
ނިކަން ލޯބިން -25
އިޖާޒް ޑޮކްޓަރަށް ދައްކަން ޖެހޭ ދުވަސް އައުމުން ޑޮކްޓަރަށް މާލެ ދިޔައީވެސް ދެމީހުން އެކުގައެވެ. އާ ވާހަކައެއް ނުބުނެއެވެ. ޤަވައިދުން ޑޮކްޓަރަށްދައްކަން ދިޔުމަށާއި ކައިރި މުސްތަގްބަލެއްގައި އޮޕަރޭޝަންއަށް ދާންޖެހޭނެކަމަށް ލަފާކުރެވޭތީ ތައްޔާޜުވުމަށް ބުންޏެވެ. އަދި އޮޕަރޭޝަންއަށް ދާންވުމުން ޑޮކްޓަރު ރިފަރަލް ލެޓަރ އަކާއި އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލްގެ ޕްރޮފެސަރަކާއި ވާހަކަ ދައްކާލާ އެޕޮއިންޓްމެންޓް ހަދާދޭނޭ ވާހަކަވެސް ބުންޏެވެ. އަދި އަހަރެމެންނަށް ދެވެންޏާ އޮޕަރޭޝަންގެ ކުރިންވެސް އެކޮޅަށް ގޮސް ޑޮކްޓަރަށް ދައްކާލުން ރަނގަޅުވާނޭ ކަމުގައި ޑޮކްޓަރު ބުންޏެވެ. އަހަރެމެން އައިސް އާއިލާއާއި ވާހަކަ ދައްކާލުމަށްފަހު މެޑިކަލް ލީވް އެއް ނަގައިގެން ދެތިން މަސްފަހުން އަހަރެންގެ ބައްޕަވެސް ގޮވައިގެން އިންޑިޔާއަށްދާންރޭވީމެވެ.
ހަޔާތުގެ ސޮފްހާތައް ގަނޑަކަށްފަހު ގަނޑެއް އުކެމުން ދިޔައީ ހަމަ ޖެހުމާއިއެކުގައެވެ. އަހަރެންގެ ހަޔާތަށް އިތުރު ބާބެއް އިތުރުކުރަން ޖެހޭކަމުގެ ސިގްނަލް އަހަރެންނަށް ލިލބުނެވެ. އަހަރެމެން ހަނީމޫން ދަތުރު ނިންމާ ރަށަށް އައިތާ ދެމަސް ދުވަސްފަހުން އަހަރެން އުނަގަނޑުގައި ރިއްސަންފެށިއެވެ. ބޮލަށްބަރުވުމާއި ފަތިހު ހޭލާގަޑީގައި މޭ ނުބައިކުރަންފެށިއެވެ. އެ ދަތުރަށްފަހު އަހަރެން ޕީރިއެޑްއެއް ނުވެއެވެ. އިޖާޒްއަށް އެކަން އެނގިގެން އެއްދުވަހަކު ޓެސްޓްކުރަންވެސް ބުންޏެވެ.ނަމަވެސް އަހަރެން ބަނޑު ބޮޑު ނޫންކަމުގައި ބުނެ ފަހުން ޑޮކްޓަރަށް ދައްކާލާނީއޭ ކިޔާ ހަމަޖައްސާލީމެވެ. އަހަރެންނަށް އިތުރު ކަންތައްތަކެއް ދިމާވާކަމެއް އިޖާޒް އަކަށް ނޭނގޭނެއެވެ. ނަމަވެސް އަހަރެންނަށްވެސް ޝައްކުވާތީ އެއްދުވަހަކު އޮފީސް ނިންމާލާފައި ގެއަށް އައިމަގުމަތީ ޓެސްޓްކިޓެއް ގަތީމެވެ.
އަހަރެން ބަނޑު ބޮޑުތޯ ޓެސްޓްކުރީ ޖެހިގެން އައިދުވަހުގެ ފަތިހު ފަތިސް ނަމާދަށް ތެދުވެފައެވެ. އިޖާޒް އޭރު ނިދާ ނުހޭލައެވެ. އަހަރެންނަށް ޓެސްޓްގެ ނަތީޖާ ފެނުމުން ހައިރާންނެއްނުވިއެވެ. ނަމަވެސް ތަފާތު އިހްސާސްއެއްކުރުވިއެވެ. މައިވަންތަކަމުގެ ޖަޒްބާތު ހިތުތެރޭގައި ހޭލިއެވެ. ކިޓުގައި އިން ދެ ރިނގުކޮޅަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އަހަރެންގެ ބަނޑުގައި އަތްހާކާލީމެވެ. ހަމަ އެވަގުތު ލައިތްއާއި އަހަރެން ކޮފީއެއްގައި ތިބިގެން ދިރިއުޅުން ޕްލޭން ކުރި ދުވަހަކު، އަހަރެންނާއި އިންނަގޮތަށް ކުއްޖަކު ހޯދާނޭކަމާއި އެއީ އަހަރެންކަހަލަ ލޯބިލޯބި އަންހެންކުއްޖެއްކަމުގައި ބުނި ހަނދާންވެސް ސިކުނޑީގައި އެނބުރިގަތެވެ. އަދި އެއީ “ބައްޕަ ގެ އަމަތުއްﷲ” ކަމުގައި ލައިތް ބުންޏެވެ. ނަމަވެސް އަހަރެން އެކަމާއި ދެކޮޅު ހެދީމެވެ. އަދި އަހަރެން ބޭނުމީ ފިރިހެން ކުއްޖެއްކަމުގައި އަހަރެން ބުނީމެވެ. ކިހާ ފޮނި ހަނދާންތަކެއްހެއްޔެވެ. ނަމަވެސް ތަޤްދީރުދެކިބަލާށެވެ. އަހަރެން ބަނޑުބޮޑެވެ. ލައިތްގެ ދަރިއެއް ނޫނެވެ. އަންހެން ނުވަތަ ފިރިހެން ކުއްޖެއްވިޔަސް އަހަރެންނަށް މައްސަލައެއްނެތެވެ. ޚިޔާލުތަކުން ބޭރުވެ ގޮސް ފަތިސް ނަމާދުކޮށްލައިގެން ﷲއަށް ޝުކުރުދެންނެވީމެވެ. އަދި ޝުކުރުގެ ސަޖިދައެއްވެސްކުރީމެވެ. އެއަށްފަހު ކިޓު ނަގާ ޓިޝޫއަކަށްލުމަށްފަހު “ފޯޔޫ” ޖަހައި އިޖާޒްއަށް ފެންނާނޭހެން ކޮފީ މެޝިންކައިރީ ބޭއްވީމެވެ. ހޭލާގޮތަށް ފާޚާނާއަށްވެސް ނުވަދެ އެންމެ ފުރަތަމަ އިޖާޒް ދާނީ ކޮފީ ބޯންކަން އަހަރެންނަށް އެނގެއެވެ. އެއަށްފަހު އަހަރެން ގޮސް އާދައިގެ މަތިން މައިދައިތަ އާއިއެކު ހެނދުނު ގެ ނާސްތާ ތައްޔާރުކުރުމަށް އުޅުނީމެވެ.
ރޮށި ފިހެ ނިންމުމަށްފަހު ފަތް މޮޑެން ހުނި ގާނަން މައިދައިތަ ހުއްޓެވެ. އަހަރެން ހުރީ ފަތްކޮށާށެވެ. ކުއްލިއަކަށް އިވުނީ އިޖާޒް އާޔާ އޭ ކިޔާ އަޑިގައި ނެތްތަނަށް ހަޅޭލަވަމުން އަންނައަޑެވެ.
” މިއޮއް ފަތިހާ ކޮންކަމެއް ލައިގަނެގެން ބާ އެ ހަޅޭލަވަނީ” މައިދައިތަ އެހެން ބުނެލުމަށްފަހު ހޭން ފެށިއެވެ.
އަހަރެންނަށް ކިތަންމެ ރަނގަޅަކަށްވެސް ވީގޮތެއް އެނގެއެވެ. ނަމަވެސް އަޅާ ނުލާ ހުއްޓާ އިޖާޒް ދުވަމުން ދުވަމުން އައިސް ބަދިގެއަށް ވަނެވެ. އަތުގައި ކިޓުއޮތެވެ.
“އާޔާ! މީ؟؟ އަސްލުތަ؟” އިޖާޒްގެ އަޑުގައި އާދަޔާ ޚިލާފް ފޯރިއެއްހުއްޓެވެ. ނިދަން ލީ ސޯޓާއިއެކު ދަތްވެސް ނޫނގުޅަ ހުރި ގޮތް ފެނިފައި އަހަރެންވެސް ހިނިއައެވެ. ނަމަވެސް އަނގައިން ނުބުނެހުރީމެވެ.
“ބުނެބަލަ ދެން. މީ ޕޮޒިޓިވްތަ؟” އިޖާޒް މި ފަހަރަކު ވާހަކަ ދެއްކީ އަހަރެން ކޮނޑުގައި ހިފާ އޭނާއާއި ދިމާއަށް އަނބުރާލާފައެވެ.
“ކޯންޗެއް ޕޮޒިޓިވް؟ ކިހިނެއް ވީ؟ އާޔާ އަނެއްކާ…؟ މައިދައިތައަށްވެސް ބަހެއް ނުކިޔަ ނީނދެވުނެވެ.
” ހޫމްމްމް” އަހަރެން މަޑުމަޑުން ހޫމް އަޅުވާލުމާއިއެކު އިޖާޒް އަހަރެން އަތުގައި އޮތް ވަޅިއަތުލާ އަހަރެން އުރާލިއެވެ. މައިދައިތަވެސް ގާނަންހުރި ކާށި ބާއްވާފައި އައިސް އަހަރެން ކައިރިއަށް ހުއްޓުނެވެ.
“ދަރިފުޅާ!! އަސްލުވެސްތަ؟ މަންމަ މާމައަކަށް ވަނީތަ؟” އެހެން ބުނުމާއިއެކު ހަޅޭއްލަވައިގަތެވެ.” ހުސެން! ހުސެން” ބަފައިބެވެސް އަވަސްއަވަހަށް ދުވެފައި އައީ ކިހިނެއްވީހެއްޔޭ އަހަމުންނެވެ. އޭރު ކިޔަވަންއިން ޚަތިމުވެސް އަތުގައި އޮތެވެ.
“އާޔާ ބަނޑުބޮޑު. އަހަރެންނަށް މާމަ ދަރިއަކު ލިބެނީ” އެހެން ބުނެވުމާއިއެކު މައިދައިތައަށް ރޮވުނެވެ.
“އަލްހަމްދުލިﷲ” ބަފައިބެވެސް އައިސް އަހަރެން ގައިގައި ބައްދާލިއެވެ. “ދަރިފުޅު މަންމަ މެންކައިރީ ބުނެފިންތަ؟”
“އުނހު. ދެންމެ ބެލީ” އަހަރެންގެ ވާހަކަ ނުނިމެނީ މަންމަ ބޭރަށް ދުއްވައިގަތެވެ.
“އަންނާނަން އާޔާ މަންމަ ގޮވައިގެން” މީހަކު އެއްޗެއް ބުނާނެ ފުރުސަތެއް ވެސް ނުދީ މައިދައިތަ ދުވެފައި ބޭރަށް ނުކުތެވެ.
“ދަރިފުޅު މިއަދު ވާނެ އާޔާ ގޮވައިގެން ކުޅުދުއްފުށްޓަށް ޑޮކްޓަރަށް ދައްކާލަން ދާން. ސްކޭންވެސް ކޮށްލަން ޖެހޭނެއެއްނު. ބައްޕަ ދަތުރު ހަމަޖައްސާ ޑޮކްޓަރު އެޕޮއިންޓްމެންޓްކަންކަން ރެޑީކޮށްފަ ގުޅާނަން” ބައްޕަ ވާހަކަ ނުނިމެނީ ދެން ފެނުނީ އަހަރެންގެ މަންމަ އާއި ބައްޕަ ބާރުލާފައި ގެއަށް ވަތްތަނެވެ.
” ނިއުމާ ކިހިނެއްތަވީ؟” މައިދައިތަ ފަހަތުން ވަދެގެން އަންނަމުން މަންމަ އެހިއެވެ.
“އައިސްބަލަ! އެތެރެއަށް” މައިދައިތަގެ ޖަވާބު ކިތަންމެހާވެސް ކުރެވެ.
” ކިހިނެއްވީ މިއޮއް ހެނދުނާ އެންމެން ބަދިގޭގަ ތިތިބީ؟” މަންމަމެން އައިއިރުވެސް އަހަރެމެން ތިބީ ބަދިގޭގައެވެ.
އަހަރެންގެ މަންމަ އާއި ބައްޕަގެ މޫނުމަތިންވެސް ފެންނަނީ ހައިރާންކަމެވެ.
“ތެދޭ ދަރިފުޅާ އިޖާޒް؟ ކަމެއް ގޯސްވީތަ” އަހަރެންގެ ބައްޕަ ވާހަކަ ދެއްކީ އިޖާޒް އާއެވެ.
“އާނ ފައިސަލް! ވަރަށް ގޯސްވެއްޖެ! ކަންތައްތައް އަތްނުޖެހޭހާ ގޯސްވެއްޖެ” އަހަރެންގެ ބައްޕަ ހައިރާންވެފައި ހުރުމާއިއެކު އިޖާޒް ބައްޕަވެސް ބެލީ އެމީހުން އިތުރަށް ހާސްކޮށްލުވޭތޯއެވެ. އަހަރެމެން އެއްވެސް އެއްޗެއް ނުބުނެ ތިބީމެވެ.
“ކިހިނެއްވީ؟ އާޔާ ދަރިފުޅާ ބުނެބަލަ؟” އެންމެ ފަހުން ބައްޕަ އަހަރެން އަތުގައި ހިފާލިއެވެ.
“މި ވީ ގޮތް އަހަރެން ބުނެފާނަން. ނުވަމަސްފަހުން މިގެއަށް މެހެމާނަކު އަންނަނީ. މަރުހަބާ ކިޔަން އެންމެން ތައްޔާރުވާންވީ” ބަފައިބެގެ އަޑުގައިވެސް އިންތިހާ އުފާވެރިކަން ފާޅުވެއެވެ.
“ކީކޭ؟ ދަރިފުޅާ؟ ބަނޑުބޮޑީތަ؟ މަންމަ ކުރިއަށް އައިސް އަހަރެން ބަނޑުގައި އަތްހާކާލީއެވެ. އަހަރެން ހޫމްއޭބުނެލީމެވެ. އަހަރެންގެ ބައްޕަ އާއި އިޖާޒްގެ ބައްޕަ ބައްދާލީ އެކަކު އަނެކަކަށް މަރުހަބާ ކިޔަމުންނެވެ. އިޖާޒް ބާކީވެފައި ބަލަން ހުރިއިރު މައިދައިތަ އާއި މަންމަ އަހަރެން ގައިގަ ބައްދަނީއެވެ. އަހަރެން އިޖާޒް އާއިދިމާއަށް ހިނިތުންވެލީމެވެ. އޭނާ ތުންއަނބުރާލީ އެންމެން އަހަރެން ގައިގައި އޮޅުލާތަން ބަލަން ދުރުގައި ހުންނަން ޖެހުމުންނެވެ.
“ދަރިފުޅު ނުވާނެ ދެން ބަދިގެއަށް ވަދެގެން. ގުދުވެގެން އެއްވެސް ކަމެއް ނުކުރާތި. ފުރަތަމަ 3 މަސް ޖެހޭނެ އަރާމް ކުރަން” މަންމަ އަހަރެން ކޮނޑުގައި ފިރުމަމުން ނަސޭހަތް ދިނެވެ.
“ތެދެއް ދަރިފުޅާ ރަނގަޅަށް ކާންވާނެ. މޭވާ ކާންވާނެ ވަރަށް ގިނައިން. ދަރިފުޅުކާން ބޭނުންވާ އެއްޗެއް ބުނޭ އޭރުން ބައްޕަ ގެނެސްދޭނަން” ބައްޕަވެސް މަންމަދޭންފެށި ނަސޭހަތުގައި ހިފާލިއެވެ.
“ދެންދޭ އަވަހަށް ޖައްސާލަން. މަންމަ ސައިހަދާފަ ގޮވާނަން.” މައިދައިތަ އަހަރެން ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
“މަންމަވެސް އަންނާނަން ފަހުން. މިއައި ރޮށިފިހެން ހުރެފަ އުނދުން ނިއްވާލާފަ” މަންމަ އާއި ބައްޕަ ނުކުންނަން ހިނގައިގަތުމުން އަހަރެން އިޖާޒްގެ ފަހަތުން ކޮޓަރިއަށް ދިޔައީމެވެ.
ކޮޓަރިއަށްވަދެ ތަޅުލުމާއިއެކު އިޖާޒް ތިރިވެ އަހަރެންގެ ބަނޑުގައި ބައްދާލާ ބޮސްދިނެވެ.
“ދަރިފުޅާ! ބައްޕަގެ ފުރާނަ ! މަންމައަށް އުނދަގޫ ނުކުރައްޗޭ އެހާ ބޮޑަށް. އަވަހަށް ބޮޑުވެގެން ނުކުމޭ” އިޖާޒް ހުރީ ހަމަ ހަޤީގަތުގައިވެސް ވަރަށް އުފާވެފައެވެ.
“އާޔާ ތެންކިޔު! އެނގޭ އަސްލު އާޔާ އަހަރެންދެކެ ލޯބިން ނޫންކަން އިނީ. އެކަމަކުވެސް އަހަރެންނަށް ދުނިޔެމަތިން ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ ތިދިނީ އާޔާ! ދެން ދުވަހަކުވެސް ނާހާނަން އަހަރެން ދެކެ ލޯބިވޭހޭ. ހުރިހާ ގުޅުމަކީ ލޯބީގެ ބަގީޗާތަކުގަ އާލާވާ ގުޅުން ތަކެއް ނޫންކަން އަހަރެންނަށް ވިސްނިއްޖެ. ބައެއް ގުޅުންތަކަކީ އިހްތިރާމާ އަޅާލުމުންވެސް ކުރިއަށް ދެވިދާނެ ގުޅުންތަކެއް. އެކަމަކުވެސް އާޔާ އިސްވެ އަހަރެންދެކެ ލޯބިވެވިއްޖެޔޭ ބުނާ ދުވަހަކަށް އިންތިޒާރުކުރާނަން. އެދުވަސް ނަޔަސް ޝަކުވާއެއްނެތް. އަހަރެން ނިކަން ލޯބިވޭ” އިޖާޒް ވާހަކަ ދެއްކީ އަހަރެން ބަނޑުގައި ބައްދާލައިގެން ހުރެއެވެ.
“އަހަރެން އިޖާޒްއަކަށް ހުވަފެންތަކެއް ދައްކާކަށްނެތިން. ތިއީ ހެޔޮ ވިސްނޭ ހުލްގު ހެޔޮ މީހެއް. އަހަރެން އިޖާޒްއާއި އިނީ ލޯބިން ނޫންކަމަށް ވިޔަސް އަހަރެންގެ ބަނޑުގައި މިއޮތީ އަހަރެންނާ އިޖާޒް މުޅި އުމުރަށްވެސް ގުޅުވަދޭނޭ ނިޝާން.އަހަރެންނަށް އިތުބާރުކުރާތި. އެހެން މީހެއްދެކެ ލޯބިވެވުނީއޭ ކިޔާފަ އިޖާޒް ދޫކޮށްފަ އަހަރެންނުދާނަން. ވެދާނެ އަހަރެންނަށް އަދި އިހްސާސްތަށް ވަކިކުރަން ނޭނގެނީކަމަށްވެސް. ” އަހަރެން ފާޅުކުރީ ތެދު ހަޤީގަތެވެ.
ލައިތްނޫން މީހަކަށް އަހަރެންގެ ހިތް ދެވިދާނެހެން އަހަރެންނަށް ހިއެއްނުވެއެވެ. އިޖާޒް މިހާ ރަނގަޅު އިރުވެސް އަހަރެންނަށް ލައިތްމަތިން ހަނދާން ނައްތައެއް ނުލެވެއެވެ. އެކަނި ވާ ވަގުތެއްގައި ވިއްޔާ ވަރަށް ހަނދާންވެއެވެ. ލައިތްއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ދެރަވެސް ވެއެވެ. ނަމަވެސް އަހަރެން އިޖާޒްއަށް ދެރައެއްނުދޭނަމެވެ. އަދި އަމުދުން މިހާރު ލައިތް އަޔަސް އަހަރެންދެން ލައިތް ކައިރަށް އެނބުރި ނުދާނަމެވެ. އެއީ އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ އެންމެ ފުރިހަމަ ލޯބި ދޭން ބޭނުންވާތީއެވެ.
އަހަރެން ބަލިވެ އިން ވާހަކަ ދޮންދައްތައަށް ވެސް ގުޅާ ބުނީމެވެ. އެންމެންނަށް ހީވީ ޢީދު އައިސްގެން އުޅެންފެށިހެންނެވެ. އަހަރެމެން ކޮޓަރިތެރެ ރީ ސްޓަކްޗަރކޮށް ބޭބީ ކޯނާ އެއް ހަދަން ފެށުނެވެ. އަލަމާރިން މޭވާ ހުސްވާ ވަގުތެއް ނާދެއެވެ. މަންމަ ނުވަތަ މައިދައިތަ އަބަދުވެސް ކޮންމެސް ކާ އެއްޗެއް ހަދައިގެން އާދެއެވެ. އަތުން ފައިން އެއްވެސް ކަމެއް ކުރިއަ ނުދެއެވެ. މައިދައިތަ އައިސް އަބަދުވެސް ފައިމޮޑެދީ ހަދައެވެ. އިޖާޒްވެސް އަބަދުވެސް ކޮންމެވެސް އެއްޗެއް އަހަރެންނަށް ކާންދެވޭތޯ އުޅެއެވެ. އަހަރެން ހޮޑުލާންފެށިއަސް ފެންފުޅި ހިފައިގެން ކައިރީގައި ހުރެއެވެ. ބައްޕަމެންގެ ހާލަކީތޯއެވެ. ލިބެން އުޅޭ ކާފަ ދަރިފުޅަށް ވަޑިއަކު ލައްވާ ކުޑަ އެނދެއް ޖަހަން ދިނެވެ. ބޭބީ އަށް ބޭނުންވާނެ ހުރިހާ ފަރުނީޗަރެއް ޖެހުމަށް ނިންމީ ރަށުގައި ހުރި މާވަޑި ލައްވައެވެ. އަހަރެން ބަލިވެއިން ދުވަސްތަކަކީ އަހަރެން ދެކެ އާއިލާ އެންމެންވެސް ވާ ލޯބި އިހުނަށްވުރެ އިތުރުވި ދުވަސްތަކެކެވެ. އަހަރެމެންގެ ކައިވެންޏަށް އެއް އަހަރު ފުރުނިއިރު އަހަރެންގެ ބަނޑަށް 3 މަސް ވެއްޖެއެވެ.
އިޖާޒް ޑޮކްޓަރަށް ދައްކަން އިންޑިޔާއަށް ދާން ޖެހުނީ އަހަރެން ބަނޑަށް 7 މަސްވެފައި ހުއްޓައެވެ. އެހެންކަމުން އަހަރެންނަށް ދަތުރު ނުކުރެވޭނޭތީ އިޖާޒް އާއިއެކު ދާން ނިންމީ އަހަރެންގެ ބައްޕައެވެ. އަހަރެން ވިޔަފާރީގެ ކަންކަން ބަލަހައްޓައިދޭން އެއްބަސްވީމެވެ. މަންމަ އެކަނި ގޭގައި އުޅޭތީ އަހަރެން ގިނަ ވަގުތު ގޭގައި މަންމަ ކައިރީ ހޭދަކުރީމެވެ. އިޖާޒް ނެތަސް އަހަރެންނަށް ބޭނުންވާ ހުރިހާކަމެއް އިޖާޒްގެ މައިންބަފައިން ކޮށްދެއެވެ. އެމީހުން އިންޑިޔާއަށް ދިޔަތާ 5 ދުވަސްތެރޭ އެނބުރި އައެވެ. އަދި 6 މަސްފަހުން އަލުން ޑޮކްޓަރަށް ދައްކަން ދާންޖެހޭކަމާއި ހުރިހާކަމެއްވެސް ރަނގަޅުކަމުގައި ބުންޏެވެ. ބައްޕަ އާއި އިޖާޒް އިންޑިޔާއިން އައީ ދަރިފުޅަށް ބޭނުންވާނޭ ވަރަށް ގިނަ ސާމާނު ހިފައިގެންނެވެ. އަހަރެމެން ދަރިފުޅުގެ ޖިންސް ބަލަން ބޭނުން ނުވުމާއިއެކު ކޮންމެ ކަހަލަ ކުއްޖެއް ލިބުނަސް ބޭނުންކުރެވޭނޭ ގިނަ ކުޅޭ އެއްޗެއްސާއި ހެދުން ގެނެސްފައި ހުއްޓެވެ.
އަހަރެން ވިހަންދާން ގަސްތުކުރީ މާލެއަށެވެ. އަލަތު ދަރިފުޅުކަމަށް ވުމާއިއެކު ރަށުގައި އެދެވޭ ފެންވަރުގެ ވަސީލަތްތައް ނުހުންނާތީ ދެ މީހުންގެ މައިން ބަފައިންވެސް ބޭނުންވީ މާލެ ފޮނުވާށެވެ. އަހަރެންގެ ލޭގެ ގުރޫޕަކީވެސް އޯ ނެގެޓިވް ކަމުން ލޭ އަޅަން ޖެހޭފަދަ ހާލަތެއް އައިސްފިނަމަ އެކަންވެސް ރަށުން ނުވާނެއެވެ. ދުވަސް ފުރުމުގެ 2 ހަފްތާކުރިން އަހަރެންނާއި އިޖާޒް އަދި މައިދައިތަ މާލެ ދިޔައީމެވެ. އަހަރެންގެ މައިންބަފައިންނާއި އިޖާޒް ގެ ބައްޕަ މާލެ ދިޔުމަށް ހަމަޖެއްސީ އަހަރެން ވިހާ ދުވަހުއެވެ.
(ނުނިމޭ)