
ނިކަން ލޯބިން-14
“ދެން ދަނީ އެނގޭ. ކައިގެން މިއައީ. އެހެން ދުވަހަކުން ކާން އަންނާނަން. އަހަރެން މިކޮޅުގަ މަޑުކުރާގޮތަށް. ބައްޕަ އަށް ޑޯނާރ އެއް ލިބުނީމަ ސާރޖަރީއަށް ދެވޭތޯ ބަލާނީ” ބޭރުން ކާރުގެ ބަރުގޮނު އަޑުއިވުމާއިއެކު އަހަރެން ބޭރަށް ނުކުންނަށް ހިނގައި ގަތީމެވެ.
އެރޭ 2 ފިހާރަ އާއި ހަވާލުވެ ތިބި ދެ މީހުންނާއި ރެސްޓޯރެންޓް މެނޭޖަރާއި މޫސަބެއާއިއެކު ބައްދަލުކޮށް ވިޔަފާރީގެ ކަންކަން މަޝްވަރާކުރީމެވެ. އަދި ވިޔަފާރީގެ ކަންކަމުގައޮ ބައްޕަ އަށް ނުގުޅުމަށާއި ސީދާ އަހަރެންނަށް ގުޅުމަށް ބުނީމެވެ. ވައިބަރ ގްރޫޕްއެއް ހަދާ އެންމެން އެޑްކޮށް ބައްޕަވެސް އެޑްކުރީމެވެ. އަދި ކޮންމެ ދުވަހަކު ސޭލްސް އަޕްލޯޑް ކުރަމުން ގެންދިޔުމަށާއި ވިޔަފާރިއާއި ގުޅޭ ބައްދަލުވުމެއް ކޮންމެ ރެއަކުވެސް 0800 ގައި ބޭއްވުމަށް އަހަރެންނިންމީމެވެ. އަދި ބައްޕަ ގުޅުމުން ވިޔަފާރީގެ ކަންކަން ހިންގާނީ އަހަރެން ކަމާއި ބައްޕަ ހުންނާނީ ހަމައެކަނީ އެޑްވައިޒަރެއްގެ ގޮތުގައި ކަމުގައި ބުނީމެވެ. ބައްޕަ އަހަރެންގެ ވާހަކަ އަޑުއަހަން އޮތުމަށް ފަހު “އަހަރެންގެ އާޔާ ބޮޑުވެއްޖެއޭ” ބުނިލިއެވެ. ވެފައިހުރި ވަރުބަލި ކަމާއި އެކު ގެއަށް ގޮސް ޖައްސާލީމެވެ. އަނެއް ދުވަހަކީ ހޮނިހިރު ދުވަސްކަމުން ލައިތް އަށް ވީޑިއޯކޯލް ކޮށްލުމަށް ފޯނުނެގީމެވެ. ވަޓްސްއަޕް ހުޅުވާލިއިރު ލައިތްގެ މެސެޖްއެއް އިނެވެ. ދިގުދަތުރަކަށް ފުރާކަމާއި 2 ދުވަސް ފަހުން ޚަބަރެއް ވާނޭ ކަމުގައި މެސެޖްގައި އިނެވެ. އަހަރެން ބައްޕަ ގެ ހާލަތު މެސެޖެއްގައި ލިއެ ލައިތްއަށް ފޮނުވާލީމެވެ. އަދި އިންތިހާއަށް ހަނދާން ވާކަމާއި ލައިތް އަހަރެން ކައިރީ ހުންނާނެނަމައޭ ހިތަށްއަރާވާހަކަވެސް ބުނީމެވެ. މެސެޖްއަށް ރިޕްލައި އެއް ނާންނާނެކަން އެނގޭތީ އިތުރަށް އިންތިޒާރުކުރާކަށް ނުހަދަމެވެ. ޓީވީ އަޅުވާލައިގެން ޖައްސާލީ ފިލްމެއް ބަލާލުމަށްޓަކައެވެ.
ކުއްލިއަކަށް ސިއްސައިގެން ދިޔައީ ކޮޓަރި ދޮރުގައި ޓަކި ޖެހުމުންނެވެ. ގަޑި ބަލާލިއިރު ދިހަގަޑި ބައިވީއެވެ. ގޭގެ ތަޅުދަނޑި ނިއުމާއްތަ ނޫން މީހެއްގެ އަތުގައި ނޯންނާނެކަން އެނގޭތީ އެއީ ނިއުމާއްތަކަމުގައި ނިންމާ އަހަރެން ދޮރުހުޅުވާލީ ބުރުގާވެސް ނާޅާ ހުރެއެވެ. ނަމަވެސް ދޮރު ހުޅުވާލުމާއިއެކު ހިތަށް ބިރުވެރިކަންވަނީ ދޮރުމަތީގައި މީހަކު ނެތުމުންނެވެ.
އަވަސް އަވަހަށް ކޮޓަރިތެރެއަށް ވަދެ ދޮރު ލައްޕާލަން އުޅުނީމެވެ. ކުއްލިއަކަށް މީހަކު ދޮރުގައި ހިފަހައްޓާލުމުން އިސްނަގާބަލާލީމެވެ. ކުރިމަތީގައި ހުރީ އިޖާޒްއެވެ.
“އާޔާ ހާދަ ބިރުން. މަށޭ މީ” އަވަސް އަވަހަށް އިޖާޒް އެހެން ބުނެލީ އަހަރެން ބިރުން ހުރިކަން އެނގުމުންނެވެ. އެވަގުތު ބުރުގާ ނާޅާހުރިކަން ހަނދާންވުމުން އަވަހަށް އެތެރެއަށް ވަދެ ހަރުގައި އިން ބުރުގާ އަޅާލީމެވެ.އިޖާޒް އޭރުވެސް ކޮޓަރި ބޭރުގައި ހުއްޓެވެ.
” އަހަރެން ހީކުރީ ނިއުމާއްތަ ކަމަށް. ދޮރު ހުޅުވި އިރުގައި މީހަކު ނެތީމަ އަސްވެސް ހަމަ ބިރުގަތީ” އަހަރެން ބޭރަން ނުކުންނަމުން ބުނެލީމެވެ.
” އޭނަ ކުޑަދޮރު ނުލައްޕާހުރީމާ އެ ދޮރު ލައްޕާލަން ދިޔައީ. ނޭނގޭނެ އެއްނު އާޔާ ތިހާ ބިރުގަންނާނެ ކަމެއް. މަންމަ ބުނެގެންނޭ މިއައީ. ޔަޤީނޯ އާޔާ ނުކާނެއޯ މިރޭ ރަނގަޅަކަށް. އަހަރެން ކެއަވެސް ނުދިން. މަންމަ ދިން ސޭންޑްވިޗް އެއްޗެއް ތިރީގަ ހުންނާނެ. އާދެބަލަ ކާންދާން”
” ހަމަ އަސްލުވެސް އަހަރެން ކެއީމޭ. ނިއުމާއްތަ މާ ބޮޑަށް އެ ވިސްނަނީ” ސިޑިން ތިރިއަށް ފައިބަމުން އަހަރެން ބުނެލީމެވެ.
“ދެން ކެޔަސް އަލުން ކެވިދާނެއެއްނު. މަ ވަރަށް ބަނޑު ހައޭ” އިޖާޒް އަހަރެންނާ ވާހަކަ ދައްކަމުން ދިޔައީ ކުޑަވެސް ބީރަށްޓެހި ކަމެއް ނެތިއެވެ.
ކާމޭޒު ކައިރިއަށް ގޮސް އިޖާޒް ގެނައި ތަށިހުޅުވާލީމެވެ. ސޭންޑްވިޗް ތަކަކާއި ޗޮކްލެޓް ކޭކް ހުއްޓެވެ.
“ކޮފީތަ ޓީ ތަ؟ ޖޫސް ނެތް އެނގޭ” އަހަރެން ކޮފީ އެއް ހަދަން ޖޯޑެއް ނަގަމުން ބުނެލީމެވެ.
“ހަމ ހޫނު ކަޅު ސައެއް” އިޖާޒް އަކީ ކުރިންވެސް ކަޅުސަޔަށް ވަރަށް ފޯރި ހުންނަ މީހެއްކަން އަހަރެން ހަނދާންވިއެވެ.
“އަދިވެސް ބަދަލެއް ނުވޭ ދޯ” އަހަރެން ހެމުންހެމުން ބުނެލީމެވެ.
” އާނ! ކީއްކުރަން ބަދަލުވަނީ. އެކަމަކު ކުރީ ދުވަހު މަރުކަޒުން ފެނުނީމަ ނުވެސް އެނގުން އާޔާ ކަމެއް. އާޔާ ވަރަށް ޗޭންޖްޑް. އެއޮށް ޗަބީކޮށް ހުރި ކުއްޖާ ވަރަށް ހިއްކާވެސް ލައިފި” އިޖާޒް ބުނެލިއެވެ.
އަހަރެން ހޭން ފެށީމެވެ. ” މަށަށްވެސް ނޭގުނު އަސްލު އިޖާޒް ފެނުނީމަ. ތީ ކުރިން ތިހާ ކަޅު މީހެއް ކަމެއް ނޭނގޭ. ނޯ އޮފެންސް އެނގޭ. ހަމަ ތެދު” އަހަރެން އެހެން ބުނީ ހަމަ އަސްލުވެސް އިޖާޒް ހަމުގެ ކުލައަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ހުރުމުންނެވެ.
“އަހަރެމެން ޓްރެއިނިން ހަދަނީ ފިނި ކޮޓަރީގައެއް ނޫނޭ. އެހެން އެތަން މިތާ އުޅެ އުޅެ މިހިރީ ކުލަ ބަދަލުވެފައެއްނު. އެކަމަކު މިހާރު މާ ބިޓުން ވޭ އެނގޭ” ސަމާސާ ރާގަކަށް އިޖާޒް އެހެން ބުނެލުމުން އަހަރެންވެސް ހޭން ފެށީމެވެ.
އެ ގޮތުގައި ސައި ބޮމުން އެކި ވާހަކަ ދައްކަން ވަރަށް ގިނައިރު ތިބީމެވެ. ކުރީ ގެ ވާހަކަތަކާއި އޭރުގެ އެކި ރަށްޓެހިންގެ ވާހަކަތަކެވެ. އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ކަހަލައެވެ. އެގާރަގަޑި ބައިވުމުން އިޖާޒް ތެދުވީ ގެއަށް ދާށެވެ.
“އާޔާ މާދަން ޑިޔުޓީ ނެތަސް އަހަރުމެން ޖެހޭ ޤައުމީ ޚިދުމަތުގެ ހުރިހާ ދުވަހަކު ތިބެން. މިދަނީ ނިދަން ދާން. ތަޅުލައްޗޭ” އިޖާޒް އެހެން ބުނެލުމަށްފަހު ނުކުންނަން ހިނގައިގަތެވެ. އަހަރެން ތަށިތަށް ދޮވެލުމަށްފަހު ދޮރުތަޅުލަން ހިނގައިގަތްތަނާ މަންމަ ގެ ކޯލެއް އައެވެ.
“ދަރިފުޅާ! ބައްޕަ ހުއްޓިގެން އައިސީޔޫއަށް ގެންގޮސްފި” މަންމަ އަޑުން އަޑުނަގާ ރޯން ފެށިއެވެ. އަހަރެން ހުއްޓުން އެރިއެވެ. ހުރިގޮތަށް ސިޑި ކައިރީ އިށީނދެވުނެވެ. ރޯންވެސް ނޭނގިފައި ގަބުވެފައި އަހަރެންނަށް އިނދެވުނީއެވެ. މަންމަ ފޯނުން ހަލޯ އޭ ކިޔާފަ ގޮވާއަޑުއިވެއެވެ. ހަމަ އެވަގުތު ގޭ ބޮޑު ދޮރު ހުޅުވާލާފައި ވަރަށް ބާރަށް އިޖާޒް ވަތްތަން ފެނުނެވެ. އެވަގުތުވެސް އެއްވެސް އެއްޗެއް އަހަރެން ނުބުނަމުއެވެ. އޭނާ އައިގޮތަށް އަހަރެން ކޮނޑުގައި ހިފާފައި ތަޅުވައިގަތެވެ. އަދި އާޔާ އޭ ކޮޔާ ހަޅޭއްލަވައިގަތުމާއިއެކު އަހަރެންނަށް އަޑޫގައި ނެތްތަނަށް ރޯންފެށުނެވެ. އިޖާޒް ގައިގައި އަހަރެންނަށް ބައްދާލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އިޖާޒްގެ އެހީގައި މަޑުމަޑުން ކޮޅަށް ތެދުވެ ސޯފާގައި އިށީނީމެވެ. އަހަރެންފޯނު ކެނޑިނޭޅި ރިންގުވަމުން ދިޔުމާއި އެކު އޭނާ އަހަރެންގެ ފޯނަށް ޖަވާބު ދިނުމެވެ. އޭރުވެސް އަހަރެން އިނީ އޭނަގެ ގަމީހުގައި ހިފަހައްޓައިގެން މޭމަތީ މޫނު ޖައްސައިގެން ރޯށެވެ.
“ދައްތަ ހާސްނުވެބަލަ. އަހަރެން މިހިރީ ގޭގައޭ. ބައްޕަ ގުޅާފަ ބުނީމަ މިއައީ. އާޔާ އޯކޭ. މާ ބޮޑަށް ދެރަވީމަ ރޮވެނީ. ތިކޮލޫން ވާނުވާ އަންގައްޗޭ” ހުރިހާ އިބާރާތެއް އެއް ޖުމަލްއިން ނިންމާލުމަށްފަހު އިޖާޒް ފޯނުބޭއްވިއެވެ. އަދި އިތުރު އެއްވެސް ބަހެއް ނުބުނެ އަހަރެންގެ ބުރަކަށީގައި ފިރުމަ ފިރުމަ އިނެވެ.
ހިތްހަމަ ޖެހެންދެން ރުއިމަށްފަހު އަހަރެން ތެދުވެ އިޖާޒް ގެ މޫނަށް ބަލާލާފައި ހީލެވޭތޯ މަސައްކަތް ކުރީމެވެ.
” ތެންކިޔު. ދޭ ނިދަން. އަހަރެންވެސް މި ދަނީ ނިދަން” ސޯފާއިން ތެދުވަމުން އަހަރެން އެހެން ބުނީ އިޖާޒް މަޑުކުރުވަން ބޭނުން ނުވާތީއެވެ.
” އަހަރެން ގުޅައިފިން ސަންފައްތައަށް.އެބަ އަންނަމޯ ބައިގަޑިއެއްހާއިރުތެރޭގަ. މިރޭ މިގޭގަ މަޑުކުރާނީއޯ. އާޔާ އެކަނި ބާއްވާފަ ދިޔައީމަ ބައްޕަވެސް ރުޅިއަންނާނެ. އާޔާވެސް އެހަށް މިތާ އިށީނދެބަލަ” އަހަރެން އަލުން ސޯފާގައި އިށީނދެ ރޯން ފެށީމެވެ. އިޖާޒް ސޯފާގެ އެއްކޮޅުގައި އިށީނުމަށްފަހު އަހަރެން އޭނާގެއުނގުމަތީ ބާއްވާލާ ބޮލުގައި ފިރުމަން ފެށިއެވެ.
“ހިތްވަރު ކުރަންވާނެ އާޔާ. އުންމީދު ކަނޑާލާކަށް ނުވާނެ. މާ ލަސްތަކެއް ނުވޭ އާޔާގެ ބައްޕައަށް ޑޯނަރެއްވެސް ލިބިދާނެ” އިޖާޒް އެހެން ބުނީ އުންމީދުން ފުރެގެންވާ ރާގެއްގައެވެ. އަހަރެންނަށް ހިތްވަރު ދިނުމުގެ ގޮތުން އެތައް ވާހަކައެއް ދެއްކިއެވެ. ސަންފައްތަ އައީވެސް އެހެން އަހަރެން އޮއްވައެވެ. ސަންފައްތައަކީ ބައްޕަ ފަރާތު ދެ ދައްތަގެ ތެރެއިން ދޮށީ ދައްތަ އެވެ. ދެން ހުންނަނީ ޝަމީމާއްތަ އެވެ އޭނާ ދިރިއުޅެނީ މީހަކާއި އިނދެގެނ ނޮޅިވަރަންފަރުގައެވެ.
ޝަމީމާއްތައައުމުން އަހަރެން ކޮޓަރިއަށް ވަނީމެވެ. އަދި ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލީމެވެ. އެގޮތުގައި އެތަށް އިރެއް ހޭދަވެގެން ދިޔައިރުވެސް އަހަރެންގެ ލޮލަށް ނިންޖެއް ނައެވެ. އިރުއިރުކޮޅަކާއި ދޮންދައްތައަށް ގުޅެއެވެ. ލައިތް އަށްމެސެޖް ކުރެވެއެވެ. އަހަރެންގެ އެއްވެސް މެސެޖެއް ލައިތްއަށް ނުފެންނާނޭކަންވެސް އަހަރެންނަށް އެނގެއެވެ.
ދަނަވަރު 3 ޖަހަނިކޮށް މަންމަ ގުޅިއެވެ. އަދި ބައްޕަ މިހާރު ސްޓޭބަލްކަމާއި އޮބްޒަވޭޝަންއަށް އައިސީޔޫގައި ބާއްވާފައި އޮތީކަމުގައި ބުންޏެވެ. އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ފާޚާނާއަށްވަދެ ފެންވަރާލީ ފްރެޝްވެލުމުގެ މަޤްޞަދުގައެވެ. އޭރު ސަންފައްތައަށް އޮތީ ނިދިފައެވެ. އަހަރެންގޮސް އެނދުގައި ޖައްސާލުމާއި އެކު ނިދުނެވެ.
ދެން ހޭލެވުނީ ހެނދުނު 6 ޖަހާފަހުއްޓައެވެ. ބަނޑުހައިކަން އިހްސާސްވުމާއި ސަންފައްތަވެސް އުޅޭތީ އަހަރެން ތިރިއަށް ފޭބީ ސައި ހެދުމުގެ މަޤަޞަދުގައެވެ. ސިޑިން ފައިބަން ނެގި ފިޔަވަޅަށް ހުއްޓުންއެރީ އިޖާޒް ސޯފާގައި ނިދާފައި އޮތްތަން ފެނުމުންނެވެ. ރޭގައި އޭނާ ނިދަންވެސް ނުދަނީކަން ޤައިމެވެ. އަލުން މައްޗަށް އަރާ ބުރުގާ އަޅާލައިގެން ފައިބާ ރޮށިފިހެ ބޭކެޑް ބީންސް ހެދީމެވެ އަދި 3 ބިސްގަނޑު އަޅާ ސައި ހަދާލުމަށްފަހު އިޖާޒް އަށް ގޮވާލީމެވެ. އެންމެ ފަހަރަކު ގޮވާލާއިރަށް ފުންމައިގެން އިޖާޒް ތެދުވިއެވެ. އަދި އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ.
“އޭނދަ ކޮޓަރި ހުންނާނީ ތަޅުނުލާ. މޫނު ދޮވެލައިގެން އާދޭ ސައިބޮއެގެންދާން. 7 ޖަހައިފި.” ކުރިމަތީ ހުރި ކޮޓަރިއަށް އިޝާރާތްކުރަމުން އަހަރެން ބުނީމެވެ.
” އުނހު ސައެއް ނުބޯނަން. އާޔާ އޯކޭދޯ. ކަމެއް ވެއްޖެއްޔާ ގުޅައްޗޭ. މިދަނީ ޑީޔުޓީއަށް” އިޖާޒް ހިނގައި ގަންނަމުން އެހެން ބުނެލިއެވެ.
“މަޑުކޮށްބަ. އެހެރީ ސައި ހަދާފަ. އެކަނި ސައި ނުބޯންވެގެން މި ގޮވީ. ހިނގާބަ ސައިބޮއެގެން ދާން.” އަހަރެން އެހެން ބުނުމާއިއެކު އޭނާ ހުއްޓުނުވެ. އަދި ގަޑިއަށް ބަލާލަމުން އަހަރެން ދެއްކި ކޮޓަރިއަށް ވަދެ މޫނުދޮވެލައިގެން ނުކުމެ އަހަރެންނާއި އެކީ ސައިބުއެވެ.
” ދެންދަނީ. އާޔާ ނިދައްޗޭ. މަ ބުނާނަން މޫސަބޭ ކައިރީ މެންދުރު ފަހު އާޔާ ފިހާރަ ކަންތަކާ އުޅޭނެއޭ. މޭބީ މިއަދު ގުޑްނިއުސްއެއްވެސް ލިބިދާނެ.”
އަހަރެން ހީލީމެވެ.
އިޖާޒް ދިޔުމުން އަހަރެން ކޮޓަރިއަށް ވަނީ ނިދާލުމުގެ ބޭނުމުގައެވެ. ކޮޓަރިއަށް ވަތްއިރު ސަންފައްތަ ފާހާނާގައި އުޅެއެވެ. ފޯނު ނަގާ އަހަރެން މަންމައަށް ގުޅާލީމެވެ. އަދި ބައްޕަގެ ހާލުއަހުވާލު ބަލާލީމެވެ. މެންދުރު އަލުން ރޫމަށް ބަދަލު ކުރާނެ ވާހަކަ ޑޮކްޓަރު ވިދާޅުވިކަމަށް މަންމަ ބުންޏެވެ. ފޯނު ބޭއްވުމަށްފަހު ސަންފައްތަކައިރީ ސައިބޮއެގެން ގެއަށްދާން އެދުމަށްފަހު އެނދުގައި ޖައްސާލީމެވެ. ސަންފައްތަ އައިސް އަހަރެން ކައިރީ އިށީނެވެ.
” ދަރިފުޅާ. ކަމެއް ދިމާވެއްޖެއްޔާ ދައްތަމެން މިތިބީ ކައިރީގައި. ނުބުނެ ނޫޅޭތި. ﷲގެ އިރާދަފުޅުން އެކޮއެގެ ބައްޕަވެސް ދާދި އަވަހަށް ރަނގަޅުވެގެން އެނބުރި ރަށަށްއަތުވެދާނެ.” ބޮލުގައި ފިރުމަމުން ސަންފައްތަ ވާހަކަ ދެއްކިއެވެ. އަހަރެން ސަންފައްތަ އާއި ދިމާއަށް ބަލާލަމުން ހީލީމެވެ. އެގޮތުގައި އިރުކޮޅަކު އޮއްވާ ލޮލަށް ނިދި ސަވާރުވެއްޖެއެވެ.
އަހަރެންނަށް ހޭލެވުނީ ފޯނު ރިންގުވާއަޑަށެވެ. އޭރު މެންދުރު 12 ޖަހަނީއެވެ. ފޯނަށް ބަލާލިއިރު ގުޅަނީ މަންމައެވެ.އަވަސް އަވަހަށް ފޯނުނަގާ ނިދި އަޑަކުން ހެލޯ އޭ ބުނެލީމެވެ.
” ދަރިފުޅާ! ބަލާލަބަލަ 15 ދުވަހުގެ ޗުއްޓީއެއް އޮފީހުން ލިބޭތޯ” ފޯނު ނެގުމާއިއެކު އެންމެ ފުރަތަމަވެސް މަންމަ ބުނީ އެހެންނެވެ. އަޑުން ރޮއެފައިވާކަން އެނގެއެވެ. އަހަރެންގެ ލޯ ތަންމިނަށް ހުޅުވުނެވެ. ގޯސް ޚިޔާލު ތަކުން އަހަރެންގެ ހިތް ފުރުނެވެ.
“މަންމާ! ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟” މަޑުމަޑުން އަހަރެންނަށް އަހާލެވުނެވެ.
“ބައްޕަ ގޮވައިން ބޭރަށް ފުރަން ޖެހޭއެބަ. އަންގާރަ ދުވަހަށް ފުރޭތޯ މި ބަލަނީ. ދަރިފުޅު ދެވޭތޯ ބަލަން ވާނެ” އަހަރެންހުރީ އަދިވެސް ވާނުވާ ނޭނގިފައެވެ.
“ކިހިނެއްވީ ކުއްލި އަކަށް ބޭރަށް ފުރަން އެންގީ؟” އަހަރެން އަނެއްކާވެސް އަހާލީމެވެ.
“ބައްޕައަށް ކިޑްނީއެއް ލިބިއްޖެ.” މަންމައަށް ރޯން ފެށުނެވެ.
“ކާކު މަންމާ؟ އަނެއްކާ ތުއްތުބެ؟” އަހަރެން އެހެން އަހާލީ އިޖާޒް ގުޑް ނިއުސްގެ ވާހަކަ ބުނެފަ އޮތުމުންނެވެ.
“އާނ ދަރިފުޅާ. އެއްވެސް މީހެއްކައިރީ ނުބުނެ ކްރޮސް މެޗް ހައްދައިފި. މަންމަމެންނަށްވެސް އެނގުނީ ޑޮކްޓަރު ދެންމެ އައިސް ބުނީމަ. މަންމަ އަކަށް ނޭނގެ ޝުކުރުވެރިވާނެ ގޮތެއްވެސް. މި ޒަމާނުގަ އާއިލާ މީހުންވެސް އެކަކު އަނެކަކަށް ނުބަލަ. ” މަންމަ ރޮމުން ރޮމުން ވާހަކަ ދެއްކިއިރު އަހަރެންނަށްވެސް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ޒަމާންތަކަކަށްފަހު އުފާވެރިކަމުގެ ކަރުނައެވެ. އަހަރެން އަވަސް އަވަހަށް އެބަގުޅަމޭ ބުނެ ފޯނު ކަނޑާލީމެވެ. އަދި ތުއްތުބޭއަށް ގުޅާލީމެވެ. ފޯނު ނެގުމާއިއެކު ތުއްތުބޭ ވާހަކަ ދައްކަންފެށީ އަހަރެންނަށްވުރެ ކުރިންނެވެ.
(ނުނިމޭ)