Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featured

ޤާތިލް-3

Ali Shimhaz Level 110 Stories
January 8, 2021 5 Mins Read
0 Comments

އޭގެ އަނެއްދުވަހެވެ.   ޔުމާނާއާއި ޔުމާނާގެ ބައްޕަ އާދަމްމަނިކު އިނީ ހެނދުނުގެ ނާސްތާކުރާށެވެ.

ޔުމާނާ ހިތަށްއެރިއެވެ. ޔަޝްފާންގެ ވާހަކަ ބުނަންވީއެވެ.

”ބައްޕާ ކުރިންދުވަހު ޔަޝްފާން އައި” ޔުމާނާ މިހެން ބުނުމުން އާދަމްމަނިކުގެ ދެލޯ ބޮޑުވިއެވެ.

”އެކަމަކު އަހަރެމެންނަކީ ހަމައެކަނި އެކުވެރިން . އޭނަ އައީ އަހަރެންނަށް އުފަންދުވަހުގެ ހަދިޔާއެއް ދޭން . ނޭނގެ އަހަރެންގެ އުފަންދުވަސް އެނގުނީ ކިހިނެތްކަމެއްވެސް. އޭނަ އަހަރެންނަށް ފޯނެއްދިނީ” ޔުމާނާ ކިޔައިދިނެވެ.

”ތި ފޯނު ގެނެސްބަލަ”އާދަމަމަނިކު އެންގިއެވެ. ޔުމާނާ ބިރުންހުރެ ފޯނު ގެނެސް ބައްޕަ އަތަށް ދިނެވެ. އާދަމްމަނިކު ކައިރީގައި އިން ފެންތަށްޓަށް އެ ފޯނު ލިއެވެ.

”ބައްޕާ” ޔުމާނާއަށް ހަޅޭއްލަވައިގަނެވުނެވެ. ”ކިހިނެތްވީ ” އާދަމްމަނިކު އެހިއެވެ .  ޔުމާނައަށް ކުރެވުނީ ޙިޔާލެކެވެ. ޔުމާނާ ބިރުގަނެއްޖެއެވެ.

އެއްދުވަހެއްގެ ހަވީރެވެ.  ޔުމާނާ  މީހަކާއި ވާހަކަދައްކާއި އަޑު އިވިގެން އާދަމްމަނިކު ޔުމާނާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އާދަމްމަނިކަށް ފެނުނީ ޔުމާނާ ފޯނެއްގައި އޮތްތަނެވެ.

”ދަރިފުޅާ”ބައްޕަގެ އަޑަށް ޔުމާނާ ސިހުނެވެ.

”ދަރިފުޅަށް ކާކު ފޯނެން ދިނީ   ކާކާއި  ތި ވާހަކަ ދައްކަނީ”އާދަމްމަނިކު އެހިއެވެ.

”ފާތުން ދިނީ އޭނަޔާއި މި ވާހަކަ ދައްކަނީވެސް”  އިރުކޮޅަކު ބުނާނެ އެއްޗެއްކާއި  މެދު ވިސްނަން އިނދެފައި ޔުމާނާ ދޮގެއްހަދައިލިއެވެ.      އެއަށްފަހު ޔުމާނާ އަބަދުވެސް  އޮންނަނީ ފޯނުގައެވެ.ރޭގަނޑެއް ދުވާލެއް ނޯވެއެވެ. ފޯނުން ތި ވާހަކަ ދައްކަނީ ކާކާއިހޭ އާދަމްމަނިކު އަހާއިރަށް ބުނަނީ ރައްޓެހިކުދިންގެ ނަންނަމެވެ. އެކިފަހަރު އެކި ނަމެވެ. ޔުމާނާ އަބަދު ފޯނެއްގައި އޮންނާތީ  އާދަމްމަނިކަކަށް މިހާރު ޔުމާނާ ގޮވައިގެން ތަނަކަށް ނުދެވެއެވެ.އާދަމްމަނިކު  ހުންނަނީ ހިތްހަމަނުޖެހިފައެވެ.

އާދަމްމަނިކު  އިނީ އިބްރާހިމްގެ ގޭގައެވެ. އެ ވާހަކަ އިބްރާހިމްއާއި ދައްކާށެވެ.

”ފާތުން ޖެހޭތަ ފޯނެއްދޭން” އާދަމްމަނިކު ރުޅި އައީ ފާތުންދެކެއެވެ.

”ބަލަ އެއީ ބޮޑުވެފައި ހުރި އަންހެންދަރިއެކޭ  ފޯނެއް ބޭނުންވާނެއްނު އޭނަވެސް .ދެން އަނެއްކޮޅުން ފާތުން ދިނީމައި ނުކެރޭނެދޯ ނުހިފައިކަށް. ދެން ތިހައިވަރަކަށް ފޯނެއްގައި އޮންނަންޏާ މަށަށް ހީވަނީ އެ ގޮއްޔެ ކުއްޖަކާއި ރައްޓެހިވެގެން އުޅެނީހެން” އިބްރާހިމުއަށް ހީވާ ގޮތް އިބްރާހިމް ކިޔައިދިނެވެ. އަދި މަޑުމައިތިރިކަމާއިއެކު ޔުމާނާއާއި ވާހަކަދެއްކުމަށް އާދަމްމަނިކުއަށް ނަސޭހަތްދިނެވެ.     އާދަމްމަނިކު ގެޔަށް އައިއިރުވެސް ޔުމާނާ އިނީ ފޯނެއްގައެވެ. ބައްޕަ ފެނުމުން ޔުމާނާ ފޯނު ކަނޑައިލިއެވެ. އާދަމްމަނިކު ރައްޓެހިވެގެން އުޅެނީ ކާކާއިހޭ އަހައި ސުވާލުކުރިއެވެ.

”ރައްޓެހިވެގެންނޭ.  އަޅުގަނޑު ކުއްޖަކާއި ރައްޓެހިވެގެންނެއް ނޫޅެމޭ ބައްޕާ. ފޯނެއް ލިބުނީމައި އެކުވެރިންނާއި ވަރަށް އަނގަތެޅުން އޮންނާނެއްނު” ޔުމާނާ އަނެއް ދޮގުހެދިއެވެ. އާދަމްމަނިކަށް ޔުމާނާ ހެދީ ދޮގެއްކަން އެނގިއްޖެއެވެ.    ދެފަރާތް ހިމޭންވިއެވެ. އެއްވެސް ބަހެއް ނުބުނެވެ. އާދަމްމަނިކު ހުރީ ޔުމާނާއަށް ބަލަހައްޓައިގެންނެވެ. ޔުމާނާ ހުރީ ބިރުންނެވެ. އިސްދަށަށް ޖަހައިގެންނެވެ. ފަންކާ ބާރުކަމުން އަލަމާރިމަތީގައި އޮތް ގަނޑެއް ވިއްސައިގެންގޮސް އާދަމްމަނިކުގެ ފައި ދޮށަށް  ހިނގައްޖެއެވެ. އާދަމްމަނިކު އެ ގަނޑު ނަގައި  ބަލައިލިއެވެ.  އެ ގަނޑަކީ ޔުމާނާ ޔަޝްފާންގެ ސޫރަ ކުރެހި ގަނޑެވެ. އާދަމްމަނިކުގެ ދެލޯ ބޮޑުވިއެވެ.

”ޔަޝްފާންއާތަ ތި ރައްޓެހިވެގެން އުޅެނީ. ހަނދާން ނެތުނީތަ އޭނަގެ ސަބަބުން ބައްޕަޔާއި ދަރިފުޅު އޮފީހަށް ދާން ޖެހުނީ. ބައްޕަ ވަޒިފާއިން ވަކިކުރީ ” އާދަމްމަނިކު ހުރީ ވަރަށް ރުޅި އައިސްފައެވެ.

”ބައްޕަ ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ. އެއީ  އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދިން ބަތަލް. ބައްޕަ އޭނަޔަށް ޝުކުރުވެސް އަދާކުރީމެއްނު” ޔުމާނާއަށް ހުރީ ރޮވިފައެވެ. ޔުމާނާގެ ލޮލުން އޮހޮރުނު ކަރުނަތިކިތައް ފެނިފައި އާދަމްމަނިކަށް ވަރަށް އަސަރުކުރިއެވެ. އެކަމަކު އާދަމްމަނިކު ހުރީ ޔަޝްފާން ދެކެ ރުޅި އައިސްފައެވެ.                  ޔުމާނާ ޔަޝްފާންއާއި ވާހަކަދެއްކުން ހުއްޓައެއްނުލިއެވެ. އަދިވެސް ހަމަ ކުރިއެކޭ އެއްފަދައެވެ. ހަމައެކަނި އާދަމްމަނިކަށް އެނގޭކަމެވެ. އެއްޗެކޭ ނުބުންޏަސް އާދަމްމަނިކު ހުންނަނީ ރުޅިންނެވެ.  އެއްރޭ ދަންވަރު ޔަޝްފާން ޔުމާނާއަށް ލޯބިހުށަހެޅިއެވެ.  ޔުމާނާ އަނގަ ހުޅުވިގޮތަށް ލައްޕަން ނޭނގިފައި އިނެވެ.

ޔަޝްފާން ޔަޝްފާންގެ އާއިލާޔާއި ޔުމާނާއަށް ބައްދަލުކޮށްދިނެވެ. އެމީހުން ވަރަށް އުފާވިއެވެ. އަދި ކައިވެންޏަށް  ރަނގަޅު ދުވަހެއް ކަނޑައެޅިއެވެ.   އިބްރާހިމް ނަސޭހަތްދީގެން އާދަމްމަނިކު ޔުމާނާގެ އުފަލަށްޓަކައި ޔަޝްފާންއާއި ޤަބޫލުވިއެވެ. ޔަޝްފާން އާދަމްމަނިކު ކުރިން އުޅުނު އޮފީހުގެ ބޮޑުމީހާޔާއި ވާހަކަދައްކައި  އާދަމްމަނިކުއަށް އޭނަގެ ވަޒީފާ އަނބުރައި ހޯދައިދިނެވެ. އާދަމްމަނިކު ވަރަށް އުފާވިއެވެ.

ދެން ފެށުނީ ލޯބީގެ ބައްދަލުވުންތަކާއި ހިނގައިލުންތަކާއި ސައިކަލު ބުރުތަކެވެ. ރެސްޓޯރެންޓުތަކަށް ކާން ދާން ފެށުނެވެ.  އެއްދުވަހަކު ޔުމާނާއާއި ޔަޝްފާން ފިހާރައަކަށް ގޮސް އުޅެނިކޮށް ވަރަށް ރީތި ރަތް ކުލައިގެ ހެދުމެއް ޔުމާނާގެ ލޮލުގައި އަޅައިގަތެވެ. އެއީ ވަރަށް އަގުބޮޑު ހެދުމެކެވެ. އެހެންނަމަވެސް ޔަޝްފާންއަށް އެގަނެވޭވަރުވިއެވެ.  ޔަޝްފާން ޔުމާނާއަށް އެ ހެދުން ގަނެދިނެވެ.

ފާތުން މިހާރު އަބަދު އޮންނަނީ ކޮޓަރިތެރޭގައެވެ. ބޭރަކަށް ނުނިކުމެއެވެ.އަބަދު ކުރެވެނީ ޔަޝްފާންގެ ޙިޔާލެވެ. އޭނަގެ ޙިޔާލުކުރަން ނުވާނެކަންވެސް އެނގެއެވެ. އެއީ އޭނަގެ އެކުވެރިއެއްގެ ޙައްގެކޭ ބުނެ ހިތަށް އަބަދު ވިސްނައިދެއެވެ. އެކަމަކު ހިތެއް ބަހެއް ނާހައެވެ.

ފާތުން ނުފެންނާތީވެ ޔުމާނާ އޭނަ ދެކިލަން ހިނގައްޖެއެވެ. ޔުމާނާ ފާތުންގެ ގެޔަށް ވަދެ ފާތުންގެ ކޮޓަރި ދޮރުގައި ޓަކިޖަހައިލިއެވެ. ފާތުން ދޮރުހުޅުވައިލައި ޔުމާނާ ގާތު ވަނުމަށް އެދުނެވެ. ޔުމާނާ ފާތުން ނުފެންނާތީ އެކަމާއި ޝަކުވާ ކުރިއެވެ. ފާތުން ބުނީ އޭނަ އުޅެނީ ބޮލުގައި ރިއްސައިތީ ކަމަށެވެ. ޔުމާނާ ފާތުން ގާތު ބޭސް ކެއުމަށް ނަސޭހަތްދިނެވެ. ދެން ދައްކަން ފެށީ ޔަޝްފާންއާއި އެކު އެވެނި ދުވަހަކު އެވެނި މިވެނި ތާކަށް ދިޔަ ވާހަކައެވެ.  ފާތުންގެ ހިތް ދިޔައީ ކުދި ކުދިވަމުނެވެ. ޔަޝްފާންއާއި ޔުމާނާގެ ކައިވެނި ކަނޑައެޅި ހިސާބުން ފެށިގެން އޭނަ އެ އޮންނަނީ ރޯލަރޯލައިއެވެ. ފާތުން ކަރުނަ އަޅައިތަން ފެނުމުން ޔުމާނާ އޭނަގެ ކަރުނަތައް ފުހެދީ  ކިހިނެތްވީހޭ އެހިއެވެ.

”ކަމެއްނުވޭ އަހަރެންގެ އެކުވެރިޔާ ތިހައި އުފަލުގައި އުޅޭކަން އެނގުމުން އުފަލުން ރޮވުނީ”ފާތުން ދޮގުހެދިއެވެ.

ދެތިން ހަފުތާއެއް ފަހެވެ.

ކަތީބުއާއި ކަތީބުގެ އާއިލާ އަދި ޔުމާނާ އާއި ފާތުން އެދަނީ ކަތީބުގެ ކާރުގައި ރެސްޓޯރެންޓަކަށް ކެއުމަކަށެވެ.ކާރު ދުއްވަން އިނީ ކަތީބެވެ. ކައިރީގައި އަންހެނުން އިނެވެ. ޔަޝްފާން އިނީ ޔުމާނާ ކައިރީގައެވެ. ޔުމާނާ ކައިރީގައި ފާތުންނެވެ. ފާތުން ކައިރީގައި ޝިފާއެވެ.   ރެސްޓޯރެންޓަށް އާދެވިއްޖެއެވެ. އެއީ ބޮޑު ރީތި ރެސްޓޯރެންޓެކެވެ.   އެ އެންމެން އިނީ އެއް މޭޒެއްގެ ދޮށުގައެވެ. އެންމެން އެއްޗިއްސަށް އޯޑަރުދިނެވެ. އެއްބަޔަކު ފުރައިޑް ރައިސްއެވެ. އަނެއްބަޔަކު ފުރައިޑް  ނޫޑޫލިސްއެވެ. ޔަޝްފާން ޔުމާނާއަށް ޔަޝްފާންގެ ތަށިން ނޫޑޫލިސް ލެވިއެވެ. ޔުމާނާ ލަދުގަތެވެ. އެންމެން ތިބީ ހެވިފައެވެ. ފާތުން ފިޔަވައެވެ. ފާތުން އެ ތަނަށް އައީ އަންނަ ހިތަކުން ނޫނެވެ. ޔުމާނާ އާދޭސްކުރައިވަރުންނެވެ. ފާތުންނަށް އެ މަންޒަރު ފެނުމުން ދެރަވިވަރު ކަތީބުއަށް ފާހަގަކުރެވުނެވެ. ކަތީބުއަށް ވީ ގޮތް އެނގިއްޖެއެވެ.    ކައިނިމިގެން ނުކުތް ތަނާއި ޔަޝްއޭ ގޮވަމުން ތިން ފިރިހެނަކު ފަހަތުން އައެވެ.

”ޔަޝް ކޮންތާކު ތި އުޅެނީ.  ހާދަ ހޯދައިފީމޭ. އެކަކު ވާހަކަދެއްކިއެވެ.

”ކީއްވެ އަނގައިން ނުބުނަނީ އަހަރެމެން ހަނދާން ނެތީތަ”މެދަށް ހުރި ކުއްޖާ ވާހަކަދެއްކިއެވެ.

”އަހަރެންނަކަށް ނޭނގެ ތީ ކޮންބައެއްކަމެއް”  ޔަޝްފާން އެހެން ބުނުމުން އެ ކުދިން ހުރީ ހައިރާންވެފައެވެ.

”ކައިރީގައި އަންހެންކުއްޖަކު ހުރީމަތަ ނުދަންނަކަމަށް ތި ހަދަނީ” ދެން ހުރި ކުއްޖާ ގާތަށް ރުޅިއައެވެ.

”މިބުނީނު ނޭނގެޔޭ ތި މީހުންނެއް” ޔަޝްފާން ގާތަށްވެސް ރުޅިއައެވެ.  ޔުމާނާ ޔަޝްފާންގެ ކޮނޑުގައި އަތްލައި ރުޅި މަޑުކުރުމަށް އެދުނެވެ.

”އަޅުގަނޑަށް ހީވަނީ ތި އުޅެނީ އޮޅިގެންހެން. އެހެން މީހެއްކަމަށް ހީކޮށްހެން ހީވަނީ ތި ވާހަކަދައްކަނީ. މީ ޔަޝްއެއްނޫން ޔަޝްފާން” ޔުމާނަ ބުނެދިނެވެ. ޔުމާނާ މި ވާހަކަ ގެޔަށް ގޮސް އާދަމްމަނިކު ކައިރީގައި ކިޔެވެ. އާދަމްމަނިކުވެސް ބުނީ އެ ވާނީ އެ މީހުންނަށް ޔަޝްފާން އެހެން މީހަކާއި ވައްތަރުވިކަމަށެވެ. އެކަމު ޔުމާނާ ހައިރާންވީ ޔަޝްފާން އެހައި ރުޅި އައީމައެވެ.

”އައްސަލާމް އަލައިކުމް”  ޓީވީ ދޮށުގައި އިން ފާތުންގެ ބައްޕަ މީހަކު ސަލާން ގޮވައިލިއަޑަށް އެނބުރިލިއެވެ. އަދި ސަލާމްގެ ޖަވާބުދިނެވެ. ދޮރުމަތީގައި ހުރީ ކަތީބެވެ. ކަތީބު އެ އައީ ފާތުންނާއި ބައްދަލު ކުރާށޭ ބުނުމުން ފާތުންގެ ބައްޕަ ވަރަށް ހައިރާންވިއެވެ. ކުއްލިއަކަށް ފާތުންނާއި ބައްދަލު ކުރަންވީ ކޮން ބޭނުމެއްގައިހެއްޔެވެ.

ފާތުންވެސް  ކަތީބު އައުމުން ވަރަށް ހައިރާންވިއެވެ.’

”ރޭގައި މަށަށް ފާހަގަ ކުރެވުނު އަހަރެންގެ ދަރިފުޅު ޔުމާނާއަށް ނޫޑުލިސްލެވުމުން ފާތުންގެ މޫނަށް ވިގޮތް” ކަތީބު ބުނުއްވިއެވެ.

”އަހަންނަކަށް ކަމެއް ނުވޭ” ފާތުން އުޅުނީ ފޮރުވާށެވެ.

”އަހަރެން އުޅުނީ ޔަޝްފާން ކާސިމްގެ ދަރިޔާއި ދެވަން. އެކަމަކު ކާސިމަށްވުރެން ފާތުންގެ ބައްޕައަކީ މާ ގާތް މީހަކަށް ވެފައި ފާތުން ޔަޝްފާންއަށް ހިތްކިޔައިކަން އެނގުމުން މިހާރު ގަސްތުކުރަނީ ފާތުންނާއި ދެވަން” ކަތީބު މިހެން ބުނުމުން ފާތުންގެ ހިތް އުފަލުން ފުރުނެވެ.

”އެކަމު ޔުމާނާއޯ” ފާތުން ޔުމާނާ މަތިން ހިތަށް އަރައި ދެރަވިއެވެ.

”ޔުމާނާ އަކީ ރީތި އަންހެންކުއްޖެއް. އޭނަޔަށް ކޮންމެމީހަކުވެސް ލިބިދާނެ” ކަތީބު މިހެން ބުނުމުން ފާތުންނަށް އެއީ ތެދެއްކަން ޤަބޫލުކުރެވުނެވެ.

”ޔަޝްފާން ޤަބޫލުވާނެ” ފާތުން ބިރުން އަހައިލިއެވެ. ކަތީބު ފާތުންނަށް އޭނަގެ ކައިވެނިވާނީ ޔަޝްފާންއާއި ކަން ޔަގީން ކޮށްދިނެވެ.   އޭގެ ފަހުން ފާތުން ވަރަށް ގިނައިން ބޭރަށް ދެޔެވެ. އަބަދުވެސް ހުންނަނީ އުފާވެފައެވެ. ހެވިފައެވެ.  ފާތުންގެ ބައްޕަ ހުންނަނީ ހައިރާންވެފައެވެ.    ފާތުން ބައްޕަޔަށް ވީގޮތް ކިޔަ އިދިނެވެ.

”ކީކޭ  ކަތީބު ތިހެންބުނުއްވީ” ފާތުންގެ ބައްޕަޔަށް ޤަބޫލުކުރަން ދަތިވިއެވެ.   ފާތުން ހެވިފައި ބޯޖަހައިލިއެވެ.

”އެކަމަކު ތީ ރަނގަޅު ގޮތެއް ނޫނެއްނު.  ދަރިފުޅުގެ އެކުވެރި ޔުމާނާ ލޯބި ވެއެއްނު ޔަޝްފާންދެކެ” ފާތުންގެ ބައްޕަ ފާތުންނަށް ވިސްނައި ދެވޭތޯ ބެލިއެވެ.

”ބައްޕާ  ޔުމާނާއަކީ ރީތި އަންހެންކުއްޖެއް އޭނަޔަށް ކޮންމެމީހަކުވެސް ލިބިދާނެ” ފާތުންގެ ގާތަށް ރުޅިއައެވެ. ފާތުންގެ ބައްޕަ ވަރަށް ހައިރާންވިއެވެ.

އެހެން ދުވަހެކެވެ.   ޔުމާނާއާއި ފާތުން އެ ދަނީ ފިހާރައަކަށެވެ. ވަކި ހިސާބަކަށް ދެވުނުތަނާއި ފިހާރައެއް ދޮށުގައި ޔަޝްފާން ސަކީނާގެ ތިން ކުދިންނާއި އެކުގައި ހުރި ތަން ފެނިއްޖެއެވެ. ޔަޝްފާންއަށް ޔުމާނާއާއި ފާތުން ކައިރިއަށް އާދެވިއްޖެއެވެ.

”އެ މީހުންނާއި ދެއްކީ ކޮން ވާހަކައެއް” ޔުމާނާ ހުރީ ރުޅިއައިސްފައެވެ.

”އެ މީހުން އަހަރެން ހުއްޓުވައި އަހަރެންނަށް އިންޒާރު ދިނީ. ބުނީ ޔުމާނާއާއި ދުރުވާށޯ އެހެންނޫނީ ކުޅި ދައްކައިލާނަމޯ” ޔަޝްފާން ކިޔައިދިނެވެ.  ޔުމާނާ ގާތަށް ވަރަށް ރުޅިއައެވެ. އެ މީހުން ހުރީ ބަލަހައްޓައިގެންނެވެ.

”އެތް މަޑުކޮށްބަލަ” އެމީހުން ދާން އުޅުމުން ޔުމާނާ އެ މީހުން ހުއްޓުވިއެވެ.

”ޔަޝްފާން ކަލޭމެންނަށް އެ ވަރު ކުރީމައިވެސް ކަލޭމެންނަކަށް ނޭނގުނު ދޯ ހަމަކަށް އެޅޭކަށް. ކަލޭމެންނަށް ތިހާ ހިތްވަރެއް އައީ ކިހިނެތް ޔަޝްފާންއަށް އިންޒާރު ދޭން”ޔުމާނާ ހުރީ ވަރަށް ރުޅިއައިސްފައެވެ. އެހައި ރުޅިއައިސްފައި ހުއްޓައި ޔުމާނާ ފެނުމުން އެ މީހުންވެސް ބިރުގަތެވެ.”

 

”ޔުމާނާ ޔަޝްފާންއަކީ ރަނގަޅު މީހެއް ނޫން. އޭނަޔާއި ދުރުވޭ”  އައްމަޑޭ އެހެން ބުނުމުން ޔުމާނާ އޭނަގެ ކަންކަށިމަތީގައި އެތިފަހަރެއް އަޅައިލިއެވެ.

ރޭގަނޑުގެ ވަގުތެވެ. އާދަމްމަނިކުއާއި ޔުމާނާ އިނީ ޓީވީ ދޮށުގައެވެ.  ސަކީނާ ގޭ ދޮރުމަތީ ދެކޮޅަށް ހިނގައިލައި ހިނގައިލައި އެބަހުއްޓެވެ.’

”ސަކީނާ ކިހިނެތްވީ ” އެ މަންޒަރު އާދަމްމަނިކުއަށް ފެނުމުން އާދަމްމަނިކު ގޮވައިލިއެވެ.

”މި އުޅެނީ ކުދިންކޮޅު މަހަށް ދިޔަ ގޮތަށް އަދިވެސް ނުއައިސްގެން. މިހާރު އެއޮތް ދިހައެއް ޖެހީ” ސަކީނާ ހުރީ ކަންބޮޑުވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Shimhaz

Level 110 Stories

Other Articles

Previous

ފަތްގަނޑު ފުރޭތަ 11

Next

ބަދު ނަސީބުުގެ ހިޔަނި އެޅުމުން (1)

Next
January 8, 2021

ބަދު ނަސީބުުގެ ހިޔަނި އެޅުމުން (1)

Previews
January 8, 2021

ފަތްގަނޑު ފުރޭތަ 11



All Right Reserved!