
ނިކަން ލޯބިން -22
އިޖާޒް އުނދޯލިން ތެދުވެގެން އައިސް އަހަރެންގެ ކޮނޑުގައި ހިފައިގެން ކޮޓަރިއަށް ވެއްދީ މަންމަ މެންނަށް ފެނެދާނެތީކަން ޔަޤީނެވެ. ކޮޓަރިއަށް ވަދެ އެނދުމަތީ އަހަރެންއިށީނީމެވެ. އިޖާޒްވެސް އަހަރެންނާ ޖެހިގެން އިނެވެ.
“ދެ ދުވަހަކަށް އޮފީހަށް ސަލާމް ބުނެވޭނެތަ” އިޖާޒް އެހެން އަހާލުމުން އަހަރެން އާއެކޭ ބުނެލީ އިޖާޒް އާއިއެކު ދާން ބޭނުންވެފައި ހުރުމުންނެވެ. އަހަރެންނަށް އިޖާޒް ދެކެ ލޯބި ނުވެވުނުނަމަވެސް އަތްބެއްގެ ހައިސިއްޔަތުން އެންމެ ކުޑަމިނުން ފިރިމީހާ ޑޮކްޓަރަށް ދައްކާލަންދާއިރު އަހަރެން ދާން ބޭނުމެވެ. އިޖާޒް ވަގުތުން ފޯނުނަގާފައި އިތުރު ޖާގެއް ހޯދިއެވެ. އަދި އަވަހަށް ރެޑީވެލުމަށް އަހަރެން ކައިރީ އެދެމުން ބޭރަށް ނުކުތީ އަހަރެން މަންމަމެން ކައިރީ ފުރާވާހަކަ ބުނެލަން ދާންވެގެންނެވެ. އިޖާޒް ފުރަންދާން ދަބަސް އަޅުވައިގެން ނުކުތް އިރު ފަހަތުން އަހަރެންވެސް ބެކްޕެކް ހިފައިގެން ނުކުތްތަންފެނިފައި އިޖާޒް ގެ ބައްޕަގެ މޫނުމަތިން ހައިރާންކަން ފެނުނެވެ.
“އާޔާދޭތަ؟ ބުނީމެއްނު ޖާގައެއް ނުލިބެއޭ”
“މީ ބައްޕަގެ ކަންތައް. އަނބި މީހާ ރުއްސަން ފްލައިޓުން މީހުން ބާލާފަވެސް އަނބިމީހާ އަރުވަން ޖެހޭނެއެއްނު” އިޖާޒް އެހެން ބުނިއިރު އިޖާޒެ އަޑުގައިވެސް އުފާވެރިކަން އެކުލެވިފައިވެއެވެ. މައިދައިތަ އާއި ބަފާބެ މޫނުމަތިންވެސް ހިތްހަމަޖހުމުގެ އަސަރު ފެންނަން ހުއްޓެވެ.
އަހަރެމެން މާލެ ދެވުމާއިއެކު ދަބަސް ހޮޓަލްއަށްލާފައި ދިޔައީ ކްލިނިކަށެވެ. އިޖާޒް އައީ އޭނާގެ ޑޮކްޓަރަށް އެޕޮއިންޓްމެންޓްވެސް ހައްދައިގެންނެވެ. މާ ގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ނަމުން ގޮވާލުމުން ޑޮކްޓަރުކޮޓަރިއަށް ވަނީމެވެ.
“އައްސަލާމް އަލައިކުމް އިޖާޒް. އަނހަ މީހަކާ އިނީތޯ؟ މަރުހަބާ އެނގޭ” އިޖާޒް ފެނުމުން ޑޮކްޓަރު ވާހަކަ ދައްކަންފެށީ އެތައް ޒަމާނެއްވީ ގާތް އެކުވެރިއަކާއި ވާހަކަ ދައްކާލާހެންނެވެ. އަހަރެން ހީލީމެވެ.
“އާދެ ޑޮކް. މީ ވައިފް. އާޔާ” އިޖާޒްއަހަރެން ތަޢާރފް ކޮށްދިނެވެ.
“ނައިސްޓު މީޓްޔޫ އާޔާ! އިޖާޒް މީ އަހަރެންގެ އެންމެ ގިނަދުވަސް ވީ ޕޭޝަންޓް. ވަރަށް ކެތްތެރި ކުއްޖެއްމީ.” ތެދެކެވެ. އެކަން ކިތަންމެ ރަނގަޅަކަށްވެސް އަހަރެންނަށް އެނގެއެވެ.
“ހިންގަވާ އެކޯ ހަދާލަމާދޯ. އެއްވެސް އުނދަގުލެއް ވޭތަ؟ ”
“އަނެއްހެން ނުވޭ އުނދަގުލެއް. ބައެއް ފަހަރު ކުޑަކޮށް ވަރުބަލިވާގޮތްވޭ. މިހާރުވެސް ފްލެޓްކޮށް ނުނިދޭ” އިޖާޒް އަށް މިފަދަ އުނދަގޫތަކެއް ވާކަންވެސް އަހަރެންނަށް މި އިނގުނީ އަލަށެވެ.
“އެއީ ނޯމަލް ފޯ ޔޫ. އެކޯ ބަލާލީމަ އެނގޭނީ”
އެކޯ ހަދާ ނިމުމުން ޑޮކްޓަރު ވިދާޅުވީ ދެތިން އަހަރު ތެރޭގައި ފަހަރުގައި އޮޕަރޭޝަން ކުރަން ޖެހިދާނެކަމަށެވެ. ނުވަތަ އެއަށްވުރެ ކުރީވެސް އޮޕަރޭޝަންއަށްދާންޖެހިދާނެ ކަމުގައި ޑޮކްޓަރު ބުންޏެވެ. އަހަރެން ކުޑަކޮށް ހާސްވިއެވެ.
“ކޮންކަހަލަ އޮޕަރޭޝަން އެއްތޯ”
“އިޖާޒް ވައިފް އަށް ނުކިޔާދެންދޯ. އިޖާޒްގެ ހިތާ މައިލޭނާރުގުޅުވާއިދޭ ވޭލް އިންނަނީ އުފެދުނު އިރުވެސް ހިމަކޮށް. އެހެންވީމަ ހިތުން ހަށިގަނޑުގެ އެހެން ބައިތަކަށް ލޭ ފޮނުވައިދިނުމުގަ މައްސަލަ ޖެހެނީ. އޭގެ އިތުރުން ހިތުގެ އެހެން ވޭލް އެއް ރަނގަޅަށް ބަންދު ނުވާތީ ލޭ ދައުރުކުރުމުގަ މައްސަލަޖެހި ބެކް ފްލޯ ހުންނަނީ. ކުރިން މައިލްޑްކޮށް ހުންނަނީ އެހެންވީމަ ސަރޖަރީ ނަހަދަނީ. ސިވިއާ ވީމަ އޮޕަރޭޝަންއަކަށް ދާން ޖެހޭނީ. މިހާރު މޮޑަރޭޓް ޓު ސިވިއަރ” އަހަރެން އިނީ ޑޮކްޓަރު ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހާށެވެ.
” ވަރަށް ބޮޑު އޮޕަރޭޝަންއެއްތޯ އެއީ” އަހަރެންނަށް އަހާލެވުނެވެ.
“ކުޑައެއް ނުވާނެ. އެކަމަކު ސަކްސަސް ރޭޓް 90% އަށް ވުރެ މަތިވާނެ. އިޖާޒް އަކީ ވަރަށް ފަރުވާތެރި މީހެއް. އަހަރެންނަށް ޔަޤީން އެއްފަހަރު ކަން އޮޕަރޭޝަން އަށް ދާން ޖެހޭނީ. އޭގެ ފަހުން އިންޝާﷲ ފުރިހަމަ ދިރިއުޅުމެއް އުޅެވޭނެ”
އަހަރެންގެ ހިތުގައި މިވަގުތަށް ހުރި ސުވާލުތަކަށް ޖަވާބު ލިބުމުން ހިތްހަމަ ޖެހުނެވެ. އަދި އިތުރު ސުވާލެއް ނެތުމުން ލޭގެ ޓެސްޓްތައް ހަދާލާފަ މާދަމާގެ ހަވީރު ދައްކާލުމަށް ޑޮކްޓަރު ބުންޏެވެ. ޓެސްޓްތައް ހެދޭނީ އަނެއްދުވަހުގެ ހެނދުނުކަމުން އަހަރެމެން ނިންމީ ދޮންދައްތަ މެންގެއަށާއި ފަހަރިމެންގެއަށް ޒިޔާރަތްކޮށްލުމަށެވެ.
އަހަރެމެން އެންމެ ފުރަތަމަ ދިޔައީ ފަހަރިމެންގެއަށެވެ. އެގެއަށް ގޮސް އެންމެންނަށް އިޖާޒް ތަޢާރަފްކޮށް ދިނީމެވެ. އާލީއާއި ލައިބާއާއިއެކު ސަކަރާތްޖަހާލުމަށް އުޅުމަށްފަހު ދެން ދިޔައީ ދޮން ކައިރިއަށެވެ. ދޮން އަށް އިޖާޒް ގެ ހާލު އޮޅުން ފިލުވައި ދިނީމެވެ. އަދި އެރޭ އެގެއިން ކައިގެން އަހަރެމެން ތިބޭ ކޮޓަރިއަށް ދެވުނު އިރު ރޭގަނޑު 8:30 ވެއްޖެއެވެ.
ވެފައިވާ ވަރުބަލިން ފާޚާނާއަށްވަދެ ފެންވަރާލައިގެން ނުކުތީމެވެ. އޭރު އިޖާޒް އެނދުގައި ލައްގަނެލައިގެން ފޯނެއްގައި އިނެވެ. އަހަރެން ނުކުތް ތަނުން އަހަރެން އަތަށް ފޯނުދިނެވެ.އެ ކޮޅުން ވާހަކަ ދެއްކީ އިޖާޒްގެ މަންމަ އެވެ. އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ފޯނު ބޭއްވިއިރު އިޖާޒްވެސް ފެންވަރަނީއެވެ. އަހަރެން ފޯނު ނަގާ މަންމަމެންނަށް ގުޅާލާ ވާހަކަ ދައްކާލީމެވެ.
އެނދުގައި ޖައްސާލައިގެން ޓީވީ ބަލާލަން އަހަރެން އޮއްވައި އިޖާޒް ފެންވަރައިގެން ނުކުތެވެ. އަހަރެމެން ތިބި ކޮޓަރި އަކީ އާދައިގެ ރީތި ކޮޓަރިއެއް ނަމަވެސް އެނދާއި އަލަމާރި އަދި ޑްރެސިން ޓޭބަލް ފިޔަވައި އިތުރު ފަރުނީޗަރެއް ނެތެވެ. އެހެން ކަމުން އިޖާޒް އައިސް އެނދު މަތީގައި އޮތް ބާލިސްތަކުން ބާލިހެއް ނެގީ ތިރީ ކާޕެޓް މަތީގައި އޮށޯންނަންކަން އަހަރެންނަށް އެނގުނެވެ. ހުށިޔާރު ކަމާއިއެކު އަހަރެން އިޖާޒް ގެ އަތުގައި ހިފެހެއްޓީމެވެ.
“އެނދުގަ އޮވެބަލަ. އަހަރެން މީ އަރާ ކާއެއްޗެއް ނޫނޭ” އިޖާޒް އަހަރެންނާއި އެއްއެނދެއްގައި ނުނިދަނީ އަހަރެންނަށް އިހްތިރާމް ކުރުމުގެ ގޮތުންކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެން އަނގައިނ ދެރަވާން ބޭނުމެއް ނުވިއެވެ.
” އާޔާ ބިރުން އުޅޭހެން ހީވާތީ އެއްނު” އިޖާޒް އިސް އުފުލާ ބަލާލިއެވެ.
” ދެން ހެވޭ. އެނދުގަ ނިދާބަ. ޕްލީސް” އަހަރެން އެހެން ބުނުމުން އިޖާޒް އެނދު މަތީ އޮތް ކުއިލްޓް ނަގާ ގައިމަތީ އަޅާލުމަށްފަހު އެނދުގެ އެއް ކައިރީގައި އޮށޯވެލިއެވެ. އެވަގުތު އަހަރެން ބޯދަށުގައި އޮތް ދެ ބާލީހުން އެއްބާލިސް އިޖާޒް އަށް ދިނީ ސީދަލަށް އޮށޯވެ އޮވެގެން ނިދަން އުނދަގޫ ވާހަކަ ޑޮކްޓަރު ކައިރީ ބުނިހަނދާންވެގެންނެވެ.
“އެއްބާލިސް އޯކޭއޭ. އަހަރެން ބަލި މީހަކަށް ނަހަދައްޗޭ އާޔާ” އިޖާޒް އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން އޮވެ ވާހަކަ ދެއްކިއެވެ.
“ނުބުނަމެއްނު އިޖާޒް ބައްޔެކޭ. އަހަރެންމީ ދެ ބާލީސް ބޯދަށަށްލައިގެން ނިދާމީހެއް ނޫނޭ” އަހަރެން މިއަދު އިޖާޒް ބުނާ ކޮންމެ އެއްޗަކަށް ރައްދު ދެވޭކަން ވިސްނުނީ އެވަގުތުއެވެ.
އިޖާޒް އިތުރަށް މާ ގިނަ ވާހަކަ ނުދައްކާ ބާލީސް ނަގާ ބޯދަށަށް ލުމަށްފަހު އޮށޯވެލިއެވެ. ކުޑަ އިރުކޮޅެއްނުވެ ގުގުރީގެ އަޑު އިވެން ފެށުމުން އިޖާޒް ނިދީކަން ކަށަވަރުވިއެވެ. ކައިވެނީގެ ފަސްމަސް ދުވަސް ފަހުން އަހަރެންނާއި އިޖާޒް އަލަށް އެއް އެނދެއްގައި ނިދީ އެރެއެވެ. ނަމަވެސް އަހަރެން ނިދީ ބުރުގާ އަޅައިގެންނެވެ. ބުރުގާ ނަގަން ކިތަންމެ ފަހަރަކު ހިތައް އެރިނަމަވެސް އަހަރެންނަށް ނުކެރުނީއެވެ.
ޖެހިގެން އައިދުވަހު ފަތިހު އަހަރެން ފަތިސް ނަމާދަށް ހޭލިއިރު އިޖާޒް ވެސް ހޭލަ އުޅެއެވެ. އިޖާޒް ގެ ފަހަތުގައި ފަތިސް ނަމާދުކޮށްލުމަށްފަހު އަހަރެމެން ދެމީހުން ނުކުތީ ހިނގާލުމަށެވެ. މާލޭގެ އާޓިފިޝަލް ބީޗްކައިރިން ހިނގާލާފައި ދިޔައިރު އެކި އުމުރުފުރާގެ މީހުން ކަސްރަތަށް ނުކުމެ އުޅެއެވެ. އަހަރެމެން ހިނގަމުން ހިނގަމުން ގޮސް އައިޖީއެމް ހޮސްޕިޓަލްއަށް ގޮސް ޓެސްޓްތައް ހައްދަން ލޭނެގުމަށްފަހު ސައިބޮއެގެން ކޮޓަރިއަށް ދިޔައީ 2 ގަޑިއިރު ފަހުން ޓެސްޓް ތަކުގެ ނަތީޖާ ލިބޭނޭ ވާހަކަ ބުނުމުންނެވެ. ކަން ދިމާކުރި ގޮތުން އިޖާޒް ދައްކާ ޑޮކްޓަރު އެހެން ކްލިނިކެއްގައި 12 ޖަހާއިރު ބަލާތީ އަހަރެމެން ނިންމީ ރިޕޯޓްތައް ދައްކާލުމަށް ފަހު މެންދުރު 2 ގެ ފްލައިޓުން ރަށަށް ދިއުމަށެވެ.
ރިޕޯޓްތަށް ބަލާލުމަށްފަހު ޑޮކްޓަރު އެދުނީ ކޮންމެ ތިންމަހުން ދައްކަން އައުމަށެވެ. އަދި އޮޕަރޭޝަން ކުރަން މިހާރުއްސުރެ ތައްޔާރުވުމަށް ވެސް ޑޮކްޓަރު ނަސޭހަތް ދިނެވެ. ތަކުރާރުކޮށް މިއީ ރިސްކީ ނަމަވެސް ކާމިޔާބު ކުރެވޭނޭ އޮޕަރޭޝަން އެއްކަމުގައި ޑޮކްޓަރު އުންމީދު ދިނެވެ. އެ އުންމީދާއިއެކު އަހަރެމެން ރަށަށް ފުރީ ތިން މަސް ފަހުން ދައްކަން އަންނަ ގޮތަށެވެ.
ދެމީހުން އެކުގައި މާލެއަށްކުރި ދަތުރަށްފަހު އަހަރެންނަށް އިތުރަށް އިޖާޒްއަށް ސަމާލުކަން ދޭންފެށުނެވެ. މިހާރަށްވުރެ ގާތުން އިޖާޒް ގެ ކަންކަން އަހަރެން ބަލަން ފެށީމެވެ. އެކުގައި ވާހަކަ ދައްކާލާ ޓީވީ ބަލާލާހަދަން ވަގުތު ހޭދަ ކުރަން ފެށީމެވެ. ނަމަވެސް ދެރަ ކަމަކީ އަހަރެން އިޖާޒް އާއި ގާތްވާން މަސައްކަތް ކުރިއަސް ލައިތްމަތިން ހަނދާން ނައްތާނުލެވުމެވެ. އިޖާޒް ކިތަންމެ ރަނގަޅު ނަމަވެސް، އަހަރެން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އަހަރެންނަށް އިޖާޒް ދެކެ ލޯތްބެއް ނުވެވުނެވެ. އެކަމަކު އަހަރެން އެއްކަމެއް ހިތުގައި އެޅީމެވެ. ލައިތް ދެކެ އަހަރެން ކިތަންމެ ލޯބިވިއަސް އެކަން ހިތުގެ އެއްފަރާތެއްގައި ފޮރުވުމަށް ފަހު އިޖާޒްއަށް ފިރިއެއްގެ މަޤާމު ދިނުމެވެ. އަތްބެއްގެ ހައިސިއްޔަތުން ދޭން ޖެހޭ ހުރިހާ ޚިދުމަތެއް ދެވޭތޯ އަހަރެން މަސައްކަތް ކުރަން ނިންމީ އިޖާޒްއާއި އެކީ މިވީ ފަސް ވަރަކަށް މަސްދުވަހު އިޖާޒް ގެ ފަރާތުން އަހަރެންނަށް ލިބުނު ލޯތްބާއި އިހްތިރާމް ގެ ބަދަލެއްގެ ގޮތުންނެވެ. ގަދަ ކަމުންވިޔަސް އަހަރެންގެ ހިތް ކިޔަމަން ކުރުވުމަށް އަހަރެން ގަދަ އަޅާ މަސައްކަތް ކުރަން ޢަޒުމު ކަނޑައެޅީމެވެ. މިކަމުގެ އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އަހަރެންނާއި އިޖާޒް އެއް އެނދުގައި ނިދަންފެށީމެވެ. އަދި ކޮޓަރި އެއްކޮށް އަނދިރިކޮށް ބުރުގާ ނާޅާ ނިދަން ފެށީމެވެ. އިޖާޒް އަހަރެން ކޮޓަރި އެއްކޮށް ނިވާލާތީ ސުވާލުވެސް ކުރިއެވެ. ނަމަވެސް އަހަރެން ދޮގެއް ހަދާލީ އަލިވީމައި ނުނިދޭ ކަމުގައި ބުނަމުންނެވެ. އަހަރެން ދައްކާ ކޮންމެ ވާހަކަ އިތުރު ސުވާލަކާއި ނުލާ އިޖާޒް ޤަބޫލުކުރެއެވެ.
އެއްރެއެއްގެ ރޭގަނޑެވެ. އާދައިގެ މަތީން ކޮޓަރި ނިއްވާލުމަށްފަހު އަހަރެމެން ދެމީހުންވެސް ނިދަން އޮށޯތީމެވެ. އަހަރެންނަށް ނިދުނު ތަނާހެން ލައިތް ހުވަފެނުން ފެނުނެވެ. އިޖާޒް ކައިރީ ރޮމުން އާދޭސްކުރަމުން ދިޔައީ އަހަރެން ދޫކޮށް ދިނުމަށެވެ. ނަމަވެސް އިޖާޒްވެސް ހުރީ އަހަރެން ދޫކޮށްލާ ގޮތަކަށް ނޫނެވެ. ދެން ފެނުނީ އަހަރެން ތުއްތު ކުއްޖެއް ގޮވައިގެން އައިސް އިޖާޒް އަތުގައ ހިފައިގެން ގެއަށް ވަންނަން ހިނގައިގަތްތަނެވެ. ލައިތް ކުޑަ ކަކޫ ޖަހާފައި ބިންމަތީ އިށީންނަތަނާއި އަޑުން އަޑު ނަގާފައި ރޯ މަންޒަރުވެސް ފެނެއެވެ. ދެން ފެންނަނީ ލައިތް ކުއްލިއަކަށް ބިންމަށްޗަށް ވެއްޓޭތަނެވެ. އެއާއިއެކު އަހަރެން އިޖާޒް ގައިން އަތްދޫކޮށްލާ އަހަރެން އެ ތުއްތު ކުއްޖާ އުރަށް ޖަހާލައިގެން ލައިތް އާއި ދިމާއަށް ދުއްވާ ގަނެއެވެ.
ސިއްސައިގެން ގޮސް އަހަރެންނަށް ހޭލެވުނު އިރު މީހާ ދާ ހިއްލާ ފޯވެއްޖެއެވެ. މާނޭވާ ލެވެއެވެ. ހަމަޖެހެލެވޭތޯ މަސައްކަތް ކުރަމުން އެނދުގައި އިށީނދެލީމެވެ. އެވަގުތު އިޖާޒް އެނދުގައި ނެތްކަން އަހަރެންނަށް ފާހަގަވިއެވެ. އަހަރެން ތެދުވެ ގަޑި ބަލާލަމުން ކޮޓަރި ދިއްލީމެވެ. ގަޑިން މެންދަމު 2:30 ހެވެ. ހަމަ އެވަގުތު އިޖާޒް ފާޚާނާއިން ނުކުތްތަން އަހަރެން ދުށީމެވެ.
“ކިހިނެއް ވީ އާޔާ؟ ހާދަ ވަރަކަށް ދާ ހިއްލާފަ” އިޖާޒް ސިހިފައި އަހާލިއެވެ.
“ބިރުވެރި ހުވަފެނެއް ފެނިގެން ހޭލެވުނީ” ސައިޑް ޓޭބަލް މަތީގައިހުރި ފެންޖަގުން ފެންފޮދެއް ތައްޓަކަށް އަޅާލަމުން އަހަރެން ބުނެލީމެވެ.
“އޭސީ ފިނި ގަދަ ކޮށްލަން؟” އިޖާޒް އެހެން އަހާލީ އަހަރެނ ދާ ހިއްލާފައި ހުރުމުންނެވެ.
” އުނހު. ބެލްކަންޏަށް ނުކުމެ ވައިޖައްސާލާފަ ދެން އިށޯންނާނީ. އިޖާޒް ނިދާލާ” އަހަރެން ނިދާ ބޮކި ދިއްލާލާފައި ލައިޓްތައްނިވާލާ ބެލްކަންޏަށް ނުކުމެލީމެވެ. ބުރުގާ ނާޅަ ހުރެވުންކަން ހަނދާންވި ނަމަވެސް މާ ބޮޑު އެއްޗެއް އެވަގުތު ހިތަކަށް ނޭރިއެވެ.
ބެލްކަނީގައި ހުރި އުނދޯލީގައި އިށީނދެލާ ފެނުނު ހުވަފެނާއި މެދު ވިސްނާލީމެވެ. ލައިތް އަހަރެން މަތިން މާބޮޑަށް ހަނދާން ވަނީ ކަންނޭގެއެވެ. ނޫނީ އަހަރެން ލައިތް މަތިން މާ ބޮޑަށް ހަނދާންވަނީއެވެ. ލައިތް އަހަރެން މަތިން ހަނދާން ނައްތާނުލާކަމެއްވެސް ނޭގެއެވެ. ހިޔާލުތަކުގައި އިންދައި އަހަރެން ސިއްސައިގެން ދިޔައީ އިޖާޒް އައިސް އަހަރެން ކައިރީ އުނދޯލީގައި އިށީންނުމުންނެވެ.
” އޯކޭތަ މިހާރު؟ އެހެން ފެންނަ ހުރިހާ ހުވަފެނަކާ މެދު ވިސްނާކަށް ނުވާނެ. ހިނގާ ނިދާލަން. މާދަން އޮފީހަށްވެސް ދާންޖެހޭނެއެއްނު” އަހަރެން ތެދުވެ އިޖާޒް ފަހަތުން ހިނގައިގަތީމެވެ. އެއީ އަހަރެން ބޮކި ދިއްލައިގެން ބުރުގާ ނާޅާ އިޖާޒް ކުރިމައްޗަށް އައި ފުރަތަމަ ރެއެވެ.
އެރޭ ދެން އަހަރެން ކައިރިއަށް ނިންޖެއްނައެވެ. އެކި ޚިޔާލުތައް އަހަރެންގެ ސިކުނޑި ވަށާލާފައިވާފަދައެވެ. ފަތިސް ނަމާދަށް ބަންގި ގޮވީވެސް އަހަރެން އެގޮތުގައި އޮއްވައެވެ.
(ނުނިމޭ)
2 Comments!
Comments are closed.
Wow very nice waiting for the next part of the story. Keep it up and be safe.
އަސްލު ވާހަކާގެ ބޮޑަށް ފެށިގެން އާ އިރު ވާހަކާގެ މެއިން ކެރެކްޱާ އެއްގެ ގޮތުގަ ސިފަވީ ލައިތް އެކަމަކު މިހާރު އޭނަގެ ބައެއް ވެސް ނެތް ވާހަކަ ނިމެން ވާނީ މެއިން ކެރެކްޱާރސް ގުޅޭގޮތައް