
ނިކަން ލޯބިން-5
އިޖާޒަކީ ބައްޕަގެ ދެ ގޮތެއް ނުވެހުރި އެންމެ ގާތް އެކުވެރިޔާ އިބްރާހިމްބެގެ ހުރި ހަމައެކަނި ދަރިފުޅެވެ. ކުޑައިރު އަހަރެންގެ ވަރަށް ގާތް އެކުވެރިއެކެވެ. ހަނދާން ހުންނަން ފެށީއްސުރެ ވަރަށް ބަލިވެ އުޅޭނެއެވެ. ނަމަވެސް ޓީން އޭޖަށް އެޅުމާއިއެކު އޭނާ އަހަރެންކައިރީ ރަށްޓެހިވާން އެހިއެވެ. އޭރު އޭނާ ބަލިކޮށް އުޅޭތީ އޭނާއަށް ނުވާނޭހެން ހިވާ ކަހަލަ ކަމެއް ބޮލުގަ އެޅުވީ އަހަރެން އޭނާ އާއި އެކަހަލަ ގުޅުމެއް ބާއްވަން ބޭނުން ނުވާތީއެވެ. އަހަރެން އީޖާޒް ކައިރީ ބުނީ އަހަރެން އިންނާނީ ފުލުސް އޮފިސަރަކާއި ކަމުގައެވެ.
“އަހަރެން ދެން އާޔާ ކައިރިއަށް އަންނާނީ ފުލުސް އޮފިސަރަކަށް ވެގެން” އެއީ އެންމެފަހުން އިޖާޒް ބުނި ބަސްތަކެވެ. އޭގެ ފަހުން ދެމީހުން މަގެއްގެ މަތިންވެސް ނުދެކެމުއެވެ. އަހަރެން މާލޭގައި އުޅޭތާ 5 އަހަރު ވީއިރު އޭނާ މަތިން ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. ނުވެސް ގުޅައެވެ. ބަތްކައްކާ ކުޅުން ޒަމާނުގެ ކަންކަން ހަނދާން ބަހައްޓަން ބޭނުންވާނީ ކާކުހެއްޔެވެ.
އަހަރެން ފޯނު ބޭއްވިއިރު ބޮޑު ދައިތައާއި ލައިބާ އަދި ދޮންދައްތަވެސް އައިސް ކޮޓަރިއަށް ވަންނަނީއެވެ.
“މިރޭ ދެން ޝޯ ބަލަން ނުދާނީ ދޯ. ފުރަން ތައްޔާރު ވާން ޖެހޭނެއެއްނު” ބޮޑުދައިތަ އެހެން ބުނުމުން ދޮންތަ ވެސް ބޮޑުދައިތަ އާއި އެއްބަސްވެލިއެވެ.
އެރޭ އެންމެންވެސް ކުރިން ނިދީ ފަތިހު 5:30 ގައި ދަތުރުދާން ފުރަން ޖެހޭތީއެވެ. ނަމަވެސް އަހަރެންގެ ލޮލަށް ނިދި ނައިސްގެން ބޭރަށް ނުކުމެލީ އެންމެ ފަހަރަކުވިޔަސް އަހަރެންގެ “ޓޮމް ފޯޑް” ފެނޭތޯއެވެ.ނަމަވެސް ބައިގަޑިއިރުވީ އިރުވެސް “ޓޮމް ފޯޑް” އެއް ނުފެނުނެވެ. މާޔޫސީ ހިތަކާއިއެކު އެނބުރި ކޮޓަރިއަށް ގޮސް އަހަރެން ނިދަން އޮށޯތީ ހުވަފެނުންނަމަވެސް އޭނާ ފެނޭތޯއެވެ.
ފަތިހު 4:30 ގައި ފޯނު އެލާމްވާއަޑަށް އަހަރެން ހޭލީމެވެ. ފާހާނާކޮށް ފެންވަރާލައިގެން ނުކުތްއިރު ލައިބާ ގޮވައިގެން ދޮންދައްތަ ހުރީ ނަމާދަށްއަރައެވެ. އަހަރެންވެސް އަވަހަށް ނަމާދު ކޮށްލައިގެން ދަތުރުގެންދަން ތައްޔާރުކުރި ދަބަސް ނަގާ އެނދުމަތީ ބާއްވާލުމަށްފަހު ބަދިގެ ފަރާތަށް ނުކުތީމެވެ.
ފަހަރި އާއި ބޮޑު ދައިތައަދި ގެކައިރީ ތިން މީހަކު ފަތިހުގެ ނާސްތާ ތައްޔާރުކުރުމުގައި އަވަދި ނެތި އުޅުއެވެ. އަހަރެންވެސް ގޮސް އެ މީހުންނާ ބައިވެރިވެ ނާސްތާ ޕެކް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭންފެށީމެވެ. ހުރިހާ ކަމެއް ހަމަޖެހި ނިމުމުން އަހަރެންމެން ދަތުރަށް ފުރުމަށް ނުކުތީމެވެ. ބަނދަރަށް ނުކުމެވުންއިރު އެއްބަޔަކު ދޯންޔަށްއަރައި ތިއްބެވެ. އޭގެ ތެރޭގައި އަހަރެންގެ “ޓޮމް ފޯޑް” ވެސް ހުއްޓެވެ. ކަކުލާ ހަމައަށް އަރާ މިހާރުގެ ނަމުންނަމަ “ރާޅު” ސޯޓަކާއި ޗެލްސީ ޖާޒީއެއްގައި ހުރިއިރު އޭނާގެ ފިރިހެންވަންތަ ކަން އިތުރުކޮށްދެއެވެ. އަޅާފައިވާ އަވިއައިނުގެ ސަބަބުން އެރިތި ދެލޯ ފޮރުވިފައި ވީނަމަވެސް އެލޮލުގެތެރެ އަހަރެންނަށް ފެންނަ ކަހަލައެވެ. އަހަރެމެން ކައިރިވުމުން “ޓޮމް ފޯޑް” އައިސް އަހަރެމެން ދޯންޔަށް އެރުމަށް އެހީވެދޭން ފެށިއެވެ.
އަހަރެންވެސް ދޯންޏާއި ކައިރިވެލީ އެ ބާރުގަދަ އަތުން އަހަރެންގެ އަތުގައި ހިފާލާ ދޯންޏަށް އަރުވައިދޭނޭ ކަމުގެ އުންމީދާއި އެކީއެވެ. އެހެންނަމަވެސް އަހަރެން ދޯންޏާއި ކައިރިވެލި ވަގުތު “ޓޮމް ފޯޑް” އެތަނުގައި ހުރި ކޮތަޅެއް ހިފައިގެން ހިނގައިގަތެވެ. އަހަރެން ހިފަން ޖެހުނީ ލައިތް ގެ އަތުގައެވެ. ހިތާހިތުން “ޓޮމް ފޯޑް” އަށް ވަރަށް އެއްޗެހިކިޔުނެވެ. ލައިތް ދެކެވެސް އިތުރަށް ހިތްހަމަ ނުޖެހެވުނެވެ. އަނެއްކާ ލައިތް އަހަރެންނާ ގަޔާވާ ވާހަކަ “ޓޮމް ފޯޑް” ކައިރީ ބުނީ ނޫންބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.
ކަނޑުމަޑުކަމުން ހީވަނީ ސޭލާން އަޅާފައިވާ ހެންނެވެ. ވައިރޯޅިއެއް ނުވާތާ އުޑުމަތީ ވިލާ ރޮއްޖެއްވެސް ނެތެވެ. މަޑު ދުވެއްޔެއްގައި ދޯނި ދުއްވާފައި ދިޔައިރު ދޯނިމަތީވެސް ލަވަކިޔުމާއި ސަކަރާތްޖެހުން ކުރިއަށް ދިޔައެވެ.އަހަރެންވެސް ބައެއް ފަހަރު އެ ސަކަރާތުގައި ބައިވެރިވަމުން ގެންދިޔައީމެވެ. އަހަރެމެން ތިބީ ދޯނީގެ ފަހަތުގައި ކަމުން ދޯނި ކުރީގައި ތިބި ފިރިހެން ގްރޫޕް ނުފެނެއެވެ. ދޯނިގޮސް ރަށުގެ ފަޅާއި ގާތްކުރުމުން އަހަރެމެން ޖެހުނީ ތެމިގެން މޫދަށް ފައިބާށެވެ. ފަޅުރަށެއްވީމައި ބަނދަރު ހަދާފައި ނެތެވެ. ދޯންޏާއިއެކު 12 ވަރަކަށް މީހުންނަށް އެރޭވަރުގެ ޑިންގީއެއް ގެނައެވެ. ނަމަވެސް އޭގައި ކާތަކެތި އުފުލާތީ އަހަރެންވެސް ބޮޑުބޭބެ ދިއްކޮށްލި އަތުގައި ހިފާފައި މޫދަށް ފުންމާލީމެވެ.
އެއްގަމަށް އެރިގޮތަށް އަހަރެމެން އުޅުނީ ސައި ހެދުމުގެ މަސައްކަތުގައެވެ. ފިރިހެން ވެރިން ހިފައިގެން އައި ބޮޑު 3 ޓެންޓް ރޭޥުމުގެ މަސައްކަތައިގެން އުޅުނެވެ. އެވެރިން މަސައްކަތުގައި އެޅުމުންދިޔުމާއި އެކު ސައިގެންދިޔައީ އެތަނަށެވެ. އަހަރެން ގަސްތުގައި “ޓޮމް ފޯޑް” މަސައްކަތްކުރަންހުރި ޓެންޓާއި ދިމާލަށް ހިނގައިގަތީ ކައިރިން އޭނާ ބަލާލުމުގެ ބޭނުމުގައެވެ. އަހަރެން އެތަނަށް ދިޔަނަމަވެސް “ޓޮމް ފޯޑް” އަށް އަހަރެން ހުރިހެންވެސް ހީނުވިއެވެ. އިސް އުފުލާ ބަލާ ނުލިތާ ސައިބޯން ފެށީވެސް އަހަރެން އެތަނުން ދިޔައީމައެވެ. އަހަރެން ވަރަށް ދެރަވިއެވެ. ލައިތް އާ ދިމާލަށްގޮސް އެއްޗެހި ކިޔައިގަންނަން ހިތަށްއެރިއެވެ.
އެދުވަހުގެ 10 ޖަހަން ވީއިރު އެންމެން މަސްއޫލުވެ އުޅުނީ އެކިކުޅިވަރުތަކުގައެވެ. އަހަރެންވެސް ފައިގަތަޅާ ކުޅެން ހުރެފައި ބޯޅައިން ޖެހުނީމައި ކޯޓުން ފޭބީމެވެ. އަދި މިދަނީ ކައްކާ ތަނަށްކަމަށްބުނެ އަހަރެން ހިނގައިގަތީމެވެ.
އަހަރެން އެތަނާއި ކައިރިވިއިރު ހުރިހާ ބޮޑެތި މީހުން ކެއްކުމުގައި އުޅެއެވެ. ބައެއް ފިރިހެންވެރިންވެސް އަންހެންވެރިންނަށް އެހީތެރިވުމުގައި އުޅެއެވެ. އަހަރެން ދިޔުމުން އަހަރެންނާ ހަވާލުކުރީ ހަނޑޫ ދޮންނާށެވެ. ބޮޑުތާހަކަށް ހަނޑޫ އަޅައި މޫދުކައިރިއަށް ގެންގޮސްދިނީ ބޮޑުބޭބެއެވެ. ހަނޑޫ ދޮވެނިންމާފައި ތާސް އުފުލާލެވޭތޯ އަހަރެން އުޅުނީމެވެ. ނަމަވެސް އަހަރެންނަށް އެ އުފުލޭވަރަށްވުރެ ބަރެވެ. އެ މަންޒަރު ބަލަން “ޓޮމް ފޯޑް” ހުރިކަން ކުރިން އަހަރެންނަށް ނޭގެއެވެ. ނަމަވެސް އޭނާ އައިސް ތާހުގައި ހިފުމުން އަހަރެން ސިހިފައި ބަލާލީމެވެ. އެއްވެސް އިހްތިޔާރަކާ ނުލާ އަހަރެންނަށް ވާހަކަ ދެކެވުނީ “ޓޮމް ފޯޑް” އަހަރެންނާ މަދުރުން އުޅޭކަން ފާހަގަ ކުރެވިގެން ވީދެރައިންނެވެ.
“ކަމަކާއި ހިތްހަމަ ނުޖެހިފަތަ؟” މަޑުމަޑުން އަހަރެންނަށް ބުނެވުނެވެ. ތާސް ނަގަން ގުދުވެއޮތް”ޓޮމް ފޯޑް” ހުރީ އަހަރެން ވާހަކަ ދައްކާނެ ކަމުގެ އުންމީދުގައި ނޫންކަން އަހަރެންނަށް އެނގުނީ ސިއްސައިގެން ގޮސް ފަހަތް ބަލާލީމައެވެ.
“އުނހު. ކިހިނެއްވީ؟” ހައިރާން ނުވާކަން ދައްކަން މަސައްކަތް ކުރަމުން، ތާސްނަގައި ހިނގައި ގަންނަމުން އޭނާ ބުނެލިއެވެ.
“މޫނުމަތިން މޫޑީހެން ހީވާތީ އަހާލީ” އަހަރެން ބުނީމެވެ.
“އަހަރެންނާ ވާހަކަ ދައްކަން އާޔާ ބޭނުންހެން ހީނުވާތީ ދުރުން އުޅެވޭތޯ މި ބަލަނީ” އެހެން ބުނުމާއި އެކު “ޓޮމް ފޯޑް” ހިނގުން ބާރުކޮށްލިއެވެ.
އަހަރެންނަށް މަޑު ޖެހެވުނެވެ. އަހަރެން “ޓޮމް ފޯޑް” އަށް ގޯސް ސިގްނަލް އެއްދިނީ ކޮންއިރަކުބާއެވެ. އަހަރެންގެ ލޯ ސައުވީސްގަޑިއިރު އެދެމުން ދަނީ އެ ޖާދުވީ ލޮލަށް ބެލުމަށެވެ. އަހަރެންގެ ހިތް އެދެނީ ކުރިންވެސް ކުރި ކަހަލަ “ކުދި ގޯނާ” މިހިތަށް ކޮށްލުމަށެވެ. އަނެއްކާ ލައިތް ވާހަކަ ބޮޑުކޮށްގެން ދެއްކީ ބާއެވެ؟ ފަހަރަކަށް ވުރެ ފަހަރެއް ލައިތް ދެކެ އަންނަ ރުޅި ގަދަވިއެވެ. “ޓޮމް ފޯޑް” ފަހަތުން ހިނގާފައި އަހަރެން ދިޔައިރުވެސް ލައިތް ފެނޭތޯ ބެލީމެވެ. އޭނާއާއި ވާހަކަ ދައްކަން އަހަރެން ބޭނުމެވެ. އަހަރެންނާ ގުޅެން މަސައްކަތް ނުކުރުމަށް އާދޭސް ކުރަން ބޭނުންވިއެވެ.
ކަންދިމާވީ ވަރަށް ރަނގަޅަށެވެ. ލައިތް އާއި ވާހަކަ ދައްކަން ރަނގަޅު ފުރުސަތެއް އަހަރެންނަށް މަގުފަހިވީ ފަހަރި މަންމަގެ ސަބަބުންނެވެ. އަހަރެން ކައްކާތާ އިށީނދެ އިންދައި ފަހަރިގެ މަންމަ އަހަރެންނަށް ގޮވާލީ އެތާގަހުގައި އަޅުވާފައި އިން ދަބަހަކުން މާގިނަ ފަހަރު ފޯނެއް ރިންގުވާތީއެވެ. އަހަރެން ފޯނު ނަގާ އެތާ ތިބި މީހުންނަށް ދައްކާލީމެވެ. ފޯނުގެ ސްކްރީނަށް “ބޮސް” އަރާފައި އިނެވެ. އަހަރެން ފޯނު ހިފަހައްޓައިގެން ހުއްޓާ އެ ފޯނު ކެނޑުނެވެ. 7 ކޯލް މިސްވެފައި އިނެވެ.
“އާޔާ ދޭބަލަ ލައިތްއަށް ތި ފޯނު ދޭން.ބޮޑު ކަމެއް ވީ ކަންނޭގެ” ފަހަރިގެ މަންމަ އެހެންބުނުމާއި އެކު އަހަރެން އަވަސް އަވަހަށް ބަހެއް ނުބުނެ ހިނގައިގަތީ އަހަރެން ބޭނުންވާ ފުރުސަތު ފަހިވާތީ އުފާކުރަމުންނެވެ. ފޯނު ދިނުމުގެ ކުރިން އަހަރެން ބުނަން ބޭނުންވާ އެއްޗެހި ބުނެލުމަށް އަހަރެން ހުރީ ތައްޔާރުވެގެންނެވެ. މާދުރަކަށް ދާކަށް ނުޖެހުނެވެ. ލައިތް އެތާހުރި މަގޫ ގަސްތަކެއް ކައިރީ ފަތްތަކެއް އަޅާލައިގެން މޫނުގަ ތޮތްޕެއް އަޅާލައިގެން އޮއްވާ ފެނުނެވެ.އެތަނާ ދާދި ކައިރީގައި ފުޓުބޯޅަމެޗެއް ކުރިއަށް ދެއެވެ. އަހަރެން އަވަސް އަވަހަށް އެ ދިމާލަށް މިސްރާބު ޖެހީމެވެ. ފުޓު ބޯޅަކުޅެންތިބި ފިރިހެން ވެރިންތަކުގެ ތެރެއިން ލާފައި އަހަރެން ދިޔައީ ބޯޅައިން ޖެހުނަސް ހެޔޮކަމުގައެވެ. އެތަން ހުރަސްކޮށްދަމުންވެސް ގޯލުގައި ހުރި “ޓޮމް ފޯޑް” އަށް އަހަރެން ބަލާލީމެވެ. އޭނާ ހުރީ ކުޅުމުގެ ތެރެއަށް މާ ބޮޑަށް ގެއްލިފައެވެ. ނުވަތަ ފެންނަކަމަށް ނުހެދީއެވެ. އަހަރެންގޮސް ލައިތްއާއި އަރާހަމަވިތަނާ އަނެއްކާވެސް ފޯނު ރިންގުވާންފެށިއެވެ. ލައިތް މޫނުމަތީގައި އޮތް ތޮފި ނަގާ އަހަރެންނާ ދިމާލަށް ބަލާލީ ފޯނު އަޑު އިވިގެންނެވެ. އަހަރެން ކިއަން ބޭނުންވި އެއްޗެހި މަޑު ޖައްސާލާފައި ފޯނު ދިއްކޮށްލީމެވެ. ލައިތް ފޯނުގައި ހިފުމަށްފަހު އަހަރެންގެ މޫނަށް ބަލާލިއެވެ.
“ލައިތް! ބޮސް މިއޮއްގުޅަނީ! ” އަޑުގައި ނެތްކޮޅަށް ލައިތް ހަޅޭލަވައިގަތެވެ.
އެއްވެސް އިޚްތިޔާރަކާ ނުލާ ދިގު ރާގެއްގައި “އޭނނ” އޭ މަޑުމަޑުން އަހަރެންނަށް ބުނެވުނު އިރު މޫނުމަތިން ޖެއްސުނު ވައްތަރުވެސް އަހަރެންނަށް ނޭގެއެވެ.
ހަމަ އެ ސިކުންތުގައި އަނެއްކާވެސް ލައިތް ހަޅޭލަވައިގަތެވެ.
“ލައިތް! ބޮސް 8 ފަހަރު އެބައިނޭ ގުޅާފަ! ”
ހަމައެއާއިއެކު މިދަނީ އޭ މީހަކު ފަހަތުން ގޮވާލި އަޑު އިވުނެވެ.
ފިލްމްތަކުގައި ވާހެން ސްލޯމޯޝަންގައި އަހަރެން ފަހަތަށް އެނބުރި ބަލާލީ ފޯނުގެ ވެރިޔާގެ މޫނު ބަލާލުމަށެވެ. އަހަރެން ލައިތް އޭ ކިޔައިގެން މި އުޅުނީ ނުބައި މީހަކަށްހެއްޔެވެ؟ އައިގޮތަށް އައިސް ފަތިވަރު ދަމާނުލެވުނުކަން ނަސީބެކެވެ. ފަހަތަށް އެނބުރެން ނެގި މަދު ސިކުންތުކޮޅުގެ ތެރޭގައިވެސް އަހަރެންގެ ހިތުގައި ވަހުތާނެއް އެނބުރިގަތެވެ. އެހެންވިއްޔާ ލައިތް އަކީ އަނެއްކާ އަހަރެންގެ …………؟ މީން ދުވަހަކުވެސް އަހަރެންގެ ހިތް މިހާބަރަށް ނުތެޅެއެވެ. ހަތަރެސް ފައިތުރުތުރު އަޅަންފެށިއެވެ. ދެން ނުވާކަށް ހަމައެއްވެސް ގޮތެއް ނެތެވެ.
އަހަރެން ފަހަތަށް އެނބުރުނު އިރު އަހަރެންގެ “ޓޮމް ފޯޑް” އައިސް އަހަރެންނާ އަރާ ހަމަވަނީއެވެ. އޭނާއައި ގޮތަށް ފޯނު ހިފައިގެން ދުރަށް ހިނގައިގަތީ އަހަރެންގެ މޫނަށްވެސް ބަލާނުލައެވެ.މިއޮއްހުރިހާ ދުވަހު އަހަރެން ލައިތް ކިޔައިގެން އުޅުނީ ނުބައި މީހަކަށް ކަން އެނގުނު ވަގުތު ގަތްލަދުން ބިންގަނޑު ފަޅާއަޑިއަށް ދާނެ ނަމައޭ ހިތަށްއެރިއެވެ.ހިފަހައްޓައިގެން ހުރި ނޭވާ ބޭރަށް ދޫކޮށްލެވުނެވެ.ތެޅިތެޅި އޮތް ހިތަކާއިއެކު އެނބުރި ހިނގައިގަތީ މީހުންމަދު ދިމާލަކަށެވެ. ކުޑަކޮށް ހަމަޖެހިލުމަށެވެ. މީހުންނާ ދުރު ހިސާބަކަށް އާދެވުމާއެކު ބާރުބާރަށް ކުޑަ ކަކޫ ޖަހާ ބިންމަތީ ތަޅައިގަތީމެވެ. އަދި ދެފައި ދަމާލުމަށް ފަހު ކުޑަކުއްޖަކު ބޮޑާހާކާހެން ދެފައި ތަޅުވައިގަތީމެވެ. ކުރެވޭ ނުކުރެވޭކަމެއް ޚުދު އަހަރެންނަށްވެސް ނޭގެއެވެ!
އަހަރެންގެ މޮޔަކަމާއި ހެދި އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނެވެ. ލައިތް މެސެޖްކުރި ދުވަހު މާ ބޮޑާ ނުވެ މީޓް ކޮށްލެވުނު ނަމައެވެ. އެންމެ ކުޑަ މިނުން ޝިއުނާ މެން މީހެއްކައިރީ ލައިތް ދައްކާލަން ބުނެވުނު ނަމައެވެ.ބޮޑާއީ ލައިތް އެއް ނޫނެވެ. އަހަރެންނެވެ. އެހެން އިނދެ އަހަރެންނަށް އަމިއްލަ ނަފްސު ކުށްވެރިކޮށްފައި ވާހަކަ ދެކެވުނު ވަރެއް ނޭގުނެވެ. ނަމަވެސް ފަހަރި އާއި ފަހަރިގެ މަންމަ އަހަރެންނާ ގަބޫލުކަން ހަނދާންވުމުން އަހަރެންގެ މޫނަށް ޖަންބުކުލައެރިއެވެ. އަދި ލައިތް އަހަރެންނާ ގަޔާވާކަން ޝައްކެއްނެތް މިންވަރަށް ޔަޤީން ކުރަމުން އަމިއްލަ ނަފްސާމެދު ހެމުން ކައްކާތަނާއި ދިމާއަށް މިސްރާބު ޖެހީ ލައިތްއަށް މެސެޖް ކުރުމަށް ނިންމައިގެންނެވެ.
މެންދުރުގެ ކެއުމަށް މަސްބަތާއި ތެލުލި ރިހާކުރުގެ އިތުރުން ފިހުނުމަހާއި ނޫޑްލްސްހުރީ ތައްޔާރުކޮށްފައެވެ. ފިރިހެން ވެރިން ޖަމާޢަތެއް ހަދައި ކުޑަކުދިންނާއިއެކު ނަމާދުކުރުމަށް އަތިރިމަތީގައި ތިއްބެއެވެ. ބައެއް އަންހެނުންވެސް ފިރިހެނުންގެ ފަހަތުގައި ނަމާދުކުރަން ތިއްބެވެ. އަހަރެންވެސް ގޮސް މޫދުން ވުލޫކޮށްލުމަށްފަހު ގަހެއްގެ ދޮށުގައި މަޑުކޮށްލާ، ގެނައި ތުވާލި އަޅާލުމަށްފަހު ނަމާދުކޮށްލީމެވެ.
މެންދުރުގެ ކެއުން ތަށިތަކަށް އަޅައި އެކިދިމަދިމާލުގައި އެކި މީހުން ކާންތިއްބެވެ. އަހަރެންގެ “ޓޮމް ފޯޑް”، އާދެ ލައިތް ކިޔަމާ ހިނގާށެވެ، ލައިތް ވެސް ފިރިހެން ގްރޫޕަކާއިއެކު ތަންކޮޅެއްދުރު ގަހެއްގެ ދަށުގައި ކާން އިނެވެ. މެންދުރުގެ ކެއުން ނިންމާލުމަށްފަހު އަހަރެންނާއި ޝިއުނާ އަދި ޝައުމާގެ އިތުރުން ގޭ ދޮށު ސަންފައްތަގެ ދޫމާއާއި މުއީނާއްތަގެ ޒުހުދާ ހުރިހާ ކުޑަކުދިންތައް ގޮވައިން މޫދަށްއެރުނީމެވެ. އަހަރެންގެ ދޮންދައްތައަކީ އަހަރެންނާ ހިލާފަށް ބަސްމަދު މަޑުމައިތިރި ކުއްޖެއްކަމުން ބޮޑެތި މީހުންތަކާއި އެކު ތާސްކުޅެން ދޮންދައްތަ މަޑުކުރިއެވެ.
ގާތްގަނޑަކަށް 3 ޖަހަންދެން މޫދުގައި އުޅެފައި އަހަރެން މޫދުން އެރީ ފުރާގަޑި ޖެހެނީ ކަމަށް އެންގުމުންނެވެ. އަވަހަށް އެއްގަމަށް އަރައި ކުޑަކުދިން ގޮވައިގެން ފެންވަރުވާލާ ޓެންޓަށްވަދެ އެއްޗެހި ބަދަލުކޮށް ފުރުވާލުމަށް ތައްޔާރު ކުރީމެވެ.
ދަތުރަށް ގެނައި ތަކެތީގެ ތެރެއިން ރެޔަށް ބޭނުންވާ ތަކެތި ބެހެއްޓުމަށްފަހު ދޯނި ރަށަށްދާންފުރީ ގެނައި ޑިނގީ ބާއްވާފައެވެ. ބޮޑުމީހަކަށް މަޑުކުރީ ފަހަރިގެ ބޮޑުބޭބެއެވެ. މިހާހިސާބުން ފަހަރިގެ ނުކިޔަމާތޯއެވެ. އެއީ ލައިތްގެ ވެސް ބޮޑުބޭބެވިއްޔާއެވެ.ބޮޑުބޭބެއައި އޭނާގެ އަންހެނުންގެ އިތުރުން އަހަރެންނާއި ދޮންދައްތަ ،ޝިއުނާ އާއި ދޫމާ އަދި ޒުހުދާ މަޑުކުރީއެވެ. ޝައުމާ ޑިޔުޓީއަށް ނުކުންނަން ޖެހީތީ ދިޔައީއެވެ. ފިރިހެނުންގެ ތެރެއިން ދެން މަޑުކުރީ ލައިތް އާއި ހުސެން ގެ އިތުރުން ފާރިޝް އާއި ޝުޖާއު އަދި ހުޝާމްއެވެ. އަހަރެން އެ އުޅުނީ ހުޝާމް ލައިތްއަށް ހަދައިގެންނެވެ. ހުޝާމްއަކީ ދިއްފުށީ ކުއްޖެއްނަމަވެސް އޭނާގެ އާއިލާ ދިރިއުޅެނީ ރާއްޖޭން ބޭރުގައި ކަމުން ޗުއްޓީއަށް އައިސް ލައިތް އާއިއެކު ހުންނަނީ އެގޭގައިކަން އަހަރެންނަށް ބުނެދިނީ ޝިއުނާއެވެ.
(ނުނިމޭ)