
ތީއޭ އުފަލަކީ…5
ހެނދުނުގެ ވަގުތެވެ. ފަތިހު ތެދުވިގޮތަށް ޒީޝާން އުޅެނީ ރައްޓެހިންގެ ކަންކަމާ ހަވާލުވެގެންނެވެ. އެމީހުން ލަފާނެ ގަޑިއަށް އިންތިޒާރުކޮށްގެން އިރުވެސް ނާރަނީސް ދެ ތިން ފަހަރަކު ބަނދަރުމައްޗަށްވެސް ނުކުތެވެ. ލަސްވެގެން ކޮޅުކޮޅަށް ހިނގަހިނގާފައި ރައްޓެހިންނަށް ގުޅަންވެސް ގުޅިއެވެ. އެންމެ ފަހުން މާ ގިނައިރުވާތީ ގަހުގައި އެލުވާފައި ހުރި ޖޯއްޔެއްގައި އިށީނދެ އެ ރީތި ހަށިގަނޑު ދަމާލިއެވެ. ދުރުދުރުން ކޮޅުކޮޅަށް ހިނގަމުންދިޔަ އަންހެން ކުދިންގެ ލޯތައް އެދިމާލަށް ހުއްޓައެވެ. މާގިނައިރުތަކެއް ނުވެ ޒަމާނީ ގޮތަކަށް ހަދާލާފައިވާ ދޯންޏެއް ފަޅުތެރެއިން ލާފައި އައިސް ވާޓަރުމައްޗަށް ގާތް ކޮށްލިއެވެ. އޭގެން ފޭބީ ބުނާކަށް ކުޑަ ގްރޫޕެއް ނޫނެވެ. އަންހެން ކުދިންތަކާއި ފިރިހެން ކުދިންތައް ހެމުން ސަކަރާތް ޖަހަމުން އެ ރަށުގެ ވެލިގަނޑުގައި ފައިތައް ޖައްސާލިއެވެ. ޒީޝާން ފޯނެއްގައި ހުރެ އައިސް އެމީހުންނާ އަރާ ހަމަކޮށްލިއެވެ. ” ތި މީހުން ރެޑީގަ ތިބޭތި. ހެހެ.. އާނ އޯކޭ ކައެއަށްވެސް ހުންނާނޭ. ދަންދެން މަޑުކޮށްބަލަ…” ޒީޝާން ހެމުން ފޯނު ބާއްވާފައި އެކުދިންނަށް ސަމާލުކަން ދިނެވެ. ” ހިނގާ. އެއްޗެއް ބޯލަން ދާންވީނު.” ޒީޝާން އެހެން ބުނުމުން ދެތިން އަންހެން ކުދިން ލަދުރަކި ގޮތަކަށް ހީގަތެވެ. ” ހަހަހަ. ތި އެއްޗެއް ބޯނީ ފަހުންނޭ. ލަގެޖްތައް ބަހައްޓާނެ ތަނެއް ދައްކަބަލަ އެހަށް.” އެ ގްރޫޕްގައި ހުރި އެންމެ ލާނެތް ފިރިހެންކުއްޖާ ބުނެލިއެވެ. އެއީ ނިކަން ސްމާޓް ކުއްޖެކެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ހީގަތެވެ. އޭރު ބަނދަރުމަތީ ތިބި ޒުވާނުންގެ ސަމާލުކަން އެމީހުނަށް ލިބުނެވެ. “މައެ ގެއަށް ހިނގާ އެހަށް”، ޒީޝާން އެހެން ބުނެލުމަށްފަހު ހިނގައިގަތީ އެ ގޭގައި ލަގެޖްތައް ބަހައްޓާފައި ކައިރީގައި ހުރި ކެފޭއަކަށެވެ.
ލީއާވެސް ފަތިހު ތެދުވިގޮތަށް ނަމާދުކޮށްލައިގެން ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލާފައިވެއެވެ. މޭޒުގެ މެދުގައި ހުރި ތަށީގައި ޕާން ފޮތިތަކުގައި ކްރަމްޕީ ހާކާލާފައި ރީތި ޑިޒައިނެއް ހަދާލާފައިވެއެވެ. ދެން ހުރީ ޗޮކުލެޓް ބިސްކޯދާއި ތިންކުދިންނަށް ހަދާލާފައި ހުރި ކިރުތަށިތަކެވެ. އާދައިގެ މަތިން މިއަދުވެސް ސައިބޯން ތިއްބާ ގާދިރު ވަޑައިގެންފިއެވެ. ” އައްދޭ، މިއަދު މީ މަށަށް ހާއްސަ ކޮށްލާފައި ހަދާފައި ހުރި އެއްޗެއްތަ؟ ހާދަ މީރުވާނޭ ދޯ ” ގާދިރު އައިސް ހުއްޓުނީ ގޮނޑީގައި އިން ލީއާގެ ނުހަނު ގާތުގައެވެ. ލީއާއަށް އުދަގޫވިއެވެ. ޒީނާ އިނީ ނުބަލަންވެގެން އިސްދަށަށް ޖަހާލައިގެންނެވެ. ޒައިނީ ދެލޯ އަޅައިގެން ދަތްކުނޑި ވިކައިގެން އިނދެފަވެސް ގާދިރު ބަލާލުމުން ގަދަކަމުން ހީލިއެވެ. ” ގާދިރުބޭ ދާކަށް ނުވޭތަ؟ ” އޭނާއަށް ކޮންޓްރޯލް ނުވެގެން މަޑުމަޑުން އެހެން ބުނެވުނެވެ. އެއަޑު މާ ރަނގަޅަށްވެސް ގާދިރުއަށް އަޑު އިވުނެވެ. އޭނާ ބަލާލީ ޒައިނީއަށެވެ. އެ ބެލުމުގައި ނުލަފާ ރޭވުމެއް ވާހެން ހީވެއެވެ. ” ނޫނޭ ދޮން ކަނބުލޯ. ގާދިރުބެ ދޮށީ ދަރި ބަލިވެގެން މިއަދު މާލެ ފުރަން މި އުޅެނީ. ” އެ ބުނި ޖުމްލައިން ލީއާގެ ދެލޯ ވިދަންފެށިއެވެ. ޒީނާވެސް ހިތަށް ހަމަޖެހުން ލިބުނެވެ. ” އޭ މިހިރަ ފެންނަ ބީތާޔާ.. މަ މި ބުނީ މި ދުނިޔޭންވެސް ނެތިގެން ދާކަށް ނުވޭހޭ.” ޒައިނީ ދަތްކޮޅު ފައިބާ ވަރަށް އެދަތްތަކަށް ބާރުކޮށްލުމަށްފަހު އައި ރުޅީގައި އެހެން ބުނީ ހިތާހިތުންނެވެ. އަނެއްކާވެސް ގާދިރު ޒައިނީއަށް ބަލާލުމުން އޭނާ ބޯ އަރިކޮށްލަމުން ގަދަކަމުން ހީލިއެވެ. ” މި ބީތާޔަށް އަދި މަ ހިތަށް އަރާ އެއްޗެހިވެސް އިނގޭ ދޯ…” ތިންވަނަ ފަހަރަށް ގާދިރު ޒައިނީއަށް ބަލާލަމުން އެއްބުމަ އަރުވާލިއެވެ. ޒައިނީ ބިރުގަތެވެ. ހަމަރަނގަޅަށްވެސް އެ ބީތާޔަށް ޒައިނީ ހިތަށް އަރާ އެއްޗެހި އަޑު އިވެނީ ބާވައެވެ. އޭނާ އަވަސްއަވަހަށް އިސްދަށަށް ޖަހާލިއެވެ. ” އަހާތް.. ކިރުވެސް އެބަހުރިދޯ. މިއަދު ދާނީ ބޯންވީ ވަރަށް ބޮއެގެން.. ދެން ނޭނގެ އަނެއްކާވެސް މިއިން ދުވަހަކު ކިރުކޮޅެއް ލިބޭނެހެނެއް… ގާދިރު ލީއާގެ ކިރުތަށި ދަމައިގަންނަމުން ބުނެލިއެވެ. ގާދިރު އެ ބުނި ވާހަކަ ތިންކުދިންނަށްވެސް ރަނގަޅަށް ދޭހަވިއެވެ. އެއްޗެކޭ ނުބުނެ މަޑުމަޑުން އިން ޒީނާއަށް ކޮންޓްރޯލް ނުވެގެން ގޮށް މުށްކަވާލުމަށްފަހު ބާރަކަށް ގޮނޑިން ތެދުވެވުނެވެ. އެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ” ބަނޑުފުރިއްޖެ. މިދަނީ ކޮޓަރިއަށް ” ޒައިނީ އެތަނުން ދިޔުމަށް ބަހަނާއެއް ދައްކާލުމަށްފަހު ކާގެއިން ނުކުތްތަނުން ބޮޑު ގްރޫޕެއް ސަލާމް ގޮވަމުން އެ ގެޔަށް ވަންނަ އަޑު އިވުނެވެ. އެ އަޑަށް ކާގޭގައި ތިބި ތިންމީހުންވެސް ނުކުތެވެ.
” ވަޢަލައިކުމުއްސަލާމް…” ލީއާ ސަލާމް ބަލައިގަންނަމުން ގޭގެ މައިދޮރާ ދިމާލަށް ބަލާލިއެވެ. ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ޒީޝާން އެވެ. ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ދެލޯ ބޮޑުވެ މުޅި އަތްފައި ގަނޑުފެންކޮޅެއްހާ ފިނިވިއެވެ. ނޭވާ ކުރުވާހެންވެސް ހީވިއެވެ. ޒީޝާން ލީއާއަކަށް މާ ބޮޑު ސަމާލު ކަމެއް ނުދީ ފޯނާއި ކުޅެންފެށިއެވެ. އޭރު ރީތި އަންހެން ކުއްޖަކު އޭނާގެ ކޮނޑުގައި އަތް އަޅައިލައިގެން އެ ފޯނަށް ބަލަން ހުއްޓެވެ. އެ މަންޒަރު ފެނުމުން ލީއާގެ ހިތަށް ތަދުކޮށްލިއެވެ. ހިންދިރުވާލަންވެސް އުނދަގޫވިއެވެ. ” ކޮޓަރި ކުއްޔަށް ލިބޭނެތަ؟ ” އެތަނުގައި ރީތިވަރަކަށް ހަށިގަނޑު ބިޔަކޮށް ހުރި ފިރިހެން ކުއްޖަކު އަހާލިއެވެ. މޫނުމަތިންނާއި ހެދިފައިވާ ހަށިގަނޑުން އިތުރަށް ފިރިހެންވަންތަކަން ދައްކުވައިދެއެވެ. ދެވަނަ ފަހަރަށް އެކުއްޖާ އެހެން ބުނުމުން ލީއާ ސިހުނެވެ. އޭނާ އެއްޗެއް ބުނަންވެގެން އަނގަ ހުޅުވާލަނިކޮށް ގާދިރު ފަށައިފިއެވެ. ” އާނ ހުންނާނެ… ކުއްޔަށް ދޫކުރާ ދެ ކޮޓަރި އެބަހުރި. ” ގާދިރު އަވަސްއަވަހަށް ކިޔާލިއެވެ. ” އެންމެ ރަނގަޅުތަ މަހެއްވަންދެން ކުއްޔަށް ނެގިޔަސް. އަޅުގަނޑުމެން ކުއްޔަށް ނަގާފައި ހުރި ގެ މީގެ ހަފްތާއެއް ކުރިން ބުކް ކޮށްފަ ހުރީ. އައިފަހުން އެނގުނީވެސް.” މިފަހަރު ވާހަކަ ދެއްކީ ބޯ ބުޅިކޮށް ހުރި އަންހެން ކުއްޖެކެވެ. ” އެންމެ ރަނގަޅު. ތިބެވިދާނެ ކަލޭމެން ކުދިން ބޭނުން ދުވަހެއް ވަންދެން.” ގާދިރު ހުއްދަ ދިނެވެ. މިއަދު ގާދިރު މާލެދާތީއާއެކު އެ ކޮޓާރިތަކުގެ ތަޅުދަނޑިފަތި ޖީބުން ނަގަމުން ލީއާއާއި ހަވާލުކުރަމުން ގެއިން ނުކުމެގެން ދިޔައެވެ. ނޭނގިގެން އޭނާއަށް ދެވުނީ ގުދަނުގެ ތަޅުދަނޑިފައްޗާއެކުގައެވެ. އެ ހުރިހާ ކުދިންވެސް އެތެރެއަށް ވަދެގެން ދިޔައެވެ. އެހެނދިޔަ ފިރިހެން ސޮރަކު ޒީޝާންއަށް ގޮވާލިއެވެ. ” އޭ ބްރޯ. އާދޭ އެތެރެއަށް. ” އޭނާ ހިނގައިގަތެވެ. ” މިރޭ އަންނާނަން. ” އޭނާ ފަރުވާ ކުޑަ ގޮތަކަށް އެހެން ބުނެލީ ލީއާ އެތާ ހުރުމުންނެވެ. ޒީޝާން ހިނގައިގަތީ އޭނާގެ ގެޔަށް ދިޔުމަށެވެ. އެންމެ ފަހުންވަނީ ޒީޝާންގެ ކޮނޑުގައި އަތް އޅާލައިގެން ހުރި އަންހެން ކުއްޖާއެވެ. ހީވާ ގޮތުން އެއީ މިހާރު ޒީޝާންގެ ގާލްފްރެންޑެވެ.
ޒައިނީއާއި ޒީނާ މިސްރާބު ޖެހީ އެމީހުންގެ ކޮޓަރިއާ ދިމާލަށެވެ. ލީއާ ތަޅުދަނޑިފަތި ހިފައިގެން ގޮސް ދެ ކޮޓަރި ދައްކާލިއެވެ. މީހަކު ނޫޅޭތާ ދެތިންމަސް ވެފައިވުމުން ކޮޓަރި ތެރެއަށް ވަނީ ހިރަފުހުގެ އަސަރު ކޮށްފައެވެ. ފުރަތަމަވެސް އެތަން ފޮޅާ ސާފުކުރަން ޖެހުމުން އެ ކުދިން ގެނައި ލަގެޖްތައް ސިޓިންރޫމްގައި ބަހައްޓާލިއެވެ. ” ކޮޓަރި ވަރަށް ކަމުދޭ.. ވަރަށް ރީތި ދޯ ހަދާލާފައި ހުރި ގޮތްވެސް… ސާފު ކޮށްލީމަ އަދި އިތުރަށް ފުރިހަމަ ވާނެ ކަމަށް މި ބަލަނީ.” އެތަނުގައި ހުރި ހިތްހެޔޮ ވައްތަރުޖަހާ ކުއްޖަކު ބުނެލިއެވެ. ” ގާއިސް، ލެޓްސް ސްޓާޓް. ބޯއީސް ގެ ކޮޓްރި ސާފު ކުރަން ޖެހޭނީ ހުރިހާ ބޯއިސް ވެގެން އިނގޭ. ވީ ވިލް ޑޫ އަވަރސް. ” އެ ކުއްޖާ ކޮޓަރި ސާފުކުރުމަށް ބުންޏެވެ. އެހެންބުނުމާއެކު އެއްކަލަ އަނގަގަދަ ލާނެތް ސޮރު ފަށައިފިއެވެ. ” އާނ އޯކޭ. ކޮށްފާނަމޭ. މިގޭގަ ދެން ނޫޅޭތަ އެހެން ބަޔަކު؟ ” އޭނާ ގޭތެރެއަށް ބަލާލަމުން ދެކޮޓަރި އާ ޖެހިގެން ހުރި ތިންވަނަ ކޮޓަރި ފެނިގެން އަހާލިއެވެ. ” ނޫނޭ މި ތިބީއެއްނު. ތި ކޮޓަރި ސާފުކޮށްލަދޭންވީތަ. ބުނީމަ ދޯ އިނގޭނީ ސާފުކޮށްދެންވިޔަސް. ” ލީއާ މެން ކޮޓަރިން ނުކުމެގެން އައި ޒައިނީ އެހެންބުނީ ވާހަކަތައް އަޑުއަހަން ހުރެފައެވެ. އޭނާގެ ފަހަތުން ޒީނާވެސް އައިސް އެ މީހުން ކައިރީ ހުއްޓެލިއެވެ. އެންމެނަށް ބަލަންފެށިއެވެ. ފިރިހެން ގްރޫޕްގައި ތިބީ ހަ ކުދިންނެވެ. އަންހެން ގްރޫޕްގައި ފަހެކެވެ. ” މަ ހެލްޕް ވާނީ ގާލްސް ގްރޫޕަށް. މި ގްރުޕްގަ ކުދިން މާ މަދުވީމަ. ” ޒީނާ އަންހެން ކުދިންގެ ކޮޅަށް އަރަމުން ބުނެލިއެވެ. ލީއާވެސް ޒީނާއާ އެއްބައި ވެލަމުން އެރީ އެ ގްރޫޕަށެވެ. ބާކީ ހުރީ ޒައިނީއެވެ. ” ހަހަހައް، ދެން އާދޭ މި ގްރޫޕަށް.. ނޯ މޯ އެކްސްކްޔޫޒަސް” ފިރިހެން ސޮރު ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އަންހެން ކުދިންވެސް އެކަމާ އެއްބަސް ކިޔެވެ. ލީއާ ޒައިނީއަށް ބަލާލަމުން ލޯ މަރާލިއެވެ. ” އެ ތެދެއް ޒައި. ދެން ދޭ އެ ގްރޫޕަށް. ނޯ ފައިޓިންގ އިނގޭ” ޒައިނީ ރުޅިއަރުވާލަން ލީއާ އެހެންބުނެލިއެވެ. ހުރިހާ ކުދިންވެސް ސާފުކުރަން ބޭނުންވާ ސާމާނުތައް ހިފައިގެން އައިސް ކޮޓަރިތެރެއަށް ވަދެގަތެވެ. އެންމެ ކުރިން ނިމޭ ބަޔަކަށް މިރޭ ޓްރީޓް އޮންނާނެކަމަށް އެތަނުން ކުއްޖަކު ބުނެލިއެވެ. އެ އައިޑިޔާ އެންމެނަށްވެސް ވަރަށް ސަޅިވިއެވެ. ލީއާއާއި ޒީނާ އަދި ޒައިނީ ތިބީ އަދި މާ ހިތްހަމަ ޖެހިފައެވެ. ގާދިރުގެ އުނދަގުލުން ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ސަލާމަތް ވުމުންނެވެ.