ނިކަން ލޯބިން-13
“ކޮބާ ބައްޕަ؟ ވާހަކަ ދެއްކޭތަ؟ ބައްޕަ އާއި ވާހަކަ ދައްކާލާފަ ގޮތެއް ނިންމާ” އަހަރެން މަންމަ ގޮވަން އެމެޖެންސީ ރޫމަށް ވަނީމެވެ. ގެނައި އިރަށްވުރެ ކުޑަކޮށް ބައްޕަ އޮތީ ހަމަޖެހިފައެވެ. ނަމަވެސް އަރިކަށީގައި ހިފހައްޓައިގެން ގުދަށް އޮތްއިރު ބައްޕަ ގައިގައި ވޭން އަޅާކަން އަހަރެންނަށްވެސް އިހްސާސުކުރެވުނެވެ.
“މާލެ ގެންދަން ހަމަޖައްސަނީމި. އެންމެން ދާނީ ދޯ” އަހަރެން ބައްޕަ އަށް މާ ގިނަ ގޮތްތަކެއް ދޭކަށް ބޭނުމެއް ނުވިއެވެ.
“އުނހު. ފިރިހެނަކު ދާން ޖެހޭނެއެއްނު. ތުއްތުބެ އާ މަންމަޔާ ގޮވައިން ދާނީ!” ބައްޕަގެ ނިންމުމާއި ދޭތެރޭއަހަރެން ހިތްހަމައެއް ނުޖެހުނެވެ.
” އަހަރެންވެސް ދާނަން.ތުއްތުބެ ބަހައްޓާ. “އަހަރެން ހުރީ ކުރުކުރާގޮތަކަށް ނޫނެވެ.
” ފިރިހެނަކު ގެންދަން ޖެހޭނެއެއްނު. ދެން މަންމަ އާއި ނުލާ ބައްޕަ ކިހިނެއް ނޭވާއެއްވެސް ލާނީ. ދެން ދަރިފުޅު ދިޔައީމާ ވިޔަފާރި ކިހިނެއް ހަދާނީ” ބައްޕަ އެއްބަނޑުގައި ފިރިހެނަކު ނެތުމާއި އެކު ތުއްތުބޭ ގެންދަން ކޮންމެހެން ބައްޕަ ބޭނުމެވެ. ނަމަވެސް އެވަގުތު ވިޔަފާރި އާއި ދޭތެރޭ އަހަރެން މާބޮޑަށް ވިސްނާކަށް ބޭނުމެއް ނުވިއެވެ.
“މޫސަބޭ ހުންނާނެ ފިހާރަ ބަލަން.” އަހަރެން ހުރީ ދޫކުރާގޮތަކަށް ނޫނެވެ.
“ހޫމް ދަރިފުޅު ބޭނުންގޮތެއް ހަދާ” ބައްޕަ އަވަހަށް ގޮތް ދޫކުރިއެވެ. މަންމަ ބޭރަށް ނުކުތް ގޮތަށް ފޯނުކުރިއެވެ.
” ހަލޯ. ވަރަށް އަވަހަށް 4 ގެ ފްލައިޓަށް 05 ސީޓަށް ރިޒަވޭޝަން ހަދާލަބަލަ. ބައްޕަ ކައިރީވެސް ބުނޭ ބޭބެ އާ އެކީ މާލެ ދާން ރެޑީވާން.” މަންމަ އެ ގުޅީ އިޖާޒްއަށް ކަން އަހަރެންނަށް ޔަޤީންވިއެވެ.
އަހަރެންވެސް ދޮންދައްތަ އަށް ގުޅާ ބައްޕަ ބަނޑެއްގައި ރިއްސާތީ މާލެ ދާވަހަކަ ބުނެލީމެވެ. އަދި ލައިތްއަށްވެސް މެސެޖްކޮށްލީމެވެ.
ފަނަރަ ވަރަކަށް މިނިޓް ފަހުން އިޖާޒް ވަރަށް އަވަސް އަރުވާލާފައި އެތެރެއަށް ވަންނަތަން ފެނުނެވެ.
“ދައްތާ 4 ސީޓް ލިބެނީ. ޗާންސް އަކަށް އަންނާށޯ ބުނީ. އެކޮޅަށް ގޮސް ދޯ ޓިކެޓް ނަގާނީ. ބައްޕަ އެބަ ދުރުވޭ ދަބަސް ހިފައިގެން.ދައްތަ ޕެކް ކޮށްފިންތަ؟”
“ނޫނޭ މޫސަ އެބައާދެ ކާރުގަ ގެއަށް ދާން” މަންމަ އެ ޒުވާނާއާއި ވާހަކަ ދެއްކި އިރު އަހަރެން ހުރީ އެދެމީހުންނާއި މާދުރުނޫން ރިސެޕްޝަން ކައިރީގައެވެ.
“ހިނގާ އަޅުގަނޑު ގެންގޮސްދޭނަން. މާ ލަސްވެދާނެ” އެ ޒުވާނާގެ ވާޙަކަ ދެއްކުންހުރިގޮތުން ހީވަނީ މަންމަ ގެ އަމިއްލަ ދަރިއެއްހެންނެވެ.
“އާޔާ! މަންމަ އަންނާނަން ދަބަސް ޕެކްކޮށްފަ. މަންމަ އައީމާ ދަރިފުޅު ދާނީ ދޯ” މަންމަ އަހަރެންނަށް އިޝާރާތްކޮށް އެހެން ބުނެލުމާއި އެކު އެޒުވާނާ އަހަރެންނާއި ދިމާއަށް ބަލާލީއެވެ. އެ އާއި އެކު އޭނާގެ މޫނުން ހައިރާކަން އަހަރެންނަށް ފެނުނެވެ.
“އޯކޭ” އަވަސް އަވަހަށް އެހެން ބުނެލުމާއިއެކު އަހަރެން ޑޮކްޓަރު ގެ ރިފަރަލް ނޯޓް ކިއަން ފެށީމެވެ.
ބައްޕަ ދީފައި ހުރި މައުލޫމާތަށް ބަލާއިރު އަރިކަށީގައި ރިއްސާތާ ވިއްސަކަށް ދުވަސް ވެދާނެއެވެ. ކުޑަކަމުދިޔުމުގައި މައްސަލަ އުޅޭއިރު ބައެއްފަހަރު ލޭ އަންނަކަމަށްވެސް ބައްޕަ ބުނެފައި އިނެވެ. އަދި ފައިގަ ދުޅަވުން ހުންނަކަމަށްވެސް ބައްޕަ މައުލޫމާތު ދީފައި ވެއެވެ. ބައެއްފަހަރު ނޭވާ ކުރުވާކަމަށާއި މޭނުބައިކުރާކަމަށްވެސް ބައްޕަ ބުނެފައިވެއެވެ.އެހެން ކަމުން ޑޮކްޓަރު ލަފާ ކޮށްފައިވަނީ ކިޑްނީގައި ހިލަ ހުރުން ފަދަ ކަމެއް ދިމާފައިވާކަމަށެވެ. އަދި ނޭވާލާ ނިޒާމްގެ މީހަކަށް ދައްކާލުމަށްވެސް އެދިފައި އިނެވެ. އަހަރެން އިންތިހާއަށް ދެރަވިއެވެ. މިއޮއް ހުރިހާ ދުވަހު އެހާ ވޭނުގައި އުޅުނު އިރުވެސް އަހަރެމެން މީހެއްކައިރީ ބައްޕަ ބުނެފައި ނުވާތީއެވެ. ބައްޕަ އަކީ ކުރީންސުރެވެސް ޑޮކްޓަރަށް ދެއްކުމާއި ދުރު ގޮތުގައި ހިފަހައްޓާ މީހެކެވެ.
ތިންގަޑި ބައިވިއިރު އަހަރެމެން ތިބީ އެއާޕޯޓްގައެވެ. ވަރަށް މަސައްކަތްކޮށްގެންވެސް ލިބުނީ 4 ޖާގައެވެ. ބައްޕަ އާއި އެކު ނަރުސް ކުއްޖެއް ގެންދަން ކޮންމެހެން މަޖުބޫރެވެ. އެހެންކަމުން ހިތާދެކޮޅަށް އަހަރެން ރަށުގައި މަޑުކުރީ ބައްޕަ ޑޮކްޓަރަށް ދައްކާ ނިމުމުން ބުނާއެއްޗަކަށް ބަލާފައި މާލެ ދިޔުމަށެވެ.
“ދަރިފުޅާ އާޔާ ގެއަށް ލައިދެއްޗޭ” ބޯޓަށް އަރަމުން ތުއްތުބެ އިޖާޒަށް ނިސްބަތްކޮށް އެހެން ބުނެލިއެވެ. ފްލައިޓް ނައްޓާލުމާއިއެކު އަހަރެންނަށް ރޮވުނެވެ.
“ހިނގާ ގެއަށްދާން.” އެއީ ނުރަސްމީކޮށް އިޖާޒް އަހަރެންނާއި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. އަހަރެން މަޑުމަޑުން އިޖާޒް ގެ ފަހަތުން ގޮސް އޭނާގެ ސައިކަލަށް އެރީމެވެ ލައިތް ގުޅީވެސް ހަމަ އެވަގުތައެވެ.
” ޖަސްޓް ސޯ ޔުއާ މެސެޖެސް. އާ ޔޫ އޯކޭ؟ ކޮބާ ބައްޕަ؟ ” އަހަރެން ފޯނު ނެގުމާއިއެކު އަވަސް އަވަހަށް ލައިތް އެހިއެވެ.
” އެ ފުރީ މާލެދާނެ. ސީޓް ނުލިބުނީމަ އައި ސްޓޭޑް ބެކް. ގެއަށް ގޮސް ގުޅާނަން އެނގޭ” އަހަރެން ބޭނުންވީ އަވަހަށް ފޯނު ބޭއްވުމަށެވެ.
“އާޔާ ރޮނީ ދޯ. ގެއަށް ގޮސް ގުޅައްޗޭ.” ކިތަންމެ ވަރަކަށް ފޮރުވަން އުޅުނު ނަމަވެސް، އަދި ކިތަންމެ ދުރުގަ ހުރިނަމަވެސް އަހަރެންގެ އަޑުން ލައިތްއަށް އަހަރެން ރޮނީކަން އެނގުނެވެ. އަހަރެން އިތުރު އެއްޗެއް ނުބުނޭ ފޯނު ކަނޑާލީމެވެ އަދި ދޮންދައްތައަށް ގުޅާ ބައްޕަ ފުރުވާލި ވާހަކަ ބުނީމެވެ.
ގޭދޮރުމައްޗަށް ސައިކަލް މަޑުކޮށްލި އިރު ނިއުމާއްތަ ގޭ ބޭރު ޖޯލިފަތީގައި އިށީނދެލައިގެން އިނީ އަހަރެމެންގެ އިންތިޒާރުގައިކަން ގައިމެވެ.
“އާޔާ. ވަރަށް ހިތްވަރުކުރަން ވާނޭ. އިންޝާﷲ މާ ބޮޑުކަމަކަށްނުވާނެ. ދުޢާ ކުރޭ.” އަހަރެން ފެނުމާއި އެކު ނިއުމާއްތަ ތެދުވެ އަހަރެންގެ އަތުގައި ހިފާލާ ހިތްވަރު ދިނެވެ. ނަމަވެސް އަނެއްކާވެސް އަހަރެންނަށް ރޮވުނެވެ. ނިއުމާއްތަ އަހަރެން ގައިގައި ބައްދާލިއެވެ.
“އާޔާ ދާން ބޭނުމިއްޔާ މާދަން ހެނދުނުގެ ފްލައިޓުން ފޮނުވާލަދޭނަމޭ. އެކަމަކު ވިސްނަންވާނެ އެކޮޅުގަ ބައްޕަ ކައިރީ މީހުން އެބަތިބި. މިތަނުގަ ބައްޕަ އުމުރުދުވަހު ކުރި މަސައްކަތް ބަލަހައްޓާނެ އެއްވެސް މީހަކު ނެތް. ބައްޕަ ރަނގަޅު ވެގެން އަންނައިރު ވިޔަފާރި ބޮއްސުންލައިފިއްޔާ ބައްޕަ ވަރަށް ދެރަވާނެ. ތުއްތުބޭވެސް ހުރީކީ ނޫން” މަންމަ އެއް ފަދައިން ނިއުމާއްތަ އަހަރެންނަށް ނަސޭހަތްދެމުން ގެންދިޔައެވެ. އަހަރެން މޫނު ތެދުވެ މޫނު ފޮހެލާ ހީލީމެވެ. ނަމަވެސް ބަހެއް ނުކިއަމެވެ. ދެން ވެސް ވާހަކަ ދެއްކީ ނިއުމާއްތައެވެ.
” އާޔާ ކައްކާނެކަމެއް ނެތް. ނިއުމާއްތަމެން ގެއިން ކާނީ. އާޔާއަށް ނާދެވެންޔާ ނިއުމާއްތަ ކާން ގެންގޮސްދޭނަން”
“އުނހު. އެހެން ހަދާނެ ކަމެއްނެތް.ކަމަކު ބޭނުންވެއްޖެއްޔާ އަހަރެން ނިއުމާއްތަ ކައިރީ ބުނާނަން.” އަހަރެން ކުޑަކޮށް ލަދުގަތެވެ.
“އެންމެ ރަނގަޅު. ނިއުމާއްތަ މެން ގޭގެ ދޮރު އެހެރީ އަބަދުވެސް އާޔާއަށް ހުޅުވިފަ. ކަމަކު ބޭނުންވެއްޖެއްޔާ ނުބުނެ ނުހުންނާތި.” އަހަރެމެންގެ އާއި ސީދާ ކުރިމަތިން ހުންނަނީ އެގެއެވެ. ނިއުމާއްތަ ގެއަށް ވަންނަން ހިނގައިގަތުމާއިއެކު އިޖާޒް އަހަރެންނަށް ގޮވާލިއެވެ.
“އާޔާ!” އަހަރެން ފަހަތަށް އެނބުރި ބަލާލީމެވެ.
” ކަމަކު ބޭނުންވެއްޖެއްޔާ ބުނައްޗޭ” އަހަރެން އާއެކޭ ބުނެލާފައި ގޭތެރެއަށްވަނީމެވެ.
އެހެން ނޫނަސް އަހަރެމެންގެއަކީ މީހުން އަބަދު އުޅޭގެއެއް ނޫނެވެ. ގިނަވަގުތު ގެ ހުންނާނީ ފަޅަށެވެ. ނަމަވެސް މިހާރު ކުރެވޭ އިހްސާސްތަފާތެވެ. ވަށައިގެންވަނީ އެކަނިވެރިކަން ކަހަލައެވެ. ކޮޓަރިއަށް ވަތްގޮތަށް ލައިތްއަށް ގުޅީމެވެ. ނަސީބަކުން ވަރަށް އަވަހަށް ފޯނުވެސް ނަގައިފިއެވެ. އެތައް އިރަކު އަހަރެން ރުއީމެވެ. ލައިތް މަސައްކަތް ކުރީ އަހަރެން މަސަލަސް ކުރެވޭތޯއެވެ. އެހެން އޮވެ ނިދުނުކަންވެސް އަހަރެންނަށް ނޭގެއެވެ. ހޭލެވުނީ ފޯނު ރިންގުވާތީއެވެ. ގުޅަނީ ދޮންއެވެ. ގަޑިވެސް ބަލާނުލާ އަވަސް އަވަހަށް ފޯނު ނެގީމެވެ.
“ޔާ! ބައްޕަ ޑައިލައިސެސް ފަށަން މިއުޅެނީ. ޑޮކްޓަރު ވިދާޅުވީ ދެ ކިޑްނީވެސް ފެއިލްވެފައޭ. ޓްރާންސްޕްލާންޓް ހަދަން ޑޯނާއެއް ހޯދައިގެން ރާއްޖެއިން ބޭރަށް ފުރާށޭ.” ދޮންދައްތަ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. އަހަރެންނަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އަޑިއިވުނު ވާހަކަ ޤަބޫލުކުރަންވެސް ދަތިވެފައެވެ.
“ހަލޯ. ޔާ..” ދޮންތަ ހަލޯ އޭބުނީ އަހަރެންގެ އަޑެއް ނީވުމުންނެވެ.
“ބައްޕަ ބީ ޕޮޒިޓިވް ދޯ” އަހަރެންނަށް އަހާލެވުނެވެ.
“އާނ. އަހަރެމެން މަސައްކަތް ކުރާނީ ޑޯނަރެއް ލިބޭތޯ. ދުޢާކުރުން ނޫން ގޮތެއް ނެތް” ދޮންތަ އަޑުގައިވަނީ ނާއުއްމީދެވެ.އަހަރެންނާއި ދޮންދައްތަވެސް އޭބީ ޕޮޒިޓިވްއެވެ. މަންމަ އެއީ އޭ ޕޮޒިޓިވްއެވެ.
“މަންމަ ކޮބާ؟” ކުއްލި އަކަށް މަންމަ މަތިން ހަނދާންވިއެވެ.
“މަންމަ ހޮސްޕިޓަލުން ނުކުންނާކަށްވެސް ބޭނުމެއް ނުވޭ. ރޫމެއް ނަގާފައ ރޫމްގަ އެޑްމިޓްކުރީ. ސްޓޭބަލް ވަންދެން އެޑްމިޓްކޮށްފައި ބާއްވާނީ އޯ. ދެން ފަހުން ގެއަށް ދޫކޮށްލާނަމޯ ދެދުވަހުން އެއްދުވަހު ޑައިލައިސިސް ހަދަން ދާ ގޮތަށް” މަންމަ އާއި ބައްޕަ ގެ ކައިވެންޏަށް މިހާރު 30 އަހަރުވެދާނެއެވެ. އުމުރުން އެންމެ 15 އަހަރުގައި މަންމަ ބައްޕައާއި އިންގޮތަށް މިއަދާހަމައަށްވެސް އެއުޅެނީ އެކުގައެވެ. އެހެންކަމުން މަންމަ ވާނެ ދެރަ އަހަރެންނަށް އިހްސާސްކުރެވެއެވެ.
“އަހަރެން ދާންވީ ދޯ މާދަމާ” އަހަރެން ހުރީ މާލެ ދާން ނިހާޔަތަށް ބޭނުންވެފައެވެ.
“އާޔާ ރަށުގައި މަޑުކުރަން ދޮން އަށް ފެންނަނީ. ވިޔަފާރި ކަންކަން ބަލަހައްޓަން ޖެހޭނެއެއްނު. އެހެން ނޫނަސް މިކޮޅަށް އައިސްގެން ވަކި ކީއްކުރާނީ އާޔާ؟ ތުއްތުބެ އާއި މަންމަ އެހެރީނު. އަހަރެން މި ވިސްނަނީ ބައްޕަ ގެއަށް ދޫކޮށްލީމަ ތުއްތުބޭވެސް ތިކޮޅަށް ފޮނުވާލަންކަމަށް” ދޮންތަގެ ޚިޔާޅު މުޅިއަކުން ގޯހެއް ނޫނެވެ. އަހަރެން ގޮސް ހަމަ ހުރުން ފިޔަވާ ކުރެވޭނެ އިތުރުކަމެއް ނޯންނާއެވެ.
“މަންމަ އަށް ގުޅާލަނީ މި. ޝާމްބެއަށް ސަލާމް ބުނައްޗޭ” އަހަރެން ފޯނު ބޭއްވުމަށް ފަހު މަންމައަށް ގުޅާލީމެވެ.މަންމަ ހަލޯއޭ ބުނިއިރުގައިވެސް އަޑުގައި ތުރުތުރެއް ހުރިކަން ފާހަގަ ކުރެވެއެވެ.
“މަންމާ! ކައިފިންތަ؟ މި އުޅެނީ ރެސްޓޯރަންޓް ބަލާލަން ދާންކަމަށް. މޫސަބޭގެ ނަންބަރު ފޮނުވައްޗޭ. މިކޮޅުގެ ކަންކަން އަޅުގަނޑު ބަލަހައްޓާނަން ބައްޕަ އަންނަންދެން” އަހަރެން މަސައްކަތްކުރީ ހަމަޖެހިފައިހުރިކަން މަންމައަށް ދައްކަންށެވެ.
“ދަރިފުޅު ހަމަޖެހިބަލަ. މަންމަ ރަނގަޅޭ. އިންޝާﷲ ބައްޕަވެސް ރަނގަޅުވާނެ. ކައިފިންތަ؟ ނިއުމާއްތަ ގުޅި ދޮރުގަ ޖަހާޖަހާ ދޮރު ނުހުޅުވައިން. ގޭގެ ތަޅުދަނޑިއެއް ދީފަ ބާއްވާތި” ކިތަންމެ ފޮރުވަން އުޅުނަށް މަޔަކަށް އެއްވެސް ކަމެއް ފޮރުވޭނޭހެއްޔެވެ.
” ކޮބާ ބައްޕަ؟” އަހަރެން އަހާލީމެވެ.
“މިހާރު ނިދިފަ އޮތީ. އިންޖެކްޝަން ޖެހީމަ ތަދު ކުޑަވީމަ ކަންނޭގެ އެ ނިދެނީ. ހޭލީމަ ގުޅާނަން. މި ފޮނުވަނީ މޫސަބެ އާއި އިޖާޒް ގެ ނަންބަރު. ކައިގެން އުޅޭތި. މާ ބޮޑަށް ނުވިސްނާތި” މައިވަންތަކަމުގެ ލޯތްބަކީ ހާދަ ތަފާތު ލޯތްބެކެވެ. ޚުދު މައިމީހާގެ ހިތުގައި އަޅާވޭން ފޮރުވުމަށްފަހު އެބަލަނީ ދަރިންނަށް ހިތްވަރުދެވޭތޯއެވެ.
ފޯނުބޭއްވުމަށްފަހުތެދުވެ ގަޑި ބަލާލީމެވެ. ރޭގަނޑު 8:30 ވެއްޖެއެވެ. ފެންވަރާލައިގެން ނުކުމެ ނޫޑްލްސް ޕެކެޓެއް ތައްޔާރުކޮށް ހައިހޫނުކަން ފިލުވާލީމެވެ. އަދި މޫސަބެއަށް ގުޅާ ބަލާ އައިސްދިނުމަށް އެދުމަށްފަހު ނިއުމާއްތަމެންގެއަށް ވަދެލީމެވެ.
ދޮރުހުޅުވާލާ ސަލާން ގޮވާލުމުން ޖަވާބު ދިނީ ނިއުމާއްތައެވެ.
“އާޔާ. ނިދުނީ ދޯ. ހާދަ ވަރަކަށް ދޮރުގަ ޖެހީމޭ. ނަންބަރު ދީފަދޭ.”
“އަން މިއޮތީ ގޭ ދޮރާށިގެ ޑަބަލް ކީ. ” ޑަބަލް ކީ ދެމުން އަހަރެންގެ ނަންބަރު ނިއުމާއްތައަށް ދިނީމެވެ. އަދި ނިއުމާއްތަގެ ނަންބަރު އަހަރެން ގެ ފޯނަށް ސޭވްކޮށްލީމެވެ.
“ހިނގާ ކާން. މާދަން މާލެ ދަންތަ؟ ތުއްތުބޭ ގުޅި. ވަރަށް ދެރަވެގެން އުޅުނު”
“ވަރަށް އުފާވޭ އަދި ޝުކުރު ކުރަން ތުއްތުބޭ ކަހަލަ ރަށްޓެއްސެއް ބައްޕަ ގެ ހުރީމަ. ތުއްތުބޭ ނެތް ނަމަ މިއަދު ބައްޕަ ވަރަށް އެކަނިވާނެ . ތެންކިޔު ” އަހަރެން ނިއުމާއްތަގެ އަތުގައި ހިފާ ޝުކުރު އަދާކުރީމެވެ.
“ޝުކުރު އަދާކުރާކަށް ނުޖެހޭނެއޭ. ތުއްތުބެއަށް ދިމާވާ ހުރިހާ ކަމެއްގަ އަބަދުވެސް އެހީވަމުން އައީ އާޔާ ބައްޕަ. މިއަދު އިޖާޒް ކިޔަވާ ނިމި ވަޒީފާއަކަށް ގޮސް ގެދޮރު ހަދާ ދިރި އުޅުން އާބާދު ކުރެވުނަސް މިއޮއް ހުރިހާ ދުވަހު އަހަރެމެންގެ ހުރިހާ ކަމަކަށްވެސް އެހީވީ އާޔާ ބައްޕަ. އެހެންވީމަ އާޔާ ބައްޕަ އަށް ކަމެއް ދިމާވާ ދުވަހު ތުއްތުބެ ނުހުރެ ކާކު ދެން ހުންނާނީ” ނިއުމާއްތަ މާޒީގެ ހަނދާން އާކުރިއެވެ. ތެދެކެވެ. އަހަރެން ހަނދާން ހުންނަން ފެށިއިރުވެސް ތުއްތުބެއާއި ބައްޕަ އުޅެނީ އެކީގައެވެ.
“ދެން ދަނީ އެނގޭ. ކައިގެން މިއައީ. އެހެން ދުވަހަކުން ކާން އަންނާނަން. އަހަރެން މިކޮޅުގަ މަޑުކުރާގޮތަށް. ބައްޕަ އަށް ޑޯނާރ އެއް ލިބުނީމަ ސާރޖަރީއަށް ދެވޭތޯ ބަލާނީ” ބޭރުން ކާރުގެ ބަރުގޮނު އަޑުއިވުމާއިއެކު އަހަރެން ބޭރަށް ނުކުންނަށް ހިނގައި ގަތީމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

