Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (4)

Dheem&Eekku Level 410 Stories100 Login500 Login
January 22, 2021 6 Mins Read
0 Comments

ޔީޝާ ބަލަން ހުއްޓާ ވާގަނޑު ބުރިވެގެން އަހްނަފްގެ ފުރާނަ ނެތް މަސްގަނޑު ބިންމައްޗަށް ވެއްޓުނެވެ. ސިއްސައިގެން ދިޔަވަރުން ޔީޝާ އަޑުން އަޑު ނަގާ ހަޅޭ ލަވައި ގަނެވުނެވެ.

****

“ޔީޝް.. ދަރިފުޅާ ޔީޝް.. ކިހިނެއްތަ ވީ” ދޮރުގައި ތަޅަމުން ދިޔަ ރަޝީދާ ގޮވާލި އަޑަށް ޔީޝާއަށް ހޭލެވުނު އިރު އޮތީ ދާހިއްލާ ފޯވެފައެވެ. އަހްނަފްގެ މަރަށް ފަހު ޔީޝާއަށް މި ހުވަފެން ތަކުރާރުކޮށް ފެންނަ ނަމަވެސް ކޮންމެ ފަހަރަކުވެސް ހާލަކީ މިއެވެ. އެނދުމަތިން ތެދުވެގެން ގޮސް ޔީޝާ ދޮރުކައިރީ މަޑުކޮއްލާފައި ހަމަ ޖެހެން މަސައްކަތް ކުރިއެވެ.

“ކަމެއް ނުވެއޭ.. ކައްސާލާފަ ވެއްޓެން ދިޔަ ވަގުތު ހަޅޭ ލަވައި ގަނެވުނީއޭ” ފުން ނޭވާތަކެއް ލަމުން ޔީޝާ ދޮގެއް ހަދާލިއެވެ.

“ތަނަކަށް  ތަދުވިތަ.. ދެންވެސް މި ދޮރު ހުޅުވަބަލަ.. އެބަހުއްޓޭ ދަރިފުޅު ހޯދާ ކުއްޖެއްވެސް” ރަޝީދާ ބުނެލިއެވެ.

“ތަދެއް ނުވެޔޭ.. އަފާ ކައިރީ ބުނޭ ކޮޓަރިއަށް އަންނާށޭ” ކޮޓަރި ދޮރު ކުޑަކޮށް ހުޅުވަލާފައި ޔީޝާ އެހެން ބުނީ މިވަގުތު އޭނާ ހޯދަން އަފާ ނޫން މީހަކު ނާންނާނެތީއެވެ.

 

“ޔީޝް ނިދާ ނިދާފަތަ ތި ތެދުވީ.. ޔީޝްގެ މަންމަ  ހާދަ ވަރަކަށް ގޮވާފިޔޭ” ކޮޓަރިއަށް ވަދެ އެނދުމަތީގައި އޮތް ރަޖާގަނޑު އެއްކައިރި ކޮއްލަމުން އަފާ އެނދުމަތީ އިށީނެވެ.

“ހޫމް.. ރެސްޓު ކޮއްލަން ޖައްސާލިތަނާ ނިދުނީ..” ޔީޝާ ބުނެލިއެވެ.

“ކީއްވެ މިއަދު ހެނދުނު ތުނޑިއަށް ދަމުން ބުނެ ނުލީ.. އަހަރެންވެސް ދިޔައީމުހޭ..” އަފާ ކުސްތަޅާލިއެވެ.

“ތިއީ ނުބުނީތީ ދައްކާ ވާހަކަ.. އަހަރެން ދާވާހަކަ ބުނި ނަމަ ބުނާނެ އެހާ މައިރާ ނުހޭލެވޭނޭ.. އަހަންނަށްވެސް ހޭލެވުނީ ހައިފާމެން އައިސް ގޮވީމަ” ޔީޝާ ބުނެލިއެވެ.

“މަލަކާ އާ ހައިފާ ވަރަށް މިސްވާނެ ދޯ ޔީޝް ރަށުން ބޭރަށް ދިޔައީމަ..؟ އެއީ ޔީޝްގެ އެންމެ ކުލޯސް ކަޒިންސް ވިއްޔަ” އަފާ ބުނެލިއެވެ.

“އާން އެހެންވެ މި ހަފްތާ ހުރިހާ ވަގުތެއްވެސް އެމީހުނަށް ހުސްކޮއްދޭށޭ ބުނެފަ އޮތީ.. މާދަން ރޭ އެބަ ޖެހޭ މަލަކާ މެން ގެޔަށް ކާން ދާންވެސް.. އިއްޔެ މެންދުރު އުޅުނީ ހައިފާ މެން ގޭގަ” ޔީޝާ ބުނެލިއެވެ.

“ފެން ވަރަންތަ ތިދަނި؟ އަވަސް ކުރައްޗޭ.. އަހަރެން މިހާރު ހައިވެގެން ބަނޑުން އަޑު ގޮވާ އެބަ” ތުވާލި ހިފައިގެން ޔީޝާ ފާހަނައަށް ވަންނަތަން ފެނިގެން އަފާ ބުނެލިއެވެ. ޔީޝާ އާއެކޭ ބުނެ ފާހަނައަށް ވަދެ ދޮރުގެ ތަނޑު އެޅުވިއެވެ.

10 ވަރަކަށް މިނެޓު ފަހުން ޔީޝާ ފާހަނައިން ނުކުތް އިރު އަފާ ފޯނުން ކޮރެއަން ސީރިޒްއެއް ބަލަން އޮތެވެ.

“އަފާ ކޮން އިރަކުތަ ތިޔަ ކަހަލަ ސީރިޒް ބެލުން ހުއްޓާލާނީ.. ކިރިޔާ ވަގުތެއް ލިބޭއިރަށް އެއިން ކުއްޖަކު ބަލާ ނުލާ އަފާ ހިތް ހަމައެއް ނުޖެހޭނެ” ލޯގަނޑު ކުރިމަތީ ހުއްޓިލަމުން ޔީޝާ ބުނެލިއެވެ.

“ދުވަހަކުވެސް ނުހުއްޓޭނެ.. އެއީ އަހަރެންގެ މި އެކަނިވެރި ހިތުގެ ފަރުވާއޭ.. ޔީޝް އަޅެ ބަލާބަލަ މީންދަ ބޯއި ވައްތަރެއް ނޫންތަ ޔީޝްގެ ތުއްތުބެއަކާ؟” އަފާ އެނދުމަތިން ތެދުވެގެން އައިސް ޔީޝާ ގަތު ހުއްޓެމުން ފޯނު ދައްކާލިއެވެ.

“ޕިސް ޕިސް.. އަފާއަށް ތުއްތުބެ ވައްތަރުވެދާނެ ކޮންމެ ފަދަ މީހަކާވެސް.. ދުނިޔޭގެ އެންމެ ރީތި މީހާ ދައްކާފަވެސް ބުނެދާނެ ހީވަނި އޭނާ ހެނޭ” ޔީޝާ ދިމާކޮއްލިއެވެ.

“ޔީޝްއަށް އޭނަ ރީތި ނުވިޔަސް އަހަންނަށް އެއީ ހަމަ އެއްވަނަ.. އެއީ އަހަރެންގެ ޑުރީމް ބޯއީ ވިއްޔަ” އަފާ ތުން އަނބުރާލަމުން ބުނެލިއެވެ.

“އަފާ ތުއްތުބެއާގެން ދީވާނާ ވާއިރުވެސް އޭނަ އަފާއާ ދިމާއަށް ދެވަނަ ފަހަރަށް ބަލާވެސް ނުލާ” ޔީޝާ އަފާގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“އާނއެކޭ.. އަހަރެން ހިތަށް އަރާ އޭނާގެ އޮންނަނީ ހިތެއް ބާވައޭ.. އަހަރެން މިހާވަރަށް ހިންޓު ދޭއިރުވެސް ހަމަ އަޅާވެސް ނުލާނެ.. އަހަރެން ފެންނައިރަށް ބިރެއް ފެނިގެން ފިލާހެން ފިލާނެ.. ދެންމެވެސް އަހަރެން އައިސް ވަތްތަނާ ބަރަވެލި ބޮލިގަނޑު ތެރެއަށް ވަންނަހެން ކޮަޓަރިއަށް ވަދެ ފިލާފި” އަފާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން އެހެން ބުނުމުން ޔީޝާ ގާތަށް ހިނިއައެެވެ.

“އަފާ ތުއްތުބެއަށް މާބޮޑަށް ދިމާ ކުރާތީއޭ އޭނަ ރުޅިއަންނަނީ.. އެންމެ ފުރަތަމަވެސް ފެންނައިރަށް ކޮއްލާނީ މަލާމާތްވިއްޔަ. ދެންވެސް ހިނގާ އަވަހަށް ކާންދާން..” ޔީޝާ އެހެން ބުނެފައި ކޮޓަރިން ނުކުތުމަށް ހިނގައި ގަތެވެ.

“ހައި ހޭންޑުސަމް.. މީހަކު އަނގަޔަށް ކުނި ބިހެއް ޖެހީތަ ހާދަ އަނގަ ކުނިވެފަ ތިއިންނަނީ” ޔީޝާގެ ފަހަތުން ކާގެއަށް ވަތް އަފާއަށް މޭޒުކައިރީ އިން ޔައީޝް ފެނިގެން ދިމާ ކޮށްނުލާ ނުހުރެވުނެވެ. އަފާ އެހެން ބުނުމުން ޔީޝާގެ ދޮންތަ ޔުމާނާއާއި ބައްޕަ ޔާސިރު ހޭން ފެށިއެވެ.

މި އަންހެނާއާ ހުރެ މަޑުން ކާންވެސް ނީންދެވޭނެއޭ ޔައީޝްގެ ހިތަށް އެރިއެވެ. ޔައީޝްގެ އަޅާލުން ކުޑަކަމުން އަފާ އަދި އިތުރަށް އޭނައާ ދިމާކުރަމުން ދިޔައެވެ. އަފާގެ އަނގަ ގަދަކަމުން އެހެން މީހުން ހެމުން ދިޔައިރު ޔައީޝް އިނީ މަޑުންނެވެ. އިރު އިރުކޮޅާ ދެބުމަ ގޮއް ޖަހާލާފައި އަފާއާ ދިމާއަށް ބަލާލައެވެ.

“އަފާ މިހާރު ޕެކު ކޮށް ނިމުނީތަ؟” ރަޝީދާވެސް އެމީހުންގެ ވާހަކައިގައި ބައިވެރިވުމުގެ ގޮތުން އަހާލިއެވެ.

“އާން.. އެބައި ނިންމާލާފިން.. އެހެން ނޫނަސް އަހަރެން ނުޖެހޭނެ އެހާ ބައިވަރު އެއްޗެހި ގެންދާކަށް.. ގިނަ އެއްޗެހި ހުންނާނީ އެކޮޅުގަ ވިއްޔަ” އަފާ ބުނެލިއެވެ.

“ޔީޝް ދާތީވެ މަންމަ އެހުންނަނީ ވަރަށް ދެރަވެފަ.. ދެރޭ ވަނީ މިހާރު ހަމަ ނިދި ނުލިބޭތާ” ޔާސިރު ބުނެލިއެވެ.

“މަންމަ ހާސް ނުވެބަލަ.. އެހާ ދުރަކަށްވެސް ނޫނެއްނު މިދަނީ.. ހަފްތާ ބަންދުގަ އަންނަންވިއަސް ފެރީގަވެސް އާދެވޭހާ ކައިރި ވިއްޔަ” ޔީޝާ ބުނެލިއެވެ.

“ތެދެއް ދައްތާ.. އަހަރެން ނޭވާ ހުރިހާ ހިނދަކު ޔީޝް އަކަށް ދެރަގޮތެއް ނުވާނެ.. އަހަރެމެން ހުންނަގެ ކެމްޕަހާ ދުރުވީމަ ސައިކަލެއްވެސް ނަގައިގެނޭ މިއުޅެނީ.” އަފާ ބުނެލިއެވެ.

“ދައްތަ ކަންބޮޑުވަނީ ހަމައެކަނި ޔީޝް އާދޭތެރެ އެއްނޫނޭ.. ދަރިފުޅާ ދޭތެރޭވެސް ވިސްނަމޭ.. އެކަނިމާ އެކަނި ރަށުން ބޭރަށް ގޮސްގެން އުޅޭއިރު މި މަންޖެ ބިރެއްވެސް ނުގަނޭ ވިއްޔަ..” ރަޝީދާ އަފާގެ ބޮލުގައި ލޯބިން ފިރުމާލިއެވެ. އަފާއަކީ ޔީޝާގެ ރަހްމަތްތެރިއެއް ނަމަވެސް ރަޝީދާ ދެކެނީ އެއީވެސް އޭނާގެ ދަރިއެއް ފަދައިންނެވެ.

“ކޮން ކަމަކާތަ ބިރު ގަންނަންވީ.. ކަމެއް ވެދާނެ ކަމަށް ބޮޑު ފޮށި އަޑިއަށް ވަނަސް ވާން ހުރި ކަމެއް ޥާނެ.. ނޫންތަ ބޭބޭ” ޔާސިރުއަށް ދޯ ޖަހާލަމުން އަފާ ބުނެލިއެވެ.

“ރަނގަޅު.. އެކަމު ދެކުދީން އުޅެންވާނީ ވަރަށް ބަލައިގެން.. އަފާއާ އެކީ ޔީޝް ފޮނުވަންވެސް އެއްބަސްވީ އަފާއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން” ޔާސިރު އެހެން ބުނެފައި އަތް ދޮވުމަށް ސިންކު ކައިރިއަށް ޖެހިލިއެވެ.

 

“ދަރިފުޅާ ބޭރަށް ދާއިރު މި ކޮތަޅު މާމަ ގެއަށް ލައިދީފާނަންތަ.. މަންމަ އަދި އެބަ ޖެހޭ މިއަދު ހަވީރަށް ހެދުމެއްވެސް ނިއްމާލަން..” ދުއްވާލަން ދާން ނުކުތް އަފާއަށާ ޔީޝާއަށް ގޮވާލަމުން ރަޝީދާ ބުނެލިއެވެ.

“އޯކޭ.. ކާކަށް ފަހާ ހެދުމެއްތަ އެއީ” ޔީޝާ ކޮތަޅުގައި ހިފާލަމުން އަހާލިއެވެ.

“އެއީ އެއްކަލަ މަންމަ ރައްޓެހި ޒުބޭދަގެ ދަރިފުޅަށް.. އެކުއްޖާ މީހަކާ އިންނަންށޭނުން އެއުޅެނީ” ރަޝީދާ ބުނެލިއެވެ.

އެހެންތަހޭ ބުނެފައި ޔީޝާ ގެއިން ނުކުތެވެ. އަދި އަފާގެ ސައިކަލު ފަހަތަށް އަރާ ފުރަތަމަ މާމަ ގެޔަށް ވަދެލާފައޭ ދާނީ ބުނެލިއެވެ.

 

“މިއަދު ތުނޑިއަށް ގޮސް އައި ފަހުން ތިޔަ ކެމެރާއިން ދެލޯ ނުނެއްޓިގެން ތިއުޅެނީ ކީއްވެތަ؟” މެދުގޯތި ތެރޭ ހުރި ޖޯލި ފަތީގައި އޮތް ދާނިޝް ސިއްސައިގެން ދިޔައީ ބޭރުން އައިސް ވަތް ހުސެންގެ އަޑަށެވެ. އެއީ ދާނީޝްގެ މަންމަ ފަރާތު ތިމާގެ ކުއްޖެކެވެ.

“ކަމެއް ނުވޭ..” ކެމެރާ އުނގުމަތީ ބާއްވާލަމުން ދާނިޝް ބޯހޫރާލިއެވެ.

“އެހެން ނުވާކަށް.. މީހާ ހީވަނީ އާވާރާ ވެފަ ހުރި މީހެއް ހެން ވިއްޔަ.. އަނެއްކާ މިރަށު މަންޖެއަކަށް ހިތް ކީތަ؟” ހުސެން ދިމާކޮއްލުމުގެ ގޮތުން ބުނެލިއެވެ.

“އުހުން އެހެނެއް ނޫން.. އެކަމު ކުޑަކޮށް ގަޔާވާ ކަހަލަ ކުއްޖަކު ފެނުނު.. އެކަމު އެއީ ކާކު ކަމެއްވެސް ނޭނގޭ” ދާނީޝް ރަކި ގޮތަކަށް ބޯކަހާލަމުން ބުނެލިއެވެ.

“އެ ކުއްޖަގެ ފޮޓޯއެއްތަ ތިހާ ވަރަށް ތިބަލަނީ.. ދައްކަބަލަ މަވެސް ބަލާލަން އޭރުން ނޭނުން އެމަންޖެގެ ފޯނު ނަންބަރުވެސް ހޯދަން އެނގޭނީ” ހުސެން ބުނެލިއެވެ.

“އުހުން.. އަޅާ ނުލާ” އިރުކޮޅަކު ވިސްނަން ހުރެފައި ދާނިޝް އެކަމަށް އިންކާރު ކުރިއެވެ.

“އެޔޯ.؟ ތިހާ ފިނޑިވެގެނެއް ކަމެއް ނުވާނެ އިނގޭ” ހުސެން މަލާމަތުގެ ރާގަކަށް ބުނެލިއެވެ.

“ފިނޑިވެގެނެއް ނޫން.. އެކަމު މިރަށުން ފުރައިގެން ދާންވެފަ އޮށްވާ ކުއްޖަކު ފަހަތުން ދުވާނެ ކަމެއް ނެތޭނުން.. އޭރުން އަހަންނަށް ރަށަށް ގޮސް ހަމަ ނޭވާވެސް ނުލެވޭނެ” ދާނީޝް ހެމުން ބުނެލިއެވެ.

“އެއީ އެވަރު ކަމެއްތަ.. ފޭސްބުކު ކަހަލަ ތަންތަނުން ވާހަކަ ދައްކައިގެން ރައްޓެހިވާ ކިތައް މީހުން އުޅޭ.. މަށަށް ފެންނަނީ ކަލޭވެސް ޓުރައި ކޮއްލަން.. ތިހެން ދޫކޮއްލައިގެން ހުއްޓާ ތެޔޮ ނަށީ ކާޅު ޖަހާ ގަނެދާނެ” ހުސެން އެހެން ބުނެފައި އެތަނުން ދިޔުމުން ދާނިޝް ކުޑަކޮށް ވިސްނާލިއެވެ. ނަމަވެސް ދެން އެ ނުދަންނަ އަންހެން ކުއްޖާ ހޯދާނީ ކޮންތާކުން ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ.

 

ރަށުގެ ފުއްޓަރު ފަރާތުގައި ތަންކޮޅެއް އެކަހެރިކޮށް ހުރި ގެޔެއްގެ ކައިރިއަށް އަފާ ސައިކަލު މަޑުކޮއްލިއެވެ. ޔީޝާ ސައިކަލުން ފާބާފައި އެބަ އަންނަމޭ ބުނެ އެތެރެއަށް ހިނގާގަތުމުން އަފާ ސައިކަލު މަތީ މަޑު ކޮއްލިއެވެ.

ގޭގެ މެދުގޯތި ތެރޭން ލާފައި ޔީޝާ ހިނގަމުން ދިޔައިރު  އޭނާގެ ހިތަށް ގޮތް ނޭނގޭ ގޮތަކަށް އުނދަގޫ ވަމުން ދިޔައެވެ. އޭނާގެ މާމަ ގެޔަށް ވަންނަ ކޮންމެ ފަހަރަކު އޭނާއަށް މިހެން ދިމާވާ ސަބަބެއް ހުދު ޔީޝާ އަކަށްވެސް ނޭނގެއެވެ. ބައެއްފަހަރު ވަރަށް ދުރު ހަނދާންތަކެއް އާވާހެންވެސް ހީވެއެވެ. ނަމަވެސް އެންމެ ކުޑައިރުންސުރެވެސް ޔީޝާ އުޅެ ބޮޑުވީ އަމިއްލަ ގޭގައި ކަމުން މިގޭތެރޭގައި ކުޑައިރުގެ އެއްވެސް ހަނދާނެއް ހުންނަންވީ ސަބަބެއް ނޭނގެއެވެ. އެންމެ ކުޑައިރުވެސް ޔީޝާ މިގެއަށް އަންނަނީ ވަރަށް މަދު ފަހަރަކުއެވެ. ނަމަވެސް ގިނަ ފަހަރު މާމަ އަށް ގޮވާލާފައި ނުކުމެގެން ދާނީއެވެ. މާމައަކީ ސިހުރު ހަދާ މީހެއްކަމުން ރަޝީދާވެސް އެމީހުން އެގެއަށް ގޮސް އުޅޭކަށް އެހާ ހިތްހަމަ ނުޖެހޭތީއެވެ.

ޔީޝާ ގޭތެރެ ދޮރު ހުޅުވާލާފައި މާމާއޭ ކިޔާ ގޮވާލިއެވެ. ޖަވާބެއް ނައުމުން ދެވަނަ ފަހަރަށް ގޮވާލިތަނާ ހައްވާދީ ދުވަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނުކުމެގެން އައެވެ.

“އަހަން ދަރިފުޅާ ޔީޝާ.. މިއަދު ދަރިފުޅުތަ ކާން ހިފައިގެން ތިއައީ.. ކޮބާ މަންމަ” ހައްވާދީ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލަމުން ބުނެލިއެވެ. އަދި ޔީޝާގެ އަތުގައި ހިފައިގެން އައިސް ގޭތެރޭ ހުރި މޭޒުކައިރީ ބޭންދިއެވެ.

“މަންމަ ކުޑަ މަސައްކަތެއްގަ އުޅޭތީ ނާދެވުނީ.. މާމަ ކިހިނެއްތަ؟” ގޮނޑީގައި އިށީންނަމުން ޔީޝާ އަހާލިއެވެ.

“ދެން އެކަހަލަ ގޮތެއްދޯ.. ދަރިފުޅު ސައިބޯން ވީނުން.. މިހާރު ހާދަ ހިކިއްޖެއޭ” ހައްވާދީ އަނެއްކާވެސް ބުނެލިއެވެ.

“އުހުން.. ހަމަ މިއައީ ކައިގެން.. އެހެން ނޫނަސް އަހަރެންގެ އިންތިޒާރުގަ މިހާރު ކުއްޖަކު ހުންނާނެ ބޭރުގަ.. އޭނައަށް ލަސްވެދާނެއްނު” ޔީޝާ އިންކާރު ކުރަމުން ބުނެލިއެވެ.

“އެހެންތަ.. ދަރިފުޅު ކޮންއިރަކު ފުރަނީ؟” ހައްވާދީ މިހެން ބުނީރު މޫނު މަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.

“ހޮނިހިރު ދުވަހުން ފުރާނީ.. ދެން މިހާރު އެހާ ގިނަ ދުވަހެއް ނެތް” ޔީޝާ ބުނެލިއެވެ.

“ރަޝީދާ ކައިރީ އެވަރަށް ބުނިން ދަރިފުޅު ރަށުން ބޭރަށް ފޮނުވާނެ ކަމެއް ނެތޭ.. މިރަށުން ކިޔެވޭ އެންމެ މައްޗަށް ކިޔެވިމަ އެނިމުނީއޭ.. އެހެން ނޫނަސް އަންހެނުން ކީއްކުރަންތަ އެހާ ވަރަށް ކިޔަވަންވީ.. އެއީ ފިރިހެނުންގެ މަސައްކަތޭ” ހައްވާދީ ނުރުހިފައި ބުނެލިއެވެ.

“އެއީކީ މައްސަލައެއް ނޫނޭ.. މާމާ.. ދެން ދަނީ އިނގޭ” ޔީޝާ އެހެން ބުނެފައި ގޮނޑިން ތެދުވިއެވެ.

“ދަރިފުޅާ މަޑު ކޮއްބަލަ.. ކޮބާ މާމަ ދިން ތަވީދު.. ނެގީތަ؟” ހައްވާދީ ޔީޝާގެ އުނަގަނޑާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

“މާމާ.. އަޅުގަނޑު އެޔެއް ނުނަގަމޭ..” ހައްވާދީ ކޮންމެ ފަހަރަކުހެން ފަށާ ތަގުދީރު ފަށާފާނެތީ ޔީޝާ އަވަހަށް ބުނެލިއެވެ.

“ރަނގަޅު.. ދަރިފުޅު ރަށުން ބޭރުގަ އުޅުނަސް އެ ތަވީދަށް ރައްކާތެރިވާތި.. މިއީ ހަމަ ދަރިފުޅަށް ރަނގަޅަކަށް ބުނާ ވާހަކައެއް” ހައްވާދީ ބުނެލިއެވެ.

“ލައްބަ މާމާ.. އަޅުގަނޑު ތަވީދެއް ނުނގާނަމޭ.. ދެން ދަނީ އިނގޭ” ހައްވާދީ އިތުރަށް އެވާހަކަ ތަކުރާރު ކުރަން ވާއިރަށް ޔީޝާ އެތަނުން ނުކުތެވެ.

 

“އަހަރެން ހިތަށް އަރާ ޔީޝްގެ މާމަ އެކަނިމާ އެކަނި މިތާ އުޅޭކަށް ބިރެއް ނުގަނޭބާއޭ..” ޔީޝާ ސައިކަލަށް އެރުމާއެކު އަފާ ބުނެލިއެވެ.

“ބިރު ނަގަންނާތީތާ އަހަރެމެން ގެޔަށް ބަދަލުވާށޭ ބުނީމަވެސް އެއްބަސް ނުވީ..” ޔީޝާ އެހެން ބުނުމުން އަފާ ސައިކަލު ދުއްވާލިއެވެ.

 

މުޅި ރަށުގައި ދުއްވުމަށް ފަހު ގެއަށް އައުމަށް އަފާއަށް އަޅާލެވުނީ އަހްނަފްގެ ގެ ހުންނަ މަގަށެވެ. އެމަގަށް އެޅުމާއެކު ޔީޝާގެ އަތް ފައި ފިނިވެގެން ދިޔައެވެ. ކޮންމެ ރެއަކުހެން އޭނާއަށް އުނދަގޫކުރާ ހުވަފެން ލޮލު ކުރިމަތީ ސިފަވާން ފެށިއެވެ. ޔީޝާއަށް އައި ބަދަލު ފާހަގަ ކުރެވިގެން އަފާ ސައިކަލުގެ ދުވެލިކި ބާރުކޮއްލީ އަވަހަށް އެ ހިސާބުން ދުރަށް ދާށެވެ. ނަމަވެސް ޔީޝާ އަފާ ކައިރީ މަޑު ކުރުމަށް ބުނެލިއެވެ.

“ހިނގާ ލޮލީއެއް ގަނެލަން.. އެހެރަ ގޭގަ ވަރަށް މީރު ލޮލީ ވިއްކާނެ” ޔީޝާ އެހެން ބުނުމުން އަފާ ސައިކަލު މަޑުކޮއްލިއެވެ.

ލޮލީ ގަނެގެން ދެމީހުން ބޭރަށް ނުކުމެ މަގުގެ އެއްފަރާތެއްގައި މަޑުކޮއްލިއެވެ. އަނގަ ހުއްޓާ ނުލާ އަފާ ވާހަކަ ދައްކަމުން ދިޔަނަމަވެސް ޔީޝާއަކަށް އެޔަކަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. ޔީޝާގެ ނަޒަރު ހުއްޓިފައި ވަނީ އަހުނަފްގެ ގެއާ ދިމާއަށެވެ.

“ޔީޝް.. ކިހިނެއްވީ؟ ކޯއްޗަކަށް ތިބަލަނީ” ޔީޝާގެ އެއްވެސް ޖަވާބެއް ނައުމުން އަފާ އަހާލިއެވެ.

“އަފާ.. އަހަންނަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ އަހްނަފް ނެތް ކަމަކަށް.. އިއްޔެ ވީކަމެއްހެން އަދިވެސް އަހަންނަށް އެދުވަސް ސިފަވޭ.. ކޮންމެ ރެއަކު ހުވަފެނުން އެ މަންޒަރު އަހަންނަށް ފެނޭ” ޔީޝާ އެހެން ބުނިއިރު ދެލޯ ފެންކަޅި ވިއެވެ.

“އެއީ ޔީޝް އެކަމާ މާބޮޑަށް ވިސްނާތީ އޭ.. މިހާރު ދެއަހަރު މިވަނީ.. ޔޫ ޝުލްޑް މޫވް އޮން” އަފާ ބުނެލިއެވެ.

“އެއީ ކުރަން އެހާ ފަސޭހަ ކަމެއްނަމަ އަހަރެން މިހާރު މޫވް އޮން ކުރާނެ ދޯ.. އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ އަހްނަފް ދަން ޖެހިދާނެ ކަމަކަށް.. އޭނަ އެހާ މޮޔަ ކަމެއް ނުކުރާނެ” ޔީޝާ ބުނެލިއެވެ.

“އޭނަ ދަން ޖެހުނީ އޭ ބުނިމަ އަހަރެންވެސް ވަރަށް ހައިރާންވި.. އެކަމު އެކަމެއް ދެނެއް ބަދަލެއްވެސް ނުކުރެވޭނެ.. ޔީޝް އެކަމާ ވިސްނާ ބޯގޮއްވިއަސް އަހްނަފް އެނބުރިއެއް ނާންނާނެ.. ޔީޝްއަށްވެސް އެންމެ ރަނގަޅުވާނީ އެކަން ހަނދާން ނައްތާލާފަ އަމިއްލަ ލައިފްއާގެން ކުރިއަށް ދިއުން.. ” އަފާ ޔީޝާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ދުލުން ބުނެލަން ފަސޭހަވިއަސް އެއީ ކުރަން އެހާ ފަސޭހަ ކަމެއް ނޫންކަން އަފާއަށްވެސް އެނގެޔެވެ. ނަމަވެސް އޭނާގެ އެކުވެރިޔާ ހިތްހަމަ ޖައްސައި ދިނުމަށް ބުނާނެ ވަކިއެއްޗެއް އަފާއަކަށް ނޭނގުނެވެ.

“އަހަންނަށްވެސް ތިކަން އެނގެޔޭ.. އެކަމު ކީއްވެތަ އަހަރެންގެ ހަޔާތަށް އަންނަ ކޮންމެ ކުއްޖަކަށް އެހެން އެވަނީ.. ފުރަތަމަ ހުސާމް.. އޭނަވެސް އެކްސިޑެންޓު ވީ ހަމަ ކުއްލިއަކަށް.. އަހްނަފްވެސް..” ޔީޝާ އެހެން ބުނުމުން އަފާގެ ދެލޯބޮޑުވިއެވެ. ޔީޝާގެ ސިކުނޑީގައި އެނބުރެނީ ކޮންފަދަ ހިޔާލުތަކެއް ކަމެއްވެސް އަފާއަށް ދެނެގަންނަން އުނދަގޫވިއެވެ.

“ޔީޝް.. ހުސާމް އެކްސިޑެންޓުވީ ނުގަވާދުން ބާރަށް ސައިކަލު ދުއްވީމަ.. އަހްނަފްއަށް އެހެން ދިމާވި އޭނަގެ އީމާންތެރިން ކުޑަވީމަ.. އެއީ ޔީޝްގެ ކުށެއް ނޫނެއްނު.. ޑޯންޓު ބުލޭމް ޔުއަރ ސެލްފް.. ހިނގާ ދާން ދެން.. މިތަނުގަ ހުންނަން ވެއްޖެއްޔާ ޔީޝް އަނެއްކާ ބޮޑަށް ވިސްނާނީ.” އަފާ އެހެން ބުނެ ސައިކަލަށް އެރިއެވެ. ޔީޝާއާ އެކު އެތަނުގައި ހުންނާކަށް އަފާ ބޭނުމެއް ނުވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ފަތްގަނޑު ފުރޭތަ 21

Next

މަންޒިލް 27

Next
January 22, 2021

މަންޒިލް 27

Previews
January 22, 2021

ފަތްގަނޑު ފުރޭތަ 21



All Right Reserved!