
އާން! ޒާން މީ މިރަށު ކުއްޖެއް ނޫން. ޗުއްޓީއްކަށް މި ރަށަށް އްއިސްގެން މިއުޅެނީ. ރީމާ އަކަށް ނޭންގޭނެ ޒާންމީ ކާކުކަމެއްވެސް. އެކަމު ޒާންއަށް އެނގޭ ރީމާ. ދުވަސްކޮޅެއް ވެއްޖެ ރީމާއާ ވާހަކަ ދައްކަން މަސައްކަތް ކުރާތާ. މިރޭ މި ކާމިޔާބުވާ ގޮތެއް ވީ. ޒާން ވާހަކަ ދައްކަމުން ދިޔައިރު ރީމާ އިނީ ޒާންގެ ހަރަކާތް ތަކަށް ގެއްލި ހުސްވެފައެވެ. ހީވަނީ ޒާން ދައްކަމުންދިޔަ ވާހަކަތައް ރީމާގެ ކަންފަތަށް ނުވަންނަ ހެންނެވެ. ބަހެއް ނުބުނެ ރީމާ އިނުމުން ޒާން ތަންކޮޅެއް ބާރަށް ރީމާއަށް ގޮވާލުމުން ރީމާއަށް ހަމަ ބިމަށް އާދެވުނު ކަހަލައެވެ. ޒާންއަށް ރީމާ ވަރަށް ކަމުދޭ. އަނެއްކާވެސް ޒާން ވާހަކަަ ދައްކަން ފެއްޓިއެވެ. އަހަރެން ބޭނުން ރީމާއާ ރައްޓެހިވާން. ޒާން ގެ ފަހު ޖުމްލައިން ރީމާއަށް ސިހުމެއް ލިބުނެވެ. ވާނީވެސް އެހެންތާއެވެ. މީގެ ކުރިން ދުވަހަކުވެސް ފެނިފާ ނުވާ މީހަކު ހަމަ ކުއްލިއަކަށް ރައްޓެހިވާން އެހުމުން ޝޮކެއް ނުލިބޭނީ ކާކަށް ހެއްޔެވެ؟ ބުނާނެ އެއްޗެއް ނޭންގި ރީމާ އިނީ އެ ގޮތް ނޭންގޭ ޒުވާނާގެ މޫނަށް ބަލާށެވެ.
އާއެކޭ ބުނުމަށް ރީމާގެ ހިތް ގޮވަމުންދާ ކަހަލައެވެ. ޒާން އަކީ މީގެ ކުރިން ރީމާ ދެކެފާނުވާ ރީތި ޒުވާނެކެވެ. ރީމާގެ ހިތް ޒާންއަށް ލެނބެމުން ދިޔައީ ރީމާގެ އިހްތިޔާރުން ބޭރުގައެވެ. “ރީމްއަށް ވިސްނާލަން ވަގުތުކޮޅެއް ބޭނުން.” ހިތާ ދެކޮޅަށް ރީމާ ބޭނުންވި ގޮތް ޒާންއަށް އިއްވާލިއެވެ. އިތުރު އެއްޗެއް ބުނާނެ ހިތްވަރެއް ރީމާ އަކަށް ނުލިބުނެވެ. ހީވަނީ ރީމާގެ ދުލުގާ މީހަކު ހިފަހައްޓާފާ ވާހެންނެވެ. އުންމީދުކުރަން އަވަސް ޖަވާބެއް ލިބޭނެ ކަމަށް. މާދަންވެސް މި ގަޑިީގަ މިތަނުން ބައްދަލުވާނެ ކަމަށް އުންމީގުކުރަން. ޖަވާބު ލިބޭނެކަމަށް ވެސް ހީކުރަން. އެހެން ބުނުމަށްފަހު ޒާން އެތަނުން ތެދުވެ ހިނގައިގަތެވެ. ޒާން ގޮސް ގެއްލެންދެން ރީމާ ކަޅިޖަހާނުލާ ބަލަން އިނީ ފޫހިކަމެއް ނެތިއެވެ. ޒާން ގޮސްގެއްލުމުން ރީމާވެސް ތެދުވެ ހިނގައިގަތީ ގެއަށް ދިއުމަށެވެ. އޭރު އިޝާނަމާދަށް ބަންގި ގޮވާ އަޑު އިވެއެވެ.
ގެއާ ހަމައަށް ދެވުމުން މަޑުމަޑުން ގޭގެ ދޮރު ހުޅުވާލީ މަންމަ ސިޓިންރޫމުގާ އިނދެދާނެކަމަށް ޖެހިލުންވެ ހުރެއެވެ. ނަސީބު ރަނގަޅުކަމުން މަންމަ ފެންނާކަށް ނެތެވެ. މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން އެތެރެއަށް ވަންނަން އަޅާލި ފިޔަވަޅާއެކު ހުއްޓުން އެރީ މަންމަ ރަޒީނާގެ އަޑު އިވުމުންނެވެ. އަޑު އައީ މަންމަގެ ކޮޓަރިއާ ދިމާލުން ކަމަށް ވުމުން ސިއްރު ސިއްރުން ގޭތެރެއަށް ވަނީ މީހަކަށް އަޑު ނީވޭވަރަށް މަޑުން ފައި އަޅަމުންނެވެ. ރީމާގެ ކޮޓަރިއަށް ވަނުމުގެ ކުރިން ރަޒީނާގެ ހުޅުވިފާވާ ކޮޓަރީގެ ތެރެއަށް ބަލާލިއެވެ. އޭރު ރަޒީނާ ހުރީ ދޮރަށް ފުރަގަސް ދީގެން ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކާށެވެ. ބަލާ ބެލުމަށް ރަޒީނާ ހުރީ އިޝާ ނަމާދުކުރުމަށް ތައްޔާރު ވެގެންނެވެ.
ރަޒީނާއަށް ފެނުމުގެ ކުރިން ކޮޓަރިޔަށް ވަނުމައްޓަކާ ރީމާ އަވަސްވެލިއެވެ. މަޑުމަޑުން ކޮޓަރީގެ ދޮރުލައްޕާލީ ވައިރޯޅިއަށްވެސް ނޭންގޭހާ ސިއްރުންނެވެ. ގެއަށް ލަހުން އާދެވުމުން މަންމަ ގެ ޝަކުވާތައް އަޑުއަހަން ބޭނުންވެސް ނުވަނީއެވެ. ލާއިގެން ހުރި ހެދުން ބޭލުމައްފަހު ދާވަށިގަނޑަށް ވައްޓާލުމައް ފަހު ބޮލުގެ މެދަށް ހުޅިއެއްޖަހާ ވޫލްކޮޅަކުން އައްސާލިއެވެ. އޭސީ ރިމޯޓު ނަގާ އޭސީ ޖައްސާލުމައްފަހު ފާހާނާއަށް ވަނީ ފެންވަރާލާ ތާޒާ ވެލުމަށެވެ. ފެންވަރަން މާގަނޑު ދަށުގާ ހުރިއިރު ރީމާގެ ހިތުގާ އެބުރެމުން ދިޔައީ މިރޭ ފެނުނު ޒުވާނާގެ ވާހަކަ ތަކެވެ. ހިޔާލުތަކަށް ގެއްލި މާގަނޑު ދަށުގާ އެހެން ހުރެވުނު އިރެއްވެސް ނޭންގެއެވެ. ހޭވެރިކަމެއްވީ އާދަޔާ ހިލާފަށް ފިނިކަން އިހުސާސް ވާން ފެށުމުންނެވެ. އަވަސް އަވަހަށް މާގަޑު ބަންދު ކޮއްލުމަށްފަހު ފާހާނާއިން ނުކުތީ ގައިގާ ތުވާލި އޮޅާލަމުންނެވެ. ލަވައެއްގެ ރާގުއަޅުވާލަމުން ކައިރިވެލީ ލޯގަނޑު ކުރިމައްޗަށެވެ. ލޯގަނޑުން އަމިއްލަ ސޫރަ ބަލަން ހުރިއިރު ފިނިބޮޑުވުމުގެ ސަބަބުން މޫނުމަތި ހުރީ ރަތްވެފައެވެ.
އަލަމާރި ހުުވާލުމައްފަހު ސޯޓުބުރިއަކާ އަތްކުރު ޓީޝާޓެއްނަގާ އެނދުމައްޗައް އެއްލާލިއެވެ. އޮޅާލެވިފާވާ ތުވާލި ގައިން ވަކިކޮއްލާ ހަރުގާ އަޅުވާލުމައްފަހު އެނދާ ދިމާލަށް ހިނގައިގަތެވެ. ސޯޓުނަގާ ލުމައްފަހު ޓީޝާޓު ގަޔަށް މޮހާލިއެވެ. ކުރު ސޯޓެއްކަމުން ފައިގެ ފަލަމަސްގަނޑުގެ ބޮޑު ބައެއް އޮތީ ހާމައަށް ފެންނާށެވެ. އެކަމަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ އަނެއްކާވެސް ޑްރެސިންގް ޓޭބަލްއާ ކައިރި ވެލުމައްފަހު ގަޔަށް ބޮޑީ ސްޕްރޭ ފުޅި ބުރުވާލިއެވެ. މުޅި ކޮޓަރި ތެރެ އެއްވަސް ކޮއްލާފާވަނީ ޖަހާލި ބޮޑީ ސްޕްރޭގެ ވަހުންނެވެ. ބޮލު މެދަށް ޖަހާފާވާ ހުޅި ނައްޓާލަމުން ކޮޓަރިން ބޭރަށް ނުކުތުމަށް ހިނގައިގަތީ ފޯނުން ނަޖުދާއަށް މެސެޖެއް ކުރަމުންނެވެ.
ސިޓިންގް ރޫމަށް ނުކުތް އިރު ރަޒީނާ ސޯފާގާ އިނީ ގުރުއާން ކިޔަވާށެވެ. ރީމާ ގޮސް ރަޒީނާ ގާތު އިށީނީ ފޯނާ ކުޅެމުންނެވެ. ރަޒީނާ ކިޔަވަން އިން ފޮތް ލައްޕާލަމުން ރީމާއަށް ބަލާލިއެވެ. ރީމާ އިނީ ފޯނުތެރެއަށް ގެއްލި ހުސްވެފައެވެ. ދަރިފުޅު ނަމާދު ކޮއްފިންތަ؟ ” ނޫން އަދި ނުކުރަން. ނިދުމުގެ ކުރިން ކުރާނަން މަންމާ! ފަރުވާ ކުޑަ ރާގަކަށް ޖަވާބު ދިނީތީ ރަޒީނާ ހިތްހަމަ ނުޖެހުނެވެ. މަންމައަށް މިހާރު އެއްގޮތަކަށް ވެސް ދަރިފުޅު ނަމާދުކުރާތަނެއް ނުފެނޭ! މަންމައަށް ހީވަނީ ދަރިފުޅު މިހާރު ނަމާދަށް މާ ފަރުވާ ކުޑަވެއްޖެހެން. އެހެން ބުނެ ނިމުންއިރު ރީމާގެ ފޯނު އޮތީ ރަޒީނާގެ އަތުގައެވެ. އެއްޗެއް ނުބުނެ މަންމަ ދެއްކި ވާހަކަ އަޑުއަހަން ރީމާ އިނީ އިސްޖަހާލައިގެންނެވެ. މަޑުމައިތިރި މިޒާޖެއްގެ ރީމާއަކީ އެއް އިރެއްގާވެސް މައިން ބަފައިން ކުރިމަތީ ބަސްބުނެ ހަދާ ކުއްޖެއް ނޫނެވެ.
ހިނގާ ކާން ދާން! ބައްޕަވެސް މިހާރު އަންނަން އުޅޭނެ ނަމާދު ކޮއްގެން. ބަހެއްވެސް ނުބުނެ އިސް ޖަހައިގެން ހުރެ ރަޒީނާގެ ފަހަތުން ރީމާ ދިޔައީ ބަދިގެއަށެވެ. ކާން ހެދުމައް މަންމައާ އެކު އެހީތެރިވުގާ އުޅުނެވެ. ހަމަ އެވަގުތު ރިޔާޒު ބޭރުން އައިސް ގެއަށް ވަނެވެ. ބައްޕާ! ދުރުވޭ ކާން! ރިޔާޒު ގެޔަށްވަތް ތަން ފެނުމުން ރީމާ ގޮވާލިއެވެ. ތިން މައިން ކާން ތިބިއިރު އެއްވެސް ވާހަކައެއް ނުދައްކައެވެ. އެހެންކަމުން މާހަުލަށް ވަނީ ހިމޭން ކަމެއް ވެރިވެފައެވެ. ކައިނިމުން އިރުވެސް އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ކައި ނިމުމައްފަހު ތަށިތައް ނެގުމައް މަންމައަށް އެހީތެރި ވުމަށްފަހު ރީމާ ކޮޓަރިއަށް ދިއުމަށް އަވަސްވެގަތެވެ. ކުރިޔަށް އާޅާލި ފިޔަވަޅަށް ހުއްޓުމެއް އައީ މަަންމަ ރަޒީނާ ގޮވާލުމުންނެވެ. ދަރިފުޅު ދެން ގޮސް އަވަހަށް ނަމާދު ކުރޭ! އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމަށްފަހު ރީމާ ހިނގައިގަތީ ކޮޓަރިއަށް ދިއުމަށެވެ.
ނަމާދުކޮށް ނިމުމަށްފަހު އެނދަށް އަރާ ހަމަޖެހިލުމަށްފަހު ފޯނު ނާގާ ޑާޓާ ޖައްސާލުމައްފަހު ފޭސްބުކަށް ވަދެ ނިއުސްފީޑް ހާވަން ފެށިއެވެ. ޒާންގެ މަތިން ހަނދާންވުމުން ފޭސްބުކުން ޒާން ފެނޭތޯ މަސައްކަތް ފެށިއެވެ. ގަޑިއެއްހާ އިރު ކުރި މަސައްކަތަ ވީ ބޭކާރެވެ. ޒާން ނުފެނުމުން ވީ ފޫއްސަކުން ފޯނު އެނދުމައްޗަށް އެއްލާލެވުނެވެ. އެނދުގެ ކޮޅުގާވާ ކަފަ ރަޖާގަނޑު ގައިމަތީ އަޅާލަމުން އޮށޯވެ ހަަމަޖެހިލިއެވެ. ޒާންގެ ރީތި ސޫރަ ރީމާގެ ސިކުނޑިއަށް އުނދަގޫ ކުރަން ފަށައިފިއެވެ. ލޯމަރާލިޔަސް އެ ސޫރަ ލޯމައްޗަށް ފެންނަ ކަހަލައެވެ. ނިދޭތޯ މަސައްކަތް ކުރަމުން ދެލޯމަރާލުމައްފަހު މޫނުމަތީ ބާލީސް އަޅާ މޫނު ފޮރުވާލިއެވެ. އެތައް އިރަކު ނިދޭތޯ އޮވެއޮވެ ވެސް ނިދޭގޮތް ނުވުމުން އެދުން ރީމާ ތެދުވިއެވެ. ފޯނު ނަގާ ގަޑި ބަލާލިއެވެ. އެއްގަޑި ބައި ވަނީއެވެ. ހީވަނީ ނިދީގެ ކަންފުޅެއްވެސް ނުވާހެންނެވެ.
މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު ގޭތެރެއަށް ބޯ ދިއްކޮއްލީ ބޭރަށް ނުކުތުމުގެ ކުރިން މީހަކު އުޅޭތޯ ޔަގީން ކޮއްލުމަށެވެ. ގޭތެރެއަށް ވެރިވެފާވަނީ ފަނޑު އަލިކަމެކެވެ. މީހަކުފެންނަން ނެތުމުން މަޑުމަޑުން ކޮޓަރީގެ ދޮރު ލައްޕާލުމައްފަހު ގޭގެ މައި ދޮރާ ދިމާލަށް ހިނގައިގަތެވެ. ދޮރުހުޅުވާލަން ދޮރުގާ ހިފާލި އިރު ދޮރު ހުރީ ތަޅުލާފައެވެ. ތަޅުދަނޑި ފެންނަން ނެތުމުން މާޔޫސްވެ ހުރެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތް ވަގުތު ފައިވާން ހަރު މަތީ ބާއްވާފާވާ ތަޅުދަޑި ފަތި ފެނުމުން ރީމާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މީހަކަށް ހޭލެވިދާނެތީ ދޮރުގެ ތަޅަށް ތަޅުދަނޑި ކޮއްޕާ އަބުރާލީ ވަރަށް މަޑުންނެވެ. ފައިވާން ހަރުން އާދައިގެ ފައިވާނެއް ނަގާ ފަޔަށް ހެޔޮވަރު ކޮއްލުމައްފަހު ބޭރަށް ނުކުތުމަށް ދޮރުހުޅުވާލި ވަގުތު ގައިގާ ޖެހުނު ފިނި ވައިރޯޅިން ހީބިހި ނަގައިގެން ދިޔައެވެ. މަޑުމަޑުން ދޮރު ގާތް ކޮއްލުމަށްފަހު ބޭރަށް ނުކުތެވެ. މަންޒިލަކަށްވީ ގޯތިތެރޭ ހެދިފާވާ ބޮޑު ބަނބުކެޔޮ ގަހުގެ ދަށުގާ ހަދާފާވާ ޖޯލިފައްޗެވެ.
ކަޅުފޮއި ރެޔެއްކަމުން ގޯތިތެރެއަށް ވަނީ އަދިރިކަން ވެރިވެފައެވެ. ޖޯލީގާ އޮށޯވެ އޮތް ރީމާގެ ހިތުގާ އަދިވެސް އެބުރެމުން ދިޔައީ ޒާންގެ ރީތި ސޫރައެވެ. ޒާންގެ ސުވާލުތަކެވެ. ހާވާލެވިފާވާ ދިގު އިސްތަށިގަނޑުވަނީ ޖޯލީގެ އެއްފަރާތުން ބޭރަށް ވައްޓާލާފައެވެ. މަޑު ރަތް ކުލައިގެ ތުނި ނިދާ ހެދުމުން ރީމާގެ ހަށިގަނޑުގެ ވަނާތައް ސާފުކޮން ހާމަވާން ހުއްޓެވެ. ޖެހިލާ މަޑު ވައިރޯޅިތައް ރީމާގެ ހަށިގަނޑުގާ ބީހެމުން ދެއެވެ. އެތަށް ހިޔާލުތަކަކަށް ގެއްލި އެތާ ރީމާއަށް އޮވެވުނު އިރެއްވެސް ނޭންގެއެވެ. ހޭވެރިކަމެއްވީ ފަތިސް ނަމާދަށް ބަންގިގޮވާ އަޑު ކަންފަތުގާ ޖެހުމުންނެވެ. ޖޯލިން ތެދުވެ ގެއާ ދިމާލާށް ހިނގައިގެން ވަގުތު ހުއްޓުން އެރީ ބައްޕަ ރިޔާޒު ގޭގެ ދޮރު ހުޅުވާލާފާ ނުކުންނަތަން ފެނުމުންނެވެ. ބަނބުކެޔޮ ގަހުގެ ފަހަތަށް ވަދެ ނިވާވެލީ ބައްޕައަށް ފެންނަން ބޭނުން ނުވުމުންނެވެ. ރިޔާޒު ގެއްލެންދެން ރީމާ ބަަލަން ހުރުމަށްފަހު ގޭތެރެއަށް ދިއުމަށް އަވަސްވެގަތެވެ. ކޮޓަރިއަށްވަގެ ދޮރުލައްޕާލުމަށް ފަހު އެދުމައްޗަަށް ވެއްޓިގަތެވެ. އިންތިހާއަށް ނިދި އައިސްފާ ވުމުގެ ސަބަބުން އިސާހިތަކު ނިދިއްޖެއެވެ.
ރީމާއަށް ހޭލެވުނީ ބާލީސް ދަށުގާވާ ފޯން ރިންގުވާން ފެށުމުންނެވެ. ފޯނު ނަގާ ޑިސްޕްލޭއަށް ބަލާލީ ގުޅަނީ ކާކުތޯ ބެލުމަށެވެ. ފޯނުނަގާ ކަންފަތުގާ ޖައްސާލަމުން ހެލޯއޭ ބުނެލީ ކަންނެތް ގޮތަކަށެވެ. ޕިސް، ޕިސް، އަދިވެސް ނިދަނީ؟ ހޭލަން ނުވަނީތަ؟ މިހާރު އެޔޮއް ތިނެއް ޖަހަނީ! ގައިމު މިހާރު ނިދިފައެއްނު ހުންނާނީ!
އެކޮޅުން ވާހަކަ ދެއްކީ ނަޖުދާއެވެ. ނަޖުދާގެ ޖުމްލަތަކުން ރީމާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ނިދިވެސް މުޅިންހެން ފިލައިގެން ގޮސްފިއެވެ. އަސްލުވެސްތަ ނަޖޫ؟ ދޮގު ނަހަދާ! ފާރުގާ ހަރުކޮއްފާވާ ގަޑިއާ ދިމާލަށް ބަލާލަމުން ރީމާ އަވަސް އަވަހަށް އެދުން ފޭބިއެވެ. އޭތް ނަޖޫ! ރީމް ގުޅާނަން ފަހުން މި ދަނީ ފެންވަރަން. މިޔަދު ހަމަ ޔަގީނުންވެސް މަންމަގެ ޝަކުވާ ފުނި ފުންޏަށް އަންނާނެ. އެހެން ބުނެ ނަޖުދާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮން ފޯނު ކަނޑާލިއެވެ.