
ނިކަން ލޯބިން-12
“ދަރިފުޅާ އާޔާ! ހާދަ ބޮޑުވެއްޖޭ މިހާރު.” އަހަރެން ފެނުމާއިއެކު ތުއްތުބޭ ގޮވާލިއެވެ.
“ހަހަ. ލައްބަ. ވަރަށް ދުވަސްވެއްޖެޔޭ ދޯ ތުއްތުބެ ނުފެންނަތާ! ކޮބާ ނިއުމާއްތަ؟” އަހަރެން ތުއްތުބޭ އަންހެނުންގެ ވާހަކަ އަހާލީމެވެ.
“ތެދެއް! އަހަރެން ބުނީމެއްނު އިބްރާހިމް ކައިރީ ނިއުމާޔާ އިޖާޒް ގޮވައިން އަންނަން. ހަވީރުވެސް ނާދެވޭނެ ވާހަކަ ބުނީމައޭ މިރޭ އަންނަން ބުނީ” ބައްޕަ ތުއްތުބެއާއި ދިމާއަށް ބުނެލިއެވެ.
“ނިއުމާވީ ޑިޔުޓީގަ. އިޖާޒް ވެއްޖެ ކުޅުދުއްފުށީގަ. މާދަމާޔޯ އަންނަނީ. އެވާހަކަ އެއްނޫނޭ. މާދަން ހިނގާބަލަ ކުޅުދުއްފުށްޓަށް ދާން. މިހާރު ސްކޭން މެޝިން ހެދިއްޖެއޯ” ތުއްތުބޭ އެހެން ބުނުމާއިއެކު އަހަރެން ސިހިފައި ބައްޕަ އާއި ދިމާއަށް ބަލާލެވުނެވެ.
“ކިހިނެއްވީ ބައްޕާ” މަޑުމަޑުން އަހަރެން އަހާލީމެވެ.
“ބައްޕަ އަރިކަށީގަ ރިއްސާތީ އުޅޭތާ ދުވަސްކޮޅެއް ވެއްޖެ. މާލެ ދާކަށްވެސް އެއްބަހެއް ނުވި. ކުޅުދުއްފުށިން ބުނީ ސްކޭން އެއްކޮށްލަން އެކަމް މެޝިން މައްސަލަ ޖެހިފައި ހުރީމަ އަދި އެކަން ނުވެގެން މިއުޅެނީ.” މަންމަ އަހަރެންނަށް ކިޔާދިނެވެ.
” ކީއްވެ ނުބުނީ ބައްޕާ؟ ވަރަށް ބޮޑަށް ތަދުވޭތަ؟ ހިނގާ ދަމާ ދައްކަން” އަހަރެންނަކީ ސިއްހީ ދާއިރާއިން ކިޔަވައިގެން ހުރި މީހެއްކަމުން ކުޑަކޮށް ހާސްވިއެވެ.
“ދަރިފުޅާ! އެއީ އެވަރު ކަމެއް ނޫނޭ. މިހާރު ތަދެއް ނުވެޔޭ. މި މަންމަޔާ އިބްރާހީމާ ދެމީހުން ކަންތައް ބޮޑުކޮށްގެން އުޅެނީ. ދެން ތަދުވެއްޖެއްޔާ ދާނަން ދައްކަން.” ބައްޕަ އެހެން ބުނެލީ އަހަރެން ހިތްހަމަ ޖައްސާލަން ނޫންކަމެއްވެސް ނޭގެއެވެ.
“ފައިސަލް ހޮސްޕިޓަލަށް ދާނީ އަމިއްލައަށް ހިނގާ ބިނގާވެ އުޅެން އުނދަގޫވީމަ. ލާހިކެއް ނޫން އެހެން ނޫނީ ގެންދާކަށް” އިބްރާހިމްބެ އެހެން ބުނެލުމުން ބައްޕަ ވާހަކަ ބަދަލުކޮށްލިއެވެ.
ކެއުމުން އަވަދިވެގެން އަހަރެން މަންމައާއި އެކު ކުޑަކޮށް ރަށުތެރޭގައި ހިނގާލީމެވެ. ފަސް އަހަރުގެ ތެރޭގައިވެސް ރަށަށްވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ.
ހޮނިހިރު ދުވަސް ހޭދަވެގެން ދިޔައީ އަނެއް ދުވަހު އޮފީހަށް ނުކުތުމަށް ވާންޖެހޭ ތައްޔާރީތަށް ވުމަށެވެ. މިހާރު ހެލްތް ސެންޓަރުގެ ހާލަތާއި މުވައްޒަފުންގެ މައުލޫމާތުތައް ބަލާލީމެވެ. އޮފީހަށް ނުކުންނަ ފުރަތަމަ ދުވަހު އަހަރެންނަކީ ބީރަށްޓެސެކޭ އެއްވެސް މުވައްޒަފަކަށް ހީވާކަށް އަހަރެން ބޭނުމެއް ނޫނެވެ. 3 ދުވަހަށް ފަހު ލައިތްގެ ހަބަރެއްވެސް ވީ އެދުވަހުއެވެ. ބައިގަޑިއެއްހާއިރު ގުޅައިގެން އެކި ވާހާކަތައް ދައްކަން އަހަރެމެން ތިބީމެވެ.
އަހަރެން އޮފީހަށް ނުކުތް ފުރަތަމަ ދުވަހުވެސް ހުރިހާ މުވައްޒަފުން ވަރަށް ހޫނު މަރުހަބާއެއް ކިއެވެ. މުވައްޒަފުންގެ ބައްދަލުވުމެއް ބާއްވާ ކުޑަކޮށް ތަޢާރަފް ވެލީމެވެ. މިވަގުތު ހައްލު ހޯދަން ޖެހޭކަންކަމާއި ހަރުދަނާކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ޚިޔާލު ހޯދާލީމެވެ. ބައްދަލުވުން ނިންމާލުމަށްފަހު މީޓިން ހޯލުން ނުކުތްއިރު އެމްބިޔުލާންސް ސައިރިން އަޅާފައި އައިސް މަރުކަޒަށް ވަންނަނީއެވެ. ފަހަތުން ސައިކަލްތަކެއްވެސް އާދެއެވެ. އަހަރެންގެ ހިތަށް އެރިއެވެ.’ފުރަތަމަ ދުވަހުވެސް މިކިޔަނީ ކޮން ފަދަ މަރުހަބާއެއް ބާވައެވެ”.
އެމްބިޔުލާންސްގެ ދޮރުހުޅުވާލުމަށްފަހު ލެއިން ތަތްތެޅިފައިވާ މީހަކު ބޭލިއެވެ. އަދި އަވަސް ފަރުވާދޭ ކޮޓަރިއަށް ގެންދިޔައެވެ. ސިއްހީ މަރުކަޒުތެރެއަށް މީހުން ގިނަ ވިޔަ ނުދޭން އިރުޝާދި ދިނުމަށްފަހު އަހަރެންގެ ކޮޓަރިއަށް ވަނީމެވެ. އަދި އެވަގުތު އެންމެ އިސްކޮށް ހުރި ނަރުހަށް ގުޅާލާފައި ވީގޮތެއް ސާފުވުމުން ގުޅާލަން އެދުނީމެވެ. އޭގެ އިރުކޮޅެއް ފަހުން އަހަރެންގެ ކޮޓަރީގައި މީހަކ ޓަކި ދިނުމުން ވަންނަށޭ ބުނީމެވެ.
“ފުލުހުން ބޭނުންވޭ މެނޭޖަރާއި ބައްދަލުކޮށްލަން” އެކުއްޖާ އެހެން ބުނުމުން އެމީހުން ވައްދާށޭ ބުނީމެވެ.
ދޮރުހުޅުވާލާފައި ވަދަގެން އައީ ހަމުގެ ކުލަ ކަޅު ދިގު ޒުވާނެކެވެ. ފުލުހުންގެ ޔުނީފޯމްގައި ހުރި އެޒުވާނާ ވަނުމަށްފަހު ސަލާމްގޮވާލިއެވެ.
އޭނާގެ ޔުނީފޯމްގައިވާ ނަން ޓެގްކޮޅާއި ދިމާއަށް އަހަރެން ބަލާލީ ސަލާމް ބަލައި ގަންނަމުންނެވެ. ނަން ޓެގް ކޮޅުގައި “މުޙައްމަދު” ޖަހާފައި އިނދެވެ.
“އިށީން ނަވާ” ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތްކޮށް އަހަރެން ބުނެލީމެވެ.
” ކުޑަ އިރުކޮޅެއް ކުރިން ގެނައި ޒުވާނާއަކީ މާރާމާރީއަކާއި ގުޅިގެން ޒަޚަމްވި ޒުވާނެއް. އެހެންވީމަ އިންވެސްޓިގޭޝަން އެއް ކުރިއަށް ގެންދިޔުމަށް ހުއްދަ ދެއްވުން އެދެން” އެ ޒުވާނާ ވާހަކަ ދެއްކީ ވަރަށް ޕްރިފެޝަނަލްކޮންނެވެ.
“އަވަސް ފަރުވާދިނުމަށް ފަހު އެ ޒުވާނާގެ ފުރާނައަށް އިތުރު ނުރައްކާއެއްނުވާނަމަ އިންވެސްޓިގޭޝަން ކުރިއަށް ގެންދަވާ. ޑޮކްޓަރު ބައްލަވާ ނިންމެވުމުން ތިކޮޅަށް ގުޅާލަދޭނެ މިކޮޅުން.” އަހަރެންވެސް ވަރަށް ހަމަޖެހިލާފައި ޖަވާބު ދިނީމެވެ.
“ޑޮކްޓަރުން އަދި ނަރުހުންގެ ބަޔާންވެސް ބޭނުންވާނެ” މޫނަށް ބަލާލަމުން އޭނާ ބުންޏެވެ.
“އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ” އަހަރެން އެހެން ބުނެލުމާއި ތެދުވެ ސަލާމްކޮށް ޝުކުރު އަދާކޮށްލުމަށްފަހު އެ ޒުވާނާ އެނބުރި ދިޔައީއެވެ. އެވަގުތު އަހަރެން ހިތަށް އެރިއެވެ. “މީ އިޖާޒް ބާވައެވެ؟.” އެކަމަކު އިޖާޒް ހުންނާނީ ވަރަށް ހިކިކޮށްނެވެ. މާދޮން ނޫންނަމަވެސް ހަމުގެ ކުލަ މިހާ ކަޅެއް ނުވާނެއެވެ. އެހެން ހިތަށް އެރުމާއި އެކު އަހަރެން އަމިއްލަ ނަފްސަށް ހީލީމެވެ.
ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަސްވެސް ދިޔައީ ވަރަށް ބިޒީކޮށެވެ. ގެއަށް އާދެވުނުއިރު ހަވީރު 5 ޖަހަނީއެވެ. ގެއަށް އައިއިރު މަންމަ ހުރީ ސައިހަދާފައެވެ. އަހަރެން ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ކާމޭޒުކައިރީ އިށީނީ ބަނޑުހައިވެފައި ހުރިވަރުންނެވެ. މަންމަވެސް އައިސް އަހަރެން ކައިރީ އިށީނދެ އެކި ވާހަކަތައް ދައްކަން ފެށިއެވެ. މި ގޮތުގައި އިރުކޮޅެއް ހޭދަކުރުމަށްފަހު މަންމަ އަހަރެންނާކުރީ ދުވަހަކުވެސް މަންމަ އަހަރެންނާ ކުރި ސުވާލެއް ނޫނެވެ.
“ދަރިފުޅު އުޅެނީ ކުއްޖަކާ ރަށްޓެހިވެގެންތަ” މަސް ދުވަސް ތެރޭ އަހަރެންގެ އުމުރުން 25 އަހަރުވާނެއެވެ. މަންމަ އަދި ދުވަހަކުވެސް އަހަރެން ކައިރީ އެ ސުވާލުކޮށްފައެއް ނުވެއެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް އަހަރެން ސިހުނެވެ.
” އަދި އަހަރެއްހާ ދުވަސް ފަހުން ތިކަމާ އުޅޭނަން. މަންމަ ކީއްވެ ތި ސުވާލު ތިކުރީ؟” އަހަރެން ތެދުވެ ފެން ބޮމުން މަންމަ ކައިރީ އަހާލީމެވެ.
” ކަމެއް ނުވޭ. ހަމަ ބަލާލީ ދަރިފުޅު ހަޔާތުގަ މީހަކު ހުރިތޯ” މަންމަ އެހެން ބުނެލަމުން ގޮނޑިން ތެދުވިއެވެ.
“މަންމަ އަނެއްކާ އަހަރެން އިންނާނޭ މީހަކު ހޯދީތަ” އަހަރެން އެހެން އަހާލީ މަޖާ ރާގެއްގައެވެ.
“މަންމަ ދައްކާ މީހަކާ ދަރިފުޅު އިންނާނަންތަ” މަންމަވެސް ކޮށްލީ ސުވާލަކެވެ.
“މަންމަގެ ޗޮއިސް ޔަޤީން ގޯހެއް ނުވާނެ. އެހެރީނު ބައްޕަވެސް ހޯދާފަ. އެކަމް އަދި އަހަރެން މީހަކާ ދެވަން ހަދާނެ ކަމެއްނެތް” އަހަރެން ހެމުންހެމުން ބަދިގެއިން ނުކުތީމެވެ. ކޮޓަރިއަށް ވަނުމަށްފަހު ފޯނު ބަލާލީމެވެ. ލައިތް ގެ މިސްކޯލެއް ވަޓްސްއަޕް އިން ފެނުމާއިއެކު އަވަހަށް ގުޅާލީމެވެ. ދެފަހަރު ގުޅާލުމުންވެސް ފޯނު ބިޒީ ކޮށްލީއެވެ. މާޔޫސީ ހިތަކާއިއެކު އެއްޗެހި ބަދަލުކޮށްގެން އެނދުގައި ޖައްސާލިތަނާ ލައިތް ގުޅިއެވެ. ކާރު ދުއްވަން އިނީމައި ފޯނު ނުނެގުނީކަމަށް ބުނިލިއެވެ. އަދި އާދައިގެ މަތިން އެތައް އިރަކު ދެމީހުން ވާހަކަ ދައްކަން ތިބީމެވެ.
ގޭގައި މާބޮޑުކަމެއް ނޯންނާތީއާއި ބައްޕަވެސް ގިނަވަގުތު އުޅެނީ ވިޔަފާރީގެ ކަންކަމުގައި ކަމަށްވެފައި މަންމަވެސް ކިޔަވައި ދިނުމާއި ޓިޔުޝަން ނަގައި ދިނުމުގައި އުޅޭތީ ގިނަވަގުތު އަހަރެންވެސް އުޅެނީ މަރުކަޒުގައެވެ. ރޭގަނޑު ބައެއް ފަހަރު ބައްޕަގެ ފިހާރައަކަށް ނުވަތަ ރެސްޓޯރެންޓަށް ވަދެލަމެވެ. ބައްޕަ ކައިރިން ކުޑަކޮށް ވިޔަފާރީގެ ކަންކަން ދަސްކޮށްލާ ބައްޕައަށް އެހީވާން އަހަރެން ބޭނުމެވެ. މާގިނައިން ބޭރުތެރެއަށް ނުކުމެ އަހަރެން ނޫޅެމެވެ. ގެއަށް ވަދެއްޖެއްޔާ އަހަރެން އޮންނަނީ ކޮޓަރީގައެވެ. މި ގޮތުގެ މަތީން ހަފްތާއެއް ހޭދަވެގެން ދިޔަ ގޮތް ޚުދު އަހަރެންނަށްވެސް ނޭގެއެވެ.
ދުވަހަކީ ހުކުރު ދުވަހެވެ. ހުކުރުދުވަހުގެ މެންދުރު ތުއްތުބޭ ކަނީ އަބަދުވެސް ބައްޕައާއި އެކު ގެއިންނެވެ. ނިއުމާއްތަ އެކަމާ ކިތަންމެ ޝަކުވާ ކުރިއަސް ތުއްތުބޭގެ އެއާދަ މިއަދާއި ހަމައަށްވެސް ބަދަލުވެފައި ނުވެއެވެ. މެންދުރަށް ކާން ތައްޔާރުކޮށް ނިންމާލިތަނުން އެމެޖެންސީ ގައި މާބަނޑު މީހަކު މާލެ ފޮނުވާލަން އާސަންދައިގެ ކަންކަން ހަމަޖެއްސުމަށް އަހަރެންނަށް އޮފީހަށް ދާން ޖެހުނެވެ. އެހެންކަމުން އަހަރެންނަށް މެންދުރުގެ ކެއުމުގައި ބައިވެރިވެވޭ ގޮތެއް ނުވިއެވެ. ހަތަރެއްގެ ފްލައިޓުން ބަލިމީހާ ފޮނުވާލުމުގެ ކަންކަން ހަމަޖައްސާ ނިންމާލުމަށްފަހު އޭނާއަށް ޒިޔާރަތްކޮށްލާ ހިތްވަރުދީ ހެދީމެވެ. އެއަށްފަހު ބޭރަށް ނުކުންނަން އަހަރެން އެޅި ފިޔަވަޅު ހުއްޓުނީ ފަހަތުން ރިސެޕްޝަން ގައި އިންނަކުއްޖާ އައިސް ގޮވާލުމުންނެވެ.
“އާޔާ ގެއަށް ދުރުވަނީތޯ”
“އާދެ. ގެއަށް ދާންކަމަށް. އިތުރުކަމެއް އެބައޮތްތޯ؟” އަހަރެން އެކުއްޖާ ކައިރީ އަހާލީމެވެ.
” އާޔާ އަށް އެނގި ލައްވާހެން ހިއެއްނުވޭ. އެންބިޔުލާންސް ވެއްޖެ ތިގޭގަ. އާޔާ ބައްޕަ ހޭނެތިގެން ބަލާ ގޮސްވީ” އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ކަހަލައެވެ. ދުނިޔެ އެނބުރި ގަތެވެ. މޫނުމައްޗަށް ކުޑަކޮށް އަދިރިވިއެވެ. އެއްވެސް ބަހެއް ނުބުނެ ކުރިމަތީގައި ހުރި ގޮނޑިބަރީގައި އަހަރެން އިށީނީމެވެ.
ކުޑަ އިރުކޮޅެއް ތެރޭ އެމްބިޔުލާންސް އައެވެ. ބައްޕަ ބާއްވާފައި އޮތް އެނދުގެ އެއްކޮޅުގައި ހިފައިގެން އެއްކަލަ ދުވަހު ފެނުނު ޒުވާނާ ފޭބިއެވެ. މަންމަވެސް ފައިބައިގެން އައިގޮތަށް އަހަރެން ގައިގައި އޮޅުލާ ރޯންފެށިއެވެ. އަހަރެންވެސް ހުރީ ފެންކަޅިވެފައި ނަމަވެސް ނުރޯން ހިތްވަރު ކުރީމެވެ. ބައްޕަ ބޭލި ގޮތަށް އެމެޖެންސީ ރޫމަށް ވެއްދިއެވެ. އަހަރެންގޮސް މަންމަ ގޮނޑި އެއްގައި ބޭންދުމަށްފަހު އެމެޖެންސީ ރޫމަށްވަނީމެވެ. ޑޮކްޓަރު އޭރު ބައްޕަ އަށް ފަރުވާދެނީއެވެ.
“ބައްޕަ ހޭ އެރީމަ އެއްޗެއް ބުނަން އެނގޭނީ. އެކަމަކު އެތެރެހަށީގެ ކަމެއްހެން ހީވޭ.” މަޑުމަޑުން ފަޔަށް ފިތާލުމަށް ފަހު ޑޮކްޓަރު ބުންޏެވެ.
އެ ވަގުތު ބައްޕަ ހޭ އެރިއެވެ. ހޭ އެރުމާއި އެކު ތެޅިފޮޅެން ފެށިއެވެ. މިއީ އަހަރެންގެ ބައްޕަ ރޯތަން ފެނުނު ފުރަތަމަ ދުވަހެވެ. ޑޮކްޓަރު އެތަށް ސުވާލުތަކެއް ކުރުމަށްފަހު ނަރުސްކުއްޖާ ކައިރީ އިންޖެކްޝަން އެއް ޖެހުމަށް ބުނުމުން އަހަރެން ޑޮކްޓަރާއި އެކީ ބޭރަށް ނުކުތީމެވެ.
” ބައްޕަ މާލެ ފޮނުވާލަން ފެނޭ. ހިވަނީ ބްލެޑަރ ނޫނީ ކިޑްނީ ކަމެއް ހެން. އެހެން ކަމަކަށްވެސް ވެދާނެ. އެންމެ ރަނގަޅުވާނީ މާލެ ގެންދިޔުން. 04 ގެ ފްލައިޓްއަށް ޓްރައި ކުރަންވީނު؟” ޑޮކްޓަރު އެހެން ބުނުމަށްފަހު ރިފަރަލް ޑޮކިޔުމަންޓްތައް ނިންމަން ދިއައެވެ. އަހަރެން މަންމަ ކައިރީ ބައްޕަ މާލެ ގެންދަން ޖެހޭ ވާހަކަ ބުނީމެވެ.
“ކޮބާ ބައްޕަ؟ ވާހަކަ ދެއްކޭތަ؟ ބައްޕަ އާއި ވާހަކަ ދައްކާލާފަ ގޮތެއް ނިންމާ” އަހަރެން މަންމަ ގޮވަން އެމެޖެންސީ ރޫމަށް ވަނީމެވެ. ގެނައި އިރަށްވުރެ ކުޑަކޮށް ބައްޕަ އޮތީ ހަމަޖެހިފައެވެ. ނަމަވެސް އަރިކަށީގައި ހިފހައްޓައިގެން ގުދަށް އޮތްއިރު ބައްޕަ ގައިގައި ވޭން އަޅާކަން އަހަރެންނަށްވެސް އިހްސާސުކުރެވުނެވެ.
“މާލެ ގެންދަން ހަމަޖައްސަނީމި. އެންމެން ދާނީ ދޯ” އަހަރެން ބައްޕަ އަށް މާ ގިނަ ގޮތްތަކެއް ދޭކަށް ބޭނުމެއް ނުވިއެވެ.
“އުނހު. ފިރިހެނަކު ދާން ޖެހޭނެއެއްނު. ތުއްތުބެ އާ މަންމަޔާ ގޮވައިން ދާނީ!” ބައްޕަގެ ނިންމުމާއި ދޭތެރޭއަހަރެން ހިތްހަމައެއް ނުޖެހުނެވެ.
” އަހަރެންވެސް ދާނަން.ތުއްތުބެ ބަހައްޓާ. “އަހަރެން ހުރީ ކުރުކުރާގޮތަކަށް ނޫނެވެ.
” ފިރިހެނަކު ގެންދަން ޖެހޭނެއެއްނު. ދެން މަންމަ އާއި ނުލާ ބައްޕަ ކިހިނެއް ނޭވާއެއްވެސް ލާނީ. ދެން ދަރިފުޅު ދިޔައީމާ ވިޔަފާރި ކިހިނެއް ހަދާނީ” ބައްޕަ އެއްބަނޑުގައި ފިރިހެނަކު ނެތުމާއި އެކު ތުއްތުބޭ ގެންދަން ކޮންމެހެން ބައްޕަ ބޭނުމެވެ. ނަމަވެސް އެވަގުތު ވިޔަފާރި އާއި ދޭތެރޭ އަހަރެން މާބޮޑަށް ވިސްނާކަށް ބޭނުމެއް ނުވިއެވެ.
(ނުނިމޭ)