
ތީއޭ އުފަލަކީ… 6
ކޮޓަރިތެރެ ސާފުކުރަމުން ދިޔަ ވަރަކަށް މަޖާ ކަންތައްތައްވެސް ވަމުން ދިޔައެވެ. އެންމެން ތަޢާރަފްވުމަށް ފެށިއެވެ. ފިރިހެން ކުދިންގެ ރޫމުން ފުރަތަމަ ފެށީ ޒައިނީއެވެ. ” މިކުދިންގެ ނަންތައް ކިޔާބަލަ.. ނަމެއް ނެތީމަ ހާދަ އުނދަގޫވޭ.” ޒައިނީ ލަދުގަތް ނަމަވެސް އެމީހުންނާއި އަނގަތަޅާލެވެން ފެށުމުން ކޮންމެވެސް ވަރަކަށް ލަދުރަކިކަން ފިލަން ފެށިއެވެ. ” މިހިރީއެއްނު ދޯ މާ އަނގަގަދަ ސޮރެއް. އެއީ އީތަން. ” ހިނިގަނޑެއް ޖަހާލަމުން ކުޑަދޮރުތަކަށް ސްޕްރޭކުރަން ހުރި ކުއްޖަކު ބުނެލިއެވެ. މާ ވާހުގައިހުރި މާތައް ފޮޅަމުން ޒައިނީ އީތަންއަށް ބަލާލިއެވެ. އީތަން ހުރީ ލޯގަނޑަށް ސްޕްރޭ ކުރާށެވެ. ލިބިފައިވާ ފުރިހަމަ ސިފަތަކާއި އެއްވަރަށް ނަންވެސް ހަމަ އެހާ ރީއްޗެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑު ކަންހުޅިއާއެކު ކަންފަތުން ތިރިއަށް ފައިބާފައިވާއިރު އެހާމެ ހިތްގައިމެވެ. ” ދެން އެއީ އަލަސް. މިހާރުވެސް އެހެރީނު. ހިކިފައި ހުރި ދަނޑިކޮޅަކަށްވުރެ ނާޒުކުވާނެ. އަދި މަ އަނގަގަދަ ވާހަކަ އެބަދައްކައެއްނު. ” އީތަން އެހެން ބުނުމުން ސްޕްރޭކުރަން ހުރި އަލަސް ސްޕްރޭފުޅި އަތަށް ނަގާ ހެޔޮވަރުކޮށްލިއެވެ. އެވަގުތު އެހެން ކުއްޖަކު ހެމުންގޮސް ސްޕްރޭފުޅި ދިނުމަށް އެދުނެވެ. އެއީ ލިއަމް އެވެ. އެގެއަށް ފުރަތަމަ ވަދެގެން އައިސް ވާހަކަ ދެއްކި ޒުވާނާއެވެ. އޭނާ އަށް ލިބިފައިވަނީ ދިގު ބޮޑު ހަށިގަނޑެކެވެ. އެތަނުގައި ބޯ ބުޅިކޮށް ތަންކޮޅެއް ކުރުކޮށްވެސް ކުއްޖަކު ހުއްޓެވެ. އެއީ އަޒާން އެވެ. ދެން ހުރީ ކުޑަ ތުނބުޅިއެއް ލާފައި ހުރި ޒުވާނެކެވެ. ނަމަކީ ރިހާންއެވެ. އެއީ އެ ގްރޫޕްގައި ހުރި އެންމެ މަޑުމައިތިރި ޒުވާނާއެވެ. މަޔަންކްއަކީވެސް އީތަން ފަދައިން ފިރިހެންވަންތަ ހަށިގަނޑެއް ލިބިފައިވާ މީހެކެވެ. ފެންނަފެނުމަށް އޭނާއަކީ ބަރާބަރަށް ޖިމަށް ގޮސް ހަދާ މީހެކެވެ. ރީހާންއެކޭ އެއްފަދައިން މަޔަންކްއަކީވެސް ނިކަން މަޑުމައިތިރި ޒުވާނެކެވެ. މޫނުމަތި ވަށްކޮށް ދިގުކޮށް ހުރުމުންނާއި ބޮލުގެ އިސްތަށިގަނޑުގައި ކަނޑު ނޫކުލަ ޖައްސާފައިވުމުން ދިވެހި ކުއްޖެއްހެންވެސް ހީނުވެއެވެ.
ކޮޓަރިތެރެ ސާފުކުރުމުގައި އަންހެން ކުދިންގަނޑުވެސް މަޖާ ނެގިއެވެ. އެކުދިންނާއިއެކު އަނގަ ތަޅާލެވުމުން ޒީނާވެސް ހުރީ އުފަލުންނެވެ. އެކުދިންވެސް ޒައިނީމެންނަށް ތައާރަފްވުމުގައި ހީ މަޖާ ކުރިއެވެ. ” މަ ކިޔާދެންތަ ވަރަށް ތަފްސިލްކޮށް މިއީ ކޮންކުދިންނެއްކަން. ” ކައިރާ ފާހާނަތެރެ ސާފުކޮށް ނިމިގެން ނުކުންނަމުން ބުނެލިއެވެ. އޭރު ލީއާ ހުރީ ކޮޓަރީގައި މޮޕްލާށެވެ. ” މިހިރީނު ދޯ ކުޑަކުޑަކޮށް ކުއްޖެއް. އެއީ ޔޫނާ. ލިއަމްގެ ގާލްފްރެންޑް ” ކުޑަދޮރުތައް ކައިރީ ފިހިގަނޑު ހިފައިގެން ހުރި ޔޫނާ ކައިރިއަށް ކައިރާ ޖެހިލިއެވެ. އެއަށްފަހު ދައްކާލީ ރީތިގޮތަކަށް އެނދުމަތީ އިށީނދެގެން އިން ނިޝްމީއެވެ. ” ނިޝްމީ ނިކަން ޗަބީ ވާނެ. އެކަމް އޭނަގެ ބޯއިފްރެންޑް ހީވާނީ ހިކިކަމުން ދަނޑިކޮޅެއްހެން. ” ކައިރާ ބުނެލީ އަލަސް ގެ ވާހަކައެވެ. ” ދެން މީ މައި.. މީނަގެ ބޯއިފްރެންޑް ދެކެ ވަރަށް ލޯބިވާނެ. އެތާ ހުއްޓެއްނު ބޯ ބުޅިކޮށް ތަންކޮޅެއް ކުރުކޮށް ސޮރެއް. އަޒާން…” ކައިރާ މައިރާއަށް ބުނެލިއެވެ. ނަން ވައްތަރުކަމުން އެ ދެމީހުން ހީވަނީ އެއްބަނޑު އެއްބަފާ ކުދިންކޮޅެއް ހެނެވެ. އެހެންނަމަވެސް އެއީ ހަމަ ދެއާއިލާއެއްގެ ދެކުދިންނެވެ. ” މިދެން ރިޔާނާ. ރީހާންގެ ގާލްފްރެންޑް. ” ކައިރާ ކިޔާލިއެވެ.
ކައިރާގެ ވަރުގަދަ ހިނިގަނޑެއް މުޅި ކޮޓަރިތެރޭގައި ގުގުމާލިއެވެ. ” އިނގޭތަ ދެން މީ ކާކުކަން.. އެއީ ޒީޝާންގެ ވަތުކިބަ…” ނިޝްމީ އެހެން ބުނުމާއެކު އެންމެން ހީގަތެވެ. އެހެން ބުނުމާއެކު ލީއާ ސިހުނެވެ. އެބުނިގޮތުން ޒީޝާންގެ މިހާރުގެ ގާލްފްރެންޑަކީ ކައިރާއެވެ. ގަދަކަމުން ހީލުމަށްފަހު ކޮޓަރިން ނުކުތް އިރު ޒައިނީއާއެކު ފިރިހެން ކުދިންތައް އައިސް އެ ކޮޓަރިއާއި އަރާ ހަމަކޮށްލިއެވެ. އެވަގުތު ލީއާގެ ލޮލުން ފާއްދާލި ކަރުނަތައް ހަމަ އެ ސިކުންތުކޮޅުތެރޭ ހިންދާލިއެވެ. ” ހާދަ އަޑުގަދައޭ ދޯ. ނުނިމޭތަ އަދިވެސް. ” ކޮޓަރިތެރެއަށް ބަލާލަމުން އީތަން އަހާލިއެވެ. “ނޫނޭ ހަމަ މި ނިމުނީ.” ކައިރާއާއި އެހެންވެސް ކުދިން ދޮރުކުރިމައްޗަށް ނުކުމެލިއެވެ. ” އެހެންމަ އަހަރެމެންނަށް މިރޭ ޓްރީޓް އޮންނާނެ. ގެޓް ރެޑީ.” އީތަން އެހެންބުނެފައި ބާކީ ތިބި ފިރިހެންކުދިންނާއެކު އެމީހުންގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ” އޭތް. ދެން މަ މީ ކީއްކުރާ މީހެއްތަ؟ “. އެމީހުންގެ ފަހަތުން ޒައިނީވެސް ހިނގައިގަތެވެ. ” ހެހެހެ. އަހަރެމެންނާއެކުތަ ތި އަންނަނީ. އާދޭ އާދޭ.. ކެރޭނެތަ މިހުރިހާ ބޯއީސްއާއެކު އެއް ކޮޓަރީގައި އުޅެން..” އީތަން ޒައިނީއާ ގާތްވެލަމުން އެއްލޯމަރާލިއެވެ. އެހެން ބުނެލުމުން އޭނާ އިސްދަށަށް ޖަހާލިއެވެ. މަންޒަރު ބަލަން ތިބި އެންމެން ހީގަތެވެ. “އޯނނނވްވް.. ” އަންހެން ކުދިންތައް އެއްފަހަރާ ކަހަލަ ގޮތަކަށް އެހެން ކިޔާލުމުން ޒައިނީ ގަތީ އަމަށަކު ލަދެއް ނޫނެވެ. ފިރިހެން ކުދިންތައްވެސް ހެމުން ގޮސް އެމީހުންގެ ކޮޓަރިއަށް ވަނެވެ.
ރޭގަނޑުގެ ނުވައެއް ޖަހައިފިއެވެ. ލީއާއާއި ޒައިނީ އަދި ޒީނާ ތިބީ ކޮޓަރި ތެރޭގައެވެ. ތިންމީހުންވެސް ފެންވަރާ ތާޒާވެލައިގެން އެނދުގައި ތިބީ ވާހަކަ ދައްކާލާށެވެ. ” ވަރަށް މަޖާ ދޯ އެމީހުން. ” ޒީނާ އެހެން ބުނެލީ ސީދާ ޒައިނީއަށް ސުވާލު އަމާޒުކޮށްފައެވެ. ޒައިނީ ތުންފަތަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. ” ހްމްމްމް ކިހާ މަޖާ. މަ އެވަރަށް ހެލްޕްވީމަ މަށަކަށްނު މިޖެހުނީ އެމީހުންނަށް ޓްރީޓް ދޭންވެސް. ” ޒައިނީ އިނީ ރުޅިގަދަވެފައެވެ. ” ދެން އެއީ އެވަރު ކަމެއް ނޫނެއްނު. ޖަސްޓް ޗިލް. ” ލީއާ އޯގާތެރިކަމާއެކު ބުނެލިއެވެ. އަދި ކުޑަކޮށް ހެވުނެވެ. ޒީނާވެސް އިނީ ހެވިފައެވެ. ކުއްލިއަކަށް ލީއާގެ ފޯނު ރިންގް ވާން ފެށިއެވެ. ” ހެލޯ..” ލީއާ ކަންފަތުގައި ފޯން ޖައްސާލަމުން ކުޑަދޮރުތަކާއި ދިމާލަށް ދިޔައެވެ. ” ހެލޯ… ކާކު؟” އެކޮޅުން ރިޕްލައި އެއް ނައުމުން ލީއާ ދެވަނަ ފަހަރަށް ވާހަކަ ދެއްކިއެވެ. ލީއާ ފޯންގެ ސްކްރީނަށް ބަލާލިއެވެ. ” ކާކުތަ؟.. ” ޒީނާ ލީއާއަށް ބުނެލިއެވެ. ” ނޭނގެ. މަ ނުދަންނަ ނަމްބަރެއް.” ޑްރެސިންގް ޓޭބަލް މަތީ ފޯން ބާއްވަމުން ލީއާ އެރީ ލޯގަނޑު ކުރިމައްޗަށެވެ. ” ވެދާނެ އެ ގްރޫޕުން ކުއްޖެއް ކަމަށް. ” ޒައިނީ ވިސްނާލަމުން ބުނެލިއެވެ. ” ނޫން. އެއިން ކުއްޖެއް ހެނެއް ހިއެއް ނުވޭ. އެ މީހުންގެ ނަމްބަރެއް ވިއްޔާ ހުންނާނީ ސޭވް ކޮށްފަ ނަންވެސް ޖަހާފަ.” ބޯ އައްސާލަމުން ލީއާ ބުނެލިއެވެ. އެއަށްފަހު ގޮސް އިށީނީ އެނދުމަތީ އެދެކުދިން ކައިރީއެވެ. ” ރޭގަ މިގޭ ދޮށުން މަ ދެކުނިން އެއްޗެއް. މި ބުނީ އިނގޭ ދޯ ކޯއްޗެއްގެ ވާހަކަކަން. ” ލީއާ ރޭގެ ވާހަކަ ބިރުން އިނދެ ދެއްކުމުން ޒައިނީ މަޑުމަޑުން އިނދެގެން ޒީނާއާ ކައިރި ވެލާ އަތުގައި އޮޅުލައިގަތެވެ. ” ޕިސް ޕިސް. ނާދޭ އެއްޗެއް. ތިވާނީ ދޮންތިއަށް ހީވި ގޮތެއް ކަމަށް.” ޒައިނީ ބިރުން އިންނަން ފެށުމުން ޒީނާ ބުނެލިއެވެ. ޒައިނީއަކީ ކުޑަކުޑަ ކަމެއްވިޔަސް ބިރުން ރޯމަހެއްހެން ތެޅޭ ކުއްޖެކެވެ. އެވަގުތު ބޭރުން މީހަކު އައިސް އެ ކޮޓަރި ދޮރުގައި މަޑުމަޑުން ޓަކި ޖަހާލިއެވެ. ބިރުން އިން ޒައިނީ ދެލޯބޮޑުކޮށްލުމަށްފަހު ފުންމައިގެން ތެދުވެ ބާލީހެއްގައި އޮޅުލައިގަތެވެ. “އެ އައީ އެ އައީ… ދޮންތީ ދޮރު ނުހުޅުވާތި. މިފަހަރު ކާލާނެ މިފަހަރު ކާލާނެ ނޫންންން ނޫންން ހުރިގޮތަށް ދިރުވާލާނީ ކަންނޭނގެ. އަވަހަށް ފިލަން ހިނގާ.” އެއް ނޭވާ މަތިން ހުރިހާ އެއްޗެއް ކިޔާލިއިރު ޒައިނީއަށް ކިޔޭ ނުކިޔޭއެއް ނޭނގެއެވެ. ޒީނާ ޒައިނީ ހަމަޔަކަށް އަޅުވަން އުޅުނު ވަގުތު ލީއާ ގޮސް މަޑުމަޑުން ދޮރުހުޅުވާލިއެވެ. ” އީތަން.! ” ދެލޯބޮޑު ކޮށްލަމުން ދޮރުކުރިމަތީ ހުރި އީތަން ފެނުމުން ޒައިނީގެ އަތުގައި އޮތް ބާލީސްގަނޑު މޫނުމަތީ އަޅާ ފޮރުވާލިއެވެ. އަނެއްކާވެސް އީތަންގެ ކުރިމަތީ އޭނާ ގަންނަން ޖެހުނީ ކިހާ ބޮޑު ލަދެއްހެއްޔެވެ؟ ” ކޯއްޗެއް ކާން އަންނަނީތަ. އަހަރެން މިއައީ ޒައިނީ ކާލާކަށް ނޫނޭ. އޭ އާދެބަލަ މިތާ ސިޓިންގ ރޫމަށް. ވަރަށް ފޫހި ދެން ތިމީހުން ތިތާ ތެރޭ ތިބީމަ. އަހަރެމެންނާއެއްކޮށް މަޖާވެސް ކޮށްލަން ޖެހޭނެއެއްނު. އާދޭ” އީތަން އެތިން ކުދިންނަށް އެހެން ބުނެލަމުން ހިނގައިގަތެވެ.
ތިންކުދިންވެސް ކުޑަކޮށް ރެޑީ ވެލިއެވެ. ލީއާ ލައިގެން ހުރީ އައިސް ބްލޫ ކުލައިގެ ސްކިނީ ޖިންސަކާއި މެރޫން ކުލައިގެ ކަކުލުން މައްޗަށް އަރާވަރުގެ ލޭސްފޮތީގެ ކޮކާ ހެދުމެއްގައެވެ. ފަންކޮށް ހެދިފައިވާ ލޭޔާޑް އިސްތަށިގަނޑުވަނީ އެއްކޮށް އައްސާލާފައެވެ. އެ އިސްތަށިގަނޑުގެ ދެން އޮތްބައި އުނަގަނޑުން ތިރިއަށް ފައިބާފައިވެއެވެ. ޒީނާ ހުރީ ރޯޔަލް ބްލޫ ކުލައިގެ ހެދުމެއްގައެވެ. ރާޅެއްހެން އޮތް އެ އިސްތަށިގަނޑު ބޮލުގެ މެދުން މަގެއް ހަދާލާފައި ދެކޮނޑުމައްޗަށް އިސްތަށިތައް ފައިބާގޮތަށް ހާވާލާފައިވުމުން ވަރަށް ގުޅެއެވެ. މިއަދަކީ ޒައިނީގެ އުފަންދުވަސް ކަމަށް ވުމާއެކު އޭނާ ލާފައި ހުރީ ލީއާ ހަދިޔާކޮށްދިން ހެދުމެކެވެ. ނިތްކުރިމައްޗަށް އިސްތަށިކޮޅެއް ވައްޓާލާފައި އިސްތަށިގަނޑު ބޮޑު ހުޅިއަކަށް ހަދާލާފައިވުމުން ލޯބި ބާބީ ޑޯލްއެއް ވައްތަރު ޖަހައެވެ. ކަޅުކުލައިގެ ލޭސްފޮތިން އެހެދުން ހަދާލާފައިވާއިރު ފައިތިލައާ ހަމައަށް އަރައެވެ. ހެދުމުގެ ބާމަތިން އުނަގަނޑާ ހަމައަށް ގޮށްތަށް އަޅުވާފައި ފިޓްވެފައި ހުރުމުން އުނަގަނޑުގެ ހިމަކަން ނިކަން ރީތިކޮށް ދައްކުވައިދެއެވެ.
One Comment
Comments are closed.
maashaa allah! mibaives varah reethi ingeii, kureege baithakuga coment nukurevunyma sorry ingeii! ?✌❤