Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން-31

SomeOne Level 210 Stories
April 1, 2021 5 Mins Read
0 Comments

މައިދައިތަ ގާތުގައި މަންމައާއި އަހަރެން މަޑުކުރީމެވެ.ބައްޕަ އާއި ބަފައިބެ ދިޔައީ އިޖާޒްގެ ކަށުކަމާ ކެމީގެ ކަންކަން ނިންމުމަށެވެ. އިޖާޒްގެ މަރުގެ ޚަބަރު ގާތްތިމާގެ މީހުންނަށް ދިނީ އަހަރެންގެ ބައްޕައެވެ.

” ރެލޭޓިވް އޮފް ނިޔުމާ” އެމެޖެންސީ ކޮޓަރި ދޮރުމައްޗަށް ނަރުހެއް ނުކުމެ އެހެން ގޮވާލުމުން މަންމަ އަހަރެންގެ ގައިގައި ކޮށްޓާލިއެވެ. ކިހިނެއްވީކަމެއް  ނޭނގި އިރުކޮޅަކު އިނުމަށްފަހު ހަދަން ވީ ގޮތް ސާފުވުމުން އެމެޖެންސީ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީމެވެ.

“މަގޭ ދަރިފުޅު! މަގޭ ދަރިފުޅު” އިޖާޒްގެ މަންމަ އަޑުން އަޑު ނަގާފައި ރޮނީއެވެ. އަހަރެންގޮސ އިޖާޒްގެ މަންމަ ކައިރީ އިށީނީމެވެ.

“މީންދީއެއްނު މަންމަ ގެ ދަރިފުޅު. ނުދަމޭ އެއްވެސްތާކަށް” މައިދައިތަ އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި ކުރިއަށްވުރެ ބާރަށް ރޯންފެށިއެވެ.

އިޖާޒްގެ ކަށުކަމާކެމީގެ ކަންކަން ނިމި މޫނު ދައްކަން ވެއްދުމުން އަހަރެމެން އެންމެން އެތަނަށްވަނީމެވެ. ހުދު ފޮށައަކުން ނިވާކޮށްފައި އޮތް އިރު އިޖާޒްގެ މޫނުވެސް ވަނީ ހުދުވެފައެވެ. އެތަށް އިރެއްވަންދެން އޭނާގެ މޫނަށް ބަލަހައްޓައިގެން އަހަރެން އިނީމެވެ އޭރު އީރާ މަތިންވެސް އަހަރެން ހަނދާނެއް ނެތެވެ. އަހަރެން މީހަކާއި ވާހަކަ ނުދައްކާ އިޖާޒް ގެ މޫނަށް ބަލަންއިންއިރުގައި ދެމީހުން ހޭދަކުރި މަދު އަހަރުތަށް އަހަރެންގެ މޫނުމަތިން ސިފަ ވަމުން ދިޔައެވެ. އިޖާޒް އަހަރެންނަށް ދިން ލޯތްބާ އަޅާލުމަކީ އަހަރެން އަބަދުގެ އަބަދަށްވެސް އިޖާޒްއަށް ޝުކުރުވެރިވާނޭ ކަންކަމެވެ. އަހަރެންގެ ބައްޕަ ގެ ފިރިހެންދަރިއެއްގެ ހުރިހާ ޒިންމާއެއް އިޖާޒް ނެގީ އެއްވެސް ތަކުލީފަކާއި ނުލައެވެ.

“އާޔާ! އޭ! ދަރިފުޅާ އާޔާ” ކުއްލިއަކަށް ޚިޔާލުތަކުން ބޭރުވެވުނީ ބައްޕަ އައިސް އަހަރެން މޫނުގައި މަޑުމަޑުން ތަޅަންފެށީމައެވެ.

“ކީކޭ ބައްޕާ” މަޑުމަޑުން އަހަރެންނަށް އަހާލެވުނެވެ. އޭރު އިޖާޒް ބައްޕަވެސް އަހަރެން ކައިރީ ހުއްޓެވެ.

“ފައިސަލް އާޔާ ބޭރަށް ނެރެން ވީނު. އަހަރެންނަށް ހިއެއް ނުވޭ އާޔާ ރަނގަޅުހެން. އިޖާޒް ނިޔާވި ޚަބަރު އިވުނީއްސުރެ އަނގައިން ނުބުނޭ. ނުވެސް ރޮއޭ.” އިޖާޒް ގެ ބައްޕަ ގެ އަޑުވެސް އަހަރެންނަށް އިވެނީ ފަނޑުކޮންނެވެ.

“އަހަރެން އޯކޭ” އިޚްތިޔާރަކާ ނުލާ އަހަރެންނަށް ބުނެވުނެވެ.

އިޖާޒްމޫނު އަޅާ ސަންދޯކަށް ލީތަންބަލަން ހުރި އިރުވެސް އަހަރެންގެ ލޮލަކުން އެންމެ ކަރުނަތިއްކެއްވެސް ނައެވެ. އިޖާޒްގެ މަންމަ އާއި ބައްޕަ ބާރުބާރަށް ރުއިއިރު އަހަރެންގެ މަންމަވެސް އީރާ ގައިގައި ބައްދައިގެން ރޮމުން ދިޔައެވެ. ނަމަވެސް އަހަރެން ހަމަ ކުރިންވެސް އިންގޮނޑީގައި އިށީނދެގެން އިނީމެވެ.

އިޖާޒްގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު ގެއަށް ގޮސް ބައްޕަމެން ބެލީ ޖެހިގެން އައި ދުވަހު މާލެދެވޭތޯއެވެ. އިތުރަށް އިންޑިޔާގައި މަޑުކުރާކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. އެކަމުގައި އަހަރެން އެއްވެސް ބަހެއް ނުކިއަމެވެ. ގެއަށް ގޮސްވެސް އެނދުގައި އޮށޯވެގެން އޮވެވުނީއެވެ. އީރާގެމަތިންވެސް އަހަރެން ހަނދާނެއް ނުވިއެވެ.

އަހަރެމެންނަށް ރާއްޖެ އާދެވުނީ ޖެހިގެން އައި ދުވަހުގެ ރެއެވެ. މާލޭގައި މަޑުނުކޮށް ހަމަ އެރޭގެ ފްލައިޓުން ރަށަށް ދިޔައީމެވެ. ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު ގެއްލިގެން ދިޔުން ވެގެންދިޔައީ މައިދައިތަ އާއި ބަފާބެއަށްވެސް ތަހައްމަލުކުރަން ދަތި ވޭނަކަށެވެ. ބަފާބެ ހިތްވަރުކޮށްފައި އުޅުނު ނަމަވެސް މައިދައިތަ ކަމަކީ ރުއިމެވެ. ކެއިން ބުއިންމަތިންވެސް އެންމެން ހަނދާންނެތިފައި ތިބި ކަހަލައެވެ. ރަށަށް ދެވުމާއިއެކުވެސް އީރާ ގޮވައިގެން ގެއަށް ވަދެ އީރާއަށް ކާންދީ ފެންވަރުވާ ހެދުމަށްފަހު ނިންދެވީމެވެ. އަދި އީރާ ކައިރީ އަރާ އޮށޯތީމެވެ. އޭރު އަހަރެންނަށް އެއްވެސް ވަރަކަށް ނުނިދޭތާ 3 ރޭ ވެދާނެއެވެ.

އަހަރެންގެ މަންމަ ކާން ތައްޔާރުކޮށް އަހަރެން ބަލާއައުމުން އެއްވެސް ޝަކުވާއެއް ނެތި ބަދިގެއަށް ދިޔައީމެވެ. އޭރު މައިދައިތައަށް ކާއެއްޗެއް ދެވޭތޯ ބަފައިބެ މަސައްކަތްކުރަމުންދެއެވެ. ރޮމުން ގިސްލަމުން ގަދަކަމުން ކާއެއްޗެހި ދިރުވަމުން ގެންދިޔައެވެ. އަހަރެންގޮސް މައިދައިތަ ބޮލުގައި ފިރުމާލުމަށްފަހު އެތާހުރި ޖޫސްތަށްޓެއް ބޯލައިގެން އެއްވެސް އެއްޗެއް ނުބުނެ އަލުން ކޮޓަރިއަށްވަދެ އެނދުގައި އޮށޯތީމެވެ.

ޖެހިގެން އައިދުވަހު އާދައިގެމަތިން ފަތިހު ތެދުވެ ބަދިގެއަށްވަދެ ސައި ތައްޔާރުކުރީމެވެ. އަދި ކޮޓަރިއަށްވަދެ އީރާ ނަގާ ރީތިކުރުމަށްފަހު ސައިދޭން ބަދިގެއަށްވަނީމެވެ. މަންމައާއި ބައްޕަވެސް ސައިބޯން ތިއްބެވެ. މަންމަގެ މޫނުމަތިން ކުޑަކޮށް ހަމޖެހުމުގެ އަސަރު ފެންނާން ހުއްޓެވެ. އީރާ ފެނުމާއިއެކު ބަފައިބެ އީރާއާއި ވާހަކަ ދައްކާލާ ސަކަރާތްޖަހާލިއެވެ.

“ދަރިފުޅާ ސައި ނުބޮނީ؟ ރޭގަ ވެސް ނުކަމެއްނު. ބަލާބަލަ ތިހިރަ ދެލޮލެއް. ނުވެސް ނިދަން ދޯ”  ނުނިދާ ހުރުމުގެ ސަބަބުން ދެލޯ ދުޅަވެލޯކައިރި ކަޅުވެފައި ވެއެވެ. ތުންފަތްވެސް ހިކިގެންގޮސް ފަޅަފަޅައިގެން ގޮސްފައި ހުރިކަން އަހަރެންނަށްވެސް ފާހަގަކުރެވުނެވެ.

“ނޫނޭ ބައްޕާ. ނިދާ ނިދާ ވަރުބަލިވެގެން މި ހޭލީވެސް ދޯ ދަރިފުޅު” އަހަރެން އީރާއަށް ކާންދޭން ފެށީމެވެ.

“އާޔާ. އިޖާޒްއެއީ މަންމަމެންގެ ފުރާނައިގެ އެއްބައި. މަންމަމެން ދުނިޔޭގަ ދިރިހުރިކަމުގެ ހަމައެކަނި ނިޝާން. އެކަމަކު މަންމަ ހިތްވަރުކޮށްފަ އެ ހިތާމައިން އަރައިގަންނަން މަސައްކަތް ކުރާއިރު ކީއްވެ ދަރިފުޅު ތިހެން ތިހަދަނީ” މައިދައިތަ ގޮނޑިން ތެދުވެގެން އައިސް އަހަރެން ބޯ މައިދައިތަގެ ބަނޑުގައި ޖެހޭ ގޮތަށް ބައްދާލިއެވެ.

“ތީ މަންމަ މެންނަށް ހީވާ އެއްޗެކޭ. އީރާ ނުނިދަ ބޮޑާހާކާފަ އުޅޭވަރުން ވަރުބަލިވެފަ ހުންނަނީ” އަހަރެން ހެދީ ކަނޑައެޅިގެން ދޮގެއްކަން މަންމަމެންނަށް އިނގޭނެއެވެ.

“ދަރިފުޅު ބޭނުންތައް ގެއަށް ބަދަލުވެލަން ދުވަސް ކޮޅަކަށް؟ މާހައުލު ބަދަލުކޮށްލާ ހިތްހަމަ ޖައްސާލަން” ދެންވެސް ވާހަކަ ދެއްކީ މައިދައިތައެވެ.

” އުނހު. އަހަރެން ރަނގަޅޭ! މިދަނީ އީރާ ނިންދަވަން” އީރާ އުރާލައިގެން އަހަރެން އނެބުރި ކޮޓަރިއަށްވަނީމެވެ.

އިޖާޒް ނިޔާވިތާ ހަފްތާއެއް ވީއިރު މައިދައިތަ އާއި ބަފާބެ ހަމައަކަށް އެޅިއްޖެއެވެ. ނަމަވެސް އަހަރެންގެ ހާލަތު ތަފާތެވެ. އިޖާޒްގެ މަރުގެ ޚަބަރު ލިބުނު ވަގުތުން ފެށިގެން އަހަރެންގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ނާދެއެވެ. މީހުންނާ ވާހަކަ ދައްކާ ހިތެއް ނުވެއެވެ. ކާހިތެއް ނުވެއެވެ. ނަމަވެސް ގޭތެރޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމެވެ. އީރާގެ ކަންކަންވެސް ކުރަމެވެ. ނުނިދާ ދެތިން ދުވަސް ވުމަށްފަހު ނިދި ޖެހެލެވޭއިރަށް އިޖާޒް ފެނެއެވެ. އެއާއިއެކު ނިދި ގެއްލެއެވެ. މިކަމާ އަހަރެންގެ އަދި އިޖާޒް ގެ ބައިންބަފައިން ކަންބޮޑުވާކަން އަހަރެންނަށް އެނގެއެވެ. ކިތަންމެ ފަހަރަކު އެ މަޝްވަރާކުރަނިކޮށް އަހަރެންނަށް އަޑު އިވުނެވެ.ކޮޓަރިން ނުނިކުންނާތީ ލައިތްވެސް ނުދެކެމެވެ.

އެއްދުވަހެއްގެ ހަވީރެވެ. އީރާ ގޮވައިގެން ބޭރަށް ނުކުމެލީ އީރާ ބޮޑާހާކާވަރުންނެވެ. ގޭގެ ސިޓިން ރޫމްއަށް ވަތްއިރު ހުރިހާ އެންމެންހެން ސިޓިންރޫމްގައި ތިއްބެވެ. އެންމެންވެސް ތިބީ ކޮންމެވެސް މަޝްވަރާއެއްކުރަންކަން އަހަރެންނަށް ޔަޤީންވިއެވެ. އަހަރެން ފެނުމާއިއެކު ލައިތް އައިސް އީރާ އުރާލައިގެން ބޭރަށް ނުކުތެވެ.

“އާޔާ ދަރިފުޅާ! އާދެބަލަ މިތާ އިށީންނަން” ކައިރީގައި ހުރި ގޮނޑިއަށް އިޝާރާތްކޮށް މައިދައިތް އިށީންނަން އެދުމުން އިސްޖަހައިގެން ހުރެ ގޮސް އިށީނީމެވެ.

“އިޖާޒް ވަކިވެދިޔުމަކީ މަންމަ އާއި ބައްޕައަށް ދިރިއުޅުމުގައި ކުރިމަތިވި އެންމެ ބޮޑު ހިތާމަ. މާދަމާ ލޯމަރާލިއަސް މަންމައާއި ބައްޕަ ދިރިއުޅުނު ކަމުގެ އެއްވެސް ނިޝާނެއް މިދުނިޔޭގައި ނުހުންނާނެ.އީރާ ނެތްނަމަ މަންމަމެންގެ ދަރިފަސްކޮޅު ނިމުމަކަށް އަންނާނެ. އެކަމަކު މަންމަވެސް ހިތްވަރުކޮށްފައި އެ ހިތާމައިން އަރައިގަނެވޭތޯ މި މަސައްކަތްކުރަނީ. ދަރިފުޅަށް ކުރާނޭ އަސަރުވެސް މަންމަޔަށް އިހްސާސްކުރެވޭ އެކަމަކު އީރާއަށްޓަކާވިއަސް ދަރިފުޅު އެބަޖެހޭ އެ ހިތާމައިން އަރައިގަންނަން މަސައްކަތްކުރަން” މައިދައިތަ ވާހަކަ ދައްކަމުން ދިޔައިރުވެސް ލޮލުން ކަރުނަ ފައިބައެވެ. މައިލަގޮނޑިއަށް ކުރާނޭ އިހްސާސް މިއަދު އަހަރެންނަށްވެސް އެނގެއެވެ. އެހެނީ މިއަދު އަހަރެންނަކީވެސް މަންމައެކެވެ. ދަރިއަކަށް ޓަކައި މަޔަކު ހިތުގައިވާ ލޯތްބަކީ މި ދުނިޔެމަތީގައި އެންމެ އަގުބޮޑު އެންމެ މާތް ލޯބިކަން ކަށަވަރެވެ.

“މަންމާ. އަހަރެން މަސައްކަތްކުރަމެއްނު.ނުވެސް ރޮމެއްނު. ހުރިހާކަމެއް ކުރަމެއްނު. އީރާއަށް އަޅާ ނުލެވޭތަ؟ ” އަހަރެން ވާހަކަ ދެއްކީ ކުށްވެރިއެއްހެން އިސްޖަހައިގެން އިނދެއެވެ.

“ތިޔޭ އާޔާގެ މައްސަލަ އަކީ. އެނގޭތަ އިޖާޒް ނިޔާވި ފަހުން އެހެން އެންމެން ރުއި އިރުވެސް އާޔާ ނުރޯކަން؟ އެއީ މައްސަލައެކޭ. ހިތުގަ ހުރި ހުރިހާ އުދާސްތައް ބޭރުކުރީމައޭ ތި ހިތަށް ލުޔެއްލިބޭނީ އާޔާ! ދަރިފުޅު ލޯގަނޑު ކުރިމައްޗަށް އަރާފަ އަމިއްލަ ސިފަ ބަލާލަބަލަ. މީން ދުވަހަކު ނުނިދާކަން ދުޅަވެފަ ތިހިރަ ލޮލުން އެނގޭ. ނުކައި ނުބޮއެ އުޅެ އުޅެ މީހާ ތިހިރަ ހިކި އަނަރޫފަ ވަނީ. އީރާވެސް ބޭރަށް ނެރެލަނީ ހާލަކުން ފަހަރަކު. އެކުއްޖާ ގޮވައިގެން އަބަދު ކޮޓަރީގަ ތި އޮންނަނީ. އާޔާ މުޅި އުމުރު ކިހިނެއް ތިހެން ހޭދަ ކުރާނީ؟ އާޔާ ތީ އަދި ޒުވާން ކުއްޖެކޭ.” މި ފަހަރު ވާހަކަ ދެއްކީ ބަފައިބެއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިގެން އިނީމެވެ.

” މަންމަމެންނަށް ފެންނަނީ ދުވަސްކޮޅަކަށް ދަރިފުޅު ގެއަށް ބަދަލުވާން. މިގޭގަ އެހެރަ ކޮޓަރި އެއީ ދަރިފުޅުގެ ކޮޓަރިއެއް. ބޭނުން އިރަކު ބޭނުން ދުވަހަކު އައިސް ދިރިއުޅެންވީ.މި ގެވެސް މީ އާޔާ އަދި އީރާގެ ގެއެއް.އާޔާތީ މަންމަ މެންގެ ދަރިއެއް.” މައިދައިތަ ގެ ޚިޔާލާއި އަހަރެންގެ ބައްޕަމެންވެސް ތާޢީދުކަން ހާމަކުރިއެވެ. “ބައްޕަމެންނަށްވެސް ހީވަނީ ދަރިފުޅު ކުޑަ ދުވަސްކޮޅަކަށް ގެއަށް ބަދަލުވާން ވީހެން. ކުޑަކޮށް ހަމޔަކަށް އެޅެލީމަ މިގެއަށް ބަދަލުވާނީ.”

“ހޫމް. މިދަނީ އީރާގެ އެއްޗެހި ބަލާ” އިތުރު އެއްޗެއް ނުބުނެ އަހަރެން ތެދުވެ ކޮޓަރިއަށް ހިނގައިގަތީމެވެ. އަދި ދަބަހަކަށް އަހަރެންގެ ދެތިން ހެދުމާއި އީރާގެ ބައެއް ސާމާނު އަޅައިގެން ދެ ބަސް ހިފައިގެން ނުކުމެ ގެއަށް ދާން ހިނގައިގަތީމެވެ. އޭރުވެސް ހުރިހާ އެންމެންވެސް ސިޓިން ރޫމްގައި ތިއްބެވެ.

އެއްވެސް މީހަކަށް ބަލާނުލާ ގޮސް ގެއަށްވަދެ ދަބަސް ކޮޓަރިއަށްލުމަށްފަހު އީރާބަލާ ބޭރަށް ނުކުމެލީމެވެ. ސިޓިން ރޫމްދޮރާއި އަރާ ހަމަވިތަނުން ބޭރުން މީހަކު ސަލާމްގޮވާލިއެވެ.

“އައްސަލާމް އަލައިކުމް” ބޭރުގައި ހުރީ ޕޮލިސް ޔުނީފޯމްއެއްލައިގެން ހުރި ދެ ޒުވާނުންނެވެ.

“ވަޢަލޭކުމުއްސަލާމް” އަހަރެން ސަލާމް ބަލައިގަތީމެވެ.

“އަޅުގަނޑު މާހިދު. މިހާރު ޕޮލިސް ސްޓޭޝަން އިންޗާޖް.” އެތަނުން އެއްޒުވާނަކު ތަޢާރަފްވެލިއެވެ.

“ވަދެ އިށީންނަވާ.” އެ ދެމީހުންވަދެ ސޯފާގައި އިށީންނުމުން އެބަ އަންނަން ކަމިގައި ބުނެ ބަދިގެއަށްވަދެ ދެ ފެންތަށި ގެނެސް ކުޑަ މޭޒުމަތީ ބަހައްޓާލީމެވެ.

“މި އައީ އާޔާ އާ ހަވާލު ކުރަން ޖެހޭ އެއްޗެހިތަކެއް ހުރީމަ.  އަން މީގައި އިޖާޒް ލޮކަރުގައި ހުރި އެއްޗެއްސާއި މޭޒުމަތީގައި ހުރި އެއްޗެހި ހުންނާނެ: ކުޑަ ފޮށިގަނޑެއް ދިއްކޮށްލަމުން މިހާދު ބުނެލިއެވެ. އޭގެ އިތުރުންވެސް އަތުގައި އޮތް ކުޑަދަބަހެއް ހުޅުވާލުމަށްފަހު ސިޓީ އުރައެއް ދިއްކޮށްލިއެވެ.

“މިއީ ޕޮލިސް ހެޑް ކުއާޓާޒްއިން ފޮނުވި ލިޔުންތަކެއް. މީގައި އިޖާޒްގެ ސެޓް ފިކެޓްތަކާއި ރޭންކް އަދި ކުލަ އޮންނާނެ. އޭގެ އިތުރުން އިޖާޒް ކޮށްދިން ޚިދުމަތް ފާހަގަކޮށް، އިޖާޒްގެ ބޭބީއަށް 18 އަހަރުވަންދެން ވަކި ޢަދަދަކަށް ފައިސާ ގެ އެހީދިމުނަށްވަނީ ހަމަޖައްސަވާފަ. އޭގެ ލިޔުންވެސް އޮންނާނެ. ދެންޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމިޝަނަރ އޮފް ޕޮލިސް  ދެއްވާ ޝަރަފުގެ ޚާއްސަ ލިޔުމެއް އޮންނާނެ. ބޭބީ ގޮވައިގެން ދާން އުނދަނގޫވެދާނެތީ މިތަކެތި ހަވާލު ކޮށްދޭން މިއައީ. ދެންދަނީ” ޝުކުރު އަދާކުރުމަށްފަހު އަހަރެން ގަދަ ކަމުން ހީލީމެވެ.

އެ ދެމީހުން ނުކުތްވަގުތަކީ ލައިތް އީރާ ގޮވައިގެން އައިސް ގެއަށް ވަތް ވަގުތެވެ.

“މި ފޮށި މައްޗަށް އަރުވާލަ ދީފާނަން؟” އީރާ އުރާލަމުން އެ ފޮށިގެންގޮސްދިނުމަށް އެދުނީމެވެ.

އީރާއަށް ކާންދީ ފެންވަރުވާ ނިންދެވުނުއިރު 8 ޖަހައިފިއެވެ.އާދައިގެމަތިން އީރާ އާއި އެކު އަހަރެންވެސް އޮށޯތީމެވެ. އީރާ ނިންދެވުމަށްފަހު އަހަރެން ބޭރަކަށް ނުދަމެވެ. ނަމަވެސް އެރޭ މަންމަ އާއި ބައްޕަ ކާން ބަލާ އައުމުން ކާ މޭޒުކައިރީ އިށީނދެ ތަށްޓަށް ބަތް އަޅާ ރިހަކޮޅެއް އަޅާލީމެވެ. އެންމެން އެކި ވާހަކަ ދައްކަމުން ދިޔައިރުވެސް އެ ވާހަކަތަކަށް އަހަރެން މާ ބޮޑު ސަމާލުކަމެއް ނުދެމެވެ. ކާޙިތްވެސް ނުވެފައި ހުރުމާއިއެކު ބަތްތަށި ހާވަން އިނދެފައި ގެންގޮސް ޑަސްބިންއަށް އަޅާލާ އަތް ދޮވެލީމެވެ. އަދި ކޮޓަރިއަށް ދިޔުމަށް ހިނގައިގަތީމެވެ.

“އާޔާ އުޅޭ ގޮތުން އަހަރެން ހާދަ ހިތަށް ތަދުވެޔޭ” ނުކުންނަން ދިޔަނަމަވެސް މަންމަ ގެ ބަސްތައް ކިތަންމެ ހާވެސް ރީއްޗަށް އަހަރެންނަށް އިވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

އަބަދުވެސް ލޯބިވާނަން 5

Next

އަންނަންދެން ހުންނާނަން ލޯބިން 28

Next
April 1, 2021

އަންނަންދެން ހުންނާނަން ލޯބިން 28

Previews
April 1, 2021

އަބަދުވެސް ލޯބިވާނަން 5



All Right Reserved!