
ޤާތިލް-12
ޕާރޓީއަށް އާދެވިއްޖެއެވެ. ޕާރޓީގައި ވަރަށް މީހުން ގިނައެވެ. ޝަޔާމާ އެ ހުރިހާ މީހުން ފެނިފައި ބިރުގަތެވެ. މިފަދަ މީހުން ގިނަ ބޮޑު ޕާރޓީއަކަށް ދުވަހަކުވެސް ޝަޔާމާއެއް ނާދެއެވެ. ޝަޔާމާއަށް މޭގައި އަތްކާތައިލެވުނެވެ.
އެ ހުރިހާ މީހުންގެ ތެރެއިން ޔަޝްފާން ފެނޭތޯ ޝަޔާމާ އެކި ދިމަ ދިމާއަށް ކަޅި ހިންގައިލިއެވެ.
ޔަޝްފާން ފެނިއްޖެއެވެ. ޔަޝްފާން ހުރީ އޭނަގެ އެކުވެރި ޖާވިދު އާއި ރިފާޢު އަދި ސާމީއާއި ވާހަކަދައްކައިށެވެ. ޝަޔާމާ ޔަޝްފާންއަށް ގޮވައިލަން ހިތަށް އެރިއެވެ. އެކަމަކު ގޮވައިލާކަށް ނުކެރުނެވެ.
ޔަޝްފާންއަށްވެސް ޝަޔާމާ ފެނިއްޖެއެވެ. ޔަޝްފާން ހީނލިއެވެ.
ޝަޔާމާވެސް ހީނލިއެވެ. އަދި ޔަޝްފާންއަށް ހަނާއަޅައިލިއެވެ.
ޔަޝްފާން އޭނަގެ އެކުވެރީންނާއި ވަކިވެ ޝަޔާމާގެ ގާތަށް ދިޔައެވެ.
”ހާދަ ރީއްޗޭ މިރޭ ”ޔަޝްފާން އޭނަގެ ލޯބިވެރިޔާއަށް ތައުރީފެއް ކޮށްލިއެވެ. ޝަޔާމާ ލަދުގަތެވެ. ލަދުން އެ ރީތި ދޮން ދެ ކޯތާފަތް ވިލާތު ބަށްޓެއްހައި ރަތްވިއެވެ.
”އުފާވެރި އުފަން ދުވަހަކަށް އެދެން” ޝަޔާމާ އޭނަގެ އަތުގައި އޮތް ކޮތަޅު ދިއްކޮށްލިއެވެ.
”ޔަޝް”ޖާވިދު އައިސް ގޮވައިލިއެވެ. ޖާވިދު އާއި އެކު ރިފާއުއާއި ސާމީވެސް އައެވެ.
”އޯ”
”ޝަޔާމާ ފެނުނީމައި ދޯ ތިއައީ އަހަރެމެން ދޫކޮށްލައިފައި”ޖާވިދު ޝަޔާމާއަށް ބަލައިލިއެވެ.
”ޝަޔާމާ ކިހިނެތްތަ”ޖާވިދު އެހިއެވެ. ޝަޔާމާ ރަނގަޅުކަމަށް ބުނެ ޖަވާބުދިނެވެ.
”ޝަޔާމާ ދުވަހަކުވެސް ނާންނަންދޯ މިކަހަލަ ޕާރޓީއަކަށް”ރިފާޢު އެހިއެވެ.
”މިކަހަލަ ޕާރޓީއަކަށް ޝަޔާމާމެން ކަހަލަ ކުއްޖަކަށް ކާކު ކިޔާނީ”
”ޔަޝްގެ ރަނގަޅުކަމުން ޝަޔާމާ މި ޕާރޓީއަށް އެ ގެނައީ”ސާމީގެ އެވާހަކައިން ޝަޔާމާގެ ހިތް ކުދި ކުދިވިއެވެ.
”ޝަޔާމާ ހިނގައިބަލަ މަންމަމެންނާއި ބައްދަލުކޮށްދެނަން” ޔަޝްފާން ޝަޔާމާގެ އަތުގައި ހިފައި އެތަނުން ގެންދިޔައެވެ. އަދި ޔަޝްފާންގެ މަންމައާއި ބައްޕައަށް ޝަޔާމާ ތަޢާރަފްކޮށްދިނެވެ. އޭރު އެ ދެމަފިރިންގެ ހުންނަނީ ހަމައެކަނި ޔަޝްފާންއެވެ. ޝަޔަމާއަށް ޔަޝްފާންގެ މައިންބަފައިން ފެނިފައި އެއީ ކޮންބައެއްކަން އެނގިއްޖެއެވެ. ޝަޔާމާ ޔަޝްފާންގެ ކަންފަތްދޮށުގައި އެކަނި ވާހަކައެއް ދައްކަން ބެނުންވައި ވާހަކަ ބުންޏެވެ.ޔަޝްފާން އޭނަގެ އަތުގައި އޮތް ކޮތަޅު މަންމައަށް ދިނެވެ. ޝަޔާމާ ބާރަށް ޔަޝްފާންގެ އަތުގައި ހިފައި އެތަނުން ގެންދިޔައެވެ. ޝަޔާމާ ހުރީ ރުޅިއައިސްފައެވެ. ޔަޝްފާންގެ މައިންބަފައިންނާއި ދުރަށް އާދެވިއްޖެއެވެ. ޝަޔާމާ ޔަޝްފާންއާއި ދިމައަށް އެއްޗެހި ކިޔަން ބޭނުންވިއެވެ. އެކަމު ޕާރޓީގައި މީހުން ގިނަކަމުން މީހުންނަށް އަޑުއިވިދާނެތީ އެ އެންމެން ތަކުތެރޭ ތަމްސީލެއް ކުޅެން ބޭނުން ނުވާތީ އެއްޗެކޭ ބުނާކަށް ނުކެރުނެވެ.
”ހިނގާ ކޮޓަރިއަށް” ޔަޝްފާން އެހެން ބުނުމުން ޝަޔަމާއަށް ފާޑަކަށް ބަލައިލެވުނެވެ.
”އޭރުން މީހަކަށް އަޑުނީވި ހަމަޖެހިގެން ވާހަކަދެއްކޭނެއްނު” ޔަޝްފާން ބުނެދިނެވެ. ޔަޝްފާން އެ ބުނީ ރަނގަޅު ވާހަކައެއްކަމަށް ޝަޔާމާއަށް ވިސްނުނެވެ.
ޝަޔާމާ ޔަޝްފާންއާއިއެކުގައި ޔަޝްފާންގެ ކޮޓަރިއަށް ވަނެވެ. ރުޅިއައިސްފައި ހުރި ވަރުން ކޮޓަރި ދޮރު ޖަހައިކަށްވެސް ޝަޔާމާ ހަނދާނެއްނުވިއެވެ. ޝަޔާމާ ކޮޓަރިތެރެއަށް ނަޒަރު ހިންގައިލއެވެ.އެއީ ރީތި ކޮޓަރިއެކެވެ.ރީތި މުށިތަކެކެވެ.ރީތި އެނދަކާއި ބާލީސްތަކެކެވެ. ރީތި ފަރުދާއެކެވެ.
”ރީތީ ދޯ” ޝަޔާމާގެ ކަންފަތްދޮށުގައި ޔަޝްފާން މަޑުމަޑުން ބުނެލިއެވެ.
”ކީއްވެ އަހަރެންނަށް ޔަޝް އޮޅުވާލީ”
”ކީއްވެ ނުބުނީ ތިއީ ކަތީބު ދަރިއެކޭ”ޝަޔާމާ ޔަޝްފާންއާއި ދިމަލާށް އެއްޗިހި ކިޔަން ފެށިއެވެ.
”އަހަރެން ކޮބާ ޝަޔާމައަށް އޮޅުވައިލައިފައި”
”އަހަރެން ދުވަހަކުވެސް ބުނިންތަ އަހަރެންނަކީ ކަތީބުގެ ދަރިއެއް ނޫނޭ”
”އަހަރެންގެ ގިނަ އެކުވެރިންނަކަށްވެސް ނޭނގޭނެ އަހަރެންނަކީ ކަތީބުގެ ދަރިއެއްކަމެއް”
”އަހަރެން ބިރުގަނޭ އަހަރެންނަކީ ކާކުކަން އެނގިއްޖިއްޔާ އެމީހުން އަހަރެންނާއި ދުރުވެދާނެތީ”
”އެ ބިރު ޝަޔާމާއާއި މެދުގައިވެސް އޮތް”
”އެކަމަކު އަހަރެންގެ މައިންބަފައިންނާއި މިއަދު ޝަޔާމާ މި ތަޢާރަފްކޮށްދިނީ އަހަރެންގެ ހިތުގައި ޝަޔާމާއަށްޓަކައި ހާއްސަ މަޤާމެއް ދެވިފައިވާތީ” ޔަޝްފާން ޝަޔާމާގެ ދެ ކޮނޑުގައި ހިފެހެއްޓިއެވެ. ޝަޔަމާއާއި ޔަޝްފާން އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
”ޝަޔާމާ”އަންހެންކުއްޖަކު ގޮވައިލި އަޑުއިވުނެވެ. ދެމީހުންނަށްވެސް އަޑުއައި ދިމައަށް ބަލައިލެވުނެވެ. ޔަޝްފާން ޝަޔާމާއާއި ދުރަށް ޖެހިލިއެވެ. ޝަޔާމާއަށް ގޮވައިލި ކުއްޖަކީ ޝަޔާމާއާއި އެއް ކިލާހެއްގައި ކިޔަވައި މުނާއެވެ. ޝަޔާމާ މުނާގެ ގާތަށް އައެވެ.
”މިތާ ކީއްތި ކުރަނީ” ޝަޔާމާއެހިއެވެ.
”ޝަޔާމާ މިތަނަށް ވަން ތަން ފެނިގެން މިއައީ”މުނާ ޖަވާބުދިނެވެ.
”ޝަޔާމާ މިތާ ކީއްކުރަނީ”
”ހެދިކާކޮޅެއްގެ ރަހަ ބަލައިފިންތަ”މުނާއެހިއެވެ. ޝަޔާމާ ނޫނެކޭ ބުނެ ޖަވާބުދިނެވެ.
”ޔަޝް އޭނަ ޕާރޓީއަށް ކިޔައިފައި ކާންވެސް ނުދެންދޯ”
”އަހަރެންގެ އެކުވެރިޔާ ހައިހޫނުކަންމަތީ ބަހައްޓައިފައި ޔަޝްގެ ކަރުހިއްކުން ފިލީމައި ނިމުނީދޯ”މުނާ ދިމާކޮށްލިއެވެ.
‘މުނާ ކީކޭތަ ތި ކިޔަނީ”
”އަހަރެމެން މިތަނަށް މިއައީ ޕާރޓީތެރޭ މީހުންގިނަވެ އަޑުގަދަވެ ވާހަކައެއްދައްކަން”ޝަޔާމާ ބުނެދިނެވެ.
”ހޫނ އެކްސްޕްލެއިން ކޮށްދޭނަކަމެއް ނެތޭ”
”ހިނގާ ދާން” މުނާ ޝަޔާމާގެ އަތުގައި ހިފައި ޝަޔާމާ އެތަނުން ގެންދިޔައެވެ.
މީހުންތަކުތެރެއަށް ވަދެ ތަށްޓެއް ނަގައި ޝަޔަމާ ހެދިކާ އަޅަން ފެށިއެވެ. ހެދީކާ ތަކުތެރޭގައި ކުޅީ ބޯކިބަލާއި ބަޖިޔަލާއި ޕެޓީހާއި ރޯލްސްއާއި ގުޅައާއި އަދި ޗޮކްލެޓް ކޭކައި ސްޓްރޯބެރީ ކޭކު ހުއްޓެވެ. ޝަޔާމާ ގުޅާކޮޅަކާއި ދެތިން ބަޖިޔަލާއި ޕެޓީހާއި ދެފޮތި ސްޓްރޯބެރީ ކޭކު ތަށްޓަށް ލިއެވެ. ބުއިމަކަށް ސަންކުއިކް ޖޫސް ހުއްޓެވެ. ޝަޔާމާ ތަށި ހިފައިގެން ގޮސް އިށީންނާނެ ތަނެއް ވޭތޯ ބެލިއެވެ. އެކަމު އެއްވެސް ތަނެއް ނުފެނުނެވެ.
‘ކިހިނެތްވީ”މުނާ ފުރަގަހުން ޝަޔާމާގެ ކޮނޑުގައި އަތްލިއެވެ.
”އިށީންނާކަށް ތަނެއް ނެތް”ޝަޔާމާ މުނާއާއި ދިމައަށް އެނބުރިފައި ޖަވާބުދިނެވެ.
”ދެން ކިހިނެތް ހަދާނީ”ޝަޔާމާ ކަންބޮޑުވިއެވެ.
ޝަޔާމާ ހަދާނެ ގޮތެއް ނޭނގިހުއްޓައި ޖާވިދު އެމީހުން ގާތަށް އައެވެ.
”އަހަރެން ބުނަންތަ ހަދާނެ ގޮތެއް’
”ޔަޝްގެ ކޮޓަރިއަށްދޭ”ޖާވިދު ވާހަކަދެއްކީ މަޑު މަޑުން ސިއްރެއް ބުނާ ހެންނެވެ.
”ކީކޭތަ ތި ކިޔަނީ”މުނާ ގާތާށް ރުޅިއައެވެ.
”މުނާ ހަމަޖެހޭ ޔަޝްގެ ކޮޓަރީގައިވެސް ކެވިދާނެއްނު”މިހެން ބުނެ ޝަޔާމާ މުނާއާއި ވަކިވެ ޔަޝްފާންގެ ކޮޓަރިއަށް ދިޔައެވެ. ޔަޝްފާން މޮޅިވެފައި ކޮޓަރީ އެނދުގައި އިށީނދެގެން އިނެވެ.
”އަހަރެންނަށް މަޢާފްކުރޭ ޔަޝް”
”އަހަރެންނަށް ރުޅިއައިސްގެން ވިސްނައިނުލާ ޔަޝްއާއި ދިމައަށް އެއްޗިހިކިޔުނީ” ޝަޔާމާ ދެރަވެ ޔަޝްފާންގެ ކިބައިން މަޢާފަށް އެދުނެވެ.
”އެއީ ކަމެއް ނޫން” ޔަޝްފާން ހިނިތުންވިއެވެ. ޝަޔާމާވެސް ހިނިތުންވިއެވެ.
”ޝަޔާމާ ތި އައީ ސައިބޯންތަ” ޝަޔާމާގެ ހެދިކާތަށި ފެނިފައި ޔަޝްފާންއަށް އަހައިލެވުނެވެ.
ޝަޔާމާ އާއެކޭ ބުނެ ޖަވާބު ދިނެވެ. ޔަޝްފާން ކޮޓަރިން ނިކުންނަން އުޅުނެވެ. ޝަޔާމާ ޔަޝްފާންގެ އަތުގައި ހިފައި ހިފެހެއްޓިއެވެ.
”ޔަޝް ސައިބުއީތަ”ޝަޔާމާ އެހިއެވެ. ޔަޝްފާން ނޫނެކޭ ބުނެ ޖަވާބުދިނެވެ.
”އަހަރެންނާއިއެކު ސައިބޯންވީނު”
”ބާރތްޑޭ ބޯއީވެސް ވާނެއްނު ސައިބޯން”ޝަޔާމާގެ އެވާހަކައިވުމުން ޔަޝްފާން ހީނލިއެވެ.
”އެހެންތަ”
”ހާދަ ރަނގަޅޭ ޝަޔާމާ”
”އަހަރެންނާއި މެދު ހާދަ ވިސްނައޭދޯ” ޔަޝްފާންއާއިމެދު ޝަޔާމާ ވިސްނައިކަން ޔަޝްފާން އުފާވިއެވެ.
”އަހަރެން އަންނާނަން އަހަރެންނަށް ހެދިކާ ހިފައިގެން” ޔަޝްފާން ކޮޓަރިންނިކުތެވެ. ޔަޝްފާން ތަށްޓަކަށް ހެދިކާ އަޅައިގެން އޭނަގެ ކޮޓަރިއަށް އައެވެ. އަދި ބިސްމިކިޔައި ޝަޔާމާއާއިއެކުގައި ސައިބޯން ފެށިއެވެ. ޔަޝްފާންގެ ތަށީގައި ހުރީ ދެ ރޯލްސްއާއި ހަތަރު ގުޅައާއި ދެ ޗޯކްލެތްކޭކު ފޮއްޗެވެ.ދެ މީހުންވެސް ޖޫސްތަށްޓެއް ނުގެނެއެވެ. ސައިބޮއެ ނިމިއްޖެއެވެ.
”އޭ ޖޫހެއް ނުގެނެވޭ”ޔަޝްފާންއަށް ޖޫސްމަތިން ހަނދާންވީ އަދިއެވެ.
”އަހަރެންވެސް ނުގެންނަން” ޝަޔާމާ ބުނެދިނެވެ.
”އަހަރެން އަންނާން ހިފައިގެން”ޔަޝްފާން ޖޫސްގެންނަން ދާން އުޅުނެވެ.އެކަމަކު އެ ވަގުތު ޔަޝްފާންގެ ދެ އެކުވެރިން ޖާވިދުއާއި ރިފާޢު ޔަޝްފާންއަށާއި ޝަޔާމާއަށް ޖޫސް ހިފައިގެން އައެވެ. ކައިރީގައި ސާމީވެސް ހުރިއެވެ.
”ޔަޝް ދާނެކަމެއްނެތް އަހަރެމެން މިހިރީނު”
” ޔަޝް ހެދިކާތަށްޓާއި އެކު ޖޫސް ގެންދައިތަން ނުފެނުނީމައި މިއައީ ޖޫސް ހިފައިގެން”
”މުނާ ފޮނުވީ މަ ”
”މުނާވެސް ޖޫހެއް ގެންދައިތަނެއް ނުފެނުނު”
‘އެހެންވެ މުނާއަށްވެސް ޖޫސް ހިފައިގެން މި އައީ”ޖާވިދު ކިޔައިދިނެވެ.
”ޓެންކިޔޫ”ޔާޝްފާން ޖާވިދުގެ ކޮނޑުމައްޗަށް އަތްލިއެވެ. ޔަޝްފާންގެ އެ ހެޔޮ އެކުވެރިން ދެމީހުންނަށް ޖޫސްދީފައި ހިނގައްޖެއެވެ. ބިސްމިކިޔައި ޔަޝްފާންއާއި ޝަޔާމާ ޖޫސްތަށީގައި ތުންޖައްސައިލިއެވެ. ޝަޔާމާ ޖޫސްބޯއިރަށް ބޮލުގައި ރިހެން ފެށިއެވެ. ހީވީ ބޯމަތީގައި ހިލަގަނޑެއް އޮތްހެންނެވެ.