ތަމަންނާ-3 ވަނަބައި
މީ ޒިޔާން ނޭގުނުތަ؟ މީގެ އަށެއްކަ އަހަރު ކުރިން ރަށުން ދިމާވި ދޯ؟ އަހަރެން އެއްވެސް ޖަވާބެއް ނުދީ އިސްޖަހައިގެން އިނީމެވެ. ލަދުންނެވެ. ބުނާނެ އެއްޗެއްވެސް ނޭގިގެނެވެ. އަހަރެންގެ ނަސީބު ރަނގަޅު ކަމުން އެވަގުތު ނީންތަ އެތަނަށް އައެވެ. އަހަރެންނަށް ހޭވެރިކަންވީ ނީންތަ ވާހަކަދައްކަން ފެށުމުންނެވެ. ޒިޔާން އަށް ތަމަންނާ އެނގުނުތަ؟ ތަމަންނާ އަށް ވަޒީފާ އެއްވެސް ހޯދަންޖެހޭ އެބަ. އޮފީހަށް ތަމަންނާ ގެންދަން ވީނު. ބައްޕަ ގެޔަށް ދުރުވީމަ އެކަމާ ވާހަކަ ދައްކާލަން ވެގެން މަންމަ މިއުޅެނީ. ޒިޔާން މިވަގުތު ގެޔަށް އަންނާނެ ކަމަށް މަންމަ ހިޔެއްނުކުރަން. ތަމަންނާ ގެ މައްސަލައެއް ނެތިއްޔާ މާދަމާ އިން ފެށިގެން ވެސް އޮފީހަށް ނުކުންނަންވީ. ޒިޔާން ބުންޗެވެ. މަންމަ ބޭރަށް ދާންތަ ތިއުޅެނީ؟ އާނ ބައެއް އެއްޗެހި ގަނެލަން ޖެހޭތީ ތަމަންނާ ގޮވައިގެން ބޭރަށް ނުކުމެލަން ކަމަށް. ތަމަންނާ މާދަމާ އޮފީހަށް ނުކުންނަން ފަށަން ވީނު. އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. ޒިޔާން ދެކެ ލަދުންނެވެ.ޒިޔާން ފެނުމުން އެހާ ލަދުގަތީ ކީއްވެގެން ކަން ހުދު އަހަރެންނަށްވެސް ނޭގުނެވެ. ތަމަންނާ ހިނގާ ދާން.ޒިޔާން ބޭރަށްތަ ތި ދަނީ؟ މަންމަމެން ވެސް ދަނީ މި. ލައްބަ އަޅުގަނޑުވެސް އަދި ގުދަނަށް ވަދެލަން ޖެހޭތީ މިދަނީ. ތިންމީހުން ބޭރަށް ދިޔުމަށް ހިނގާ ގަތެވެ.
ރިޔާޒު އަކީ ބޮޑު ވިޔަފާރި ވެރިއެކެވެ. ރިޔާޒުގެ ދެ ސަފާރީ އޮވެއެވެ. ސަފާރީ އަށް ފަތުރުވެރިން ގެންނަނީވެސް ރިޔާޒްގެ އަމިއްލަ ޓްރެވަލް ކުންފުނިންނެވެ. މުދާ އެތެރެކޮށް، ގަނޑުކޮށް ވިއްކާ ފިހާރައަކާއި ސުޕަރމާޓެއް ހިންގައެވެ. މި ހުރިހާ ވިޔަފާރިއެއް ހިންގާ ބަލަހައްޓަނީ ޒިޔާން އެވެ. މިހެން ވުމުގެ ސަބަބުން ޒިޔާން އުޅެން ޖެހެނީ ގިނަ ވަގުތު ވިޔަފާރީގެ ކަންތަކުގަ ވަރަށް ބުރަކޮށް ގިނަވަގުތު މަސައްކަތުގައެވެ. ޒިޔާން އަކީވެސް ހީވާގި މީހަކަށް ވާތީ މާބޮޑުކަމަކަށް ނުވެއެވެ. ޒިޔާން ކިޔަވަން އުޅުން އިރުވެސް އުސްވަގުތު ބައްޕަ އާއި އެކު ވިޔަފާރި ކަންތަކުގައި އުޅެފަ ހުރުމުން ބައްޕަ އަށް ވުރެ ޒިޔާން ވިޔަފާރީގެ ކަންތައްތއް ނިންމާލާލެއް ބައްޕައަށްވުރެ މޮޅެވެ. ޒިޔާން ވިޔަފާރީގެ ކަންތައް ގެންދާގޮތް ރިޔާޒު އަށާއި ނީނާއަށްވެސް ކަމުދާތީ މި ދެމީހުންވެސް ތިބެނީ ވަރަށް އުފަލުންނެވެ.
ނީނާ އަކީ ސަރުކާރުގައި މަތީ މަޤާމެއް އަދާ ކުރަމުންދާ ކުޅަދާނަ ކަނބަލެކެވެ. ސަރުކާރުގައި ބުރަކޮށް އުޅެމުންވެސް އަމިއްލަ ވިޔަފާރިއަށް ވަގުތު ހުސްކޮށް ވިޔަފާރީގެ ކަންތަކުގައި ބައިވެރިވެ އުޅެއެވެ. މި ވިޔަފާރި ކުރިއަރައިގެން ދިއުމުގެ އެއްމެ ބޮޑު ހިއްސާއެއްވާ މީހަހަކީވެސް ނީނާ އެވެ.
އޮފީހަށް ނުކުންނަން ބުނުމުން ތަމަންނާ ޖަވާބެއް ނުދިނީ ކީއްވެ؟ އެއީ ރިޔާޒުބެގެ އޮފީސް އެތަނުގަ ހުރިހާކަމެއްގަވެސް އިސްކޮށް އުޅޭނީ ޒިޔާން. ތަމަންނާ ތީ އަހަރެން ވަރަށް ލޯބިވާ ކުއްޖެއް. އަހަރެންނަށް އެނގޭ ތަމަންނާ ތިވަރު ވެފަ ތިހުރީ ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅެފަކަން، އަހަރެން ބޭނުންވަނީ ތަމަންނާގެ އެކަނިވެރި ދިރި އުޅުމުގެ މަތިން ހަނދާން ނައްތާލާ ހަމަޖެހިގެން އުފާވެރި ދިރިއުޅުމެއް އުޅޭތަން ދެކެން. ފިހާރައެއްގެ ތެރޭގައި އެއްޗެހިތަކަށް ބަލަމުން ނީނާ ތަމަންނާ އާއި ވާހަކަ ދައްކަމުން ދިޔައެވެ. ނީނާ އެ ދެއްކިވާހަކަޔަކަށް ތަމަންނާ އެއްވެސް ޖަވާބެއް ނުދީ ހިމޭނުން ހުއްޓެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ. ތަމަންނާ އާއި ދޭތެރޭ އެއްވެސް ވަރަކަށް ވިސްނާނެ މީހަކު ހުންނާނެ އެކޭ ތަމަންނާ ހިޔެއްނުކުރެއެވެ. ނީނާ އެދެއްކިވާހަކައިން ތަމަންނާ ވަރަށް އުފާވިއެވެ. އެކަން ތަމަންނާގެ މޫނުމަތިންވެސް އެނގެއެވެ. ތަމަންނާ އަކީ އަބަދުވެސް ދެރަވެފަ އަދި ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފަ ހުންނަ ކުއްޖެކެވެ. ތަމަންނާ މާލެ އައިހިސާބުން ތަމަންނާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް އުފާވެރިކަން ފެންނަންހުރެއެވެ. ނީނާ ތަމަންނާ އާއި އެވާހަކަތައް ދެއްކިފަހުން ތަމަންނާ އަށް ހުރެވެނީ ވަރަށް އުފަލުންނެވެ. ނިނާވެސް އެކަމާއި ގުޅޭގޮތުން އިތުރު ވާހަކައެއް ނުދައްކައެވެ. ނީނާ އަކީ ދުރުވިސްނޭ ކަންތައްތައް ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއްކަމުން، މިވަގުތު އިތުރަށް އެކަމާއި ގުޅޭގޮތުން ވާހަކަ ނުދެއްކުން ރަނގަޅުވާނެ ކަން އެނގޭތީ އެވާހަކަ ހުއްޓާލީއެވެ. ތަމަންނާ އެއްވެސް އެއްޗެއް ގަންނަން ޖެހޭތަ؟ ނީނާ ތަމަންނާއާއި ސުވާލުކޮށްލިއެވެ. ނޫން މިވަގުތު އެއްޗެއްގަންނާކަށް ބޭނުނުމެއްނޫން. ތަމަންނާ ވަރަށް މަޑުމަޑުން ބުނެލިއެވެ. މިފިހާރައިން ނެގި އެއްޗެއްސައްފައިސާ ދެއްކުމަށް ފަހު ނުކުމެގެން ގޮސް ސައިކަލަށް ނީނާ އެރިއެވެ. އަދި އެއްފިހާރައަށް ވަދެލަން އެބަޖެހޭ. ހައެއްޖަހަންވާއިރަށް ގެއަށް ވަދެވޭތޯވެސް ބަލަން ވާނެ. ލަތާ (ނީނާގެގެއަށް މަސައްކަތްކުރަން އަންނަ ލަންކާ މީހާ) އަންނާނެ ހައެއްޖަހާއި އިރު. މިހެންބުނަމުން ނީނާ ސައިކަލް ދުއްވާލިއެވެ.
ބާޒާރު ކޮށް ނިމިގެން ނީނާމެނަށް ގެއަށް އާދެވުން އިރު ލަތާ ގޭތެރެ ކުނިކެހުމުގައި އުޅެއެވެ. ނީނާ ފެނުމުން މެރެއަށް ކައްކަންވީ ކޯންޗެއްތޯ ލަތާ އެހިއެވެ. ކަންކަން ވީ އެއްޗެހި ލަތާއަށް ކިޔާ ދިނުމަށް ފަހު ލަތާ އަށް ތަމަންނާ ތައާރފުކޮށްދިނެވެ. މީ ތަމަންނާ މީ މިގޭ ކުއްޖެއް. ތަމަންނާ ލަތާ އަށް ހިނިތުން ވެލުމަށްފަހު ކޮޓަރިއާއި ދިމާއަށް ހިނގާ ގަތެވެ.
އެއްޗެހި ބަދަލު ކޮށްލުމަށްފަހު ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނިކުމެ އެނދުގައި ޖައްސާލިއެވެ. ތަމަންނާގެ ހިތުގައި ޒިޔާން ގެ ތަސްވީރު ވަނީ ބިންވަޅު ނެގިފައެވެ. ޒިޔާން އާއި ދޭތެރޭ ތަމަންނާ ވިސްނަން ފެށިއެވެ. ހާދަ ސާދާ މީހެކެވެ.އެއްވެސް ބޮޑާކަމެއްނެތެވެ.ހާދަ އޯގައިތެރި އަޑެކެވެ. ވާހަކަ ދައްކައިލި އިރުވެސް ހީވަނީ ދުވަސްވީ ރައްޓެއްސަކާއި ވާހަކަދައްކާލި ހެނެވެ. ހާދަ ރީތި ޒުވާނެކެވެ. މިކަހަލަ އެއްޗެހި ތަކެއް ހިތުގައި އެނބުރެމުން ދެއެވެ. ތަމަންނާއަށް ހޭވެރިކަމެއްވީ މީހަކު ދޮރުގައި ޓަކި ޖަހާލުމުންނެވެ. ތަމަންނާ ތެދުވެގެންގޮސް ދޮރު ހުޅުވާލާފިއެވެ. މެޑަމް އެބަގޮވާ. ލަތާ ބުނެލިއެވެ. ތަމަންނާ މަޑު ހިނގުމެއްގައި ކޮޓަރިން ނިކުމެގެން ސިޓިންގ ރޫމަށް ދިޔައެވެ. ސޯފާގައި ރިޔާޒު އާއި ނީނާ ތިއްބެވެ. ތަމަންނާ މިތާ އިށީދެބަލަ. މާ ބީރައްޓެހިކޮށް ތިއުޅެނީ. މީ ތަމަންނާގެވެސް ގެ އަދި މިގޭގައި މި އުޅެނީ ތަމަންނާގެވެސް މީހުން. ނީނާ ބުންޔެވެ.
ތަމަންނާ ސޯފާގައި އިށީނެވެ. ތަމަންނާ މާދަމާ އިންފެށިގެން އޮފީހަށް ނުކުންނަންފަށާ. ޒިޔާން އޮފީހަށް ދާ އިރު ތަމަންނާ ގޮވައިގެން ދާނެ. ޒިޔާން އޮފީހަށް ދާނީ އަށްގަޑި ބައިގަ. ތަމަންނާ އޮފީހުގަ ކުރަންޖެހޭ މަސައްކަތް ޒިޔާން ކިޔާދޭނެ. އަދި ތަމަންނާ ކިޔަވަން ބޭނުންވާ ދާއިރާއަކުން ކިޔެވެން އޮތީ ކޮން ކޮލެޖަކުންތޯ ބަލާފަ ކޮލެޖަށް ވަނުމުގެ ކަންތައްވެސް އަވަހަށް ކުރިޔަށް ގެންދަންއުޅޭ. އެކަމުގަ ނީންތަ އެހީތެރިވާނެ. ރިޔާޒު ވާހަކަ ދެއްކިއެވެ. ތަމަންނާ އާނއެކޭ ބުނުމުގެ ގޮތުން މަޑުމަޑުން ބޯޖަހައިލިއެވެ. އެވަގުތު ބަންގި ގޮވަން ފެށުމުން ރިޔާޒު މިސްކިތައް ދިޔުމަށްޓަކައި ނުކުމެއްޖެއެވެ. ނީނާވެސް ތަމަންނާ ކައިރީ ނަމާދު ކުރަން ބުނުމަށް ފަހު ހިނގާގަތެވެ. ތަމަންނާވެސް ތެދުވެގެންގޮސް ކޮޓަރިއަށްވަދެ ނަމާދު ކުރަން ތައްޔާރުވިއެވެ. ނަމާދު ކޮށް ނިމިގެން ޤުރުޢާން ކިޔަވާލަން އިރުކޮޅަކު އިނުމަށްފަހު ތެދުވެގެން ގޮސް ބަދިގެއަށްވަދެ ކެއްކުމުގެ ކަންތަކުގައި ލަތާ އާއި ބައިވެރިވިއެވެ.
ނީނާ ބަދިގެއަށް ވަދެ މޭޒުމަތީ ކާތެކެތި އަތުރަންފެށިއެވެ. އިރުކޮޅަކުން ޒިޔާން އާސް ކައިމޭޒު ދޮށުގައި އިށީނެވެ. އަބަދުވެސް ރޭގަނޑުގެ ކެއުން ހަތެއްޖަހާއިރު ޒިޔާން ކާނެއެވެ. ޒިޔާން އަވަހަށް ކަނީ އަވަހަށް ނިދަން ބޭނުންވާތީއެވެ. ދިހައެއްޖަހަންވާއިރަށް ޒިޔާން ފޮޓޯވެއްޓެން ފަށައެވެ. އެހެން ވާތީ ދިހައެއްޖަހަންވާއިރަށް ޒިޔާން އެނދަށް އަރާނެއެވެ. ފަތިހު ބަންގިއަށް ތެދުވާ ގޮތަށް ޒިޔާން ނުނިދާނެއެވެ. ފަތިހު ނަމާދުކޮށްގެން ގެޔަށް އާސް އެއްޗެހިބަދަލުކޮށްލައިގެން ދެން ދާނީ ޖޮގިންނަށެވެ. ޖޮގިން ނިންމާލުމަށްފަހު ގެޔަށް އާސް ފެންވަރައިގެން ހެނދުނު ސައިބޮއެގެން ދެން ދާނީ އޮފީހަށެވެ. މަންމާ.. ޒިޔާން ގޮވާލިއެވެ. ބައްޕަ ބުނުއްވި މާދަމާ އޮފީހަށް ދާ އިރު ތަމަންނާ ގޮވައިގެންދާން. ތަމަންނާ ރެޑީ ވައްޗޭ އެއިޓް ފިފްޓީން އަށް. ތަމަންނާ އަށް ގޮވާލުމަށްފަހު ޒިޔާން ބުންޔެވެ.
***********************
4 ވަނަބަޔަށް އިންތިޒާރު ކޮށްލައްވާ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

