ތަމަންނާ 7
ޒިޔާންއާއި އަހަރެން ވާހަކައިގައި ތިއްބާ ނީންތަ އަހިސްވަނުމުން ޒިޔާން ވާހަކަ ބަދަލު ކޮށްލިއެވެ. އަހަންނަށް ޒިޔާން ކިޔާއެއްޗަކާއި ނުވެވުނެވެ. އަހަރެންގެ ހިތުތެރޭ ވަރަށް ގިނަ އެއްޗެހިތަކެއް އެނބުރެން ފެށިއެވެ. އެއީ ކާކުބާއެވެ. އަހަންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމުގައި ބުނެފިއެވެ. އަދި ބައްދަލުނުވާ ވާހަކަވެސް ބުނެފިއެވެ. ވީމާ އޮފީސް ތެރެއިން އެއްވެސް ކުއްޖަކަށް ނުވާނެއެވެ. އަހަރެންނާއި އެކު ކޮލެޖްގައި އުޅޭ ކުއްޖަކަށްވެސް ވެދާނެއެވެ. މިކަހަލަ ވިސްނުމެއްގައި އިންދާ ހޭވެރިކަން ވީ ޒިޔާން އަހަންނަށް ގޮވާލުމުންނެވެ. ކޮންކަމަކާ ތި ވިސްނަނީ؟ އަހަރެން އެއްވެސް ޖަވާބެއް ނުދީ ހީލުމަކުން ނިންމާލީމެވެ. “ކިޔެވުމުގެ ކަންތައް ކުރިޔަށްގެންދަމުން އޮފީހުގަ އުޅޭތީ މާ ބުރަވަނީ ދޯ.” ނީންތަވެސް އަހަރުމެންނާއި ބައިވެރި ވެލަމުން ބުންޔެވެ. އަހަރެން ހީލުންފިޔަވާ އިތުރު އެއްޗެއް ނުބުނަމެވެ. އަވަގުތު ރިޔާޒުބެ ގޮނޑީގަ އިށީންނަމުން، “ބައްޕަ ސިންގަޕޫރަށް ދާންޖެހިއްޖެ. މިހަފްތާ އެބަޖެހޭ ފުރަން. ޓިކެޓް ލިބެން އިންދުވަހެއް ބަލާފަ ޓިކެޓް ނަގާތި.” ލައްބަ. ޒިޔާން ޖަވާބުދިނެވެ. ރިޔާޒުބެ އަހަންނާ ވާހަކަދެއްކިއެވެ. “ތަމަންނާ ކިޔެވުން ރަނގަޅަށް ދޭތަ؟ ކިޔެވުމަށް ބޮޑަށް ސަމާލުކަން ދޭތި. ކިޔެވުމަށް ދަތިވަންޔާ ކޮލެޖައްދާންނުޖެހޭ ހުރިހާ ދުވަހަކު އޮފީހަށް ނުދިޔަޔަސް ރަނގަޅުވާނެ. އޮފީހަށްދާނީ ކިޔެވުމުގެ ކަންތަކަށް ވަގުތު ދީފަ، އިތުރުވަގުތެއް އޮތިއްޔާ.”
ކޮފީ ނިންމާލުމަށްފަހު އަހަރެންކޮޓަރިއަށް ވަދެ ކުޑަކޮށް ނިދާލަން ބޭނުންވާތީ ޖައްސާލީމެވެ. ކުޑަކޮށްނިދާލުމަށްފަހު ތެދުވެ މެންދުރު ކެއްކުމަށް ލަތާއަށް އެހީތެރިކަމެއްދޭން ބަދިގެއަށް ވަނީމެވެ. ބަދިގޭގެ ބައެއް މަސައްކަތް ނިމުމުން ފުރެޝްވެލަން ބޭނުންވާތީ ފާޚާނާއަށް ވަދެ ފެންވަރައިލައިގެން ނުމުކެ އެނދުގައި އިށީނދެލީމެވެ. މިހެން އިނދެ ކުޑަކޮށް ވިސްނާލުމަށްފަހު ޒިޔާންގެ ލޯބިވެރިއަކީ ކާކުތޯ ޒިޔާންކައިރީ އަހަން ނިންމީމެވެ. ހިތައްއެރިއެވެ. މިހާރު ޒިޔާން ކައިރީ އަހަން ދާންވީއެވެ. އެއީ ކާކުތޯބަލަން ބޭނުންވަނީ އަހަންނަށް ވަރަށް ރަނގަޅަށް އެނގޭނެއޭ ބުނެފަ ވާތީއެވެ. ވިސްނާލުމަށް ފަހު ބޭރަށް ނުކުމެ ޒިޔާންގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހީމެވެ. ދެވުނީ ވަކި ހިސާބަކަށެވެ. އެއަށްވުރެ ކުރިއަށް ދާކަށް ނުކެރުނެވެ. އެނބުރި ސޯފާގައި އިށީނީމެވެ. ރިމޯރޓް ނަގާ ޓީވީ ހުޅުވައިލައިގެން މަޑުކޮށްލީ ފަހަރުގަވެސް ޒިޔާން ބޭރަށް ނުކުމެދާނެކަމަށް ޒިޔާންގެ އިންތިޒާރުގައެވެ. މިގޮތަށް އިންދާ ޒިޔާން ބޭރުން އައިސް ގެއަށްވަނެވެ. އަތުގައި މުސައްލަ އޮތެވެ. މިއަދު ހުކުރު ކަން ހަނދާންވީ ޒިޔާން ފެނުމުންނެވެ. “ތަމަންނާ…” ޒިޔާން އަހަންނަށް ގޮވައިލުމަށްފަހު ކޮޓަރިއަށް ވަނެެވެ. އެއްޗެހި ބަދަލުކޮށްލައިގެން އައިސް ސޯފާގައި ޒިޔާން އިށީނެވެ. “ބައްޕަ ދުރުވެއްޖެތަ؟” އަދި ނުދުރުވެ.. އަހަރެން ޖަވާބު ދިނީމެވެ.
“ޒިޔާންގެ ލޯބިވެރިޔާއަކީ ކާކުތަ؟” އަހަރެންނަށް ވަރަށް ވިސްނޭ އެބަ އެކަމާ. އަހަންނަށް އެމީހަކު ރަނގަޅަށް އެނގޭނެވާހަކަ ބުނީމަ. “ތަންޙާ’. ޒިޔާން މަޑުމަޑުން މިހެން ބުނެލުމުން އަހަރެންނަށް އިނދެވުން ތަންވެސް ނޭނގުނެވެ. ތަންއެނބުރިގެން ދިޔައެވެ. އެއީ ކުޑަކޮށް ވެސް ޚިޔާލަށް ނާންނަ އަދި ހީވެސް ނުކުރާ ނަމެކެވެ. އަހަރެންގެ ކޮއްކޮ ތަންޙާތަ؟ “ހޫމް….” ޔަގީންކޮށްލަން އަހަރެން އަހާލީމެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “ތަމަންނާ އަހަރެންނާއި އެއްބަސްވެފަ އޮތީ ހިތްހަމަ ނުޖެހުމެއް ވެސް ރުޅިވެރިކަމެއްވެސް ނުބާއްވާނެ ކަމުގަ. އަހަރެން ތަންޙާ އާއި ވާހަކަ ދައްކަން ފެށި އިރުގަ ނޭނގެ އެއީ ސީދާ ކާކުކަމެއް މާފަހުން އެނގުނީ އެއީ ރަށުކުއްޖެއްކަންވެސް އަދި ތަމަންނާގެ ކޮށްކޮއެއްކަންވެސް.” އަވަގުތު ރިޔާޒުބެ ވަދެއްޖެއެވެ. ޒިޔާން ވާހަކަ ހުއްޓައިލިއެވެ. “ކާންދާންވީދޯ” ރިޔާޒުބެ ކޮޓަރިއަށް ވަންނަމުން ބުންޏެވެ. ދެމީހުން ކުރެ އެކަކުވެސް އިތުރު ވާހަކައެއް ނުދައްކާ ތިބީއެވެ. އަހަރެން އިނީ ޓީވީއަށް ބަލަހައްޓައިގެނެވެ. ނަމަވެސް ޓީވީއަކުން އެއްވެސް އެއްޗެއް އަހަންނަކަށް ނުފެނެއެވެ. އަހަރެންނަށް އެކަމާ ވިސްނެނީއެވެ. “ހިނގާ ކާންދާން…. ” ނީންތަ މިހެންބުނުމުން ކުއްލިއަކަށް ތެދުވެވުނެވެ. ނަމަވެސް ބުނިއެއްޗެއް އެނގިގެނެއްނޫނެވެ. ނީންތަ ފަހަތުން ގޮސް މޭޒުމަތީ، ކާ ތަށިތަށް އަތުރަން ފެށީމެވެ. ކާންއިންއިރުވެސް އަހަންނަށް ވިސްނެނީ އެކަމާއި ދޭތެރޭގައެވެ.
ތަންޙާ އަކީ އަހަރެންގެ އެއްބަފާ އަހަރެންގެ ކުޑައަށް ހުންނަ ކޮއްކޮއެވެ. ތަންޙާއާއި އަހަންނާ މާބޮޑުގުޅުމެއް އެއްއިރެއްގަވެސް ނޯވެއެވެ. ތަންޙާ ހިތައް އަރާފިއްޔާ ބައެއްފަހަރު ވާހަކަދައްކާނެއެވެ. އަހަރެން މާލެއާފަހުން އެމީހުންގެ އެއްވެސް ޙަބަރެއް ނުވެއެވެ. އެއްދުވަހު ބައްޕަ ގުޅާފަ ކަންތައްތައް ކިހިނެއްތޯ އާއި އުޅެނީ ކޮންތަނެއްގަތޯ އާއި ކުރަނީ ކީއްތޯ ސުވާލު ކުރިއެވެ. އަހަރެން ކޮލެޖައްދާ ވާހަކަޔާއި އޮފީހަށްދާ ވާހަކަ ބުނީމެވެ. އޭގެ ފަހުން އަހަރެން ދޭތެރެ ދޭތެރެއިން ބައްޕައަށް ގުޅަމެވެ. ބައްޕަ އަހަރެންނާއި އަޅާނުލިޔަސް އަހަރެން ބައްޕަދެކެ ލޯބިވެއެވެ. ބައްޕަ މަތިން ވަރަށް ހަނދާންވެސް ވެއެވެ. އަހަރެންގެ ހުރިމީހަކީ ހަމައެކަނިއެއީ ކަމުގައިވާތީއެވެ. އަދި ގުޅާފަހަރަކުވިއްޔާ ކޮއްކޮ މެންކިހިނެއްތޯވެސް ބަލަމެވެ. އަހަންނާއި ދޭތެރޭ އެމީހުން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަންނަށް ވީވަރަކުން އެމީހުންގެ ހާލު ބަލާ އެހީތެރިވާން ބޭނުމެވެ.
ދުވަސްތައް މާޒީއާއި އެކުވަމުންގޮސް މިއަދަކީ އަހަރެންގެ ކިޔެވުންނިމި ނަތީޖާލިބުނުދުވަހެވެ. ނަތީޖާ ލިބުމުން މިދާއިރާއިން އިތުރަށް ކިޔަވަން އަހަރެން ނިންމީމެވެ. އަހަރެންނަށް ހީކުރެވުނު ގޮތާއި ޚިލާފަށް އަހަރެން އެންމެ މަތިންފާސްވީމައެވެ. ކޮލެޖްއިން ނުނިކުމެވިގެން އުޅެނިކޮށް ޒިޔާން ގުޅާފައި ނަތީޖާ ކިހިނެއްތޯ އެހިއެވެ. އަދި އަހަރެންބަލާ ކާރުފޮނުވާފަ އޮންނާނެ ވާހަކަޔާއި ނިމުމުން ޑުރައިވަރަށް ގުޅަން ބުންޏެވެ. އަހަރެންކޮލެޖުގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރީ ކާރުގެ އިންތިޒާރުގައެވެ. ކާރު އައުމުން ކާރަށް އަރާފީމެވެ. ދާންވީ ގެޔަށްތޯ ޑުރައިވަރު ސުވާލުކުރުމުން އާނއެކޭ ބުނީމެވެ. ކާރުގޮސް ގޭދޮރުމައްޗައް މަޑުކޮއްލިކަން އެނގުނީ ޑުރައިވަރު ގެޔަށް އާދެވުނުވާހަކަ ބުނުމުންނެވެ.
ވިސްނެމުންދިޔައީ އަހަރެންގެ ދިރިއުޅުމުގެ ކަންތަށް ބަދަލުވިގޮތާއި ދޭތެރޭގައެވެ. އަހަރެންގެ ކުރީގެ ދިރިއުޅުމާއި މިހާރުގެ ދިރިއުޅުމާއި ދޭތެރޭގައެވެ. ރިޔާޒުބެ އަހަރެންނަށް އަހަރެންގެ ބައްޕައަށް ވުރެ ކަމޭހިތައެވެ. އަދި މަންމަ ދުނިޔޭގަ ހުރިނަމަވެސް ނީންތައަށްވުރެ ބޮޑަކަށް އަހަންނަށް ކަމޭހިތޭނެހެން ހިޔެއްނުވެއެވެ. އަހަރެން ގޭގައި މިއުޅެނީ އަހަރެންގެ އަމިއްލަ މައިންބަފައިން ކަރީގައިވެސް އަހަރެންނަށް އުޅެވޭނެ އެންމެ އުފަލުގައެވެ. ޒިޔާންވެސް އަހަންނާއި ދޭތެރޭ ދެކެނީ އެޢާއިލާގެ މެމްބަރެއްގެ ގޮތުގައެވެ. އަހަރެންގެ ކަންތައްތަކަށް ފަރުވާބަހައްޓައެވެ. ކޮލެޖަށް ދާގަޑި އާއި ނިމޭ ގަޑީގައި ފަރުވާތެރިކަމާއި އެކު އައުމާއި ދިޔުމުގެ ކަންތައްހަމަޖައްސައެވެ.
އަހަރެން ކާރުންފައިބާގެން ގޮސް ގެޔަށް ވަދެފީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެންގޮސް ކޮޓަރި ދޮރުހުޅުވާލި އިރު ނީންތަ، ރިޔާޒުބެ އަދި ޒިޔާން އަހަރެންގެ ކޮޓަރީގައި ތިއްބެވެ. ކޮޓަރި އޮތީ ޒީނަތްތެރިކޮށްފައެވެ. ފާރުގަ “ތިހޯދި ކާމިޔާބީއަށް މަރުޚަބާ ” މިހެންވާ ލިޔުމެއް ހަރުކޮށްފައި ހުއްޓެވެ. ސުޓަޑީ ޓޭބަލް ކޮޓަރި މެދަށްގެނެސް ބޮޑުކޭކެއް މޭޒުމަތީ ބަހައްޓާފައި ހުއްޓެވެ. އަހަރެން ވީ އުފަލުން ކުރާނީ ކީއްކަން ނޭނގި ހުއްޓާ ނީންތަ އާސް އަހަރެންގައިގައި ބައްދާލިއެވެ. އަދި ރިޔާޒުބެވެސް އަހަރުމެން ދެމީހުންގެ އަރިމަތިން ބައްދާލިއެވެ. ކޭކުފަޅަން ހިނގާށޭ ބުނެ ހިނގާގަތްތަނުން ޒިޔާން އާސް އަހަރެންގެ ގައިގާ ބައްދާލަމުން ސިސް އަށް ހަމަސާބަހޭ ބުނެލިއެވެ. އަހަރެންވީ އުފަލެއްގެ ވާހަކަ ބަޔާންކޮށްދޭނެ ގޮތެއްވެސް ނޭގެއެވެ. ކޭކުފަޅާނިމުމުން ޒިޔާން އޮފީހަށް ހިނގައްޖެއެވެ. “ތަމަންނާގެ ޕުލޭން އޮތީ ކިހިނެއް؟ ކިޔެވިދާއިރާއިން ކުރިއަށް ދިޔުން ދޯ ދެންއޮތީ.” ރިޔާޒުބެ ބުންޏެވެ. “ނޫން އަދި ބޭނުންވަނީ މިދާއިރާއިން އިތުރަށް ކިޔަވަން.” އަހަރެންބުނީމެވެ. “އެހެންވިއްޔާ ބަލަންވީނު ދެން ކުރިއަށް ދެވެން އޮތްގޮތެއް. ނީންވެސް ބަލާބަލަ ތަމަންނާގެ ކިޔެވުން ކުރިއަށް ގެންދެވެން އޮތްގޮތެއް. އަންހެންދަރިއަކަސް ކިޔަވަން ބޭނުންވަރަކަށް ކިޔަވަދޭން އަހެރެން ބޭނުން.” ރިޔާޒުބެ ބުންޔެވެ. އެހެން ބުނިވަގުތު އަހަރެންނަށް ކުރެވުނީ ވަރަށް އުފާވެރި އިޚުސާސްއެކެވެ.
“ތަމަންނާގެ މަންމަ ނިޔާވުމުން އަހަރުމެން ވަރަށް މަސައްކަތް ކުރިން ތަމަންނާ މިކޮޅަށްގެންނަން .ތަމަންނާގެ ބައްޕަ ތަމަންނާ ފޮނުވާކަށް ޤަބޫލެއްނުވި. ދެފަހަރެއްގެ މަތިން އުޅެވެސް ފޮނުވާކަށް އެއްބަހެއްނުވި. އެކަމުގަ އުޅުނީ އަހަރެންގެ ދައްތަ. ދައްތަ ކައިރީ ބުނިން އަދިވެސް މަސައްކަތް ކުރައްޗޭ. ތަމަންނާގެ ޚަބަރު ދައްތަ ބަރާބަރަށް ދެމުން ދިޔައީ. ދައްތަ ބުނީ ރަށުން ކިޔަވާނިމުނީމަ ވާހަކަ ދައްކާނީޔޭ. ދައްތައަށް ވާހަކަ ނުދެއްކިގެން އުޅެނިކޮށް ތަމަންނާ މާލެ އަންނަންވެގެން ދައްތަ ކައިރިއަށް ދިޔައީ.” ނީންތަ ކިޔައިދިނެވެ. “ނީންތަ ބަލާނަން ކިޔެވުން ކުރިއަށް ގެންދާނެ ގޮތެއް. ތަމަންނާވެސް ކޮލެޖްތައް ބަލަމުންދޭ.” މިހެން ބުނުމަށްފަހު ރިޔާޒުބެއާއި ނީންތަ ނުކުމެގެން ހިނގައްޖެއެވެ.
އަހަރެންވެސް އެއްޗެހި ބަދަލުކޮށްލައިގެން އެނދުގައި ޖައްސާލީމެވެ. އެވަގުތު ފޯން ރިންގްވާން ފެށިއެވެ. އަހަރެން ފޯނަށްބަލާލިއިރު ނުދަންނަ ނަމްބަރެކެވެ. އެހެންވެ އަހަރެން ޖަވާބު ނުދީ ފޯންބާއްވާފީމެވެ. އިރުކޮޅަކުން ރިންގްވާން ފެށުމުން ބަލާލިއިރު ގުޅަނީ ކުރިންވެސް ގުޅި ނަމްބަރުންނެވެ. ދެވިސްނުމެއްގައި ހުރެފާ ފޯނަށް ޖަވާބު ދީފީމެވެ. އެކޮޅުން ވާހަކަ ދެއްކިއެވެ. “ދޮންތާ މީ ތަންޙާ ވަރަށް ބޮޑަށް މަރުޚަބާ.”
**********
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

