” ބިޓެއް ފެނޭތޯ ބަލާބަލަ ކަލޭ.. ނުލާހިކު ސަޅި ކުދިން އެބަ އުޅޭ.. ” މަޔާން ރާއިލް ކޮނޑުގައި ޖަހާލިއެވެ.” އަމިއްލަ އަށް ހޯދަބެ… ” ރާއިލް މަޔާން ބޮލުގައި ޖަހާލިއެވެ.” ނޫނޭ.. އިލޫ މިހުރީނު މަ ކައިރީ.. ދެން އިތުުރު ކާކު ހުންނާނީ.. ” މަޔާން އިލްޔާ ކޮނޑަށް އަތް ވައްޓާލަމުން ހިނިގަނޑެއް ޖަހާލިއެވެ.” ޕިސް ޕިސް ޕިސް… ދެރަ ކަމެކޭދޯ.. ” އިލްޔާ ބޯ ހޫރާލިއެވެ.

– ނުނިމޭ –

 

**7 ވަނަ ޕާޓު**

 

 

މަޔާން މަގު މަތިން ދަމުން ފަހަރަކު އަންހެން ކުއްޖެއް ރާއިލް އަށް ދައްކަމުން ދިޔައެވެ. ރާއިލް ހުރީ ރުޅިއައިސްފަ އެވެ.” ކަލޭ މޮޔަ ވީތަ.. ” އެންމެ ފަހުން ރާއިލް މަޔާން ގައިގައި ޖެހިއެވެ.” އާނ.. މޮޔަ ވެސް ވާނެ ދޯ.. ” މަޔާން ވެސް ހަމަ ރާއިލް ބުނި ރާގުގައި ބުންޏެވެ. އިލްޔާ އެމީހުންގެ ކޯޅުންތަކަށް ހެމުން ދަނިކޮށް މީހެއް ގައިގައި ޖެހިފައި ވެއްޓެން ދިޔައެވެ.

 

ނަމަވެސް މީހަކު ހިފެހެއްޓުމުން އިލްޔާ އަށް ލޯ ހުޅުވާލެވުނެވެ. ކުރިމަތީގައި ހުރީ ނުވެސް ދަންނަ ޒުވާނެކެވެ.” ސޮރީ.. ” އެ ޒުވާނާ މާފަށް އެދުނެވެ. އެ ތަން ފެނުމުން މަޔާންގެ ހިތަށް ފާޑެއްގެ ގޮތެއް ވިއެވެ. ނަމަވެސް ކެތް ކޮށްލައިގެން ހުރީ މީ މަގު މަގުމަތި ވީމައެވެ.” އިޓްސް އޯކޭ.. ” އިލްޔާ މަޑު މައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ.” ދެން ފަހަރަކުން ވެސް ބަލައިގެން އުޅޭއްޗެ.. ” މަޔާން ހިތްހަމަ ނުޖެހިފައި ބުންޏެވެ.” ޔާން.. ތި ދެން ކޮން ކަމެއް.. އޭނަ ސޮރީ ބުނެފިނުން.. ” އިލްޔާ މަޔާން އަތުގައި ކޮއްޓާލަމުން ބުންޏެވެ. އެމީހާ ކޮނޑު އަރުވާލާފައި ދިޔައެވެ.

 

މުޅި ރަށުގައި ހިނގި އިރު ވެސް ރާއިލްއަށް ކަމުދާ އަންހެން ކުއްޖަކު ފެންނަވަރެއް ނުވިއެވެ.” ކަލޯ މަ ވަރުބަލި ވެއްޖެ… ދެން ދާންވީ ގޭގެއަށް ވަދެ ސަލާންޖަހަން.. ” މަޔާން ރާއިލް ކޮނޑުގައި އަތް ބާއްވާލިއެވެ.” ނޫން މަ ހޯދާ ފާނަމޭ އަމިއްލަ އަށް ވެސް.. ” ރާއިލް ފޫހި ރާގަކަށް ވާހަކަ ދެއްކި އެވެ. ” އޯކެއި.. ހިނގާ ގެއަށް ދާން.. ވަރު ބަލި ވެއްޖެއޭ.. ” މަޔާން އިލްޔާ އާއި ދިމަ ބަލާލިއެވެ.” މަށާ ދިމަ ބަލާނެ ކަމެއް ނެތޭ.. ” އިލްޔާ ތުން ދަމާލިއެވެ. އެއީ އިލްޔާ އަބަދުހެން ވާހަކަ ދައްކާގޮތް ނަމަވެސް މިފަހަރު މަޔާން ނުލާހިކު ދެރަވިއެވެ. އެކަން ނުދައްކާ މަޔާން ދޫ ނެރެލާފައި ގެއަށް ދާން ހިނގައިގަތެވެ.

 

ގެއަށް ގޮސް މެންދުރު ނަމާދު ކޮށްލައިގެން އިލްޔާ ގޮތުގައި ގޭތެރެއަށް ނުކުތެވެ.” އިލޫ ދޭބަލަ މަޔާން ގޮވައިގެން އަންނަން.. ” ރާއިލް ސީރިއަސް ރާގެއްގައި ބުންޏެވެ. އިލްޔާ ދުވެފައި ގޮސް މަޔާންމެން ނިދާ ކޮޓަރި ދޮރުގައި ބާރު ބާރަށް ޖަހަން ފެށިއެވެ.” އޯއިކޭ !! ކިހިނެއްހޭ ވީ!! ” މަޔާން ނިކުމެފައި އެހިއެވެ.” ރާއިލްބެ އެބަ ގޮވާ !! ” މަޔާން ބުނި ރާގުގައި އިލްޔާ ވެސް ބުންޏެވެ. މަޔާން ލޯ އަޅާލާފައި ސިޓިންރޫމަށް ނިކުތެވެ. އޭރު ރާއިލް އެވަރުގެ އަންހެން ކުއްޖެއް ގޮވައިގެން އިނެވެ.” ބްރޯ.. މީ މަގޭ ގާރލް ފެރެންޑް ހިޝާ.. ހިޝް.. މީ މަގޭ އެއްބަނޑު އެއްބަފާ ކޮއްކޮ މަޔާން.. އެންޑް މިހުރީ މަޔާންގެ ބެސްޓް ފްރެންޑް އިލްޔާ..” ރާއިލް އެންމެން ތައާރަފް ކޮށްދިނެވެ.

 

 

” ނައިސް ޓު މީޓް ޔޫ އޯލް.. ” ހިޝާ ހިނިތުންވެލިއެވެ.” އޯކޭ… އޭ ދަނީ އޭ.. ” ރާއިލް މަޔާން ކޮނޑުގައި ޖަހާލާފައި ގެއިން ނުކުތެވެ.” އެދިޔައީ މާފޮޅުވަން ” އިލްޔާ މަޔާން އާއި ދިމާއަށް ބުންޏެވެ.” ދެން އިލޫ ވެސް ދާންވީނު މީހަކާ އެއްކޮށް މާ ފޮޅުވަން.. ” މަޔާން ހީލަމުން ބުންޏެވެ. އިލްޔާ ރުޅި އައިސްފައި ވަނީ ކޮޓަރިއަށެވެ. މަޔާން އަށް ހިނިތުންވެވުނެވެ. އަދި ހިތްހަމަ ޖެހިލައިގެން ގެއިން ނިކުތީ ފޫހިވާތީ އެވެ.

 

އިލްޔާ ކޮޓަރިއަށް ވަދެފައި އެނދުގައި އޮށޯތީއެވެ. ކުރާނެ މާ ބޮޑު ކަމެއްވެސް އޮތީކީ ނޫނެވެ. އިލްޔާ އެރަށަށް އެ އައީ މަޔާން ލީޝާގެ ހަނދާން ތަކުން ދުރުވޭތޯ އެވެ. މި ވީ ގޮތުން ރާއިލް އާއި ހިޝާގެ ކައިވެނިވެސް ކުރަން ޖެހެއެވެ. އެކި ހިޔާލުތަކުގައި އޮއްވައި ކުއްލިއަކަށް ޔާނީ މެންގެ ހިޔާލުތައް ސިކުނޑި ވަށާލިއެވެ.” އެބުނާ ހިލްޔާ އަކާ ހަމަ އަހަރެން އެހާ ވައްތަރީތަ… ވެދާނެ ދޯ އޮޅުނީ ކަމަށް ވެސް… އެކަމު ކޮންމެސް ކަމެއް ވީމަ ދޯ އެމީހުން މާ ގާތްކޮށް އެ ވާހަކަ ދެއްކީ.. ” އިލްޔާ ވިސްނަމުން ދިޔައެވެ.

 

ވިސްނާ ވިސްނާ ބޮލަށް ތަދުވިއިރު ވެސް އެއީ ކޮން ބައެއް ކަމެއް ނޭނގުނެވެ. ވިސްނަން އޮއްވައި އަސުރު ނަމާދަށް ގޮވާ އަޑު އިވުނެވެ. އަވަހަށް ތެދުވެ ނަމާދު ކޮށްގެން ފެންވަރާލިއެވެ. އަދި ކަޅު ކުލައިގެ ކަކުލާ ހަމައަށް އަންނަ ހެދުމަކާއި ކަނޑު ނޫކުލައިގެ ޝޯލް އެއް އެޅިއެވެ. އަދި ކަޅުކުލައިގެ ޖީންސް އެއް ލުމަށްފަހު ކޮޓަރިން ނިކުތެވެ. އޭރު މަޔާން ސޯފާއަށް ވެއްޓިގަނެގެން އޮތެވެ.” ހާދަ ފޫއްސޭ އަޅެ.. ކުރާނެ ކަމެއް ބުނެބަލަ..” މަޔާން ތެދުވަމުން ބުންޏެވެ.” ހިނގާބަ ބީޗަށް ދާން.. ވާހަކަ އެއް ދައްކާލަން.. ” އިލްޔާ އެދުނެވެ. މަޔާން ދެކޮޅު ހެދުމެއްނެތި ހިލްޔާ ގޮވައިގެން ގެއިން ނިކުތެވެ.

 

” ކޮން ވާހަކަ އެއް ދައްކަން… ” މަޔާން ވެލިގަނޑު މަތީގައި އިށީންނަމުން ބުންޏެވެ. އިލްޔާ ވެސް މަޔާން ކައިރީގައި އިށީނެވެ.” ޔާން އަށް ހީވޭތަ މިރަށުގަ އިލޫ އާ ވައްތަރު އެހެން ކުއްޖެއް އުޅޭހެން.. ” އިލްޔާ އަހާލިއެވެ.

” ނޯ.. ކިހިނެއްވެ ތިހެން ތި އެހީ.. ” މަޔާން ވިސްނާލިއެވެ.” އިއްޔަ… އަހަރެމެން ފޭބި ތަނުން އަހަރެމެން ވަރު ބަޔަކު އައިސް ކިޔެއްނު މީ ހިލްޔާ އެކޭ ކިޔައިގެން… އިލޫ އަށް ހީވަނީ އެހާ ވައްތަރު ނޫނިއްޔާ އެހެން ނޯޅޭނެ ހެން.. ” އިލްޔާ ވެއްޔާ ކުޅެމުން ބުންޏެވެ. މަޔާން ވެސް ރަނގަޅަށް ވިސްނާލިއެވެ.” އޯހ.. އާނ.. އެކަމް ހަމަ އެހާ ވައްތަރު ވާނެތަ.. ” މަޔާން ބުމަ އަރުވާލިއެވެ.” އައި ޑޯންޓް ނޯ…. އެންޑް ކަމެއް ކޮއްދީބަ.. ” އިލްޔާ ކަނދުރާގައި އަތް ބާއްވާލަމުން ބުންޏެވެ. މަޔާން ކޮން ކަމެއްތޯ އަހާލިއެވެ. ” މިރަށުގައި އިލޫ އާ ވައްތަރު ކުއްޖަކު އުޅޭތޯ ބަލާލަދީބަ.. އޯކޭ ރާއިލްބެ ކައިރީ ބުނެގެން ބެލިޔަސް… ” އިލްޔާ ބުންޏެވެ.

 

” އޯކޭ.. މާދަން ތިކަމާ ނިކުންނާނަން.. ” މަޔާން ހީލިއެވެ. އޭރު ޔާނީ މެން ހިލްޔާ ގޮވައިގެން އެ ދިމާއަށް އަންނަނީއެވެ. އެވަގުތު އިލްޔާ މަޔާން އާއި އެކު ތެދުވެ ހިނގައިގަތެވެ. ޔާނީ މެން ވެސް އައިސް ރާޅުޖަހާ ހިސާބުގައި އިށީނދެލިއެވެ. އެވަގުތު އައިހާ އެއްލި ކަޅިއަކުން އެދެމީހުން ފެނުނެވެ. ނަމަވެސް ފަސްދީ ދަނިކޮންނެވެ.” އޭއި ހިލޫ.. ބަލާބަލަ… އެހުރީ ހިލޫ އާއި އެއްކޮށް އެދުވަހު ހުރީ ބޯއި ކަންނޭނގެ.. ދެން ނޭންގެ ކައިރީގަ އެހުރި މީހެއް.. ” އިލްޔާ ފުރަގަސް ދީގެން ހުރުމުން އިލްޔާ ފާހަަގަ ކުރަން އައިހާ އަކަށް ނޭނގުނެވެ. ނިހާ އާއި ހިލްޔާ އަދި ޔާނީ ވެސް އެދިމާ ބަލާލިއެވެ.

” މަށާ އެއްކޮށްނޭ..؟؟ ” ހިލްޔާ އަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. އެވަގުތު މަޔާން އާއި ވާހަކަ ދައްކަމުން ދިޔަ އިލްޔާ މަޑު ޖެހުނެވެ. އެއީ ސަނާ އާއި އޭނަ އަޑާ ހާދަ ވައްތަރު އަޑެކެވެ. ނަމަވެސް އިލްޔާ ފަސް އެނބުރި ބަލާލާ ހިތެއް ނުވިއެވެ.

 

ގެއަށް ގޮސް އިލްޔާ ވަނީ ކޮޓަރިއަށެވެ.” ޔާން ހާދަ މަޑުން ހުރި ދުވަހެއް.. އެހެން ނޫނިއްޔާ އުޅޭނީ ސަކަރާތް ނުޖެހިގެން.. އަބަދު ޖެއްސުން ކުރުމުގަ.. ހިނިތުންވުން ފިޔަވާ ހަމަ އެއް ކަމެއް ނުކުރޭ.. ކިހިނެއްވީބާ.. ” އިލްޔާ މަޔާން އާއި މެދު ވިސްނާލިއެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ.” ހުޅުވާފަ.. ” އިލްޔާ އެހެން ބުނުމުން ދޮރު ހުޅުވާލިއެވެ. ހުރީ ހިޝާ އެވެ.” ރާއި ބުނީ މި ރޫމަށް އަންނާށޯ އެހަށް… އިލްޔާ ރުޅިއެއް ނާންނާނެޔޯ.. ” ހިޝާ ނުތަނަވަސް ވެފައި ވާހަކަ ދެއްކިއެވެ.” ހެހެ.. އާދޭ އިށީންނަން.. ބިރުން ނުހުންނައްޗޭ ދެން.. މީ ވެސް ހަމަ އެކުވެރިއެއް ކަމަށް ދެކޭ.. ” އިލްޔާ ހިނިތުންވެލިއެވެ. ހިޝާ ދޮރު ލައްޕާލާފައި އައިސް އެނދުގައި އިށީނެވެ.

 

” ކީއްކޮއްލަނީ.. ” ހިޝާ އަހާލިއެވެ.” ހަމަ އޮތީ ޔާން އާއި މެދު ވިސްނަން.. ހިޝް އޯ.. ” އިލްޔާ ބުނެލިއެވެ.” ހިނގާލަން ގޮސްފައި މި އައީ… އިލްޔާ ލަވް ވޭތަ މަޔާން ދެކެ.. ” ހިޝާ ލާނެއް ގޮތަކަށް އެއްސެވެ.” ޔެސް.. އެކަމް އެއީ އޭޒް އަ ބެސްޓް ފްރެންޑް.. އަނެއް ކަހަލަ ލަވް އެއް ނޫނޭ.. ” އިލްޔާ ހިޝާ ކޮނޑުގައި ޖަހާލިއެވެ.” އެހެން ދޯ.. އަދި އަހަރެން ހީކުރީ އެކަހަލަ ކަމަށް.. ” ހިޝާ ހިނިގަނޑެއް ޖަހާލިއެވެ.” ހިޝް ވެސް ދޯ… އެންޑް އޯކޭ އިލޫ ކިޔަސް.. މަޔާން އަށް ވެސް ޔާން ކިޔާ.. އެއީ ފްރެންޑްސް ކިޔާ ނޭމް.. ” އިލްޔާ އެނދުގައި ހަމަ ޖެހިލިއެވެ.” އަމްމް.. ޔޫ އާ ވަރަށް ވައްތަރު ކުއްޖެއް އުޅޭ މިރަށުގަ.. އެކަމް އެހާ ގިނައިން ނުފެނޭ މަގު މައްޗަކުން.. ވަރަށް މަދުން ފެންނަނީ.. ” ހިޝާ ބޯ ކަހާލިއެވެ.

 

” އޯހ.. އިލޫ ރަށަށް ފޭބި ތަނުން ވެސް ބަޔަކު އައިސް ކީ ތީ އެހެން މީހެއް ހެއްޔޯ ކިޔާއިން.. ” އިލްޔާ ވިސްނަމުން ބުންޏެވެ.” ދެން ތި ވާހަކަ ބާއްވާ.. ރާއިލްބެ އާ ހިޝް ގެ ވެޑިންގް ކޮން އިރަކުންތާ… ” އިލްޔާ މައުލޫ ބަދަލު ކޮށްލިއެވެ.” ނޭނގެ ތިއެއް.. އެކަމް ބުނި ވަރަށް އަވަހަށް ކުރާނެ ވާހަކަ… ” ހިޝާ ބުންޏެވެ.” އިލޫ އާ ޔާން އާ ތިކަން ހަމަ ޖައްސާނަން.. ” އިލްޔާ ހިޝާ އަށް ހީލިއެވެ. އެތަށް އިރަކު އިލްޔާ އާއި ހިޝާ ވާހަކަ ދައްކަން ތިއްބެވެ. އިސާހިތަކު ހިޝާ އާއި އިލްޔާ ގާތް އެކުވެރިންނަށް ވެއްޖެއެވެ. އެހެން ތިބެފައި ރާއިލް އައުމުން ހިޝާ ދިޔައެވެ.

 

އިޝާ ނަމާދަށް ފަހު މަޔާން އާއި ރާއިލް އަދި ހިޝާ ތިބީ އިލްޔާ އުފަން ދުވަހަށް ތައްޔާރު ކުރަންށެވެ. ބާކީ އިނީ ތިންވަރަކަށް ދުވަހެވެ.” ކޮން ކުލައެއް އެއީ އިލްޔާގެ ފޭވަރިޓް ކުލައަކީ.. ” ރާއިލް މަޔާން ކައިރީ އަހާލިއެވެ. ” ރެޑް… ” މަޔާން ޖަވާބު ދިނެވެ.” އޯކޭ އެހެން ވީމަ ރެޑް ކުލައިގެ ކޭކެއް އަޅަން ވާނީ.. ދެން އެންމެން ވެސް ތިބެން ވާނީ ބްލެކް އެންޑް ރެޑް ހެދުމެއްގަ.. ” ހިޝާ ވާހަކަ ދެއްކިއެވެ.” އޯކޭ… އެހެންވެ އަހަރެމެން ރޫމް ދޯ ޑެކަރޭޓް ކުރާނީ.. ” ރާއިލް ބުންޏެވެ.” ޔާހ… ރެޑް ކުލައިގެ ބެލޫންސް ގެންނާތި.. ” މަޔާން އަމުރު ކޮށްލިއެވެ.

 

” ހޫނ ހޫނ އަމުރު ނުކުރިޔަސް ގެންނާނަމޭ… ” ރާއިލް ހިނިގަނޑެއް ޖަހާލިއެވެ.” ސޯ… އެންމެން ދޭ ނިދަން.. ” ހިޝާ ބުންޏެވެ.” އޯކޭ.. އޭ ހިޝް މިރޭ ނިދާނީ އިލޫ ނިދާ ކޮޓަރީގަ… ޔާން އޭނާ އޯކޭ ވާނެތަ.. ” ރާއިލް މަޔާން ކައިރީގައި އެހިއެވެ.” އާނ އޭނަ ބަރާބަރު ވާނޭ.. ” މަޔާން ތެދުވަމުން ބުންޏެވެ. ހިޝާ އިލްޔާ މެން ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. ރާއިލް ވެސް މަޔާން އާއި އެއްކޮށް ކޮޓަރިއަށް ވަނެވެ.

 

” އޭ ކައެމެން ކައިވެނި ކުރަނީ ކޮން އިރަކުން.. ” މަޔާން އަހާލިއެވެ. ރާއިލް ވިސްނާލިއެވެ.” މި އަންނަ މަހު ކިހިނެއް ވާނެ.. ” ރާއިލް ބުންޏެވެ.” ކަލޯ ހާދަ އަވަހޭ… އަދި ރައްޓެހިވިތާ ދެތިން ދުވަސް މިވީ .. ” މަޔާން ހައިރާންވިއެވެ.” ޗިލް ޑޫޑް.. އެއް އަހަރާ ގާތް ވަނީ ރައްޓެހިވެގެން އުޅޭތާ… ޔާން މެން ކައިރީ ނުބުނީ ހަމަ ގަސްދުގަ… އިހަކަށްދުވަހު މަ ބުނީ މިއުޅެނީ މީދޫ އަށް ދާންށޭ ހިޝް ކައިރީގަ.. އެހެން ބުނީމަ އޭނަ ވެސް އެއައީ މި ރަށަށް… ވަރަށް ވަގަށޭ މިއުޅެނީ.. ” ރާއިލް ފޮނި ދައްކާލަން ދެފަހަރަކު ބުމަ އަރުވާލިއެވެ.” ސުބުހާނަﷲ… ” މަޔާން ދެލޯ ބޮޑުވިއެވެ.

– ނުނިމޭ –

118

1 Comment

  1. redlailacrose

    March 12, 2021 at 7:10 pm

    Nice 🌹🌹 waiting for next part 🌹🌹🌹 ilya nd hilya meet vaa seen enme kiyaa hih vanee🌹🌹nd birthday ga edheneehun meet vejjeyya it will be beautiful 🌹🌹🌹 anyways stay safe 🌹

Comments are closed.