
ނިކަން ލޯބިން-18
“އާޔާއަށް، އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށްވުމަށް މީގެ 11 އަހަރުކުރިން އެދުނީ ލޯތްބަކީ ކޮންޗެއްކަން ނޭނގިއެވެ. ވޭތުވެދިޔަ 11 އަހަރު ތެރޭގައި އަހަރެންނަށް އެއްވެސް އަންހެން ކުއްޖަކު ކަމަކު ނުދިޔައެވެ. ހިތް އެދެމުން ދިޔައީ އާޔާ އައި ދުވަހަކުން އާޔާ އަށް ލޯބި ހުށައެޅުމަށެވެ. އަހަރެންގެ ލޯބި ޤަބޫލުކުރާނެކަމަށް އުންމީދު ކުރަމެވެ.”
ހުރިހާ އެއްޗެއް އަލުން ފޮށިގަނޑަށް އަޅާލުމަށްފަހު އެނދު އަޑިއަށް އެ ފޮށިގަނޑު ލީމެވެ. އަދި އެނދުގައި ޖައްސާލީމެވެ. އެތައް ދަމެއް ވެގެން ދިޔައިރުވެސް އަހަރެންގެ ލޮލަކަށް ނިންޖެއްނައެވެ. އިޖާޒްގެ ހުށައެޅުމާއި މެދު އަހަރެންނަށް ވިސްނެނީއެވެ. ހިތާއި ސިކުނޑިއާއި ދެމެދު ކުރެވެމުން ދިޔަ ހަނގުރާމައަކީ މިހާތަނަށް ދުވަހަކުވެސް އަހަރެން ބަރުދާސްތު ކުރަން ޖެހުނު ކަމެއް ނޫނެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައީ އިޖާޒް ކައިރީ ތެދަށް ބުނުމަށެވެ. އަހަރެންގެ ލޯބިވެރިއެއް ހުންނަކަމާއި އަހަރެން ނިހާޔަތަށް އޭނާ ދެކެ ލޯބިވާކަމެވެ. އަދި އޭނާގެ އިންތިޒާރުގައި އަހަރެން ދުވަސް ގުނަގުނާ ހުރިކަމެވެ. ނަމަވެސް އަހަރެންގެ ސިކުނޑި ހިތާއި ދެކޮޅުވަނީއެވެ. ލައިތް ދޮޅު އަހަރު ފަހުން އަޔަސް އަހަރެން އޭނާ އާއި ކައިވެނި ކުރަން ބޭނުންނަމަ މާލެ ދާން ޖެހޭނެކަމެވެ. ލައިތްއަށް މި ރަށުގައި އުޅުމަކީ ވާނޭކަމެއް ނޫނެވެ. އަހަރެންގެ ބައްޕަގެ ބަލި ހާލަތު ހުރިގޮތުން އަހަރެންނަށް މާލެ ބަދަލުވުމަކީވެސް މިހާރު ކުރެވޭނޭ ކަމެއް ނޫނެވެ. ޝާމްބެއަކީވެސް އާއިލާގައި ގިނަ މީހުންތަކެއް ހުރި މީހެއްނޫނެވެ. ޝާމްބެގެ މަންމައާއި ބައްޕަ ދޫކޮށްލައިފައި އައުމަކީ ދޮންއަށް ކުރެވޭނެކަމެއް ނޫނެވެ. އަނެއްކޮޅުން އިޖާޒް ކިހާ ހެޔޮހެއްޔެވެ. ފިރިއެއްގައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް އެބަހުއްޓެވެ. އަހަރެންގެ ސިކުނޑި ބުނަމުންދިޔައީ އިޖާޒް ގެ ހުށައެޅުން ޤަބޫލުކޮށް ލައިތްމަތީން ހަނދާން ނައްތާލާށެވެ. ލައިތްއާއި އަހަރެން އެކުގައި މަސް ދުވަސް ވެސް ހޭދަ ނުވެއެވެ. އިޖާޒް އާއިއެކު އުޅެން ފެށުމުން ލައިތްމަތިން ހަނދާން ނައްތާލެވިދާނެ ކަމުގައި ސިކުނޑި ވިސްނައިދިނެވެ. ނަމަވެސް އަހަރެންނަށް ބޮޑަށް ބުރަވެވެނީ އަހަރެންގެ ހިތަށެވެ. ލައިތް އަށް އިންތިޒާރު ކުރުމަށެވެ. ލައިތް އައުމުން ނޫނީ ވަކި ގޮތަކަށް ނުނިންމުމަށެވެ.
ފަތިސް ނަމާދަށް ބަންގި ގޮވީވެސް އަހަރެން މިފަދަ ޚިޔާލުތަކެއްގައި އޮއްވައެވެ. ނަމާދުކޮށްލައިގެން ބަދިގެއަށް ދަމުން ފޯނު ހުޅުވާލިއިރު އިޖާޒް ގެ މެސެޖެއް އިނެވެ.” އަވަސް އަރުވާލާފައި ޖަވާބެއް ނުދިނަސް އެންމެ ރަނގަޅެވެ. ވިސްނާލަށް ވަގުތު ނަގާށެވެ.” އަހަރެން ވެސް ތެންކްސް އޭ ކިއާފައި އެ މެސެޖްއަށް ރިޕްލައި ކޮށްލީމެވެ.
އެ ދުވަހަށް ފަހު އަނެއްކާވެސް ކުޑަކޮށް އަހަރެމެން ދެމީހުންގެ ދެމެދު ބީރަށްޓެހިކަމެއް އުފެދުނެވެ. އިޖާޒްއަށް ނުފެނި އުޅެވޭތޯ ބަލަން ފެށުނެވެ. ނަމަވެސް އެކަން ދެ އާއިލާއަށްވެސް ނުދައްކާވޭތޯ އަހަރެން މަސައްކަތް ކުރަމުންދިޔައީމެވެ .
އެއްދުވަހެއްގެ ހަވިރުގެ ވަގުތެވެ. އޮފީހުން އައިސް ޓެރެސް ގައި ހުރި ޖޯލީގައި އޮށޯވެލައިގެން އަހަރެން އޮތީ އިޖާޒް ގެ ހުށައެޅުމާއި ދޭތެރޭ ވިސްނާށެވެ. އަހަރެންގެ ދިރިއުޅުމުގައި ވިސްނާނޭ އެހެން ކަމެއްނެތް ކަހަލައެވެ. އަހަރެން ސިއްސައިގެން ދިޔައީ މަންމަ އައިސް އަތުގައި ހިފާލުމުންނެވެ.
” ދަރިފުޅާ. ހާދަ ވަރަކަށް ކޮންކަމަކާ ވިސްނަނީ” ދަރިއަކަށް ކިތަންމެ ކުޑަކަމެއް ވިޔަސް މައިންނަށް އޭގެ އިހްސާސް ވާކަހަލައެވެ.
” މާ ބޮޑު ކަމެއް ނޫން. އޮފީސް ކުއްޖަކު ޚިޔާލަކަށް އެހީމަ އެކަމާ ވިސްނާލީ” އަހަރެން ދޮގެއް ހެދީމެވެ.
“ކޮންކަމަކާ؟ މަންމަ ވެސް ޚިޔާލެއް ދީފަނަމޭ” މަންމަ އެހެން ބުނުމާއިއެކު މިކަމުގައި މަންމަގެ ޚިޔާލު ހޯދުމަކީ ރަނަގޅު ވިސްނުމެއްކަމުގައި އަހަރެންނަށް ވިސްނުނެވެ.
“މަންމަ ކާކު ތޯ ނާހައްޗޭ. އެއްވެސް މީހެއް ކައިރީ ނުބުނާނަމޭ ބުނެފަ މިހިރީ” އަހަރެން މަންމަ ސުވާލެއް ކޮށްފިނަމަ ދޮގު ހަދަން ޖެހިދާނެތީ ބިރުގަތެވެ.
“ހޫމް ނާހާނަމޭ. ކިހިނެއްވީތަ؟” މަންމަ އަނެއްކާވެސް އެހިއެވެ.
“އަޅުގަނޑާއިއެކީ މާލެގައި އެއް އޮފީހެއްގައި އުޅުނު ކުއްޖެއް. އޭނަ ކުއްޖެއްދެކެ ވަރަށް ލޯބިވެޔޯ. އެކަމް ދެމީހުން ރަށްޓެހިވިތާ މާ ގިނަ ދުވަހެއްނުވެ ވަޒީފާގެ ގޮތުން ފިރިހެން ކުއްޖާ އެހެން ރަށަކަށް ދިޔައީއޯ. ދެން އޭނަ ކުޑައިރުއްސުރެ ދަންނަ ވަރަށް ގާތް ކުއްޖެއް އިންނަން އެހީއޯ. މީގަ އުންދަގޫވަނީ އޭނަ ރަށްޓެހިވެގެން އުޅޭ ކުއްޖާއަށް ނެތޯ މާލޭގަ އުޅެވޭކަށް. އަންހެން ކުއްޖާއަށް ނެތޯ އެ ރަށަށް ދިރިއުޅެން ދެވޭކަށް. އެކަމަކު އެ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވެޔޯ. ދެން ފަހުން އިންނަން އެހި ކުއްޖާއަކީ މާލޭގައި އުޅޭ ކުއްޖެކޯ. ވަރަށް އަޅާލާ އޯގާތެރި ކުއްޖެކޯ އެއީ. ދެން ހަނދަންވީ ގޮތެއް ނޭނގިގެން ބޯ ގޮވައިގެން އުޅެނީ”
” ދަރިފުޅާ! އޭނަ ކައިރީ ބުނޭ މީހަކާ ނީންދެ ހުންނާށޭ” މަންމަ ހެމުން ހެމުން މަޖާރާގެއްގައި ބުނިލެއެވެ.
އަހަރެންވެސް މަންމެ ހުނުމުގައި ބައިވރިވީމެވެ.
“އަސްލު ތީ އެންމެ ރަނގަޅު ގޮތްދޯ. އެކަމަކު މަންމާ. އޭނަވެސް މީހަކާ އިންނަން ޖެހޭނެއެއްނު.”
” ދަރިފުޅާ. ތެދަށް ބުނަންޏާ އަސްލު ލޯބި އެނގޭނީ މީހަކާ އިނދެ އެކުގަ އުޅެން ފެށީމަ. ކައިވެންޏެއްގެ ކުރިން ވިސްނަން ވީ ހަމަ އެކަނި ކަމަކީ އިންނަން އުޅޭ ފިރިހެން ކުއްޖާއަކީ ޚުލްގެ ހެޔޮ އަޅާލާ އޯގާތެރި މީހެއްތޯ. ދެމީހުން ދެރަށުގަ އިނދެގެން ނޫޅެވޭނެ.އެކަކު ގޮތް ދޫކުރަން ބުނޭ. އަންހެން ކުއްޖާއަށް އެހެން ގޮތެއް ނެތިފަ، ދެން ތި އިންނަން އެހި ފިރިހެން ކުއްޖާއަކީ ސޯލިހް ދީނީ ކުއްޖަކަށް ވެފައި ޚުލްގު ހެޔޮ ކުއްޖެއްނަމަ އޭނާއާއި ކައިވެނި ކުރުން އެންމެ ބުއްދިވެރި ގޮތަކީ. މީ މަންމަގެ ޚިޔާލު. އެކަމަކު ވިސްނަން ވީ އެހެން މީހުންގެ ޚިޔާލަކަށް ނޫން. އެމީހެއްގެ ދިރިއުޅުން ބިނާ ކުރާނީ އެމީހެއް އަމިއްލައަށް. މަންމަ އުންމީދު ކުރަނީ ތި އެހީ އާޔާގެ ވާޙަކަ އެއް ނޫންކަމުގަ.” މަންމަ ތެދުވަމުން ބުނި ބަހުން އެނގިގެން ދިޔައީ މައިމީހާއަށް އެއްވެސް ކަމެއް ސިއްރު ނުކުރެވޭނެކަމެވެ.
” ދެން މަންމާ. އާޔާ ކަމެއް ވެއްޖެއްޔާ އެންމެ ފުރަތަމަ މަންމަ ކައިރީ އަހާނީ” އަހަރެން މަސައްކަތް ކުރީ ދެންވެސް ސިއްރުކުރެވޭތޯއެވެ.
އަހަރެންގެ ކައިރީގައި ގުޅެން އެހި ފަހުން އިޖާޒް އެވާހަކަ އިތުރަށް ނާހާތީ ކުޑަވަރެއްގެ ހިތް ހަމަ ޖެހުމެއް އަހަރެންނަށް ލިބުނެވެ. ނަމަވެސް އެއްދުވަހެއްގެ ހަވީރު އިޖާޒް އަނެއްކާވެސް އަހަރެންނަށް މެސެޖް ކުރިއެވެ.
” ހާދަ ފުންކޮންނޭ ތި ވިސްނަނީ. ވިސްނަން މުޅި އުމުރު ހޭދަ ނުކުރައްޗޭ. މަށަށް އޯކޭ އޭ ނޫނެކޭ ބުންޏަސް.” އަހަރެން އެ މެސެޖް ކިއަން ހުއްޓައި ލައިތްގެ ފޯނެއް އައެވެ.އެކި ވާހަކަ ތަކުގެ ތެރެއިން އަހަރެން ބޭނުންވާ މިސްރާބަށް ވާހަކަ ބަދަލު ކޮށްލީމެވެ.
“ލައިތް އައިސް އަހަރެމެން މެރީ ކޮށްގެން ކޮންތާކު އުޅޭނީ”އަހަރެން އަހާލީމެވެ.
“ހުޅުމާލޭގައެއްނު.އެގޮތަކަށް ނު ނިންމީ” ތެދެކެވެ. އަހަރެމެން ކުރިން ވިސްނީ ހުޅުމާލެއިން ބިމެއް ގަނެގެން އަމިއްލަ ގެއެއް ހުޅުމާޅޭގައި ބިނާ ކުރުމަށެވެ.
“މިހާރު އަހަރެންނަށް ހުޅުމާލެއަށް ބަދަލު ވެވެން ނެތިއްޔާ ކިހިނެއް ހަދާނީ”
“ކީއްވެ ބަދަލު ނުވެވެންވީ. ޖޮބް ނުލިބުނަސް އޯކޭ. މަށަށް އެވަރަށް ލާރި ހޯދޭނެއޭ. ބޭބީ އެއް ހޯދައިގެން އާޔާ ގޭގަ ހުންނާނީއޭ” ލައިތް ހުރީ ދިރިއުޅުމުގެ ޕްލޭންވެސް ކޮށްނިންމައިގެން ކަހަލައެވެ.
“އަހަރެން ބައްޕަ ބަލިއިރު ކިހިނެއް ދޫކޮށްލާފަ ދާނީ. ލައިތް އަންނަން ވީނު މިކޮޅުގަ އުޅެން”އަހަރެންގެ ހާލަތު އަހަރެން ބަޔާން ކުރީމެވެ.
“ޔާ! އަހަރެން ކިހިނެއް ތިކޮޅުގަ އުޅޭނީ؟ ދެން ބައްޕަ މެންނާ ވާހަކަ ދައްކާލާފަ އެމީހުންވެސް މާލެ ބަދަލު ކުރެވިދާނެއެއްނު. ވިޔަފާރި ބަލަހައްޓަން މީހަކާ ހަވާލުކުރާނީ އެއްނު ” ލައިތް އެހެން ބުނެލިއަސް އަހަރެންގެ ބައްޕަ ވިޔަފާރި އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލާފައި ނުދާނޭކަން އަހަރެންނަށް އެނގެއެވެ.
“ބައްޕަ ނުދާނެ.”
“އެކަމާ ނުވިސްނަބަލަ. ވަގުތު ޖެހުނީމަ ރަނގަޅުވާނެ” އަހަރެންވެސް ދެން އެކަމާއި އިތުރަށް މަޝްވަރާނުކުރަމެވެ. ލައިތް އަކީ ޕައިލެޓްއެކެވެ. ލައިތް އައިސް މި ކހަލަ ރަށެއްގަ ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ.ބައްޕަ ވެސް އަދި މަންމަ ވެސް ރަށް ދޫކޮށްފަ މާލެ ބަދަލު ނުވާނެކަން އަހަރެންނަށް ކިތަންމެ ވަރަކަށްވެސް ޔަޤީނެވެ. ޚާއްޞަ ކޮށް ވިޔަފާރިއަކީ ބައްޕަ ޒުވާން ދުވަސްވަރުން ސުރެ އަމިއްލަ މަސައްކަތް ކޮޅަށް ޖަހާފައިވާ ވިޔަފާރިއެކެވެ. ވިޔަފާރި އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލާފައި ގޮސް މާލޭގައި ހުރުމަކީ ބައްޕަވާނޭ ކަމެއް ނޫނެވެ.
ވަރަށް ވިސްނުމަށް ފަހު އަނެއް ދުވަހުގެރޭ ބައްދަލު ކޮށްލަން ޓެރަސް އަށް އައުމަށް އިޖާޒްއަށް މެސެޖްކޮށްލީމެވެ. އަދި އަހަރެންގެ ނިންމުން އެއީ އެންމެ ރަނގަޅު ނިންމުންކަން ޔަޤީން ކުރުމަށް އިސްތިޚާރާ ނަމާދުވެސް ކުރީމެވެ.
ޖެހިގެން އަދި ދުވަހުގެ ހަވީރު އަހަރެން ލައިތްއަށް މެސެޖްއެއް ކުރީމެވެ. ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންކަމާއި ގުޅާލަ ދިނުމަށް އެދުނީމެވެ. ނަމަވެސް ލައިތް މެސެޖްކުރީ ދިގު ފްލައިޓްއަކަށް ފުރަންދަނީ ކަމާއި ދެ ދުވަހެއްގެ ތެރޭގައި ޚަބަރެއް ވާނޭކަމުގައެވެ. މި ގޮތަށް ދިމާމި ވީވެސް އެންމެ ރަނގަޅަށްކަމުގައި އަހަރެނ ޤަބޫލުކުރީމެވެ. ފޯނުން ވާހަކަ ދެއްކުމަށްވުރެ މެސެޖްއަކުން މި ވާޙަކަ ބުނެލުން އެއީ އެންމެ ރަނގަޅު ގޮތްކަމުގައި އަހަރެންނަށް ވިސްނުނެވެ. އަހަރެން މެސެޖްއެއް ލިޔަން ފެށީމެވެ.
” ލައިތްއެވެ. އަހަރެންނަށް މާފުކުރާށެވެ. ލައިތްއާއި އެކީ އަހަރެންގެ ދިރިއުޅުމުން ބިނާ ކުރެވޭނޭ ކަމަށް އަހަރެންނަށް ޤަބޫލެއް ނުކުރެވެއެވެ. ލައިތް ގެ ވަޒީފާއަކީ ލައިތް ގެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެވެ. އެކަމަކީ ލައިތްއަށް ދޫކޮށްލެވޭނޭކަމެއް ނޫންކަން އަހަރެން ޤަބޫލުކުރަމެވެ.ނަމަވެސް އަހަރެންނަކީވެސް ދެމަފރިއެއްގެ ހުރިހާ އުންމީދެއް ގުޅިފައިވާ ކުއްޖަކީމެވެ. ދޮން އަކީ މީހެއްގެ އަތްބަކަށް ވުމާއިއެކު ބަލި މައިދައިތައެއް ބަލަން ޖެހިފައިވާ މީހެކެވެ. އެހެންކަމުން މަންމަ މެންގެ ހުރިހާ ވެސް މީހަކީ މިއަދު އަހަރެންނެވެ. އެމީހުންނާއި ދުރުގައި ދިރިއުޅުމެއް ފަށައިގެން އުޅުމަކީ އަހަރެންނަށް ކުރެވޭނޭކަމެއް ނޫނެވެ. ބައްޕަ އަކީ މިއަދު ބަލި މީހެކެވެ. އެކި ކަންކަމުގައި ފިރިހެންދަރިއެއްގެ އެހީތެރިކަން ނިހާޔަތަށް ބޭނުންވާ މީހެކެވެ. އަހަރެމެން ދެމީހުން އެކަކު އަނެކަކުދެކެ ކިތަންމެ ލޯބިވިޔަސް ލައިތްއަކީ އަހަރެން ބައްޕަ ކައިރީ ހުރެވޭނޭ ބައްޕަ ބޭނުންވާފަދަ ފިރިހެން ދަރިއަކަށް ވެވިދާނެ ކަމާއިމެދު އަހަރެންނަށް ޝައްކެވެ.ލައިތްގެ ވަޒީފާ އާއި ހުވަފެންތައް ދޫކޮށް މި ރަށަށް ދިރިއުޅުން ބަދަލުކުރުމަކީ ލައިތްއަށް ނުވާނޭކަމެއްކަން އެނގެއެވެ. އެހެންކަމުން އަހަރެން މި ގަސްތުކުރަނީ ދެމީހުންގެވެސް ދިރިއުޅުމަށްޓަކައި އަހަރެންގެ ލޯބި ޤުރުބާން ކުރާށެވެ. މިރަށުގައި އުޅެވޭނެ އަދި އަހަރެން މައިްނބަފައިންނަށް އެހީވެވޭނޭފަދަ މީހަކާ ވަރަށް އަވަހަށް އިންނަން ނިންމައިފީމެވެ. އަހަރެންނަކީ ބޭވަފާތެރިއެއް ކަމުގައި ލައިތް ބެލިކަމުގައި ވީނަމަވެސް ހެޔޮ ހިތުން އެކަންވެސް ބަލައި ގަންނާނަމެވެ. ނަމަވެސް އިޝްޤީ ލޯތްބަށްވުރެ މައިންބަފައިން ގެ ލޯބި އެތައް ތަނެއް މާތްވެފައި އަގުބޮޑުވާނެއެވެ. އަހަރެމެން ދެމީހުން ރަށްޓެހިވިތާ މާގިނަ ދުވަހެއް އަދި ނުވޭ ނޫންހެއްޔެވެ. އެހެންކަމުން ލައިތްއަށް އަހަރެން މަތީން ހަނދާން ނައްތާލުމަކީ މާ ބޮޑުކަމަކަށް ނުވާނެއެވެ. އަހަރެމެން ދެމީހުންގެ ގުޅުމަކީ އެއްވެސް މީހަކަށް އެނގޭ ގުޅުމަކަށް ނުވުމާއިއެކު އެގޮތުގައި އެކަން ބާއްވާ މި ގުޅުން އަހަރެން ނިންމާލަމެވެ. އުންމީދަކީ އަހަރެންގެ މި ނިންމުމަށް ލައިތް އިހްތިރާމް ކުރާނޭ ކަމުގައެވެ. ލައިތް ދެރަވާނޭވަރު އަހަރެންނަށް އިހްސާސްކުރެވެއެވެ. ނަމަވެސް އަހަރެންގެ ނަޒަރުން ލައިތް ވިސްނައިފި ނަމަ އަހަރެން މި ނިންމުން ނިންމީ ކީއްވެގެންކަން އިހްސާސް ކުރެވޭނެއެވެ. އަހަރެން އަބަދުވެސް ލައިތްއަށް ހެޔޮ ދުޢާކުރާނަމަވެ. އަބަދުވެސް ހަނދާން ކުރައްޗެވެ.ނިކަން ލޯބިވޭ”
މެސެޖެ ލިޔެ ނިމުން އިރު އަހަރެން ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ. ވަރަށް ހިތްދަތިވެއެވެ. ވަރަށް ދެރަވެއެވެ. އަހަރެން ބޭނުންނަމަ މަންމަ މެން އަހަރެންނާއި ލައިތް ގުޅުމަށް ހެޔޮހިތުން އާ ބަސް ބުނާނެއެވެ. ނަމަވެސް ދަރިއެއްގެ ފަރާތުން މައިންބަފައިންގެ މައްޗަށްވެސް ހައްޤުތަކެއްވެއެވެ. ދަރިންގެ ބޭނުންޖެހޭ ދުވަހު ދަރިން މައިންބަފައިން ދޫކޮށްލުމަކީ އަހަރެން ޤަބޫލުކުރާގޮތެއް ނޫނެވެ. ލައިތްއަންނަންދެން އަހަރެން އިންތިޒާރު ކޮށްފިނަމަ މި ގުޅުން ނިންމާލަން ދެމީހުންނަށްވެސް އުނދަގޫވާނެއެވެ. މައިންބަފައިން ދޫކޮށްލާފައި ލައިތްއާއި ނުއިނދެވޭނެއެވެ. ހަމަ އެހެންމެ ލައިތްއަށް އަހަރެންނާ އިންނަން އޭނާގެ ކެރިއާ ހުއްޓައެއްވެސް ނުލެވޭނެއެވެ. ދެމީހުންނަށްވެސް އެންމެ ރަނގަޅު ވާނެގޮތަކީ އަހަރެން އަވަހަށް އިޖާޒް އާއި އިނުމެވެ.އޭރުން ލައިތް ގެ ކޮންޓްރެކްޓް އިތުރުކޮށް ލައިތް ބޭނުންވާފަދައިން ޑުބާއީގައި ދިރިއުޅެވޭނެއެވެ. އެހެންކަމުން މިއީ އެންމެ ރަނގަޅު ގޮތްކަމުގައި ހިތަށް ވިސްނައި ދެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އެތައް ފަހަރަކު އެ މެސެޖް ކިއުމަށްފަހު ސެންޑްއަށް ފިއްތާލީމެވެ. އަދި ލައިތްގެ ނަންބަރު ބްލޮކް ކުރީ އަހަރެންނަށް ލައިތްގެ ފަރާތުން އަންނަ ރިޕްލައި ކިއަން އުނދަގޫވާނެތީއެވެ. އޭނާ ހާދަ ދެރަވާނެއެވެ. ނަމަވެސް އަހަރެންނަށް ޔަޤީންވާކަމަކީ ލައިތް އަހަރެންގެ ނިންމުމަށް އިހްތިރާމް ކުރާނޭކަމެވެ.
މެސެޖް ފޮނުވާލުމަށްފަހު ވެސް އެތަށް އިރެއްވަންދެން އަހަރެން ރުއީމެވެ. މިކުރެވުނީ އެންމެ ރަނގަޅު ކަމެއް ބާވައޭ އެތަކެއް ފަހަރު ހިތަށްއެރިއެވެ. އެހެންކަމުން ހިތަށް ލުޔެއް ހޯދުލުމަށްޓަކައި ފެންވަރައިގެން އަނެއްކާވެސް އިސްތިޚާރާ ނަމާދު ކޮށްލީމެވެ.
އެރޭގެ 09 ޖެހީ އިޖާޒް އަހަރެމެންގޭގައި ހުއްޓައެވެ. މަންމަ އާއި ބައްޕަ އެވަގުތު ވީ ފިހާރައެއްގައި ކަމުން ގޭގައި އެއްވެސް މީހަކު ނޫޅެއެވެ. އަހަރެން އިޖާޒް ގޮވައިގެން ޓެރަސް އަށް އަރާ ޖޯލީގައިއިށީނީމެވެ.
(ނުނިމޭ)
One Comment
Comments are closed.
Masha allah vrh reethi mi story??… omg just can’t wait to read the next part… waiting for it curiously?