Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

މަންޒިލް 29

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 9, 2021 10 Mins Read
3 Comments

ޕާކުން ނުކުމެފައި އެ މީހުން ގެއަށް ދަނީ ކަމަށް ލިޔެފައި އަހާންގެ ފޯނު ޒާޔާއަށް މެސެޖެއް ފޮނުވާލިއެވެ. މިންހާގެ ބޭނުމަކަށްވީ މަދު ވަގުތުކޮޅަކަށް ނަމަވެސް ޒާޔާ ނުފެންނަ ހިސާބަށް އަހާން ގެންދާށެވެ.

*****

ކަށިގަނޑު ފުމުމާއެކު އާސެނަލް ކުޅުންތެރިން އުފާފާޅު ކުރަން ފެށިއެވެ. ގިނަ ދުވަސްތަކަކަށް ފަހު ފުރަތަމަ އެނބުރި ޔޫސީއޭލްއަށް އައިސް އެމީހުން އެ ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. އާސެނަލް ކުޅުންތެރިންނާއި މުޅި ކޯޗިން ސްޓާފު އެކުގައި އުފާފާޅު ކުރަމުން ދިޔައެވެ. ސްޕެއިންގެ ގަދަ ފަދަ ބާރު ރިއަލް މެޑްރިޑް ބަލިކޮށް ފައިނަލަށް ދެވެމުން އެމީހުންގެ އުފާވެރިކަން ވަނީ ދެގުނަ ބޮޑުވެފައެވެ. މެޑްރިޑް ކުޅުންތެރިން ދަނޑު މަތީ އިށީންދެލައިގެން ތިއްބެވެ. ބައެއް ކުޅުންތެރިން ގަދަޔަށް ރޮމުން ގެންދިޔައެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ އެރިކްއަށެވެ. އެރިކްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. ރިއަލް މެޑްރިޑްގެ ތަރި މަޓެއޯ މެސީ ހިފެހެއްޓުމުގައި އެރިކް ވަނީ ކުރި ހޯދާފައެވެ. ބޯޅައަށް ހުސްވާނެ އެންމެ ފުރުސަތެއް ވެސް މަޓެއޯއަކަށް އެރިކް ނުދެއެވެ. އަނެއްކޮޅުން މެޑްރިޑް ކޮޅަށް ޖެހި ހަމައެކަނި ލަނޑު ޖަހަން އެހީތެރިވެދިނީ އެރިކްއެވެ. މެޑްރިޑް ކުޅުންތެރިން އަތުން ފަހަތުން ބޯޅަ ހޯދައިގެން ކުރިއަށް އައިސް ވަރަށް ބަލާލުމަށް ފަހު އާސެނަލްގެ ކުރިއަށް ކުޅޭ ނިކްލައުސްއަށް ބޯޅަ ދިނެވެ. ނިކްލައުސް ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލުގެ މަތީކަނަށް ބޯޅަ ފޮނުވައިގެން މެޗުގައި ހަމައެކަނި ޖަހައިދިން ލަނޑު ކާމިޔާބު ކުރިއެވެ.

އާސެނަލް ކުޅުންތެރިން ގޮސް އަކްމަލް ވަށައިލިއެވެ. އަކްމަލްގެ މޫނު މަތީގައި ފުޅާ ހިނިތުންވުމެއް ވީއިރު ލޮލުގައި ކޮންމެސް ވަރަކަށް ކަރުނައިގެ އަސަރު ވިއެވެ. ހުރިހާ ކުޅުންތެރިން ވެގެން އެއް ފަހަރާ އަކްމަލް އުފުލައިލިއެވެ.

ތިނެއް ދޭއްގެ ނަތީޖާއަކުން ފްރާންސްގެ ޕީއެސްޖީ ބަލިކޮށް ފައިނަލުގެ އަނެއް ޖާގަ ޑޯރޓްމަންޑުން ހޯދިއެވެ. އެމީހުން މެޗު ކާމިޔާބު ކުރީ ޕީއެސްޖީން ދެ ލަނޑު ޖަހައިފައި އޮއްވައި ފަހަތުން އަރައެވެ. މެޗުގެ ފުރަތަމަ ވިހި މިނެޓު ތެރޭ ދެ ލަނޑު ޖަހައި ޕީއެސްޖީން ކުރި ހޯދިއެވެ. އެއާއެކު ދެން ޑޯރމަންޑު މޮޅުވާން އޮތް ފުރުސަތު ހަނިކަމަށް މެޗުގެ ކޮމެންޓޭޓަރުންނާއި އެނަލިސްޓުން ބުނަމުން ދިޔައެވެ. އެހެނަސް މެޗުގެ ދެވަނަ ހާފުގައި ތަފާތު މޮޅު ކުޅުމެއް ޑޯރޓްމަންޑުން ދެއްކިއެވެ. ކޮންމެ ކުޅުންތެރިއެއްގެ ކިބައިން ވެސް މޮޅުވާން ބޭނުންވެފައި ތިބި މިންވަރު ފެނިގެން ދިޔައެވެ. ކޮންމެ ކުޅުންތެރިއެއް ވެސް މެޗު ކުޅެމުން ދިޔައީ އެ ކުޅުންތެރިޔެއްގެ ސަތޭކަ ޕަސެންޓު ދީގެންނެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމެން ފަނަރަ މިނެޓަށް ވެފައި ހުއްޓައި ގާތް ގާތު ތިން ގޯލު ޖަހައި މުޅި މެޗުގެ ނަތީޖާ ޑޯރޓްމަންޑުގެ ޒުވާން ކުޅުންތެރިން އަނބުރާލީއެވެ.

ހަފްތާއެއް ފަހުން އޮންނަ ޔޫސީއެލް ފައިނަލްގައި ވާދަ ކުރަން ޖެހެނީ އާސެނަލްއާ ކަން އެނގުމާއެކު ހިސާބަކަށް އިޝަލް ނުތަނަވަސް ވިއެވެ. ފުރަތަމަ ފަހަރަށް އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗު ވެގެން އެ ދަނީ އޭނާ ކެރިއަރުގައި ކުޅޭ އެންމެ މުހިންމު އެއް މެޗަށެވެ.

“މިންނު ކާކަށް ސަޕޯޓު ކުރާނީ؟ އިޝަލްއަށްތަ ނޫނީ އެރިކްއަށްތަ؟” އާސެނަލް ފައިނަލަށް ދިޔަ ކަމަށް އިންސްޓަގްރާމުގައި އޮތް ޕޯސްޓު މިންހާއަށް އަހާން ދައްކާލިއެވެ. “އަހާން އަހާކަހަލަ ސުވާލެއްތަ ތީ؟ ކަޒްއަށް ދޯ އަހަރެން ސަޕޯޓު ކުރާނީ” އިޝަލްއަކީ މިންހާގެ އާއިލާއެވެ. ކުޑައިރުއްސުރެ އެކުގައި އުޅެ ބޮޑުވި އެކުވެރިޔާއެވެ. ބޭބެ ޔޫސުފްއަށް ސަޕޯޓުނުކޮށް މިންހާ އިޝަލްއަށް ސަޕޯޓު ކުރިއިރު އިޝަލްއާ ދެކޮޅަށް އެރިކް ކުޅޭ އިރު ބޭބެއަށް ނުކުރި ސަޕޯޓު އަދި އެރިކްއަށް ކުރާނީ ކިހިނެއް ހެއްޔެވެ؟

“ތެދެއް މަންމައަށް ރަނގަޅީ ބައްޕަތަ ނޫނީ އެލެކް މޮޅުވިއްޔާތަ؟” އެމީހުން ތިބޭ ހޮޓެލުގެ އެންމެ ބޮޑު ކޮޓަރީގައި އެންމެ ތިއްބެވެ. ކުރިއަށް އޮތް ފައިނަލު މެޗަކީ އެއާއިލާއަށް ޚާއްސަ މެޗެކެވެ. އެއްކޮޅުގައި އިޝަލްއެވެ. އަނެއްކޮޅުގައި އަކްމަލްއެވެ. ލޯބިވާ ދަރިފުޅާއި ފިރިމީހާ ތެރެއިން ނަގާނީ ކާކުގެ ކޮޅެއް ކަމެއް އިޝްމާއަކަށް ނުވިސްނުނެވެ. ގޭ އެންމެންގެ ސުވާލަކީ އޭނާ ސަޕޯޓުކުރާނީ ކާކަށް ތޯއެވެ. ކޯޗެއްގެ ގޮތުގައި އަކްމަލް ޔޫސީއެލްގެ ފައިނަލަށް ޓީމު ގޮވައިގެން އެދިޔައީ އަލަށެވެ. އެ މެޗުން މޮޅުވެ އާސެނަލަށް ތަށި ހޯދައިދުނަމަކީ ކޯޗިން ކެރިއަރުގައި އަކްމަލްއަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ. އަނެއްކޮޅުން ކުޅުންތެރިއެއްގެ ގޮތުގައި އޭނާގެ ދަރިފުޅު ކުޅޭ އެންމެ ޚާއްސަ މެޗަށް އެ މެޗު ވެގެން ދާނެއެވެ. އުމުރުން އެކާވީސް އަހަރުގައި ގޯލް ކީޕަރަކަށް ހުރެ ޔޫސީއެލް ފައިނަލްގައި ކުޅެން ލިބުމަކީ މަދުން ނޫނީ ނުލިބޭ ފުރުސަތެކެވެ. ދަރިފުޅު އިޝަލްއަށް ވެސް އެ މެޗަކީ މޮޅުވާން މުހިންމު މެޗެކެވެ.

“އިޝަލް އާސެނަލްގައި ހުރި ނަމައޭ ހިތަށް އަރާ. އަކްމަލް ވެއްޖެ އެ ކުއްޖާ ފޮނުވާލަން” އިޝްމާގެ ޖަވާބަކަށްވީ އެއެވެ.
“ލިވަޕޫލް ފައިނަލަށް ނުގޮސް ބަލިވިކަން ނަސީބު” އަލައިކާ އަލްޔަސްއަށް ބަލާލާފައި ބުނެލިއެވެ. އެއާއެކު އަލްޔަސް އާއި ޔޫސުފް އެއްފަހަރާ އަނގައިން އަޑެއް ނެރުނެވެ.

ހެނދުނުން ފެށިގެން އިޝަލްގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ދެވަނަ އާއިލާ ކަމުގައިވާ އާސެނަލާއި ދެކޮޅަށް ކުޅެން ޖެހުމުން ހިތަށް އުނދަގޫ ވަމުން ދިޔައެވެ. މި ވަގުތަށް ޑޯރޓްމަންޑަކީ އޭނާގެ އާއިލާ ކަމުގައި އިޝަލް ހިތަށް ވިސްނައިދެމުން ދިޔައެވެ. އެހެން ކުޅުންތެރިން ޓީމު ބަދަލުކޮށް ކުރިން ކުޅުނު ޓީމާއި ދެކޮޅަށް ކުޅެނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. ގައިމުވެސް އޭނާގެ ހިތަށް ވަރަށް އުނދަގޫ ވަމުން ދިޔައެވެ. އާސެނަލްގައި ތިބީ ކުޑައިރުން ސުރެ އޭނާއާ އެއްކޮށް ކުޅުނު ކުޅުންތެރިންނެވެ. އެންމެ ގާތް އެކުވެރިޔާ އެރިކްވެސްމެއެވެ. އެވަރު ނުވެގެން ކޯޗަކަށް ހުރީ އޭނާގެ ބައްޕައެވެ.
“ބްރޯ އޯކޭތަ؟” އިޝަލް އެކަނި މައި އެކަނި ވިސްނުމަކަށް ގެއްލިފައި ހުރުމުން ޖޯޝުއާ އެހިއެވެ. އިޝަލް ނުބުނި ކަމުގައި ވިއަސް އެ ވިސްނަނީ ކޮންކަމަކާ މެދުކަން އޭނާއަށް އެނގެއެވެ. އިޝަލްއަށް ކުރެވެމުންދާ އިޙްސާސްތައް އޭނާއަށް ވެސް ކުރެވެމުން ދިޔައެވެ. އޭނާ އާސެނަލް ދޫކޮށްލިތާ ފުދޭ ވަރަކަށް ގިނަ އަހަރު ވީ ކަމުގައި ވިއަސް ހިތުގައި އާސެނަލަށްޓަކައި ވީ ލޯބި ދެގޮތެއް ނުވެ ވެއެވެ. އޭނާ މޮޅު ކުޅުންތެރިއަކަށް ހެދުމުގެ ބޮޑު ދައުރެއް އާސެނަލް އަދާކުރިއެވެ. ދުވަހެއްގެ ކޮޅުން ވެސް އެކަން އޭނާ ހަނދާން ނައްތާނުލާނެއެވެ.

ޑޯރޓްމަންޑްގެ ޖާޒީ ލައިގެބް މެޗު ބަލަން ދާން މިންހާ ތައްޔާރުވިއެވެ. ރީނދުލާއި ކަޅު ހިމެނޭ ޖާޒީއާއެކު ނޫކުލައިގެ ޖިންސަކާއި ކަޅު ޝޯލެއް އެޅިއެވެ. ލޯ ވަށައިގެން އަނދުން އަޅައިފައި ތުންފަތުގައި މަޑު ފިޔާތޮށި ކުލަ ޖައްސާލިއެވެ. “އެލެކްއަށް ސަޕޯޓުކުރަންށޯ ދަނީ!” އެހެންނާ ނުވާ ވަރަށް މިންހާ ރީތި ވުމުން ޒާޔާ ދިމާކޮށްލިއެވެ.

 

ދެ ޓީމުގެ ކުޅުންތެރިން ވެސް ބަހުގައި ދަނޑަށް އައެވެ. ގިނަ ކުޅުންތެރިންނަކީ ޔޫސީއެލް ފައިނަލުގައި އަލަށް ކުޅޭ ޒުވާން ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ މޫނު މަތިން ފެންނަމުން ދިޔަ ކުލަވަރުން އެކަން ހާމަވެގެން ދެއެވެ. ބައެއް ކުޅުންތެރިން ހާސްނުވާކަން ދައްކަން މަސައްކާތް ކުރަމުން ދިޔައެވެ. އިޝަލް ވެސް ހަމަޖެހޭ ގޮތް ދައްކަން މޫނަށް ގޮތްގޮތް ހަދަމުން ދިޔައެވެ.

ޗޭޖިން ރޫމުން ނުކުމެފައި ދަނޑަށް އަރަން ދާން ދިޔަ ވަގުތު އާސެނަލް ކުޅުންތެރިން ފެނުމާއެކު އިޝަލް މެއަށް ގޮތްވިއެވެ. ބައްޕަ ފެނުމާއެކު ހިތް ނުތަނަވަސް ވެގެން ދިޔައެވެ. ފެންކަޅިވާން އުޅޭހެން ހީވުމާއެކު ނިކަން އަވަހަށް އެސްފިޔަ ޖަހައިލިއެވެ.

ތަފާތު އިޙްސާސްތަކާއެކު އަކްމަލް ގޮސް އާސެނަލަށް ޚާއްސަކޮށް ފައި އިން ބެންޗު ކައިރީ މަޑުކޮށްލިއެވެ. މި ދުވަސް ދެކެން އޭނާ ބޭނުންވީ ދަރިފުޅާއެކު އެއް ޓީމެއްގައި ހުރެގެންނެވެ. ނަމަވެސް ތަޤުދީރުގައި ވީ މުޅިން އެހެން ގޮތަކަށެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެވެމުން ދިޔައީ ފްރަންސޭސް ވިލާތުގެ ވެރިރަށް ޕެރިހުގެ ‘ސްޓަޑާ ޑި ފްރާންސް’ ސްޓޭޑިއަމްގައެވެ. ކެރިއަރުގައި ކުޅެވިގެންދާ އެންމެ މުހިންމު އެއް މެޗު ކުޅެން އަމިއްލަ ޤައުމަށް އާދެވުމުން ބުނެދޭން ނޭންގޭ އުފާވެރިކަމެއް އެރިކްއަށް ވަނީ ލިބިފައެވެ. އެ މެޗު ބަލަން އޭނާގެ އާއިލާ އަންނާނެ ނަމައޭ އެރިކް ހިތަށް އެރިއެވެ. އެމީހުންގެ މާލީ ހާލަތު ހުރިގޮތުން އެ މެޗު ބަލަން އައުން އެއީ ފަސޭހަކަމެއް ނޫނެވެ.
“ރިކް ބަލާބަ” ދަނޑަށް އެރުމުގެ ކުރިން ޓީމުގެ އެހެން ކުޅުންތެރިއަކު ސަޕޯޓަރުން ތިބި ތަނަށް އިޝާރަތް ކުރިއެވެ. އާސެނަލް ސަޕޯޓަރުން ތެރޭ ތިބީ އޭނާގެ މަންމަ އާއި ބައްޕަ ަައަދި ކޮއްކޮމެން ފެނުމުން އެރިކްގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ. އިޚްތިޔާރަކާއި ނުލައި ލޮލުން ކަރުނަ އައެވެ. ދުވަސްތަކަކަށް ފަހު ހަމަ ލޮލަށް ބައްޕަ ފެނުމުން ހިތަށް ބަޔާން ކުރަން ދަތި އުފާވެރިކަމެއް ލިބުނެވެ. ކުރިއަށް ވުރެ ބޮޑަށް މޮޅުވާން ހިތްވަރު ލިބުނެވެ. ދަނޑަށް އެރުމުގެ ކުރިން މީހާ ކުޑަކޮށް ހަމައަކަށް އަޅުވާލަމުން ލޮލުން ކަރުނަ ފުހެލިއެވެ.

ދޮށީ ދަރިފުޅު އެރިކް ކުޅޭ މެޗު ހަމަ ލޮލަށް ބަލާލުމުގެ ފުރުސަތު ލިބުމުން ކާރާ ހުރީ އުފަލުން ފޮޅިފައެވެ. “ބެހްރަދް ބަލާބަ އަހަރުމެންގެ ދަރިފުޅު” ފިރިމީހާ ބެހްރަދްގެ އަތުގައި ހިފައި ބާރުކޮށްލަމުން އޭނާގެ ކޮނޑުގައި ކާރާ ބޯ އަޅައިލިއެވެ. ބެހްރަދަށް ކޮށްފައިވި އަސަރުން ވާހަކަ ނުދެއްކުނު ކަމުގައި ވިއަސް ލަސް ލަހުން ބޯ ޖަހައިލަމުން ކާރާ އަތުގައި ހިފައި ބާރު ކޮަށްލިއެވެ.

 

މެޗު ފެށިގެން ދިޔައީ ވަރަށް ފޯރި ގަދަކޮށެވެ. ނުހަނު ކުރީ ކޮޅުގައި ދެ ޓީމުގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. ނަމަވެސް ގޯލަށް އަމާޒު ނުވެ ބޭރުވަނީއެވެ.

މެދު ކެނޑުމެއް ނެތި ދެ ޓީމުގެ ސަޕޯޓަރުންގެ އަޑުވެސް މުޅި ދަނޑުގައި ގުގުމަމުން ދިޔައެވެ. އެއް ބަޔަކަށް ދޫ ކުރާނެ އަނެއް ބަޔަކު ނެތެވެ. ދެ ޓީމުގެ ސަޕޯޓަރުން ވެސް އެންމެ ފޯރީގައި ސަޕޯޓު ކުރަމުން ދިޔައެވެ.

ހާފު ރޮނގާއި ހަމައިގައި ހުރެފައި ޖޯޝުއާ ފޮނުވާލި ބާރު ހަމަލާ ގޯލު ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. ޖޯޝުއާ ފޮނުވާލި ބޯޅާއިގެ ބާރުގަދަ ކަމުން ކީޕަރު އާރޗީއަށް ހުރެވުނީ ހަރަކާތް ކުރަން ނޭންގި ހުއްޓުން އަރާފައެވެ. އެ ބޯޅަ ގޯލަށް ނުވަނީ ޑޯރޓްމަންޑުގެ ނަސީބު ދެރަކަމުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ޑޯރޓްމަންޑު ބެންޗުގައި ތިބި ބައެއް ކުޅުންތެރިންނާއި ކޯޗުވެސް އެ ބޯޅަ ގޯލަށް ވަން ކަމަށް ހީކޮށް އުފާފާޅު ނުކުރީ ކިރިޔާއެވެ. ބޯޅަ ދިޔައީ ބޭރަށް ކަން އެނގުމާއެކު އެމީހުންގެ މޫނު މަތިން މާޔޫސްކަން ފާޅުވިއެވެ.

ސައްޕު ޖަހައި ބޯޅަ ކުރިއަށް ފޮނުވާލުމުގެ ބަދަލުގައި އާރޗީ އެ ބޯޅަ ޖައްސާލީ ވައަތްފަޅީގައި ހުރި އެރިކްއަށެވެ. އެރިކް މަޑު މަޑުން ބޯޅަ ހިފައިގެން ކުރިއަށް އަރާފައި ރީތި ހުރަހެއް ނަގައިދިނެވެ. އެ ހުރަސް ލިބުނީ ސީދާ އާސެނަލް ކުޅުންތެރިއަކަށެވެ. ނަމަވެސް ނިކްލައުސް ބޯޅަ ކޮންޓްރޯލް ކުރުމުގެ ކުރިން ޑޯރޓްމަންޑްގެ ޑިފެންޑަރެއް އެ ބޯޅަ ކޯނަރަކަށް ބޭރުކޮށްލިއެވެ.

ޕެނަލްޓީ އޭރިއާ ތެރޭގައި ކުޅުންތެރިން ބޮނޑިވާން ފެށުމުން އިޝަލްއަށް އުނދަގޫވިއެވެ. އޭނާއަށް ބޯޅަ ފެންނާނެ ގޮތަށް ތިބެން ޑޯރޓްމަންޑު ކުޅުންތެރިން ގާތު އިޝަލް ބުނަމުން ދިޔައެވެ. ކޯނަރު ނަގަން ދިޔައީ އެރިކްއެވެ. ފަހަކަށް އައިސް އެރިކް ނަގާ ކޯނަރުތަކުން އާސެނަލުން ވަނީ މުހިންމު ލަނޑުތަކެއް ޖަހައިދީފައެވެ. ޑިފެންޑަރެއް ކަމަކު ހުރަސް ނަގައިދިނުމަށް އެެރިކް އެއީ މިހާރު އެއްވަނަ ކުޅުންތެރިޔާއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.

އެރިކް ނަގައިދިން ކޯނަރުގެ ބާރުގަދަ ކަމުން ޑޯރޓްމަންޑު ކުޅުންތެރިއެއް ގައިގައި ޖެހިފައި ބޯޅަ ގޯލަށް ވަންނަން ދިޔައެވެ. އެހެނަސް ހުށިޔާރު ވެގެން ހުރި އިޝަލް ގޯލަށް ވަނުމުގެ ކުރިން ބޯޅަ އަނބުރާ ކުޅުމުގެ ތެރެއަށް ފޮނުވާލިއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއްް ނުޖެހިއެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބިގެން ދިޔައެވެ. އާރޗީ އަދި އިޝަލްގެ ފަރާތުން ވެސް މޮޅެތި ސޭވްތަކެއް ފެނިގެން ދިޔައެވެ.

 

މިއާއަށް މިންހާ ފެނުމުން ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީނލަމުން އަތް ހޫރާލިއެވެ. މިންހާ ވެސް އަތް ހޫރާލާފައި މިއާ މެޗު ބަލަން އައީ ކިހިނެއްތޯ އަތުގެ އިޝާރާތުން ސުވާލު ކުރިއެވެ. މިއާ މަޑުކުރާށޭ ކިޔައިފައި އޭނާގެ މަންމައަށް ގޮވާލިއެވެ. ކާރާ ގާތު އެބަ އަންނަން ކަމަށް ބުނެފައި ނިކަން ހަލުވިކޮށް ގޮސް މިންހާމެން ގާތު މަޑުކޮށްލިއެވެ.

“އަކްމަލް ކޯޗު ހަމަޖައްސައި ދިނީ އަހަރުމެންގެ މުޅި އާއިލާ އެއްކޮށް އަންނަން ރިކްއަށް ސަޕްރައިޒެއް ދޭން” އަކްމަލް އޭނާގެ ޚަރަދުގައި ބައެއް ކުޅުންތެރިންގެ އާއިލާއަށް މެޗު ބެލުމުގެ ފުރުސަތު ހަމަޖައްސައި ދިނެވެ. އެކަން އޭނާގެ ކުޅުންތެރިންނަށް ސިއްރުކޮށްފައި ބޭއްވީ އެ ކުޅުންތެރިންނަށް ސަޕްރައިޒެއް ދޭށެވެ.

ދެވަނަ ހާފަށް ކުޅުންތެރިން ނުކުންނަން ފެށިއެވެ. އާސެނަލް ކުޅުންތެރިންނާ އެއްކޮށް ދަނޑަށް އެރި އެރިކް ފެނުމުން މިންހާއަށް ހިނިތުންވެވުނެވެ. އާސެނަލްގެ އަތް ދިގު ޖާޒީ ލައިގެން ހުރި އިރު އަތުކުރި ހުރީ އޮޅަބޮއްޓާ ހަމައަށް އަރުވާފައެވެ. ކަންފަތަށް ވުރެ ތިރިއަށް ދިގުވެފައި އޮތް ބްލޮންޑް އިސްތަށިގަނޑުގައި ހުދުކުލައިގެ ބޭންޑެއް އަޅާފައި ހުއްޓެވެ. ތުނިކޮށް އޮތް ތުނބުޅީގެ ސަބަބުން އެރިކްގެ ފިރިހެންވަންތަކަށް ހާމަވެގެން ދެއެވެ. ގިނަ އަންހެން ކުދިންގެ ލޯތައް އެރިކްއަށް އަމާޒުވަމުން ދިޔައެވެ.

ދަނޑަށް އެރުމުގެ ކުރިން އިޝަލް ދުޢާ ކުރިއެވެ. މެޗުން މޮޅުވެ ތަށި ލިބޭތޯއެވެ. ފުރަތަމަ ހާފުގައި ދެއްކުނު ފަދަ މޮޅު ކުޅުމެއް ކުޅުމުގެ ތަޢުފީޤަށް އެދިއެވެ.

ދެވަނަ ހާފުގައި އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. ޚާއްސަކޮށް އެރިކްގެ ފަރާތުންނެވެ. ފަހަތަށް އަންނަ ބޯޅަތައް ޕެނަލްޓީ އޭރިއާއަށް ވެސް ވަނުމުގެ ކުރިން އެ ބޯޅަތައް ކްލިއާރ ކުރަމުން ދިޔައެވެ. ރަނގަޅު ޓެކެލްތަލެއްކޮށް އާސެނަލްއަށް ބޯޅަ ހޯދައިދެއެވެ. އެރިކްގެ ފަރާތުން ފެންނަމުން ދިޔަ މޮޅު ކުޅުމަަށް ކޮމެންޓޭޓަރުން ވެސް ތަޢުރީފު ކުރަމުން ދިޔައެވެ.

އާސެނަލްގެ ކުޅުން ރަނގަޅުވެ ޑޯރޓްމަންޑަށް ނުރައްކާ ވަމުން ދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދޭ ބޯޅަތައް ގިނަވާން ފެށިއެވެ. ގާތް ގާތުގައި ގޯލާއި އަމާޒުކޮށް ފަސް ވަރަކަށް ހަމަލާ އާސެނަލް އިން ފޮނުވާލިއެވެ. އިޝަލް އާއި ޑޯރޓްމަންޑުގެ ޑިފެންސަށް ކުޅޭ ކުޅުންތެރިނަށް ހަމަޖެހިލަން ފުރުސަތެއް ލިބުނީ އާސެނަލްގެ ކުޅުންތެރިއަކު ފޮނުވާލި ބާރު ހަމަލާ ދަނޑި މަތިން ބޭރަށް ދިޔުމުންނެވެ.

މެޗުގެ ނުވަދިހަ މިނެޓު ހަމަވެގެން ދިޔައިރު ވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ. ދެ ޓީމުގެ ވެސް ކީޕަރުންނާއި ޑިފެންޑަރުންގެ ފަރާތުން މުޅިން ތަފާތު ކުޅުމެއް ފެނިގެން ދިޔައެވެ. ފަހު ދިހަވަރަކަށް މިނެޓު ތެރޭ ޑޯރޓްމަންޑުން ވެސް ނުރައްކާތެރި ތިން ވަރަކަށް ހަމަލާ ގޯލާއި އަމާޒުކޮށް ވަނީ ފޮނުވާލާފައެވެ. އެއިން ކޮންމެ ބޯޅައެއް ހުށިޔާރު ކަމާއެކު ކީޕަރު އާރޗީ ވަނީ ދިފާއު ކޮށްފައެވެ.

ޕެނަލްޓީއަށް ދިއުމުގެ ކުރިން ކުޅޭ ތިރީސް މިނެޓުގެ ދެ ހާފް ކުޅެން އެރިއިރު ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެންނަމުން ދިޔައެވެ. އެހެނެއް ކަމަކު މެޗު އެ ކުޅުންތެރިމްގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. ވަރުބަލި ކަމާއެކު ވެސް އެ ކުޅުންތެރިއަކަށް ދެއްކުނު އެންމެ މޮޅު ކުޅުން ދައްކަމުން ދިޔައެވެ.

ފުރަތަމަ ދެހާފުގައި ފެނުނު ފަދަ ފޯރިގަދަ ކުޅުމެއް ނުފެނުނު ނަމަވެސް ރީތި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެންނަމުން ދިޔައެވެ. ކުރިއަށް ބޯޅަ ލައިގެން ލަނޑު ޖެހުމުގެ ބަދަލުގައި ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރަމުން ދިޔައެވެ. މާ ނުރައްކާތެރި ހަމަލާއެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންނެއް ނުދެއެވެ.

މެޗުގެ އިތުރު ވަގުތުގެ ވެެސް އެންމެ ފަހު ވަގުތުކޮޅުގައި އާސެނަލަށް ކޯނަރެއް ލިބުނެވެ. އާސެނަލްގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ޕެނަލްޓީ އޭރިއާއަށް ވަދެ ތިއްބެވެ. ކީޕަރު އާރޗީ ވެސް މެދު ރޮނގާ ހަމައިގައި މަޑުކޮށްލައިގެން ހުއްޓެވެ. އެންޑްރިއު ނަގައިދިން ކޯނަރު ލިބުނީ ސީދާ އިޝަލް އަތަށެވެ. ހަލުވި ހަރަކާތާއިއެކު އިޝަލް އެ ބޯޅަ ސައްޕު ޖަހައި ކުރިއަަށް ފޮނުވާލިއެވެ. އޭރު ކުރީގައި އޮތީ ކީޕަރު އާރޗީ އާއި ޖޯޝުއާ އެކަންޏެވެ. އިޝަލް ކުރިއަށް ފޮނުވާލި ބޯޅަ ލިބުނީ ޖޯޝުއާ އަށެވެ. ލަސް ކުރުމެއް ނެތި ކީޕަރު ކަޓުވާލުމަށް ފަހު ޖޯޝުއާ ކުރިއަށް ދެމި ގަތެވެ. އޭރު އެރިކްއާ އެކު އާސެނަލްގެ އިތުރު ޑިފެންޑަރަކު އެންމެ ބާރު މިނުގައި ދުވަމުން އައެވެ. ޖޯޝުއާ ކީޕަރު އާރޗީ ކަޓުވާލުމުން ދެން އެ ބޯޅަ އަތު ނުވާނެ ކަމަށް ބަލައި އަނެއް ކުޅުންތެރިޔާ ދުވުން ހުއްޓާލިއެވެ. އެހެނަސް އެރިކް ހިތްވަރު ދޫކުރުމެއް ނެތި ބާރު މިނުގައި ގޯލާއި ދިމާއަށް ދިޔައެވެ. ހުސް ގޯލުގެ ތެރެއަށް ޖޯޝުއާ ފޮނުވާލި ބޯޅަ، މާ ދުރުގައި އޮވެފައި އައިސް އެރިކް ފައިން ޖަހައި ބޭރު ކޮށްލިއެވެ. އެންމެ ފަހު ވަގުތު އެރިކްގެ ފަރާތުން ފެނުނު އެ މޮޅު ސޭވްގެ ސަބަބުން ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ބަސް ހުއްޓިފައި ތިއްބެވެ. ޖޯޝުއާ ވެސް ޤަބޫލު ނުކުރެވިފައި ދެލޯ ބޮޑުކޮށްގެން ބޮލުގައި ދެއަތް އަޅައިގެން ހުއްޓެވެ.

އަކްމަލްއަށް ވެސް ޤަބޫލު ނުކުރެވިފައި ބަލަހައްޓައިގެން ހުރެވުނެވެ. އޭނާ ހީކުރީ އެންމެ ފަހު ވަގުތު އާސެނަލަށް މެޗު ގެއްލުނީ ކަމަށެވެ. އެހެން ހީކޮށް މުޅިން މާޔޫސްވެފައި ވަނިކޮށް އެރިކް އެ ވަނީ މުޅި ޓީމު ސަލާމަތް ކޮށްދީފައެވެ.

އުފާވާންވީ ކަމެއް ދެރަވާންވީ ކަމެއް މިންހާއަކަށް ނޭންގުނެވެ. އެ ބޯޅަ ގޯލުގެ ތެރެއަށް ވަންނާނެ ކަމަށް ހީކޮށް ހުއްޓައި މާ ދުރުން އައި ގޮތަށް އައިސް އެރިކް އެ ބޯޅަ ބޭރުކޮށްލީއެވެ. އެރިކް އައި ތަން އޭނާއަށް ނުވެސް ފެނެއެވެ.

ކާރާ އާއި ބެހްރަދް އެކަކު އަނެކަކު އަތުގައި ހިފައި ބާރުކޮށްލިއެވެ. ދަރިފުޅާއި މެދު އެ ދެމީހުން ފަޚުރުވެރިވެފައިވާ މިންވަރު އެމީހުންނަށް ބަލާލި ކޮންމެ މީހަކަށް ފެނިގެން ދާނެއެވެ. މިއާ އާއި އޭނާގެ ހަގަށް ތިބި ކޮއްކޮމެން ވެސް އުފާފާޅު ކުރިއެވެ. އެކުދިން ވެސް ތިބީ ބޭބެގެ މޮޅުކުޅުން ފެނި އަޖައިބު ވެފައެވެ.

އެރިކްގެ މޮޅު އެ ސޭވާއި އެކު މެޗުގެ އިތުރު ވަގުތުގެ ވެސް ކުޅުން ނިމިގެން ދިޔައެވެ. ކުރިއަށް އޮތް ޕެނަލްޓީ ޝޫޓް އައުޓަށް ކުޅުންތެރިން ތައްޔާރު ވަމުން ދިޔައެވެ. ޕެނަލްޓީ ޖަހަން ދާނެ ފަސް ކުޅުންތެރިން ކިޔަމުން ދިޔައިރު އާސެނަލްގެ ކެޕްޓަން އަދި އަކްމަލް ވެސް ވާހަކަ ދެއްކުމަށް ފަހު އެންމެ ފަހު ޕެނަލްޓީ ޖެހުނުގެ ފުރުސަތު އެރިކްއަށް ދިނެވެ. “ކިހިނެއް އެޔެއް އިނގެނީ؟ އެރިކް އަމިއްލަ ނަފްސަަށް އިތުބާރުކޮށްފަ ޖަހާބަ. އެ ޕެނަލްޓީ ނާކާމިޔާބު ވުމަކީ މައްސަލައެއް ނޫން. ނާކާމިޔާބު ވެގެން ކާމިޔާބު ވެވޭނީ. ގޯސް ހެދިގެން އެ ގޯސް ރަނގަަޅު ކުރަން މަސައްކަތް ކުރެވޭނީ. އަހަރުމެންނަށް ޕެނަލްޓީއާ ހަމައަށް މި ދެވުނީ އެންމެ ފަހު ވަގުތު އެރިކް އަހަރުމެން ސަލާމަތް ކޮށްދިނުމުން. އެހެން ހުރިހާ އެންމެ އުންމީދު ކަނޑާލުމުން ވެސް އެރިކް އުއްމީދު ކަނޑާނުލައި ގޮސް އެ ބޯޅަ ސަލާމަތް ކުރީ. އެހެންވީމަ އެންމެ ފަހު ޕެނަލްޓީ ޖަހަން ދާން އެރިކްއަށް ހައްޤު” އެރިކް ޕެނަލްޓީ ޖަހަން ދާން ދެކޮޅު ހެދުމުން އާސެނަލްގެ ކެޕްޓަން އޭނާއަށް ހިތްވަރު ލައިދިނެވެ. މުޅި ޓީމުގެ އިތުބާރު އެރިކްއަށް އޮތްކަން އަންގައިދިނެވެ.

 

ފުރަތަމަ ޕެނަލްޓީ ޖަހަން ދިޔައީ ޑޯރޓްމަންޑުގެ ޑޮމިނިކްއެވެ. ޕެނަލްޓީ ޖަހާ ތަން ނުބަލަން ވެގެން ޑޯރޓމަންޑުގެ ޕެނަލްޓީ ޖަހަން ގޮސް ތިބި ކުޅުންތެރިން ތިބީ ލޯ މަރައިގެންނެވެ. އިޝަލް ވެސް ގޯލު ފަހަތުގައި މަޑުކޮށްގެން އަނެއް ފަރާތަަށް އެނބުރިގެން އިނެވެ.

ޑޮމިނިކް ވަރަށް ބަލާލާފައި ބޯޅަ ޖެހީ ގޯލުގެ ކަނާއަތް ފަޅިއަށެވެ. ކީޕަރު އާރޗީ ރަނގަޅު ކޮޅަށް ފުންމާލި ނަމަވެސް އޭނާ އަތުގައި ޖެހިފައި ބޯޅަ ގޯލުގެ ތެރެއަށް ވުނުމުން ފުރަތަމަ ޕެނަލްޓީ ޑޯރޓްމަންޑަށް ކާމިޔާބު ވިއެވެ. އެއާާއެކު ސަޕޯޓަރުންގެ އަޑު ދަނޑުގައި ގުގުމައިގަތެވެ. ޑޮމިނިކް ވެސް ގޮސް ޓީމުގެ އެހެން ކުޅުންތެރިންނާއެކު އުފާފާޅު ކުރިއެވެ.

އާސެނަލްގެ ފުރަތަމަ ޕެނަލްޓީ ޖަހަން ދިޔައީ އެންޑްރިއުއެވެ. ފަސޭހަ ކަމާއެކު އެންޑްރިއު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއެވެ. އިޝަލް ނުރުހިފައި ހަޅޭއްލަވައި ގަތެވެ.

ޑޯރޓްމަންޑުން އެމީހުންގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކުރިއެވެ. އާސެނަލް އިން ވެސް އެމީހުންގެ ފުރަތަމަ ހަތަރު ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ.

އާސެނަލްގެ ފަހު ޕެނަލްޓީ ޖަހަން ދިޔައީ އެރިކްއެވެ. ހާސްވެފައި ހުރި ނަމަވެސް ހަމަޖެހޭ ގޮތް ދައްކަމުން ދިޔައެވެ. އިޝަލްއާ ހަތަރު ކަޅު ބައްދަލުވުމާއެކު އެރިކްއަށް ހެވުނެވެ. އިޝަލްއަށް ވެސް ހެވުނެވެ. އާސެނަލް ޓްރެއިނިންގައި އެރިކް ވަރަށް ގިނައިން އިޝަލް ކޮޅަށް ޕެނަލްޓީ ޖަހައެވެ. ހިނދު ކޮޅަކަށް ނަމަވެސް އާސެނަލްގައި އުޅުނު ދުވަސްތައް އިޝަލްގެ ހަނދާނަށް އައެވެ.

އެރިކްގެ ހިތް މޭ ފަޅައިފައި ނުކުންނަށް އުޅޭހެން ހީވަމުން ދިޔައެވެ. ބޮލުން ފައިބަމުން ދިޔަ ދާތަށް ރީތިކޮށް އަތުން ފުހެލުމަށް ފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. އެއް ފަހަރު އޭނާގެ އެކުވެރިންނަށް އަނެއް ފަހަރު އާސެނަލް ސަޕޯޓަރުންނަށް ބަލާލިއެވެ. ސަޕޯޓަރުންގެ ލޮލުން ފެންނަމުން ދިޔައީ އޭނާއާ މެދު އޮތް އިތުބާރެވެ. އޭނާ އެ ޕެނަލްޓީ ކާމިޔާބު ކުރާނެކަން އެ ސަޕޯޓަރުންނަށް ޔަޤީންވާ ކަހަލައެވެ.

މުޅި ދަނޑުގައިވީ ހަމަ ހިމޭންކަމެވެ. ހުރިހާ އެންމެން އިންތިޒާރު ކުރަމުން ދިޔައީ އެރިކް ޕެނަލްޓީ ޖަހާނެ ވަގުތަކަށެވެ. ދެޓީމުގެ ކުޅުންތެރިން އަދި ސަޕޯޓަރުން ވެސް ތިބީ ނޭވައި ހިފަހައްޓައިގެންނެވެ.

އެރިކް ޕެނަލްޓީ ޖަހާތަން ނުބަލަން މިންހާ އިނީ ދެލޯ މަރައިގެންނެވެ. އެރިކްއަށް އެ ޕެނަލްޓީ ކާމިޔާބުވާން އަދި އިޝަލް އެ މަތަ ކުރަން ވެސް އޭނާ ބޭނުންވެއެވެ. އޭނާގެ ހިތްދެކޮޅަށް ކިރެމުން ދިޔައެވެ.

ރެފްރީ ކަށިގަނޑު ފުމެލުމާއެކު ޕެނަލްޓީ ޖަހަން އެރިކް ހަރަކާތް ކުރިއެވެ. ވައަތު ފައިން ބޯޅާގައި ޖަހައި ކަމައަށް ހަދާފައި ކަނާއަތު ފައިން ބޯޅަ ފޮނުވާލިއެވެ. އެރިކް ފައި ހަރަކާތް ކުރި ގޮތުން އިޝަލްއަށް ފުންމައިލެވުނީ ނުބައި ދިމާލަކަށެވެ.

މުޅި ދަނޑުގައި ގުގުމައިގަތް ސަޕޯޓަރުންގެ ހަޅޭކިގެ އަޑާއެކު އެރިކްއަށް ހުރިތަނަށް ތިރިވެވުނެވެ. އޭނާގެ ދެލޯ ކަރުނުން ފުރި ބަންޑުން ވެގެން ދިޔައެވެ. އެރިކް ޖެހި ބޯޅަ ދިޔައީ ގޯލަށް ވުރެ މާ މަތިންނެވެ. އޭނާއަށް އެ ޕެނަލްޓީ ކާމިޔާބު ނުކުރެވުމާއެކު ޗެމްޕިއަންސް ލީގުގެ ތަށި ޑޯރޓްމަންޑަށް ލިބިގެން ދިޔައެވެ.

ފިރިހިނެއް ކަމަކު އެރިކްއަށް ރޮވެމުން ދިޔައެވެ. ރުއިމުގެ ސަބަބުން އޭނާގެ ދޮން މޫނު ވަނީ އެއްކޮށް ރަތްވެފައެވެ. ގިސްލަ ގިސްލައިފައި ރޮމުން ދިޔަ އެރިކްއަށް ބަލާލި ކޮންމެ މީހެއްގެ ހިތަށް ވެސް އަސަރު ކުރާމެނެއެވެ.

އެރިކް ޖެހި ޕެނަލްޓީ ނާކާމިޔާބުވެ ޑޯރޓްމަންޑަށް ތަށި ލިބުމާއެކު އެ ޓީމުގެ ހުރިހާ ކުޅުންތެރިން އެއް ފަހަރާ ދަނޑަށް އަރައިގަތެވެ. ބައެއް ކުޅުންތެރިންގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ އަންނަމުން ދިޔައެވެ.

ގިނަ ދުވަސްތަކަކަށް ފަހު ޔޫސީއެލް ކާމިޔާބު ކުރެވުމާއެކު ޓީމުގެ މެނޭޖްމެންޓާއި ކުޅުންތެރިން އަދި ސަޕޯޓަރުން ވެސް ޖަޒުބާތުގައި ޖެހުނެވެ.

އުފާފާޅު ކުރަން ބޭނުންވި ނަމަވެސް އިޝަލް ފުރަތަމަ އިސްކަން ދިނީ އެކުވެރިޔާއަށެވެ. ކުޑަކުއްޖެއް ފަދައިން ކަރުނަ އަޅައި އެރިކް ރޯތަން ފެނުމުން އޭނާގެ ހިތަށް ކުޅަދާނައެއް ނުވިއެވެ. އުފާފާޅުކުރަން ބޭނުންވިއެއް ކަމަކު އޭނާ ގޮސް އެރިކް ގާތު ވިނަގަނޑު މަތީ އިށީންދެ އެރިކް ގައިގައި ބައްދާލިއެވެ. އެކުވެރިއަކަށް ވުރެ ބޮޑަށް އިޝަލް ފެންނަމުން ދިޔައީ އެރިކްގެ ބޭބެއެއް ފަދައިންނެވެ. “އެލެކް އަހަރެންނާ ހެދި..” އިޝަލްއަކީ ޑޯރޓްމަނޑު ކުޅުންތެރިއެއްކަން އެވަގުތަށް އެރިކް ހަނދާންނެތުނެވެ. ގާތް އެކުވެރިޔާ ފެނުމުން ހިތުގެ އުދާސްތައް ބޭރުކޮށްލަން ބޭނުންވީއެވެ. މި ވަގުތު ކޮންމެ އެއްޗެކޭ ބުންޏަސް އެރިކްގެ ހިތަށް ހަމަޖެހުން ނުލިބޭނެކަން އެނގޭތީވެ އިޝަލް އެއްޗެކޭ ނުބުނެއެވެ.

ދަރިފުޅު އެރިކް ރޯތަން ފެނުމުން އެ ދަރިފުޅު ގާތަށް ދާން ކާރާ އަދި ބެހްރަދް ވެސް ބޭނުންވިއެވެ. މެޗުން ބަލިވި ކަމުގައި ވިއަސް އެ ދަރިފުޅާއި މެދު އެމީހުން ފަޚުރުވެރިވާކަން ދަރިފުޅަށް އަންގަދޭން ބޭނުންވިއެވެ.

އެރިކްގެ ވޭނީ ރުއިން ފެނި ހިތްކުދިކުދި ވިހެން މިންހާއަށް ހީވިއެވެ. ހިތަށްވީ ތަދުން މޭގައި އަތް އަޅައިލެވުނެވެ. މިހާރުން މިހާރަށް ގޮސް އެރިކް ގައި ބައްދައިލަން އޭނާ ބޭނުންވިއެވެ.

ނުނިމޭ

 

There is no bigger motivation than playing in a UEFA Champions League final. – Sergio Ramos –

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ލޯބިވާ އެކުވެރިޔާ

Next

ސައިރެން – 12

Next
February 9, 2021

ސައިރެން – 12

Previews
February 9, 2021

ލޯބިވާ އެކުވެރިޔާ

3 Comments!

  1. Kiyara says:
    February 9, 2021 at 5:55 pm

    Salam guys. Here is the 29th episode of Manzil. I am sorry for taking too long to update this episode. I just wanted this episode to be perfect as this is an important episode for the character development of the main characters. I wrote almost three version of this episode and uploaded the best one i wrote. Hope u all enjoyed reading. Take care and stay safe. Much love from Kiyara

  2. sahoo says:
    February 9, 2021 at 8:05 pm

    Wow very very nice waiting for the next part.

  3. redlailacrose says:
    February 9, 2021 at 8:45 pm

    Alhe minhaa erick gaiga bahdhaalaa.???story vrh reethi.??? Kiyaa sis mikahala stry eh write kuraathee thnks???its ok kudakoh las viyas ??? wanna read a perfect stry like this ??? love the stry❤️❤️❤️stay Safe ❤️❤️

Comments are closed.


All Right Reserved!