
އެެކުއްޖާ 2 – 16
* “ހެލޯ ޝަލްކޮއްކީ..” އެމެސެޖް ކިޔާލާފައި ނީޝަލްގެ ހިތް ތެޅިގަތީ އާދަޔާޚިލާފަށް ބާރުމިނެއް ގައެވެ. އެއީ އޭނާ ވަރަށް ދަންނަ ނަމެކޭ ހިތަށް އެރިއެވެ. ނީޝަލް ދެން ބަލާލީ އެ މެސެޖް ފޮނުވި މީހާގެ ޕްރޮފައިލަށް ލާފައިވާ ފޮޓޯއަށެވެ. އެ ފޮޓޯއިން ފެންނަނީ އަންހެން މީހެއްގެ އެއް ލޮލެވެ. ނުލާހިކު ގަދަޔަށް އަނދުން އަޅާ ފަވާލާފައިވާ އަޅިކުލައިގެ އެ ދެލޯ ފެނިފައި ނީޝަލލްއަށް ހީވީ މީހަކު އޭނާގެ ބޮލަށް ބަރު އެއްޗެއް ވައްޓާލިހެންނެވެ. ދެން ނީޝަލް ބަލާލީ އެ އަންހެން މީހާގެ ނަމަށެވެ. “މާޔާ.. މާއްތަ.. އާންޓް..” ބްރެކެޓެއްގެ ތެރޭގައި ޖަހާފައިވާ އެނަން ކކިޔުނު މޮޔަ ނީޝަލްގެ ހިތަށް އެރިއެވެ. އެ ނަން ކިޔުމުން ބޮލަށް ވެރިވެރިގަތް ރިހުން ވީ ގަދައެވެ. “މާއްތަ… ޝަލްގެ މާއްތަ…” ނީޝަލްއަށް މަޑުމަޑުން ބުނެލެވުނެވެ. *
އާހިލް ސްކޫލަށް ލާފައި އައިހަމް ކޮލެޖަށް ވަނީ ދެޖީބަށް އަތް ޖަހާލައިގެން ހހުރެއެވެ. އެތައް ދުވަހެއް ވަންދެން ސިއްރުކޮށްގެން އުޅުނު ކަންތައްތައް ބޭރުކޮށްލެވުމުން އައިހަމްއަށް ލިބިފައިވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހީވަނީ ހިތްމަތީ ބޭއްވިފައިއޮތް ގާގަނޑެއް އެއްފަރާތް ކޮށްލެވުނު ހެންނެވެ. ކްލާހަށް ދަނިކޮށް އައިހަމްގެ ލޮލުގައި ހޫރީން އަޅައިގަތެވެ. މިއަދު ހޫރީން ހުރީ ކަކުލަށް ވުރެ ތަންކޮޅެއް ތިރިއަށް ފައިބާ ވަރުގެ ޓައިޓްކޮޅަކާއި ރީނދޫކުލައިގެ ޓޮޕެއް ލައިގެންނެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލާފައި ވާއިރު މިއަދު އެދެލޮލުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ފޭކޮށްލާފައިވާ އެ ދެތުންފަތުން ފާޅުވަމުން ދިޔަ ރީތި ހިނިތުންވުމުން އައިހަމްއަށްވެސް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ހޫރީން ކުއްލިއަކަށް އައިހަމް ހުރި ދިމާލަށް ބަލާލިއެވެ. އައިހަމް ސިހިފައި އަވަހަށް ދުރު ބަލާލިއެވެ. ނަމަވެސް އެ ތުންފަތަށް ވެރިވި ކުޑަ ހިނިތުންވުން ހޫރީންގެ ލޮލުގައި ވެސް އަޅައިގަތެވެ.
އައިހަމްއަށް ބަލާލާފައި ހިނިތުންވެފައި ހޫރީން ކުރިއަށް ހިނގައިގަތެވެ. އަތުގައި އޮތް ކުޑަ ނޯޓްފޮތަށް ހޫރީން އަވަސް ނަޒަރެއް ހިންގާލިއެވެ. އޭގައި ވަނީ މައިހާ ގެއްލުނު ދިމާއިން ހޫރީންއަށް ފާހަގަ ކުރެވުނު ބައެއް ކަންތައްތަކެވެ. “ދެ ސީސީޓީވީ ހަލާކު ކޮށްލާފައި… ނޯ ފިންގަރ ޕްރިންޓްސް.. މާ ރަނގަޅަށްވެސް މީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއްކަން އެބަ އިނގޭ..” ތުންފަތުގައި ގަލަން ޖައްސާލާފައި ހޫރީން ބުނެލިއެވެ. “މިއަދު ހަވީރު އަނެއްކާވެސް އެތަން ބަލާލަން ދާނީ.. ޑަބަލް ޗެކިން އިޒް އޯލްވޭޒް އަ ގުޑް އައިޑިއާ..” ހޫރީން އަމިއްލަ އަމިއްލލައަށް ކިޔާލާފައި ގޮސް ކްލާހަށް ވަންނަން ދިޔައެވެ. “މިއަދު އިޒްކާން އާއި ނީޝަލް ކޮބާ..؟” ކްލާސް ތެރޭ ގަޑިއަށް ނަޒަރު ހުއްޓާލައިގެން އިން ލެކްޗަރާ ފެނިފައި ހޫރީންއަށް ބުނެވުނެވެ. އޭރު ގަޑިން އަށެއް ޖަހަން ބާކީ ހުރީ އެންމެ ހަ މިނެޓެވެ. މިއަދު އަދި އިނީވެސް އެންމެ ހަރުކަށި ލެކްޗަރާ ކަމަށްވާތީ ހޫރީންވެސް ހިންދިރުވާލާފައި އަވަހަށް ގޮސް އިށީނެވެ.
“ނީޝަލް…” ސައިކަލުގައި އެދިމާލަށް ކައިރިކޮށްލި އިޒްކާންއަށް ނީޝަލް ބޮލުގައި އަތް އަޅައިގެން ހުރިތަން ފެނުމުން ސައިކަލަކާއި ސައިކަލެއް ދޫކޮށްލާފައި އަވަހަށްގޮސް ނީޝަލްގެ ގާތުގައި ހުއްޓުނެވެ. “ކިހިނެތްވީ..؟” އިޒްކާންގެ އަޑަށް ނީޝަލްއަށް ލޯ ހުޅުވާލެވުނެވެ. އިޒްކާންއަށް ބަލާލާފައި ނީޝަލް ހިނިތުންވެލީ ކަމެއް ނުވެޔޭ ބުނަމުންނެވެ.
ބޮލުގައި އަޅަމުން ދިޔަ ތަދު ކުޑަވުމުން ނީޝަލް މަޑުމަޑުން ކޮޅަށް ތެދުވިއެވެ. އެހުރިހާ ވަގުތަކުވެސް އިޒްކާން ހުރީ ނީޝަލްގެ ކޮނޑުގަޔާއި އަތުގައި ނުލާހިކު ބާރަށް ހިފަހައްޓައިގެންނެވެ. ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ކަހަލައެވެ. ބުނަން ނުކެރިފައި ހުރި ކަމުގައިވިޔަސް އިޒްކާންއާއި ނީޝަލް އެކަކު އަނެކަކަށް އެދެމުން ދާވަރު ދެނެވޮޑިގެންވާނީ ހުރިހާ ކަމެއްވެސް ދެނެވޮޑިގެންވާ ކުޅަދުންވަންތަ މާތް ﷲއެވެ.
އިޒްކާން ނީޝަލްގެ އަތުން ދޫކޮށްނުލާ ކުރިއަށް ހިނގައިގަތެވެ. “މާއްތަ.. އެއީ ކާކު..؟ ޝަލް.. އެއީ އަހަރެންތަ..؟” ނީޝަލް ހަމަހިމޭންކަމާއި އެކީގައި ވިސްނަމުން ދިޔައެވެ. “ނީޝަލް.. ވަރަށް ލޯބިވޭ.. އެކަމަކު… ކަންތައްތައް ހަމައަކަށް އެޅުނުހާ އަވަހަކަށް އަހަރެން ނީޝަލް ގާތު މި ވާހަކަ ބުނާނަން..” ނީޝަލްއަށް އަޑު ނީވޭނެކަން އިނގޭ ހާލުގައިވެސް އިޒްކާން ހިތާހިތުން ވައުދުވިއެވެ. ހިޔާން ނީޝަލް ބޭނުންވާނެކަން އިޒްކާންއަށް ނުގޮތަކަށް ވިސްނިއްޖެއެވެ. ދުލުން ހާމަ ނުކުރި ނަމަވެސް އިޒްކާންއަށް އެވަރު ވިސްނެއެވެ. ނީޝަލް ދެކެ ލޯބިވެޔޭ ބުނެ ހިޔާން އާއި ކުރިމަތިލާން އިޒްކާން އަދި ތައްޔާރެއް ނޫނެވެ. އޭރުން ހިޔާން ކޮންމެގޮތެއްވެސް ހަދާލަފާނެއެވެ. ކުޑައިރުއްސުރެ އެކުގައި އުޅެމުން އަންނާތީ އިޒްކާންއަށް ހިޔާން ހިތުދަހޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ނީޝަލް އާއި އެކީ އިޒްކާންއަށް ކްލާހަށް ދެވުނުއިރު ލެކްޗަރާ ކްލާސް ފަށައިފިއެވެ. ދެމީހުން ލަހުން އައި ކަމުގައި ވިޔަސް ލެކްޗަރާ މައްސަލައަކަށް ނުހެދިއެވެ. ދެމީހުން ކައިރީވެސް އިށީންނާށޭ ބުނެ ލެކްޗަރާ ކްލާސް ކުރިއަށް ގެންދަން ފެށިއެވެ. މިއަދު ހިޔާން ކޮލެޖަކަށް ނާދެއެވެ. އިރުގަނޑެއް ފަހުން ފައިލަމް އައިސް ވަނެވެ.
ކްލާސް ތެރޭ އިންއިރު ހޫރީންއަށް މިއަދު އައިހަމް މާވަރަކަށް ބަލާކަން ފާހަގަވިއެވެ. ކުރިން ފޮތް ނޫން އެހެން ދިމާލަކަށް ނުބެލޭ ކުއްޖާ މިއަދު އެހުރީ ހޫރީންގެ މޫނުން ނަޒަރު ވަކި ނުކޮށްލެވިފައެވެ. ހިޔާން އާއި ފައިލަމް ފަހަތު ބަރީގައި އިންނަ ނަމަވެސް އައިހަމް ހުންނަނީ ހޫރީންމެން ހުރި ބަރިއާއި ޖެހިގެން ހުންނަ ބަރީގައެވެ. ނުބަލަން ހުއްޓަސް ހޫރީންއަށް ދޭތެރެދޭތެރެއަކުން އައިހަމް އާއި ދިމާލަށް ބަލާލެވެއެވެ. އެއިން ކޮންމެ ވަގުތަކުވެސް އައިހަމް ހޫރީންގެ މޫނަށް ބަލަން އިންނަ ގޮތުން ހޫރީންގެ އަތްފައި ފިނިވެގެން ދަނީ ނުހަނު އަވަހަށެވެ. “އާހް..!! ވަޓް އިޒް ރޯންގް ވިތް މީ..؟” ފިނިވެފައިވާ ދެ އަތްތިލަ އުނގުޅާލާފައި ހޫރީންއަށް އަމިއްލަ ނަފްސަށް އިވޭވަރަށް އަހާލެވުނެވެ.
“ހޫރީން…” އެހެންޏާ އިޒްކާން އާއި އޭނާ ދައްކާ ކޮންމެ ވާހަކައެއްގައި ވެސް ބައިވެރިވާ ހޫރީންގެ މަޑުމައިތިރިކަން ފާހަގަ ކުރެވިގެން ނީޝަލް ގޮވާލިއެވެ. “ކީކޭ..؟” ހޫރީން ނުވާކަމަށް ހަދާލާފައި ނީޝަލްގެ މޫނަށް ބަލާލިއެވެ. “ކަމެއް ނުވޭ.. މާ މަޑުން އިންނާތީ..” ނީޝަލް ބުނެލިއެވެ. “މިއަދު މެންދުރު އަންނައްޗޭ… މިއަދު ފިލްމް ބަލަން… އިނގޭތަ އަސްލު އިއްޔެ އެ ފިލްމް ރިލީޒް ކޮށްފިއޭ..” ހޫރީން ބުނެލިއެވެ. “އާނ ދާނަން…” އިޒްކާން ބުނެލިއެވެ. “މަ ހޫރީން މެންގެ ގެއަށް ދާނީ އެކަނި..” ނީޝަލް ބުނެލިއެވެ. “އެކަމަކު….” އިޒްކާން ކަންބޮޑުވާ ގޮތްވިއެވެ. “ސާބަހޭ… އިޒްކާން ހީވަނީ ބައްޕައެއް ހެން ވިއްޔާ..” ހޫރީން ބުނެލިއެވެ. ނީޝަލްއަށް ހެވިއްޖެއެވެ. އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލާފައި އިޒްކާން ވެސް ޒާތަކަށް ހިނިތުންވެލިއެވެ. “ލޯބިވާ އެންމެން ރައްކާތެރި ކުރަން އެންމެންވެސް ބޭނުންވާނެތާ..” ނީޝަލްގެ މޫނަށް ބަލާލާފައި އިޒްކާން ފަނޑުކޮށް ހީނލިއެވެ. އިޒްކާންގެ ދެލޮލުން އެކަނިވެސް ހޫރީންއަށް އިޒްކާން ނީޝަލް ދެކެ ވާ ލޯބި އިހުސާސްވިއެވެ.
ލިޔާން ހުރީ ހޮސްޕިޓަލްގައެވެ. ބްރޭކް ގަޑިއަށް ވުމާއި އެކީގައި ލިޔާން ހުރީ ހޮސްޕިޓަލްގެ ކެންޓީން ފަރާތުގައެވެ. ދަނބުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓްލޫނެއް ލައިގެން އިން ލިޔާންގެ ރީތިކަމަށް ތައުރީފު ކުރެވޭހާ ވަރުވެއެވެ. މިހާރު ލިޔާން ކުޑަކޮށް ފަލަވެލާ ގައިގައި މަސްޖަހާލާފައި ހުރުމުން ކުރިއަށްވުރެ ފިރިހެންވަންތަކަމަށް ދައްކައެވެ. ހޮސްޕިޓަލްގެ ކިތަންމެ އަންހެން މުވައްޒަފެއް ލިޔާން އާއި ގުޅެން އުޅެވޭތޯ ބަލައެވެ. ނަމަވެސް ލިޔާންގެ ހިތުގައި ރަނާ އާއި ދޭތެރޭ އޮތް ލޯތްބަކީ ދުވަހަކު ވެސް ބަދަލު ވާނޭ ލޯތްބެއް ނޫނެވެ.
“ލިޓްލް ރެޕަންޒަލް..” ރަނާ ނީޝަލް އުޅޭނޫޅޭ ގޮތް ބަލާލަދެއްޗޭ ބުނެފައި އޮތްކަން ހަނދާންވުމުން ލިޔާން އިންސްޓަގްރާމް ހުޅުވާލިއެވެ. އަދި ނީޝަލް އެންމެ ފަހުން ކޮށްފައިވާ ޕޯސްޓަށް ބަލާލިއެވެ.
އަތިރިމަތީގެ ދޮންވެލިގަނޑު މަތީގައި ހެވިފައި އޮތް ނީޝަލް އާއި ހީނލައިގެން ނީޝަލް އާއި ދިމާލަށް ބަލަން އޮތް އިޒްކާންގެ ފޮޓޯއެއް ފެނުމުން ލިޔާންގެ ތުންފަތްމައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. ނީޝަލްގެ އިސްތަށިގަނޑު ދޮންވެލިގަނޑު މަތީގައި ފެތުރިފައިވާއިރު އިޒްކާންގެ ބުޅި އިސްތަށިގަނޑު މޫނުމައްޗަށް ވެއްޓިފައި އޮތުމުން އެ ފޮޓޯ ވަރަށް ރީއްޗެވެ. އިއްތިފާގުން ދެމީހުންވެސް ލައިގެން ހުރީ ރީނދޫ ކުލައިގެ ހެދުމެކެވެ. މޭރީގޯލްޑް ކުލައިގެ ހެދުމެއް ލައިގެން ނީޝަލް އޮތް އިރު އިޒްކާން އޮތީ ޑޭންޑަލައިން ކުލައިގެ ގަމީހެއް ލައިގެންނެވެ. ދެމީހުންނަކީ ވެސް ވެލިގަނޑު މައްޗަށް ވެއްޓިފައި އޮތް ރީތި ދެ މަލެކޭ އެއްފަދައެވެ. ލިޔާންއަށްވެސް ހިތާހިތުން ދެކުދިންނަށް ތައުރީފް ކޮށްލެވުނެވެ. އެއްޗެއް ހަނދާން ވުމާއި އެކީގައި ލިޔާން ފޯނުން އެންމެ ކުރީގެ ފޮޓޯތައް ބަލާލިއެވެ.
އަވްލީން އާއި އޭނާއާއި ކުރިން ނަގާފައިވާ ފޮޓޯއެއް ފެނުމުން ލިޔާންއަށް ބޭއިޚްތިޔާރުގައި ހެވިއްޖެއެވެ. ނީޝަލް އާއި އިޒްކާންގެ ފޮޓޯއާއި ލިޔާންއާއި އަވްލީންގެ ފޮޓޯގަނޑު ލިޔާން އަޅާ ކިޔާލިއެވެ. އިޒްކާން އަކީ ހަމަ ލިޔާންގެ ތަތްގަނޑެކެވެ. ހަމަ އެފަދައިން ނީޝަލް އަކީ އަވްލީންގެ ތަތްގަނޑެކެވެ. ކޮފީތަށި ހުސް ކޮށްލާފައި ލިޔާން ރަނާއަށް އިޒްކާންއާއި ނީޝަލްގެ ފޮޓޯ ފޮނުވާލިއެވެ. ދެން ހިތަށްއެރި އެއްޗަކުން ލިޔާންގެ ހިނިތުންވުން ފުޅާވިއެވެ. “އަނެއްކާ އިޒްކާން އާއި ނީޝަލް……….” ލިޔާން ހެވިފައި ހުރެ އަނބުރާ ހޮސްޕިޓަލްގެ ތެރެއަށް ހިނގައިގަތީ ބްރޭކް ނިމުމުންނެވެ.
މިއަދު މިއީ ހައިނާގެ އޮފް ދުވަހެވެ. އޭރު ގަޑިން ބާރަ ޖަހަނީއެވެ. ދެންމެއަކު ހޫރީން މެސެޖް ކޮށްފައި މިއަދު އެކުވެރިން ގެއަށް އަންނަ ވާހަކަ ބުނުމުން ހައިނާ އަތްމަތި އަވަސް ކޮށްލާފައި އުޅުނީ ރަނގަޅު އެއްޗެއް ތައްޔާރު ކޮށްލެވޭތޯއެވެ. ރެސްޓޯރެންޓްގައި މަސައްކަތް ކޮށްކޮށް ހައިނާ ވަނީ އެކަމަށް އާދަވެފައެވެ. އެއްފަހަރާ މިރުސް ކޮށަމުން ފިޔާ މީރު ކުރަމުން ބޭނުންވާނެ ތެލި ތަށިތައް ނަގަމުން ދިޔައިރު ހައިނާގެ ހަތްވަރަކަށް އަތް ހުންނަހެން ހީވެއެވެ. ހަރަކާތް އަވަސްކަމުންނެވެ. ޗިކެން ފްރައިޑް ރައިސް ހެދުމުގެ މަސައްކަތުގައި ހައިނާ އަވަދިނެތި އުޅުނެވެ.
ބިސްގަނޑު އެޅުމަށްފަހު ކޮށާފައިވާ ކުކުޅުކޮޅު ތަވާތެރެއަށް އަޅާލާފައި ހައިނާއަށް ބަލާލެވުނީ ފޯނު ރިންގު ވާހެން ހީވުމުންނެވެ. ނުދަންނަ ނަންބަރަކުން ގުޅަން ފެށުމުން ހައިނާ ބުމަ އަރުވާލިއެވެ. މިއީ އަނެއްކާ އިކުވާންގެ ފޭންއެއް ނޫންބާއޭ ހައިނާގެ ހިތަށް އެރިއެވެ. ފަސްވަރަކަށް ފަހަރެއްގެ މަތިން އިކުވާން އާއި ބައްދަލު ކުރެވޭތޯ އިކުވާންގެ ފޭން ކުދިންތަކެއް ވަނީ ހައިނާއަށް ގުޅާފައެވެ. އެކުދިން ހައިނާގެ ނަންބަރު ހޯދިގޮތް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ.
ހައިނާ އަޅާނުޅާ ކެއްކުމައިގެން ކުރިއަށް ދިޔައެވެ. ދެން ހައިނާގެ ފޯނަށް އައީ މެސެޖެކެވެ. ހަމަ އެ ނުދަންނަ ނަންބަރުންނެވެ. ހައިނާ އަތް ދޮވެލާފައި ފޯނު ނަގާ މެސެޖް ހުޅުވާލިއެވެ. ”ދޮރު ހުޅުވަބަލަ..” އެ މެސެޖް ފެނިފައި ހައިނާގެ ހިތަށް ބިރުވެރިކަން ވަނެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާލި އަޑުވެސް އިވިގެން ދިޔައެވެ. ބިރުވެރި ނަޒަރަކުން ހައިނާއަށް ދޮރާއި ދިމާލަށް ބަލަން ހުރެވުނީ ދެންމެ ދޮވުނު ދޭފަތުގައި ބައްދާލައިގެން ކަހަލަ ގޮތަކަށެވެ.
ކޮލެޖް ނިންމާލާފައި އިޒްކާން ނީޝަލް ގެއަށް ލައިދޭން ދިޔައެވެ. މިއަދު ހިޔާން ނާންނާތީ ފޫހިވެފައި ހޫރީން ގެއާއި ދިމާލަށް ހިނގައިގަތެވެ. ހިޔާން ނެތުމުގެ މާނައަކީ ސައިކަލު ވެސް ނެތުމެވެ. ސައިކަލު ނެތުމުގެ މާނައަކީ ހޫރީން އެކަނި ފައިމަގުގައި ހިނގާފައި ގެއަށް ދިޔުމެވެ. ދިޔަ މަގުމަތީގައި ހަރު ކޮށްފައިވާ ސީސީޓީވީތަކަށް ލޯ އަޅަމުން ނުވަތަ ވައްތަރެއް ޖައްސާލާފައި ހޫރީން ދިޔައެވެ.
“އޭތް ބްރޯ.. މަށަށް ސައިކު ދީބަލަ..” ހޫރީން އެކަނި ހިނގާފައި ދާތަން ފެނުމުން އައިހަމް ބުނެލިއެވެ. “ކީއްވެގެން..؟ ހުދާ ގެއަށް ގޮސްފިއޭ…” އައިހަމް ސައިކަލު ބޭނުންވެގެން އުޅެނީ ހުދާ ގެއަށް ލާން ދާން ވެގެން ކަމަށް ހިތާ ފައިލަމް ބުނެލިއެވެ. “ނޫނޭ ހުދާއެއް ނޫނޭ.. ޔާން މިއަދު ނާންނާތީ ހޫރީން އެ ދަނީ އެކަނިމާއެކަނި ހިނގާފައި..” އައިހަމް ބުނެލިއެވެ. “މަ ގޮސްފާނަމޭ ހޫރީން ގެއަށް ލައިދޭން..” ފައިލަމް ސައިކަލު ތަޅުދަނޑި ނެގުމުން އައިހަމް ހާސްވެގެން ބޯ ކަހާލިއެވެ. ”އެއީ ހިޔާންގެ ހޫރުޕަރީ ކަމެއް ކަލެއަކަށް ނޭނގޭތަ..؟ ކަލޭ ހޫރީންއަށް ކޮންމެފަދަ ގޮތެއް ހަދާފާނެ… ކޮންޓްރޯލް އިން އަބަދު ވެސް ނެއްޓިފައިހުންނަ މީހެއްނު ތީ… އެނގެއެއްނު އެހެން އަންހެން ކުދިންނަށް ހިތުހުރި ގޮތެއް ހެދިޔަސް ހިޔާން ހޫރީންދެކެ ލޯބިވާވަރު..؟ ހޫރީންއަށް ގޮތެއް ވެއްޖެއްޔާ ހިޔާން ކަލޭ މަރާލަންވެސް ފަހެއް ނުޖެހޭނެ… އެހެންވެ މަ މި ބުނީ މަ ކޮންޓްރޯލްގައި ހުންނަ މީހާ ގޮސްފާނަމޭ ހޫރީން ގެއަށް ލާން..” އައިހަމް އަވަހަށް ބުނެލިއެވެ.
“ކޭކޭ…” ފައިލަމް ބުނެލިއެވެ. “އަދި އެއް ވާހަކަ..” އައިހަމް ބުނެލިއެވެ. ފައިލަމް ބުމަ އަރުވާލިއެވެ. “ޝަހާމާ.. ދެން މިހާރު ކާކު.. މައިހާ ދޯ..؟ އޭނަ ކިޑްނެޕް ކުރީ ހަމަ ޔާން ތަ..؟” އައިހަމް އެއްސެވެ. އަދިވެސް ޔަގީން ނުވާތީއެވެ. ފައިލަމް ދަތްތައް ދިލުވާލާފައި ހީނލިއެވެ. “ޔާން އެއްނޫނޭ… މަ..” ފަޚުރުވެރި ވެލާފައި ފައިލަމް ބުނެލިއެވެ. “ކަލޭ..؟؟؟” އައިހަމް ހައިރާންވެފައި އެހީ އަނެއްކާ އޭނާގެ ކަންފަތް ސަމާސާ ކުރަނީ ނޫންބާއޭ ހިތަށްއެރުމުންނެވެ.
”ސީރިއަސްކޮށޭ… މަށޭ މައިހާ ކިޑްނެޕް ކުރީ… އަހަރެމެންގެ ގޭގައި އޭނަ އޮނންނާނެ.. ކުރާ ކަމެއް ކޮށްފައި ހަމަ އެ ފަޅުގެ ބުޑަށް އެއްލާލީމަ އޯކޭވާނެ…” ފައިލަމްގެ ވާހަކަތަކުން އައިހަމް ބޯ ކަހާލިއެވެ. “މަ ނޫޅެން މިފަހަރު ދާކަށް..” އައިހަމް އޭނާ ގެންގޮސްފާނެތީ ވަގުތު އޮއްވާ ދެކޮޅު ހެދިއެވެ. ”އަހަރެމެންގެ ގޭގައޭ އެމަންޖެ އޮތީ… ގޭގަ ދޯ މަ ކުރާ ކަމެއް ކުރާނީ.. ބަލަ ކަލޭގެވެސް ގެއެއްނު އެއީ..؟” ފައިލަމްގެ ވާހަކަތައް ހުރިގޮތުން އޭނާ ބޭނުންވަނީ އައިހަމްވެސް ގެންނަންކަން އެނގުނެވެ. “މަށަށް ޔަގީން އާހިލް ވެސް ނުދާނެކަން.. މަ ހުންނާނަން އާހިލްމެންގެ ގޭގައި… އިޒްކާންވެސް ހިޔެއް ނުވޭ ދާނެހެންނެއް ކަލޭމެން ތި ހާވާ ހަޑިއެއް ބަލާކަށް… އާހިލް ދަންޏާ މަ ދާނީ އިޒްކާންމެންގެ ގެއަށް.. ނިމުނީ..” އައިހަމް އަވަހަށް އެކަމުން ދުރުވިއެވެ.
ފައިލަމް ފާޑަކަށް އައިހަމްގެ މޫނަށް ބަލާލާފައި ހީނލިއެވެ. “ހާން އޯކޭ… މައްސަލައެއް ނެތް.. އެކަމް މެންދުރު ކަލެއާއި އާހިލް އަތިރިމައްޗަށް އަންނަން ޖެހޭނެއޭ ހިޔާން ބުނި..” ފައިލަމް އެހެން ބުނުމުން އައިހަމް ކުޑަކޮށް ފިނިވާގޮތްވިއެވެ. “އޯކޭ.. މަ ދާނަން އާހިލް ގޮވައިގެން ދޭއް ޖަހާކަށް ހާއިރު.. ކަލޭ ހިޔާން އާއި އެކީގައި އެތަނުގައި ހުރޭ…” އައިހަމް ބުނެލިއެވެ. “ދެން ދޭ… އެހެން ނޫނީ އެމަންޖެ ގެއާއި ހިސާބަށް ފޯރަފާނެ..” ފައިލަމް އައިހަމްގެ އަތަށް ސައިކަލު ތަޅުދަނޑި ދެމުން ބުނެލިއެވެ.
އައިހަމް ތަޅުދަނޑި އަތުލާފައި އަވަހަށް ސައިކަލަށް އެރިއެވެ. ދުއްވުމުގެ ކުރިން މިއަދު އަތިރިމައްޗަށް ދާން ޖެހޭނެ ވާހަކަ އައިހަމް އާހިލަށް އެންގިއެވެ. މެސެޖްގެ ޒަރިއްޔާއިންނެވެ. ހަދާ ހޯމްވޯކެއް ހަދާ ނިންމާފައި ބާއްވަން އާހިލަށް އައިހަމް އެންގިއެވެ.
“އޭ އައިހަމް… ކަލޭގެ ޓީޝާޓްގައި އެބައޮތް އެއްޗެއް..” ފައިލަމް ބުނެލިއެވެ. އައިހަމް މޫނު ހަދާލާފައި ޓީޝާޓަށް ބަލާލިއެވެ. “ދެން އަޅެ ސަމާސާ ކުރާ ގަޑިއެއް ނޫނޭ މީ…” އައިހަމް އަވަހަށް ސައިކަލު ދުއްވާލިއެވެ. “މަށަށް ހީވަނީ މީހުން އެއަށް ކިޔާ އުޅެނީ ލޯބި ހެން……” އައިހަމް ދިޔަ ދިމާ ބަލަން ހުރެފައި ފައިލަމް މަޑުމަޑުން ބުނެލިއެވެ. އަދި ޖީބަށް އަތް ޖަހާލަމުން ކޮލެޖުން ނުކުތް އަންހެން ކުއްޖަކާއި ވާހަކަ ދައްކަން ފެށިއެވެ.
ހޫރީންއަށް ފަހަތް ބަލާލެވުނީ މީހަކު އޭނާގެ ނަން ކިޔާލިހެން ހީވެގެންނެވެ. އޭރު ފުދޭވަރަކަށް ބާރަށް ސައިކަލުގައި އައިހަމް އައިސް މަޑުކޮށްލީ ސީދާ ހޫރީން ކައިރީގައެވެ. “އަރާ…” އައިހަމް ބަލާވެސްނުލާ ބުނެލިއެވެ. “ކީއްވެގެން..؟ މަ ނޫޅެން އަރާކަށް..” ހޫރީން ބޭނުންވީ ދެކޮޅު ހަދާށެވެ. މިފަހަކަށް އައިސް އައިހަމް ފެންނައިރަށް ހިތަށް ގޮތްގޮތްވާތީ ހޫރީން ހުންނަނީ ޖެހިލުންވެފައެވެ. ރޭ ހުވަފެނުން ވެސް އައިހަމް އާއި ދެމީހުން އެކުގައި އުޅެނިކޮށް ފެނުމުން ހޫރީން ހުރީ އެކަމާއިހުރެ ދާހިއްލާފައެވެ. “މަ ނޫޅެން ކާލާކަށް.. ދެންވެސް އަރާ…” އައިހަމް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. “އަޅެ ބުނެފިންދޯ މަ ނާރާނަމޭ..” ހޫރީން ގަދަ ހަދާލިއެވެ. “ހޫރުޕަރީއަށް ކަމެއް ވެއްޖެއްޔާ ހިޔާން ރުޅިއަންނާނީ އަހަރެމެން ދެކެ..” އައިހަމް ވާހަކައެއް ހަދާލިއެވެ. “މަގޭ ދޮންބެ..؟ މަގޭ ދޮންބެ ކީއްވެގެން ތިމީހުން ދެކެ ރުޅި އަންނާނީ..؟” ހޫރީން އެއްސެވެ.
“އެއީ… ހޫރީންއަށް އިނގެއެއްނު… ހިޔާން ހޫރީން ދެކެ ވަރަށް ލޯބިވާކަން… އެހެންވެ ހޫރީންއަށް ކަމެއް ވިއްޔާ ހިޔާން ވަރަށް ކަޑަވާނެ… މިހާރު ވަރަށް ކުދިން ކުދިން ކިޑްނެޕް ކުރާކަން އެނގެއްނު..؟” އައިހަމްއަށް އެކަން ކުރަނީ ހިޔާން އާއި ފައިލަމްކކަން އެނގިހުރެވެސް ބުނެލިއެވެ. “މަށަށް މަގޭ ގާތަށް އަންނަ މީހާ ބަލި ކޮށްލެވޭނެއޭ..” ހޫރީން އަދިވެސް ދާން އެއްބަހެއް ނޫނެވެ. “ފަސް ހަތަރު މީހުން އަޔަސް ބަލި ކުރެވޭނެ..؟” އައިހަމް އެއްސެވެ. ހޫރީން ވިސްނާލާފައި ބޯ ޖަހާލިއެވެ.
“ހޭލާ ހުރެގެން ހުވަފެން ބަލާނެ ކަމެއް ނެތް.. އިނަފް ޑޭ ޑްރީމްސް.. އަރާ ފަހަތަށް…” އައިހަމް ސައިކަލުގެ ފަހަތަށް އިޝާރާތް ކޮށްލިއެވެ. “ނާރާނަން..” ހޫރީންގެ ޖަވާބު ބަދަލުވާގޮތެއް ނުވިއެވެ. “އަހަރެން މީ ހޫރީންގެ ޕާރސަނަލް ބޮޑީ ގާރޑް… ހަޔަރޑް ބައި ހިޔާން.. އަރާ..” އައިހަމް އަނެއް ދޮގު ހަދާލިއެވެ. މޫނު ހަދާލާފައި ހޫރީން ފަހަތަށް އެރިއެވެ. ”ހޫރީން.. ލަވް… ޔޫ ޕްލެއިޑް ހާރޑް ޓު ގެޓް… ވެލްޑަން..” އައިހަމް ހިތާހިތުން ހީނލާފައި ހޫރީން ގޮވައިގެން ސައިކަލު ދުއްވާލިއެވެ. ހޫރީން ގެއަށް ލައިދޭށެވެ.
ހައިނާ އަދިވެސް ހުރީ ދޭފަތުގައި ބައްދާލައިގެން ކަހަލަ ގޮތަކަށެވެ. މިހާރު ބޭރުގައި ހުރި މީހަކު ޓަކި ޖަހާތާވެސް ފަނަރަވަރަކަށް މިނެޓް ވެދާނެއެވެ. ނުދަންނަ ނަންބަރަކުން ދޮރު ހުޅުވާށޭ ބުނި ފަހުން ދޮރު މަތީގައި ހުންނާނީ އެމީހެއްކަން ހައިނާއަށް ވިސްނުނެވެ. ފޯނުން ވެސް ޗާރޖް ދާން އެނގުނީ އެވަގުތެވެ. ހައިނާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އިތުރަށް ދިހަވަރަކަށް މިނެޓް ފަހުން އަނެއްކާ ވެސް މެސެޖެއް އައެވެ. “އަޅެ ދޮރުހުޅުވަބަލަ…” އެމީހެއްގެ ވާހަކަ ދެއްކުމުގެ ރާގު ހައިނާއަށް ފާހަގަ ވިއެވެ. ފަސްވަރަކަށް މިނެޓް ފަހުން ޓަކި ޖަހަން ހުރި މީހާ ޓަކި ޖެހުން ހުއްޓާލިއެވެ. “ބޮޑު ދެ ދަރިންގެ މަންމައެކޯ.. އެކަމަކު މަ އަދިވެސް ހާދަ ފިނޑިއޭ..” ހައިނާ އަމިއްލަ ނަފްސަށް މަލާމާތް ކޮށްލިއެވެ.
ޓަކި ޖެހުން ހުއްޓުނު ތަނާ ދެން އިވުނީ ތަޅުދަނޑިއެއްގެ އަޑެވެ. ހައިނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެމީހެއްގެ އަތުގައި މިގޭގެ ތަޅުދަނޑިވެސް އޮތީ ހެއްޔެވެ.؟ “މާތްކަލާކޯ…!!!” ހައިނާ އަވަހަށް އަތު ޖެހޭ ހިސާބުގައި ހުރި ދެވަޅި އާއި ތަވާ ނެގިއެވެ. އެމީހެއް ކައިރިއަށް އައިސްފިއްޔާ ޖަހަން ތައްޔާރު ވާށެވެ. މިނެޓެއް ނުވަނީސް އެގޭ ދޮރު ހުޅުވާލި އަޑު އިވުނެވެ. ހައިނާ ތަވާ އަތަށް ހެޔޮވަރު ކޮށްލީ ކުރިއަށް ހިނގައިގަންނަމުންނެވެ.
= ނުނިމޭ =
3 Comments!
Comments are closed.
Heii Yoon♥️♥️♥️♥️
Vrh Sali mi part vxxx ♥️♥️♥️
Masha Allah♥️♥️♥️♥️
Awwwwnnn aiham aa hooryn vrh guley Masha Allah♥️♥️♥️♥️???
Hooryn vxx Hama aiham deke like vany hen heevany ♥️♥️♥️?
Hooryn police akah doonukurey dhw ♥️♥️???????hahahhah camera thakah vahtharu jahsany eyy buny maa heehee halaaku vehje hahahah????????♥️♥️♥️♥️
Ril ah heevany hainaa men gey dorugaa taki jahany egen ikuvaan hen vrh heevey hahahha♥️♥️♥️??????
Dhn kihineh baa vaany so curious♥️♥️
Waiting for the next part ♥️♥️♥️
Love uuuuu Yoon ♥️♥️♥️
Stay safe and take care ♥️♥️♥️
Oh hooryn ge personal body gurd aiham???i think hooryn also loves aiham???oh god kaaku baa dhoru ga takigehy???i think ikuvaan kanyge???ragalhu meehaku dhoru hulhu vaafiyya majaa vaany valhi aa thavaa nagaagen???. V.v.v.v.v reethi maasha Allah.??? Waiting curiously for the next part ??? when is the next part???
Ahahaha yess Hooreen ge personal body guard Aiham 😀 Lets see dhw 😀 Insha allah nxt part ga ingeyne kaaku kan knock kuree dhoruga… lol yess dhw 😀 Thank you so so much Maash ?✨? So happy to see your comment ?✨? Insha allah Saturday, 9th January 2021 ga nxt part ingeii ?✨? Keep waiting dearlss ?✨? Take care and stay safe ??