
ނިކަން ލޯބިން-32
އީރާއަށް ކާންދީ ފެންވަރުވާ ނިންދެވުނުއިރު 8 ޖަހައިފިއެވެ.އާދައިގެމަތިން އީރާ އާއި އެކު އަހަރެންވެސް އޮށޯތީމެވެ. އީރާ ނިންދެވުމަށްފަހު އަހަރެން ބޭރަކަށް ނުދަމެވެ. ނަމަވެސް އެރޭ މަންމަ އާއި ބައްޕަ ކާން ބަލާ އައުމުން ކާ މޭޒުކައިރީ އިށީނދެ ތަށްޓަށް ބަތް އަޅާ ރިހަކޮޅެއް އަޅާލީމެވެ. އެންމެން އެކި ވާހަކަ ދައްކަމުން ދިޔައިރުވެސް އެ ވާހަކަތަކަށް އަހަރެން މާ ބޮޑު ސަމާލުކަމެއް ނުދެމެވެ. ކާޙިތްވެސް ނުވެފައި ހުރުމާއިއެކު ބަތްތަށި ހާވަން އިނދެފައި ގެންގޮސް ޑަސްބިންއަށް އަޅާލާ އަތް ދޮވެލީމެވެ. އަދި ކޮޓަރިއަށް ދިޔުމަށް ހިނގައިގަތީމެވެ.
“އާޔާ އުޅޭ ގޮތުން އަހަރެން ހާދަ ހިތަށް ތަދުވެޔޭ” ނުކުންނަން ދިޔަނަމަވެސް މަންމަ ގެ ބަސްތައް ކިތަންމެ ހާވެސް ރީއްޗަށް އަހަރެންނަށް އިވުނެވެ.
“ދައްތާ. އިރާދަ ކުރެއްވިއްޔާ އާޔާ ހަމައަކަށް އެޅޭނެ. އަހަރެން އާޔާ އާ ވާހަކަ ދައްކާނަން” ދެން އިވުނީ ލައިތްގެ އަޑެވެ. ނަމަވެސް ފަސް އެނބުރި ބަލާ ނުލާ އަހަރެން ގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕީމެވެ.
ގޭގައި އަހަރެން ހަފްތާއެއް ހާދުވަސް މަޑުކުރުމަށްފަހު އިޖާޒްމެންގެއަށް އަލުން ބަދަލުވީމެވެ. އަހަރެންގެ އުޅުމަށް މާ ބޮޑު ބަދަލުތަކެއް ނާދެއެވެ. މަންމަމެން އެނބުނާހެން މޮޅިން މޮޅި ސާލުލައިގެން އުޅެވޭކަމަކަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. ނަމަވެސް ކެއުން މަތިން ފޫހިވުމާއި ނިދުމަށް އުނދަގޫތަކެއް ހުރެއެވެ. ބޭރަށް ނުކުމެ ނަހަދަނީ އަހަރެން ޤަބޫލު ކުރާގޮތުގައި ދާނެ ތަނެއް އަދި ކުރާނެ ކަމެއް ނެތީމައެވެ. ޕޮލިހުން ގެނައި ފޮށިގަނޑުވެސް ނުކަނޑަ ބޭންދީ އެތަކެތި އިޖާޒްގެ ކޮޓަރީގައި ބެހެއްޓުމަށެވެ.
އިޖާޒްމެން ގެއަށް ބަދަލުވިތާ ދެވަނައަށްވީ ރެއެވެ.އަހަރެން އުޅުނީ ޕޮލިހުން ގެނައި އިޖާޒްގެ ތަކެތި ހުރި ފޮށިގަނޑު ކަނޑައި ތަކެތި އެތުރުމުގައެވެ. އީރާ އޮތީ ނިދާފައެވެ.ފޮށިގަނޑުން ފަހަރަކު އެއްޗެއް ނަގާ ކަބަޑުގައި އަތުރަމުން ދިޔައީމެވެ. އޭގެތެރޭގައި ގިނައީ ފޮޓޯ ފްރޭމްތަކާއި އެކި އެކި ހަނދާނީ ތަކެއްޗެވެ. ހުރިހާ އެއްޗެއް ނަގާ ނިމުން ތަކުން ފޮށިގަނޑު އަޑިން ސިޓީ އުރައެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ބޭރުގައި “އާޔާއަށް” މިހެން ޖަހާފައި އޮތެވެ. އަހަރެން އެސިޓީ ނަގާ ކަނޑާލުމަށް ފަހު ސޯފާގައި އިށީނދެ އެ ސިޓީ ކިއަން ފެށީމެވެ.
” ލޯބިވާ އާޔާއަށް، އާޔާއަށް މިސިޓީ ކިޔަން ލިބިއްޖެނަމަ އޭގެ މާނައަކީ އަހަރެން އާޔާ އަދި އީރާ ދޫކޮށް ދާން ޖެހުނީއެވެ. މިއީ ދެކެން ބޭނުން ވި ދުވަހެއް ނޫންނަމަވެސް އަހަރެން މިއައީ ހިތާ ސިކުނޑީން މި ފަދަ ދުވަހަކަށް ތައްޔާރުވަމުންނެވެ. ކިތަންމެ ބޭނުން ނުވިނަމަވެސް އާޔާ އާއި އީރާ ދޫކޮށް ދާން ޖެހުނީއެވެ. މާފް ކުރައްޗެވެ. އާޔާއެވެ. އާޔާ އެކު ހޭދަވި ދުވަސްތަކަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކެވެ. އެންމެ ކުޑަ އިރުއްސުރެ އަހަރެން ގެ ދިރިއުޅުމުގެ ބައިވެރިއަކަށް ހަދަން ބޭނުންވި މީހާއާއިއެކު ހަޔާތް ވޭތުކުރަން ލިބުނީތީ ﷲއަށް ހަމްދުކުރަމެވެ. އަދި މިވީ ދުވަސްތަކުގައި އާޔާ ދެރަވާ ފަދަ ކަމެއް ކުރެވިފައި ވާނަމަ މަޢާފަށް އެދެމެވެ. އަހަރެންގެ ދަރިފުޅު ލޯބިން ބަލާ ބޮޑުކޮށްދެއްޗެވެ. އެއްވެސް ކަމެއް އެދަރިފުޅަށް މަދުވިއަ ނުދެއްޗެވެ. އީރާ ދެކެ އަހަރެން ލޯބިވާވަރު އީރާއަށް ބުނެދެއްޗެވެ. އީރާ ބޮޑުވާތަން ފެނުމުގެ ނަސީބު ނުލިބުނު ނަމަވެސް ޖަންނަތުން އީރާއާއި ބައްދަލުވުމީ އަހަރެންގެ އަބަދުގެވެސް ދުޢާއެވެ. އާޔާއެވެ. އަހަރެން ނެތި އަހަރެންގެ މައިންބަފައިން ވަރަށް އެކަނި ވާނެއެވެ. އަހަރެންނާ ނުލާ ދިރިއުޅެން މަންމަ މެންނަށް ދަސްވެފައެއް ނުވާނެއެވެ. އެދެމީހުން މުސްކުޅިވެ މީހެއްގެ އެހީ ބޭނުންވާ ދުވަހު އަހަރެން ނުހުންނާނެތީ ވަރަށް ދެރަވެއެވެ. އަހަރެން އާޔާ ކައިރިން އެދޭ އެންމެ ބޮޑު އެދުމަކީ މިއީއެވެ. މިއީ ވަސިއްޔަތެއްގެ ގޮތުގައި ބަލާދޭށެވެ. އަހަރެންގެ މައިންބަފައިން އެކަނި ކޮށްނުލައްޗެވެ. އެދެމީހުން އަހަރެން ކައިރިއަށް އަންނަންދެން ބަލަހައްޓާ ދެއްޗެވެ. އަހަރެން ނެތްކަމުގެ އިހްސާސް ކުރެވުނުނަމަވެސް އެ ދެހިތަށް ލިބޭ ވޭންތަށް ކުޑަކޮށްދެއްޗެވެ. އަހަރެންގެ މައިންބަފައިން ދޫކޮށްނުލާ ބަލާދެއްޗެވެ. އަހަރެން އާޔާ ކައިރިން އެދޭ ހަމައެކަނި އެދުމަކީ އަހަރެން ނެތް ދުނިޔެއެއްގައި އަހަރެންގެ މައިންބަފައިންނަށް ދަރިއެއްގެ ލޯތްބާއި ޚިދުމަތް ދިނުމެވެ. މިއީ އާޔާ ބޮލުގައި އެޅުވޭ ބޮޑު ތަކުލީފެއްކަންވެސް އެނގެއެވެ. ނަމަވެސް މިކަން އަހަރެންނަށް ކޮށްދެއްޗެވެ. އާޔާއެވެ. އަހަރެންނާއި އާޔާ އިނީ ލޯބިން ނޫންނަމަވެސް އަތްބެއްގެ ފަރާތުން ލިބެންޖެހޭ ލޯތްބާ އަޅާލުން އެންމެ ފުރިހަމައަށް އަހަރެންނަށް ލިބުނެވެ. ލޯބިވެއޭ ތި ދުލުން ނުބުނިނަމަވެސް އަހަރެންނަށް ކުރާ އިހްތިރާމްއާއި ތިޔަ އޯގާވެރިކަން އެއީ ލޯބީގެ ގޮތުގައި އަހަރެން ބަލައިގަންނަމެވެ. އަހަރެން ދިޔުމުން އެކަނި އުމުރު ހޭދަ ނުކުރައްޗެވެ. ކޮންމެވެސް ދުވަހަކުން ދިރިއުޅުމެއް ފަށައްޗެވެ. އީރާއަށް ބައްޕައެއްގެ ލޯބި ހޯދަ ދެއްޗެވެ. ލައިތް އަކީ ވަރަށް ހިތްހެޔޮ އަޚްލާގު ރަނގަޅު މީހެކެވެ. އަހަރެންގެ މައިން ބަފައިންނާއި އާޔާ ދުރުނުކުރާނޭކަން ޔަޤީނެވެ. ދުލުން ބަޔާން ނުކުރިނަމަވެސް ލައިތް ދެކެ އާޔާވާ ލޯބި ތި ދެލޮލުންނާއި ހިތުން އަހަރެންނަށް އިހްސާސްކުރެވެއެވެ. ލައިތް ދެކެ ކުޑަކޮށް ހަސަދަވެރިވެސް ވެވުނެވެ. އަހަރެންގެ އާޔާގެ ހިތުގެ ވެރިއަކީ އެއީކަން އެނގުނީމައެވެ. އަހަރެންނަށް ވުރެ ތިހިތުގައި ލައިތްއަށް އޮތް ލޯބި ބޮޑުވީމައެވެ. ނަމަވެސް މިއަދު ޝަކުވާއެއްނެތެވެ. އަހަރެން މި ދުނިޔެއާއި ވަކިވެ ދާންވަންދެންވެސް ތިއީ އަހަރެންގެ އަތްބަކަށް ވީމައެވެ. ލައިތްއާއި އާޔާ ގެ ލޯބީގެ ގުޅުން ފެށުނު ގޮތެއްވެސް އަދި އަހަރެންނާއި އިނީ ކިހިނެއްވެގެން ކަމެއްވެސް އަހަރެންނަކަށް ނޭގެއެވެ. އަދި މިހާރު އެނގޭކަށްވެސް ބޭނުމެއް ނޫނެވެ. ދެ މީހުންވެސް އެއީ ސިއްރެއްގެ ގޮތުގައި ބާއްވާނީ ކޮންމެވެސް ސަބަބެއް އޮތީމައިކަމަށް އަހަރެން ޤަބޫލުކުރަމެވެ. އަދި އަހަރެންނަށް އަޑު އިވުނު އެއްޗެއް މިދަނީ އަހަރެންނާއިއެކީ ހިފައިގެންނެވެ. އާޔާއެވެ! ވަރަށް ގިނަ ވާހަކަ ބުނަން ބޭނުންނަމަވެސް އެ ހުރިހާ ވާހަކައެއް ގަލަމުން ލިޔުމަކީ ކުރެވޭނޭކަމެއް ނޫނެވެ. ނަމަވެސް އަހަރެން އާޔާ ކައިރީ ބުނަން ކޮންމެހެން ބޭނުންވާ ވާހަކަތަކަށް ބުނެވުނީތީ އުފާކުރާ ހާލު އަހަރެމެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯބީގެ ސިޓީ ނިންމާލަމެވެ. އަހަރެންނަށް ހެޔޮ ދުޢާ ކޮށްދެއްޗެވެ.” އެ ސިޓީ ކިއާ ނިމުން އިރު ހޯސްލާފައި އަހަރެންގެ ލޮލުން ކަރުނަތައް ފައިބައެވެ. އަހަރެންނަށް އެ ދުވަހު ކުރެވުނީ ކުށްހީ އެއްނޫނެވެ. އިޖާޒް މާލެއިން ރަށަށް އައި ދުވަހު އަހަރެންނާއި ލައިތް ދެއްކި ވާހަކަ އިޖާޒްއަށް ހަމަ ރަނގަޅަށްވެސް އަޑު އިވުނީއެވެ. އިޖާޒްގެ ކެތްތެރިކަން ދެކިބަލާށެވެ. އެ ހުރިހާ ވާހަކަތަކެއް އަޑު އިވުނު ނަމަވެސް ވަކި ތަފާތެއް ބަދަލެއް ނައިސް އެންމެ ފަހު ނޭވާއާއި ހަމައަށް ހުރީއެވެ. މިއަދު އިޖާޒް ދުނިޔޭގައި ހުރިނަމަވެސް އެ ވާހަކަތަށް އަބަދުގެ އަބަދަށް ސިއްރުކުރީސްކަން ޤައިމެވެ. އެކި ޚިޔާލުތަކުގައި ރޯން އިންދައި ސިއްސައިގެން ދިޔައީ މީހަކު ދޮރުގައި ޓަކި ދޭ އަޑަށެވެ. އަހަރެން އެ ސިޓީ އަތުތެރެއަށް ބޮނޑި ކޮށްލަމުންގޮސް ދޮރު ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ ލައިތްއެވެ. އަހަރެން ދޮރު ހުޅުވާލުމާއިއެކު ލައިތް ކޮޓަރި ތެރެއަށްވަނެވެ.
“އާޔާ! ކިހިނެއްތަ ތި އުޅެނީ! އާޔާ ތި އުޅޭ ގޮތުން އެންމެ މީހެއް ދެ މީހެއް ނޫނޭ ހިތާމަ އެކުރަނީ! އިޖާޒް ނިޔާވުމުގެ ހިތާމައަށްވުރެ އާޔާ ތިހިރަ އުޅޭގޮތުން އިޖާޒްގެ މައިންބަފައިންނާ އާޔާގެ މައިން ބަފައިން ކުރާ ހިތާމަ މާ ބޮޑު! އަހަރެންގެ ހިތަށްވެސް ކެތް ވާވަރު ނުވީމަ އަހަރެން މި އަންނަން ޖެހުނީ!” ލައިތް އަހަރެން ކޮނޑުގައި ބާރަށް ހިފައި ފާރާއި ލައިތް އާއި ދެމެދު އަހަރެން ހައްޔަރުކުރިއެވެ. އަދި އެ ހިތުގެ ހުރިހާ އުދާސްތަކެއް ބޭރުކުރަމުން ދިޔައެވެ. “އާޔާ ނުކައި ހުރެގެން ބަނޑަށް މަރުވާންތަ ތިއުޅެނީ. ފިރިމީހާ ނިޔާވީމަ ދެރަވާނެކަން އަހަރެންނަށްވެސް އެނގޭ. އެކަމަކު އިޖާޒް ގެ މައިންބަފައިންގެ ހަމައެކަނި ފުރާނަ އެއީ. އެމީހުންގެ ހިތަށް ކުރާ އަސަރު މާ ބޮޑުވާނެ ދޯ. އެ މީހުން އެ ހިތާމަތަކުން އަރައިގަންނަން މަސައްކަތްކުރާއިރު އާޔާ ކީއްވެތަ މަސައްކަތް ނުކުރަނީ! އާޔާ! ރޮއެބަލަ! ހިތުގެ ހުރިހާ ވާނެއް ބޭރުކޮށްބަލަ! ތިހެން އުޅެގެން މީހާ މޮޔަވެދާނެ! ހެޔޮނުވާނެ އާޔާ!”
” އިޖާޒް އަށް އެނގޭ އަހަރެންނާ ލައިތް ގެ ގުޅުން” އަހަރެން އެހެން ބުނުމާއިއެކު ލައިތް ސިއްސައިގެން ގޮސް އަހަރެން ގައިން ދޫކޮށްލިއެވެ.
“އަހަރެމެން ވާހަކަ ދެއްކި ދުވަހު އިޖާޒްއަށް އަޑު އިވުން. ހުރިހާ ކަމެއް ސިއްރުކޮށްގެން އަހަރެންނަށް އެއްވެސް ކަމެއް އުނިވިޔަ ނުދީ އިޖާޒް އަހަރެން ގެންގުޅުނީ. އިޖާޒް ދެކެ އަހަރެންނަށް ލޯބި ނުވެވުނީ ކީއްވެ؟ އެންމެ ފުރިހަމަ އަތްބަކަށްވެސް އަހަރެންނަށް ނުވެވުނު! ” ބިން މައްޗަށް ތިރިވަމުން އަޑުން އަޑު ނަގާ އަހަރެންނަށް ރޯންފެށުނެވެ. ބޭއިޚްތިޔާރުގައި ލައިތްއަށް ވެސް ރޮވުނެވެ.” އަހަރެން ބޭނުން އިޖާޒް އަށް ހުރިހާ ވާހަކައެއް ސާފުކޮށް ކިޔާދޭން. އަހަރެން ހާދަ މަސައްކަތެއްވެއް ކުރީމޭ ލައިތް މަތިން ހަނދާން ނައްތާލާ އިޖާޒް ދެކެ ލޯބިވެވޭތޯ! ﷲ ދެނެވޮޑިގެންވާނެ އަހަރެން ދުޢާކުރިވަރު. އެކަމަކު އަހަރެން ހިތުގެ މައްޗަށް ބާރު ނުފޯރުވުނީ. އަހަރެން މީ ކިހާ ގޯސް އަތްބެއް! ފިރިމީހާ ނިޔާވެގެން ދިޔައިރު އެންމެ ފުރިހަމައަށް ފިރިމީހާގެ ހައްޤުތައްވެސް އަދާ ނުކޮށްދެވުނު!” ލައިތް ތިރިވެއަހަރެން ގައިގައި ބައްދާލިއެވެ.
އެއްވެސް ވާހަކަ އެއް ނުދައްކާ ލައިތް އަހަރެން ގައިގައި ބައްދާލައިގެން އިންއިރު އަޑުން އަޑުނަގާ އަހަރެން ރޮމުން ގެންދިޔައީމެވެ. އީރާގެ މަތިންވެސް އަހަރެން ހަނދާނެއް ނެތެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު މަޑުމަޑުން ލައިތް އަހަރެން ކޮނޑުގައި ހިފާ ސޯފާގައި ބޭންދިއެވެ. ހަމަ އެ ވަގުތު މީހަކު ދޮރުގައި ޓަކި ދިނެވެ. އަހަރެންގެ ބިރުގަތެވެ. ލައިތް މިތާ ހުއްޓައި މީހަކަށް ފެނިއްޖެނަމަހިތަށްއަރާނީ ކީކޭހެއްޔެވެ. ލައިތް ދޮރު ހުޅުވަން ދާން ފެށުމުން އޭނާގެ އަތުގައި އަހަރެންނަށް ހިފެހެއްޓުނީވެސް އެހެންވެގެންނެވެ. ނަމަވެސް އަހަރެން އަތް ނައްޓުވާލުމަށްފަހު ހަމަޖެހިގެން އިނުމަށް އަތުން އިޝާރާތްކޮށް ދޮރުހުޅުވިއެވެ.
“ކޮބާ އާޔާ؟ ވާހަކަ ދެއްކީތަ؟ ހާދަ ވަރަކަށް ރޯ އަޑު އިވެޔޭ” ބޭރުން މައިދައިތަ ވާހަކަ ދައްކާ އަޑު ކިތަންމެ ރީއްޗަކަށްވެސް އަހަރެންނަށް އިވުނެވެ.
” ރުއީމާ އާޔާ ހަމައަކަށް އެޅޭނީ. އިރުކޮޅަކުން ރަނގަޅުވާނެ ދައްތާ.” ދެން ވާހަކަ ދެއްކީ ލައިތްއެވެ.
“އީރާ ހޭލަފާނެއެއްނު. ދައްތަ އީރާ ގެންދަންތަ؟”
“އީރާ ހޭލައިފިއްޔާ އަހަރެން ގުޅާނަން ދައްތައަށް. ދޭ ނިދަން. އަހަރެން ދާނަން އާޔާ ނިދީމަ. ދޮރުތަޅު ލާފަދާނީ.”
“މިއޮތީ ސޭންޑްވިޗްއަކާއި ޖޫސްތަށްޓެއް. މި ދެވޭތޯ ބަލައްޗޭ. އެއްވެސް ކަމެއް ދިމާވެއްޖެއްޔާ ގުޅާތި އެނގޭ” މައިދައިތަ އަތުގައި ހުރި ތަކެތި ލައިތްއަށް ދިނުމަށްފަހު މައިދައިތަ ދިޔުމުން ލައިތް އެތަކެތި ހިފައިގެން ކޮޓަރިއަށްވަނެވެ.
” މަންމަ މެންނަށް އެނގޭދޯ ލައިތް އައިކަން” އަހަރެންނަށް ކުރެވުނު ޝައްކު ޔަޤީންކޮށްލަން ބޭނުންވިއެވެ.
“އާނ. އާޔާގެ މަންމަ އާއި އިޖާޒް ގެ މަންމަ އެދިގެން މިއައީ. އާޔާއަކީ ގާތް އެކުވެރިއެއްވެސް ހުންނަ ކުއްޖެއްނޫން. މައިންބަފައިނ ކައިރީ ބުނަން ނުކެރޭ ވާހަކަތަށް އަމިއްލައަށް ހިތުތެރެއަށް ގިނަކޮށްގެން މީހާ ތީނދަ ހަލާކުވަނީ. އަހަރެންވެސް މީނީ އާޔާ ހިތުގެ އަޑު އަހަން ބޭނުންވެފަ. އާޔާއަށް ތިހިރަ އަންނަމުންދާ ބަދަލުތަކުން އަހަރެން ހިތް ފަޅައިގެން ދާވަރުވޭ.” މަޑުމަޑުން އަހަރެންގެ އަތުގައި ފިރުމަމުން ލައިތް ވާހަކަ ދެއްކިއެވެ. އޭރުވެސް އަހަރެންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތަށް ފައިބައެވެ.
“ޔާ! ތީ މީހަކަށް ލިބޭނެ އެންމެ މާތް ވަފާތެރި ތެދުވެރި އަތްބެއް. އަހަރެންނަށް ޔަޤީން އިޖާޒްއަށްވެސް އެނގޭނެއެކަން. ޤައިމުވެސް އަހަރެންނަށް އެނގޭ އިޖާޒް އާއި އިނުމަށްފަހު ޔާ އަހަރެންނާ ދުރުވާން މަސައްކަތްކުރިވަރު. އަތްބެއްގެ ހައްޤުތަށް ޔާ އަދާކޮށްދޭނެކަމުގެ ކުޑަވެސް ޝައްކެއް އަހަރެން ނުކުރަން. އީރާވެސް އެއީ އޭގެ ހެއްކެއް. ޔާ އަމިއްލަ އަމިއްލަ އަށް މޮޅެތި ވިސްނުންތައް ވިސްނާލައިގެން ނިންމިކަމަކަށްވިޔަސް، އެކަމުގަ ޔާ ސާބިތުވެހުރި. ވެދާނެ ޔާ އިޖާޒް އާއި އިނުން އެއީ ތަޤުދީރުގައި ލިޔެވިފައި އޮތްގޮތްކަމަށް. އިޖާޒްގެ ކުރުޢުމުރު ތިކަހަލަ ރަނގަޅު ކުއްޖަކާއެކު ހޭދަ ކުރަން ލިބުނީތީ އިޖާޒް އުފާކުރާނެކަން ޤައިމު. އިޖާޒްވެސް ބޭނުންވާނީ އާޔާއާއި އީރާ އުފަލުގައި އުޅޭތަން ދެކެން.” ލައިތް ވާހަކަ ދައްކަމުން ދިޔައީ ނުހަނު ލޯބިންނެވެ.
” އަން. މި ކާލަބަ ޕްލީސް. އަހަރެންނަށް ޔަޤީން އާޔާ ނުލާހިކު ބަނޑުހައިވާނެ. އަނެއްކާ ފީޑް ކުރާއިރު އީރާއަށްވެސް ވިސްނާލަންވާނެއެއްނު” ލައިތް ދިއްކޮށްލި ސޭންޑްވިޗްގައި ހިފީމެވެ. އަދި ކަރުނަތަށް ފޮހެލުމަށްފަހު ލަސްލަހުން ކާން ފެށީމެވެ.
(ނުނިމޭ)