
އަލިކަތީބުގެ ގެއިން ހައްވާދީ ނުކުތް އިރު ވަނީ ގޮތް ހުސްވެފައެވެ. އަމިއްލައަށް ކުރެވުނު މޮޔަކަމަކުން އެ ކުޑަ ދަރިފުޅުގެ ދިރިއުޅުމަށް ބަދުނަސީބުގެ ހިޔަނި އެޅިއްޖެކަން އެނގުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
15 އަހަރު ފަސް …
ވިލާތަކު ތެރެއިން އިރުގެ ހިލަމެއް ވާން ފެށިއިރު ފަތިހުގެ ތެތް ފިނިކަންވެސް އާތްވަށް އަރާ ފިއްސަން ފެށިއެވެ. ބިއްލޫރި ކޮޅެއްފަދަ ސާފު މޫދުގެ ރާޅުތައްވެސް އައިސް ގޮނޑުދޮށަށް ބީއްސާލަނީ އާދުވަހަކަށް މަރުހަބާ ކިޔަމުންނެވެ. ކިރު ކަކުނިތަށް އެސޮރުމެންގެ ހޮރުން ނުކުމެ ދޮންވެލި ގަނޑުމަތީ ރޮނގު އަޅަމުން ދިޔައިރު ދޫނިތަށްވެސް އޭތިންގެ ރީތި އަޑުން ގޮވަމުން އެއްގަހުން އަނެއް ގަހަށް ދަތުރު ކުރަމުން ދިޔައެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް ގުދުރަތުގެ ރީތި އެތަށް މިސާލުތަކެއް ދައްކައި ދެއެވެ.
ގޮނޑު ދޮށަށް ވެއްޓިފައި އޮތް ފަލަ ރުއްގަނޑެއް މަތީ އިށީންދެ އިން ދާނިޝްގެ ހިތުގައިވެސް ވަނީ ތައުރީފެވެ. ގަޑީރަކަށްވުރެ ގިނައިރު ވީއިރުވެސް ފޫހިކަމެއް ނެތި އިނދެވުނީ އެފަދަ ގުދުރަތީ ކަންކަމަށް ދާނީޝްގެ ހިތުގައި އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ. އުމުރު ދުވަހު މިފަދަ މަންޒަރުތައް ފެނުނު ނަމަވެސް ފޫހި ނުވާނެކަން ދާނިޝް ގަބޫލު ކުރެއެވެ. އަމިއްލަ ރަށުގައިވެސް މިފަދަ ރީތި ތަންތަން ހުންނަ ނަމަވެސް މިރަށު ތުނޑިއަށް ދާނިޝްގެ އޮންނަނީ އެހެންކަހަލަ ގާތް ކަމެކެވެ. އޭނާގެ ކުޑައިރުގެ ބައެއް ހަނދާންތަ މިތަނާ ގުޅިފައި ވާތީ ކަންނޭނގެއެވެ.
އުނގުމަތީ އޮތް ކެމެރާގައި ހުރި ފޮޓޯތައް ބަލަމުން ދިޔައިރު ދާނިޝްގެ އަނގައިން ލަވައެއްގެ ރާގު ބޭރުވަމުން ދިޔައެވެ. އޭނާގެ ފޮޓޯނެގުމުގެ ހުނަރަށް އަމިއްލައަށް ތައުރީފު ކޮއްލަމުން ދާނިޝް އެތަނުން ތެދުވީ ގެޔަށް ދިޔުމުގެ ނިޔަތުގައެވެ.
ރަށުތެރެއަށް ދާން އޮންނަ މަގަށް ދިޔުމަށް ހިނގާގަތް ދާނިޝްއަށް އެދިމާއަށް އަންނަ ތިން އަންހެން ކުދިން ފެނުނެވެ. ބަރޯގައި ހުރި ތެލިތަށް ފެނުމުން އެއީ ތެލި ދޮންނަން އަންނަ ކުދިން ތަކެއްކަން ދާނިޝްއަށް ދެނެ ގަނެވުނެވެ. އެމީހުންގެ އަމިއްލަ ވާހަކަައިގައި ހެމުން ސަކަރާތް ޖަހަމުން އައި ތިންކުދިން ތެރެއިން ދާނިޝްގެ ސަމާލުކަން ހުއްޓުނީ އެއްގަމާ ވީ ފަރާތަށް ހުރި ކުއްޖާއަށެވެ. ކަޅު ކުލައިގެ އަތް ދިގު ޓީސާޓަކާއި ޖިންސުގައި ހުރި އެ އަންހެން ކުއްޖާގެ އިސްތަށިގަނޑު ދޫކޮއްލާފައި ހުރުމުން ބަލާލަން ވަރަށްވެސް ހިތްގައިމެވެ. އިސްކޮޅުން އެހާ ދިގުނޫނަސް ހަށިގަނޑުގެ ބައްޓަމުން މޮޑަލް ކުރާ ކުދިންނަކަށް ދޫނުކުރެއެވެ. އެހެން ނަމަވެސް ދާނީޝްގެ ސަމާލުކަން އަތުލީ އެ އަންހެން ކުއްޖާގެ ހިނިތުންވުމެވެ. އެއީ ހަމަ “ވަން އިން އަ މިލިއަން ސްމައިލް” އެކޭ ދާނިޝްގެ ހިތް ބުނެލިއެވެ. އެ ތިން މީހުން ދާނިޝްގެ ކައިރިން ލާފައި ދިޔަ ވަގުތު އެއްވެސް އިހްތިޔާރަކާ ނުލާ ދާނިޝްއަށް ކެމެރާ ހިއްލާ ލެވުނެވެ. ކެމެރާގައި ލޯ ޖަހާލާފައި އެ ނުދަންނަ އަންހެން ކުއްޖާގެ ފޮޓޯއެއް ނަގާލެވުނެވެ.
ދާނިޝް އެމީހުންގެ ފޮޓޯ ނަގަނީ ކަން އެނގިގެން އެ އަންހެން ކުއްޖާ ބަލާލިއެވެ. ދެބުމަ ގޮށް ޖަހާލާފައި އިންޒާރެއް ދޭފަދައަކުން ބަލާލުމުން ދާނިޝްގެ ގާތަށް ހިނިއައެވެ. އެކުޑަ ހަރަކާތުންވެސް އެކުއްޖާގެ ރީތިކަން އިތުރުވެގެން ދިޔަކަން ދާނިޝް ފާހަގަ ކުރިއެވެ. އިތުރަށް އެމީހުންގެ ފޮޓޯއެއް ނަގާފިއްޔާ އަނެއްކަ އެކުދިން ރުޅިއައިސްގެން ދިމާ ކޮއްލަ ފާނެތީ ދާނިޝް އަވަހަށް އެތަނުން ދުރަށް ދާން ހިނގައި ގަތެވެ. ބޮޑެތި ފިޔަވަޅުގައި ދުރުގައި ހުރި އޭނާގެ ސައިކަލު ކައިރިއަށް ދާނިޝް ދިޔައެވެ. ސައިކަލު މަޑި ދަށުގައި އޮތް ކުޑަ ދަބަހަށް ކެމެރާ ލަމުން ދާނިޝް އަދި އެއްފަހަރު ފަސް އެނބުރި އެ ކުއްޖާ ފެނޭތޯ ބަލާލިއެވެ. ނަމަވެސް އޭރު އެކުދިން ގަސްތަކާ ދިމާއަށް ވަދެ ނިވާވެއްޖެއެވެ.
“އެ ފިރިހެނާ ހާދަ ވަރަކަށޭ ދޯ މިދިމާއަށް އެބަލަނީ..” ބަރޯގައި ހުރި ތެލިތައް ދޮންވެލި ގަނޑުމަތީ ބަހައްޓަމުން މަލަކާ ބުނެލިއެވެ.
” އެއީ މިރަށު ކުއްޖެއް ނޫން ދޯ..” އަޅައިގެން ހުރި ބުރުގާ ކުރިމަތިން ޓީސާޓު ތެރެއަށް ޖަހާލަމުން ހައިފާ ބުނެލިއެވެ.
“އެކުއްޖާ މަންމަ އަކީ މިރަށު މީހެއް.. އެމީހާ ނިޔާވުމުން އެކުއްޖާ އުޅެނީ އެކުއްޖާގެ ބައްޕަ ކައިރީގަޔޯ. މަށެއްވެސް އެހާ ބޮޑަކަށް ނުދަންނަން އޭނައެއް” މަލަކާ ބުނެލިއެވެ.
“އޭ ޔީޝް.. ކޮން ހިޔާލަކަށް ގެއްލިފަ..؟ އަނެއްކާ އެ ފިރިހެން ކުއްޖާއަށް ހިތް ކީތަ؟” ބަސްހުއްޓިފައި ހުރި ޔީޝާގެ އަތުގައި ކޮއްޓާލަމުން ހައިފާ ބުނެލިއެވެ.
“މިހާރު ފެށީ ދޯ.. އަހަންނަށް އޮޅިގެންވެސް ކުއްޖަކާ ދިމާއަށް ބަލާލެވުނަސް ކަލޭމެންގެ ތި ބަނދިވަރެއް ނުހުއްޓޭނެ..” ޔީޝާ ތުން އޫކޮއްލަމުން ބުނެލިއެވެ. މިއަދަކު ދެން އެމީހުންގެ ދިމާކުރުމެއް ނުހުއްޓޭނެކަން އެނގުމުން ޔީޝާ ބޯހޫރާލިއެވެ.
“ޔީޝް ބޭނުމިއްޔާ އަހަރެމެން އޭނަ ސެޓު ކޮއްދީ ފާނަމޭ” ހައިފާ ބުނެލިއެވެ. އެމީހުން ކިތަންމެ ވަރަކަށް ދިމާކުރިއަސް ޔީޝާ ރުޅި ނާންނާނެކަން އެމީހުނަށް އެނގެޔެވެ.
“ޗީ މަށެއް ނޫޅެން.. ” ޔީޝާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.
“ކިހިނެއްވީ؟ އެ ބޯއީ އަކީ ޔީޝްގެ ޓައިޕޭނުން.. މިހެން ބުނީމަ އެ ކުއްޖާ އަހްނަފް އާ ވައްތަރު ގޮތެއް ހުރިހެން ހީވޭ” މަލަކާ އެހެން ބުނެފައި ދެލޯ ބޮޑު ކޮއްލެވުނީ ވާހަކަ މިދެކެވުނީ ރަނގަޅު މައުލޫ އަކަށް ނޫންކަން ހަނދާން ވުމުންނެވެ. ހައިފާވެސް ދެލޯ ބޮޑު ކޮށްލާފައި ބޯ ހޫރާލީ އިތުރަށް އެވާހަކަ ނުދައްކާށޭ ބުނާ ފަދަ ގޮތަކަށެވެ. އަހްނަފްގެ ނަން އިވުމުން ޔީޝާވެސް ކުޑަކޮށް ހުއްޓުން އެރިއެވެ. ނަމަވެސް މޫނުމަތިން ކަމެއް ނުވާކަން ދައްކަން މަސައްކަތް ކުރިއެވެ.
“ސޮރީ ޔީޝް.. އަހަރެން ގަސްތަކު ނޫން.. ސޮރީ އިނގޭ” މަލަކާ ކުޑަކޮށް ދެރަވެފައި ބުނެލިއެވެ.
“އިޓްސް އޯކޭ.. ހިނގާ ދެންވެސް އަވަހަށް މިތެލިތަށް ދޮވެގެން ގެޔަށް ދެވޭތޯ.. ކަލެމެންގެ އޮލަ ވާހަކައިގަ ޖެހިއްޖެއްޔާ މިއަދު އިރު އޮއްސޭރުވެސް މިތަނަކުން ނުދެވޭނެ ” ގަދަކަމުން ހީލަމުން ޔީޝާ އެހެން ބުނެފައި ތެއްޔެއް ނަގާ ރާޅު ބީއްސާ ހިސާބަށް ޖެހިލިއެވެ.
“އަދިވެސް ޔީޝް މޫވް އޮންއެއް ނުކުރޭތަ.. މިހާރު 2 އަހަރު ވަނީ” ޔީޝާއަށް ނީވޭނެހެން ހައިފާގެ ކަންފަތް ބުޑުގައި މަލަކާ ބުނެލިއެވެ.
“އެކަހަލަ ކަންކަމަކީ އެހާ ފަސޭހައިން ހަނދާން ނައްތާލެވޭނެ ކަންކަމެއް ނޫނެއްނު.. ޕުއަރ ޔީޝް” ހައިފާވެސް އެހެން ބުނެފައި ތެލިތަށް ހިފައިގެން މޫދުކައިރިއަށް ދިޔައެވެ.
ދޮއެފައި ހުރި ތެލިތައް ބަރޯއަށް ލައިފައި ތިން މީހުންވެސް ގެޔަށް ދިޔުމަށް ހިނގާއި ގަތެވެ. ޔީޝާގެ ގެ ހުންނަ ގޯޅިއަށް އެޅުމުން މަލަކާއަށާ ހައިފާއަށް ހަނާ އަޅާލަމުން ޔީޝާ ހިނގުން ބާރު ކޮއްލިއެވެ. ގޭގެ މެދުގޯތި ތެރޭގައި ހުރި ފެން އިސްކުރުން ފައި ދޮވެ ލާފައި ޔީޝާ ގޭތެރެއަށް ވަދެގެން ދިޔައެވެ. ޔީޝާގެ މަންމަ ރަޝީދާ ގޮވަމުން ދިޔައިރުވެސް އަޑު ނީވޭ ކަމަށް ހެދިފައި ކޮޓަރިއަށް ވަނީ ލޮލަށް ޖަމާ ވަމުން ދިޔަ ކަރުނަތައް ނުދައްކަން ވެގެނެވެ. މަލަކާގެ ވާހަކަ ތެރެއިން އަހްނަފްގެ ނަން އިވުމުން ޔީޝާގެ ހިތަށް ކުރީ ފުން އަސަރެކެވެ. އެމީހުން ކުރިމަތީ ނުރޯން ކެތް ކޮއްލެވުނު ނަމަވެސް އެކަނި ވުމުން ކަރުނަތަށް ޖަމާވީ ތިޔަހެނެއް ބަލާފައެއް ނޫނެވެ. ކޮޓަރީގެ ދޮރު ތަަޅުލާފައި ޔީޝާ އައިސް އެނދުމަތީ އޮށޯތެވެ. ބާލީހުގައި ބައްދައިގެން އޮށްވާ އޭނާއަށް ނިދުނު ގޮތްވެސް ނޭނގުނެވެ.
ރޭގަނޑެވެ. އެއްވެސް އިންސާނެއްގެ ހިލަމެއް ނުވާ މަގަކުން ޔީޝާ ހިނގަމުން ދިޔައީ ދާނެ ވަކި މަންޒިލެއް އެނގި ގެނެއް ނޫނެވެ. ކުރިއަށް ދާން ބޭނުން ނުވި ނަމަވެސް ގަދަކަމުން ކުރިއަށް ކޮންމެ ފިޔަވަޅެއް އެޅެނީ އަނބުރާލާފައި ދާންވީ ކޮންތާކަށް ކަމެއްވެސް ނޭގޭތީއެވެ. ކުރި މަތީގައި އޮތް ހަނި މަގުގައި ދިއްލާފައި ހުރި ހޮޅިބުރީގެ ފަނޑު އަލިކަމެއް ވާއިރު އޭނާގެ ފަހަތުގައި ވަނި އަނދިރި ކަމެވެ. ނޭނގޭ ބާރަކުން ޔީޝާއަށް ކުރިއަށް ދެވެނިކޮށް ދަންނަހެން ހީވާ މަގަގަށް އެޅުނެވެ.
ވަކި ހިސާބަކަށް ދެވުނު ތަނާ ޔީޝާގެ ކުރިމަތިން ހުރަސް ކޮއްލީ ކަޅު ބުޅަލެކެވެ. ކުއްލިއަކަށް އެބުޅާ ފެނުމުން ޔީޝާ ސިހިފައި ހަޅޭލަވައި ގަނެވުނެވެ. ބިރުގަތް ވަރުން ދެލޯ މަރާލާފައި މޭގައި އަތް އެޅުނެވެ. ދެވަނަ ސިކުންތު ދެލޯ ހުޅުވާލިއިރު ކުރިމަތީ އޮތީ ކާރެކެވެ. ކާރުގެ ކުރިމަތީ އެއްކޮށް ހަލާކުވެފައި ވާއިރު ކާރުގެ ކުރިމައްޗަށް ވާގޮތަށް މީހަކު ވެއްޓިފައި އޮތެވެ. ސްކޫލު ޔުނިފޯމުގައި ހުރި އެ ފިރިހެން ކުއްޖާ ވަނީ ލެއިން ކަޅި ވެފައެވެ. އެކުއްޖާ ވެއްޓިފައި އޮތް ހިސާބުވެސް ވަނީ ލޭގެ ކޯރެއް ހެދިފައެވެ. އެދިމާއަށް ނުބަލަން މަސައްކަތް ކުރިނަމަވެސް ޔީޝާގެ ދެލޯ އެކުއްޖާއަށް ހުއްޓެމުން ދެއެވެ. މުޅި މޫނުގައި ލޭ ހުރިނަމަވެސް އެއީ ކާކުކަން ޔީޝާއަށް އެނގެޔެވެ. އެތަނުގައި ނުހުރުމަށް ޔީޝާ ދުއްވައިގަތެވެ. ނަމަވެސް ދެންވެސް ދާންވި ތަނެއް އޭނާއަކަށް ނޭނގުނެވެ. ދުވަމުން ދުވަމުން ދަނިކޮށް ޔީށާ ލައިގަތީ ދޮރެއްގައެވެ. އެއީ ކޮންތާކުން ކިހިނެއް އައި ދޮރެއް ކަމެއްވެސް ޔީޝާއަކަށް ނޭނގުނެވެ. ބިރުގަނެފައި ހުރިލެ ބޮޑު ކަމުން ޔީޝާ އެދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.
ނަމަވެސް ދެންވެސް އޭނާއަށް ވަދެވުނީ ކަނު އަނދިރި ގަނޑަށެވެ. ދެން ހަދަންވީ ކިހިނެއް ކަމެއް ނޭނގިފައި ހުއްޓާ ތެތް އެއްޗަކަށް އެރިފައި ޔީޝާ ކައްސާލިއެވެ. ބިންމައްޗަށް ޖެހުމާއެކު ތަންދޮރު ވަކިވާ ވާރަށް އަލިވާން ފެށިއެވެ. ޔީޝާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އެނދުމަތީގައި ވެއްޓިފައި އޮތް ގޮނޑިއެވެ. އެނދުމަތީގައި އޮތް ހުދު ބެޑު ސީޓުވެސް ވަނީ ލެއިން ރަތް ވެފައެވެ. އޭރުވެސް އެނދުމައްޗަށް ލޭތިކި ޖަހަމުން ދިޔައެވެ. ޔީޝާ ބިރުގަނެފައި ވީނަމަވެސް މަޑުމަޑުން އިސް އުފުލާލާ މައްޗަށް ބަލާލިއެވެ. ފަންކަލުގައި އަޅުވާފައި އޮތް މަޅިއަށް މެހިފައިވާ އަހްނަފްގެ ފުރާނަ ނެތް މަސްގަނޑު ފެނިފައި ޔީޝާއަށް ހަޅޭލަވައިގަތެވެ. އެހެން ނަމަވެސް އޭނާގެ އަރުތެރެއިން އެއްވެސް އަޑެއް ބޭރެއް ނުވިއެވެ. އަހްނަފްގެ ބޭރަށް ނުކުމެ ލޭއަރާފައިވާ ދެލޯ ހުރީ ސީދާ ޔީޝާގެ މޫނަށެވެ. އަނގައިގެ ދެކަނަވާއިން ހޯސްލާފައި ލޭއަންނައިރު މަޅި އެޅުވިފައިވާ ތަނުން ކަރުވެސް އޮތީ ބޮޑުބައެއް އިރައިގެން ގޮހެވެ. ލައިގެން ހުރި ހުދު ގަމީސްވެސް ވަނީ ލެއިން ކަޅިވެފައެވެ.
ޔީޝާ ބަލަން ހުއްޓާ ވާގަނޑު ބުރިވެގެން އަހްނަފްގެ ފުރާނަ ނެތް މަސްގަނޑު ބިންމައްޗަށް ވެއްޓުނެވެ. ސިއްސައިގެން ދިޔަވަރުން ޔީޝާ އަޑުން އަޑު ނަގާ ހަޅޭ ލަވައި ގަނެވުނެވެ.
(ނުނިމޭ)