ލޯބި ވިޔަސް… 10 ވަނަ ބައި
“ނޫނޭ.. ކުއްވެރިޔަކީ އަހަރެން.. އަހަންނަށް ވަނީ ވަރަށް ބޮޑު ކަމެއް ނަޒާއަށް ސިއްރު ކުރެވިފަ..”
ޒަހީން އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ.
” ޕްރޮމިސް މީ.. އަހަރެން ދޫކޮށް ނުލާނެކަމަށް، މި ވާހަކަތައް އެނގުނީމަ..”
ޒަހީން ނަޒާހާގެ ދެ އަތްތިލައިގައި ހިފައި ބާރު ކޮށްލިއެވެ.
ބުނަންވީ ކީކޭ ކަމެއް ނޭނގޭ ހާލުގައި ވާން މިއުޅެނީ ކިހިނެއްބާއޭ ހިތަށް އެރުމުން ނަޒާހާގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
“ބުނެބަ.. އަޑުއަހާށޭ މި އިނީ..”
ޒަހީންގެ އަތުގައި ހިފައި ބާރުކޮށްލަމުން ނަޒާހާ ބޯ ޖަހައިލީ ޒަހީނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
“އަހަންނަށް އިނގޭ ނަޒާ ކިޑެއް ވަރަށް ބޭނުންވާކަން.. އެކަމަކު.. އެކަމަކު.. އަހަންނަށް އެކަން ނުކޮށްދެވިގެން މިއުޅެނީ.. މިވާހަކަ ބުނަން ނުކެރިގެން މިއޮތްހާ ދުވަހު މިއުޅުނީ.. އަހަންނަކަށް މިހާރު ކުދިން ލިބުން އެއީ ވަރަށް އުންމީދު ކުޑަ ކަމެއް”
ޒަހީން އުނދަގުލުން ފެށި ވާހަކަ ނޭވާ ހިފަހައްޓާލައިގެން އިނދެ ކިޔާ ނިންމާލިއެވެ.
ނަޒާހާ އިރުކޮޅަކު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ވަޓް.. އެ ކިހިނެއް އެހެން ވާނީ.. ދެން ތިބުނީ ދޮށީ އަނބި ކައިރީގައި އެއީ ޒަހީންގެ ދަރިންނެއް ނޫނޭތަ..؟
ނަޒާހާ އަޑު ހަރުކޮށް ކިޔާލިއެވެ.
“އަޑު އަހާބަލަ.. އަދި އެއްބައޭ މިބުނީ..”
ޒަހީންގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ.
ޒަހީން ފުރަތަމަ ކައިވެންޏަށް ހަތަރު ކުދިން ލިބުނުތަނާ އޭނާއަށް ކޯފުއްޕި ޖެހުނުކަމާއި އެއަށްފަހު އިތުރު ދަރިއެއް ހޯދަން މަސައްކަތް ކުރުމުންވެސް އެކަން ނުވީއެވެ. ދެން ޑޮކްޓަރަށް ދެއްކުމުން އެކަން އެނގުނީ އިތުރު ކުއްޖަކު ލިބުމުގެ ފުރުސަތު ވަރަށް ހަނި ކަމަށެވެ. އަދި މިހާރު ފަންސާހަށް ވުރެ އުމުރު މަތިވެފައި ވާއިރު ދަރިއެއް ލިބުމަކީ “މިރެކަލް” އެއް ކަމަށްވެސް ޒަހީން ބުންޏެވެ.
ޒަހީންގެ ވާހަކަތައް އަޑުއަހަން ނަޒާހާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.
“އަހަރުމެން ދެ މީހުންގެވެސް ދަރިން އެބަތިބި.. ނަޒާގެ ކިޑް ގެންނަންވީނު މިކޮޅަށް.. އަހަރެން އަމިއްލަ ދަރިއެއްފަދައިން ގެންގުޅޭނަން.. އޭރުން މި ފަޅުކަންވެސް ފިލާނެ.. ނަޒާ ބޭނުމިއްޔާ އެކަމާ އަހަރެން އުޅެދީފާނަން”
ޖެހިލުންވެ ހުރެ ޒަހީން ބުނެލިއެވެ.
ނަޒާހާއަށް މިފަހަރު ހިމޭނުން ނީނދެވުނެވެ. މޭޒުމަތީގައި ޖެހިޖެހީނުން އެތަނުގައި ހުރި ތަށިތައްވެސް ނުވެއްޓުނީ ކިރިޔާއެވެ.
“އާ ޔޫ ކިޑިން މީ؟؟..”
ނަޒާހާއަށް ރުޅިގަނޑު ކޮންޓްރޯލް ނުކުރެވިގެން މުށް ކަވާލުމަށްފަހު އަނެއްކާވެސް މޭޒުމަތީގައި ޖަހައިލިއެވެ.
ޤުދުރަތީ ގޮތުން ނުލިބުނިއްޔާ ލިބޭނެ އެހެން ގޮތްގޮތްވެސް ހުންނާނެ ކަމަށް ނަޒާހާ ބުނުމުން ޒަހީނަށް އެނގުނީ އަދި މިދެއްކުނު ވާހަކައަކުން މާބޮޑު އަސަރެއް ނުކުރާނެކަމެވެ. ހަގީގަތުގައި ޒަހީންވެސް އިތުރު ދަރިއެއް ބޭނުމެއް ނުވެއެވެ. އިރުކޮޅަކު ވިސްނާލަން އިނދެފައި، ޒަހީން ބުނީ ބޭރު ޤައުމުތަކުގައި އޭނާގެ ވަރަށް ގާތް ރަށްޓެހި ޑޮކްޓަރުން ވެސް ތިބޭނެ ކަމަށެވެ. ދުވަސް ގަނޑަކަށް ބޭރުގެ ކޮންމެވެސް ގައުމަކަށް ބަދަލުވެގެން އެތާނގައި އުޅެންވީއެވެ. އަދި އެތަނުން ލޯބި ކުއްޖެއް ހޯދައިގެން އަމިއްލަ ކުއްޖެއްގެ ގޮތަށް ބަދަލުކޮށް ލިޔެ ކިޔުންތައްވެސް އެގޮތަށް ހަދައިދޭވަރުގެ ޑޮކްޓަރުން ތިބޭނެ ކަމަށް ޒަހީން ބުންޏެވެ. ވިސްނާލުމަށްފަހު ޒަހީން އަނެއްކާވެސް ނަޒާހާ ހިތްހަމަ ޖެހޭނެ ކަހަލަ ވާހަކައަކަށް ވެދާނެއޭ ހީކޮށް ދެއްކުނު ވާހަކައިން ނަޒާހާ އިނީ އިހުނަށް ވުރެ ބޮޑަށް ރުޅި ގަދަވެފައެވެ.
ނަޒާހާއަށް އެތަނުގައި އިތުރަށް މަޑެއް ނުކުރެވުނެވެ. ތެދުވެގެން ދުއްވައިގަތީ އެމީހުން ތިބޭ ކޮޓަރިއާ ދިމާލަށެވެ.
ކޮޓަރިއަށް ވަދެ އެނދުމައްޗަށް ބަންޑުން ވެއްޓި ގަތުމަށްފަހު އަޑުން އަޑުނަގައި ރޯން ފެށިއެވެ. ޒަހީން އެ ދެއްކި ވާހަކަތަކުން ހިތް ކުދިކުދި ވިއެވެ. އަދިވެސް ސިކުނޑީގައި ގުގުމަމުން ދަނީ އެ ވާހަކަ ތަކެވެ. މީހެއްގެ ކުއްޖަކު އަމިއްލަ ދަރިއަކަށް ހަދާ ވާހަކަ އެ ދައްކަނީ ހަމަ ހަގީގަތުގައި ވެސް، ޒަހީން ދަރިއެއް ބޭނުން ނުވާތީކަން ނަޒާހާއަށް ޔަޤީންވި މީ ފުރަތަމަ ފަހަރެވެ. ދެ ކަންފަތް މަތީގައި ދެ އަތް އަޅާބާރު ކޮށްލިއެވެ.
ޒަހީން އެއިން ގޮތަށް އިރުގަނޑެއް ވަންދެން ރެސްޓޯރެންޓްގައި އިނީ ނަޒާހާއާ ކުރިމަތި ލާނެ ގޮތެއް ނޭނގިފައެވެ. ގޮތް ހުސްވެފައި ވާ މީހެއް ފަދައިން ނިތްކުރީގައި އަތުން ހިފައި ބާރު ކޮށްލިއެވެ. އެހެންނަމަވެސް، ސިކުނޑީގައި އުނދަގޫ ކުރަމުންދާ ވާހަކަތައް ބޭރުކޮށްލެވުމުން އެތައްތަނެއް ލުއިވެއްޖެއެވެ.
ގައިދޮށުގައި އޮތް ފޯނު ވައިބްރޭޓް ވާހެން ހިވެގެން ބަލާލިއިރު ޒަހީންގެ ދެތިން މެސެޖެއް އޮތެވެ. މެސެޖް ހުޅުވާލިތަނާ ފުންމައިގަނެގެން ތެދުވެވުނެވެ. ހިތަށް ފިނިކަން ލިބިގެން ދިޔައީ ޒަހީންގެ މެސެޖް ފެނުމުންނެވެ. ތުންފަތް މައްޗަށް ހިނިތުންވުން ވެރިވަމުން ގޮސް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އަދިވެސް އެލޮލުން ކަރުނަ ނުހުއްޓެއެވެ. އެހެނަސް މިހާރު އެއަންނަނީ އުފާވެރިކަމުގެ ކަރުގަނައެވެ.
ސްކޫލުގައި ކުރިއަށް އޮތް އިމްތިހާނަށް ތައްޔާރުވުމުގައި އަވަދިނެތި އުޅެންޖެހޭ ދުވަސްތަކަށް ވުމުން، އެރޭގެފަހުން ހަމްނާއާއި އާތިފު ދިމާވާގޮތެއް ނުވެއެވެ. ރޭގަނޑު ވެސް، ގިނަ ވަގުތު ސުކޫލުގައި ހޭދަކުރަން ޖެހެއެވެ. އެހެންނަމަވެސް، ފޯނުން ވާހަކަތައް ދެކެވެއެވެ. އަދި އެ ދެމެދުގައި ވާ ބީރަށްޓެހިކަން ވެސް، މަޑުމަޑުން ކުޑަވަމުން ދާހެން ހީވެއެވެ. ވަގުތެއް ހޯދައިގެން ބައްދަލު ކޮށްލަން ބޭނުންކަމަށް އާތިފު ބުނެފައިވެއެވެ. ހަމްނާވެސް، ސުކޫލުގައި އުޅެފައި، ދުވަހުގެ މަސައްކަތްތައް ތަންކޮޅެއް އަވަހަށް ނިންމާލަފައި އާތިފާ ބައްދަލުކުރަން ދިޔައީ މަހުދީމެން ގެއަށެވެ. ހަމްނާއަށް ދެވުނު އިރު އާތިފާއި މަހުދީއާއި ޒީނާ ޖޯލިފަތީގައި ތިއްބެވެ. އާތިފު އަތުގައި ކޮފީ ތައްޓެއް ހުރުމުން އެގޭގައި އައިސް އިންނަތާ އިރުކޮޅެއް ވެއްޖެކަން ހަމްނާއަށް އެނގުނެވެ. ހަމްނާ، ވަދެގެން ގޮސް އާތިފާ ޖެހިގެން ހުސްކޮށް ހުރި ޖޯލީގައި އިށީނެވެ. އެހާ ކައިރީގައި އިނުމުގެ ސަބަބުން އާތިފުގެ ހަށިގަނޑުގެ މީރުވަހުން އޭނާގެ ހިތަށް އާރޯކަމާއި ތާޒާކަން ގެނެސް ދިން ކަހަލައެވެ.
ހަތަރު މީހުން އެތާނގައި ތަފާތު ވާހަކަތައް ދައްކަން ތިބުމަށްފަހު، މަހުދީގެ ދެމަފިރިން ގޭތެރެއަށް ދިޔައެވެ. އެމީހުން ބޭނުންވީ ދެ ލޯބިވެރިންނަށް ވަގުތު ކޮޅެއް ދޭށެވެ.
އެމީހުން އެތެރެއަށް ވަނުމުން އާތިފު ހަމްނާ އިން ޖޯއްޔާ ދިމާލަށް އެނބުރި ލުމަށްފަހު އެ މޫނަށް ބަލައިލިއެވެ. ދީފައިވާ ހަނދުވަރުގެ ރީތި ކަމުގެ ތެރެއިން އެ މޫނުގެ ރީތިކަން މާ ފުރިހަމައެވެ. ހާމައަށް ދޫކޮށްލެވިފައި ވާ އިސްތަށިގަނޑުން ބައެއް މޫނުމަށްޗަށް އެޅިފައި އޮތެވެ. އެ ދޮން މޫނުގައި ބީހިލަން އާތިފުގެ ހިތް މަޖުބޫރު ކުރުވަން ފަށައިފިއެވެ. ޖެހިލާ މަޑު ވައިރޯޅިތަކުން ހަމްނާގެ އިސްތަށިގަނޑު އެއްވެސް ހުރަހެއް ނެތި އެދޮން މޫނާއި ކަނދުރާގައި ބީހިލައެވެ. ހަމްނާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތައް އާތިފުގެ އަތުން ރީތިކޮށްލައިދިނެވެ. އެވަގުތު އެ ދޮން މޫނުގެ ކުލަ ބަދަލުވިތަން އާތިފަށް ފެނުނެވެ. ލުއި ހިނިތުންވުމެއް އާތިފުގެ ތުންފަތްމައްޗަށް ވެރިވިއެވެ. ހަމްނާއަށްވެސް އެމޫނަށް ބަލާލެވުނު ވަގުތު ހިނދުކޮޅަކަށް ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އާތިފުގެ ލޮލުގެ އެންމެ ފުންމިނަށް ދަތުރު ކޮށްލަން ބޭނުންވި ކަހަލައެވެ.
“ހާދަ ވަރަކަށް ތި ބަލަނީ”
އެންމެފަހުން ހަމްނާ ވާހަކަ ދައްކަންފެށިއެވެ.
“އާނ.. ލޯބި ކަމުން..”
އާތިފު ސަމާސާ ކޮށްލިއެވެ. އަދި އާތިފުގެ ބޮލުން ހަމްނާގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. އެ ލުއި ބީހިލުމުން ދެމީހުންގެ ހަށިގަނޑުގައިވެސް ފިނިރޯޅިއެއް ބީހިލި ފަދައެވެ. އިތުރު އަރާމާއި ލައްޒަތު ދެ ޖިސްމުވެސް ބޭނުންވިއެވެ. އެހެންނަމަވެސް، އެހާ އަވަހަށް އެއްވެސް ގުޅުމެއް މާ މައްޗަށް ގެންދާކަށް އާތިފު ބޭނުމެއް ނުވެއެވެ.
އާތިފު ދެން ވާހަކަ ދައްކަންފެށީ ސްކޫލުގެ މަސައްކަތާ ގުޅޭ ގޮތުންނެވެ. ދެ ޒުވާނުން ތަފާތު ވާހަކަތަކުގައި ތިބުމަށްފަހު ހަމްނާގެ އަތުގައި ހިފާލުމަށްފަހު، އާތިފު ޖީބުން ނެގި އަލިމަހުގެ އަނގޮޓިއެއް ހަމްނާގެ އިނގިލީގައި އަޅުވައިދިނެވެ. ހަމްނާ އިނީ އަނގަ ހުޅުވިފައެވެ. އުފަލުން އެ ހިތް ފޮޅެނީއެވެ. އާތިފުގެ ފަރާތުން އެފަދަ ކަމަކަށް އޭނާ ހުރީ އެދި އެދިއެވެ. އާތިފުގެ އެފަދަ ކޮންމެ ލުއި ބީހިލުމަކުން ވެސް، ހަމްނާގެ ހިތުގައި އިތުރު ތުރުތުރެއް އުފައްދާލާ ކަހަލައެވެ. މީ ހަމަ ހަގީގަތެއްބާއޭ ހިތަށް އަރަމުންދެއެވެ. މީ ހާދަ ދުވަހެއްގެ އިންތިޒާރެކެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެއޭ ބުނެއެވެ. އެހެންނަމަވެސް، މީ އެކަން ގަބޫލު ކުރެވުނު ފުރަތަމަ ފަހަރެވެ.
އަދިވެސް އާތިފު އިނީ ހަމްނާގެ އަތުން ދޫކޮށްނުލައެވެ. ދުވަހަކުވެސް އެއަތުން ދޫކޮށްލަން ބޭނުން ނުވާ ފަދައެވެ. އެއަތް ގެނެސް އާތިފުގެ މޭގައި ޖައްސާލިއެވެ. އެވަގުތު އެހިތުގެ ތެޅުން ހަމްނާއަށް އިހްސާސް ކުރެވުނެވެ. ހަމްނާގެ ހިތުގައިވާ މަޑު ތުރުތުރު ގަދަ ތެޅުމަކަށް ބަދަލުވަމުން ދެއެވެ. މަޑުމަޑުން ނޭވާ އަވަސްވާން ފެށިއެވެ. އާތިފުގެ އަތުގައި ބޮސްދޭން ބޭނުންވިއެވެ.
މަޑުމަޑުން ހަމްނާ އާތިފުގެ ކޮނޑުގައި ބޯ އަޅާލިއެވެ. އެވަގުތު އާތިފުވެސް ހަމްނާ އުނަގަނޑުގައި އަތް ވަށާލިއެވެ. ހަމްނާއަށް ދެލޯ މަރާލެވުނެވެ. މީގެ ކުރިން އެކަހަލަ އެއްވެސް އިހުސާސެއް ކުރެވިފައި ނުވާ ހަމްނާގެ ހަށިގަނޑު އާތިފުގެ އިތުރު ބީހުން ތަކަށް އެދެން ފެށިއެވެ. ދޭތެރެއަކުން ހަށިގަނޑުގައި ބީހިލާ ލުއިލުއި ރޯޅިތަކުންވެސް ހަމްނާ ހީގަންނުވާލައެވެ. އާތިފުގެ ތަނަވަސް މޭމަތީގައި ބޯ އަޅާލައިގެން އެ އަތުގެ ހިމާޔަތުގައި އޮވެލަން އެހިތް އެދެން ފެށިއެވެ.
އެހެން ނަމަވެސް، ހަމްނާ އޭނަގެ ބަސްނާހާ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ކައިވެނީގެ ކުރިން އަދި މާމައްޗަށް އެއްވެސް ގުޅުމެއް ނުގެންދަން އޭނަވެސް ވަނީ އާތިފަށް ވައުދުވެފައެވެ. އެއީ ހުދު އާތިފުވެސް ބޭނުންވާ ގޮތެވެ.
އާ ދުވަހެކެވެ. އާތިފު ރަސްމީ ވަޒީފާގައި އަވަދިނެތި އުޅެމުންދެއެވެ. އެހާ ބުރަކޮށް އުޅެމުންވެސް ދޭތެރެއަކުން ހަމްނާއަށް މެސެޖެއް ކޮށްލައެވެ. ޖީބުގައި އޮތް ފޯނު ނަގައި ބަލައިލީ ހަމްނާގެ މެސެޖެއް ކަމަށް ހީކޮށްފައެވެ. މެސެޖް ކިޔާލުމަށްފަހު އާތިފުގެ ދެބުމަ ގޮށްޖަހާލެވުނެވެ.
“ޔޫ އޯކޭ”
އާތިފު މޫނުމަތީގައިވާ ނުތަނަވަސްކަން މަހުދީއަށް ދެނެގަންނާކަށް މާގިނަ އިރެއް ނުނެގިއެވެ. އެއީ ގައިމުވެސް ހަމްނާގެ މެސެޖެއް ނޫނޭ މަހުދީގެ ހިތަށް އެރިއެވެ.
“ޒިފާފް ސަރ… ބައްދަލުކޮށްލަން ބޭނުމޯ މިހާރު..”
އާތިފު މަހުދީއަށް ބަލާލަމުން އެހެން ބުނެލިއިރު ޒިފާފު ދައްކަން އުޅޭ ވާހަކައެއް އާތިފަށް އެނގޭ ކަހަލައޭ އެ މޫނު ހެކިދެއެވެ.
މަހުދީ އެއްޗެއް ނުބުނެ އިރުކޮޅަކު ހުރީ ދުރު ބަލަހައްޓައިގެންނެވެ.
“އެބަ އަންނަން..”
އާތިފު އަތުގައި ހުރި ބާލީސްއުރަތައް އެނދުގެ އެއްފަރާތެއްގައި ބަހައްޓާފައި އިތުރު އެއްޗެއް ނުބުނެ ހަލުވި ފިޔަވަޅުތަކެއްގައި ރޫމުން ބޭރަށް ނިކުތެވެ. ނިކުމެ ދެލޯ މަރާލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ޖީބުގައި އޮތް ފޯނު ނަގައި އޭގެ ސްކުރީނަށް ބަލާލުމަށްފަހު، އަނެއްކާ ފޯނު ޖީބަށްލައި އަވަސްވެގަތީ ޒިފާފު ކައިރިއަށް ދާށެވެ. ކައިރީގައި ހުރި ބައިސްކަލަށް އެރުމަށްފަހު އާދައިގެ ދުއްވުމެއްގައި ދުއްވަމުން ދިޔައިރު ލުއި ހިނިތުން ވުމެއް އެ ތުންފަތުގައި ވެއެވެ. އާތިފު އެވަގުތު ހުރީ އޮފީހާ މާ ދުރުނޫން ހިސާބެއްގައި ވާ ރޫމެއް ކަމުން އެހިސާބުން އޮފީހަށް ދާން ނެގީ ވަރަށް ކުޑަ އިރުކޮޅެކެވެ. ބައިސްކަލު ބެހެއްޓުމަށްފަހު ހަލުވި ހިނގުމެއްގައި އޮފީހަށް ވަދެ ޒިފާފުގެ ކެބިނަށް ދިޔައެވެ. އެތަނަށް ގޮސް ސަލާމް ގޮވައިލުމުން ޒިފާފު އަތުގެ އިޝާރާތުން ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތް ކުރީ އިށީންނާށޭ ބުނުމުގެ ގޮތުންނެވެ. އޭރުވެސް ޒިފާފްގެ ސަމާލުކަން ހުރީ މޭޒުމަތީގައި އޮތް ފައިލަކަށެވެ.
އާތިފު ގޮނޑީގައި އިށީނދެފައި ހަމަޖެހިލިއެވެ. އޭނާގެ މޫނުމަތިން އުންމީދުގެ ކުލަވަރު ފެންނަން ހުއްޓެވެ.
“އާތީ.. ކޮބާ ކިހިނެއް؟؟”
އަތުގައި އޮތް ފައިލު ލައްޕާލުމަށްފަހު، އާތިފަށް ނަޒަރެއް ދެމުން ޒިފާފު ބުނެލިއެވެ.
“ރަނގަޅު..”
އާތިފު ހިނިތުންވެލިއެވެ.
ޒިފާފްގެ ވާހަކަތައް ކަނުލައި އަޑުއަހަން އިން އާތިފު އިނީ އޭނާ ވާހަކަ ދައްކައި ނިމެންދެކަށެވެ. ދައްކަމުން ދިޔަ ވާހަކަތަކުގެ ސަބަބުން އާތިފުގެ ރުޅި ގަދަވާގޮތް ވީ ނަމަވެސް، އޭނާ މިފަހަރު ރުޅީގެ މައްޗަށް ފަތަހަ ހޯދިއެވެ. މޭޒުމަތީގައި ބާއްވާލެވިފައިވާ ދެ އަތްތިލަ ޖޯޑުކޮށްލާފައި ވާއިރު އެއަތުގެ ނާރުތަށް ހުރީ ފުއްޕާލާފައެވެ. އިރުކޮޅަކާ ދަތްކުޑި ވިކާލެވެއެވެ. އެހުރިހާ ވާހަކައެއް ދައްކައި ނިމުމުން އާތިފު އެންމެ ހައިރާންވީ ޒިފާން ދެން ބުނެލި އެއްޗަކުންނެވެ.
“އައި ޓްރަސްޓް ޔޫ..”
ލުއި ހިނިތުން ވުމަކާއެކު ޒިފާފް އެހެން ބުނެލުމުން އާތިފުގެ ލޮލުގައިވި ރުޅިވެރިކަން މަޑުމަޑުން ފިނިވާން ފެށިއެވެ.
އާތިފު މާބޮޑަށް އެކަމާ ސަޕްރައިޒް ނުވީ ޝީޒާ އޭނާއަށް އިންޒާރު ދީފައި އޮތުމުން އޭނާ ހުރީ އެކަމަށް ތައްޔާރުވެގެން ކަމަށްވާތީއެވެ.
ޒިފާފް އާތިފަށް ހިތްވަރު ދިނުމުގެ ގޮތުން ބޯ ޖަހާލީ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށޭ ބުނެލާ ކަހަލަ ގޮތަކަށެވެ.
“ދެން އެންމެ ރަނގަޅު ދިއަޔަސް..”
ޒިފާފްގެ ފަރާތުން އެ ލިބުނު އުންމީދުގެ ބަސްތަކުން ޝީޒާގެ ރޭވުން ނާކާމިޔާބު ވާނެ ކަމާމެދު އާތިފު ހިތުގައި އެއްވެސް ޝައްކެއް ނެތެވެ.
ގޮނޑިން ތެދުވުމުގެ ކުރިން އާތިފު ފޯނު ނެގުމަށްފަހު ކޮންމެވެސް މީހަކަށް މެސެޖެއް ކުރިއެވެ.
“ސަރ ވައިބާ ޗެކް ކޮށްލަށްޗޭ..”
އާތިފު ގޮނޑިން ތެދުވަމުން އެހެން ބުނެފައި އެނބުރި މަސައްކަތަށް ދިޔައެވެ.
ވެގެން އުޅޭގޮތް މަހުދީއަށް ކިޔައި ދިނުމަށްފަހު ދެޒުވާނުން އެނބުރި މަސައްކަތަށް ރުޖޫއަވިއެވެ.
“އެ ޝީޒާ އަދި ރީތި ބޮނޑިއެއް ބޯނެ.. އާތީ އޭނައާ ގަދަކަމުން ބެހެން އުޅުނިއްޔޯ.. މައި ފުޓް.. މީހަކު އެނައާ ބެހެން ޖެހޭތަ ގަދަކަމުން..”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

