
ނިކަން ލޯބިން- 23
ބެލްކަނީގައި ހުރި އުނދޯލީގައި އިށީނދެލާ ފެނުނު ހުވަފެނާއި މެދު ވިސްނާލީމެވެ. ލައިތް އަހަރެން މަތިން މާބޮޑަށް ހަނދާން ވަނީ ކަންނޭގެއެވެ. ނޫނީ އަހަރެން ލައިތް މަތިން މާ ބޮޑަށް ހަނދާންވަނީއެވެ. ލައިތް އަހަރެން މަތިން ހަނދާން ނައްތާނުލާކަމެއްވެސް ނޭގެއެވެ. ހިޔާލުތަކުގައި އިންދައި އަހަރެން ސިއްސައިގެން ދިޔައީ އިޖާޒް އައިސް އަހަރެން ކައިރީ އުނދޯލީގައި އިށީންނުމުންނެވެ.
” އޯކޭތަ މިހާރު؟ އެހެން ފެންނަ ހުރިހާ ހުވަފެނަކާ މެދު ވިސްނާކަށް ނުވާނެ. ހިނގާ ނިދާލަން. މާދަން އޮފީހަށްވެސް ދާންޖެހޭނެއެއްނު” އަހަރެން ތެދުވެ އިޖާޒް ފަހަތުން ހިނގައިގަތީމެވެ. އެއީ އަހަރެން ބޮކި ދިއްލައިގެން ބުރުގާ ނާޅާ އިޖާޒް ކުރިމައްޗަށް އައި ފުރަތަމަ ރެއެވެ.
އެރޭ ދެން އަހަރެން ކައިރިއަށް ނިންޖެއްނައެވެ. އެކި ޚިޔާލުތައް އަހަރެންގެ ސިކުނޑި ވަށާލާފައިވާފަދައެވެ. ފަތިސް ނަމާދަށް ބަންގި ގޮވީވެސް އަހަރެން އެގޮތުގައި އޮއްވައެވެ.
ފަތިސް ނަމާދުކޮށްލައިގެން ފޭބިތަނުން އިޖާޒް ވެސް ހޭލައިގެން ފާޚާނާކޮށްލައިން ނުކުތެވެ. އަހަރެން އިންތިޒާރުކޮށްގެން އިނީ އިޖާޒް ނަމާދުން ފައިބާނޭ ވަގުތަކަށެވެ. އިޖާޒް ނަމާދުކޮށް ނިމިގެން މުސައްލަ ނަގަން އޮއްވައި އަހަރެން އިޖާޒް އާއި ވާހަކަ ދައްކަން ފެށީމެވެ.
“އިޖާޒް. ހިނގާ ތުނޑިއަށް ދުއްވާލަންދާން. ވަރަށް އަރާމުވާނެ ކަންނޭގެ މިގަޑީގަ” އިޖާޒް ކުޑަކޮށް މަޑުޖެހިލާފައި އަހަރެންގެ މޫނަށް ބަލާލީ އަހަރެން ބުނި އެއްޗެއް ޔަޤީން ނުކުރެވުމުން ކަންނޭގެއެވެ.
“ނުދާނަން؟” އަހަރެން އަނެއްކާވެސް ވާހަކަ ދެއްކީ އިޖާޒް އެއްވެސް ބަހެއް ނުކިޔުމުންނެވެ.
“ކިހިނެއްވީ އާޔާ؟ އޯކޭތަ؟ އަދިވެސް ރޭގެ ހުވަފެންމަތިން ހަނދާން ނުނެތެނީތަ؟” އިޖާޒް އެހެން އަހާލީ އަހަރެންނާއި ދިމާއަށް ބަލަން ހުރެއެވެ.
“އުނހު! އެހެނެއް ނޫން! މިއަދު ހަމަ ހިތަށް އެރީ ގޮސްލަން. އިޖާޒް އަށް ދާން އުނދަގުލީއާ އޯކޭ”
“ހިނގާ ދާން. ބުރުގާ އަޅާލާ. އަންހެނުން އަދި އަލަށް ވިއްޔަ ދުއްވާލަންދާން ތިބުނީ. އުފަލުންވެސް ދާނަމެއްނު” އިޖާޒް އުފާވެފައި ހުރިކަން އަޑުންވެސް އެނގެއެވެ.
އަހަރެން ބުރުގާ އަޅާލައިގެން އިޖާޒް ފަހަތުން ނުކުތީމެވެ. އަދި ބަދިގެއާއި ކައިރިވެލާ ބަދިގޭގައި ހުރި މައިދައިތަ ކައިރީ އިޖާޒް އާއިއެކީ ބޭރަށް ނުކުމެލާފައި އައިސް ރޮށި ފިހެދޭނެކަމުގައި ބުނެލީމެވެ. މައިދައިތަ ވެސް ހައިރާން ކަމާއިއެކު އަހަރެންނަށް ބަލާލި މިވީ ހުރިހާ ދުވަހަކު އެންމެ ދުވަހެއްވައްޓާ ނުލާ ފަތިހު އަހަރެން ބަދިގެއަށް ވަންނަ މީހާ އެގަޑީގައި އިޖާޒް އާއިއެކު ބޭރަށް ދާ ވާހަކަ ބުނުމުންނެވެ.
“ބަދިގޭގެ ކަންކަމާ ނުވިސްނަބަލަ. ދޭ ގޮސްލާފަ އާދޭ” މައިދައިތަ ހީލަމުން ބުނެލިއެވެ.
އަހަރެމެން ސައިކަލުގައި ނުކުމެ ތުނޑިއާއި ދިމާލުން ދުއްވާލުމަށްފަހު ބަނދަރުކައިރިން ވަށާ ދުއްވާލީމެވެ. އަހަރެންގެ ބައްޕަ އާއި އިޖާޒް ގެ ބައްޕަވެސް ބަނދަރުމަތީ ޖޯއްޔެއްގައި ތިއްބައި ދިމާވިއެވެ. އާދަވެގެން ކޮންމެ ދުވަހަކުވެސް އަހަރެންގެ ބައްޕަ އާއި އިޖާޒް ގެ ބައްޕަ ފަތިސް ނަމާދުން ފައިބާގޮތަށް އެ ޖޯއްޔަށް ދާނެއެވެ. އަހަރެމެން ފެނުމާއިއެކު މިހާހެނދުނާ ދެ ކުދިން ކީއްކުރަނީތޯ އަހަރެންގެ ބައްޕަ އަހާލިއެވެ.
“އާޔާ މިގަޑީ ދުއްވާލާ ހިތްވެގެން ނުކުމެލީ. މިދަނީ އެކަމަކު ގެއަށް ދާން” އިޖާޒް އަހަރެންނަށް ވުރެ ކުރިން ޖަވާބު ދިނެވެ.
ދުއްވާލަން ނުކުމެ އުޅުން އިރުވެސް މާ ގިނާ ވާހަކައެއް އަހަރެމެން ނުދައްކަމެވެ. ނަމަވެސް ދުއްވާ ނިންމާލާފައި އެނބުރި ގެއަށް އައިމަގުމަތީ އަހަރެން އިސްވެ ދުއްވާލަންދާން ބުނުމުން ނުހަނު އުފާވިކަމުގައި އިޖާޒް ބުންޏެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. މިފަދަ ކުދި ކުދި ކަންކަމުން އަހަރެމެން މަސައްކަތްކުރަމުން ދިޔާއި އިޖާޒް އާއި ކައިރިވެވޭތޯއެވެ.
މި ފަދަ އެހެން ދުވަހެކެވެ.އެ ދުވަހަކީ ހުކުރުދުވަސް ކަމުން ބައްޕައާއި އިޖާޒްވީ ހުކުރަށް ގޮހެވެ. އާދައިގެމަތީން އަހަރެމެންގޭގައި ކައްކާ ކާން ތައްޔާރުކުރުމަށް ފަހު އެދުވަހު ގެއަށް ފެންވަރަށްން އާދެވުނީ ހުކުރަށް ފެށިފަހުންނެވެ. ފާޚާނާއަށްވަދެ ފެންވަރާލުމަށްފަހު ތުވާލި މޭމާއްޗާއިއެކު އޮޅާލައިގެން ފާޚާނާއިން ނުކުތީ އެގަޑީ އިޖާޒް ކޮޓަރީގައި އުޅެފާނެކަމަށް އުންމީދުކޮށްގެންނޫނެވެ. ފާޚާނާއިން ނުކުމެ ގައިގައި ލޯޝަން ލުމަށްފަހު އެއްޗެހި ލާން ތިރިއަށް ފައިބަން ހިނގައިގަތީ އެގަޑީގައި އިޖާޒް ނޫޅޭތީ ހެދުން ގެނެވިފައި ނެތީމައެވެ. މަޑުމަޑުން ފައިބަފައިބާހުރެފައި މަޑުޖެހެލެވުނީ އިޖާޒް ސޯފާގައި އިންތަން ފެނުމުންނެވެ. އަހަރެން ކަކުލާއި މޭމައްޗާއި ދެމެދު ތުވާލި އޮޅާލާ އަހަރެންގެ ދިގު އިސްތަށިގަނޑުގައި އަތްހާކަމުން އައި މަންޒަރު ބަލަން ކަޅި ޖަހާނުލާ އިޖާޒްއަށް އިރުކޮޅަކު އިނދެވުނެވެ. އިޖާޒްއަކީ ވެސް ހުރިހާ ހިއްސެއް ސަލާމަތުން ހުރި ފިރިހެނެއްވިއްޔާއެވެ. އަހަރެން ގައިގެ ބޮޑުބައި ހާމައަށް ފެންނާނޭހެން އޭނާގެ ކުރިމަށްޗަށް އެރުމުން އޭނާގެވެސް ފިރިހެންވަންތަ ހިއްސުތައް ހޭލާނޭ ނޫންހެއްޔެވެ.
އަހަރެންގެ މޫނުމަތިވެސް ލަދުންގޮސް ރަތްވިއެވެ. ހިތްތެޅެންފެށީ އޮބިނޯންނަހާބާރަށެވެ. ނަމަވެސް އަހަރެން އަމިއްލް ނަފްސްކޮންޓްރޯލްކުރަމުން ސިޑިން ފައިބާ އަލަމާރިއާއ ދިމާއަށް ހިނގައިގަތީމެވެ. ކުރިމަތީގައި އިނީ ފިރިމީހާކަން ހިތަށް ބުނެދިނީމެވެ.
އަހަރެން ސިޑިން ފޭބުމާއިއެކު ކުއްލި އަކަށް އިޖާޒްއަށް ހަމަ ހޭވެރިކަން ވި ކަހަލައެވެ. އަވަސް އަވަހަށް ސޮރީ އޭ ބުނެލުމަށްފަހު ލޯމަރާ ކުޝަންއެއް މޫނުގައި އަޅާލީ ކުރެވޭ ނުކުރެވޭކަމެއްވެސް ނޭނގިގެން ކަހަލައެވެ. އަހަރެން ތެޅިތެޅި އޮތް ހިތަކާއިއެކު ދެފައި ތުރުތުރު އަޅާހާލު ގޮސް އަލަމާރިން ޓޮޕަކާއި ހަރުވާޅެއް ލާ ބޮލުގައި ތުވާލި އޮޅާލީމެވެ.
” އޯކޭ ދެން” އަހަރެން އެހެން ބުނެލުމާއިއެކު އިތުރަށް ބަލާވެސް ނުލާ މިދަނީ ކާންށޭ ބުނެލުމަށްފަހު ކޮޓަރިން ނުކުތީ އަހަރެންނާއި ދިމާއަށް ބަލާވެސް ނުލައެވެ. އިޖާޒްގެ ހަރަކާތް އެވަގުތު ހުރިގޮތުން އަހަރެން ކައިރިއަށްވެސް ހިނިއައެވެ.
ހަމަ އެދުވަހުގެ ހަވީރު މާބޮޑު ކަމެއް ނެތުމާއިއެކު އަހަރެން އޮތީ ސޯފާއި ޓީވީ ހުޅުވައިން ފިލްމެއް ބަލާލާށެވެ. އަހަރެން އެހެން އިންދައި އިޖާޒް އައިސް ކޮޓަރިއަށްވަނެވެ. އިޖާޒްވެސްއައިގޮތަށް އަހަރެން އިން ސޯފާގެ އެއްކޮޅުގައި އިށީނެވެ. އިރުކޮޅަކުން އަނގައިން ނުބުނެ އިނުމަށްފަހު އިޖާޒް ވާހަކަ ދައްކަން ފެށިއެވެ.
“އާޔާ!” އިޖާޒް ގޮވާލުމާއިއެކު އަހަރެން ޓީވީ ޕޯސްކޮށްލާފައި އިޖާޒްއާއި ދިމާއަށް ބަލާލީމެވެ.
“ހޫމް. ކިހިނެއްވީ” ޓީވީ ޕޯސް ކޮށްލަމުން އިޖާޒް އާއި ދިމާއަށް ބަލާލީމެވެ.
“މިއަދު ވީ ކަންތަކަށް ސޮރީ އެނގޭ! ފެންވަރަށް އުޅޭކަމެއް ނޭނގޭ އަސްލު އައިއިރުގަ އެއް.” އިޖާޒް ވާހަކަ ދެއްކީ އިސްދަށަށް ޖަހައިގެން އިނދެއެވެ.
” އެއީ އެވވަރު ކަމެއް ނޫނޭ. މަމީ އިޖާޒް ގެ އަންހެނުންނޭ” އަހަރެން ހިތް ނުތަނަވަސް ވެފައިވާނަމަވެސް ވާހަކަ ދެއްކީ ހަމަޖެހޭކަން ދައްކަމުންނެވެ.
“އެކަމަކުވެސް. އާޔާ ގެ ޕްރއިވެސީ އަށް އެފެކްޓް ކުރާ ކަހަލަ ކަމެއް ވީމަ ދެރަވެއްޖެ ވަރަށް” އިޖާޒްވެސް އިނީ އިސްދަށަށް ޖަހާލައިގެންނެވެ.
ކުށްވެރިއެއްހެން އިޖާޒް އިނުމުން އަހަރެންނަށް ވަރަށް އުންދަގޫވިއެވެ. އިޖާޒް އަށް އަހަރެންގެ ހަށިގަނޑު ފެނުމަކީ އިޖާޒް އަމިއްލް ނަފްސު ކުށްވެރިކުރަން ޖެހޭނޭކަމެއް ނޫނެވެ. ޚުދު އަހަރެންނަށް އެކަން ޤަބޫލުކުރެވެއެވެ. ނަމަވެސް އަހަރެންގެ އެދުމުގެ މަތީން އިޖާޒް އަހަރެންނަށް ވަގުތު ދެނީއެވެ. މިގޮތަށް އަހަރެން އުމުރު ހުސްކޮށްލުމަކީވެސް އިޖާޒް އަށްދެވޭ ވަރަށް ބޮޑު ދެރައެކެވެ. އެހެންކަމުން އިސްނަގަން އަހަރެން ނިންމީމެވެ. އަދި އިޖާޒް އާއި ކައިރިވެލުމަށްފަހު އިޖާޒް ގެ އަތުގައި ހިފާލީމެވެ. އިޖާޒް ސިހިފައި އަހަރެންނާއި ދިމާއަށް ބަލާލިއެވެ.
” މިހާރު ވަގުތު ދީފީމެއްނު. އަހަރެން ބޭނުން އިޖާޒްއަށް އަތްބެއްގެ އުފާ ދޭން. ދޮގު ހަދާކަށް ނެތީން. އަދިވެސް އަހަރެންނަށް އިޖާޒް ދެކެ ލޯތްބެއް ނުވެވޭ. އެކަމަކު އަހަރެން ވަރަށް އިހްތިރާމްކުރަން އިޖާޒްއަށް. އިޖާޒް ދެކެ ލޯބި ވެވޭތޯ މަސައްކަތްކުރަންވެސް ބޭނުން. އެއްކޮށް ވަގުތު ހޭދަކޮށްލިމަ ނުވާނެއެކޭ އަހަރެން ނުބުނާނަން. އިޖާޒްތީ ކޮންމެ އަންހެން ކުއްޖެއްވެސް އެދޭ ކަހަލަ ބައިވެރިއެއް..”
އަހަރެން ވާހަކަ ދައްކަމުން ދިޔައިރުވެސް އިޖާޒް އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ. އަހަރެން އިޖާޒް ގެ ހަޔާތް އިތުރަށް ބޭކާރު ކޮށް އިޖާޒްގެ ހިތް ނާއުންމީދުން ފުރާލާކަށް ބޭނުމެއްނޫނެވެ. އަހަރެންނަށް އިޖާޒް ދެކެ ލޯބި ނުވެވޭނެކަން ކިތަންމެ ރަނގަޅަކަށްވެސް އިހްސާސްކުރެވެވެ. ނަމަވެސް މަސައްކަތްކުރުމަކީ ނެތްކަމެއް ނޫންތާއެވެ. އަހަރެން ވާޙަކަ ދެއްކުން ކުރިއަށް ގެންދިޔާއި އިޖާޒް އަނަގއިން ނުބުނެ އިނުމުންނެވެ.
” ހިނގާ ނެކްސްޓް ވީކެންޑް ކޮންމެސް ތަނަކަށް ގޮސްލަން. ދެމީހުން އެކަނި ވަގުތު ހޭދަކޮށްލަން. އަދި ހަނީ މޫނަކަށްވެސް ނުދަމެއްނު”
އިޖާޒް ގެ މޫނުމަތިން އަހަރެންނަށް ފެންނަން ހުރީ ހުސް ސުވާލު މާކެވެ. ނަމަވެސް އަނަގއިން ބަހެއް ނުބުނެ މަޑުމަޑުން އިޖާޒް އިނީއެވެ.
“މާ ހައިރާންވެފަ ތީނީ ކީއްވެ؟ އަހާބަލަ އަހަން ބޭނުންވާ އެއްޗެއް” އަހަރެން އެންމެ ފަހުން އެ ސުވާލުކުރީ އިޖާޒް ގެ ހުރިހާ ސުވާލަކަށްވެސް ޖާވަބު ދޭން ތައްޔާރު ވެގެން އިނދެއެވެ.
“މި ހިތަށް އަރަނީ މާލެ ގޮސް އައިފަހުން އާޔާ ބަދަލު ވީ ކީއްވެބާއޭ؟ އަނެއްކާ އާޔާ ހިތަށް އަރަނީތަ އަހަރެން މަރުވަނިއްޔޭ؟ ސިމްޕަތީވީތަ؟ ” އިޖާޒްކުރި ސުވާލަކީ ޔަޤީނުންވެސް އިޖާޒް އަހާނެ ސުވާލެއްކަން އަހަރެންނަށް އެނގެއެވެ.
“ﷲގެ އިރާދަފުޅާއި އެކު އިޖާޒްއަށް ދިގު އުމުރެއް ދެއްވާށި. އެކަހަލަ އެއްވެސް އެއްޗެއް ހިތަކުނުލަން. އިޖާޒް ނެތް ދުނިޔެއެއް އަހަރެން ސިފަކުރާކަށްވެސް ބޭނުމެއްނޫން. ސިމްޕަތީ އެއްވެސް ނުވަން. އެކަމަކު އިޖާޒް ގެ ހިތާމައާއި އުފަލުގަ އަހަރެން ހިއްސާވާން ބޭނުން. އިޖާޒް އާއިއެކު އާއިލާއެއް ބިނާކޮށް އުފާވެރި ދިރިއުޅުމެއް ހޯދަދޭން އަހަރެން ބޭނުން” އަހަރެން ވާހަކަ ދެއްކީ ސީދާ އިޖާޒްގެ މޫނަށް ބަލަހައްޓައިގެން އިދެއެވެ.
” އާޔޫ ފޯސިން ޔުރ ސެލްފް. އެހެން ނަހަދައްޗޭ. އަމިއްލައަށް ބޭނުންވެގެން އާޔާ އަހަރެންނާ ކައިރިވާނީ. އަހަރެން އިންތިޒާރުކުރާނަން. މިއޮއްހާ ދުވަހަކުވެސް އާޔާލިބޭތޯ އިންތިޒާރުވެސް ކުރީނު. އެކަންވެސް ކާމިޔާބުވީއެއްނު. އެހެންވީމަ އުންމިދު ގެއްލުވައެއްނުލާނަން”
” އަހަރެން މިވާހަކަ ދެއްކި ހަމަ އެއްވެސް މަޖުބޫރެއް ނެތި. އަމިއްލަ އަށް ބޭނުންވެގެން. އިޖާޒް އަހަރެންނަށް އެހީވެދީ.” އަހަރެން މި ފަހަރު އިސްދަށަށް ޖަހާލީމެވެ.
އިޖާޒް މަޑުމަޑުން އަހަރެން އޭނާގެ ގަޔާ ކައިރިކޮށް ބައްދާލިއެވެ. ލައިތް ނޫން އެހެން މީހެއްގެ ގައިގައި އަހަރެން ބައްދާލިމިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް ދުރަށް ދާކަށް އަހަރެން ބޭނުމެއްނޫނެވެ. މިހެން ހުރެގެން ލައިތްމަތީން އަހަރެން ހަނދާން ނައްތައެއް ނުލެވޭނެއެވެ. އެކަން ވާނީ އަހަރެންވެސް މަސައްކަތްކޮށްގެންނެވެ.
“ކޮންތާކަށް ދާނީ؟ ރިސޯޓަކަށް ދަމާ؟. ވީކެންޑްގަ ޓިކެޓް ނަގައިން މާލެ ދާނީ. ދާ ގޮތަށް ކުރުނބާ ކަހަލަ ތާކަށް 2 ޑޭސް އަށް ގޮސްލަމާ؟” އިޖާޒް ވާހަކަ ދެއްކީ އަހަރެން ގައިގައި ބައްދާލައިގެން އިނދެއެވެ.
” ރަނގަޅުވާނޭ. ލެޓްސް ޑޫދެޓް” އަހަރެން އިނީ ދުރަން ޖެހެން ބޭނުންވެފައިނަމަވެސް ހިތުގެ މައްޗަށް ގަދެވެ އަހަރެން އެހެން އިނީ އިޖާޒް ދޫކޮށްލަންދެންނެވެ.
އަހަރެންގެ ނަސީބު ރަނގަޅީކަމެއް ނޫނީ އިޖާޒް ގެ ނަސީބު ދެރައީކަމެއް ނޭނގެއެވެ. އިތުރުކަމެއް ނުވަނީސް ބޭރުން މައިދައިތަ ގޮވާލިއަޑު އިވުނެވެ.
“ދަރިފުޅާ އާޔާ! ” އަހަރެން އަވަސް އަވަހަށް އޯއިއެކޯ މި ދަނީ އޭ ގޮވާލުމަށްފަހު އިޖާޒް އާއި ދުރުވެލީމެވެ.
“މަންމައަށް ވެސް މިގަޑީގަތަ ގޮވަން އެނގުނީ! ދާނެކަމެއްނެތް ހިތް ފުރެންދެން ބައްދާލަން ބޭނުން” އިޖާޒް ރާގުންވެސް އަހަރެން ގެ ހިތް އަވަސް ވިއެވެ.
” ސާބަސް. އަންނާނަން” އަހަރެން އަވަސް އަވަހަށް ބުރުގާ އަޅާލައިގެން ބޭރަށް ނުކުތީމެވެ.
އެރޭ ރޭގަނޑުވިއިރު އަހަރެންގެ ހިތް އަނެއްކާވެސް ތެޅެން ފަށައިފިއެވެ. އެހެން ރޭރޭ އިޖާޒް އަހަރެންނާ ގާތްނުވާނޭކަން ޔަޤީންވާތީ ހަމަޖެހިލައިގެން އޮވެ ނިދޭނަމަވެސް މިރޭ އިޖާޒް އަހަރެންނާއި ގާތްވެދާނެކަމުގެ ބިރު ހީވާންފެށިއެވެ. އެ ފުރުސަތު އިޖާޒްއަށް ފަހިކޮށްދިނީވެސް އަހަރެންނެވެ. އިޖާޒްއަށް ދިރިއުޅުމެއް ހޯދައި ދިނުމުގެ މަޤްޞަދުގައެވެ. ނަމަވެސް އަދިވެސް އަހަރެންނަށް ފަސްޖެހެވެނީއެވެ.
ކޮންމެ ގޮތެއްވިޔަސް ހެޔޮކަމުގައި ނިދަން ތައްޔާރުވެލުމަށް އަހަރެން ފާޚާނާއަށް ވަނީމެވެ. ތަޤުދީރުވެސް އަހަރެމެން ދެމީހުން ގާތްވުމަށް ނޭދެނީއޭ އަހަރެންގެ ހިތަށް އެރިއެވެ. އެވަގުތު ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ. އިތުރު 5 ދުވަސް މަޑުކުރަން އިޖާޒްއަށް މަޖުބޫރުވާނެއެވެ.
(ނުނިމޭ)