
ކުޑަ ދޮރުގާ އަތް އަޅުވާލުމަށް ފަހު ޒާން އެތެރެއަށް ދެމިގަތީ ހަލުވިކަމާ އެކުއެވެ. ދޮރު ލައްޕާ ބޭރު ނުފެންނަ ގޮތަށް ދޮރު ފޮތިގަނޑު ދަމާަލުމަށްފަހު ރީމާ ގޮސް ޒާންގެ ގައިގާ ބައްދާލިއެވެ. ޒާން ރީމާގެ ގައިގާ ބައްދާލީ ދުުވަހަކުވެސް ވަކި ނުވާނަމޭ ބުނާ ފަދައަކުންނެވެ. ހިނދުކޮޅަކު އެގޮތަށް ތިބުމައްފަހު ރީމާ ވާހަކަ ދައްކަން ފެއްޓިއެވެ. “އަޅެ ޒާން ދެން ބުނެބަލަ…. ކިހިނެއްތަ މި ގެ ހޯދީ؟” “އެކަމާ ރީމް ނޫޅެބަލަ….. އަހަރެން ބުނީމެއްނު މިރޭ އަދި ދިމާވާނެއޭ! އެހެންވެ ދިމާވާން އައިސް އެއްނު މި ހުރީ…. މިވަރުން ރީމްއަށް ނުފުދޭތަ؟” ލޯމަރާލައިގެން ރީމާގެ ގައިގާ ބައްދާލައިގެން ހުރި ޒާން ރީމާއަށް ސުވާލެއް ރައްދު ކޮއްލިއެވެ. މަޑުމަޑުން ޒާންއާ ދުރުވެލަމުން ޒާންގެ މޫނަށް ބަލާލިއެވެ. ކޮޓަރީގާ ދިއްލާފާވާ ނިދާ ބޮކީގެ ފަޑު އަލިކަމުގެ ތެރޭން އެ މޫނު ފެންނަލެއް ވަކިން ފުރިހަމަހެން ހީވެއެވެ. ޒާންގެ ނަޒަރު ހުއްޓިފާ ވަނީ ރީމާގެ ލޫޅާފަތި ހަށިގަނޑަށެވެ. ލާފާވާ ކަޅުކުލައިގެ ތުނި ނިދާ ހެދުމުގެ ތެރޭން ހަށިގަނޑުގެ ވަނާތައް ސާފުވާނެހެން ފެންނަން ހުއްޓެވެ. ޒާން ބަލަން ހުރިކަން އެގުމުން ލަދުން ރީމާ އިސްޖަހާލިއެވެ. އެ ދޮން މޫނު އޭރު ހިވަނީ ދޮންވެ ފައްކާވެފާވާ ޖަންބެއް ހެންނެވެ. އެދުގެ އެއްކޮޅުގާ ބާއްވާފަވާ ޖެކެޓު ނެގުމައްފަހު ގައިގާ އޮޅާލުމަށްފަހު އެނދުގާ އިށީނީ ޒާންއަށް އެނދުގާ އިށީނުމަށް ދައުވަތު ދެމުންނެވެ.
ޒާން އެނދުގާ އިށީންނަމުން ރީމާގެ އުނަގަނޑުގާ ހިފާ ޒާންއާ ކައިރިޔަށް ދަމާލިއެވެ. ރިމާގެ ދަތްދޮޅީގާ ހިފާ މޫނާ ކައިރި ކޮއްލަމުން ރިމާގެ ނިތްކުރިއަށް ބޮސްދިނެވެ. އަދި ޒާންގެ ތަނަވަސް ހަށިގަނޑު ތެރޭ ރީމާ ބޮޑި ވެގަތެވެ. ޒާންގެ ކޮންމެ ހަރަކާތަކަށް ރީމާ ބޯލަނބަމުން ދިޔައީ ކުޑަކުއްޖަކު އޭނާގެ މަންމަގެ ބަސްތަކަށް ބޯލަނބާ އުސޫލުންނެވެ.
“ރީމް އަހަރެން ދެކެ ލޯބިވޭތަ؟” މަޑުމައިތިރި ރާގަކަށް ޒާން ސުވާލެއް ކޮއްލީ އޭގެ ޖަވާބު އެނގި ހުރެއެވެ. ރީމާގެ އަޑުން ލޯބިވެއޭ ބުނެލާ އަޑު އަހާލާ ހިތުންނެވެ. ރީމާ ޒާންއާ ދުރަށް ޖެހިލަމުން އޭނާގެ މޫނަށް ބަލާލިއެވެ. ޒާންގެ ލޮލުން ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރި ކުރުވައިގެން ޒާން އިންއިރު އެ މޫނަށް ބަލާ މީހަކު ފޫހިކަމެއް ނެތި ބަލާނެއެވެ. އެހާވެސް ފުރިހަމައެވެ. ރީމާގެ މުޅި ހަޔާތުގާވެސް އެހާ ފުރިހަމަ އިންސާނެއް ދެކެފައެއް ނުވެއެވެ. މަޑު މުށިކުލައިގެ ކަޅީގާ ހީވަނީ ވިދުމެއް ވާހެނެވެ.
“އާން! ރީމް ލޯބިވޭ ޒާން ދެކެ…. ޒާންގެ ފުރުތަމަ ފެނިލުމުުންވެސް ރީމްގެ ހިތް ޒާންއަށް ދެވިއްޖެ….. ނޭންގެ ކީތްވެގެން ކަމެއް…. ޒާން އަނެއްކާ ރީމްއަށް ކަމެއް ކުރީތާ؟” ލާނެއް ގޮތަކަށް ރީމާ ބުނެލިއެވެ. ރީމާ އެހެން ބުނުމުން ޒާން ގާތަށް ހިނިއައެވެ. ހީވީ މުޅިތަނުގާ މަޑު މިއުޒިކެއް ކުޅެލި ހެންނެވެ. އަހަރެން “ރީމް ހޯދަން ކަމެއް ކުރަން ޖެހޭތަ؟” ޒާންގެ ތަނަވަސް އަތުގެ އިނގިލިތަކުން ރީމާގެ ނޭފަތު ކުރީގާ ހިފާ މަޑު މާޑުން ފިތާލަމުން ބުނެލިއެވެ.
އެކި ވާހަކަ ތަކުގާ ތިއްބާ ވަގުތު ދިޔަ ގޮތެއްވެސް ނޭންގުނެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ދެ މީހުންނަށް ވެސް ސިހުން ވެގެން ދިޔައެވެ. “އަހަރެން ދެން ދަނީ! މި ދަނީ ނަމާދު ކޮއްލަން….. ރީމްވެސް ދޭ ދެން ނަމާދު ކޮއްލައިގެން ނިދާލަން….” ރީމާގެ އަތުގެ ނުފުށަށް ބޮސް ދެމުން ޒާން ބުނެލިއެވެ. “ދެން ހަމަ ދަނީތަ؟ ކޮން އިރަކުން ދެން ދިމާވާނީ؟ ފޯނު ނަންބަރު ދީފަ ދޭބަލަ! އޭރުންނެއްނު މިސް ވީމަ ގުޅާވެސް ލެވޭނީ…..” ރީމާ އެއް ފައްޗަކަށް އަމުނާލިއެވެ. ހީވަނީ ތުއްތު ކުއްޖަކު އޭނާގެ ގާތް މީހެއް ކައިރީ ޝަކުވާ ކޮއްލި ހެންނެވެ.
“މާދަންރޭ ދިމާ ވާނެ! އަހަރެން ފޯނެއް ނުގެންގުޅެން….. އެކަމަކު ހަމަ މިރޭ މި އައި ގަޑީގަ މާދަން ރޭވެސް އަހަރެން އަންނާނަން……” ރީމާގެ ގައިގާ ބައްދާލުމަށް ފަހު ކުޑަދޮރާ ދިމާލަށް ޒާން ހިނގައިގަތެވެ. މަންޒަރު ބަލަން ހުރި ރީމާ ޒާންއަށް ގޮވާލިއެވެ. “ތިހެންތަ ނުކުމެގެން ދާންތަ ތިއުޅެނީ؟ މިހިރަ ދޮރުން ނުކުމެގެން ދާންވީއެއްނު؟” މަޑުމައިތިރި ރާގަކަށް އެހެން ބުނެލިއިރު ރީމާގެ މޫނަށް ވެރިވެފާ ވަނީ ފަނޑު ހިނިތުން ވުމެކެވެ.
“އޭރުން ކަމަކު ނުދާނެ! ރީމް މަންމަ މެންނަށް ފެނިދާނެ އެއްނު؟ އެހެން ނޫނަސް މިހާރު އެ މީހުންވެސް ހޭލައެއްނު އުޅޭނީ……” ކިހިނެއްތަ ޒާންއަށް އެނގެނީ މަންމަމެން ހޭލާ އުޅޭނެ ކަމެއް؟ ހައިރާންވެ ހުރެ ރީމާ ސުވާލު ކޮއްލިއެވެ. “ރީމް ހާދަ ސުވާލު ގިނައޭ ދޯ! މިހާރު އަހަރެން ދާން ވެއްޖެ…… މާ ބޮޑަށް ލަސްވީމަ ކަމަކު ނުދާނެ…..” އޭރުވެސް އެ މޫނުން ފަނޑުވުމެއް ނުވާ ހިނިތުން ވުމެއް ފާޅު ވޭވޭ ހުއްޓެވެ.
ޒާން ދިއުމުން ރީމާ ފާހާނާއަށް ވަދެ ނަމާދު ކުރުމަށް ތައްޔާރުވެގެން ނުކުމެ ދިގު ހަރުވާޅެއް ލިއެވެ. ނަމާދުކޮށް ނިމުމުން މުސައްލަ ނަގާ އެ އޮންނަން ޖެހޭ ތަނަށް ލުމަށްފަހު ލައިގެންހުރި ހަރުވާޅު ބޭލުމަށްފަހު އެނދަށް އަރާ ހަމަ ޖެހިލީ ނިދާލުމުގެ ބޭނުމުގައެވެ.
ފުން ނިންޖަކުން ނިދާފާ އޮތް ރީމާއަށް ހޭލެވުނީ ކުޑަދޮރުން ވަތް އިރުގެ ދޯދިތައް މޫނުމައްޗަށް އެޅި ހޫނުކަން އިހުސާސް ވުމުންނެވެ. މޯޅިއަކަށް ދެމިލަމުން ތެދުވެ އެދުގާ އިށީދެލަމުން ހަށި ފުރާ ނޭވާއެއް އެތެރެ ކޮއްލިއެވެ. ދުވާލި މީރުވަހުން ރީމާގެ ހިތް ފުރިގެން ބަންޑުންވި ކަހަލައެވެ. ޒާންގެ ގައިން ރޭގާ ދުވި މީރުވަސް އަދިވެސް ނުފިލާ މުޅި ކޮޓަރީގާ ހުއްޓެވެ. ގަޑިންވީ ވަރެއް ބަލާލުމަށްފަހު ފާހާނާއަށް ވަދެ ދަތް އުނގުޅާލާ ފެންވަރާލައިގެން ނުކުތެވެ. އަލަމާރި ހާވާލުމަށްފަހު ގޭތެރޭ ލާން ގެންގުޅޭ ހަރުވާޅަކާ ޓީޝާޓެއް ގަޔަށް މަހާލުމަށް ފަހު ރީތިވާ މޭޒު ކައިރިޔަށް ލެފިލީ ރީތިވެލުމަށެވެ. އެއީ ރީމާގެ އަބަދުގެވެސް އާދައެވެ. ކޮޓަރިން ނުކުންނާނީ ރީތިވެ، މުޅި ގައިގާ މީރުވަސް ދުވާ ޒާތުގެ އެއްޗެހި ލައިގެންނެވެ.
އާދައިގެ މަތިން ހެނދުނުގެ ނާސްތާ ކުރުމަށްފަހު ސޯފާގާ އޮށޯތީ ޓީވީން ހިންދީ ޑުރާމާއެއް ބަލާލުމަށެވެ. ޓީވީ ހުޅުވާފާ ހުއްޓެއްކަމަކު ރީމާގެ ސިކުނޑިގާ އެނބުރެމުންދަނީ މުޅިން އެހެން ހިޔާލެކެވެ. ހިޔާލީ ދުނިޔެއެއްގާ ފީނަމުން ދިޔަ ރީމާގެ ތުންފަތަށް އިރު އިރު ކޮޅުން ރަކި ޒާތުގެ ހިނިތުންވުމެއް ވެރިވެއެވެ. ކުއްލިއަކަށް ފޯނު ވައިބުރޭޓް ވާން ފެށުމުން ރީމާއަށް ހަމަ ބިމަށް އާދެވުނު ކަހަލައެވެ. ފޯނުގެ ސްކްރީނަށް ބަލާލީ ލޯ ކުޑަ ކޮއްލަމުންނެވެ.
ފޯނު ނަގާ ކަންފަތުގާ ޖައްސާލަމުން ހަލޯއޭ ބުނެލީ ގަޔާނުވެ ހުރެއެވެ. ވާނީވެސް އެހެންތާއެވެ. ދުވާލުގެ މިގަޑީގާ ބަލަމުން ދިޔަ ހުވަފެންތަކުން ހޭލައްވާލީމައެވެ. “ކީކޭ ނަޖޫ؟ “ރީމް ކޮންތާކުތަ ތިއުޅެނީ ހަބަރެއްވެސް ނުވެ؟ ގުޅާވެސް ނުލާ….” ރީމާއަށް އިތުރަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮން ނަޖުދާގެ ޝަކުވާތައް ފަތި ފައްޗަށް އަމުނާލިއެވެ. “ރީމާ…..” އެކަމަކަށް ރީމާގެ މާ ބޮޑު ސަމާލުކަމެއް ނުލިބުމުން ނަޖުދާ ތަންކޮޅެއް ބާރަށް ރީމާއަށް ގޮވާލިއެވެ. “ހޫން….. އެއްކަލަ ނަޖޫ…… އާދެބަލަ މިޔަދު މެންދުރު މިގެއަށް ކާލަން…… އެބަހުރި ލައްކަ ވާހަކަ ދައްކަން ވެފަ……. އެކަމު ފޯނުން ނުދެއްކޭނެ….. އަންނާނަން ދޯ!” ރީމާ އާދޭހުގެ ރާގަކާށް ބުނެލިއެވެ. “އޯކޭ ދާނަން މެންދުރު ނަމާދު ކޮއްލައިގެން……” އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ.
ސިޓިންގް ރޫމުގެ އެއްބިތުގާ ހަރުކޮއްފާވާ ގަޑިއަށް ބަލާލުމަށްފަހު ސޯފާއިން ތެދުވެ ބަދިގެއާ ދިމާލަށް ހިނގައިގަތީ މެންދުރުގެ ކެއުމަށް ނަޖުދާ އަންނާނެ ވާހަކަ މަންމަ ރަޒީނާގާތު ބުނުމަށެވެ. އޭރު ރަޒީނާ އުޅެނީ މެންދުރުގެ ކެއުމަށް ކޮންމެވެސް އެއްޗެއް ތައްޔާރު ކުރުމުގައެވެ.
“މަންމާ! މިޔަދު މެންދުރުގެ ކެއުމަށް ނަޖުދާ އަންނާނެ…” މަޑުމައިތިރި ކަމާއެކު ރީމާ ބުނެލިއެވެ. “ތިވީ މާ ރަނގަޅަކަށްނު… މަންމަ މިޔަދު މިހުރީ ބިރިޔާނީ ކަައްކަން ނިންމައިގެން… އެމަންޖެ މިގެޔަށް ނާންނަތާ ވެސް ލައްކަ ދުވަސް ވެއްޖެ ދޯ!” ރަޒީނާ ރީމާއަށް ދޯ ޖަހާލިއެވެ. ރީމާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. ދެމައިން އެކުގާ ބަދިގެތެރޭ އަވަދިނެތި ކެއްކުމައިގެން އުޅުނެވެ. ކައްކާ ނިމުމުން ވުމަށްފަހު ރީމާ ކޮޓަރިއަށް ދިޔައީ ނަޖުދާ އައުމުގެ ކުރިން ފެންވަރާ ނަމާދު ކޮއްލުމަށެވެ.
ކޮޓަރިން ނުކުމެ ރީމާ ނަޒަރު ގޭތެރެއަށް ހިންގާލީ މަންމަ ކޮބައިތޯ ބެލުމަށެވެ. މަންމަ ފެންނަން ނެތުމުން މަންމަ އަދި ނުނިކުންނަނީ ކަމަށް ނިންމާ ސޯފާގާ ހަމަޖެހިލަމުން ޓީވީ ހުޅުވާލިއެވެ. ޓީވީއެމްއަށް ބަދަލު ކޮއްލުމަށް ފަހު ހަމަޖެހިލީ އެވަގުތު ދައްކަމުން ދިޔަ މެންދުރުފަސް ޕުރޮގްރާމު ބެލުމަށެވެ. އެހެން އިންއިރު ދޭތެރެއަކުން ބޭރު ދޮރާދިމާލަށް ބަލާލައެވެ. ނަޖުދާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ހިތުގާ ފޮރުވާފާވާ ޒާންގެ ވާހަކަތަށް ކިޔާ ދިނުމަށް ރީމާ ވަނީ ކެތް މަދުވެފައެވެ. ހަމަ އެވަގުތު މަންމަ ރަޒީނާ ކޮޓަރިން ނުކުމެ ބަދިގެއަށް ވަންނަން ދިޔަތަން ފެނުމުން ރަޒީނާގެ ފަހަތުން ކަހަލަ ގޮތަކަށް ރީމާވެސް ބަދިގެއަށް ވަނެވެ. މަންމައާ އެކު ކާން ހެދުމަށް އަތް ގާތް ކޮއްދެމުން ދިޔައިރު މޫނުމައްޗަށް ވެރިވެފާވަނީ ލުއި ހިނިތުން ވުމެކެވެ.
ރީމާއަށް އެއްލި ކަޅިއަކުން ބަދިގެ ދޮރުކައިރީ ތަންމިނަށް ހިނިތުންވެ ހުރި ނަޖުދާ ފެނުނެވެ. “އާދެވިއްޖެ ދޯ! ހަމަ އެހާ ލަހުންތަ އަންނަން އެގެނީ…. ގަޑިއަކަށް އަންނަން ނޭންގޭނެ…. އެހެންތާ ވާނީ.. ނަޖޫ އެއްތާކަށްވެސް ނުދާނެ ގަޑި ނުޖެހިއެއް…. ކަށީގަ ހަރުލާފަ ހުރި ކަމެއް ބަދަލެއް ނުވާނެ އެއްނު ދޯ މަންމާ!” ބަދިގެ ދޮރުގާ އަތް ވިއްދާލައިގެން ހުރި ނަޖުދާއަށް މަލާމަތް ކޮއްލަމުން ރީމާ އެނާގެ މަންމައަށް ދޯ ޖަހާލީ ލާނެއް ފާޑަކަށް ހިނިގަނޑެއް ޖަހާލަމުންނެވެ.
” މައްސްލައެއް ނެތޭ…. ރީމް ތީ ދެން މާ ގަޑިއަށް ފަރުވާތެރި މީހެއްނު….. އަހަރެން އައިކަމަށް ޝުކުރު ކޮއްލަބަލަ….. ނޫޅެމޭ ހުންނާކަށްވެސް….. މަ މި ދަނީ ގެޔަށްދާން….” ބޮޑާ ހާކާލަމުން އެހެން ބުނުމަށްފަހު ގޭގެ ދޯރާ ދިމާލަށް ހިނގައިގަތީ ރީމާ އައިސް ނަޖުދާ ހުއްޓުވާނެކަމުގެ ޔަގީންކަން އޮތީމައެވެ. ”
ދުވެފާގޮސް ރީމާ ނަޖުދާގެ އަތުގާ ހިފާ ދަމައިގަތެވެ. “ދެން ކޮންމެހެން ބޮޑާހާކާނެ ކަމެއް ނެތް…. އަންނަންވީ ކާން…. މިހާރު މިޔޮއް ބަނޑުހައިވެގެން މަރުވަނީ….” ދެކުދިންގެ ސަކަރާތް ބަލަން ދުރުގާ ހުރި ރަޒީނާ ހުރީ ހެވިފައެވެ. ކައި ނިންމާލުމަށްފަހު ތަށިތައް ނެގުމައް ރަޒީނާއަށް ދެކުދިން އެހީވުމަށްފަހު ރީމާގެ ކޮޓަރިއަށް ދެކުދިން ދިޔައެވެ. ކޮޓަރިއަށް ވަދެވުމާއެއްކޮން ނަޖުދާ ގޮސް އެދުމައްޗަށް ވެއްޓިގަތެވެ.
“އާހް…. ހާދަ ފުލް ވެއްޖެއޭ…. މިހާ ގިނައިން މަ ނުވެސް ކަމޭ މިހާރު…. އެކަމު ރީމްގެ މަންމަ ކުރެއް ނުކުރިވިއްޔަ….”
— ނުނިމޭ —