
ހިޔާލުތައް ފުނިޖެހި ބޮލަށް ބަރުވާން ފަށައިފިއެވެ. ހިސާބަކަށް ބޮލުގާވެސް ރިއްސަން ފަށައިފިއެވެ. މެންދުރުގެ ކެއުމަށް އިންސާފުކުރެވުމުން ދިޔައީ ރިމާ، ރަޒީނާ އަދި ބައްޕަ ރިޔާޒެވެ. މާހައުލަށް ވެރިވެފާވާ ހިމޭންކަން ފޫއަޅުވާލީ ބައްޕަ ރިޔާޒެވެ. “ކޮބާ ދަރިފުޅާ ރީމް، މިހާރު ދަރިފުޅު ކިޔަވަން ބޭނުންވާ އެއްޗެކާ ދޭތެރޭ ވިސްނައިފިންތަ؟” ނޫން ބައްޕާ! އަޅުގަނޑު ބޭނުންވަނީ ބައްޕަމެން ކައިރީ ރަށުގަ އަދި ކުޑަ ދުވަސްކޮޅަކު މަޑުކޮއްލަން. އަޅުގަނޑަށް ބައްޕަމެންނާ ދުރުގަ އުޅެން ވަރަށް އުނދަގުވާނެ. ޅަވެލާފާ ރީމާގެ ބައްޕަގެ ސުވާލަށް ޖަވާބުދިނެވެ.
ހަވީރު ފިނިޖެހުމުން މަގުތަކުގާ މީހުން ހަލަބޮލިވާން ފަށައިފިއެވެ. ތުއްތުކުދިން ގޮވައިގެން އެކުދިންގެ މައިން ގޭން ބޭރަށް ނުކުމެ މަގުގެ ކޮޅުކޮޅު މައްޗަށް ދާން ފަށައިފިއެވެ. ރީމާ ލޯގަނޑު ކުރިމާތީ ހުރެ ފަރި ހެދެމުން ދިޔައީ ހަވީރު ފިންޏަށް އަތިރިމައްޗަށް އިރުއޮއްސޭ މަންޒަރު ބަލާލަން ދިއުމަށެވެ. އެއީ ރީމާގެ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ލޯގަނޑު ކުރިމަތީ ހުރެ އަރިއަރިޔަށް އެނބުރި ފަރިބަލަމުން ދިޔައެވެ. ލަގެންހުރީ ހުދު ކުލައިގެ އަތްކުރު ކަކުލާ ހިސާބަށް އަރާހެދުމެކެވެ. ކުރު އެއްޗެހި ލުމަށް ލޯބިކުރާ ރީމާއަކީ ޒަމާނީ ގޮތަށް އުޅޭކުއްޖެކެވެ. ފަން ދިގު އިސްތަށިގަނޑު ވަނީ ނިއުޅުވާލާ ފަހަތަށް ވައްޓާލާފައެވެ. ތުންފަތުގާ ގަދަރަތް ކުލައިގެ ލިޕްސްޓިކެއް ކާއްތާލަމުން ލޯގަނޑާ ކައިރިވެ ތުންފަތުން ބޭރުގާ ހެކިފާވާ ކުލަތައް ކަނާތު ޝަހާދަތް އިނގިލިން ފޮހެލިއެވެ. ކޮޓަރިން ނުކުތުމުގެ ކުރިން ލޯގަނޑު ކުރިމައްޗަށް އަރާ އަމިއްލަ ސޫރަ ބަލާލުމައްފަހު ހިނިތުން ވެލިއެވެ.
ސިޓިންގް ރޫމަށް ނުކުތްއިރު މަންމަ ރަޒީނާ ސޯފާގާ އޮށޯވެގެން ޓިވީ ބަލަން އޮތެވެ. ގޭން ނުކުތުމުގެ ކުރިން ދޮރުކައިރީ ހުރި ފައިވާން އަޅާ ހަރުން ހުދުކުލައިގެ ފައިވާނެއް ނަގާ ފަޔަށް ހެޔޮވަރު ކޮއްލިއެވެ. މަންޒަރު ބަލަން ސޯފާގައޮތް ރަޒީނާ ހިނިތުންވެލިއެވެ. “ދަރިފުޅާ ރީމް! މިޔަދުވެސް ތިދަނީ އަތިރިމައްޗަށް ދޯ؟ ރީމް ކައިރީ މަންމަ ކިތައް ދުވަހުތަ ބުނަންވީ ތިގޮތަށް ކޮންމެ ދުވަހަކު އެއް ގަނޑިއަކަށް އަތިރިމައްޗަށް ނުދާން! އެހެން ނޫނަސް އިރުއޮއްސޭ ގަޑީގަ އަންހެނުން ދާން އެހާ ރަނގަޅު ތަނެއްވެސް ނޫނެއްނު އެއީ!” ރަޒީނާ ލޯތްބާއެކު ބުނެލިއެވެ. ދެން މަންމާ! ރީމް އަންނާނަމޭ މާ ލަސް ނުވަނީސް. މަންމައަށް އެނގެއެއްނު ރީމް ނުލާހިކު ބަލާހިތްވާ މަންޒަރެއްކަން އެއީ. އެހެން ނޫނަސް ރީމް އެކަނިއެއް ނޫނެއްނު މި ދަނީވެސް. މަޑުމައިތިރި ކަމާއެކު ރީމާ ބުނެލިއެވެ. ހޫން ދެން އެންމެ ރަނގަޅު. ލަސްނުކޮށް އަވަހަށް ގެޔަށް އަންނާތި! ރީމާގެ މޫނުމައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ.
ބޭރު ދޮރުކައިރީ މަޑުކޮއްގެން ހުރި ރީމާ އިރު އިރު ކޮޅުން މަގުމަައްޗަށް ބޯދިއްކޮށް މަގުގެ ދެކޮޅުބަލާލައެވެ. ހީވަނީ މީހެއްގެ އިންތިޒާރުގާ ހުރެ ލަސްވެގެން އުޅޭހެންނެވެ. ރީމާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީ ލޮލުގެ ހިމަކޮޅަށް މަގުގެ އެއްކޮޅުން ދައްކާލި ނަޖުދާ ފެނުމުންނެވެ. އަވަހަށް ދާން ބޭނުންވެފާ ހުރިވަރުން ގޭގެ ދޮރު ލައްޕާލެވުނީ ފުދޭވަރަކަށް ބާރަށެވެ. އަވަސް ފިޅަވަޅުތަކެއް އަޅަމުން ނަޖުދާ ކައިރިޔަށްދާން ހިނގައިގަތީ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުންނެވެ.
ނަޖޫ ހާދަ ލަހުން ތިއައީ. ރީމް ހާދަ އިރެއް ވެއްޖެއޭ ރެޑީވެގެން މިތާ ބޭރުގަ ހުންނަތާ. ރީމް ބުނީމެއްނު ފަހެއްޖަހަންވާ އިރަށް އަންނަން ވާނެއޭ. ނަޖޫއަށް އެނގެެއެއްނު ރީމް މަންމަ ގެ ގޮތް. ހަމަ ކިރިޔާ މިޔަދު މި ނުކުމެވުނީ. މަންމަ ވަރަށް ޝަކުވާކުރި މިޔަދުވެސް. ނަޖުދާއާ އަރާހަމަވުން ރީމާގެ ޝަކުވާބޮޑި އޮއްސާލިއެވެ. އެކަމަކު ވާ ރީމް، ވަރެއްވެފަތާ ތިހުރީ! އަދި ލަސްތަކެއްވި ނަމަ ކޮބާ ސަލާމަތް ދޯ! ގައިމު އަދި ފަސްގަޑި ދިހައެއް ނުވޭ ވިއްޔަ. ނުލަފާ ފާޑަކަށް ހިނިގަނޑެއް ޖަހާލަމުން ރީމާގެ ގައިގާ ނަޖުދާ ޖަހާލީ މާޖަވެލާފައެވެ. އެއްކަލަ ނަޖޫ، ދެން ވަރަށް ފޫހިވޭ!
ނަޖުދާއަކީ ރީމާގެ އެންމެ ގާތް އެކުވެރިޔާއެވެ. ދެކުދީންގެ ރަހުމަތްތެރިކަން ފެށުނީ ސްކޫލުންނެވެ. ކިޔަވަން އުޅުނީ އެއް ގްރޭޑެއްގައެވެ. އެއް ކުލާހެއްގައެވެ. ކިޔަވާ ނިމުނީވެސް އެކު އެކީއެވެ. އަދިވެސް ދެ ކުދިންގެ ގުޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ދެކުދިންގެ ދޭތެރޭ ނުދެއްކޭ ވާހަކައެއް ނޯވެއެވެ. ކޮންމެ ވާހަކައެއްވެސް ޖެހިލުމެއްނެތި އެކަކު އަނެކަކާ ދައްކާލެވޭނެއެވެ. ވާނީވެސް އެހެންތާއެވެ. ވިހި އަހަރުގެ ދުވަސްވީ އެކުވެރި ކަމެކެވެ.
އެކި އެކި ވާހަކަތައް ދައްކަމުން މަޑު ހިނގުމެއްގާ ދެ ކުދިން އެދަނީ އިރުއޮއްސޭ މަންޒަރު ބާލަން އަތިރިމައްޗަށެވެ. ފަނަރަވަރަަކަށް މިނެޓު ހިނގުމައްފަހު އަތިރިމައްޗަށް ނުކުމެވިއްޖެއެވެ. މާހައުލަށް ވެރިވެފާ ވަނީ ހަލަބޮލިކަމެކެވެ. އެކި އުމުރު އުމުރު ފުރައިގެ މީހުންތަކުން އަތިރިމަތި ވަނީ ފުރިފައެވެ. އެހެން ދުވަސްތަކާ ހިލާފަށް މިޔަދު މީހުން ވަކިން ގިނަހެންވެސް ހީވެއެވެ. އެހެންކަމުން ރީމާ އާއި ނަޖުދާ މިސްރާބު ބަދަލުކޮއްލީ ރަށުގެ ފުއްޓަރު ފަރާތު ތުނޑިއާ ދިމާލަށެވެ. މާ ގިނައިރަކު ހިނގަން ނުޖެހި ދާން ބޭނުންވި މަންޒިލަށް ދެވިއްޖެއެވެ.
ވަށައިގެން ރީމާ ނަޒަރު ހިންގާލި ވަގުތު ލޮލުގާ އަޅައިގަތީ ވަލުފަރާތުގެ ގަސްތަކުގެ މަތިން ފެންނަން ހުރި ނިކަ ގަހަށެވެ. ދުރުން އެގަސް ފެންނަން ހުރިއިރު ބަލާ މީހަކަށް ގަހުގެ ބިޔަކަން އިހުސާސް ކުރެވޭނެއެވެ. ރީމާގެ ހިތަށް ރޭގެ މަންޒަރު ސިފަވި ކަހަލައެވެ. ހިތަށް ބިރުވެރިކަން ވަތްނަމަވެސް އެކަން ރަހުމަތްތެރީޔާއަށް ދަންކަން ބޭނުމެއް ނުވިއެވެ. ހިނިތުން ވެލަމުން އަރައިގެން ހުރި ފައިވާން ބޭލުމައްފަހު ކައިރީ ބަހައްޓަމުން ހުދު ދޮންވެލި ފަސްގަނޑު މާތީ އިށީނީ ކައިރީ ހުރި ނަޖުދާގެ އަތަށް ދަމާލަމުންނެވެ.
އިރު އޭގެ ވާޖިބު އަދާ ކުރުމަށް ފަހު އުދަރެހާ ނިވާވަނީއެވެ. މުޅި އުޑުމަތީ ހީވަނީ ރަތް، އޮރެންޖު، ރީދޫ ކުލައިގެ ސާލެއް ލެވިފާވާ ހެންނެވެ. ކަނޑު މަޑު އުޑުމަތި ސާފު ދުވަހެއްކަމުން މަންޒަރު ވަރަށްވެސް ރީއްޗެވެ. މަޑުވައި ރޯޅިތައް ގައިގާ ބީހެމުން ދިޔައިރު ހާވާލެވިފާވާ ރީމާގެ ދިގު އިސްތަށިގަނގު ވައިގެ ތެރޭ އެކި ގޮތްގޮތަށް ނަށަމުން ދިޔައެވެ. މަންޒަރަށް ގެއްލިފާއިން ރީމާ ސިއްސައިގެން ދިޔައީ ކައިރީ އިށީދެއިން ނަޖުދާ ރީމާގެ ގައިގާ ކޮއްޓާލުމުންނެވެ. ހިނގާ ދެން ގެޔަށް ދާން! މިހާރު ބަންގި ގޮވަން އުޅޭނެ. ނަޖޫގެ މޮމް ވެސް ނޭންގެ މިހާރު ނުފެނިގެން ހޯދަން ނުނިކުންނާނެ ކަމެއް. އެހެން ބުނި އިރު ނަޖުދާ ހުރީ ކޮޅަށް ތެދުވެ ގެއަށްދާން ތައްޔާރު ވެގެންނެވެ. ނަޖޫ ދޭ! ރީމް ދާނީ އަދި އިރުކޮޅަކުން. މިޔަދު އެހާ އަވަހަށް ގެޔަށް ދާކަށް ބޭނުމެއް ނޫން. ނަޖުދާ އާ ދިމާލާށް މޫނު އުފުލާލަމުން ރީމާ ޖަވާބު ދިނެވެ. އެހާ ލަސްވަންދެން އެތާ ނުއިނުމަށް ބުނަމުން ނަޖުދާ ގެއަށް ދިއުމަށް ހިނގައިގަތެވެ. އޭރު އެދިމާ އަތިރިމަތީ މީހުން ވަނީ އެއްކޮންހެން ހުސްވެފައެވެ. އުމުރުން ދުވަސްވީ ދެތިން މީހަކު ފިޔަވާ އެހިސާބުން އިތުރު މީހަކު ފެންނާކަށް ނެތެވެ.
ނަޖުދާ ގޮސް ގެއްލެންދެން ރީމާ އެދިމާލަށް ބަލަންއިނެވެ. ނަޖުދާ ނުފެންނަ ހިސާބަށްގޮސް ރީމާގެ ލޯމައްޗަށް ގެއްލުމުން އެބުރި އޮއްސެމުންދިޔަ އިރާ ދިމާލަށް ރީމާގެ ނަޒަރު ހުއްޓުވާލިއެވެ. ގުދުރަތީ އެ ރީތި މަންޒަރުގެ ތެރެއަށް ރީމާ ގެނބެމުން ދިޔައީ އޭނާގެ ބާރަކާ ނުލައެވެ. އިރުއޮށްސޭ މަންޒަރުން ރީމާގެ ހިތަށް ހިތްހަމަ ޖެހުން ގެނުވަދެމުން ދިޔައެވެ.
ރީމާއަށް ސިހުމެއްވީ ކައިރީ މީހަކު ހުރިކަމުގެ އިހުސާސެއް ކުރެވުމުންނެވެ. ވަށައިގެން ބަލާލީ ޖެހިލުންވެ އިނދެއެވެ. މުޅިމާހަުލަށް ވަނީ ކަޅުއަދިރިކަމެއް ވެރިވެފައެވެ. ރީމާގެ ހިތަށް ޒާތެއްގެ ބިރުވެރިކަމެއް ވެރިވިއެވެ. ހީވި ހީވުމެއް ކަމައް ބަލާ ފައިވާން އަތަށް ނަގާ ހިނގައިގަތީ މޫދުގެ ރާޅުހިސާބަށް ދިއުމަށެވެ. މަޑުމަޑުން ގޮނޑުދަށަށް ބީއްސަމުން ދިޔަރާޅު ތަކުން ހީވަނީ މަޑު މިއުޒިކެއް ކުޅެމުން ދާހެންނެވެ. މަޑުފިޔަވަޅު ތަކެއް އަޅަމުން ރީމާ ހިނގައިގަތީ އެއްކޮޅުން ފެންނަން ހުރި ހޮޅިބުރީގެ ފަނޑު އަލި ހުރި ދިމާއަށެވެ. ވަކި ހިސާބަކަށް ދެވުމުން މީހުންގެ ހިލަން ވާން ފަށައިފިއެވެ. އެހެން ކަމުން އިތުރަށް އެތާ މަޑުކޮއްލުމަށް ރީމާގެ ހިތް ބުނަމުން ދިޔައެވެ.
އެއްގަމާ ވީ ފަޅީގާ ހަދާފާވާ ހިލަ ގޮނޑިއާ ދިމާލަށް ރީމާގެ މިސްރާބު ބަދަލުކޮއްލީ ފައިވާން ބިންމަތީ ބަހައްޓާ އެޔަށް ފަައި ކޮއްޕާލަމުންނެވެ. ހިލަ ގޮނޑީގާ އިށީންނަމުން ދެފަރާތް ބަލާލީ ކައިރި ހިސާބަކުން މީހަކު ފެނޭތޯއެވެ. މާ ދުރު ނޫން ހިސާބެއްގާ ދެތިން މީހަކު އެއްވެ ވާހަކަ ދައްކަން ތިއްބެވެ. ޖެހިލާ މަޑު ވައިރޯޅިތަކަށް ރީމާގެ ހާވާލާފާވާ ދިގު އިސްތަށިގަނޑު މަޑުމަޑުން ނަށަމުން ދެއެވެ. ދޭރެއަކުން މޫނުމައްޗައް ވެއްޓޭ އިސްތަށި ކޮޅޫތައް ކަންފަތް ދަށަށް ލާ ހަރު ކޮއްލައެވެ.
“ރީމާ” ފަހަތުން މީހަކު ގޮވާލި އަޑުއިވުނެވެ. އެއީ ރީމާއަށް މީގެ ކުރިންވެސް އިވިފާވާ އަޑެކެވެ. ކުރީ ރޭގެ ހަނދާންތައް ހިތަށް ވެރިވުމުން ޖެހިލުންވެ ބިރުގަންނަ ގޮތް ވިއެވެ. ފަހަތް ބަލާލަން ފަސް ޖެހުނެވެ. ތެޅިތެޅި އޮތް ހިތަކާ އެކު ރީމާ ފަހަތަށް ބަލާލީ މޭމަތީ އަތް އަޅާލަމުންނެވެ. ފަހަތުގާ ހުރީ ޒުވާން ރީތި ފިރިހެނެކެވެ. ފަޑު އަލިކަމުގެ ތެރޭންވެސް ރީމާއަށް އެ ޒުވާނާގެ ރީތިކަން ފާހަގަ ވިއެވެ. ކުރުކޮން ކޮށާފާވާ އިސްތަށިގަނޑު ވަނީ ރީތިކޮން ސްޓައިލް ކޮއްފައެވެ. ގައިގެ ހަމުގެ ކުލަ ދޮންވެފާ ލޮލުގެ ކަޅިވަނީ މަޑު މުށި ކުލައެއްގައެވެ. ދިގު އިސްކޮޅެއްގެ ވެރި އެ ޒުވާނާގެ ވަނީ ކަސްރަތީ ހަށިގަނޑެކެވެ.
ކަޅިޖަހާނުލާ ރީމާއަށް އެޒުވާނާއާ ދިމާލަށް ބަލަން އިދެވުނެވެ. ތީ ރީމާތަ؟ އެ ޒުވާނާ ރީމާއަށް ސުވާލެއް ރައްދު ކޮއްލިއެވެ. ރީމާ ބޯޖަހާލީ އާއެކޭ ބުނުމަށެވެ. އަދިވެސް ކަޅިޖަހާނުލާ ރީމާ ބަލަމުން ދިޔައީ އެ ޒުވާނާގެ މޫނަށެވެ. އަހަރެން މިތާ އިށީނަސް އޯކޭތަ؟ މިފަހަރުވެސް ރީމާ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. މަށަށް ކިޔަނީ ޒާން. ޒާން އަމިއްލައަށް ތައާރަފް ވެލިއެވެ. ވާހަކަ ނުދައްކަންތަ ތި އިނީ؟ ޒާންއާ ހެދި ރީމާ އަށް އުނދަގޫވަންޏާ ޒާން ގޮސްދާނަން. އިސްޖަހާލައިގެން އިން ރީމާގެ މޫނަށް ބަލަން މަސައްކަތް ކުރަމުން ޒާން ބުނެލިއެވެ. ނޫން، އުނދަގުލެއް ނުވޭ! ކިހިނެއް އަހަރެން ދަންނަނީ؟ މީގެ ކުރިން ދުވަހަކުވެސް އަހަރެން ނުދެކެން މި ރަށަކުން ޒާންއެއް! އިސްއުފުލާލާ ޒާންއާ ދިމާލަށް ބަލާލަމުން ރީމާ ސުވާލުތައް ބަންޑުން ކޮއްލިއެވެ. އޭރުވެސް ޒާން އިނީ ރީމާއާ ދިމާލަށް ބަލާށެވެ. އެ ބެލުމުގާ ތޫނުކަމެއް ހުއްޓެވެ. ޒާންގެ އެބެލުމުން ރީމާ ލަދުގަންނަ ގޮތް ވުމުން އިސްދަށަށް ޖަހާލިއެވެ.
އާން! ޒާން މީ މިރަށު ކުއްޖެއް ނޫން. ޗުއްޓީއްކަށް މި ރަށަށް އްއިސްގެން މިއުޅެނީ. ރީމާ އަކަށް ނޭންގޭނެ ޒާންމީ ކާކުކަމެއްވެސް. އެކަމު ޒާންއަށް އެނގޭ ރީމާ. ދުވަސްކޮޅެއް ވެއްޖެ ރީމާއާ ވާހަކަ ދައްކަން މަސައްކަތް ކުރާތާ. މިރޭ މި ކާމިޔާބުވާ ގޮތެއް ވީ. ޒާން ވާހަކަ ދައްކަމުން ދިޔައިރު ރީމާ އިނީ ޒާންގެ ހަރަކާތް ތަކަށް ގެއްލި ހުސްވެފައެވެ. ހީވަނީ ޒާން ދައްކަމުންދިޔަ ވާހަކަތައް ރީމާގެ ކަންފަތަށް ނުވަންނަ ހެންނެވެ. ބަހެއް ނުބުނެ ރީމާ އިނުމުން ޒާން ތަންކޮޅެއް ބާރަށް ރީމާއަށް ގޮވާލުމުން ރީމާއަށް ހަމަ ބިމަށް އާދެވުނު ކަހަލައެވެ. ޒާންއަށް ރީމާ ވަރަށް ކަމުދޭ. އަނެއްކާވެސް ޒާން ވާހަކަަ ދައްކަން ފެއްޓިއެވެ. އަހަރެން ބޭނުން ރީމާއާ ރައްޓެހިވާން. ޒާން ގެ ފަހު ޖުމްލައިން ރީމާއަށް ސިހުމެއް ލިބުނެވެ. ވާނީވެސް އެހެންތާއެވެ. މީގެ ކުރިން ދުވަހަކުވެސް ފެނިފާ ނުވާ މީހަކު ހަމަ ކުއްލިއަކަށް ރައްޓެހިވާން އެހުމުން ޝޮކެއް ނުލިބޭނީ ކާކަށް ހެއްޔެވެ؟ ބުނާނެ އެއްޗެއް ނޭންގި ރީމާ އިނީ އެ ގޮތް ނޭންގޭ ޒުވާނާގެ މޫނަށް ބަލާށެވެ.
— ނުނިމޭ —