ލޯބި ވިޔަސް… 11ވަނަ ބައި
“އެ ޝީޒާ އަދި ރީތި ބޮނޑިއެއް ބޯނެއޭ.. އާތީ އޭނައާ ގަދަކަމުން ބެހެން އުޅުނިއްޔޯ.. މައި ފުޓް.. މީހަކު އެނައާ ބެހެން ޖެހޭތަ ގަދަކަމުން.. ފިރިހެނަކު ފެންނައިރަށް އޭނަ ހުންނަނީ ސޭލް އަޅުވައިގެން..”
މަހުދީ ހިތަށް އައިހާ އެއްޗެއް ޝީޒާއާ ދިމާލަށް ކިޔަމުން ދިޔައެވެ.
އާތިފު ކައިރިއަށް ހިނި އަންނަގޮތްވިއެވެ.
**********
“ފޯނު ނަގާބަލަ.. ނަގާބަލަ..”
ނަޒާހާ އަށް މަޑުމަޑުން ކިޔާލެވުނެވެ.
އޭނާ ދެތިން ފަހަރު ގުޅުމުންވެސް ޝިފާން ފޯނު ބިޒީކުރަން ފެށުމުން ދެރަވެ ލޮލުން ކަރުނަ ފާއްދާލިއެވެ. ސޯފާ މައްޗަށް ފޯނު އެއްލާލުމަށްފަހު ސިޓިން ރޫމުން ނިކުމެވެން ހުންނަ ބެލްކަންޏަށް ނިކުތެވެ. އަދި ބެލްކަނީގެ ރެއިލިންގައި އަތް އަޅާލައިގެން ބޭރު ބަލަން ހުރީ ވަކި އެއްޗެއް ހޯދުމަކަށެއް ނޫނެވެ. ހިޔާލަކަށް ގެއްލިފައި އިރުކޮޅަކު އެހެން ހުރުމަށްފަހު ޝިފާން ހޯދަން އެގެއަށް ދާންވީއޭ ވެސް، ދެތިންފަހަރު ހިތަށް އެރިއެވެ. އެކަމަކު ގޭގައި ނޫޅޭ ގަޑިއަކާ ދިމާވެދާނެތީ ދެ ހިޔާލެއްގައި ހުރެފައި އެތެރެއަށް ވަނެވެ.
“ދެން ހާދަ ފޫއްސޭ..”
ސޯފާ މަތީގައި އޮތް ފޯނު ނަގަމުން ބުނެލެވުނެވެ. އަނެއްކާވެސް ޝިފާނަށް ގުޅޭތޯ މަސައްކަތް ކުރިއެވެ.
“ހަލޯ.. ކިހިނެއް ވެގެންތަ ތިއުޅެނީ.. ކަމެއްވީމަދޯ ފޯނު ނުނަގާނީ..”
ޝީފާން ވާހަކަ ދެއްކީ ތަންކޮޅެއް މަޑުންނެވެ. އެހެންނަމަވެސް، އެ އަޑުގައިވަނީ ނުރުހުން އެކުލެވިފައެވެ.
“މިވަރަށް ގުޅާއިރު ކީއްތަވާނީ ފޯނު ނަގަން..”
ނަޒާހާ އަށް ރޮއެ ގަނެވުނެވެ.
“ބިޒީ ކޮށްލީމަ އޭގެ މާނައަކީ ބިޒީއޭ.. އަންޑަސްޓޭންޑް ވެބަލަ.. ދެން ނުގުޅާތި ފްރީވީމަ ގުޅާނަން”
ޝިފާން ކައިރިއަށް ރުޅިއައެވެ.
“ބުނޭ.. ކީއްތިކުރަނީ މާ ބިޒީވެގެން.. ޔަގީން ކޮންމެވެސް ގަނޑެއް އެބަ ގަނޭ.”
ނަޒާހާގެ ނޭވާ އަވަސްވާ ގޮތްވިއެވެ.
“އާނ.. އަޑުއަހަން ކެރެނެތަ..؟ މިއުޅެނީ އަންހެނުން ރާއްޖެ އައިސްގެން.. ކްލިއަރ؟؟”
އެހެން ބުނުމާއެކު ޝިފާން ފޯނު ކަނޑާލިއެވެ.
ކުއްލިއަކަށް ނަޒާހާ ހުއްޓުން އެރިއެވެ.
އެއްވެސް އިހްތިޔާރަކާ ނުލާ ނަޒާހާގެ ލޮލަށް ބޮނޑިވެފައިވާ ކަރުނަތައް އެ ކޯތާފަތް މައްޗަށް ބަންޑުންވިއެވެ. އެތެރެއަށް ނޭފަތް ދަމާލުމަށްފަހު މިސްރާބު ޖެހީ ކޮޓަރިއަށެވެ. ޒަހީން އޮފީސް ދަތުރެއްގައި އެއް ހަފުތާއަށް ރާއްޖެއިން ބޭރަށް ފުރުމުން ނަޒާހާ ޕްލޭން ކޮށްގެން ހުރީ ޝިފާންމެން ގެއަށް ގޮސް މި ހަފްތާ އެގޭގައި މަޑުކުރާށެވެ. ޝިފާނަށް ގުޅުމުގެ ކުރިން އޭނާގެ ދަބަސް ވެސް، ތައްޔަރުކުރިއެވެ. އެހެންނަމަވެސް، ޝިފާން އެބުނެލި އެއްޗަކުން މުޅިން ޠަބީއަތު ހަރާބު ވެއްޖެއެވެ. ދެން ދުވަހަކުވެސް އިސްވެ ޝިފާނަށް ނުގުޅުމަށް ހިތާ ހިތުން އަޒުމް ކަނޑައެޅިއެވެ.
**********************
ހަމްނާއާ އާތިފުގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ބަދަހިވަމުންނެވެ. މަޑުމަޑުން އެ ދެމެދުގައި ވާ ބީރައްޓެހިކަން ވެސް، ކެނޑެމުންދެއެވެ. މާ ގިނައިން ބައްދަލު ނުކުރެވުނަސް ކޮންމެ ރެއަކާއި ކޮންމެ ދުވަހަކުވެސް ފޯނުން ގުޅައިގެން އެތައް އިރަކު ވާހަކަ ދައްކައެވެ.
“އަނހަ މިއޮއް އައީ..”
ޒީނާ ފުޅާ ހިނިތުންވުމަކާއެކު އާތިފަށް މަރުހަބާކިއެވެ.
އާތިގު ގޮސް ހަމްނާ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމުން ހަމްނާ ބަދިގެއަށް ދިޔައީ އާތިފަށް ކޮފީ ތައްޓެއް ހަދާށެވެ. ކުރީގައި މަހުދީއާ ޒީނާ ހަދައިދޭ ކޮފީ ތަށި މިހާރު ހަދައިދެނީ ހަމްނާގެ ދެ އަތުންނެވެ. އާތިފުގެ އެއްވެސް ކަމެއް އެހެން މީހަކާ ހަވާލު ކުރަން ބޭނުން ނުވާ ކަހަލައެވެ.
ހަމްނާ ސިއްސައިގެން ދިޔައީ އާތިފު ގޮސް ހަމްނާގެ ގައިގަ ފުރަގަހުން ބައްދާލުމުންނެވެ. ހަމްނާ އަވަސްވެގަތީ އާތިފުގެ އަތުތެރެއިން ވީއްލިގަންނާށެވެ. އެހެންނަމަވެސް، އާތިފުގެ އެ ބާރުގަދައަތުގެ ތެރެއިން ދުރަށް ދިއުންވީ އުނދަގޫ ކަމަކަށެވެ.
“އާތީ.. ދޮންބެމެން އައިސްދާނެ.. ދޫކޮށްލަބަ..”
ހަމްނާ އެހެންބުނީ ތަންކޮޅެއް މަޑުންނެވެ.
“މިގަޑީގައި އެއްވެސް މީހަކުނުވާނެ ދޯ މިތަނަށް އައިސްގެނެއް..”
އާތިފު ހަމްނާގެ ގައިން ދޫކޮށްލުމަށްފަހު ކޮފީތަށި ހިފައިގެން ބޭރަށް ނިކުތެވެ.
ހަތަރު މީހުން ޖޯލީގައި އިރުގަނޑަކު ތިބުމަށްފަހު ގޭތެރެއަށް ވަނީ ޓީވީން އަންނަ ފުޓުބޯޅަ މެޗެއް ބަލާށެވެ. މެޗު ބަލަން އިރުކޮޅަކު އިނދެފައި ޒީނާވަދެ އޮށޯވެއްޖެއެވެ. ހަމްނާ ފޫހިވެފައި އެތާނގައި އިން އިރު އޭނަ ކައިރިއަށްވެސް ނިދިއަންނަން ފަށައިފިއެވެ. ހަމްނާއަކީ ފުޓުބޯޅައަށް އެއްވެސް ޝައުގެއް ހުންނަ މީހެއް ނޫނެވެ. އެހެންނަމަވެސް، އާތިފު މެޗު ބަލަން އިނީމަ ނިދަންދާން ބޭނުން ނުވެފައި ހަމްނާ އިން ގޮތުން ހީވެއެވެ.
މެޗް ނިމުމުން މަހުދީ ކޮޓަރިއަށްވަނެވެ. އާތިފު ހަމްނާއަށް ބަލާލިއިރު އާތިފުގެ ގައިގައި ޖެހިފިތިގެން އިނީ ނިދިފައެވެ. ކޮނޑުގައި ހިފައި ތަޅުވާލުމުން ހަމްނާއަށް ހޭލެވުނެވެ.
“ނިދުނީތަ..؟ އަވަހަށްދޭ ކޮޓަރިއަށް..”
އާތިފު ހަމްނާގެ މޫނާއި އޭނާގެ މޫނު ކައިރިކޮށްލަމުން ބުންޏެވެ.
“އަދި އެބަ އޮތޭ ވާހަކައެއް ބުނަންވެފަ..”
އޭރުވެސް އާތިފުގެ ނަޒަރު އެމޫނުން ވަކި ނުވެއެވެ.
“ކޮން ވާހަކައެއް.؟”
ހަމްނާ އާތިފުގެ ކޮނޑުގައި ބޯ އަޅާލަމުން ބުންޏެވެ.
އާތިފު މަންމައާ ބައްދަލުކުރަން އެގެއަށް ދާ ވާހަކަ ބުނުމުން ހަމްނާ ވެސް، ވަރަށް އުފާވިއެވެ. ހަމްނާ ހުރީ އެ ގެއަށް ދާން ބޭނުންވެގެން އެ ވާހަކަ އާތިފު ކައިރިގައި ބުނަން ނުކެރިފައެވެ.
އާތިފާ ދެކޮޅަށް ޝީޒާ ޖެއްސި މައްސަލަ އޭނާ އަމިއްލައަށް އެ މައްސަލަ ދޫކޮށްލަން ނިންމިއެވެ. ޝިޒާ އެފަދަ މަގާމެއްގައި ހުރި މީހަކު އެވަރުގެ ދަށުދަރަޖައިގެ އަމަލެއް ހިންގުމުން ޝީޒާގެ މަގާމު ދަށްކުރެވުނެވެ. ޝީޒާ އެ ދުވަހު އާތިފާ ދިމާލަށް ކީ ހުރިހާ އެއްޗެއް އާތިފު ރިކޯޑު ކުރިއެވެ. އަދި އެ ވީޑިއޯ ކްލިޕް އޭނަވަނީ ޒިފާނަށް ފޮނުވާފައެވެ. އާތިފަށް ލަނޑުދޭން އުޅުމުން ފަޟީހަތް ވީ ޝީޒާއެވެ. ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް ވަނީއެވެ. ޝީޒާ މިހާރު އާތިފު ފެނުނަސް ލަދުން އިސް ޖަހާލައެވެ. އަތިފާ ދިމާލަށް އިސް އުފުލައި ބަލައިލާންވެސް ޝީޒާ ޖެހިލުން ވެއެވެ. ޝީޒާ އޭނާގެ ކުށް ޤަބޫލުކޮށް އާތިފުގެ ކިބައިން މާފަށް އެދުނެވެ.
އެކަހަލަ ކަމެއް މެދުވެރިވެގެންވެސް ޝީޒާގެ ފަރާތުން ސަލާމަތް ވެވުނީމަ އާތިފު ހުރީ އެކަމާ ވަރަށް ހިތްހަމަޖެހިފައެވެ. އޭނާގެ ބޮލުން ވަރަށް ބޮޑު ބަރެއް ލުއިވި ފަދައެވެ.
*************
ނަޒާހާ އިތުރަށް ޝިފާނަކަށް ނުގުޅައެވެ. އެހެންނަމަވެސް، ޝިފާންގެ އަންހެނުން ދެކިލުމުގެ ޝައުގު ނަޒާހާގެ ހިތު ތެރޭގައި އުފެދުނެވެ. އެއީ ކިހާ ވަރެއްގެ އަންހެނެއް ތޯ ބަލާލާށެވެ. ނަޒަހާ ބޭނުންވަނީ އޭނަ ނަޒަހާއަށް ވުރެ ފުރިހަމަތޯ ބަލާށެވެ.
އަތުގައި އޮތް ފޯނު ނަގައި ގުޅާލީ ފަރަޝްއަށެވެ. ފަރަޝްއަށް ގުޅުމަށްފަހު ބައްދަލު ކޮށްލަން ބޭނުންވާހަކަ ބުނެލިއެވެ. ކުޑަ އިރުކޮޅަކުން ނަޒަހާ ބަލާ އެބަދަމޭ ބުނުމަށްފަހު ފަރަޝް ފޯނު ބޭއްވިއެވެ. ފަރަޝްއަކީ މި ފަހަކުން ނަޒާހާއާ އިންސްޓަގްރާމުން ދިމާވި ރީތި ޒުވާނެކެވެ. ދެތިން ފަހަރަކު ފަރަޝްއާ ބައްދަލު ކޮށްފައި ވެސް، ވެއެވެ.
ނަޒާހާ ތައްޔަރު ވެލައިގެން ލޯގަނޑު ކުރިމަތީގައި އަމިއްލަ ސޫރައަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު، ހިނިތުން ވެލިއެވެ. އަމިއްލަ ސިފައާމެދު ފަހުރުވެރި ވެލިއެވެ. އެއަށްފަހު ބޭރަށްނިކުތީ ފަރަޝް އޭނާ ބަލާ އައުމުންނެވެ. މިއަދު ނަޒާހާ އެހެން ދުވަސް ދުވަހަށްވުރެ ރިތިހެން ހީވެއެވެ. ހުދުކުލައިގެ ޓޮޕަކާއި ކަޅުކުލައިގެ ސްކިނީއެއް ލާފައި ހުރިއިރު ހުދު ކުލައިގެ ކެޝުއަލް ޝޫޒަކަށް އަރާފައިވެއެވެ. މޫނުގައި ވާ ރީތި މޭކަޕްގެ ފުރިހަމަކަމުން ފެންނަ ކޮންމެ ފިރިހެނަކު ހިތް ކުދިކުދި ކޮށްލާވަރުވެއެވެ. އެ ފަން އިސްތަށިގަނޑު ހާމައަށް ދޫކޮށްލެވިފައިވެއެވެ.
މަގުގެ އެއްފަރާތުގައި ޕާކު ކޮށްފައި އޮތް ކާރުގައި ފަރަޝް އިނީ ނަޒާހާ އަންނަ ދިމާއަށް ނަޒަރު ހިންގާލައިގެންނެވެ. ފަރަޝްގެ ލޮލުގައި އިން އަވި އައިނު ތިރިކޮށްލުމަށް ފަހު، ހަމަ ލޮލުން ނަޒާހާއަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ.
“ވާއު”
އަކުރުތަކަށް ދަމާލަމުން ފަރަޝްއަށް ބުނެލެވުނެވެ. އެހާވެސް މިއަދު ނަޒާހާ ފުރިހަމައެވެ.
ނަޒާހާ ގޮސް ކާރަށް އެރުމަށްފަހު އޭނާގެ ޕްލޭން ވަރަށް ރީއްޗަށް ކިޔައިދިނެވެ. އަދި އެއަށްފަހު، އެދުނީ މިކަމުގައި އޭނައަށް އެހީތެރި ވެދިނުމަށެވެ. ނަޒާހާގެ ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލުމަށް ފަހު އެމީހުންގެ ޕްލޭންގެ ފުރަތަމަ ޓާސްކް ފުރިހަމަ ކުރުމަށްޓަކައި ޝިފާންމެންގެ ގެ ކައިރީގައި ކާރު ޕާކު ކޮށްލިއެވެ. ޝިފާންގެ ކާރާއި ސައިކަލު ބޭރުން ފެނުމުން ގޭގައި އުޅޭކަން ޔަގީންވިއެވެ.
ކާރު ތެރޭގައި ދެ މީހުން ތިބި އިރު ފަރަޝް އިރުއިރުކޮޅާ ނަޒާހާގެ އަތްތިލައިގައި އޭނާގެ އަތް ބާއްވާލައެވެ.
ދެ ޒުވާނުން ކާރުތެރޭގައި ބައިގަޑިއެއްހާއިރު ވިފަހުން ޝިފާން އޭނާ ދިރިއުޅޭ ގޭގެ ގޭޓް ހުޅުވާލުމަށްފަހު ބޭރަށް ނިކުތެވެ. ޝިފާންގެ އަތްވަނީ ކައިރީގައި ހުރި އަންހެންމީހާގެ އުނަގަނޑުގައި އަޅުވާލެވިފައެވެ. އަތް ކުރު ޓޮޕަކާއި ކުރު ސޯޓެއްލާފައި ހުރިއިރު އެ އިސްތަށިގަނޑުގައި ވަނީ ރަން ކުލަ ޖައްސާފައެވެ. ކަންފަތުގައި ދެތިންތަން ތޮރުފާފައި އެކި ސައިޒުގެ ބޮޅުތަކުން އެ ކަންފަތް ފުރާލާފައިވެއެވެ. ހަތަރެސްފަޔާއި މޫނުގެ ކުލަ އިންތިހާ ފަރަގު ހުއްޓެވެ. މޫނުގައި ބޯކޮށް ފައުންޑޭޝަންތައް އުނގުޅާފައިވެއެވެ. ގައިގެ ކުލަ މާ އައްޔެއް ނޫނެވެ. ދެ މީހުން ތަތްވެގެން ކަހަލަ ގޮތަކަށް ގޮސް ސައިކަލަށް އެރިއެވެ. ސައިކަލަށް އެރުމަށްފަހު ވެސް އެ އަންހެންމީހާ އިނީ ޝިފާންގެ ބުރަކަށި މަތީގައި އައްޓަމަހެއް ހެން ތަތްވެފައެވެ.
“ބިޗް!”
ތުރުތުރުއަޅާ އަޑަކުން ނަޒާހާއަށް ބުނެލެވުނެވެ.
ނަޒާހާގެ ހިތް ފޮތިފޮތިވަމުން ދިޔައެވެ. އެ ތުންފަތުގައި މަޑު ތުރުތުރެއް އުފެދުނެވެ. ނޭވާ އަވަސްވާ ގޮތް ވިއެވެ. އިތުރަށް ވާހަކަ ދައްކާނެހާ ހިތްވަރު ނެތުމުން އަތުގެ އިޝާރާތުން ކުރިއަށް ދިއުމަށް އެދުނެވެ. އެ މީހުންގެ ފަހަތުން ގޮސް ހަތް ނަންބަރު ފާލަން ކައިރިއަށް މަޑުކުރިއެވެ. ޝިފާންމެން އެރީ އެތާނގައި އޮތް ލޯންޗަކަށެވެ. ލޯންޗުގެ ނަން ފެންނަން އިނުމުން އެމީހުން އެ ދިޔައީ ކޮން ރިސޯޓަކަށްކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ.
ފަރަޝް ވަގުތުން އެ ރިސޯޓަށް ގުޅުމަށްފަހު ރޫމެއް ބުކު ކޮށްލިއެވެ. ފުރަން ހަމަ ޖެހިފައި އޮތީ ރޭގަނޑުގެ ވަގުތު ކަމުން ގެއަށް ގޮސް ރެޑީވެލުމަށް ފަރަޝް ބުނެލިއެވެ. ބާރު ދުވެލީގައި ކާރުގައި ދިޔައީ ނަޒާހާ ދިރިއުޅޭ އެޕާޓްމެންޓް ކައިރިއަށެވެ. ބޭގް ރެޑީ ކޮށްލައިގެން އެބަ އަންނަމޭ ބުނުމަށްފަހު ނަޒާހާ ދިޔައެވެ. އަދި ގެއަށް ވަނުމުގެ ކުރިން އޭނާ ވައިބާއިން ޒަހީނަށް މެސެޖެއް ކޮށްލިއެވެ. ކޮއްކޮއަކާ އެކީ ރިސޯޓަކަށް ދާ ވާހަކައެވެ.
ނަޒާހާއާ ފަރަޝްއަށް ރިސޯޓަށް ދެވުނު އިރު ހުރީ އެރޭ ނުވައެއް ޖަހާފައެވެ. ކޮޓަރިއަށްގޮސް ކުޑަކޮށް ތާޒާވެލުމަށްފަހު ދެމީހުން ނިކުތީ އެރޭ އެރިސޯޓްގައި އޮތް ޝޯ ބަލާށެވެ. އެއީ އެތަނުން ޝިފާންއާ ދިމާވާނެކަން އިނގޭތީއެވެ.
ސްޓޭޖް މަތީގައި ކޮންމެވެސް ބޭންޑެއްގެ ފަރި ހަރަކާތްތައް ފެންނަމުން ދެއެވެ. ލަވަކިޔާ މީހުން ލަވަކިޔަނީއެވެ. އަތްޖަހާ މީހުން އަތް ޖަހައެވެ. ނަޒާހާ މުޅި ތަނަށް ނަޒަރު ހިންގާލިއެވެ. ކުއްލިއަކަށް އޭނަގެ ލޮލުގައި ޝިފާން އަޅައިގަތެވެ. އޭރުވެސް އެ އަންހެން މީހާ ޝިފާންގެ ގައިގައި ތަތްވެގަނެގެން ހުއްޓެވެ. ނަޒާހާގެ ހިތުގައި ރޯވެފައި ވާ ހަސަދައިގެ އަލިފާންގަނޑު ހައްތަހާ ދިޔައީ އިތުރަށް ބޮޑުވަމުންނެވެ. ރޯވިއެވެ. ދަތްކުޑި ވިކާލުމަށްފަހު، އެ މީހުންގެ ފަހަތުގައި ސަކަރާތް ޖަހަން ތިބި ބައެއްގެ ތެރެއަށް ނަޒާހާއާ ފަރަޝް ގޮސް ވަނެވެ. ދެ ޖިންސް މަސްހުނިވެގެން ޖެހި ސަކަރާތުގައި އެ ދެ ޒުވާނުންވެސް ބައިވެރިވެލިއެވެ. އިރުއިރުކޮޅާ ޝިފާންގެ ލޯ އެދިމާލަށްވެސް ދަތުރު ކޮށްލައެވެ. އެތަނުން ދެ ޒުވާނުން ނަޒާހާ އުފުލާލައިގެން ގެންގޮސް މޫދަށް ވަށްޓާލިއެވެ. އެވަގުތު ނަޒާހާވެސް ބަލަން ނުހުރެ އެތަނުން އެކަކު ގައިގައި ބައްދާލިއެވެ. އަދި ތޫލި އަޑަކުން ހަޅޭއްލަވައިގަތެވެ.
ޝިފާންގެ ކަންފަތުގައި އެ އަޑު ޖެހުމުން އެ އަޑު އައި ދިމާލަށް ބަލާލެވުނީ އެއީ ނަޒާހާކަން ޔަގީންވާ ހާލުގައެވެ. އޭރު ނަޒާހާ ކައިރީގައި ހުރި ފިރިހެން މީހާގެ ކޮނޑަށްއަރާ އޮތް ނަޒާހާ ފެނިފައި ޝިފާނަށް އެތާނގައި މާގިނަ އިރަކު ކެތެއް ނުކުރެވުނެވެ.
އިރުކޮޅަކުން ޝިފާން އެތަނުން ގެއްލުނެވެ. ޝިފާން ގެއްލުމުން އަދި އެތަނަށް އަންނާނެކަން ޔަގީންވާ ހާލުގައި ނަޒާހާއާއި ފަރަޝް ގޮސް ބީޗްގެ ދޮންވެލިގަނޑު މަތީގައި އޮށޯވެލައިގެން ތިއްބެވެ. އޭރު ދެ މީހުން ތިބީ ތެމި ފޯވެފައެވެ. ފަރަޝްގެ އަތްދަނޑި މަތީގައި ނަޒާހާ އޮށޯވެލައިގެން އޮތްއިރު ފަރަޝް އޮތީ އެއްއަތުން ނަޒާހާގެ އިސްތަށިގަނޑާ އިރުއިރުކޮޅާ ކުޅެލައެވެ. މުޅި ގައިގައި ވެލި ތަތްލާފައި ވާއިރުވެސް ވަރަށް ހިތް ގައިމެވެ.
ތަންކޮޅެއް ދުރުން ޝިފާން އަންނަތަން ފެނުމުން ފަރަޝް ދުރަށް ޖެހިލިއެވެ. ނަޒާހާ އެކަނިވި ވަގުތުގައި ޝިފާން ނަޒާހާގެ އަތުގައި ހިފައި ދަމާފައި އެއްފަރާތަށް ޖެހިލިއެވެ.
“ކިހާ ދެރަކަމެއް.. އަހަރެން ބުނީމެއްނު އަންހެނުން އައިސްގެންނޭ އުޅެނީ.. ބުނީމަވެސް އަހަރެން ފުލުން މިތަނަށް ތިއައީ..”
ޝިފާން ވާހަކަ ދެއްކީ މަޑުންނެވެ. އެހެންނަމަވެސް، އެއަޑުގައި ހަރުކަށިކަން ވެއެވެ.
“ވަޓް.. މޮޔަވެގެންތަ ތިއުޅެނީ.. ކީއްކުރަން އަހަރެން ފަހަތުން މިތަނަށް ތިއައީ..”
ނަޒާހާ ގައިގައި ހުރި ވެލިތައް އަތުން ފޮޅާލިއެވެ.
“ދެން ނުވެސް ހުންނާނަށް މިތާނގަ.. ޝިފާން ފެނުނީމަ މުޅިން މޫޑު ހަރާބުވެއްޖެ.. އަހަރެން މިދަނީ މިހާރުން މިހާރަށް މާލެދާން..”
ނަޒާހާ ދުވެފައި ގޮސް ފަރަޝްގެ އަތުގައި ހިފާލުމަށްފަހު އެމީހުން ތިބޭ ރޫމާ ދިމާއަށް މިސްރާބު ޖެހިއެވެ.
އެމީހުން ގޮސް ލޯ ކުރިމަތިން ގެއްލެންދެން ބަލަން ހުރުމަށްފަހު ޝިފާން އެނބުރި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ނަޒާހާ އަކީ އެނާގެ ހައްގެއް ނޫންކަން އިނގޭއިރުވެސް އެގޮތަށް ނަޒާހާ ފެނުމުން ޝިފާންގެ ހިތުގައި ވޭނީ ރިހުމެއް އުފެދު މީ ފުރަތަމަ ފަހަރެވެ.
(ނުނިމޭ)

