Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން-11

SomeOne Level 210 Stories
March 15, 2021 5 Mins Read
0 Comments

ބޮޑުދައިތަ ލައިބާ ގޮވައިން ކޮޓަރިއަށްވަނީ އަނެއް ދުވަހަކީ ސްކޫލް ދުވަހެއްވީމައެވެ. ބޮޑުބެ އާލީ ނިންދެވުމުގެ މަސައްކަތުގައި އުޅޭ އަޑުއިވެއެވެ. ސިޓިން ރޫމްގައި އެންމެ ފަހުން ތިބީ އަހަރެންނާއި ލައިތް ގެ އިތުރުން ފަހަރިއެވެ. އަހަރެމެން އެކި އެކި ވާޙަކަދެއްކުމުގައި  12 ޖަހަންދެން ތިބީމެވެ.

“ޝާޢީ.. އާލީ ނުނިދިއޭ!” ބޮޑުބެގެ އަޑު އިވުމާއި އެކު ފަހަރު ހެމުން ހެމުން ތެދުވިއެވެ.

“ލައިތް ދިޔައީމާ ދޮރު ތަޅުލައްޗޭ. ފަހަރި މިދަނީ ނިދަން” އެހެން ބުނެލުމަށްފަހު ފަހަރިވެސް ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

އަހަރެންނާއި ލައިތް އެކަނިވިއެވެ. ދެ މީހުންވެސް އެކަކު އަނެކަކު މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ތިބީމެވެ. ދެން ފެނުނީ ލައިތް ކޮޅަށް ތެދުވެ ހިނގައިގަތްތަނެވެ. އަހަރެން ހީކުރިގޮތާއި ޚިލާފަށް ލައިތްގެ މިސްރާބު ހުރީ އަހަރެންގެ ކޮޓަރިއާއި ދިމާއަށެވެ. އަހަރެންގެ މޭ ތެޅިގަތެވެ. މީހަކަށް އެނގިދާނެތީއެވެ. ހަތަރެސްފައިން ގޯހެއް ހެދިދާނެތީއެވެ. އަހަރެންވެސް ލައިތްގެ ފަހަތުން ގޮސް ކޮޓަރިއަށްވަދެ ދޮރުލައްޕާލީމެވެ. ލައިތް ގޮސް ކޮޓަރީގައި އިން ސޯފާގޮނޑީގައި އިށީނދެލާފައި އަހަރެންކައިރީވެސް އިށީނުމަށް އެދުނެވެ. މަޑު ހިނގުމެއްގައި ގޮސް އަހަރެން ލައިތްއާއި ޖެހިގެން އިށީނީމެވެ.

“މީހަކަށް އެނގިދާނެ.” މަޑުމަޑުން އަހަރެން ބުނެލީމެވެ.

” އޯކޭ އެނގުނަސް. އޭރުން އެއްބަސްވާނީ” ލައިތް އަހަރެން ކޮނޑުގެ އަތްއަޅުވާލުމަށްފަހު ގަޔާ ކައިރިކޮށްލަމުން ވާހަކަ ދެއްކިއެވެ.

“ޔާ! އަހަރެން ގޯސްކަމެއް ނުކުރާނަމޭ! އަހަރެން ބޭނުމީ އިރުކޮޅަކު އާޔާ އަހަރެންގެ އަތުތެރޭގައި ބާއްވާލަން. ދެން އަހަރެންނަށް އާޔާ ފެންނާނެ ދުވަހެއް ނޭނގޭ. ގެއްލި ދާނެތީވެސް ބިރުގަނޭ” ލައިތް ގެންދިޔައީ އއޭނާގެ ހިތުގެ އުދާސްތައް ބޭރުކުރަމުންނެވެ.

“އަހަރެން ހުންނާނަމޭ ލައިތްގެ މީހެއްގެ ގޮތުގަ. އިތުބާރުކުރޭ މަށަށް.” އަހަރެން އެހެން ބުނެލީ އިތުރަށް ލައިތްގެ އަތުގެ ތެރެއަށް ބޮނޑި ވަމުންނެވެ.

“އަސްލު ވަރަށް ދެރަވެ ދުވަސްގަނޑަކަށް ގެއްލޭތީ.  ބައިވަރު އަންހެން ކުދިން އުޅޭނެ. ހަމަ އެހެން ކުއްޖަކާއި ގަޔާވެސް ވެދާނެ.އެކަމަކު އަހަރެން ލައިތް ގެ ލޯތްބާ ދޭތެރޭ ޝައްކެއް ނުކުރަން. އެނގޭ ނިކަން ލޯބިވާކަން” އަހަރެން ވެސް އަހަރެންގެ ހިތުގެ އުދާސްތައް ބަންޑުން ކޮށްލީމެވެ.

ލައިތް އިތުރު އެއްޗެއް ނުބުނެ ބޮލުގައި ހިފާލާ އަހަރެންގެ ތުންފަތަށް ބޮސްދިނެވެ. އެގޮތުގައި އެކި ވާހަކަ ދެއްކުމަށް ދަންވަރު 2 ޖަހަންދެން އަހަރެމެން ތިބީމެވެ. އެ ހުރިހާ އިރަކު ލައިތްގެ އަތުގެ ހިޔާވަހިކަމުގައި އަހަރެން އިނީ ނުހަނު އުފަލުންނެވެ. 2 ޖެހުމާއި އެކު އެރެއަށް އަލްވަދާއު ކިޔާ ވަދާޢީ ސަލާމްކުރުމަށްފަހު ގެއަށް ދިޔުމަށް ލައިތް ނުކުންނަން ހިނގައިގަތެވެ. ލައިތްގެ ކުރިން އަހަރެން ނުކުމެ ބޭރުދޮރު ހުޅުވާލީމެވެ. އަދި އަހަރެންގެ އިޝާރަތާއިއެކު ލައިތް އަވަސް އަވަހަށް ގެއިން ނުކުތެވެ. އަހަރެންވެސް ގެ ތަޅުލުމަށްފަހު  އުފާވެރި ހިތަކާއިއެކު ނިދީމެވެ.

ލައިތް ފުރަންވަންދެން ކޮންމެ ރެއަކުވެސް އަހަރެމެން ބައްދަލުކުރީމެވެ. ލައިތްފުރި ދުވަހަކީ އަހަރެމެންގެ ގުޅުމަށް ސީދާ 1 މަސް ފުރުނު ދުވަހެވެ. ލައިތްގެ އާއިލާ އެންމެން ލައިތް ފުރުވަން ދިޔައެވެ. އަހަރެން ކިތަންމެ ދާހިތްވި ނަމަވެސް ދާކަށްނުކުރުނެވެ. ނަމަވެސް އަހަރެން ލައިތް އާއި ހުޝާމް އުޅޭ އެޕާޓްމަންޓަށް ގޮސް އެންމެ ފަހު ފަހަރަށް ލައިތްގައިގައި ބައްދާލީމެވެ. އެތައް އިރަކު އެ މޭމަތީ ބޯއަޅައިގެން އޮވެ ރުއީމެވެ. ލައިތް ފުރުވަން އެއާޕޯޓަށް ދިޔުމުން އަހަރެން ގެ ހިތުގެ އަޑު އެންމެ ފަހު ފަހަރަށް ލައިތްއަށް އިއްވާލީމެވެ.

“އުރާލާ ހިތް އުފާކޮށް ލޯބިދީފާ ފުރައިގެން ދިޔާމާ ދެރަވާނޭ”

“ތުރާލާ ވޭން ހިތަށްދީ ކެއްނުވާތީ ފުރާލާ ދެލޯ ކަރުނުން ވަނީ”

އެއްމަސްދުވަހުގެ ލޯތްބާއި އަޅާލުމާއި ދިނުމަށްފަހު ލައިތް އަހަރެންނާއި ވަކިވީއެވެ. އޭނާ އަހަރެންނަށް ކުރަމުން ދިޔަ ކުދިކުދި ގޯނާތަށް އަހަރެން ހަނދާން ނެތޭނީ ކިހިނެއްހެއްޔެވެ. ފަޅުރަށެއްގެ ދޮންވެލި ތުނޑީގައި އަހަރެމެން ހޭދަކުރި ވަގުތުތައް އަހަރެންގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ. އަހަރެންގެ ހިތް ބުނަނީ ލައިތް އަންނާނޭ ކަމަށެވެ. ލައިތް އަހަރެން ނޫން އެހެންމީހެއް އޭނާގެ ހޔާތުގެ ބައިވެރިއަކަށް ހަދާފާނޭ ކަމަށް އަހަރެންގެ ޟަމީރު ގަބޫލެއް ނުކުރެއެވެ. އަހަރެންވެސް އަޒުމް ކަނޑައެޅީ ލައިތް އަންނާނޭ ދުވަހަކަށް ނިކަން ލޯބިން އިންތިޒާރު ކުރުމަށެވެ.

 

 

 

ތަފާތު ރީތި ކުލައިގެ މާމެލާމެލިން ޖަރީކުރުވި ހަނދާނުން ނުފޮހޭވޭނޭފަދަ ކުލަ ހުވަފެނެއް ކުޑަ ދުވަސްކޮޅަކަށް ދައްކާލުމަށްފަހު ލައިތް ފުރައިގެން ދިޔަތާ މިއަދަށް 4 މަސްދުވަސް ވީއެވެ. ކޮންމެ ދުވަހަކު ވާހަކަ ނުދެއްކުނު ނަމަވެސް ގިނަ ދުވަސް ދުވަހު ލައިތްއާއި ފޯނުން ވާހަކަ ދައްކަމެވެ. އަހަރެމެންގެ ލޯބީގެ ގުލްދަސްތާގަތާ މާލަމަކީ ވަޓްސް އެޕް އާއި ވައިބަރ އެވެ.އަހަރެމެން ވާހަކަ ދައްކާ ކޮންމެ ފަހަރަކު ދިރިއުޅުމުގެ ޕްލޭންތައް ހަދަމެވެ. އަމިއްލަ ބިމެއް ހޯދާ ލައިތް މާލެ އަންނަން ވާއިރަށް ގެއެއް އެޅުމަކީ އަހަރެމެން ދެމީހުންގެވެސް ހުވަފެނެކެވެ. ލައިތް ޗުއްޓީއަށް އައުމުން ދެ އާއިލާއާއި ބައްދަލުކޮށް ކައިވެނީގެ ކަންކަން ހަމަޖެއްސުމަށް ވެސް އަހަރެމެން ޕްލޭން ކުރީމެވެ. ހަތަރު މަސްދުވަހުގެ ތެރޭގާއި ދިރިއުޅުމަށް މާބޮޑު ބަދަލެއް ނާދެއެވެ. އާދައިގެ މަތީން އޮފީހަށް ދިޔުމާއި ގެއަށް އައިސް އާލީ އަދި ލައިބާ ކައިރީ ވަގުތު ހޭދަކުރަމުއެވެ. ބައެއް ދުވަސް ދުވަހު ދޮންދައްތަ އާއި ޝާމްބެ ކައިރިއަށް ޒިޔާރަތް ކޮށްލަމެވެ. މި ގޮތުގެމަތީން ދުވަސްތައް ހޭދަކުރަމުންދަނިކޮށް އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލި ފޯނުކޯލު އައީ އެއްދުވަހެއްގެ އިރުއޮއްސުނުއިރުއެވެ. ނަމާދުކޮށްލައިގެން ޤުރުއާން ކިޔަވަން އިންދައި އަހަރެންގެ ފޯނަށް ގުޅީ އަހަރެންގެ ބޮސްއެވެ. ފޯނު ނެގުމަށް ފަހު އަހަރެން ހެލޯ އޭ ބުނެލީ އިހްތިރާމްއާއި އެކުއެވެ.އެއާއިއެކު ބޮސް ވާހަކަ ދައްކަން ފެށިއެވެ.

“އާޔާ ތީ ހދ. ހަނިމާދޫ ދޯ؟” ޖަވާބުގައި އަހަރެން އާދެ އޭ ބުނެލީމެވެ.

“ހަނިމާދޫ ހެލްތް ސެންޓަރު ހިންގަން މީހާކު ހޯދަން 3 ވަނަ ފަހަރު އިއުލާން ކޮށްފި. މާދަން ނޫން އަނެއްދުވަހު ވަގުތު ހަމަވާނެ. އަދިވެސް  ޝަރުތު ހަމާ މީހަކު ނުލާ. އާޔާ ލާން ވީނު؟ ޕްރަމޯޝަން އެއް ލިބޭނެ އޭރުން. ހެލްތް ސެންޓަރުގެ މެނޭޖަރުންނަކީ ޑިރެކްޓަރ ލެވެލްގެ މަޤާމެއް” ބޮސް އެއް ފައްޗަކަށް އަމުނާލިއެވެ.

އެވަގުތު ދޭނެ ޖަވާބެއް އަހަރެންނަކަށް ނުވިސްނުނެވެ. އެހެންކަމުން އަހަރެން ވިސްނާލާފަ މާދަމާ ޖަވާބެއް ދޭނެކަމުގައި ބުނެ ފޯނު ކަނޑާލީމެވެ. އެއަށްފަހު މަންމައަށް ގުޅާ އެފުރުސަތު އޮތް ވާހަކަ ބުނީމެވެ. މަންމަ އަބަދުވެސް ދެކޭ ހުވަފެނަކީ މަންމަ ފަދައިން އަހަރެންވެސް ދޮންދައްތަވެސް ރަށަށް ޚިދުމަތްކޮށްދިނުމެވެ. އެހެންކަމުން މަންމަ ވެސް ބޭނުންވީ އެފރުސަތުގެ ބޭނުން ހިފައިގެން އަހަރެން ރަށަށް ބަދަލުވުމަށެވެ.  ދެން އަހަރެން މެސެޖްކޮށްލީ ލައިތް އަށެވެ ލައިތްގެ ވިސްނުނުން ހުރިގޮތެއް ބަލާލުމަށެވެ. މެސެޖްކޮށްލާފައިވެސް އިރުކޮޅަކު އަހަރެން މަޑުކޮށްލީމެވެ. ނަމަވެސް މެސެޖްއަށް އިތުރު ރިޕްލައި އެއް ނައެވެ. އެރޭ ނިދަން އޮށޯތް އިރުވެސް ލައިތް އަހަރެންގެ މެސެޖް ބަލާފައި ނެތެއެވެ.

އަނެއް ދުވަހު ހެނދުނު ހޭލެވުމާއިއެކު ފޯނު ހުޅުވާ ބަލާލީމެވެ. އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނުވީ ލައިތް ގެ މެސެޖްތަކެއް ހުރުމުންނެވެ. އަހަރެން އެ ހުޅުވާ ކިއަން ފެށީމެވެ.

“ގުޑް މޯނިން ސަންޝައިން (އެއީ ލައިތް އަހަރެންނާ ދުރަށް ދިޔައީންސުރެ ހެނދުނު މެސެޖް ކުރާނަމަ މެސެޖް ފަށާގޮތެވެ). ލައިތްއަށް ހީވަނީ ތީ އަސްލު ވަރަށް ރަނގަޅު ގޮތެއްހެން. ދެ މީހުންނަށްވެސް ލާރި ސޭވް ކުރެވޭނެ. އަނެއްކާ އަހަރެން ދާގޮތަށް އާޔާ މަންމަމެން އަތުން އާޔާ ޖަހައިގަންނާނަން. އެހެންވީމަ މި ދުވަސްކޮޅު މަންމަމެންނާއި އެކީ އުޅެލާ މަންމަ މެންނަށް ޚިދުމަތް ކޮށްދީ.”

އަހަރެންނަށް ވެސް ވިސްނުނީ އެއީ އެންމެ ރަނގަޅުގޮތްކަމުގައެވެ. އެހެންކަމުން ގޭ އެންމެން ކައިރީ ބުނުމަށްފަހު އެދުވަހު އޮފީހަށް ދިޔައީ އެ މަޤާމަށް ހުށައެޅުމަށް ސެޓްފިކެޓްތަކާއި އެއްޗެހި ހިފައިގެންނެވެ. އޭގެ ދެހަތްފާފަހުން އަހަރެން ވަޒީފާގެ އިންޓަވިޔު ނިންމީމެވެ. އަދި ހަފްތާއެއް ފަހުން ވަޒީފާ ހަމަޖެހުނު ވާހަކަ އާއި ޖެހިގެން އަން ހަފްތާގެ އާދީއްތަ ދުވަހު ވަޒީފާއަށް ނުކުތުމަށް އެންގިއެވެ.

އަހަރެން ގޭ އެންމެންނާއި ސަލާމްކުރުމަށްފަހު ހަނިމާދޫއަށް ދިޔުމަށް ފްލައިޓްގައި ނައްޓާލީ ހުކުރު ދުވަހުގެ ހަވީރުއެވެ. އަހަރެންގެ އަމިއްލަ ވަޒަނަށް އަހަރެން ދިޔައީ ބަރާބަރު 5 އަހަރު ފަހުންނެވެ. މައިންބަފައިން މާލެ އަންނާތީ އެހާވަރުން ރަށަށްދާކަށް އަހަރެން ނޫޅެމުއެވެ. ރަށުގައި ދަންނަ މީހުން އުޅުނު ނަމަވެސް ރަށްޓެއްސެކޭ ބުނާވަރުގެ އެއްވެސް ރަށްޓެއްސެއް ނޫޅޭނެއެވެ. އެކުގައި ކިޔެވި ގިނަ ކުދިންތައްވެސް މީހުންނާއި އިނދެގެންނާއި ވަޒީފާތަކަށް ދިއުމަށް އެކި ތަންތަނަށް ހިޖްރަކުރީއެވެ.

 

ފްލައިޓް ރަށުގެ އެއާޕޯޓަށް ޖެއްސުމާއިއެކު ތަފާތު އިހްސާސެއް ކުރެވުނެވެ.  ފްލައިޓުން ފައިބައިގެން ލަގެޖްނަގައިގެން ބޭރަށް ނުކުތް އިރު މަންމައާއި ބައްޕަ ގެ އިތުރުން  ދެ ފަރާތުގެ ވެސް ބައެއް އާއިލާމީހުން އައިސް ތިއްބެވެ. އަހަރެން ފެނުމާއިއެކު މަންމަ އައިސް އަހަރެންގައިގައި ބައްދާލިއެވެ. އަހަރެން އެންމެންނާ ސަލާމްކޮށް ކުޑަކޮށް ވާހަކަ ދައްކާލީމެވެ.

“ދެން ހިނގާ ގެއަށް ދާން.  މޫސާ ގެނޭ ކާރު ތަޅުދަނޑި. އަހަރެން ދުއްވާނީ. މޫސަ ދޭ އަހަރެން ސައިކަލުގައި.” މޫސަބެއަކީ ބައްޕަގެ ފިހާރައެއްގއި މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސް ވީ މީހެކެވެ. ބައްޕަ އެހެން ބުނުމާއި އެކު މޫސަބެ އައިސް ބައްޕައަށް ކާރު ތަޅުދަނޑިދިނެވެ.

“އަވަހަށް އަރާ ކާރަށް” ކައިރީގައި އޮތް އަޅިކުލައިގެ މާރުތީ ސުޒުކީ ކާރުގެ ދޮރު ހުޅުވާލާ ކާރު ސްޓާޓްކޮށްލިއެވެ. އަހަރެންގެ ބައްޕައަކީ ރަށު ފެންވަރުގައި ތަނަވަސް މީހެކެވެ. ބައްޕަގެ 2 ފިހާރަ އާއި ރެސްޓޯރެންޓެއް ރަށުގައި ހުރެއެވެ. ރަށު މީހުންގެ މެދުގައި ބައްޕަ މަޤުބޫލުވެފައިވަނީ ދީލަތި ހިތް ހެޔޮ މީހެއްގެ ގޮތުގައެވެ. ހަމަ އެފަދައިން މަންމައަކީވެސް ރަށު ސްކޫލް ކުދިންނާއި ބެލެނިވެރިންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ މީހެކެވެ.

ކާރު ދުއްވަމުން ދިޔައިރު އެކި ވާހަކަ ދައްކަމުން އަހަރެމެން ދިޔައީމެވެ. 15 ވަރަކަށް މިނެޓްފަހުން ބައްޕަ  ކާރު ހުއްޓާލީ އަހަރެމެން އުޅެ ބޮޑުވެ އަހަރެމެންގެ ގޭ ދޮރުމައްޗަށެވެ. ޒަމާނީ ގޮތަށް ބައްޕަވަނީ ގެ ޢިމާރާތްކޮށްފައެވެ. 3 ބުރިއަށް ގެ ހަދާފައި ވީނަމަވެސް މަތީބައިގައި ވަނީ އެއް ކޮޓަރިއާއި ޓެރެސް އެކެވެ. ބޭރުން ބަލާލައިރުވެސް ޓެރެސް މަތިން އެކި ކުލަ ކުލައިގެ މާގަސްތައް ފެންނަން ހުއްޓެވެ. ވަށާފާރު އުސްކޮށް ރާނާފައި ވީނަމަވެސް ފާރުމަތިން ބޭރަށް ނުކުންނަހާ ބޮޑެތި ގަސްތައް ހުއްޓެވެ. ގޭގެ ބޮޑު ދޮރު ހުޅުވާލާފައި ގެއަށް ވަނުމުންވެސް ހިތަށް ހަމަޖެހުން ގެނުވިއެވެ. ގޭތެރެއަށް ނުވަދެ އެންމެ ފުރަތަމަ އަހަރެން ގަސްތުކުރީ ގޯތި ތެރެ ބަލާލުމަށެވެ. ގޭގައި އެއްބައިގައި ޢިމާރާތްކޮށްފައި ހުރި އިރު ކުރީގެ ބާ ޢިމާރާތްހުރިތަން އޮތީ ހުސްކޮންނެވެ. އެތަނުގައި މަސްފެންގަނޑެއް ހަދާފައި އޮތެވެ. ދެން ހުރީ އެކި ވައްތަރު ވައްތަރުގެ މޭވާ އާއި ތަރުކާރި ގަސްތަކެވެ. މިރުހާއި، ބަށްޓާއި ތޮރާ ވެލެއްގެ ގެ އިތުރުން ކިޔުކަމްބާ އާއި ލެޓިޔުސްވެސް ހައްދާފައި ހުއްޓެވެ. އަދި އަތަޔާއި ފޭރާއި އަންނާރުގެ އިތުރުން ބިލިމަގާއި ކުންނާރުވެސް ހުއްޓެވެ. ގޭތެރެ ބަލާލުމަށް ފަހު އެތެރެއަށް ވަނުމުން އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަވަށްޓެރިންނާއި އާއިލާގެ އެންމެން ކަހަލަ ގޮތަކަށް ސިޓިން ރޫމްގައި ތިއްބެވެ. ބޮޑު މޭޒެއްގެ މަތީގައި ނަން ހުސްކޮށް ހެދިކާ ހުއްޓެވެ. މަންމަ އާއި ބައްޕަ އަހަރެންނަށް މަރުހަބާ ކިޔުމުގެ ގޮތުން އެންމެންނަށް ސައެއް ދިނީއެވެ. އަހަރެންވެސް އެންމެން ދަންދެން ސިޓިން ރޫމްގައި އިނީމެވެ. އަދި އެންމެން ދިޔުމުން މަންމަ ގޭތެރެސާފުކުރަން ފެށުމުން އެކަމުގައިވެސް އަހަރެން އެހީވެދިނީމެވެ. އަހަރެމެން އާއިލާ އަކީ ފުދުންތެރި އާއިލާ އެއްނަމަވެސް ގޭތެރޭގެ މަސައްކަތްތައްކުރަނީ މަންމަ އެކަންޏެވެ. ބައްޕަ އެތައް ފަހަރަކު އެދުމުންވެސް މަސައްކަތްކުރާނޭ މީހަކު ގެންނަން މަންމަ ބޭނުމެއް ނުވިއެވެ.

ސައިގެ ކަންކަން ނިންމާލުމަށްފަހު އަރާމުކޮށްލުމަށް ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލީމެވެ. އަހަރެންނަށް ތައްޔާރުކޮށްދީފައ ހުރީ ދެވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެކެވެ. ނިދާ އެނދާ ދިމާލު ފާރުގައި ލަކުޑިން ވަރަށް ރީތިކޮށް އާޔާ ޖަހާލާފައި އިނެވެ. އެނދުގައި ޖައްސާލާ ލައިތް އަށް މެސެޖްކޮށްލީމެވެ. އޭނާގެ ޚަބަރެއް ނުވާތާ 3 ދުވަސް ވަނީއެވެ. ވޭތުވެދިޔަ ހަތަރު މަސް ދުވަސް ތެރޭގައި މިކަހަލަ ކިތަންމެ ދުވަހެއް އައިސްފިއެވެ. ކުރީގައި ދެރަވި ނަމަވެސް މިހާރު އެ ދިރިއުޅުމަށް ހޭނިއްޖެ ކަހަލައެވެ. ނަމާދުވެސް ނުކުރެވޭތީއާއި އެކު އެކި ޚިޔާލުގައި ފޯނާއި ކުޅެން އޮއްވާ އަހަރެންނަށް ނިދުނީއެވެ. ދެން ހޭލެވުނީ މަންމަ އައިސް ގޮވުމުންނެވެ.

“ދަރިފުޅާ ތެދުވޭ ކާން” މަންމަ ދޮރުގައި ޖަހާލިއެވެ.

“މި ދަނީ މަންމާ” އަހަރެން ޖަވާބު ދިނީމެވެ. އަދި އަވަސް އަވަހަށް ރީތި ވެލައިގެން ތިރިއަށް ފޭބީމެވެ. އޭރު ކާމޭޒުކައިރީގައި މަންމަ އާއި ބައްޕަ އަދި ތުއްތުބޭ އިނެވެ.

“ދަރިފުޅާ އާޔާ! ހާދަ ބޮޑުވެއްޖޭ މިހާރު.” އަހަރެން ފެނުމާއިއެކު ތުއްތުބޭ ގޮވާލިއެވެ.

“ހަހަ. ލައްބަ. ވަރަށް ދުވަސްވެއްޖެޔޭ ދޯ ތުއްތުބެ ނުފެންނަތާ! ކޮބާ ނިއުމާއްތަ؟” އަހަރެން ތުއްތުބޭ އަންހެނުންގެ ވާހަކަ އަހާލީމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ޖެނީ (6)

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (16)

Next
March 15, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (16)

Previews
March 14, 2021

ޖެނީ (6)



All Right Reserved!