
މަންޒިލް 24
“އަބަދުވެސް އަހަރެން ކަޒްއާއެކު ވާނަން. އޯލްވޭޒް އެންޑް ފޯރްއެވާރ އިންޝާ ﷲ” އިޝަލް އަތުތެރެއަށް އޭނާގެ އަތް މަހާލަމުން ހިނިތުންވެލާފައި މިންހާ ބުނެލިއެވެ. މިންހާ ހިނިތުންވުމާއެކު އިޝަލްއަށް ވެސް ހިނިތުންވެވުނެވެ.
އާސެނަލާއި އޭސި މިލާން ކުޅުނު މެޗު ނިމިގެން ދިޔައީ އެކެއް ސުމެއްގެ ނަތީޖާއަކުން އޭސި މިލާން މޮޅުވެގެންނެވެ. މެޗުގެ ފަހު ވަގުތުގައި އާސެނަލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނު ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އޭސި މިލާންގެ ޑިފެންސް ފޫ އަޅުވާފައި ލަނޑެއް ޖެހުން ވީ އުނދަގޫ ކަމަކަށެވެ.
މެޗުން ބަލިވުމާއެކު އާސެނަލް ކުޅުންތެރިންގެ މޫނު ފެންނަމުން ދިޔައީ މާޔޫސީ ކަމެވެ. މެޗުން ބަލިވީ ރަނގަޅަށް ނުކުޅެވިގެން ކަން ކޮންމެ ކުޅުންތެރިއެއް ވެސް އަމިއްލައަށް ޤަބޫލު ކުރިއެވެ. ޔޫސީއެލްގައި އިތުރަށް ކުރިއަށް ދާން ބޭނުން ނަމަ އޭސި މިލާންގެ ދަނޑުގައި ކުޅޭ މެޗުން ދެލަނޑުގެ ތަފާތުން މޮޅުވާން އެމީހުންނަށް މަޖުބޫރެވެ.
އަކްމަލް އޭނާގެ ކުޅުންތެރިން މާޔޫސްވެފައި ތިބުނުން ހިތްވަރު ލައިދިނެވެ. ފުރަތަމަ ހާފުގައި ނުކުޅެވުނު ކަމުގައި ވިއަސް ދެވަނަ ހާފުގައި ކުޅުންތެރިން ދެއްކި ކުޅުމަށް އޭނާ ތަޢުރީފު ކުރިއެވެ.
މެޗުން ބަލިވުމާއެކު އެރިކްގެ މުޅި މޫޑު ވަނީ ބަދަލުވެފައެވެ. ބުނެދޭން ނޭންގޭ ފަދަ ރިހުމެއް ހިތުގައި ވަނީ އުފެދިފައެވެ. ގެއަށް ދިޔައިރު މިއާ އިނީ މަންމައާ ފޯނުން ވާހަކަ ދައްކާށެވެ. މަންމަ ކާރާގެ އަޑު ޖެހުމާއެކު އެރިކްއަށް ރޮވެން ފެށުނެވެ. މެޗުގައި އޭނާއަށް ރަނގަޅަށް ނުކުޅެވުމުން މަންމަ ގާތު ޝަކުވާ ކޮށް މާފަށް އެދެވުނެވެ. “ދަރިފުޅާ ކުޅޭ އިރު އަބަދަކު މޮޅެއް ނުވާނެ. މޮޅަށް ކުޅެވޭ ދުވަހާއި އެއްވެސް ގޮތަކަށް ނުކުޅެވޭ ދުވަސް ވެސް އަންނާނެ. މިރޭގެ މެޗުން ބަލިވީމަ ދެން ކުރިއަށް އޮތް މެޗުން މޮޅުވާން ގަދަ އަޅާ މަސައްކަތް ކުރާނީ. ދެން މާބޮޑަށް މިރޭގެ މެޗާއި މެދު ނުވިސްނާ ރަނގަޅަށް ނިދާލާ. މާބޮޑަށް އެކަމާ ފިކުރު ކުރަން ހަދައިގެން ކަމަކު ނުދާނެ” ކާރާ އޭނާގެ ބަސްތަކުން ދަރިފުޅު އެރިކްގެ ހިތްހަމަ ޖައްސައިދިނެވެ. އެތައް ފަހަރެއްގެ މަތިން ދަރިފުޅާއި މެދު އޭނާ ފަޚުރުވެރުވާކަން އެ ދަރިފުޅަށް އަންގަދިނެވެ. ކޮންމެ ހާލެއްގައިވީ ނަމަވެސް ދެގޮތެއް ނުވެ ދަރިފުޅު ސަޕޯޓަރެއްގެ ގޮތުގައި އޭނާ ހުރެދޭނެއެވެ. އެރިކްގެ ނަންބާރ ވަން ‘ފޭން’އަކީ އޭނާގެ މަންމައެވެ.
މަންމަގެ ބަސްތަކުން އެރިކްގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ނިދަން އޮށޯވެފައި އޭނާ ފޯނުގެ ވައިފައި ޖެއްސީ ނިދުމުގެ ކުރިން މިންހާއާ ވާހަކަ ދައްކާލާށެވެ. އިންސްޓަގްރާމުން އަހާން ފޮނުވާފައި އިން ޕޯސްޓްފެނި އެރިކްގެ މޫނު ރުޅިން ރަތްވެގެން ދިޔައެވެ. ވަގުތުން ރުޅި އަންނަ އިމޯޖީއެއް އަހާންއަށް ފޮނުވާލިއެވެ. އެއަށްފަހު ލަސްކުރުމެއް ނެތި މިންހާއަށް ގުޅިއެވެ.
ޓީމާއި އެކު ހޮޓަލަށް ގޮއްސައި ކޯޗުގެ ހުއްދައާއެކު އިޝަލް ޔޫސުފްމެން ގެއަށް ދިޔައެވެ. އޭގެ އަނެއް ދުވަހު ފުރަން ޖެހޭތީވެ އިޝަލް ބޭނުންވީ އާއިލާއާއެކު ވަގުތު ކޮޅެއް ހޭދަ ކުރާށެވެ. އަނެއްކޮޅުން ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމު ލިބުމުން ތަފާތު އުފަލެއް އޭނާއަށް ވަނީ ލިބިފައެވެ.
“މީ އަދި މާ ފޭކު މީހެއް. ދޮންބެ ހުއްޓަ އެލެކްއަށް ވިއްޔާ ސަޕޯޓަރު ކުރަނީ. އެލެކް ޕެނަލްޓީ ސޭވް ކުރީމަ ވެސް އެއޮަށްވީ ގޮތެްް ދޯ. ދޮންބެ ދެކުނީމޭ” މިންހާ އިޝަލްއަށް ތަޢުރީފުކޮށް ވާހަކަ ދެއްކުމުން ޔޫސުފް ޝަކުވާ ކުރިއެވެ. “އަލް ދޮންތި ކަޒް ހުއްޓާ އަލްޔަސްބޭބެއަށް ދޯ ސަޕޯރޓު ކުރީ އެހެންވީމަ އަދި މިންނު އެލެކްއަށް ސަޕޯރޓު ކުރުމުން ކޮބާ ގޯހެއް” މިންހާ ދެރަނުވާން ވެގެން ބުންޏެވެ. “އަސްލުވެސް. އެހެނޭ ކިޔާފަ މަށެއް ޝަކުވާއެއް ނުކުރަން ދޯ.” އިޝަލް ވެސް މިންހާއާ އެއްބައިވެލިއެވެ.
އާއިލާއާއެކު ސަކަރާތްޖެހުމުގައި ވަގުތު ހޭދަކުރުމުން އެރިކް މަތިން މިންހާ ހަނދާނެއް ވެސް ނެތެވެ. އާސެނަލް މެޗުން ބަލިވިކަން އެނގުމާއެކު އެރިކްއަށް ގުޅަން އުޅެފައި ވެސް އެވަގުތު ނުގުޅުނީއެވެ. ފަހުން އެރިކްއަށް ގުޅަން އެއް ގޮތަކަށް ވެސް ހަނދާނެއް ނުވިއެވެ. ފޯނުގެ ވައިފައި ވެސް ނިއްވާލާފައި އޮތުމާއެކު އެރިކް ގުޅިކަން ވެސް ނޭންގުނެވެ.
ދެތިން ފަހަރު ގުޅައިގެން ވެސް މިންހާގެ ޚަބަރެއް ނުވިއެވެ. ރިންގް ނުވާތީވެ ފޯނުވައިފައި ނުޖައްސާކަން އެނގި ނޯމަލްކޮށް ވެސް މިންހާއަށް އެރިކް ގުޅިއެވެ. ޚަބަރެއް ނުވުމާއެކު މިންހާ ނިދީކަމަށް ނިންމާފައި ޓެލެގްރާމިން ގުޑް ނައިޓް މެސެޖެއް ފޮނުވާލިއެވެ.
އެރިކް ނިދީތޯ ބަލާލަން ދިޔައިދު ނުނިދާ އޮތުމުން މިއާ އެތެރެއަށް ވަނެވެ. މެޗުން ބަލިވުމުގެ ސަބަބުން އެރިކްގެ ހާލު ރަނގަޅުނޫން ކަން މިއާއަށް އެނގުނެވެ. ފަހަކަށް އައިސް ކޮލެޖުގައި މާ ބުރަކޮށް އުޅެން ޖެހުމުން އެރިކްއާ އެކު ބޭނުންވާ ވަރަށް ވަގުތު ހޭދައެއް ނުކުރެވެއެވެ. ފުޓުބޯޅަ ވާހަކަ ދެއްކުމުގެ ބަދަލުގައި މިއާ ދެއްކީ އޭނާ ބަލާ ސީރީޒެއްގެ ވާހަކައެވެ. އިނގެރޭސީ ސީރީޒަށް މިއާ ނިކަން ފޯރި ހުރެއެވެ. މިއާ އާއި ޚިލާފަށް ފިލްމު ސީރީޒް ފަދަ އެއްޗިހި ބެލުމަށް އެރިކްގެ އެއްވެސް ޝައުޤެއް ނުހުރެއެވެ. ފިލްމާއި ސީރީޒް ބެލުމަށް ވުރެ ކުރީގެ ކްލެސިކް ފުޓުބޯޅަ މެޗެއް ބެލުމުން އެރިކްއަށް މާ އުފާވެރިކަން ލިބެއެވެ.
ނިކަން ފޯރީގައި މިއާ ކޮންމެސް އެކްޓަރަކާއި އޭނާ އުޅޭ ސީރީޒެއްގެ ވާހަކަ ކިޔައިދިނެވެ. އިންސްޓްގްރާމުން އެ އެކްޓާރގެ ސްޓޯރީ ބަލަން އުޅެނިކޮށް މިއާއަށް އޮޅިގެން ލެވުނީ އިޝަލްގެ ސްޓޯރީއަށެވެ.
އިޝަލް އޭނާގެ ސްޓޯރީއަށް ލާފައި އިނީ އޭނާއަށް ލިބުނު މޭން އޮފް ދި މެޗު އެވޯރޑާއި އެކު މިންއާއާ އެއްކޮށް ނަގާފައި އިން ފޮޓޮއެކެވެ. އެއް އަތުން އެވޯރޑް ހިފައިގެން އިން އިރު އަނެއް އަތްވަނީ މިންހާގެ އުނގަނޑުގައި ވަށާލާފައެވެ. މިންހާ އިނީ އޭނާގެ ދެއަތުން އިޝަލްގެ މެދުހަށީގައި ބައްދައިލައިގެންނެވެ. މިންހާގެ ތުންފަތް މަތީގައި ފުޅާ ހިނިތުންވުމެއް ވިއެވެ.
އެރިކް މޫނުގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ހިތުގައި ހަސަދައިގެ ބޮޑު ހުޅުގަނޑެއް ރޯވެގެން ދިޔައެވެ. މިއާ އަތުން ފޯނު އަތުލާފައި ފޯނާއި މޫނު ކައިރިކޮށްގެން ބަލަން ފެށިއެވެ. މިންހާ އާއި އިޝަލް ތިބި ގޮތުން ހީވަނީ ދެލޯބިވެރިން ހެންނެވެ. އެހެން ފިރިހެނަކު މިންހާ ގައިގައި އިނގިލު ކުރި ޖައްސާލަން ވެސް އެރިކްގެ ހިތެއް ނޭދެއެވެ. އިނގިލި ކުރި ކީއްކުރަން ހެއްޔެވެ. މިންހާއާ ދިމާއަށް އެހެން މީހަކު ބަލާލާން ވެސް އޭނާގެ ހިތެއް ނޭދެއެވެ. އޭނާގެ ކޯލަށް ޖަވާބު ނުދީފައި މިންހާ ވީ އިޝަލްއާ އެކު ކަން އެނގުމާއެކު ހިތުގައިވި ހަސަދައގެ ހުޅުކޮޅު ބޮޑަށް ރޯވެގެން ދިޔައެވެ. ވަގުތުން ވަގުތަށް ލިވަޕޫލަށް ދާން ވެސް ހިތަށް އެރިއެވެ.
“ޖީޒް ރިކް. އެއީ ކަޒިންސްއޭ” އެރިކްއަށް ވީ ގޮތް ފެނި މިއާއަށް މަޖާވިއެވެ. އެރިކް ހަސަދަވެރިވެފައި ވަނިކޮށް މީގެ ކުރިން ދުވަހަކުވެސް މިއާއެއް ނުދެކެއެވެ. އެރިކްގެ މުޅިން އެހެން ސިފައެއް ފެންނަން ފެށުމުން އެރިކްއާ ދިމާ ކުރަން މިއާ ފެށިއެވެ.
މިންހާއަށް ހޭލެވުނީ ކޮޓަރީ ދޮރުގައި ބާރަށް ޓަކިދޭ އަޑު އިވިގެންނެވެ. ކަންނެއް ގޮތަކަށް ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ.
“ނިދަން ނޯވެ އާދެބަ ޕޫލްއަށް އެރެން މިދަނީ” މިންހާ ދޮރުހުޅުވުމާއެކު ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިގެން ޒާޔާ އިނެވެ. މިންހާ ގާތު އަވަސް ކުރަން ބުނެފައި ދުއްވައިގަތެވެ.
ޕޫލަށް އެރޭ ވާހަކަ ބުނުމުން މިންހާގެ ނިދި ފިލައިގެން ދިޔައެވެ. ނިކަން އަވަހަށް ޕޫލަށް އެރެން ދާންވެގެން އާދައިގެ ހެދުމަކާއި ޓައިޓެއް ލައިގެން ވަށް ބުރުގާއެއް ބޮލަށް މަހާލިއެވެ.
ސިޓިންރޫމް ފަހަތުގައި އިން ކަހާ ދޮރުން ނިކުތުމާއެކު ނިކުމެވެނީ ފަތާ ފެންގަނޑު އޮންނަ ތަނަށެވެ. ހިޔާ ނުކޮށް އޮންނަ ތަނަކަށް ވުމުން އެއް ފަރާތެއްގައި ކުޑަ ޖަހާފައި ގޮނޑި ބަހައްޓާފައި ހުއްޓެވެ. ފަތާފެންގަނޑުގެ ފަހަތުގައި އޮންނަ ބިމުގައި އޮންނަނީ ގޯލެއް ބަހައްޓާފައި ކުޑަ ފުޓުބޯޅަ ދަނޑެކެވެ.
ކުދި ގުރޫޕު ބޯޅައެއް ހިފައިގެން ކުޅެ އުޅުނެވެ. ޔޫސުފް އާއި އަލްޔަސް އަދި ޔާޒް އެކުދިންނާ އެއްކޮށް ކުޅެ އުޅުނެވެ. އަލައިކާ، އައިރާ އަދި ނަވާރް ހެނދުނުގެ ސައި ތައްޔާރުކޮށް އުޅުނެވެ. ވިނަގަނޑު މަތީ ބޮޑު މެޓެއް އަޅާފައި ތަށިތަށީގައި ހުރި ކާއެއްޗިހި އަތުރައި އުޅުނެވެ. ޓޯސްޓު ކުރި ޕާނާއި ޖޭމާއި ބަޓަރުގެ އިތުރަށް އަދި ޕޭންކޭކައި ވޮފޮލްސް ވެސް ހުއްޓެވެ. އަދި ބިސްގަނޑު އަޅާފައި ސޮސެޖު ފިހެފައި ހުއްޓެވެ. ކަޅު ސަޔާއި ކިރުގެ އިތުރަށް އޮރެންޖް ޖޫސް ބޯން ހުއްޓެވެ.
ޒާޔާ ނޭފަތުގައި ބިސްގަނޑާއި ސޮަސެޖުގެ ވަސް ޖެހުމާއެކު ދުވި މީރު ވަހުން ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ކުޅު ދިޔާވެގެން ދޫ ނެރެލިއެވެ. ބަނޑުހައިވެފައި ހުރިވަރު އިޙްސާސްވީ ބަނޑުން އަޑު ކިޔަން ފެށުމުންނެވެ. ނަމަވެސް މިންހާ ނާންނަނީސް ނާސްތާ ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.
މިންހާ އައުމާއެކު ޒާޔާއާ ދެކުދިން ވެގެން ކާއެއްޗިހި އަޅައިގެން ގޮސް ވިނަގަނޑު މަތީ ހަމަޖެހިލައިގެން އިށީންދެ ކާންފެށިއެވެ. އަފްރީން އާއި އަރްޝާދް އަދި އައްޒާމް އާއި އަފްރާ ވެސް ނާސްތާ ކުރަން ތިއްބެވެ.
ޒާޔާ ބޯން އިން ޖޫސް ތަށި މުޅި ގަޔަށް ވެރުނީ ސްމާރޓު ހިނގުމެއްގައި އެ ދިމާއަށް އަންނަމުން ދިޔަ އަހާން ފެނިފައެވެ. ހަމައެކަނި ކަކުލާ ހަމައަށް އަންނަ ސޯޓެއް ލައިގެން ހުރުމުން އަހާންގެ ހަށިގަނޑު އޮތީ ހާމައަށް ފެންނަންށެވެ. ބައިމަތި ފުޅާވެފައި ކަސްރަތީ ހަށިގަނޑެކެވެ.
އަހާން ކޮންމެ ދުވަހަކު ގޭގައި އިންނަ ޖިމުގައި ވޯކްއައުޓް ޖައްސައެވެ. ބުރަ މަސައްކަތާއެކު ޒުވާން އުމުރުގައި އަހާންއަށް ވަނީ ވަރުގަދަ ހަށިގަނޑެއް ލިބިފައެވެ. އަތުގެ މަސްތައް ވަރުގަދައެވެ. އަތާއި ފައިގެ ނާރުތައް ވަނީ އަރާފައެވެ. ތަންކޮޅެއް ކުޑައިރު ޒާޔާ އަދި މިންހާ ކުރިމަތީ ހަމައެކަނި ސޯޓު ލައިގެން އުޅުނަސް ފަހަކަށް އައިސް އަހާން މުޅިހެން ވެސް އުޅެނީ ޖިންސާއި ގަމީސް ނޫނީ ޓީޝާޓު ލައިގެންނެވެ. ގިނަ ފަހަރަށް ލާނީވެސް އަތްދިގު ގަމީސް ނޫނީ ޓީޝާޓެވެ. އެހެންވެ ފަހަކަށް އައިސް އަހާންގެ ހަށިގަނޑަށް އައި ބަދަލު ޒާޔާއަށް ފާހަގައެއް ނުވެއެވެ.
“އޭ ބަލާބަ އަހާން. ރަނގަޅަށް އެބަހުރި ޖިމް ޖައްސާފަ. މޮޑެލް ކުރަން ދާންވީނު. ލައްކަ ލާރި ލިބޭނެ” އަހާން ހަށިގަނޑަށް އައިސްފައި ހުރި ބަދަލު ޔޫސުފްމެންނަށް ވެސް ފާހަގަވިއެވެ. ޔޫސުފް އާއި ޔާޒް ވެގެން މޮޑެލް ކުރަން ދާށޭ ކިޔާ އަހާންއާ ދިމާ ކުރިއެވެ. “އާން ދެން ތިކަން ކުރަން ދާންވީ. އޭރައްތާ ރީތި ބިޓެއް ވެސް ލިބޭނީ” ލަދުރަކިކޮށް ހިނިތުންވެފައި އަހާން ބުނެލިއެވެ.
“ޒީ” ކަޅިވެސް ޖަހާ ނުލާ އަހާންއަށް ބަލަން އިން ޒާޔާއަށް މިންހާ ގޮވި އަޑު އިވުނީ ދެތިން ފަހަރު މިންހާ ގޮވިފަހުންނެވެ. ޒާޔާއަށް ވެފައި އިން ގޮތް ފެނި މިންހާ ހޭންފެށިއެވެ. މުޅި އަނގަ މައްޗާ ބުރުގާގަ ވަނީ ޖޫހެވެ. “ޕިސް އަހާންގެ ކަންތަކޭ. ހަމަ ފޮނި ދައްކަން ޝާރޓްލެސްކޮށް އަންނަން ވެއްޖެ ވިއްޔާ” މެޓު މަތީ ބަހައްްޓާފައި ހުރި ޓިޝޫ ޕެކެޓުން ދެތިން ޓިޝޫ ނަގައި ޒާޔާ ޖޫސްތައް ސާފު ކުރަން ފެށިއެވެ.
“ޔަގީނެއްނު. ބަލާބަ ޒާޔާއަށް ވީ ވަރު ދެން އަދި އެހެން ކުދިންނަށް ކިހާ ވަރެއް ވާނެ” ޒާޔާއަށް ވީ ގޮތް ފެނުނީ ހަމައެކަނި މިންހާއަކަށް ނޫނެވެ. އައިރާއަށް ވެސް ފެނުނެވެ. އެންމެން އޭނާއަށް ބަލަން ފެށުމުން ޒާޔާ މޫނު ލަދުން ރަތްވެގެން ދިޔައެވެ. ބިން ފަޅާފައި އަޑިއަށް ދާން ވެސް ހިތަށް އެރިއެވެ. ވަށް ކަޅިން އަހާންއާ ދިމާއަށް ބާލާފައި އޭނާއަށް ލޯ އަޅާލީ ހިތާހިތުން އަހާންއަށް އެއްޗިހި ކިޔަމުންނެވެ.
ޒާޔާ ބަލާލި ގޮތުން އަހާންގެ ތުންފަތް މައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ފެނިފައި ޒާޔާއަށް ގޮތްތަކެއް ވެއްޖެކަން އެނގުނު ހިނދު ހިތުގައި އުފާވެރި ކަމުގެ ރާޅުބާނީއެއް ނެގިއެވެ.
ސައި ބުއި ގޮތަށް މިންހާ އާއި ޒާޔާ ޕޫލަށް އެރުނެވެ. އެ ދެކުދިން އެރުނީ ލައިޝާ އާއި އާޔާ އަދި އަލާޔާ ގޮވައިގެންނެވެ. ޔަޒަން އާއި އަކްޔަން ހަލަނިކަމުން އެ ކުދިން ނުބެލޭނެތީވެ ނޭރުވީއެވެ. އަލާޔާއަށް ތަންދޮރު އޮޅުންފިލާތީ އެކުއްޖާ ގެންގުޅެން ފަސޭހައެވެ. މިންހާ އާއި ޒާޔާ ބުނާގޮތް ހަދައިގެން ދުރަށް ނުގޮސް އިނދެއެވެ.
އިޝަލް އާއި އަހާން އައި ގޮތަށް އައިސް ޕޫލް ތެރެއަށް ޑައިވް އެޅުމާއެކު ފެންގަނޑު މުޅި ތަނަށް ބުރައިގެން ދިޔައެވެ. މިންހާ އާއި ޒާޔާ ތޫލި އަޑުން ހަޅޭއްލަވައި ގަތުމާއެކު ކުޑަ ތިން ކުދިން ވެސް ހަޅޭއްލަވައިގަތެވެ.
ހެނދުނުގެ ވަގުތުތައް ހޭދަވެގެން ދިޔައީ ސަކަރާތުގައެވެ. ޕޫލުން އަރައިފައި ތަފާތު ކުޅިވަރުތައް އެންމެން އެކީ ކުޅުނެވެ. ހުރިހާ ކުދިން އެކީ ކުޅުނު މަންޒަރު ބަލަން ހެވިފައި އަރްޝާދް އިނެވެ. ޔޫސުފްގެ އުޅުން ހުންނަ ގޮތުން އާރާޝް މަތިން ހަނދާންވެ ފެންކަޅިވާ ވަގުތު ވެސް އާދެއެވެ. މިންހާ ފެނުމުން ހީވަނީ މާނީ ފެންނަހެންނެވެ.
ޔޫސުފް އާއި މިންހާ ފެނުމުން އާރާޝް އަދި މާނީ މަތިން ހަނދާންވެ ކަރުނަތައް ހިފަހައްޓަން އަފްރާއަށް އުނދަގޫވިއެވެ. ފިލްމެއްގެ ސިފައިގައި އާރާޝްގެ ހަނދާންތައް ލޯ ކުރިމަތީ ރޯލުވާން ފެށިއެވެ.
ހަވީރުގެ ވަގުތެއްގައި އެނބުރި ޖަރުމަނަށް ދާން އިޝަލް ފުރިއެވެ. ޒާޔާ އާއި އަހާން ވެސް ޔާޒް އާއި އައިރާއާ އެއްކޮށް އެނބުރި ލަންޑަނަށް ދިޔައެވެ. އަލައިކާ އެނބުރި ލަންޑަނަށް ނުގޮސް މަޑު ކުރިއެވެ. އޭނާ ބޭނުންވީ އަލްޔަސްއާ އެއްކޮށް ލިވަޕޫލްގައި މަޑު ކުރާށެވެ.
އަރްޝާދް އާއި އަފްރީން އަދި އައްޒާމް އާއި އަފްރާ އެނބުރި ރައްޖެ ދިޔައެވެ.
ރޭގަނޑުވީ އިރަށް މުޅި ގޭތެރެ އޮތީ ފަޅުވެފައެވެ. ދުވާލު މާ ބޮޑަށް ހެލިފެލިވެ އުޅުމުން ލައިޝާ އާއި އަލާޔާ އަދި އަކްޔަން އިރުއޮއްސެން ވާއިރަށް ވަރުބަލި ވެގެން ނިދައިފިއެވެ.
ފޯނުގައި މިންހާ އަތްވެސް ލީ ޢިޝާ ނަމާދުކޮށްގެންނެވެ. އެރިކްގެ ބައިވަރު މެސެޖުތަކާއި ޓެލެގްރާމް ކޯލު އައިސްފައި ހުއްޓެވެ. “އޯ ކްރެޕް ރިކް” ރޭގައާއި މިއަދު ވެސް އެރިކްއަށް ޚަބަރެއް ނުވެވޭކަން މިންހާއަށް ވިސްނުމާއެކު ކުށްވެރިކަން އިޙްސާސް ކުރެވުނެވެ. އެނދަށް އަރާ ހަމަޖެހިލަމުން މިންހާ އެރިކްއަށް ގުޅިއެވެ.
މިންހާ ގުޅުމުން އެރިކް ފޯނަށް ޖަވާބު ނުދިނީ ގަސްތުގައެވެ. މުޅި ދުވަހު މިންހާގެ ޚަބަރެއް ނުވުމުން އޭނާ ވަނީ އިންތިހާއަށް މިންހާ ދެކެ ރުޅި އައިސްފައެވެ. މިންހާ އެ ގުޅީ އިޝަލް ޖަރުމަނަށް ދާން ފުރިފަހުން ކަމުން ހިތުގައި ހަސަދަ ވެސް ވަނީ ލާފައެވެ.
ނުނިމޭ
2 Comments!
Comments are closed.
alhe e yoh eric jealous v ma haadha lwbi eyy….maasha allah..mi part vx hama grt ingeyy..abadhuvx story kiyan ekm adhi kiriyaa id ey hadhaaagen comment kurevey varu mi v..waiting for next part curiously..
Wow very nice waiting for the next part of the story.