
މަންޒިލް 28
އަހުސަމް ފަދައިން މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށް ވުމުގެ ހުވަފެން ކުޑަ ކުޑަ އަހާން ދެކެމުން ދިޔައެވެ. ބައްޕަ އަހުސަމްއެކޭ އެއްގޮތަށް ފުޓުބޯޅަ ކުޅުމުގެ ހުނަރު އަހާން ގައިގައި ހުއްޓެވެ. ރާއްޖޭގެ ކްލަބް އީގަލްސްގެ އެކަޑަމީގައި އަހާން ދިޔައީ ތަފާތު ކުޅުމެއް ދައްކަމުންނެވެ. ރިއަންއަކީ އޭރު އަހާންގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ އެންމެ އިތުބާރު ކުރާ އެކަކަށް ރިއަން ވެގެން ދާނެއެވެ. އެނާ އާއި ރިއަންގެ އެކުވެރިކަމުގައި ރިއަން ޒާޔާއާ ވެސް އެކުވެރިވިއެވެ. އެހެނަސް ރިއަންއަށް ވުރެ ބޮޑަށް ފުޓުބޯޅަކުޅުގެ ހުނަރު އަހާން ގައިގައި ހުރެއެވެ. ކޯޗުގެ ލޮތްބާއި އިތުބާރު ރިއަން ވުރެ އަހާންއަށް ބޮޑެވެ. ފުރަތަމަ އެއީ މައްސަލައެއް ކަމުގައި ރިއަން ނުދެކެއެވެ. އެކުވެރިޔާއާ މެދު އޭނާ ވެސް ފަޚުރުވެރިވިއެވެ. ރިއަން ހިތުގައި އަހާންއާ މެދު ހަސަދަވެރިކަން އުުފެއްްދީ ޝާރިމްެއެވެ. ރިއަންގެ ކުޑަ ސިކުނޑިއަށް ފާޑުފާޑުގެ ވަސްވާސް ލައިދޭން ފެށިއެވެ.
އިނގެރޭސި ވިލާތުގެ އެވަޓަން އާއި ކުލަބު އީގަލްސްއާ ދެމެދު ވީ އެއްބަސް ވުމެއްގެ ދަށުން އީގަލްސް އެކަޑެމީގައި ކުޅެމުން ދިޔަ ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު އެއް ކުޅުންތެރިޔަކު އެވަޓަންގެ ޓީމަށް ނަގަން ފެށިއެވެ. އެވަރޓަން އެކަޑެމީން އައިސް ތިބި ކޯޗުންގެ ލޮލުގައި ފުރަތަމަ ވެސް އަހާން އަޅަައިގަތެވެ. އަހާން ބޯޅަ ހިފައިގެން ދެމިގަންނަ ގޮތާއި ބޯޅަ ހޯދަން ކުރާ މަސައްކަތް އެހެން ކުޅުންތެރިންނަށް ވުރެ ތަފާތެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމީހުންގެ ލިސްޓުގެ އެއްވަނައިގައިވީ އަހާންގެ ނަމަވެ. އެކަން ރިއަންއަށް އެނގުމާއެކު ރިއަންގެ ހިތް ކުރިއަަށް ވުރެ ބޮޑަށް ހަސަދައިން ފޯވިއެވެ. އަހާން ހުރިހާ ހިނދަކު އޭނާއަށް ފުރުސަތެއް ނެތްކަން ރިއަންއަށް ވިސްނައިދިނީ ޝާރިމެވެ. އެވަޓަންއަށް ކުޅެން އޭނާ ދެކެމުން އަންނަ ހުވަފެން ހަޤީޤަތަކަށް ހެދުމަށް އޮތް ހުރަހަކީ އަހާންކަން ރިއަންއަށް ޝާރިމް ވިސްނަދިނެވެ. އޭނާގެ މަގުން އަހާން ދުރުކުރަން ހަދަންވީ ގޮތް ވެސް ޝާރިމް ކިޔައިދިނެވެ. ހިތުގައިވި ހަސަދައިގެ ސަބަބުން ޝާރިމްގެ ބަސް އަހައިގެން ޝާރިމް ބުނި ފަދައިން ރިއަން ކަންތައް ކުރިއެވެ.
މެޗު ފެށުމުގެ ކުރިން އޮތް ޕްރެކްޓިހުގައި އަހާންއަށް ނޭންގި އަހާން ބޯން ގެންގުޅުނު ޖޫސް ފުޅިއަށް ޝާރިމް އޭނާއަށް ދިން ބޭސްގުޅައެއް ވައްޓާލިއެވެ. އަދި އަހާންގެ ބެކްޕެކް ތެރެއަށް ޝާރިމް ދިން ޕެކެޓެއް ލިއެވެ. ޚުދު ރިއަންއަށް ވެސް އެއީ ކޮންކަހަލަ ބޭހެއް ކަމެއް ނޭންގެއެވެ. އޭނާގެ މަގުން އަހާން ކަސިޔާރު ކުރަން ބޭނުންވެފައި ހުރި ވަރުން ވިސްނާނުލައި ޝާރިމްގެ މަޅީގައި ޖެހެވުނީއެވެ.
މެޗަށް އަރަން ވަގުތު ކުޑަ ވަމުން ދިޔަވަރަކަށް އަހާން ބޮލުގައި ރިހުން ގަދަވާން ފެށިއެވެ. އަހާންއަށް ހީވީ މެޗު ކުޅެން ޖެހޭތީ ހާސްވެފައި ހުރުމުން ބޮލުގައި ރިހެނީ ކަމަށެވެ. އޭނާ ބޮލުގައި ރިހޭކަން އެކަކަށް ވެސް ނޭންގީ އެހެންވެއެވެ.
މެޗަށް އެރިފަހުން ބޮލުގެ ރިހުން ކުރިއަށް ވުރެ ގަދަވިއެވެ. ލޯ ހުޅުވާލުން ވެސް އޭނާއަށްވީ އުނދަގޫ ކަމަކަށެވެ. އޭނާ ދަނޑުމަތީގައި އުޅެން ފެށީ ހަމައިން ނެއްޓިފައި ހުރި މީހެއް ފަދައިންނެވެ. އިސްރާ އަދި އަހުސަމްގެ އިތުރަށް އީގަލްސްގެ ކޯޗިން ސްޓާފަށް ވެސް އެކަމުން ހައިރާންކަން ލިބުނެވެ. ވަގުތުން މެޗުގެ ކުޅުން ހުއްޓާލިއެވެ.
އީގަލްސްގެ މެޑިކަލް ޓީމުން ހެދި ޓެސްޓުން އަހާން ޑްރަގްސް ބޭނުން ކުރި ކަމަށްވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަހާންގެ ދަބަސް ތެރެއިން މަސްތުވާތަކެތި އަޅައިފައި ހުރި ޕެކެޓެއް ފެނުނެވެ. އަހާން މަސްތުވާތަކެތި ބޭނުން ކުރާނެ ކަމަކަށް އަހުސަމް އަދި އިސްރާ ވެސް ޤަބޫލެއް ނުކުރެއެވެ. އަހާން އަކީ އެފަދަ ކަމެއް ކުރާ ވަރަށް ވުރެ ވިސްނުން ރަނގަޅު ބަސް އަހާ ކުއްޖެކެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އަހާން ގެންދިޔަކަށް އެނގުމާއެކު ރިއަން ބިރުގަތެވެ. ވިސްނާނުލާ ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އޭނާއަށް ރޭކައިލީ ދެނެވެ. އޭނާގެ ބޮލަށް އެރިގެން ޝާރިމް ކުރިވި ކަންތައް ވިސްނުމާއެކު ޝާރިމްދެކެ ރުޅިއާދެވުނެވެ. އެއަށްވުރެ ބޮޑަށް، ޝާރިމްގެ ވަސްވާސްތަކަށް ހެއްލުމުން އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ.
މަސްތުވާތަކެތި ބޭނުންކޮށްގެން ހުރެ ފުޓުބޯޅަ މެޗެއް ކުޅެން ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަހުސަމްގެ ދަރިފުޅު އަހާން އެރިކަން މުޅި ސޯޝަލް މީޑިއާއަށް ފެތުރިގެން ދިޔައެވެ. ގިނަ ބަޔަކު އަހާންއާ ދިމާއަށް އެއްޗިހި ކިޔައި ކޮމެންޓްކޮށްފައި ހުރިއިރު އަނެއް ބަޔަކު އަހާންގެ ދިފާއުގައި ވާހަކަ ދައްކައިފައި ހުއްޓެވެ. ނޫސްވެރިންގެ ކޯލުތައް ހުއްޓުމެއް ނެތި އަހުސަމްއަށް އަންނަމުން ދިޔައެވެ.
ހަމަހޭވެރިކަން ވީއިރު އަހާން ހުރީ ފުލުހުންގެ އިދާރާގައެވެ. ވެގެން އުޅޭ ގޮތް ފުލުހަކު ކިތައިދިނުމުން އަހާންްއަށް ކުއްލި ސިހުން ލިބިގެން ދިޔައެވެ. އޭނާއަށް ކުރެވެމުން ދިޔަ ތުހުމަތު ތަކަށް ވަގުތުން އިންކާރު ކުރިއެވެ.
އަހާން ސަލާމަތް ކުރާނެ ގޮތެއް ނޭންގި އަހުސަމް އާއި އިސްރާ ތެޅިފޮޅެމުން ދިޔައެވެ. އެކި މީހުންނަށް ގުޅައިގެން އަހާން ގެއަށް ގެނެވޭތޯ އަހުސަމް މަސައްކަތް ކުރަމުން ދިޔައެވެ. ނުރޯން ހުއްޓެއް ކަމަކު އިސްރާއަށް ރޮވެން ފެށިއެވެ. ނުކުރާ ކުށެއްގެ އަދަބު ދަރިފުޅަށް ލިބޭތަން ކެތްވާނީ ކާކަށް ހެއްޔެވެ؟
“ރިއަން މޮޔަވީތަ؟ ތި އުޅެނީ ޖަލަށް ދާހިތުންތަ؟” ރިއަން އަމިއްލައަށް ފުލުހަށް ގުޅަން އުޅުމާއެކު ޝާރިމް ރިއަން އަތުން ފޯނު އަތުލިއެވެ. “އާނ. ދެން ވަކި ކިހިނެއް ހަދާނީ؟ މަށާ ހެދި އަހާން…” ރިއަންގެ ސިކުނޑި ގޮވަން އުޅޭހެން ހީވިއެވެ. ޝާރިމްދެކެ އޭނާއަށް ރުޅި އާދެވުނެވެ. “މިއީ ހުސް ބޭބެގެ ކަންތައް. އަހަރެން ބޮލަށް އެރިގެން ކުރުވި ކަންތައް. އަހަރެން ދެން ކިހިނެއް އަހާން އަދި ޒާޔާއާ ކުރިމަތި ލާނީ؟” މޫނުގައި ދެއަތް އެޅަމުން ހުރިތަނަށް ރިއަންއަށް ތިރިވެވުނެވެ. ކުރެވުނު ކަންތަކާ މެދު އޭނާ ވަރަށް ލަދުގަނެ ދެރަވެސް ވެއްޖެއެވެ.
ރިއަންއަށް ވުރެ ކުރިން ޝާރިމް ގޮސް އަމިއްލައަށް ފުލުހުންނާ ހަވާލުވިއެވެ. ކޮންމެ ގޮތެއް ވިއަސް ރިއަންއަކީ އޭނާގެ ކޮއްކޮއެވެ. ކޮއްކޮއަށް ދެރަގޮތެއް ވާކަށް އޭނާ ބޭނުމެއް ނޫނެވެ.
އަހާން ދޫކޮށްލި ނަމަވެސް އޭނާގެ ފުޓުބޯޅަ ކެރިއަރު ވަނީ ނިމުމަކަށް އައިސްފައެވެ. ކޮންމެ ގޮތަކުން ވީ ނަމަވެސް އޭނާގެ ނަން މަސްތުވާތަކެއްޗާ ގުޅުމާއެކު އީގަލްސްއިން އަހާން ބޭނުމެއްނުވިއެވެ. އަހާން ސަލާމަތްވީ މަޝްހޫރު މީހެއްގެ ދަރިއަކަށް ވުމުން ކަމަށް މީހުން ޤަބޫލުކުރިއެވެ. ރާއްޖޭ މީހުންގެ މެދުގައި އަހާންގެ އަގު ވެއްޓިގެން ދިޔައެވެ.
“ރިއަން އެއް ނޫނެއްނުއެކަން ކުރީ. ޝާރިމް އެއްނު. އެހެންވީމަ ރިއަން ނުޖެހޭނެ މާފަށް އެދޭކަށް” އަހާންގެ ކިބައިން ރިއަން މާފަށް އެދުނެވެ. އަހާން އޭނާދެކެ ރުޅި ނައުމުން އިތުރަށް ކުށްވެރިކަން އިޙްސާސް ކުރެވުނެވެ. ސިއްރު ނުކޮށް ހަޤީޤަތް ހާމަކުރެވުނީ އެހެންވެއެވެ.
ރިއަންގެ ވާހަކަ ޤަބޫލުނުކުރެވުފައި އަހާންއަށް ހުރެވުނެވެ. އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރެމެ ރިއަން އޭނާއަށް އެދިނީ ކޮންފަދަ ބޮޑު ލަނޑެއް ހެއްޔެވެ؟ އޭނާގެ އަގާއި ދެކުނު ހުވަފެންތައް ވިއްސި ވިހާލިކޮށްލީއެވެ. އަހާންގެ ހިތުގައި ރިއަންއަށް ޓަކައި ނަފްރަތު އުފެދުނެވެ. އޭނާއަކީ ދުވަހެއްގެ ކޮޅުން މީހެއްދެކެ ނަފްރަތު ކުރި ކުއްޖެއް ނޫނެވެ. އައި ރުޅީގައި ރިއަން ލައިގެން އިން ގަމީހު ގިރުވާނުގަ ހިފައި އަހާން ދަމައިގަތެވެ. އަދި ރިއަން ކަރުގައި ހިފައި ބާރުކޮށްލިއެވެ. ރުޅިން ގޮސް އޭނާގެ ދެ ލޮލުން ކަރުނަ ހިލި ލޯ ވަނީ ރަތްވެފައެވެ. މުޅި މީހާއެކީ ދިޔައީ ތުރުތުރު އަޅަމުންނެވެ.
ކަރަށް ބާރުވުމާއެކު ރިއަންއަށް ނޭވައި ލާން ދަތިވިއެވެ. ނަމަވެސް ސަލާމަތްވާން އެއްވެސް މަސަައްކަތެއް ރިއަން ނުކުރެއެވެ. އެއަށްވުރެ ބޮޑަށް އޭނާ ވަނީ އަމިއްލަ ނަފްސުދެކެ ރުޅި އައިސްފައެވެ. އަހާން ދޭ ކޮންމެ އަދަބަކީ އޭނާއަށް ހައްޤު އަދަބެއް ކަމުގައި ޤަބޫލުކުރިއެވެ.
އިޝަލް އާއި ޒާޔާ ވެގެން އަހާން ރިއަންއާ ދުރުކުރިއެވެ. އޭރު ނޭވާ ހާސްވެގެން ރިއަން ތެޅިފޮޅެމުން ދިޔައެވެ. ރިއަންގެ ދޮން ކަރުގައި އަހާން އަތްތިލައިގެ ނިޝާން ރީތކޮށް ފެންނަން ހުއްޓެވެ.
ކަރުނަވީ ދެ ލޮލުން ޒާޔާއަށް ރިއަންއާ ދިމާއަށް ބަލައިލެވުނެެވެ. އޭނާ އުއްމީދު ކުރި ފަދަ ކުއްޖަކަށް ރިއަން ނުވިއެވެ. ރިއަން އެތަނުން ދާށޭ ކިޔައި އިޝަލް ހަޅޭއްލަވައިގަތެވެ. މާފަށް އެދެން ރިއަން އަނގަހުޅުވުމާއެކު ރިއަން އަތުގައި ހިފައި ދަމަމުން ގެން ގޮސް އިޝަލް އޭނާ ބޭރުކޮށްލިއެވެ.
ޝާރިމް އަމިއްލައަށް ފުލުހާއި ހަވާލުވުމުން އަހުސަމްމެން ރިއަންއާ ދެކޮޅަށް މައްސަލަ ހުށައެއް ނާޅައެވެ. އަހާން ގޮވައިގެން އަހުސަމް އާއި އިސްރާ ލަންޑަނަށް ބަދަލުވީއެވެ. އޭގެ ފަހުން ރިއަންއަށް ވީ ގޮތެއް އަދި ރިއަން އުޅޭތަނެއް ވެސް އެމީހުން ނުބަލައެވެ. އޭގެ ފަހުން ފުޓުބޯޅަ ކުޅުމާއި އަހާން ދުރުވިއެވެ. ބޭރުގެ ކުލަބަކަށް ކުޅުނު ކަމުގައި ވިއަސް ޤައުމީޓީމަށް ނުކުޅެވޭނެތީވެ ކުޅުމުގެ ބޭނުމެއް އަހާންއަކަށް ނުވިސްނުނެވެ.
އަހާންގެ މުޅި މުސްތަޤުބަލު ހަލާކުކޮށްލައިގެން ޝާރިމް އައިރާގެ ކިބައިން ރަނގަޅު ބަދަލެއް ހިފިއެވެ. އޭނާ ޖަލަށް ދާން ޖެހުނު ނަމަވެސް އައިރާގެ ހިތަށް އަނިޔާ ދެވުނީތީ ހިތްހަމަ ޖެހުން ލިބުނެވެ.
*****
“ޒީ ބޭބެ ޖަލުން ދޫކޮށްލައިފި. އަހަރެން ބިރުގަނޭ ބޭބެ ޒީއަށް ކަމެއް ކޮށްފާނެތީ” ރިއަންއަށް ޝާރިމް ޖަލުން މިނިވަންވިކަން އެނގުމާއެކު ހިތުގައި ބިރުވެރިކަން އުފެދުނެވެ. “އެހާ ބިރުނުގަނޭ. އޭރު ރިއަންގެ ބޮލަށް އެރެވުނަސް މިހާރު އެހެނެއް ނުހެދޭނެ. އެހެންނޫނަސް ޝާރިމް ކިބައިން އަހަރެން ސަލާމަތް ކުރަން ރިއަން ހުންނާނަމެއްނު” ހިނިތުންވެލަމުން ޒާޔާ ބުނެލިއެވެ. ގައިމުވެސް ރިއަން ބޭނުންކޮށްގެން މިހާރަކު ޝާރިމަށް އޭނަ އަދި އަހާންއަށް ވެސް ގެއްލުމެއް ނުދެވޭނެއެވެ.
މިންހާ އައި ޒާޔާ އަދި އަހާން ހިނގާލަށް ޕާކަށް ގޮސްގެން އުޅުނެވެ. އެ ހަފްތާ ބަންދުގައި މެޗެއް ނެތުމުން ދެދުވަހަށް ޔޫސުފްމެން ލަންޑަނަށް އައީއެވެ.
ޒާޔާ އައީ އަހާންގެ މެދުގައި އިނދެ ޕާކަށް ވަން މިންހާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ ރަތްކުލައިގެ ހުޑީއެއް އަޅައިގެން އިން އެރިކް ފެނިފައެވެ. އާންމުންނަށް އޭނާއަކީ ކާކުކަން އެނގި ދާނެތީ ހުޑީ އަޅައިގެން އޭގެ އިތުރަށް އަވި އައިނެއްވެސް އެރިކް އަޅައިފައި ހުއްްޓެވެ. ކިތަންމެ ފޮރުވިގެން ހުއްޓަސް މިންހާއަކަށް އެރިކްއެއް ނޯޅޭނެއެވެ.
“ރިކް” ގަދަ ނޫކުލައިގެ ޝޯލަކާއި ހަމަ އެކުލައިގެ ހެދުމަކައީ ޖިންސެއް ލައިފައި ހެދުން މަތިން ކަޅު ޖެކެޓެއް ލައިގެން ހުރި މިންހާ ފެނުމުން އެރިކްގެ ހިތް ވިރިގެން ނުދިޔައީ ކިރިޔާއެވެ. މޭގައި އަތް އަޅާލަމުން ‘ހާއޭ” ބުނެވުނީ އެހެންވެއެވެ. އެއާާއެކު ރަކިވެގެން މިންހާ އިސްޖަހައިލިއެވެ. އޭރު އޭނާ ތުންފަތް މަތީ ފުޅާ ހިނިތުންވުމެއް ވިއެވެ. އެެރިކް އަތްދިއްކޮށްލުމާއެކު މިންހާ އެރިކް އަތުގައި ހިފިއެވެ.
މިންހާގެ ފިނި އަތުން އޭނާގެ އަތުގައި ހިފުމާއެކު އެ އަތުގައި ހިފައި އެރިކް ބާރުކޮށްލިއެވެ. ދުވަހެއްގެ ކޮޅުންވެސް އެ އަތުން ދޫކުރާކަށް އެރިކްގެ ހިތެއް ނޭދެއެވެ. މުޅި އުމުރަށް އެ އަތުގައި ހިފައިގެން ހުންނަން އެރިކް ބޭނުމެވެ.
ޖޯޝުއާ އާއި އިޝަލް ރެސްޓޯރެންޓެއްގައި ތިއްބެވެ. މިންހާއާ ބައްދަލުވީ ފަހުން މިންހާގެ ވާހަކަ ނޫން އެހެން ވާހަކައެއް ޖޯޝުއާ ނުދައްކައެވެ. ޖޯޝުއާ އެވަރަށް މިންހާގެ ވާހަކަ ދައްކާތީ އިޝަލް ހުރީ ބޯ ގޮވާފައެވެ. “ކަލޭއަށް މިންހާގެ ނަން ނޫން ނަމެއް ނުކިޔޭ ދޯ މިހާރު” އެންމެ ފަހުން އިޝަލްއަށް ނުކުޅަދާނެ ވެގެން ނުރުހިފައި ބުނެލިއެވެ. “އެހެންތާ ވާނީ އަހަރެން ނަން ކިޔަން ބޭނުންވާ ކުއްޖާ އަހަރެންގެ ހިތް ހަލާކުކޮށްލީ ވިއްޔާ” އެއް މިޔައަކަށް ހީނލަމުން ހިތްދަތި ގޮތަކަށް ޖޯޝުއާ ބުނެލިއެވެ. “އެއްކަލަ ނަން ނޭންގޭ ކުއްޖާ. ކަލޭ އަދިވެސް އެއީ ކޮން ކުއްޖެއް ކަމެއް މަގޭ ގާތު ނުބުނޭ” ޖޯޝުއާގެ ހިތްހަލާކު ކޮށްލި ކުއްޖަކީ ކޮބައިކަމެއް އަދިވެސް އިޝަލްއަކަށް ނޭންގެއެވެ. އެކުއްޖާގެ ވާހަކަ ދެއްކި ނަމަވެސް އެ ކުއްޖާގެ ނަމެއް ދުވަހަކުވެސް ޖޯޝުއާ ނުބުނެއެވެ.
މީހުން މަދު ހިސާބެއްގައި ހުރި ބެންޗެއްގައި އެރިކް އާއި މިންހާ އިށީންދެލައިގެން ތިއްބެވެ. މިންހާ އަތުގައި އައިސްކޯނެއް އޮތެވެ. ކުޑަކުއްޖެ ފަދައިން މިންހާ އައިސް ކޯން ބޮމުން ދިޔައިރު ކަޅި ވެސް ޖަހައި ނުލައި ބަލަހައްޓައިގެން އެރިކްއަށް ހުރެވުނެވެ.
“ވިލް ޔޫ މެރީ މީ؟” ކުއްލިއަކަށް ހުރެފައި އެރިކް ކުރި ސުވާލުން މިންހާއަށް އައިސް ކްރީމްގަނޑު ހަފާލެވުނެވެ. ފިނިވެގެން ދަތަށް ހީލި އެރުމާއެކު ތެޅިގަތްބޮނޑީ އަތުގައި އޮތް އައިސް ކޯނު ވެއްޓި ލައިގެން އިން ޖެކެޓު މުޅިން ހަޑިވިއެވެ.
މިންހާއަށް ވީގޮތް ފެނުމާއެކު ކުރެވުނު ސުވާލާއި މެދު އެރިކް މޮޔަހީވީއެވެ. ދެމީހުން އެކީގައި އުޅޭކަން އާއިލާއަށް ވެސް ނޭންގެނީސް އިންނަމް އެހުމުން ވާނީ ކިހިނެއް ހެއްޔެވެ؟ ކުރެވުނު ކަންތައް ރޭކައިލުމާއެކު ހިތާހިތުން އަމިއްލަ ނަފްސަށް ކުދި ކިޔައިލެވުނެވެ.
“ސޮރީ އަހަރެން އެހެންބުނި އެއްޗެއް ނޫން” އެރިކް ވަގުތުން މާފަށް އެދުނެވެ. އެއަށްފަހު އޭނާ ލައިގެން އިން ކަޅު ޖިންސުގެ ޖީބު ތެރެއިން ކުޑަ ރުމާކޮޅެއް ނަގައިފައި މިންހާ އަތަށް ދިނެވެ. “ތިބުނީ ރިކީ އަހަންނާ އިންނާކަށް ބޭނުމެއް ނޫނޭތަ؟” އެރިކް ދިން ރުމާ ކޮޅުގައި ހިފަމުން މިންހާ ބުނެލިއެވެ. ލިބުނު ހައިރާންކަމުގައި އެރިކްއަށް މިންހާއާ ދިމާއަށް ބަލައިލެވުނެވެ. “ކޮންމެސް ދުވަހަކުން ރިކްއާ އެއްކޮށް ޙަޔާތެއް ފަށަން ބޭނުން. މުޅި އުމުރަށް ރިކްގެ މީހަކަށް ވާނެ ދުވަހަކަށް އިންތިޒާރު ކުރަން. އެކަމަކު އަދިއެއް އަހަރެން ތައްޔާރެއް ނޫން އެ ދުވަހަކަށް” “އެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން” މިންހާގެ ވާހަކަ އެރިކްއަށް ޤަބޫލު ކުރެވެނުވެ. ތެދަށް ބުނަނީނަމަ އޭނާ ވެސް އަދި އެ ދުވަހަށް ތައްޔާރެއް ނޫނެވެ. އެރިކް މިންހާގެ އަތްތިލައިގައި ހިފައި ވަރަށް ލޯބިން އެ އަތުގައި ބޮސް ދިނެވެ.
އެކަނި މާ އެކަނި އަހާން ބެންޗެއްގައި އިށީންދެގެން އިނީ ރިއަން އައުމުން ޒާޔާ ވެސް ރިއަންއާ އެއްކޮށް ދިއުމުންނެވެ. ދެ އަންހެން ކުދިން އަންނަންދެކަށް މަޑުކޮށްގެން އޭނާ އިނެވެ.
ރިއަން އާއި ޒާޔާ އަތު ހިފައިގެން ނިކަން ލޯބިން ތިބި ތަން ފެނުމުން އަހާންގެ ހިތުގައު ވޭން އަޅައިގެން ދިޔައެވެ. އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވުމުން ހިތާ ދިމާގައި އަތް އަޅާފައި ދެލޯ މަރާ ބާރުކޮށްލިއެވެ.
ޖެކެޓަށް އައިސްކްރީމް އެޅިފައި ހުރުމާއެކު ގިނަ އިރު މަޑު ކުރާކަށް މިންހާ ބޭނުމެއް ނުވިއެވެ. އެެރިކްއާ އެކު މަޑު ހިނގުމެއްގައި އައި މިންހާގެ ފިޔަވަޅުތައް ބާރުކޮށްލީ އުނދަގޫ ގޮތަކަށް މޭގައި އަތް އަޅައިގެން އަހާން ފެނިފައެވެ. އެރިކް އަތުތެރޭ އޮތް އޭނާގެ އަތް މަހާލުމަށް ފަހު މިންހާ ދުއްވައިގަތެވެ.
“އަހާން ޔޫ އޯކޭ؟” އަހާންގެ ކަނާއަތް ފަޅީ ބެންޗުގައި އިށީންދެފައި މިންހާ ކަންބޮޑުވެފައި އެހިއެވެ. “އައި ތިންކް ސޯ” ހިތްދަތި ގޮތަކަށް އަހާން ބަލާލީ ދިމާއަށް މިންހާ ބަލައިލިއެވެ. އެކުގައި ތިބި ޒާޔާ އާއި ރިއަން ފެނުމުން ހަމްދަރުދީގެ ނަޒަރަކުން އަހާންއަށް މިންހާ ބަލައިލިއެވެ. “ގެއަށް ދާން ބޭނުން. ހިނގާ އެ ދެމީހުން ބައިތިއްބާފަ ދާން. މަގޭ މުޅި ޖެކެޓަށް އައިސް ކްރީމް އެޅިއްޖެ” ތުންކޮޅު އޫކޮށްލަމުން މިމްހާ އެހެން ހުނުމާއެކު އަހާންއަށް ހެވުނެވެ. “އެއްކަލަ ބޭބީ މިންހާ” އަހާން އަތުގައި ހިފައި ނަގަމުން މިންހާ އަހާންއަށް ދެލޯ އަޅާއިލިއެވެ. އޭރު އެރިކް އެ ހިސާބަށް އަރައި ހަމަވެފައި އަހާން ރަނގަޅުތޯ އެހިއެވެ. އަހާން ހިނިތުންވެލައިފައި އާއެކޭ ބުނެލިއެވެ.
ޕާކުން ނުކުމެފައި އެ މީހުން ގެއަށް ދަނީ ކަމަށް ލިޔެފައި އަހާންގެ ފޯނު ޒާޔާއަށް މެސެޖެއް ފޮނުވާލިއެވެ. މިންހާގެ ބޭނުމަކަށްވީ މަދު ވަގުތުކޮޅަކަށް ނަމަވެސް ޒާޔާ ނުފެންނަ ހިސާބަށް އަހާން ގެންދާށެވެ.
ނުނިމޭ
2 Comments!
Comments are closed.
V reethi mi episode vx. kurin huri kahala kuhthakeh vx Neiy. Keep it up sis
Wowwwww very nice waiting for the next part of the story. Keep it up!