އިމްތިޙާން 48
“ބައްޕާ! އަހަރެން ވާހަކަ ދައްކާލަން ވަގުތުކޮޅެއް ދެވިދާނެތަ؟ މިއައީ ހަމަ ނުނިދިގެން.” ނިދަން ތައްޔާރުވެ އޮތް ސަމީރުގެ ކޮޓަރިއަށް ވަދެ ހޮޅިބުރި ދިއްލާލަމުން މާލިކް އަހާލިއެވެ.
“އާދޭ އަވަހަށް މަގޭ ދަރިފުޅާ! ތަނަކަށް ތަދުވަނީތަ؟ ބަލިވީތަ؟ ނޫނީ ކަމަކާ ވިސްނަނީތަ؟”
ހާސްވެފައިވާ ސަމީރު އެނދުގައި އިށީންނަމުން ހައިރާންވެފައިވާ ފަދައިން ސުވާލުތައް އަމުނާލެވުނެވެ.
“އެއްވެސް ކަމެއްނުވެ.. އެކަމަކު ބައްޕާ!,. ބައްޕަ ވީނު އަފީފާ ދައްތައާ ކައިވެނި ކުރަން..” އިސް ޖަހާލައިގެން އިން މާލިކް ލުއިލުއި އަޑަކުން އިޙްތިރާމާއެކު ބުނެލިއެވެ.
“ކީއްވެތަ މިހާރަކަށް އައިސް އަބަދު ތިހެން ތިކިޔަނީ؟ ދަރިފުޅަށް އެނގެޔެއްނު އޭނަ ދިޔައީ މިތާ ކެތް ނުކުރެވިގެންކަން.. ދަރިފުޅަށް އެނގެޔެއްނު މިރަށުގެ ބައެއް މީހުން ތިބެނީ އޭނައާ ޖައްސާލާފަކަން. މާލިކްއަށް އިނގޭދޯ ހުރިހާ ކަމެއްވެސް އެންމެ ރަނގަޅަށް.؟ ބައްޕައަށް މާލިކް މުހިއްމުވީމަ އަފީފާއަށް ކިހާބޮޑު ދެރައެއް އަހަންނަށް މިދެވުނީ.. އޭނަހުރީ އަހަންނާއެކީ އުޅެން.. އެކަމު ޒުވާބު ކުރިދުހު މާލިކްދޯ ބުނީ މާލިކް ވިއްޔާ މާލިކްއޭ.. ދޮންމާ ވިއްޔާ ދޮންމާއޭ.؟”….
“އެހެންވެ ކޮންމެހެން ވިޔަސް ތުގާ ނެތްއިރު މާލިކްވެސް ގެއްލެން އަހަރެން ބޭނުން ނުވީ.. އެހެންވީމަ އިނގޭދޯ އޭނަ ކައިރިން މާފަށް އެދެންވީ ކާކުކަންވެސް..؟”
ސަމީރު ބަލައިލީ އިސްޖަހާލާފައިވާ މާލިކްގެ މޫނަށެވެ. އޭރު މާލިކްގެ ދެލޮލުން ސިއްރު ސިއްރުން ކަރުނަ ފައިބަމުން ދިޔައެވެ.
“އަހަންނަކަށް ނުކެރޭނެ.. ކަންތައް ވީގޮތުން އަހަރެން ލަދުގަނޭ.. ބައްޕަ ދެން އޭނަޔާ ކައިވެންޏެއް ނުކުރާނަން..” ސަމީރު ބުނެލި ޖުމްލައިން މާލިކްއަށް ބޭއިޚްތިޔާރުގާ ސަމީރާ ދިމާލަށް ބަލައިލެވުނެވެ.
ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ ލަހުމާގެ ހާލު ދުވަހަކަށް ވުރެ ދުވަހެއް ދަށްވަމުން ދާންފެށިއެވެ. ސްޓްރޯކެއްގެ ސަބަބުން ޕެރަލައިޒް ވެފައިވާ ލަހުމާގެ ދިރިއުޅުމުގެ ޙާލަކީ މިއީއެވެ. ލަހުމާ ދައްކާ ވާހަކަ އެންމެ ސާފުކޮށް ނޫނަސް ކޮންމެސް ވަރަކަށް ފަހުމްވެއެވެ. ނަމަވެސް މިހާރަކަށް އައިސް އަމިއްލަ ހާލައިގެން އުޅުމަށް އޭނާ ވަނީ ނުކުޅެދިފައެވެ. ސާފުކޮށް ބުނާނަމަ މިއަދު ލަހުމާއަކީ ޙަޤީގަތުގައިވެސް ނުކުޅެދޭ މީހެކެވެ. އާނއެކެވެ. އަމިއްލަ ހަށިގަނޑު އޭނަގެ އިޚްތިޔާރުގައި ވިޔަސް ސީދާ ކޮށްލުމަކީ މިއަދު ލަހުމާއަށް ބޮޑު
ތަކްލީފެކެވެ. ވޭން ހުރިކަމެކެވެ.
ފެންތައްޓެއްގެ އިތުރުން ކޮށާފައިވާ ތާޒާ މޭވާ ތައްޓެއް ހިފައިން ތުގާ ގޮސް ފަހުދުގެ ކޮޓަރިއަށް ވަނެވެ. އޭރުވެސް ފަހުދު އޭނާގެ ފައިގައި ރިއްސާތީ ދޭތެރެއަކުން ވޭނީ އަޑުތަކެއް ލައްވާލައެވެ. ތުގާ ފުރަތަމަވެސް ފަހުދަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެހެންނަމަވެސް ފަރުވާކުޑަ ގޮތަކަށް ބަލައިލުމަށްފަހު ފަހުދު އިސްދަށަށް ޖަހާލިއެވެ. އެއީ ފަހުދުގެ އާދައެވެ. ކަށީގައި ހަރުލާފައިވާ ގޮތްދޫނުކުރާ މިޒާޖެވެ.
“ފަހުދުބޭ!.. މޭވާ ކޮޅެއް ކާލާފަ ބޭސްކާން ހިނގާ. ދެން އޭރުން އަވަހަށް ތި ރިހުން ރަނގަޅުވާނީވެސް ދޯ؟ މާދަމާ ޖެހޭނު އަނެއްކާ ހޮސްޕިޓަލަށް ދާން.” ފަހުދުގެ އަތަށް މޭވާ ތަށި ދިއްކޮށްލަމުން ތުގާ ހީލިއެވެ.
“ތުގާދޯ؟ އަޑުއިވުނު ނަމަކާ ވަރަށް ވައްތަރު.. އަދި ޝައްކު.. އެކަމު ޔަޤީން ކޮށްލާނަން އަދިވެސް ރަނގަޅަށް ވިސްނާލާފަ.” ފަހުދު ދެއްކި ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ތުގާ ހިނިތުން ވެލިއެވެ.
“ކޮބާ ދޮންބެ؟ މިއަދު އެއްކޮށްވެސް ގޭތެރެއިން ނުފެނެ.. މިއަދާ މިރޭ އަހަރެންގެ ހާލު ބަލާލަން މިތަނަށް ނުވެސް ވަދެ..
އެހެންނޫނީ ގެއަށް އައުމާއެކީ އަހަރެންގެ ހާލު އަހާލާނެ.” ތުގާއާ ދިމާލަށް ބަލައިވެސް ނުލާ ފަހުދު ސުވާލު ކޮށްލިއެވެ.
“ދޮންބެ އެއީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ މީހެއް. އިނގޭތަ؟ ދޮންބެއަކީ “މަބްރޫރް ޚައްޖު” ޖަމުއްޔާގެ ޗެއާރ ޕާރސަން. އަސްލު އެއީ މޫސަބެގެ ވަޒީފާ.. މޫސަބެއާ ބައެއް ރައްޓެހިން ވެގެން އުފެއްދި ޖަމުއްޔާއެއް އެއީ.. ދެން މޫސަބެގެ މަސައްކަތްތައް މިހާރު ދޮންބެއާ ޙަވާލުކޮށްފަ އެހުންނަނީ. ފަހުދުބެ އެކްސިޑެންޓް ވީ އެތަނުގެ ވަރަށް ޚާއްސަ މީޓިންނަކަށް ދޮންބެ ދަނިކޮށް.. ހެހެ.. މިރޭވެސް މިއަދުވެސް ވީ އޮފީހުގަ..” ފަހުދު މޭވާތައް ކައި ނިމުމުން ތުގާ ފެންތަށި ދިއްކޮށްލިއެވެ.
“ފަހުދުބެ ހާސްނުވޭ.. އިނގޭތަ؟.. ދޮންބެއަށް ގެއަށް ނާދެވުނަސް މިއަދު ފަސް ފަހަރަށް ދޮންބެ ގުޅައިފި. ހަމަ ފަހުދުބެގެ ހާލު ބަލަން..” ހިތްހަމަ ޖެހިފައިވާ ތުގާ ފަހުދުގެ މޫނަށް ބަލައިލަމުން ހީލިއެވެ.
ފަހުދު ހައިރާންވިއެވެ. އެތައް ކަމަކާއެވެ. ފެންނަ މަންޒަރު ތަކުގެ އިތުރުން އިވެމުންދާ އަޑުތަކުންނެވެ. ޙަޤީޤަތުގައި ފަހުދަށް ވަދެވިފައި މިވަނީ އަދަބާއި ސަދަބު ދަސްކޮށްދޭ މަރުކަޒަކަށް ބާއޭވެސް އޭނާގެ ހިތައް އަރައެވެ.
“އަޖައިބެއް ކަހަލަ ބައެއްމީ.. ހޫމް.. އަދި ކާރުން ޖެހިގެން އެންމެންގެ ކުރިމަތީ އެކުއްޖައާ ދިމާލަށް އެއްޗެސް ކިޔާލީމަވެސް އެކުއްޖަ ނުބުނި އަހަންނާ ދިމާލަށް ނުރުހުމުގެ ބަހެއްވެސް.. އަދިވެސް އެވާހަކަ ދައްކާވެސް ނުލާ.. އެކަމަކުވެސް މަގޭ ހާލު އޭނަ އަދިވެސް އެބަ ބަލާތާ! ހެޔޮފުޅު ބައެއް.. މިގޭގަ އުޅެވޭތީ އަހަންނަށް ދެން ބޮޑަށް ވައްތަރީ އަޚްލާޤު ދަސްކޮށްދޭ ކްލާހެއްގަ ކިޔެވޭހެން” ފަހުދު ހިތައް އެރިއެވެ.
“ފަހުދުބޭ! ކީއްވެ އެއްޗެއް ނުބުނީ؟ ކޮންކަމަކާ ތި ވިސްނަނީ..؟” ޚިޔާލުގެ ތެރެއަށް ގެއްލިފައި އިން ފަހުދަށް އެ ޚިޔާލީ ދުނިޔެއިން ނުކުމެވުނީ ތުގާ ގޮވާލި އަޑަށެވެ.
“އަ.. އަނ.. ކީކޭ؟ އާނ ކީކޭ ދޯ ބުނާނީވެސް. ދެން ދޮންބެ އެހެންވީމަ ވަރަށް ރަނގަޅޭނު ބުނެވޭނީ.” ފަހުދު އަވަސް އަވަހަށް ބުނެލިއެވެ.
ފަހުދުގެ ކޮޓަރިން ތުގާ ނުކުމެގެން ގޮސްވަނީ އޭނާ ނިދާ ކޮޓަރިއަށެވެ. ސޯފާގައި އެމަންޒަރު ބަލަން އިން މޫސަ ކޮންމެސް ކަމަކާ ވިސްނާލަން އިނެވެ. މޫސަގެ މޫނުމަތިން ހާސްކަމާއި ކަންބޮޑުވުމުގެ ކުލަވަރު ފެންނަމުން ދިޔައެވެ. އޭނާގެ ފިކުރާ ޚިޔާލުތަކުގައި ވަނީ ކޮންއެއްޗެއްބާއެވެ؟ މޫސަގެ ވިސްނުމާއި ފިކުރުތައް އިތުރުވަމުން ދިޔަވަރަކަށް މޫސަގެ ނަޒަރު އިރުއިރުކޮޅާ ހުއްޓާލަނީ ފަހުދު އޮތް ކޮޓަރިޔާ ދިމާލަށެވެ. މިހާރުވެސް މޫސަ އެހެން އިންނަތާ ފަނަރަވަރަކަށް މިނެޓް ވެދާނެއެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި މޫސަ ގޮސް އޭނާގެ އަމިއްލަ ކޮޓަރިއަށް ވަނެވެ. ކޮޓަރި ތެރޭގައި އިރުކޮޅެއް ހޭދަކުރުމަށްފަހު އަނެއްކާވެސް މޫސަ ކޮޓަރީގެ ދޮރު ހުޅުވާލަމުން ސޯފާއާ ދިމާލުން ހިނގައިގަތެވެ. މިފަހަރު މޫސަގެ މަންޒިލަކީ ފަހުދު އުޅޭ ކޮޓަރިއެވެ. އޭރު މޫސަގެ އަތުގައި ވަރަށް ބޯ ފޮތެއް އޮތެވެ.
މޫސަގެ ހިނގުމުގައި ވަނީ ސިއްރިއްޔާތުގެ މަޑުމައިތިރި ކަމެވެ. ލަސް ހިނގުމުގައި އެ ފޮތް ހިފައިގެން ގޮސް ފަހުދު ނިދާ ކޮޓަރިޔަށް މޫސަ ވަރަށް އަވަހަށް ދެމިގަތެވެ.
“ދަރި..ފުޅާ ޝާ..ޝާމް! މަން..މަ ވަރަށް ބަ..ބަނޑުހައި ވެ..ވެއްޖެ. ދީ..ބަލަ ކާ..އެއްޗެއް.” ލަހުމާގެ އެނދުކައިރި އިން ގޮނޑީގައި ޝާމް ހަމަޖެހިލައިން އިނެވެ.
“އަޅެ.. ޕިސްޕިސް.. ދެންމެއެއްނު މިއައީ އަހަރެން މިތާ ތެރޭން ކައިގެން. އަނެއްކާ ދާންވީ.. ދެން އިހަށް މަޑުކޮށްލަބަލަ އަދި އިރުކޮޅަކު. އަހަރެންވެސް ޖެހޭނެއްނު ހަމަޖެހިލަން. މިތަނަށް އައިއްސުރެން މަ އެކަނި މި ތެޅެނީ މި ކަންކަމާ. އަދި ކެތްކޮށްލާ.”
ބޮލުގެ އިސްތަށިތައް ވިނުވާލަމުން ޝާމް ވާހަކަ ދެއްކިއެވެ. އެއަޑުގައި އަމުރުވެރި ގޮތެއް ހުއްޓަސް މަންމައަށް ކާން ނުދެވިގެން ޝާމް ހާހެއް ނުވެއެވެ.
“ހެޔޮ..ނުވާނެ ތި..ހެން ހަދާ..ކަށް. އަހަރެންގެ ހައި..ހޫނުކަން ފިލުވަ..ދީބަލަ.. މިހެން އޮވެ.. މަރު.. ވެދާނެ.. ދަރި..ފުޅާ!!” ލަހުމާގެ ދެލޮލުން ކަރުނަ އަންނަންފެށިއެވެ. ގިސްލުމުގެ މަޑުމަޑު އަޑު ލަހުމާ އޮތް ހިސާބަށް ފުރޭނިގެން އިވެމުންދެއެވެ.
ކޮޓަރިއަށް ވަދެވުމާއެކު ދިއްލާފައިވާ ބޮކީގެ އަލި މޫސަ އިތުރަށް ގަދަ ކޮށްލިއެވެ. ހަމަހިމޭން އެ ކޮޓަރިތެރޭގައި ދިރޭ ފުރާނައެއްވެސް ނުވާފަދައެވެ. ފަންކާއިން ޖެހޭ ވައިގެ ސަބަބުން މުޅި ކޮޓަރި ތެރޭގައިވަނީ ތެތް ފިނިކަމެކެވެ.
ކޮޓަރިއަށް އަލިވެގެން ދިޔުމާއެކު، ފެނުނު މަންޒަރުން އެ ދިމާލަށް މޫސަ ހިނގައިގަތީ ވަރަށް ހުށިޔާރު ކަމާއެކުގައެވެ. އޭރު ފަހުދަށް ވަނީ ހަމަ ރަނގަޅަށްވެސް ނިދިފައިކަން މޫސައަށް ޔަޤީންވިއެވެ. އަދިވެސް އެ ހިނގުމުގައިވަނީ ސިއްރެއްފަދަ ހަމަހިމޭން ކަމެވެ.
ފަހުދު ބޯއަޅައިން އޮތް ބާލިސް ދަށުން ފެންނަން އޮތް ކުޑަކުޑަ ގަނޑުކޮޅަށް މޫސަގެ ނަޒަރު ހުއްޓުނެވެ. ކައިރީގައިހުރި ގޮނޑިއެއް މަތީ މޫސަގެ އަތުގައިވާ ފޮތް ބޭއްވުމަށްފަހު މަޑުމަޑުން އެ ގަނޑުކޮޅު ނަގާ ބަލައިލިއެވެ. އެޔާއެކު މޫސަގެ ނިތްކުރިޔަށް އެއްފަހަރާ އެތައް ރުލެއް އަރުވާލަމުން ފަހުދާ ދިމާލަށް ބަލައިލިއެވެ. އަދި އަނެއްކާވެސް ހަމަ އެޔަށް ނަޒަރު ހުއްޓާލައިން އިރުކޮޅަކު ހުރުމަށްފަހު އެ ގަނޑުކޮޅު ބޭއްވިއެވެ. އަދި އަވަސް އަވަހަށް އަތަށް ފޮތް ނަގައިގެން ގޮސް އޭނާ ނިދާ ކޮޓަރިއަށްވަނެވެ.
( ނުނިމެެ )