
އެކުއްޖާ 2 – 10
* “އަނހަ.. ޔާން ކައެގެ މޭމަތީގައި މިއޮތީ ކޯޗެއް..؟” ހިޔާންގެ ގަމީހަށް އިޝާރާތް ކޮއްލަމުން ފައިލަމް އަހާލިއެވެ. “ކޯޗެއް..؟” ހިޔާން އެއްސެވެ. ލައިގެން ހުރި މެރޫން ކުލައިގެ ގަމީހަށް ބަލާލަމުންނެވެ. “މަށަށް ހީވަނީ ގިނަ މީހުން އެއަށް ކިޔާ އުޅެނީ ހަސަދައޭ…” ފައިލަމް އެހެން ބުނެ ހިޔާންގެ ލޮލަށް ބަލާލިއެވެ. ހިޔާންގެ ލޮލުން އެކަނިވެސް އިޒްކާން އާއި ނީޝަލް ދުރުކުރުވަން ބޭނުންވާ މިންވަރު އަންގައިދެއެވެ. *
“ކައި… މިއަދު ހައިނާ ނޫނީ ރަނޫއަށް ގުޅާލައްޗޭ…” ހޮސްޕިޓަލަށް ވަންނަންވެގެން އަވްލީން ކާރުން ފައިބަމުން އެދުނެވެ. “އާނ ގުޅާލާނަން… އޭރުން ރަނޫމެންނަށް ވެސް ރޫހާން އެރަށުގައި އުޅެންޏާ އިނގޭނީ..” ކައިޔަން ބުނެލިއެވެ. އަވްލީން ދިޔުމުގެ ކުރިން ކައިޔަން މަޑުމަޑުން އަވްލީންގެ އަތުގައި ތުންފަތް ޖައްސާލިއެވެ. “ޒިވީމެންނަށް ރޫހާން އެކޮޅުގައި އުޅޭކަން ނާންގަނީ ކީއްވެގެން..؟” ރަކި ހީނލުމަކުން ހީނލާފައި އަވްލީން އެއްސެވެ. “ދެން އަވްއަށް ވެސް އެނގެއެއްނު ޒިވީގެ ގޮތް.. އޯވާރ ޕްރޮޓެކްޓިވް.. އެކަން ޒިވީއަށް އެނގިއްޖެނަމަ ނީޝް ގެއިން ބޭރަކަށްވެސް ނުފޮނުވާނެ.. އޭރުން ނީޝް ހުންނާނީ އޮޅުންއަރާފައި.. ދެން އަހަރެމެން ދޭނީ ކޮން ޖަވާބެއް..؟ އެހެންވެ ޒިވީއަށް އެންގުމުގެ ކުރިން ހައިނާ އާއި ރަނޫއަށް ރޫހާން އެކޮޅުގައި އުޅޭކަން އަންގާލަދޭން މިއުޅެނީ… އަހަރެންނަށް ހަމަ ޔަގީން ހައި އަދި ރަނޫ ނީޝް ބޭރުގައި އުޅޭއިރު ނީޝް އުޅޭ ދިމާލަކު ރޫހާން އުޅޭތޯ ބަލާދޭނެކަން..” އުންމީދުން ފުރިފައިވީ ރާގަކު ކައިޔަން ބުނެލިއެވެ.
“ޔަޕް.. އެހެންވިއްޔާ ގުޅާލައްޗޭ.. މިއަދު އަހަރެން ކުޑަކޮށް ބިޒީވެދާނެ.. އެހެންވެ..” އަވްލީން އެދުނެވެ. “އޯކޭ އަވްލަވް.. މިއަދު ގޮސްފައި ގުޅާލާނަން..” ކައިޔަން އަވްލީންގެ ނިތުގައި ބޮސްދިނެވެ. “އެހެންވިއްޔާ އަވް މި ދަނީ އިނގޭ.. މިހާރު ލަސްވަނީ..” އަވްލީން ރަކިވެގެން އަވަހަށް ދުރަށް ޖެހިލިއެވެ. ލާނެތް ފާޑަކަށް އަވްލީން އާއި ދިމާލަށް ބަލަންހުރެ ކައިޔަން އަވްލީންގެ ނޭފަތްކޮޅުގައި ހިފާލާފައި ހީނގަތެވެ. “ދެން ކައި.. ގަޑިޖެހެނީ…” އަދިވެސް އަވްލީން ގަންނަ ލަދަކަށް ބަދަލެއް ނާދެއެވެ. ކައިޔަންގެ ހިތުގައި އަވްލީން އާއި ދޭތެރޭ އެ އުފެދިފައިވާ ލޯތްބަކީ ނިމުމެއް ނެތް ލޯތްބެކެވެ. މައްސަލައެއް ނެތޭ ބުނެ އަވްލީންއަށް ލޯބިން ފުރިގެންވީ ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި ކައިޔަން ކާރު ދުއްވާލިއެވެ. “ލަވް ޔޫ ކައި..” ކައިޔަން ދާތަން ބަލަން ހުރެ އަވްލީން އެހެން ބުނެލިއިރު ތުންފަތުގައި ކުޑަ ހިނިތުންވުމެއް ފާއްދާލާފައިވެއެވެ. އަވްލީންއަށް ނޭނގުނީ އެމަންޒަރު ވަރަށް ގާތުން ބަލަން ތިންވަނަ ފަރާތެއް ހުރިކަމެވެ.
“އަސްލުވެސް ކައެ ތިހުރީ ހަސަދަވެރިވެފައިދޯ.. ނޫންތަ..؟” ފައިލަމް ހިޔާންގެ ބުރަކަށީގައި ޖަހާލަމުން އެއްސެވެ. “މަ މިހުރީ ހަސަދަވެރިވެފައެއް ނޫނޭ.. މަގޭ ބެސްޓް ފްރެންޑަށްވީމައި އެކަނި އިޒްކާންއަށް ނީޝަލްއާއި އެކުގައި ހުންނަން މިދެނީ.. އެހެންނޫނީ މަގޭ ޕްލޭނަށް އަމަލީ ސިފަ މިހާރުވެސް ގެނައީސް..” ހިޔާން ބުނެލިއެވެ. ”އެކަމެއް ނޭނގޭ.. އިޒްކާން އެމަންޖެއާއެކީގައި ހުންނައިރު ކަލޭގެ ދެލޯ ހީވަނީ ތިޔަށް ވުރެ ބޮޑަކަށް ނުހުޅުވޭނެހެން…” ފައިލަމް ގޮސް އައިހަމް ގޮވައިގެން ކްލާހާއި ދިމާލަށް މިސްރާބުޖެހިއެވެ. އަނެއްކާވެސް އިޒްކާންއާއި ނީޝަލްއާއި ދިމާލަށް ބަލާލަމުން ހިޔާންވެސް އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.
ނީޝަލް އާއި އިޒްކާންއާއި ހޫރީން އެތެރެއަށް ވަދެގެން ދިޔައީ އެކީގައެވެ. އައިހަމް ހަނާ އަޅާލުމުން ކްލާހުން ބައްދަލުވާނެކަމަށް ބުނެ އިޒްކާން މިސްރާބުޖެހީ އައިހަމްގެ ކައިރިއަށެވެ.
“ހޫރީން.. ޖެލަސްވޭތަ..؟ އެހެން ކުއްޖަކު އިޒްކާންއާއެކީގައި އުޅޭތަން ފެނުނީމައި..؟” ދަނޑިވަޅަކަށް ބަލަބަލާހުރި ޝައިމާ އެމީހުންނާއި އެއްހަމަ ކުރަމުން އެއްސެވެ. “ލޮލް… ކަލޭހެން މަ ނޫޅެން އިޒްކާންއާއި އަޅައިގަނެގެންނެއް… އެއީ މަގޭ އެކުވެރިއެއް…” ހޫރީން ބުނެލިއެވެ. “އޭތް.. މައްކާއިން އައި ކުއްޖާ.. ކަލެއަށް މަ ދިން އިންޒާރުތައް މަތިން ހަނދާން ހުންނާނެކަމަށް މަ މިބަލަނީ.. ކަލޭ މާމައްޗަށް ދަންޏާ ހަދާނެގޮތް އިނގޭނީ މަށަށް…” ދެލޯ ވަށްކޮއްފައި ޝައިމާ ބާރުބާރަށް ހިނގާފައި ގޮސްފިއެވެ. ހޫރީން ނީޝަލްއާއި ދިމާލަށް ބަލާލިއެވެ. އެ ރީތި ދެލޮލުން ހާސްކަމުގެ ކަންފުޅެއްވެސް ނެތެވެ. އިޒްކާންއާއި އަޅައިގަނެގެންއުޅޭ ހުރިހާ އަންހެންކުދިން ޝައިމާދެކެ ބިރުން އުޅެނީ އޭނާގެ ނުފޫޒުގަދަ ކަމުންނެވެ. ނަމަވެސް ޝައިމާ ދިން އިންޒާރުތަކުން ނީޝަލްއަށް ބިރުގެ ޒައްރެއްގެ މިންވަރުވެސް އިހުސާސްވީ ހެންނެއް ހިޔެއް ނުވެއެވެ.
”އޭނަ އެހެން ކިޔަކިޔާ ހުރެފާނެ… އަޅާނުލާ….” ހޫރީން ބުނެލިއެވެ. “މަ ނޫޅެން ހާސްވާކަށް.. އެހެންނޫނަސް ވީ އާރ ޖަސްޓް ފްރެންޑްސް.. އެ އަންހެން ކުއްޖާ އެވަރަކަށް ރުޅި އަންނަނީ އަހަރެންނާއި އިޒްކާން ރައްޓެހިވެގެން އުޅެނީކަމަށް ހިތާއެއްނޫންތަ..؟” ނީޝަލް ލުއި ހިނިތުންވުމަކާއި އެކީގައި ބުނެލިއެވެ. “އާޗާ.. ކުއްޖަކު ގާތަށް ވަރަށް ހިނިއާދޭ ކޮންމެފަހަރަކުވެސް އިޒްކާންގެ ނަން ކިޔާފަ..” ހޫރީން ހީނގަތެވެ. ތުންފަތުގައި ހަފާލާފައި ނީޝަލްވެސް ހީނލިއެވެ. “ދުލުން ނުބުނިކަމުގައިވިޔަސް މޫނަށް ބަލާލާފައި އެބަ އިނގޭ ތި ސިއްރު ކުރާ ކަންތައްތައް..” ހޫރީން ބުނެލިއެވެ. “އަޅޭ ރާއްޖޭގައި އުޅެނީ ހުސް މައިންޑް ރީޑް ކުރާ ކުދިންތަ..؟” މޫނުމަތީގައި އަތްއަޅަމުން ނީޝަލް އެއްސެވެ. “އަޅެ ފްރާންސް އިން އަންނަނީ ހުސް މައިންޑް ރީޑަބަލް ކުދިންތަ..؟” ނީޝަލް ވެސް އެހެން ބުނެލި ރާގުގައި އެހެން ބުނެފައި ހޫރީން ނީޝަލްގެ ކޮނޑަށް އަތް ވައްޓާލައިގެން ހިނގައިގަތެވެ.
ކްލާހަށް ވަދެވުނުއިރުވެސް އިޒްކާން އާއި ނީޝަލް ވާހަކަ ދެއްކުން ހުއްޓާލެވުނުކަމަކަށް ނުވިއެވެ. އެކަކު އަނެކަކަށް އެންމެ މީރު ކާއެއްޗެހިން ފެށިގެން ގޮސް ލާހިތްވާ ކަހަލަ ހެދުމާއި އެންމެ ދާހިތްވާ ގައުމަށް ދާންދެން އިޒްކާން އާއި ނީޝަލް ވާހަކަ ދައްކަން އިނެވެ. “ފުރަތަމަ ގަޑިއަށް އަންނަ ސަރ އަބަދުވެސް އެހާ ލަސްވަނީ ކީއްވެގެންތަ..؟” ވާހަކައިގެ ތެރެއިން ނީޝަލްއަށް އެހުނެވެ. “ނޭނގެ..” އިޒްކާން ކުރު ޖަވާބަކުން ފުއްދާލިއެވެ. އިޒްކާން ހުރީ ހިތްހަމަޖެހިފައެވެ. ދެކެވޭ ކޮންމެ ވާހަކައަކުން އިޒްކާންއަށް އިތުރަށް ނީޝަލްއާއި ގަޔާވެވެނީއެވެ. ހީވަނީ ނުފެންނަ ދަމާ ބާރަކުން އިޒްކާންގެ ހިތް ނީޝަލްއަށް ލަންބުވަމުން ގެންދާހެންނެވެ. ހޫރީންވެސް ދޭތެރެ ދޭތެރެއިން ހިމޭނުން ނުހުންނަންވެގެން ނީޝަލް އާއި އިޒްކާންގެ ވާހަކަތަކުގައި ބައިވެރިވެލައެވެ.
ކޮލެޖްގެ ގަޑިތައް ކުރިއަށް ދިޔައީ ތިން މީހުން އެކަކު އަނެކަކަށް އެހީތެރިވިއެވެ. ނޭނގޭ ބައިބައިތައް ކިޔާލަދީ ދިން ނޯޓްތައް ނެގުމުގައި އެހީތެރިވެދިނެވެ. މަޖަލާއި ސަކަރާތާއި އެކީ ކޮލެޖްގެ ގަޑިތައް ނިމުނީ ހީވެސް ނުކުރާހާ އަވަހަށެވެ.
“ވަރަށް ފޫހި..” ދަބަސް ކޮނޑުގައި އަޅުވަމުން ހޫރީން ބުނެލިއެވެ. އެއޮއް މަޖާ ދުވަސްވެސް ހޫރީންއަށް ވެގެން ދިޔައީ ފޫހި ދުވަހަކަށެވެ. “އެ ސަރގަނޑު ވެސް ވެއްޖެއެއްނު އެ ބޮޑު އެސައިންމެންޓްގަނޑު ނިންމަން ދޭން..” ހޫރީން ތުންފިއްތާލާފައި ބުނެލިއެވެ. “އޭތް ހޫރުކަމަނާ އެއީ މިއަންނަ ބުރާސްފަތި ދުވަހަށް ނިންމަންޖެހޭ އެއްޗެކޭ..” އިޒްކާން ބުނެލިއެވެ. ހޫރީންގެ އިސްތަށިގަނޑަށް ދަމާލަމުންނެވެ. “ދެން އެކަމަކުވެސް.. އެ މާސިންގާ އެސައިންމެންޓް ހަދަން ދޭން ޖެހޭތަ..؟ ދެތިން ދުވަހު ކިޔަވާދީފައި ދެން އޮންނާނީ ސުނާމީގެ ބިޔަ ރާޅެއް ހެން ބޮޑު އެސައިންމެންޓެއް އަހަރެމެންގެ ބޮލަށް ޖަހާފައި.. ހާދަ ފޫއްސޭ..” ސަރ އަށާއި އެސައިންމެންޓަށް ކުދިކިޔުމަކީ ހޫރީންއަށް ވާޖިބެއް ފަދައެވެ. “ދެން ނިންމާނީއޭ… ހަމައެކަނި ފަނަރަ ޕޭޖުގެ އެސައިންމެންޓެކޭ..” އިޒްކާން ބުނެލިއެވެ. “ތަކުރުފާނު ތިއީ އަދި އެންމެ ކިޔަވާހިތްނުވާ މީހާ… މިއަދު ހާދަ ޗިލްކޮށް ތިއުޅެނީ..؟ އެހެންޏާ މިވަރުގެ އެސައިމެންޓެއް ދީފިއްޔާ ބިންމަތީގައި ފުރޮޅެމުން ރޯން އޮންނަ މީހާ ތިއީ..” ހޫރީން މަލާމާތް ކޮށްލިއެވެ. އިޒްކާން ވަށްކަޅިން ބަލާލީ ނީޝަލްގެ މޫނަށެވެ. “އަނދިރި ދުވަހެއްގެ އިރު ދައްކާލީ ކަންނޭނގެއެއްނު..؟” އިޒްކާން ނުގޮތަކަށް ބުނެލިއެވެ. ފާޑަކަށް ހީނލަމުންނެވެ. ހޫރީންއަށްތޯ ނީޝަލްއަށްވެސް އެ ޖުމްލައިގެ މާނަ ނަގައެއްނުގަނެވުނެވެ.
“އެހުރީ ތިއްތަބޭ..” ނީޝަލްއަށް އަލާން ފެނުނެވެ. “އަހަރެން ދަނީ އިނގޭ.. ޓޭކް ކެއަރ..” ނީޝަލް އަތް ހޫރާލާފައި ދިޔުމުގެ ކުރިން ހޫރީން ނީޝަލްގެ އަތަށް ބޮނޑިކޮށްލާފައިވާ ގަނޑުކޮޅެއް ލައިދިނެވެ. އަދި އެ ގަނޑުކޮޅު އަލާން އާއި ހަވާލުކޮށްދިނުމަށް އެދުނެވެ.
ކެބިންގައި އިނދެ ސޮއި ކުރަން ޖެހޭ ދެތިން ގަނޑެއްގައި ސޮއި ކޮށްލާފައި ކައިޔަން ތެދުވެގެން ގޮސް ކުޑަދޮރު ދޮށުގައި މަޑުކޮށްލީ އަވްލީން އެދުނު ކަންތައްތައް ފުރިހަމަ ކޮށްލަދޭން ވެގެންނެވެ. ފުރަތަމަ ކައިޔަން ގުޅީ ހައިނާއަށެވެ. ފާއިތުވެގެން ދިޔަ އަހަރުތަކުގެ ތެރޭގައި ކައިޔަން، އަވްލީން، ހައިނާ، އިކުވާން، ރަނާ އަދި ލިޔާންއަށް އެކަކު އަނެކަކަށް ޚަބަރެއް ވެވިފައިވަނީ ވަރަށް މަދުންނެވެ. ވަޒީފާގެ ގޮތުންނާއި އެކިކަންކަމުގައި މަޝްއޫލުވެފައިވާ ވަރުން މާ ވަގުތެއް ނުލިބެނީއެވެ. އެންމެފަހުން ކައިޔަން އާއި ހައިނާ އާއި އިކުވާން އާއި ދިމާވެފައިވަނީ ނީޝަލްގެ އުމުރުން ސާދަ އަހަރުގައި ހައިނާ އާއި އިކުވާން ފްރާންސްއަށް އައި ފަހަރުގައެވެ. ރަނާ އާއި ލިޔާން އާއި އެންމެފަހުން ކައިޔަން އާއި ބައްދަލުވެފައި ވަނީ ނީޝަލްގެ އުމުރުން އެންމެ އެގާރަވަރަކަށް އަހަރުގައި ރަނާގެ މަންމަ ބަލިވެގެން ޑޮކްޓަރަށް ދައްކާ ބޭސްފަރުވާ ކުރަން އެ އަހަރަށް ފްރާންސްއަށް ބަދަލުވި އަހަރުގައެވެ. އިންޓަރނެޓްގެ ޒަރިއްޔާ އިން ވެސް ހަމީހުންނނަށް ވާހަކަ ދައްކާލެވެނީ ވަރަށް މަދުންނެވެ. ތިމަންނަ މީ ހާދަހާވާ ރަނގަޅު އެކުވެރިޔެކޭ ހިތަށްއަރާ ކައިޔަންގެ ގާތަށް ހިނިއަންނަންވެސް އައެވެ.
ހައިނާގެ ނަންބަރަށް ގުޅުމުން އެކޮޅުން އަންގަނީ މިވަގުތު ބިޒީކަމަށެވެ. ދެން ކައިޔަން ގުޅީ އިކުވާންގެ ނަންބަރަށެވެ. “އިކޫ މިދުވަސްކޮޅު ބިޒީވާނެދޯ..” ކައިޔަން ހަނދާންވީ އެންމެފަހުން މެސެޖް ކުރިއިރު އާ ފިލްމެއްގެ ޝޫޓިންގއަށް އިކުވާން ގޮސް އުޅޭ ޚަބަރެވެ. މިހާރު ވައިގައި އެންމެ ބޮޑަށް ހިފާފައިވާ އެއް ފިލްމް ކަމަށްވާ ‘އިންތިޒާރުގައި ހުންނަމޭ ލޯބިން’ (ޚިޔާލީ ނަމެއް) ގެ ހީރޯ އަކީ އިކުވާންއެވެ. ފިލްމްގެ ޓްރެއިލަރ ބަލާފައި އެކަނިވެސް ކައިޔަން އެ ފިލްމަށް ހިތްޖެހުނެވެ. ގާތް އެކުވެރިޔާއަށް ލިބިފައިވާ ހުނަރަށް ހުދު ކައިޔަންއަށްވެސް ތައުރީފް ކުރެވުނީ ކިތައްފަހަރުކަމެއް ނޭނގެއެވެ. އެ ރޯލަށް އިކުވާން ވަރަށް ރަނގަޅަށް ފެތޭކަމަށް ގިނަ ބަޔަކު ވަނީ ހިތާއި ލޮލުން ބޮލުން އެއްބަސްވެފައެވެ.
އިކުވާންއަށް ނުގުޅާ ދެން ކައިޔަން ގުޅީ ރަނާއަށެވެ. ”މަށަށް މި ފެންނަނީ ހުވަފެނެއްތަ..؟” އެކޮޅުން ރަނާ ބުނެލިއަޑު އިވުނެވެ. “ނޫނޭ ނޫނޭ..” ކައިޔަންއަށް ހެވުނެވެ. “ލޯންގް ޓައިމް ނޯ ސީ.. ކައި ކިހިނެތްތަ..؟” އުފާވެރި އަޑަކުން ރަނާ އެއްސެވެ. “އަހަރެން ރަނގަޅޭ… ރަނޫމެން ކިހިނެތްތަ..؟؟” ކައިޔަންވެސް ވާހަކަ ދެއްކީ އުފާވެފައި ހުރެއެވެ. ގާތް މިތުރަކާއި އެހާ ދުވަސްކޮށްލާފައި ވާހަކަ ދައްކާލެވުމުން އުފާނުވާނީ ފަހެ ކާކު ހެއްޔެވެ.؟ “އަހަރެންވެސް ރަނގަޅޭ… ހާދަ ދުވަހެއް ކޮށްފައި ތި ޚަބަރެއްވީ..؟ ދެން ނުދައްކާނަން ވާހަކައެއް..” ރަނާ ރުޅިއައި ކަމަށް ހެދުނަސް ހިތް ވަނީ އުފާވެރި ކަމުން ފުރިގެންގޮސް ބަންޑުންވާން ކައިރިވެފައެވެ. “ދެން ނޫނޭ ބިޒީވީއޭ ހަމަ..” ކައިޔަން ބުނެލިއެވެ. “ކޭ.އޭ.އެން.އެން ކޮމްޕެނީގެ ޝަރަފުވެރި ބޮސް ވިއްޔަ ދޯ..” ރަނާ ބުނެލިއެވެ. “ރަނޫ ވަރަށް ސީރިއަސް ވާހަކައެއް ދައްކަންވެގެންނޭ މި ގުޅީ..” ކައިޔަން އެހެން ބުނެލުމާއި އެކީގައި ރަނާ ވަގުތުން ސީރިއަސްވިއެވެ. “އަނެއްކާ ކިހިނެތްވީ..؟؟” ރަނާއަށް އެހުނެވެ.
ހަވީރު ވަގުތެވެ. އެސައިންމެންޓް ހަދަން ނެގި ނޯޓްތަކުން މުހިއްމު ބައިތަކެއް ފާހަގަކޮށްފައި ނީޝަލް ޒީޝް ގޮވައިގެން ބޭރަށް ނުކުމެލީ ގޭގައި ޒީޝް ހުންނަލެއް ފޫހިކަމުންނެވެ. އެބުނާ ރައިހާނަކާއި ވަކިވީ ފަހުން ޒީޝް އޮންނަނީ މަރުވެފައި އޮތް މައްޔިތެއް ހެންނެވެ. ވެނީލާ އައިސްކްރީމް ނޫން އެއްޗެއް ޒީޝްއަށް އަރުތެރެއިން ދިރުވޭ ކަމަކަށް ނުވެއެވެ. އައިން އާއި ޒިވީން ކިޔާކިޔާވެސް ޒީޝް އޮންނަނީ އެ ނޫން އެއްޗެއް ނުކައެވެ.
ފެހިކުލައިގެ ހެދުމެއް ލައިގެން ރީތިވާން ހުރި ޒީޝްއަށް ނީޝަލް ބަލާލިއެވެ. ދެތިން ގަޑިއިރު ކުރިން ހައިލައިޓްކުރި އުނަގަނޑަށްވުރެ ތިރިއަށް ފައިބާ އިސްތަށިގަނޑުގައި ފުނާ އއަޅާފައި ކިރިޔާ ފާހަގަވާނެ ވަރަށް ލިޕްސްޓިކްކޮޅެއް ޖައްސާފައި ސެންޓު ޖަހައިގެން ޒީޝް ލޯގަނޑު ކުރިމަތިން އެއްފަރާތްވިއެވެ. ބްލޫބެރީ ކުލައިގެ ހެދުމަކާއި އައިސްބްލޫ ޖިންސެއް ލައިގެން ނީޝަލް ހުރީ ހުޅިއެއް ޖަހައިގެންނެވެ. ހުޅީގެ އެއްފަރާތުގައި ބްލޫބެރީ ކުލައިގެ ދަތިކޮޅުތަކެއް ހަރުކޮށްލާފައި ހުރުމުން ނުހަނު ރީއްޗެވެ. އަވި އެޅުމުން އެ ރީތި ދެލޯ ދަޅައަޅަނީ ބަލާ ކޮންމެ މީހެއްގެ ގައިން ހީބިހި ނަގާނެވަރަށެވެ. އަތުގައި ރިހި ކުލައިގެ ދެ އެން އަކުރު ޖަހާލާފައިވާ ކެވެލިކޮޅެއް އަޅާލާފައި ނީޝަލް އެނދުން ތެދުވިއެވެ.
“ދާން ހިނގާ…” ނައިލް އައިސް ބުނެލިއެވެ. “ލިޓްލް ބްރަދަރ.. ނައިލް ވެސް ދަންތަ..؟” ނީޝަލް އެއްސެވެ. “ގޭމް ކުޅޭ ހިތެއް ނެތް.. ދެން މަވެސް ގޮވައިގެން ދޭ… އުނދަގުލެއް ނުކުރާނަމޭ.. މަ ގެންގޮސްފިއްޔާ ދޮންތިގެ އެސައިންމެންޓް އެއްކޮށް ޓައިޕްވެސް ކޮށްދޭނަން..” ޓައިޕްކުރުމަށް މާހިރެއްހާ ފަރިތަ ނައިލް ބުނެލިއެވެ. “ލޮލް މައްސަލައެއް ނެތޭ.. ތިވަރު ނުވިޔަސް ނައިލް ގޮވައިގެންނޭ ދާނީ..” މިލާފައިވާ ޒީޝްގެ މޫނަށް ދިރުމެއް އައުމުން ނައިލް އަދި ނީޝަލްގެ ހިތަށްވެސް ހަމަޖެހުމެއް ލިބުނެވެ. ތިން މީހުން އެކުގައި ދާން ނުކުތުމުން ޒިވީން އާއި އައިން ވެސް އެ ތިން މީހުންނާއި އެކީގައި ހިނގާލަން ދާން ނުކުތެވެ. ޒުކާން އާއި ޓެން ވެސް ގޮވައިގެންނެވެ.
“ނީޝީ… ކުޑާ ފެންބޮވައިގަނެއްޖެ..” ފެންބޮވައިގަނެގެން ޒީޝް ބުނެލިއެވެ. “އެހުރީ ގާތުގައި ފިހާރަ.. އެބަ އަންނަން ފެންފުޅިއެއް ހިފައިގެން..” ނީޝަލް އަވަހަށް ޒީޝް ދިން ފަސް ރުފިޔާގައި ހިފަމުން އެ ފިހާރައަށް ވަންނަން ހިނގައިގަތެވެ. ވަނުމުގެ ކުރިން ނީޝަލްއަށް އެ ފިހާރައިގެ ނަން ބޯޑަށް ބަލާލެވުނެވެ. “ޒެލީ މާރޓް…” ނީޝަލްއަށް މަޑުމަޑުން ކިޔާލެވުނެވެ. އެވަގުތު ބޮލަށް އެރި ތަދުން ނީޝަލްއަށް ހީވީ ވަށައިގެންވާ ހުރިހާ އެއްޗެއް އެނބުރިގަތްހެންނެވެ. ބޮލަށް އެނބުރުން އަރާގޮތްވުމުން ނީޝަލްއަށް އަވަހަށް ފާރުގައި އަތް ޖައްސާލެވުނެވެ. “ޔޫ އޯކޭ..؟” އެވަގުތު ފިހާރައިން ނުކުމެގެން އައި ޒުވާނާ ނީޝަލްގެ އަތުގައި ހިފާއްޓާލިއެވެ. ނީޝަލް މަޑުމަޑުން ބޯ ޖަހާލާފައި އެ ޒުވާނާގެ އަތް ފޮޅުވާލެވުނީ ކީއްވެގެންކަމެއް ނޭނގުނެވެ. އެޒުވާނާ ގާތުގައި ހުރުމުން އެ ޒުވާނާގެ ގައިން ދުވި ލުއި ސެންޓު ވަހަކީ ނީޝަލްއަށް އާ ވަހެއް ނޫންހެންވެސް ހީވިއެވެ. އެ ޒުވާނާއާއި ގާތްވުމުން ސިކުނޑި އަޅާލީ ނުރައްކާތެރިކަމުގެ އެލާމެވެ. ލެވުނުހާ ބާރެއްލާ އެ އަތް ފޮޅުވާލެވުނީވެސް އެހެންވެއެވެ. ނަމަވެސް ނީޝަލްއަށް އެ ޒުވާނާއާއި ދޭތެރޭ ވިސްނާކަށް ވަގުތެއް ނުވިއެވެ. “ނެޒެލީ…” ވައިއަޑުން ނީޝަލްއަށް އެ ނަން ކިޔާލެވުނެވެ. އެ ޒުވާނާ ސިހިފައި ނީޝަލް އާއި ދުރަށް ޖެހުނެވެ.
“އައިމް ފައިން ތެންކިއު..” ބޮލަށް ލުއިވިހާ އަވަހަކަށް އެ ޒުވާނާގެ މޫނަށް ބަލާވެސް ނުލާ ނީޝަލް ފިހާރަތެރެއަށް ވަނެވެ. ސަރޖިކަލް މާސްކެއް އަޅައިގެން މޫނުގެ އެއްބައި ފޮރުވައިގެން ހުރުމުން ރޫހާންގެ ތުންފަތުގައިވާ ކާމިޔާބީގެ ހިނިތުންވުން ފޮރުވިފައިވީ ނަމަވެސް ރޫހާންގެ އެ ފުން ތޫނު ދެލޯ ނުރައްކާތެރި ގޮތަކަށް ވިދާލިއެވެ. އޮޅުމަކުން ނަމަވެސް އެހިތް މިލްކު ކުރެވުނު ހަމައެކަނި އަންހެން ކުއްޖާ އާއި ދިމާވުމުން ރޫހާންގެ ހިތަށް ވަނީ އާދަޔާޚިލާފަށް ފިނިކަމެއް ލިބިފައެވެ. މިފަދަ ގޮތަކަށް ނީޝަލްއާއި ދިމާވެދާނެކަމަށް ރޫހާން ހީވެސް ނުކުރެއެވެ.
ނީޝަލް ފިހާރައިން ނުކުމެ ދެކޮޅު ބަލާލާފައި ކުރިއަށް ހިނގައިގަތެވެ. ނަމަވެސް ފަހަތުން ބަރުގޮނު އަޅާލި ސައިކަލުގެ ސަބަބުން ނީޝަލް ސިހުނެވެ. “ނީޝަލްތަ..؟” ސައިކަލުގައި އަރާ ހަމާކުރި އިޒްކާން ގޮވާލިއެވެ. “އިޒްކާން..” ހިނިތުންވުން ފިލާފައިވާ ނީޝަލްގެ ތުންފަތަށށް ރީތި ހިނިތުންވުމެއް އަންނާކަށް ގިނައިރެއް ނުނެގިއެވެ. “ކޮންތާކަށް ގޮސްލަނީ..” ފުޅާ ހިނިތުންވުމަކާއި އެކީގައި އިޒްކާން އެއްސެވެ. “މަގޭ ކުޑާ، ތިއްތަ، އައިންދައްތަ، ޓެން، ނައިލް އއަދި ޒުކާންކޮއްކޮ އެކީ އަތިރިމައްޗަށް..” ނީޝަލް އިނގިލިތައް ބޭނުންކޮށްގެން ގުނާލާފައި އެހެން ބުނނުމުން އިޒްކާން ގާތަށް ހިނިއައެވެ. “ރަށު އެންމެން އެއްކޮށްވެސް ކިޔާލާނަން ދޯ އަދި އެއްދުވަހަކުން..” އިޒްކާން އެއްސެވެ. “ލޮލް ނޫނޭ..” ނީޝަލްގެ ގާތަށްވެސް ހިނިއައެވެ. “މަ ދާން ވެއްޖެ… އެނޫނީ އައިރީން ރޯނެ… ޔޯގަޓް ނުކެވިގެން މަ ފިހާރައަށްދާން ނުކުތްއިރުވެސް ބޮޑާހާކާފައި އިނީ..” އިޒްކާން ބުނެލިއެވެ. މިއަދު ދެކެވުނު ވާހަކަ ތަކުގެ ތެރެއިން އާއިލާގެ ވާހަކަ އައުމުން އިޒްކާންގެ ފަރާތުން ނީޝަލްއަށް ވަނީ އައިރީން އެއީ އިޒްކާންގެ ކާކުކަން އެނގިފައެވެ. “އަވަހަށް ދޭ… އައިރީން ދެރަކުރާކަށް ނުވާނެ.. މާދަމާ އަދި ދިމާވާން ވާނެ..” ނީޝަލް ބުނެލިއެވެ. “އޮފްކޯޒް މާދަމާ ދިމާވާނެ.. މާދަމާވެސް ދާނަން ކޮލެޖަށްލާން ދާން ހަމަ އެގަޑިއަށް ބަލާ އަންނާނަން… ރެޑީ ވައްޗޭ..” އިޒްކާން އެދުނެވެ.
ތުންފަތުގައި ހަފާލާފައި ބަހަނާއެއް ދައްކާލަން ވެސް ނީޝަލްގެ ހިތަށް އެރިއެވެ. ނަމަވެސް އިޒްކާން އާއި ދޭތެރޭ ހިތުގައި އުފެދިފައިވާ އިހުސާސްތައް ވަރުގަދަކަމުން ނީޝަލްއަށް ދެކޮޅުހަދާކަށް ނުކެރުނެވެ. މަޑުމަޑުން ބޯ ޖަހާލީވެސް އެހެންވެއެވެ. “އަތް ދައްކަބަލަ..” އިޒްކާން އެދުނެވެ. ނީޝަލް ހައިރާންވެފައި ކަނާތް ދައްކާލިއެވެ. އިޒްކާން މަޑުމަޑުން ނީޝަލްގެ އަތާއި ދިމާލަށް ގުދުވިއެވެ. ނީޝަލްގެ ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. އިޒްކާންގެ ނޭވާތައް އަތަށް އެޅެން ފެށުމުން ނީޝަލްގެ ގައިން ހީބިހި ނަގައިގަތެވެ. ދެލޯވެސް މަރާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. “އްމްމްމް.. ސްމެލްސް ގުޑް… ނީޝަލް ޖަހައިގެން ތިހުރީ އައިރީންވެސް އިރެއްގައި ބޭނުން ކުރި ސެންޓެއް ކަންނޭނގޭ..” އިޒްކާން ނީޝަލް އާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލިއެވެ. ނީޝަލްގެ ރަތްވެފައިވާ ދެ ކޯތާފަތް ފެނިފައި އިޒްކާންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. “ދެން ދަނީ.. ބަލައިގެން ދައްޗޭ… ކިޑްނެޕް ކުރާ މީހާ އައިސް ނީޝަލް ކިޑްނެޕް ކުރިއްޔާ މަ ވަރަށް ދެރަވާނެ..” އިޒްކާން ބުނެލިއެވެ. އެ ޖުމްލައިން އެކަނިވެސް އިޒްކާން ނީޝަލްގެ ރައްކާތެރިކަމާއި ދޭތެރޭ ވިސްނާވަރު ހާމަވެގެން ދިޔައެވެ. ނީޝަލް ބޯ ޖަހާލިއެވެ.
އިޒްކާން ސަލާން ކޮށްލަން އަތް ނެގުމުން ހީނލާފައި ނީޝަލް އިޒްކާން އާއި ސަލާން ކޮށްލީ މަޖާވެ ހުރެއެވެ. ހހުދުކުލައިގެ ރީތި ދަތްތައް ފެންނަވަރަށް ހީނލައިގެން ހުރި ނީޝަލްއަށް އިޒްކާންއަށް ބަލަން ހުރެވުނީ ފޫހިކަމެއްވެސް ނެތިއެވެ. ސަލާން ކޮށްފައި އިޒްކާންގެ އަތުން ދޫކޮށްލިވަގުތު ނީޝަލްއަށް އަތަށް ވާންވީ ކަމުގެ އިހުސާސެއް ކުރެވުނެވެ. ނަމަވެސް އެ އިހުސާސާއި ދޭތެރޭ ވިސްނޭވަރަށްވުރެ ބޮޑަށް ނނީޝަލް ހުރީ އުފާވެފައެވެ. އިޒްކާން އެކުރި ސަމާސާ ނީޝަލްއަށް ކަމުދިޔައެވެ.
ހަވީރު ފިންޏަށް ގިނަ މީހުންގެ މަންޒިލަކަށް ވާނީ އެ ރަށުގެ ރީތި އަތިރިމައްޗެވެ. ބިއްލޫރިކޮޅެއްފަދަ މޫދަށް ބަލަހައްޓާއިގެން އެކަނިމާއެކަނި އިންނަ މީހުންނާއި ރައްޓެހިން ގޮވައިގެން ގްރޫޕް ހަދާލާފައި ތިބޭ މީހުން މަދެއް ނޫނެވެ. އާއިލާގެ މެންބަރުންނާއި އެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ ފޮޓޯ ނަގަންދާ ގިނަ ބަޔެއްގެ މަންޒިލަކަށްވެސް ވާނީ އެ ރީތި އަތިރިމައްޗެވެ. ފެހިކަން ގަދަ ގަސްތަކާއި ބައެއް ބާވަތްތަކުގެ މާމެލާމެލިންނާއި ހުއްޓުމެއް ނެތި މިޔުޒިކެއް ފަދައިން އިވެމުންދާ ދޫނިސޫފާސޫފީގެ އަޑާއި ޖެހިލާ އަރާމު ފިނި ވައިރޯޅިން ހިތްހަމަޖެހުން ހޯދަން ބޭނުނން ނުވާނީ ކާކު ހެއްޔެވެ.؟
ޒީޝް އާއި ނީޝަލް ގޮސް ޖައްސާލީ ބޮޑު ގަހެއްގެ ހިޔާ ދަށުގައިވާ ޖޯލިތަކުގައެވެ. ތަފާތު ވާހަކަތައް ދައްކައިގެން ޒީޝް ހިތްހަމަޖައްސާލަދެވޭތޯ ނީޝަލް މަސައްކަތް ކުރިއެވެ.
“ލިޓްލް ނެފިއު.. މައި ސްވީޓް ނައިލް..” ޒީޝް ވަރަށް ލޯބިން ގޮވާލުމާއި އެކީގައި ނައިލް މޫނު ކުނިކޮށްލިއެވެ. އެންމެންވެސް އޭނާއަށް އެހާ ލޯބިން ގޮވާ އުޅެނީ ކަމެއް ބޭނުންވީމައިކަން އެނގޭތީއެވެ. “ޕޮޕްކޯން ގަނެދޭން ދޭބަލަ…” ޒީޝް ތިރީސް ރުފިޔާ ދެމުން އެދުނެވެ. “އަޅޭ މަ އެކަނިތަ..؟” ނައިލް އެއްސެވެ. ދެކޮޅު ހޯދާލާފައެވެ. އަދިވެސް އެ އަންހެންކުއްޖާގެ ޚިޔާލު ނައިލްގެ ބޮލުގައި ތަތްލަވާފައިވާކަން ނީޝަލްއަށް އެނގުނެވެ. “އަޅޭ ތިހާ ބިރުގަންނާކަށް ނުވާނެޔޭ.. ފިއުޗަރގައި ނައިލް އުޅޭނީވެސް ހަމަ އަންހެންކުއްޖަކާއި އެކީގައެއްނޫންތަ..؟” ނީޝަލް ބުނެލިއެވެ. “މަ ބިރެއް ނުގަނޭ..” ނައިލް އެވަރުންވެސް އެއްބަހެއް ނުވިއެވެ. “ޕްރޫވް އިޓް..” ޒީޝް ހުރީ ޕޮޕްކޯން ކާހިތްވެފައިކަމުން ނައިލްއަށް ދޫދޭކަށް ބޭނުމެއް ނުވިއެވެ. “ޔެސް އައި ވިލް..” ނައިލް ތެދުވެ ދެތިން ފިޔަވަޅު ކުރިއަށް އެޅިއެވެ. އަދި އަނބުރާ އައެވެ. “ޓެން މަށާއި އެކީ ފޮނުވަންޏާ..” ނައިލް ޝަރުތު ކަނޑައެޅިއެވެ. “ގެންދޭ.. އެކަމަކު ޓެންއަށް ގެއްލުމެއް ވިއްޔާ ނައިލްއަށް ވެސް އެ ގެއްލުން ވާނެކަން ހަނދާން ބަހައްޓާތި..” ހިނިތުންވެފައި ހުރެ ޒީޝް އިންޒާރު ދިނެވެ.
ނައިލް ގޮވާލުމާއި އެކީގައި އެ ބުނާ އެއްޗެއް އެނގޭ ފަދައިން ޓެން ނައިލްގެ ފަހަތުން ހިނގަންފެށިއެވެ. ނައިލް ޕޮޕްކޯން ވިއްކާ ތަނާއި ކައިރިވީއިރު މިއުޅެނީ ދުނިޔެއިން އޭނާއަށް ލިބޭނެ އެންމެ ބޮޑު އެއް ‘ހާޓްއެޓޭކް’ ލިބެން ކަމެއް ނޭނގެއެވެ.
އިޒްކާން ގޮސް ގެއަށް ވަދެ އައިރީން އާއި ގަތް ޔޯގަޓް ތަށިތައް ހަވާލު ކޮށްފައި ކޮޓަރިއަށް ވަނެވެ. “ނޮޓް އެގެއިން..” އިޒްކާންގެ ގާތަށް ހިނިއައީ ޓީޝާޓްގެ އަތުކުރީގައި އެޅިފައިވީ ކެވެލިކޮޅު ފެނިފައެވެ. “ނީޝަލްއަށް މި ފެންނަ ދުވަހުން މަށާއި ދިމާލަށް ވަގެކޭ ކިޔާ ގޮވަން ވެސް ފަހެއް ނުޖެހޭނެ..” އިޒްކާން އަލަމާރިއާއި ގާތަށް ޖެހިލަމުން އޭގެ ދޮރު ހުޅުވާލާފައި ނެގީ އޯވަލްއެއްގެ ބައްޓަމަށް ހުރި ކުޑަ ފޮއްޓެކެވެ. އޭގެ ތެރޭގައި ހުރި އެއްޗެހި އިޒްކާން އެނދުމައްޗަށް އޮއްސާލިއެވެ.
އޭގެ ތެރެއިން އެކަތި އެއީ ރަނާގެ މަންމަ، އިޒްކާންގެ މާމަ މަރުވުމުގެ ކުރިން އިޒްކާންއަށް ދިން ރިހި ކުލައިގެ އަނގޮޓިއެކެވެ. އެއީ މާމަގެ ފިރިމީހާ، ރަނާގެ ބައްޕަ، އިޒްކާންގެ ކާފަ މާމައަށް ކައިވެނި ކުރި ރޭ ހަދިޔާއަކަށް ދިން އެއްޗެއް ކަމަށް މާމަ ބުނެދީފައިވެއެވެ. ދެން އޮތީ ކަޅުކުލައިގެ ރޮދިފަށަކުން ގަތާފައިވާ ފަށެކެވެ. އޭގެ ފުލަށް ލާފައިވާ ބޮޑު ބޮޅަށް ބަލާލާފައި އިޒްކާންއަށް ހެވުނެވެ. އެއީ އޭނާގެ ފަނަރަ ވަނަ އުފަންދުވަހަށް ހިޔާންގެ ފަރާތުން ލިބުނު ހަދިޔާއެކެވެ. ދެން އޮތީ ތިން ލޮކެޓްލާފައިވާ ފަށެކެވެ. އެއީ ލިޔާން އިޒްކާންއަށް ހަދިޔާކުރި ފަށެކެވެ. އިޒްކާންއަށް މިދިޔަ ދުވަސްތަކުގައި ލިބުނު ނީޝަލްގެ ކަންފަތުލާ އެތިކޮޅާއި، ކެވެލި ކޮޅު އޭގެތެރެއަށް ލިއެވެ. އަދި މިއަދު ލިބުނު ކެވެލިކޮޅިވެސް އޭގެތެރެއަށް ލިއެވެ. ކުރިން އޭގެތެރޭ އޮތް ސާމާނުތައް އަނބުރާ އެއަށް ލާފައި އިޒްކާން އެ ފޮށި ފޮރުވާފައި އެނދަށް އެރިގޮތަށް ފޯނާއި ކުޅެން ފެށިއެވެ.
“ނެފިއު ހާދަ ލަސްވެއްޖެޔޭ..” ޕޮޕްކޯން ގަންނަން ފޮނުވި ނައިލް ފަނަރަ މިނެޓް ވީއިރުވެސް އަނބުރާ ނައުމުން ޒީޝް ބުނެލިއެވެ. “އަސްލުވެސްދޯ.. އަހަރެން އަންނާނަން ނައިލް ކޮބާތޯ ބަލާލާފައި…” ނީޝަލް އަވަހަށް ތެދުވެގެން ހިނގައިގަތެވެ. ޕޮޕްކޯން ވިއްކާ ތަނުގެ ކުރިމައްޗަށް އަރާފައި ނީޝަލްއަށް ހުއްޓެން މަޖުބޫރުވީ ފެނުނު މަންޒަރުންނެވެ. ބޭއިޚްތިޔާރުގައި އަނގަމަތީ އަތް އެޅުނުއިރު ނީޝަލްގެ ދެލޯ ފެންކަޅިވިއެވެ.
= ނުނިމޭ =
4 Comments!
Comments are closed.
Vrh Sali mi part vxxx ❤️❤️❤️
Masha Allah❤️❤️❤️❤️
Hama vrh Sali ❤️❤️❤️❤️❤️❤️
Kaian aa avleen Hama heevany still young couple eh hen so cute❤️❤️❤️❤️❤️❤️❤️
Hahahahaha hooryn vsss dhw???????????? eyy Ril mena vxxx vaavarey filaa valeh deyirah teacher aaa e filaa valaa dhimaalah fathivaru govany ???hhahhahahahahah?????????????????????
Izkaan vaane kaneyge duvas kolakun jewellery vihkaa meehakaa hahah???????❤️❤️❤️❤️???????
Neeshal ge hurihaa jewelry thakeh vee esoru athugaa veehya hahahhahah???????????????❤️❤️❤️❤️❤️
Nail ah keevee baa heart attack eh libey varu vaan vee????????
And nail hoodhan dhiya neeshal ge deloo fenkalivee keeve baaa so curious❤️❤️???????????
Waiting for the next part ingeyy ❤️❤️❤️?
Love u sooo much Yoon❤️❤️❤️❤️❤️
Stay safe and take care ❤️❤️❤️❤️
Aww thank u so much Ril dear ?✨? ahaha yesh dhw kai n Av never changed 😀 Ahahaha I also sometimes do get unhappy when there are lots of works n Assignments 😀 Ahahaha lol yess dhw Izkaan will open a jewellery one day 😀 ? Lets see dhw why Nyle ah heart attack eh libeyvaru vaan jehunee keehvegenkan ?✨? We’ll see why nysh got teary eyed too 😀 Yesh keep waiting Insha allah next part on 27th December 2020 ge afternoon ge kurin ingeii.. Luv u a lot more nd more Ril ?✨?✨? U stay safe too ingeii dearss ?✨? nd take gud care ?✨?
varah varah salhi.. eh bai thankolhu kolhu kiaafa hama hinigadeh nujaha noa vevey.. so funny ? And nyshal ge varah bodu past eh oi hen heevey.. So curious.. Lysm yoon and waiting 4 the next
Thanks a lot Motivation Angel ?✨? Ahahahaha I am so glad u liked them 😀 Yesh dhw vrh bodu past eh eba oiyh hen dhw heevany 😀 Luv u more dearlss ?✨?✨? Keep waiting insha allah won’t take a long time 😀 Once again tysm Motivation angel ?✨?