“އާހް…. ހާދަ ފުލް ވެއްޖެއޭ…. މިހާ ގިނައިން މަ ނުވެސް ކަމޭ މިހާރު…. އެކަމު ރީމްގެ މަންމަ ކުރެއް ނުކުރިވިއްޔަ… ތިޔެއް ނުނޭ، ކޮން ވާހަކައެއްތަ ފޯނުން ނުދެއްކިގެން އުޅުނީ؟ ދެން ނިކަން ތި ނުބުނެވިގެން އުޅޭ ވާހަކައެއް ބުނަނަވީ އެއްނު….” އޮށޯވެ އޮތް ނަޖުދާ ތެދުވެ އެނދުގާ ދެފައި ވައްކޮށްގެން އިށީންނަމުން އެދުކައިރީ ކޮޅަށް ހުރި ރީމާއާ ސުވާލުކޮއްލި އިރު އެ އަޑުގާ ލާނެއް ގޮތެއް ހުއްޓެވެ.
ނަޖޫ ރީމް މި އުޅެނީ ކުއްޖަކާ ރައްޓެހިވެގެން….. އިނގޭތަ؟ އޭނަ ހާދަ ރީއްޗޭ. ރީމް އަދި ދުވަހަކުވެސް ނުދެކެން އެހާ ރީތި ފިރިހެނެއް….. އެހެރަ ދެ ލޯ ފެނުނަސް މީހަކު މޮޔަވާ ވަރުވާނެ…. ކަސްރަތީ ހަށިގަނޑެއް، އޭނަގެ މަސްތުން ފުރިގެންވާ ބަލާލުން، މައި ގޯޑް ނަޖޫ….. ދެން ނޭންގެ ބުނެދޭކަށްވެސް…. ކޮންމެ ކަމެއްވެސް އެހާމެ ފުރިހަމަ….” މޭގާ ދެއަތް އަޅާލައިގެން ހުރެ ރީމާ ޒާންގެ ރީތިކަމަށް ތައުރީފު ކުރަމުން ދިޔައެވެ. ރީމާގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރުތައް ބަލަން ހެވިފާ ނަޖުދާ އިނީ ބަހެއްވެސް ނުބުނެއެވެ.
“މަގޭ އެކުވެރިޔާއަށް މީހަކު ދެކެ ހަމަ ޔަގީނުންވެސް ލޯބި ވެވިއްޖެ! ކޮން ނަމެއްތަ ތިސޮރަށް ކިޔަނީ… މަ ކައިރީވެސް ބުނެލަބަލަ އެސޮރުގެނަން…. މަށައް އެސޮރު ދައްކާލާނީ ކޮން އިރަކުންނޯ؟” ލާނެއް ޒާތަކަށް ހިނިއައިސް އިދެ ނަޖުދާ ބުނެލިއެވެ. “އޯ ކަމޯން ނަޖޫ! އަދި ދެން ނުދެއްކިގެން އުޅޭވަރެއް ނުވެއެއްނު…. އަދި އެއްވެސް މީހެއްކައިރީ ނުބުނަމޭ…. އެންމެ ފުރަތަމަވެސް މި ބުނީ ނަޖޫ ކައިރީއޭ…. ނަޖޫވެސް ވާނެ އަދި މިކަން ސިއްރު ކޮށްދޭން އިނގޭ….” ރީމާ އައިސް އެނދުމައްޗަށް ވެއްޓިގަންނަމުން ބުނެލިއެވެ. ތި ހުރީ ހަމަ ރަނގަޅަށްވެސް އިޝްގުގަ ޖެހިފަ….. މަ ވާ ސަލާން. މަ ނުވާނަން މީހަކާ ރައްޓެއްސެއް….” ރީމާގެ ކައިރީ ބަންޑުން އޮށޯވެލަމުން ނަޖުދާ ބުނެލިއެވެ. އެކި ވާހަކަތައް ދެއްކުމުގާ ދެކުދިން ތިބުމަށްފަހު ނަޖުދާ ދެޔަށް ދިޔައީ ހަވީރުވީ ފަހުންނެވެ.
މަޣްރިބް ނަމާދަށް ބަންގި ގޮވުނުން ނަމާދު ކޮއްލައިގެން ގޯތިތެރެއަށް ނުކުމެލީ ފިނި ކޮއްލުމުގެ ބޭނުމުގައެވެ. ޖޯލީގާ އޮށޯވެ އޮތް ރީމާ ވިސްނަމުން ދިޔައީ ޒާންއާ ދޭތެރެއެވެ. ރޭގާ ޒާން ދެއްކި ވާހަކަތައް ކަންފަތުގާ ހަރުލާފާ ވާއިރު ހީވަނީ އެއީ ދާދި ދެންމެ އިވުނު ބަސްތަކެއް ހެންނެވެ. ދެން މިޔޮއްފަދަ ޒަމާނުގާ ފޯނު ނުގެންގުޅެނީ ކާކުތަ؟ އަނެއްކާ އޭނަ ރީމްއަށް ދޮގު ހަދަނީ ކަންނޭންގެ…. ރިމާގެ ހިތާހިތުން ކިޔާލިއެވެ. ކަޅުފޮއި ރެއެއް ކަމުން ގޯތިތެރެއަށް ވެރިވެފާވަނީ ބޭރުގާ ދިއްލާފާވާ ހުދު ބޮކީގެ ފަނޑު އަލިކަމެވެ. ޖެހިލާ މަޑު ރޯޅިތައް ރީމާގެ ހަށިގަނޑުގާ ފިރުމަމުން ދާއިރު ގޯތިތެރެއަށް ވެރިވެފާ ވަނީ ހިމޭން ކަމެކެވެ. ވެރިވެފާވާ ހިމޭންކަން ފޫއަޅުވާލީ އިޝާ ނަމާދު ބަންގީގެ އަޑުންނެވެ.
އާދައިގެ މަތިން ރީމާ މިރޭވެސް ވަގުތުތައް ގުނަމުން އެދަނީ ޒާން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ދޭތެރެއަކުނު ހާމަކޮން ހުޅުވާފާވާ ކުޑަ ދޮރުކައިރިޔަށް ގޮސް ބޭރުބަލާލައެވެ. ލޯގަނޑު ކުރިމަތީ ހުއްޓުމަށް ފަހު އަމިއްސް ސޫރައަށް ބަލާލިއެވެ. ލާފާވާ ހުދުކުލައިގެ ހެދުމުގެ ތެރޭން ރީމާ ފެންނަލެއް ފުރިހަމަވެފާ ޗާލެވެ. އިސްތަށިގަނޑު ވަނީ ނިއުޅުވާލުމަށްހު ފަހަތަށް ދޫ ކޮއްލާފައެވެ. ތުންފަތް ވަނީ މަޑު ފިޔާތޮށި ކުލައަކުން ފަވާލާފައެވެ. އެހެން ރޭތަކަށްވުރެ މިރޭގެ ވަގުތު ދިގުހެންވެސް ރީމާއަށް ހީވަމުން ދިޔައެވެ. އެއްލި ކަޅިއަކުން ކުޑަ ދޮރު ބޭރުގާ ހުރި ޒާން ފެނުމުން ރީމާގެ މޫނުމައްޗަށް ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. ވީ އުފަލަކުން ކުޑަ ދޮރާ ދިމާލަށް ދުއްވައި ގަނެވުނެވެ. އަވަހަށް ދާން އުޅެގެން ނުވެެއްޓުނީވެސް ހަމަ ކިރިޔާއެވެ.
“ރީމް މިހާރު އިންތިޒާރު ކޮށްކޮށް ވަރުބަލި ވެއްޖެ…. މިހާ ލަހުންތަ ޒާންއަށް ކޮންމެ ރެޔަކުވެސް އާދެވޭނީ…” ރީމާ ޝަކުވާ ކޮއްލިއެވެ. މޫނުމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިކުރުވައިގެން ޒާން ހުރީ ރީމާ ކުރާ ޝަކުވާތައް އަޑު އަހާށެވެ. ރީމާގެ އެ ހުންނަ ގޮތްގަނޑު އޭނާއަށް މާ ކަމުދަނީއެވެ. ވާނީވެސް އެހެންތާއެވެ. ރުހުމެގެ ލޮލަކަށް އައިބެއް ނުފެންނާނެތާއެވެ. “އެތެރެއަށް ވަންނަން ވެސް ނުބުނާނަންތަ؟ މިރޭ މިތާ ބޭރުގަ ބަހަށްޓަން ވިސްނައިގެންތަ ތި ހުރީ….” އެތެރެއަށް ވަނުމަށް ނުބުނުމުން ޒާންވެސް ޝަކުވާ ކޮއްލިއެވެ.
“އޯ…. ސޮރީ…. އާދޭ އަވަހަށް އެތެރެއަށް….” ހިތް އަވަސްވެފާ ވާވަރުން އެތެރެއަށް ވަންނަން ބުނަންވެސް ހަނދާން ނުވީއެވެ. ޒާން ކޮޓަރިއަށް ވަނުމުން ރީމާ ކުޑަދޮރު ލައްޕާ ބޭރު ނުފެންނާނެހެން ދޮރުފޮތިގަނޑު ދަމާލިއެވެ. “ޒާންއަށް ނުވެސް އެގޭނެ ރީމް ޒާން މަތިން މިސްވި ވަރެއްވެސް…. ދެން ހަމަ އަސްލުވެސް ފޯނެއް ނުގެންގުޅެނީތަ؟” ޒާންގެ ގައިގައި ބައްދާލަމުން ރީމާ ބުނެލިއެވެ. ޒާންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ޒާންއާ ދުރުވެލަމުން އޭނާގެ މޫނަށް ބަލާލިއެވެ. ކުރީ ރޭތަކުގާ ފެންނަ އުފާވެރިކަމެއް މިރޭ އެ މޫނުމައްޗަކު ފެންނާކަށް ނެތެވެ. ހަނު ހިމޭން ވެފާހުރި އިރު އެ މުނުމަތީގެ އުޖާލާކަން ވަނީ މުޅިންހެން ގެއްލިފައެވެ. އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުތަނަވަސް ކަމެވެ.
“ކިހިނެތް ވެފަ؟ ރީމްއަށް ގޯސްކޮން ކަމެއް ކުރެވުނީތަ؟ ބުނެބަލަ…. އޭރުންނެއްނު ރީމްއަށް ވެސް އެގޭނީ…. ތިހެން ހުރީމަ ރީމްއަށް ވަރަށް އުނދަގުވޭ….” ކަންބޮޑުވެފާ ހުރި ރީމާ ޒާންއާ ސުވާލުފައްޗެއް ކޮއްލިއެވެ. ނޫން ރީމް… ރީމްއަށް ގޯސްކޮން އެއްވެސް ކަމެއް ނުކުރެވޭ…. ކުއްވެރިޔަކީ އަހަރެން…. އަހަރެން ރީމް ކައިރީ ވަރަށްބޮޑު ވާހަކައެއް ބުނަން ބޭނުން…. އަހަރެންގެ ހުރިހާ ހަގީގަތެއް ކިޔާދޭން ބޭނުން…. އަހަރެންގެ ހަގީގަތް އެނގުނީމަ ރީމް އަހަރެން ދެކެ ފޫހިވެ ބިރުގަނެދާނެތީ ބުނަން ނުކެރުނީ…. އެކަމު އަހަރެން ރީމް ކައިރީ އެއްވެސް ދޮގެއް ނުހަދަން…..” ފެންކަޅިވެފާވާ ދެލޮލުން ބަލާލަމުން ޒާން އެހެން ބުނެލީ ހިތްދަތި ކަމާ އެކުއެވެ.
“ޒާން ކީކޭތަ ތި ކިޔަނީ؟ އެގޭނެހެން ސާފުކޮން ކިޔާބަލަ…. ކުއްވެރިވާ ވަރުގެ ކޮން ކަމެއްތަ ޒާން ކުރީ… ޕްލީޒް ޒާން…. ރީމް ތިހެން ނުތަޅުވަފާނަންތަ؟” އެހާ ހިސާބަށް ބުނެވުނުއިރު ރީމާގެ ދެލޯ ފެންކަޅި ވެއްޖެއެވެ.
“އަހަރެން މީ ރީމް ތި ހީކުރާކަހަލަ މީހެއް ނޫން…. އަހަރެން… އަހަރެން މީ….” ޒާންއަށް އިތުރަށް އެއްވެސް އެއްޗެއް ބުނެވޭ ވަރެއް ނުވިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ ކޯތާފަތުގާ ބީހެމުން ދިޔައެވެ. ޒާންގެ މޫނަށް ބަލަން ހުރި ރީމާގެ ހިތުގާ ރިހުމެއް އުފެދިގެން ދިޔައެވެ. ޒާންއާ ކައިރިޔަށް ޖެހިލާ އޭނާގެ ލޮލުން ފައިބަމުންް ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަ ދިނެވެ. “ރީމް ނުދެނަ ހުރިން ފިރިހެނުން ތިހާ ފިނޑި ކަމެއް…”
“ރީމް! އަހަރެން ރީމް ދެކެ ވަރަށް ބޮޑަށް ލޯބިވޭ! އަހަރެން ލޯބިވާވަރު ރީމްއަށް އަންދާޒާވެސް ކޮއްނުލެވޭނެ… އަހަރެން ލޯބިވާ ވަރާ ގާތަށްވެސް ރީމް ދެކެ އެހެން މީހަކަށް ލޯބި ނުވެވޭނެ… އަހަރެން މިހުރީ ރީމްއަށްޓަކާ އަމިއްލަ ފުރާނަ ދުއްވާލަންވެސް ތައްޔާރަށް… އެހާވެސް ބޮޑަށް އަހަރެން ރީމް ދެކެ ލޯބިވޭ…. އަހަރެންގެ އަމިއްލަ ފުރާނައަށް ތުރެންވެސް ބޮޑަށް….” އަސަރާއެކު ޒާން ވާހަކަ ދައްކަމުން ދިޔައިރު އެ އަޑުގާ ތުރުތުރެއް ހުއްޓެވެ. އެހެން ކަމުން ރީމާގެ ހިތް ނުތަނަވަސްވާ ގޮތްވިއެވެ. “ޒާން ކީކޭތަ ތި ކިޔަނީ؟ އެނގޭނެހެން ކިޔާދީބަލަަ….” ޒާންގެ އަތުގާ ހިފާލަމުން ރީމާ ބުނެލިއެވެ.
ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ޒާންގެ ވާހަކަ ފެއްޓިއެވެ. “އަހަންނަށް ރީމް އެންމެ ފުރަތަމަ ފެނުނީ މިރަށު ފުއްޓަރު ފަރާތުގާ ހުރި ނިކަގަސް ކައިރިން އެއް ރެއެއްގެ ދަންވަރު ވަގުތު….” ޒާންގެ އެ ޖުމްލައިން ރީމާ ހައިރާން ވިއެވެ. އެއީ މީގެ ދެތިން ރެއެއްގެ ކުރިން ވީ ކަމެކެވެ. އެރޭ ރީމާ އެތަނަކުން
ޒާންއެއް ނުދެކެއެވެ. ހިތުގާ ގިނަވަމުން ދިޔަ ސުވާލުތަކުން އޭނާއަށް އުނދަގުތައް ވާންފަށައިފިއެވެ. “ރީމް ގަބޫލު ކުރަންތަ ޖިންނި ޝައިތޯނުން ދުނިޔޭގާ އުޅޭ ކަމަށް؟” ޒާންގެ އެ ސުވާލުން ރީމާ ސިހޭގޮތް ވިއެވެ. ހައިރާންވެ ޒާންގެ މޫނަށް ބަލަން ހުރެވުނެވެ. ރީމާގެ ފަރާތުން ޖަވާބެއް ނައުމުން ޒާންގެ ސުވާލު ތަކުރާރު ކޮއްލިއެވެ.
“ރީމް ގަބޫލު ކުރަން އެއީ އުޅޭ ބައެއްކަން….. ކޮންކަހަލަ ވާހަކަ ތަކެއްތަ މިރޭ ތި ދައްކަނީ؟ ޒާން އެރޭ ކީތް ކުރަން އެ ނިކަގަސް ކައިރީ އުޅުނީ؟ ރީމް އެތާކުން ނުދެކެން އެއްވެސް މީހެއް….. އަދިވެސް ނޭންގެ ރީމްއަށް އެތަނަށް ދެވުނު ގޮތެއް…. ރީމްއަށް ހޭވެރިކަންވި އިރު ހުރެވުނީ އެތާންގަ…..” އިތުރު އެއްޗެއް ނުބުނެ ރީމާ އިސްޖަހާލިއެވެ.
“އަހަރެން މީ އިނަސާނެއް ނޫނޭ ބުނެފިއްޔާ ގަބޫލު ކުރާނަންތަ؟” ކުއްލިއަކަށް ޒާން ކޮއްލި ސުވާލުން ރީމާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހުރި ފިޔަވަޅުމަތީ ގުޑިލަންވެސް ނޭންގިފާ ހުރެވުނީއެވެ. ރީމާގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަވަރުތައް ޒާންއަށް ސާފުކޮށް ފެންނަމުން ދިޔައެވެ. އޭރުވެސް ކަޅިޖަހާ ނުލާ ރީމާ ބަލަމުން ދިޔައީ ޒާންއާ ދިމާލަށެވެ. ރީމާގެ ދެލޮލުން ކަރުނައިގެ ކުލަވަރު ވިދާލިއެވެ. ” ސަކަރާތް ޖަހަންވެސް ހައްދެއް އޮންނަން ވާނެ….” ޒާން ދައްކަމުން ދިޔަ ވާހަކަތަށް ގަބޫލުކުރަން ބޭނުން ނުވުމުން ރީމާ އެހެން ބުނިއިރު އޭނާގެ އަޑުގާ ހިތްހަމަ ނުޖެހުން އެކުލެވިގެން ވެއެވެ.
“އަހަރެން ނޫޅެމޭ ސަކަރާތް ޖަހާކަށް….. އަހަރެންގެ މޫނުމަތިން ސީރިއަސްކަން ނުފެންނަނީތަ؟ އަހަރެން ބޭނުމެއްނޫން އެއްވެސް މީހަކަށް އޮޅުވާލައިގެން އުޅޭކަށް…. މިވީހާ ތަނަކަށް އެއްވެސް މީހަކަށް އޮޅުވާލާ ދޮގު ހަދާފައެއް ނުވާނެ…. އެހެންވެގެން އަހަރެން ބޭނުންވަނީ އަހަރެންގެ ހުރިހާ ހަގީހަތެއް އެނގިގެން ރީމް އަހަންނާއެކު އުޅެން…. އަހަރެން ރީމް ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެން….. ޒާނަގެ މޫނުމަތިން ފާޅުވަމުން ދިޔަ ސީރިއަސްކަން ފެނި ރީމާގެ ހިތަށް ޒާތެއްގެ ބިރުވެރި ކަމެއް ވެރިވިއެވެ. ޒާން ދައްކަމުން ދާ ވާހަކަތަކަށް ވިސްނަން މަޖުބޫރު ވިއެވެ. ހިތް ނުތަނަވަސް ވާންވެސް ފަށައފިއެވެ. ނިތްކުރި މަތިން ހިތްލަމުން ދިޔަ ދާތިކިތަށް ފޮހެލިއިރު އެ އަތުގާ މަޑު ތުރުތުރެއް ހުއްޓެވެ.
“އަހަރެން މީ އިންސާނެއް ނޫން….. އަހަރެންނަކީ ޖިންނިއެއް….” ޒާންގެ ފަހުބަސް އިއްވާލިއެވެ. އެހެން ބުނުމާއެކު ރީމާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ތަންމިނަށް ހުޅުވުނު އަނގަމަތީ ދެ އަތް އަޅާ ފޮރުވާލެވުނެވެ.
ޒާންއާ ދުރަށް ޖެހިލެވުނީ އޭނާގެ އިހްތިޔާރުން ބޭރުގައެވެ. ގަތްފައިވާ ބިރެއްގެ ބޮޑުކަމުންނެވެ.
— ނުނިމޭ —