނުނެވެ. ނަޞްރާއަށް ފުރަގަސްދީފައި ދަމުން ދިޔަ އެ ޒުވާނާގެ ބޯވެސްވަނީ އެ ކޯޓުން ނިވާ ކުރެވިފައެވެ. ނަޞްރާ އަދިވެސް އެއްފަހަރު އޭނަގެ އަތުގައި އޮތް އަނގޮޓިއަށް ބަލާފައި އަނެއްފަހަރު އެޒުވާނާއަށް ބަލާލިއެވެ. އެވަގުތު އެޒުވާނާ ގޭގެ ގޭޓާއި ހަމަވެއްޖެއެވެ. އެޒުވާނާ ގޭގެ ގޭޓުން ބޭރަށް ފިޔަވަޅެއް އެޅި ވަގުތާއި ގެއަށް ވަންނަން އައި ޝަރީފް ގޭގެ ތެރެއަށް ފިޔަވަޅެއް އަޅާލި ވަގުތުވީ އެއްވަގުތަށެވެ. ދެމީހުންނަށް އިތުރަށް ކުރިއަށް ނުދެވެނީސް އެދެމީހުންގެ ކޮނޑު ޖެހުނެވެ. އެވަގުތު އެޒުވާނާގެ ބޯ މަތީގައި އޮތް ކޯޓުގެ ބައި ކައްސައިގެން ގޮސް އޭނަގެ ކަޅުކުލަގަދަ ފަންއިސްތަށިގަނޑު ނަޞްރާއަށް ކަޝްފުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އެޒުވާނާއާއި ޝަރީފްގެ ދެލޯ ބައްދަލުވެގެން ދިޔަ ވަގުތު އެޒުވާނާގެ މޫނުގެ އެއްފަޅި ނަޞްރާއަށް ފެނިގެން ދިޔައެވެ. ހަމަ އެއާއެކު އެއީ އޭނައަށް މިހާ ދުވަހު ނަމެއް ނޭނގި ފެންނަމުން ދިޔަ ޒުވާނާކަން ނަޞްރާއަށް ނަގައިގަނެވުނެވެ. ބައްޕަ އެޒުވާނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރިތަން ފެނިފައި އެއީ ކާކުކަން ބައްޕައަށް އެނގޭނެއޭ ނަޞްރާގެ ހިތް ބުންޏެވެ. ކުއްލިއަކަށް އެދެމީހުން ވާހަކަ ދައްކާނެ އިރަކަށް ނަޞްރާ ކެތްމަދުވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ބަކުރުބެގެ ނަޞީބު *******(1)

Next

ޒީޝާ (ހަތަރުވަނަ ބައި)

Next
July 21, 2015

ޒީޝާ (ހަތަރުވަނަ ބައި)

Previews
July 21, 2015

ބަކުރުބެގެ ނަޞީބު *******(1)

42 Comments!

  1. jana says:
    July 21, 2015 at 9:57 am

    އައްސަލާމްޢަލައިކުމް 🙂 ތި ހުރިހާ ކިޔުންތެރިންގެ ކޮމެންޓްތަކަކީ ޖަނާއަށް ލިބުނު ހިތްވަރެއް. ﷲ ތި ހުރިހާ ކިޔުންތެރިންނަށް ވެސް ހެޔޮ ރަޙުމަތް ލައްވާށި. ޖަނާއަށް ލިޔުންތެރިކަމުގެ ހުނަރެއް ލިބިފަ ހުރިއްޔާ އެ ހުނަރު ދެއްވި ފަަރާތަކީ ﷲ. ﷲ އިރާދަކުރައްވައިފި ހިނދަކު އެ ހުނަރު ނެތިވެސް ހިނގައިދާނެ. އެހެންވީމަ އަލްޙަމްދުލި ﷲ. (ހުރިހާ ތަޢުރީފަކާއި ޝުކުރެއް ޙައްޤުވެގެންވަނީ ﷲ އަށް )

    އަދިވެސް އެއްފަހަރު ޖަނާ ކިޔުންތެރިން ގާތު އެދެން މި ވާހަކައިގެ ޕޭޖް ލައިކްކޮށްލުމަށް. އެ ޕޭޖް ގުޅޭނީ ފުރާވަރުގެ ކުދިންނާއޭ ބުންޏަސް އޭތި ހަމައެކަނި ގުޅޭނީ އެކުދިންނާއެއްނޫން. އަދި ވާހަކައިގެ ފަހަތް އައިއްސަ އެ ޕޭޖްގަ ހުންނަ ޕޯސްޓްތަކާ ވާހަަކައާ ގުޅިލާމެހިފަ ހުންނާނީ.

    ޖަނާ އެ ޕޭޖް ހެދީ ޖަނާ މި ވާހަކައިގެ ތެރެއިން ކިޔުންތެރިންނަށް ދޭން ބޭނުންވާ މެސެޖްތަކާއި މަޢުލޫމާތުތައް ގިނަ ކަމުން. އެ ހުރިހާ އެއްޗެއް ވާހަަކައިގެ ތެރެއިން ބުނެދޭން ޖެހިއްޖެއްޔާ ވާހަކަ ފަހަރެއްގަ ފޫހިވެދާނެތީ އެ ޕޭޖް ހެދީ. އެހެންވީމަ…….

    https://www.facebook.com/pages/Hijra/1445208739121696?ref=hl

  2. sham says:
    July 21, 2015 at 10:29 am

    V reeethi

    1. jana says:
      July 21, 2015 at 10:56 am

      😀

  3. ainth says:
    July 21, 2015 at 10:47 am

    Janavesthi moonu alhaigen ulhey kuriahtha?

    1. jana says:
      July 21, 2015 at 10:56 am

      hehe…..noon ingey. ekamaku ey jana ah varah reethi gotheh 🙂

  4. ainth says:
    July 21, 2015 at 10:48 am

    Sorry kujjehey ehi

  5. *** says:
    July 21, 2015 at 11:43 am

    Jana fb id aky koba?

    1. jana says:
      July 21, 2015 at 4:40 pm

      jana rangalhu sababeh nethi neyngey meehunna fb id hissa nukuran 🙂

  6. fath says:
    July 21, 2015 at 11:53 am

    VVVV reethi

    1. jana says:
      July 21, 2015 at 4:41 pm

      😀

  7. shahidha says:
    July 21, 2015 at 12:19 pm

    Maasha allah vv furihama

    1. jana says:
      July 21, 2015 at 4:41 pm

      😀

  8. shai says:
    July 21, 2015 at 12:28 pm

    Jana Facebook ga nulheythy kudhinah kihinetha hadhaany

    1. jana says:
      July 21, 2015 at 4:45 pm

      jana kureega nuves visnan thihenne. aslu vaahakain libey maigandu message thah jana veehaaves kurukoh kiyaidheveytho balaanan vaahakaige therein ves. ekamaku e page ga jana e vaahaka thah ithurah thafseelu kohdheyny In Sha Allah. e page ga jana baeh link thah post kuraanan. baivaru link thah post kuran raavaigen jana mihiry. facebook ga noolhey kudhinnahtakai eygein baeh link thah comment thakehge zariyyain share kohdheveytho balaanan In Sha Allah 🙂

  9. samar says:
    July 21, 2015 at 12:36 pm

    Mi part ves varah reethi Maasha Allah. Mi site ga hunna vaahaka varah ginain kiyan, ekam emme furathama comment kury mi vaahaka ah. Keep up the good work!

    1. jana says:
      July 21, 2015 at 4:46 pm

      thi dhin hiyvarattakai Jazakallah Khairan!

  10. maahee says:
    July 21, 2015 at 1:46 pm

    V kiaahithun mi vaahaka mikiany. Hithuga dheenah ufedhifai oi loabi ithuruvejje mivaahakain.

    1. jana says:
      July 21, 2015 at 4:47 pm

      hehe…ufaavejje thihen buneema. ekamaku jana bunan beynun vany jana akah ves adhi ehen meehakah ves meehegge hithakah asaru foaruvumuge baareh nethey. hidhaayai ithuru kohdhevvany hamaekani Allah 🙂

  11. jenna says:
    July 21, 2015 at 3:28 pm

    vr rythi , i aslo like boonu burugaa n hijaab

    1. jana says:
      July 21, 2015 at 4:48 pm

      Dho? XD

    2. jenna says:
      July 21, 2015 at 6:35 pm

      hmm

  12. jenna says:
    July 21, 2015 at 4:08 pm

    kon irakun nxt prt

    1. jana says:
      July 21, 2015 at 4:49 pm

      kameh dhimaa nuvaahaa hindhaku mi vaahaka dhedhuvahun ehdhuvahu up kureveytho balaanan In Sha Allah. kameh dhimaavejjeyya dhen up kureveyne dhuvaheh bunedheveytho balaanan In Sha Allah

  13. liu says:
    July 21, 2015 at 4:09 pm

    janaa i have a big question…anhenunge aura aky moonai 2 aythila fiavaa hurihaataneh….hitan arany hen kyyvegen baaey myhun moonai 2 ay thila foruvanyy……story varah reethii

    1. jana says:
      July 21, 2015 at 4:51 pm

      liu…jana varah biruganey fiqh suvaaluthakah. Jana eggothakahves qualified eh noon thi suvaalah javaabu dheykah. : |

    2. liu says:
      July 21, 2015 at 8:06 pm

      its okey hama hitan eryma ahaalyy………when next part?

    3. ukhthy says:
      July 21, 2015 at 11:43 pm

      Aee fithuna verikan ufedhi dhaane kamttakaives adhi thimage firimeeha noon meehunnah zeenaiy therikan faalhu nukuran ves moonu alha. Aee sunnatheh. Sheikh aka suvaalu kollun ragalhu. Ithuru mauloomathah taka. 🙂

    4. jana says:
      July 22, 2015 at 4:44 pm

      liu dhen jana vaahaka up kuraany maadhamaa In Sha Allah. Ukhthy buny rangalhah. ekahala vaahaka dhekkeyny sheikhakah. 😀

  14. nukko says:
    July 21, 2015 at 5:15 pm

    V v v reethi vaahaka eh… I love this type of stories… gud luk.. and anehbai v beynun kiyaalan…

    1. jana says:
      July 22, 2015 at 4:45 pm

      anebbai maadhama In Sha Allah

  15. Sheee says:
    July 21, 2015 at 5:33 pm

    Masha allah varah reethi

    1. jana says:
      July 22, 2015 at 4:45 pm

      😀

  16. jenna says:
    July 21, 2015 at 6:37 pm

    aslu vr ufaavay comment thakah reply kohfa hunnaathy , allah thibaage masah kath gaa barakaaiy lahvaashi , aamin

    1. jana says:
      July 22, 2015 at 4:46 pm

      Ameen!!

  17. Shabee says:
    July 21, 2015 at 9:22 pm

    Mee v ibrahtheri v reethi vaahaka eh… jenna ebunee thedheh… mifadha dheenee vaaak thakun meehun badhal khleveyne hama…. aslu v reethi… masha allah.. 😀

    1. jana says:
      July 22, 2015 at 4:47 pm

      mivaahaka kiyaafa meehun badhalu viyas vaany Allah ge izunain. ey jana kuraane kameh noon. adhi kuriyah oiy thanuga vaahaka ithurah ibraiytheri vegen dhaane In Sha Allah

  18. NAAZ says:
    July 21, 2015 at 10:08 pm

    Maaasha Allah varah reethi mivaahaka…v.kamudhey islaame rivethi sifathah genasdheefa vaathe…:-D

    1. jana says:
      July 22, 2015 at 4:49 pm

      Alhamdhulillah! 😀

  19. Na says:
    July 22, 2015 at 2:12 am

    MashaAllah This story is awsome. N most of oll my princess daughter’s name is jana too. So you are special to me. Good luck.

    1. jana says:
      July 22, 2015 at 4:50 pm

      hehe….jana aky varah aammu namekey dho? varah vaahaka thakun ves fennane 😛

  20. fizaan says:
    July 22, 2015 at 7:41 am

    wow varah reethi. eneh part up vaani koniraku?

    1. jana says:
      July 22, 2015 at 4:51 pm

      maadhama In Sha Allah 🙂

Comments are closed.

Next Episodeހިޖުރަ (ހަތަރުވަނަ ބައި)←


All Right Reserved!