Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ތީއޭ އުފަލަކީ…4

Maroon Level 110 Stories
December 24, 2020 4 Mins Read
0 Comments

ފެންމާގަނޑު ދޮށުގައި ހުރުމުން ލޮލުން ކަރުނަ ފޭބި ވަރެއްވެސް ނޭނގުނެވެ. މޭގައި އަތް އަޅައި ބޮނޑި ކޮށްލައިގެން ހުރި ލީއާގެ ބޮލުގައި ރިއްސާކަމުގެ އިހްސާސްވެސް އޭނާއަށް ނުވާފަދައެވެ. ވާނިވެސް އެހެންނެވެ. މިވަގުތު އޭނާގެ ހިތުގައި ވޭންއަޅަމުންދާވަރު އިހްސާސްވާނެ މީހަކު މި ދުނިޔެއަކު ނުހުންނާނެއެވެ. އެ ހިތުގެ ރުއިމުގެ އަޑުއަހާލާނެ މީހަކުވެސް ހުރީކީ ނޫނެވެ. ” ކީއްވެ؟… ކީއްވެތަ އަބަދު މަށަށް…މިހެންވާންވީ. ކީއްވެ ކީއްވެ ކީއްވެ…؟” ލީއާ އަމިއްލަ ނަފްސާ ޝަކުވާކުރަމުން ރޮއެގަތެވެ. ނަމަވެސް މަޑުމަޑުންނެވެ. ” މިހާ ދުވަސް ވީއިރުވެސް ކީއްވެތަ އޭނަ މަތިން ހަނދާން ނުނެތެންވީ..ކުޑަމިނުން މަ ދުވަހަކުވެސް ވާހަކަ ދެއްކި ނަމަ ރަނގަޅު. އެއީ މަށަށް އިނގޭ މީހެއް ނޫން. އައި ހޭޓް ހިމް. އައި ހޭޓް.. އައި ހޭޓް ޝާން. އައި ހޭޓް ޔޫ…” ގިސްލަ ގިސްލާފައި ރޮމުން ލީއާއަށް އެ ހުރިގޮތަށް ހުރެ ގައިން ވަރުދޫވާން ފެށުމުން ހުރިތަނަށް ތިރިވެ ބާރަށް ރޮއެގަނެވުނެވެ. މިއިން އެއްވެސް ކަމެއް ކޮޓްރިތެރޭ ފުން ނިންޖެއްގައތިބި ދެކުދިންނަކަށް ނޭނގޭނެއެވެ. ލީއާ ޒީޝާން މަތިން ހަނދާން ނައްތަވާ ދެއްވުމަށް އެދި މިވީ ނުވަ އަހަރުތެރޭ އެކި ފަހަރު މަތިން ވަރަށް ގިނަ ފަހަރަށް ދުއާ ދެންނެވިއެވެ. މިއަދުވެސް އޭނާގެ ދުޢާއަކީ އެއީއެވެ. އެހެން މީހެއްގެ ހައްގެއް އޭނާވެސް ފޭރިގަންނާކަށް ބޭނުމެއް ނޫނެވެ. ހިތްދަތިކަމަކީ ކިހާ ވޭންއަޅާ ކަމެއްކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. އަމުދުން ތިމާ ލޯބިވާ މީހަކު ލިބެން ނެތުމަކީ އެއަށްވުރެ މާ ވޭން ހުންނަ ކަމެކެވެ. ޒީޝާން ޝަމާހާއާއެކީ އުފަލުގައި އުޅޭނަމަ އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ. ލޮލުން ބޮލުން ލީއާ އެކަމަށް ރުހޭނެއެވެ. ޒީޝާންގެ ކޮންމެ އުފަލަކީ އޭނާގެވެސް އުފަލެވެ. އެ ހީލުމަކީ ލީއާގެ ހިތްހަމަ ޖެހުމެވެ. ޒީޝާން ކިތަންމެ މަޝްހޫރުވެފައި ފޮނިވިޔަސް އޭނާ ދެރަވުމުން އެއީ ލީއާ އެންމެ ދެކެން ބޭނުން ނުވާ މަންޒަރެވެ.

ފާހާނައިން ނުކުތް ލީއާގެ ދެލޯ ކައިރިން ވަނީ އެކީ ދުޅަވެފައެވެ. ރަތްވެފައިވާ އެ މޫނުމަތިން އަދިވެސް ފެންނަނީ ހިތާމައިގެ ކަނޑެއްފަދައިންނެވެ. އެ ދެލޯ ވަނީ ރޮއެރޮއެ ރަތްވެފައެވެ. ބައި ގަޑިއެއްހާއިރު މާގަނޑުދަށުގައި ހުރުމުން ލީއާ ހުރީ ކުޑަކޮށް ހުންވެސް އައިސްފައެވެ. ކުޑަ ދޮރު ހުޅުވާލީ ސާފު ވައިކޮޅެއް ލިބޭތޯއެވެ. ލީއާ ހިތްހަމަ ޖެހޭ ވަރަށް ވައި ޖެހެއެވެ. ބީހިލާ ފިނިރޯޅި އައިސް ލީއާގެ ލޯބި މޫނުގައި ބޮސްދީފައި އޭގެ މަގާމަށް އެނބުރި ދެއެވެ. ލީއާއަށް ބަލާލެވުނީ އުޑުމައްޗަށެވެ. ދަންވީ ވަރަކަށް އުޑުމަތި ސާފުވެ މިހާރުވަނީ ތަރިތައްވެސް ވިދަން ފަށާފައެވެ. ހަނދުވަރުގެ އަލިން ދުނިޔެމަތިވަނީ އަލިކޮށް އުޖާލާވެފައެވެ. ” އައި މިސް ޔޫ މޮމް ޑެޑް…” ރީތިގޮތަކަށް ވިދަމުން ދިޔަ ފަޖުރުތަރިއަށާއި އެއާ ނުހަނު ކައިރީ އިން ތަރިއަކަށް ބަލަން ހުރި ލީއާގެ ދެލޯ ފެންކަޅިވިއެވެ. ” މަންމައަށް އިނގޭތަ… ވަރަށް ހަނދާންވޭ މަންމަ މަތިން… ކީއްވެތަ އަޅުގަނޑު ދޫކޮށްލާފައި ދިޔައީ. މަންމަގެ ބަސް ނާހާތީތަ؟ އަޅުގަނޑާއި ހެދި މަންމައަށް އުނދަގޫވީތަ؟ މަންމަ މަޑުކުރިނަމައެއްނު…އެހެންނޫންނަމަ މިއަދު އަޅުގަނޑު މިހާ ދެރަވާކަށް ނުޖެހުނީސް. ” ލަސްލަހުން ލީއާ ވާހަކަ ދައްކަމުންދިޔައީ ކުޑައިރުވެސް އޭނާގެ މަންމައާއި މުޚާތަބުކުރާ ފަދައިން ރީތި ބަހުންނެވެ. އެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ހޯސްލާފައި ފައިބަމުން ދިޔައެވެ. އަތުގެ ނުފުށުން ކޯތާފަތް ފުހެލުމަށްފަހު ކުޑަކޮށް ހީލިއެވެ. “ބައްޕަވެސް… ކީއްވެތަ ދޫކޮށްލީ؟ ހަނދާންވޭ ވަރަށް ކުޑައިރު އެކީ މަޖާ ކުރާތަން. މަންމަމެން ދެމީހުން ވެގެން އަޅުގަނޑުމެން ލޯބިން އުރާލާކަން. ދެމީހުން އަޅުގަނޑުމެންނާއެކީ ހައިޑް އެން ސީކް ކުޅެމެއްނު.” ލީއާއަށް ހިނިތުންވެލެވުނެވެ. ” ބަބްލްސްވެސް އަރުވަމެއްނު… ދުނިޔޭގަތިބިނަމަ މިއަދުވެސް އެކަން ވީސް.” ލީއާގެ ލޮލުން އަދިވެސް ކަރުނަތައް ހުއްޓުމެއް ނެތި ފައިބަމުން ދިޔައެވެ. “އަދިވެސް ވަރަށް ލޯބިވަން މަންމަ ދެކެ. މަންމަ މި ދުނިޔޭގައި އަޅުގަނޑު ލޮލުކުރިމަތީ ފެންނަން ނެތަސް އަބަދުވެސް އަޅުގަނޑުގެ ހިތުގައި މަންމަ ވާނެ. މި ހިތުން ތިލޯބި މަންމަ އެއްލާލާފައި އެހެން މީހަކަށް ޖާގައެއް ނުލިބޭނެ. ދުވަހަކުވެސް ނުލިބޭނެ… މިއަދު މީ އަޅުގަނޑަށް ތިދެ މީހުންގެ ލޯތްބާއި އެހީ އެންމެ ބޭނުންވާނެ ދުވަސް. އައި ވިޝް… ޔޫ ވާ ހިއަރ ވިތް މީ މަމް އެން ޑެޑް… އައި މިސް ޔޫ…އެން އައި ލަވް ޔޫ ސޯ މަޗް.” ލީއާއަށް އަނގަމަތީ އަތް އަޅާލެވުނީ ރުއިމުގެ އަޑު ގަދަވާން ފެށުމުންނެވެ. ކަރުނަތައް ފައިބައިގަތީ އަތްތިލައިން ލާފައެވެ. އަނެއްކާވެސް އެއައީ ހިތާމައިގެ ވަގުތުކޮޅެކެވެ. އެހާ ބޮޑަށް ދެރަވި ދުވަހެއް އޭނާގެ ހަޔާތުން އައި ކަމެއް ނޭނގެއެވެ. އެހެން ހުރެގެންހިތުގެ އަޑިން އޭނާގެ މަންމައަށާއި ބައްޕައަށް ހެޔޮ ދުޢާ ކުރިއެވެ. އެދެމީހުންނާއެކު ޖަންނަތުގައި ވުމަށްއެދި މާތްﷲ އަށް ދުޢާ ދެންނެވިއެވެ.

ލީއާ ދެން މިސްރާބުޖެހީ ސިޓިންގ ރޫމާއި ދިމާލަށެވެ. މަޑު ހިނގުމެއްގައި ސިޓިންގ ރޫމަށް ނުކުމެވުނު އިރު ކުޑަދޮރުތަކުން އެތެރެއަށް އެޅިފައިވާ ފަނޑު އަލި ފިޔަވާ އެހެން އަލިކަމެއް ނުވެއެވެ. ލީއާ ފާރުގައި އަތް ހާކަމުން ގޮސް ސްވިޗްގައި އަތްޖައްސާލިތަނުން ސިޓިންގ ރޫމްގެ ކުޑަ ދޮރާދިމައިން ގޭގެ ބޭރުގައި އަންހެން ކުއްޖަކު ހުރިތަން ފެނުނެވެ. ލީއާގެ ހިތައް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. އިސްދަށަށް ޖަހައިގެން ފުރަގަހަށް އެނބުރި ހުރި އެ ކުއްޖާގެ ދިގު ފަން އިސްތަށިގަނޑެއް އޮތެވެ. ހަނދުވަރުގެ އަލި އެ އިސްތަށިގަނޑަށް އެޅިފައިވުމުން އޮފު އަރައަރާ ހުއްޓެވެ. ލީއާ ހިންދިރުވާލަމުން އަވަސްއަވަހަށް ބޮކި ޖައްސާލިއެވެ. ދެން ކުޑަ ދޮރުތަކާއި ދިމާ ބަލާލުމުން އެ ކުއްޖާއެއް ނެތެވެ. ފްރިޖުން ފެންފުޅިއެއް ނަގާ ކޮޓަރިއަށް ދާންވެގެން އަނެއްކާވެސް ބޮކި ނިއްވާލުމަށްފަހު އޭނާ ހިނގައިގަތެވެ. ބާރު ހިނގުމެއްގައި ދިޔަނަމަވެސް ވަށްކަޅިން އެދިމާލަށް ބަލާލެވުނު ވަގުތު އެ ކުއްޖާ ހަމަ އެހުރިގޮތަށް ހުއްޓެވެ. ފިޔަވަޅުތައް އަވަސް ކުރަމުން ލީއާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ހުރީ މާނޭވާ ލެވިފައެވެ. ފެންފޮދެއް ބޯލަމުން އެ ފެނުނު ކުއްޖާއާމެދު ކުޑަކޮށް ވިސްނާލިއެވެ. އެ ކުއްޖާ ފެންނަންވީ ކީއްވެ ހެއްޔެވެ؟ މިގަޑީގައި ގެއިން ބޭރުގައި އެ އުމުރުގެ ކުއްޖަކު ނުވެސް އުޅޭނެއެވެ. ބަލާބެލުމަށް އެއީ ފަނަރަ ވަރަކަށް އަހަރުގެ ކުއްޖެކެވެ. މީގެ ކުރިން އެފަދަ ކަމެއް ފެނިފައި ނުވިޔަސް ބައެއް ފަހަރަށް ގެއިން ބޭރުން އަޑުއަޑު އިވެއެވެ. އަދި ސިޓިންރޫމްގައި ދަންވަރު ގަޑީގައި މީހަކު އުޅޭހެންވެސް ހީވެއެވެ. ގޭގެ ބާކީ ހުރި ދެ ކޮޓަރިން ހުސްފުޅި ކަހަލަ އެއްޗެހި ވެއްޓޭ އަޑުވެސް އިވެއެވެ. އެ ކުދިން މާ ބޮޑު ކަމަކަށް ނުހަދަނީ ވަޔާއި އެތަކެތި ވެއްޓެނީ ކަމަށް ހީކޮށްފައެވެ. ލީއާއަށް ދެން ހަނދާންވީ އޭނާ ކުޑައިރު ބައްޕަ ކިޔައިދޭ ބިރުވެރި ވާހަކަތައް މަތިންނެވެ. ޤުރްއާން ނުކިޔަވާ ނަމާދުނުކޮށް އުޅޭ ގޭގެއަށް އެފަދަ މަޚްލޫގުން އައިސް ފެތުރިގަންނާނެ ވާހަކައެވެ. އެނޫނަސް ޖިންނި ޝައިތާނުން އެއްވެސް ސަބަބެއް ނެތި އިންސާނުންނަށް ގޯނާ ނުކުރާ ވާހަކަވެސް ވަނީ އަޑުއަހާފައެވެ. ލީއާ މާގިނަ ވަގުތު ވިސްނާކަށް ނަހަދައެވެ. ވިސްނި ވަރަކަށް ހިތަށް ބިރުވެރިކަން ވަންނާނެ ކަން އިނގޭތީ އަވަހަށް އެނދަށް އަރާ ފޯން އެލާމްކޮށްލުމަށްފަހު ދެލޯ މަރާލިއެވެ. ވެފާ ހުރި ވަރުބައްޔަކުން މާ ގިނައިރުތަކެއް ނުވެ އޭނާއަށް ނިދިއްޖެއެވެ.

ޒީޝާންއަކީ ގިނަފަހަރަށް މަޑުމައިތިރި މީހެއް ނަމަވެސް އޭނާގެ ރައްޓެހިންނާއި ގާލްފްރެންޑުން ގާތުގައި އޭނާއަކީ މަޖާކޮށް ސަކަރާތްޖަހާ މިޒާޖުގެ ޒުވާނެކެވެ. ރަށުގެ އެތައްބައެއްގެ ހިތްތަކުންވެސް ލޯބިހޯދާފައިވާ މީހެކެވެ. މިރެއަކީ އޭނާއަށް އުފާވެރި އީދެއް އަންނާނެފަދަ ރެއެކެވެ. އޭނާގެ އެކުވެރިން ކޮޅު ރަށަށް އަންނަން ފުރާނެއެވެ. ނަމަވެސް ރަށަށް އާދެވޭނީ ހެނދުނުގެ ވަގުތެއްގައި ކަމުން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެވެމުން ދިޔައެވެ. ކޮޓްރި ތެރޭގައި ޒީޝާން ގޮދަޑިމަތީ ބަންޑުން އޮށޯވެލައިގެން އޮތީ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެންނެވެ. އަތުގެ ބޮޑުވައި އިނގިލިން ހުއްޓުމެއްނެތި ސްކްރީނުގައި ޓަޗްކުރެވެމުން ދިޔައީ މެޝިނެއްވެސް މަސައްކަތް ނުކުރާހާ އަވަހަށެވެ. ހީވާ ގޮތުން މިހާރުވެސް ކޮންމެސް އަންހެން ކުއްޖަކާ ޗެޓް ކުރަނީއެވެ. ޓައިލްސްމަތީ އެހެންގޮދަޑިއެއް އަޅާލައިގެން ޒީހާން އޮތީ ހަމަދެންމެއަކު ނިދާފައެވެ. ބަލާބެލުމަށް އެދެމީހުންގެ ދެމެދުގައި ކުޑަކުޑަ ހަނގުރާމައެއް ކޮށްލެވުނީއެވެ. މަދުމަދުން އެފަދަ ހިތްހަމަ ނުޖެހުންތައް އެދެމެދުގައި ހިނގިޔަސް އެކަން ހަނދާން ނެތޭކަށް މާ ގިނަ އިރުތަކެއް ނުނަގާނެއެވެ.

Share Article

Follow Me Written By

Maroon

Level 110 Stories

Other Articles

Previous

ފަތްގަނޑު ފުރޭތަ 4

Next

ހިރާސް 2

Next
December 24, 2020

ހިރާސް 2

Previews
December 24, 2020

ފަތްގަނޑު ފުރޭތަ 4


All Right Reserved!