ލައިލާ 4
ލައިލާ ހެދުން އިސްތިރިކޮށްފައި ފެންވަރައިގެން ނިކުމެ ހެދުން ލިއެވެ. ދެން ފުށްޖަހައިފައި ތުންފަތުގައި ލިޕްބާމް ކޮޅެއް އުނގުޅާފައި ޝޯލް އަޅަން ފެށިއެވެ. ރީތި ގޮތަކަށް ޝޯލް އަޅާލާއިފައި ސެންޓު ކޮޅެއް ގަޔަށް ބުރުވާލުމަށް ފަހު ކޮޓަރިން ނިކުތެވެ. ދޮރުތަޅުލައިފައި ގެއިން ނިކުތްއިރު ފަހެއް ޖަހަން ފަސް މިނެޓެވެ. އައިލީން މެން ގެއަށް ވަތް އިރު ޕާޓީއެއް ބާއްވަން ރީތި ވެސް ކޮށްފައެއް ނެތެވެ. އޭނާ އައިލީންގެ ކޮޓަރި މަތީގައި ހުންނާތީ ސިޑި އާއި ދިމާއަށް ދިޔައެވެ. ލައިލާ ސިޑިން މައްޗަށް ދާ ވަރަކަށް އަނދިރިވަމުން ދިޔައެވެ.
” ހޭޕީ ބާރތްޑޭ ލައީ” ލައިލާ ކުރިމައްޗަށް އައިލީން މެން ނިކުތީ ކުއްލިއަކަށެވެ. ހުރިހާ ތަނެއް އަލިވެގެން ދިޔައިރު އެތަން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައެވެ. ލައިލާ މިއަދު މިއީ އޭނާގެ ސާދަ ވަނަ އުފަންދުވަސްކަން ހަނދާނެއް ނެތެވެ. ފާރުގައި ބޮޑު އަކުރުން ” ހޭޕީ ފޯރޓީންތް ބާރތްޑޭ ލައި ” ލިޔެފައި ހުރީ ކުލަކުލައިންނެވެ. މޭޒެއްގެ މަތީގައި ޗޮކްލެޓް ކޭކަކާއި ވަޅިއެއް އޮތެވެ. ކޮންމެ ދިމާލަކަށް ބަލާޔަސް ފެންނަނީ ފުއްޕާހަމާއި ކަރުދާހެވެ. ލީލާ ވެސް ހުރީ ރީތި ކޮށްފައެވެ.
” މިއީ ދޯ ޕާޓީއަކީ. ޝުކުރިއްޔާ ލީން ޔޫން. ޔޫ ގައިސް އާރ ދަ ބެސްޓް! ” ލައިލާ ހިނގާލަމުން ބުނެލިއެވެ. ” ދެން ވެސް ވާހަކަ ގިނަ ނުކޮށް ކޭކު ފަޅާބަލަ. މިހާރު ވެސް އެތައް އިރެއް ވެއްޖެ! ” ޔަނާލް ލައިލާ އަތުގައި ހިފައި ދަމައިގަންނަމުން ބުނެލިއެވެ. ލައިލާ ހިނިގަނޑެއް ޖަހާލަމުން ކޭކު ފަޅަން ދިޔައީ އަނެއްކާ އަނެއް ހަމަލާ އައިސް ދާނެތީއެވެ. ކޭކުގައި ސާދަ އުއްބައްތި ޖަހައިފައިވާއިރު ވަށައިގެން ކިޓްކެޓް ޗޮކްލެޓް ހުއްޓެވެ. ހޭޕީ ބާރތްޑޭގެ އަޑުން މުޅި ތަން ވަނީ ގުގުމާލާފައެވެ. ލައިލާ ހުރިހާ އުއްބައްތިތަކެއް ފުމެލައި ނިއްވާލިއެވެ. ކޭކު ފަޅާލުމަށް ފަހު ލައިލާ ޔަނާލްއަށް ކޭކުކޮޅެއް ލަވަން ރަނގަޅަށް ކޭކު ކޮޅު ނުނެގެނީސް ކާލި އެވެ.
” މި ޔޫން ވަރެއް ނުހުންނާނެ އެހެންމީހުންގެ ކޭކު އެންމެ ކުރިން ކާކަށް ” އައިލީން ޕިސް ތަޅާލީ ކޭކު ނުލަވަނީސް ކެއުމުންނެވެ. ލައިލާ އައިލީން އަށާއި ލީލާއަށް ކޭކު ލެވުމަށްފަހު ކޮންމެ މީހަކަށް ފޮއްޗެއް ކަފައިފައި ދިނެވެ. ޔަނާލް އަށް ދިނީ އެންމެ ބޮޑު ފޮއްޗެވެ.
ކޭކު ކައިނިމުމުން އައިލީން އެދުނީ ހަދިޔާ ކެނޑުމަށެވެ. އެންމެ ފުރަތަމަ ކެނޑީ ޔަނާލް ދިން ޕާރުސަލްއެވެ. އެ ޕާރުސަލް ބޮޑަސް ވަރަށް ލުޔެވެ. ފޮށި ކަނޑާލިއިރު އެތެރޭގައި އޮތީ ވަރަށް ކުޑަ ފޮށްޓެކެވެ. އެ ވެސް އޮތީ ޕާރުސަލް ކޮށްފައެވެ. އޭގައި އޮތީ ރިހި އަނގޮޓިއެކެވެ. ދެން ނެގީ އައިލީން ދިން ޕާރުސަލް އެވެ. އެ ޕާރުސަލް ވަރަށ ބަރެވެ. ޕާރުސަލް ކަނޑާލިއިރު އޭގެ ތެރޭގައި އޮތް އައި ފޯން އިލެވެން ފެނިފައި ލައިލާ ދެލޯ ބޮޑުކޮށްލިއެވެ. ” މިޔޯ” ލައިލާ ފޯނު ހުޅުވާލިއެވެ. ފޯނު އަނބުރާ ފޮށްޓަށް ލައިފައި ލީލާ ގޮވައިގެން ބެލްކަންޏަށް ނިކުތެވެ.
” ދޮންނީ! ބިންމަތި ހާދަ ތިރިއޭ ” ލީލާ ލައިލާގެ ގައިގައި ބާރަށް ހިފަހައްޓާލީ ވެއްޓިދާނެތީއެވެ. ލައިލާ ގެއަށް ދިޔައީ އިޝާ ފަހުންނެވެ. ލައިލާ ކޮޓަރިއަށް ވަދެ ލީލާ ނިދާހެދުން ލައްވާލައިފައި ހެދުން ބަދަލު ކޮށްލައިގެން ބަދިގެއަށް ދިޔައީ ލީލާއަށް ކާންދޭށެވެ. އޭރު ބަދިގޭގައި ލިޔާން މެންދުރު ހެދި ބަތް އަޅައިގެން ކާން ހުއްޓެވެ. އޭނާގެ މޫނުމަތީގައިވާ ހިނިތުންވުން ފެނުމުން ކޮންމެވެސް ކަމެއް ވެއްޖެކަން ލައިލާ އަށް އެނގިއްޖެއެވެ.
” ހެޕީ ފޯރޓީންތް ބާރތްޑޭ ލައި. ހަދިޔާ އޮންނާނެ ލައިގެ ކަބަޑު ގައި. އަދި އިނގޭތަ ބައްޕައަށް އާ ތަނަކުން ވަޒީފާއެއް ލިބިއްޖެ. އެތަނުން ލިބޭ މަހު ހަތް ހާސް ރުފިޔާ. ކުރިން އުޅުނު ވަޒީފާގެ ދެގުނަ ލިބޭ. އެކަމަކު ބައެއް ފަހަރު ރަށުން ބޭރަށް ވެސް ދާން ޖެހޭނެ އިނގޭ. ” ލިޔާންގެ ހިނިތުންވުމެއް ލައިލާއަށް ރައްދު ކުރަމުން ބުނެލިއެވެ. ލައިލާ ވެސް އޯކޭ އޭ ބުނެ ލީލާ އަށް ކާންދޭން ބަތް އެޅިއެވެ. ލީލާ ކައި ނިމުމުން ލައިލާ ވެސް ބަތް އަޅައިފައި ކާން އިށީނީ ލީލާ އަށް ބަލަމުންނެވެ. އޭނާ ކައި ނިމިގެން ތެލިތަށް ދޮވެފައި ބަދިގެ ނިއްވާލިއެވެ. ބަދިގޭގެ ދޮރު ލައްޕާލުމަށް ފަހު ލައިލާ ކޮޓަރިއަށް ވަނެވެ.
ލީލާ ނިންދަވަން އެނދަށް އަރައި ބާލީހެއް ފައިމަތީ ބާއްވާލައިފާ ލީލާ ބާލީސް މައްޗައް ލައިފައި ނާނާ ކިޔަން ފެށި އެވެ. ލީލާ އަށް ނިދުނީ އިރުކޮޅެއް ފަހުންނެވެ. ލީލާ ނިދުމުން އޭނާ އުރާލައިގެން ގޮސް ކުޑަ އެނދުގައި ބޭއްވިއެވެ. ލިޔާން ވެސް އޮތީ ނިދައިފައެވެ. މާދަމާ އަކީ ހުކުރު ދުވަސް ކަމުން ލައިލާ ނިދަން އޮށޯތެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ހީވެސް ނުކުރާހާ އަވަހަށް ލިޔާން އިންނަ ދުވަސް އައިއްސިއެވެ. ލައިލާ ލީލާ ހެދުން ލައްވާފައި ޔަނާލްއަށް ހަވާލު ކުރުމަށް ފަހު އޭނާ ވެސް ރީތި ވިއެވެ. މާބޮޑު ޕާޓީއެއް ނުބާއްވައި ޢާއިލާއާއި ރައްޓެހިންނަށް ދެނީ ކެއުމެކެވެ.
އިމްޝާ ފެންވަރައިގެން ނުކުމެ ތައްޔާރު ވާން ފެށިއެވެ. އޭނާ ލީ ގަޔަށް ބާރު ޓޮޕަކާއި ޖިންސެކެވެ. ލައިގެން ހުރި ޓޮޕު ކޮޅުގެ ކުރު ކަމުން ބަނޑު ފޮރުވެނީ ކިރިޔާއެވެ. އޭނާ ކުރީ ވެސް ގަދަ މޭކަޕެކެވެ. އޭނާ ތައްޔާރު ވަމުން އެދަނީ މަންމަގެ ކައިވެންޏަށެވެ. ” މަމް! އަހަރެން ނިމިއްޖެ ހިނގާ ދާން” އިމްޝާ އޭނާގެ މަންމަ އަމްނާއަށް ގޮވިއެވެ. އޭނާ ބޮޑު ހެދުމެއް ލައިފައި ހުރި ކަމަކު ހެދުން ގަޔަށް ބާރު ކަމުން ހަށިގަނޑުގެ ބައިތައް ހުންނަނީ އެނގޭށެވެ. މޫނުގައި ކޮއްފައި ހުރި މޭކަޕުން އޭނާގެ ސިފަ ވެސް ވަކި ނުވެއެވެ. އޭނާގެ އާއިލާ މީހުން އޭނާއާއި ގުޅުން ކަނޑާލީ އޭނާގެ އުޅުމުގެ ސަބަބުންނެވެ.
ކައިވެނި ކުރުމަށްޓަކައި ދެ އާއިލާގެ މީހުން ކޯޓަށް ދިޔައެވެ. ލައިލާއަށް އިމްޝާ އާއި އަމްނާ ފެނުމުން ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ ދޮންމަންމަ ވާނީ ޔަގީނުންވެސް ދޮންނިޔަދުރެއް ކަހަލަ މީހަކަށެވެ. ނަމަވެސް ލައިލާ އެތަނުގައި ހަމަނުޖެހުމެއް ނުހިނގަން ވާހަކަ ނުދައްކާ ހުރީ އެވެ. ލިޔާން އާއި އަމްނާގެ ކައިވެނި ކުރެވުނީ ސުހޭލް އާއި ނުލައެވެ. އޭނާއަށް ޗުއްޓީ އެއް ލިބެންނެތުމުން ނާދެވުނީ އެވެ. އަމްނާ ރަނަށް ކީ ފަސް ހާހެވެ. މަދު އަދަދެއްގެ ވެސް ނޫނެވެ.
ކައިވެނި ކުރެވުމުން އެންމެން ވެސް ދިޔައީ ރޯޒްވިލާ ގެއަށެވެ. ލައިލާ ޕާޓީގައި ބައިވެރި ނުވެ ދިޔައީ އޭނާގެ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރިއަށެވެ. އެމީހުން ކައިވެނި ކުރުމުން ލައިލާ އެކޮޓަރި އަށް ބަދަލުވީއެވެ. ޕާޓީ ނިމިގެން އެންމެން ގެއަށް ދިޔައެވެ. އޭރު ދިހައެއް ޖަހަނީއެވެ. ލައިލާ ބޭރު ހަމައަކަށް އަޅުވާލުމަށް އެހީތެރި ވުމަށް ފަހު ލީލާ ނިންދެވިއެވެ. ލީލާ ނިދުމުން ލައިލާ ވެސް ނިދީމެވެ.
އަނެއް ދުވަހު ލައިލާއަށް ހޭލެވުނީ އަމްނާ ދޮރުގައި ތަޅާ ވަރުންނެވެ. އޭނާ ހުރީ ވަރަށް ރުޅި އައިސައެވެ. ” ކަލޭ ދެން ވެސް ތެދުވެފައި ދޭބަލަ ސައި ހަދަން. ނިދާކަށް ނޫނޭ ކަލޭ އަށް ޖެހޭނީ. ކަލޭ ބައްޕަ ވެއްޖެ ވަޒީފާ ދަތުރަކު ރަށުން ބޭރުގައި. ހެެހެހެ. ބަލާން ނުހުރެ ދޭބަލަ ” ލައިލާ އަށް ކުރިމަތިލާން ޖެހުނީ އަމްނާގެ ރުޅިވެރި ބަސްތަކާއެވެ. ލައިލާ މޫނު ދޮވެ ފެންވަރައިގެން ނުކުމެ ހެނދުނުގެ ސައި ތައްޔާރު ކުރަން ފެށިއެވެ. ސައި ހެދުމަށް ފަހު ލައިލާ ކޮޓަރިތައް ސާފު ކުރަން ފެށިއެވެ.
” މަގޭ ކުރިމަތިން ދުރަށްދޭ ގަމާރާ. ” އިމްޝާ ލައިލާގެ ގައިގައި ޖެހުމަށް ފަހު ނިކުމެ ބަދިގެއަށް ވަދެ ސައިބޯން ފެށިއެވެ. ލައިލާ ހުރިހާ ކޮޓަރިތައް ސާފުކުރުމަށް ފަހު ލީލާ ފެންވެރުވިއެވެ. ބަނޑުހައިވެފައި ހުރުމުން ބަނޑަށް ކާއެއްޗެއް ލުމަށް އޭނާ ބަދިގެއަށް ވަނެވެ. ލައިލާ ކާން ރޮށި އަޅާ ހޮޓުގެ މަތި ނެގިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

