
އެކުއްޖާ 2 – 9
* އެނދު ކައިރީ ހުރި މޭޒު މަތީގައި ދެ ނޫޑްލްސްތަށި ބަހައްޓަމުން ރޫހާން އިށީނދެ އެ އަންހެން ކުއްޖާގެ ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލާފައި އެ އޮމާން ކޯތާފަތުގައި ތުންފަތް ޖައްސާލީ އެ އަންހެން ކުއްޖާ ނުވެސް ވިސްނާ ހުއްޓައެވެ. ކަރަންޓުގައި ޖެހުނު ފަދައިން އެ އަންހެންކުއްޖާ ރޫހާން އާއި ދުރަށް ޖެހުނެވެ. “ނެޒެލީ…” ރޫހާން ގޮވާލިއެވެ. *
ނެޒެލީއޭ ކިޔާ ރޫހާން ވާހަކަ ދެއްކި އަންހެންކުއްޖާ ފުރަތަމަ ފަހަރަށް އިސްއުފުލާ ބަލާލިއެވެ. ވަރުދެރަ އެ މޫނުމަތިން ހިތާމަވެރިކަން ނޫން އެއްޗެއް ނުފެނެއެވެ. “ޒެލީ.. ކާން ފަށާބަލަ..” ރޫހާން އޭނާގެ ނޫޑްލްސް ތަށި ހުޅުވާލަމުން ބުނެލިއެވެ. ނެޒެލީ ވަގުތުން ފަސް ޖެހުނެވެ. ކުރިމަތީގައި ބަހައްޓާފައި ހުރި ނޫޑްލްސް ތައްޓަށް ވެސް ނެޒެލީ ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ. ނެޒެލީ ހުރިގޮތް ފެނި ރޫހާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް އައެވެ. ލުއި ނަމަވެސް މަކަރުވެރި ހިނިތުންވުމެކެވެ. “މަ ތިޔަށް އެއްވެސް ގޮތެއް ނުހަދަން..” ކާން ފަށަމުން ރޫހާން ބުނެލިއެވެ. ނެޒެލީ މަޑުމަޑުން އިނދެ އިނދެފައި ކާއެއްޗެހިން ރަހަ ބަލާލިއެވެ.
ނީޝަލް ގައި ފޮޅާލަމުން ތެދުވިއެވެ. އަރައިގެން ހުރި ފައިވާން އަތުން ހިފާއްޓާލައިގެން ރާޅުތަކުގެތެރޭ ގައި މަޑުމަޑުން ހިނގާލާފައި ނީޝަލް ދިޔައިރު ނީޝަލް ހިތްހަމަޖެހިފައިވާވަރު އިޒްކާންއަށް އަންދާޒާ ކުރެވުނެވެ. ފްރާންސްގައި ހުރެގެންވެސް ނުކުރެވޭ އުފާވެރި އިހުސާސް ނީޝަލްއަށް ކުރެވުނެވެ.
އައްޔެއް އެޅުމުން ލޯ މަރާލާފައި ނީޝަލްއަށް ފަހަތް ބަލާލެވުނެވެ. އޭރު އިޒްކކާން ފޮޓޯ ނަގަނީއެވެ. “ދެން ސާބަހޭ..” ނީޝަލް ރަކިވިއެވެ. “ދެން ސާބަހޭ..!” އިޒްކާންވެސް ނީޝަލް އެހެން ބުނި ރާގުގައި އެހެން ބުނެލިއެވެ. އަދި ފޮޓޯ ނެގުމައިގެން ކުރިއަށް ދިޔައެވެ.
“ހަމަ ރޯމިއޯ އާއި ޖޫލިއެޓްގެ ސީންއެއް…” އެމަންޒަރު ބަލަން ހުރެފައި އާހިލް ބުނެލިއެވެ. “ނިމުން އަންނާނީވެސް ރޯމިއޯ އާއި ޖޫލިއެޓްގެ ގޮތަށްހެން މަށަށް ހީވަނީ..” ގާތުގައި ހުރި އަންހެންކުއްޖާގެ އުނަގަނޑުގައި އަތްއަޅުވާލައިގެން ހުރެ ފައިލަމް ބުނެލިއެވެ. ”ގަރލް.. ގޯ ހޯމް…!” އާހިލް ފޫހިވެފައި ހުރެ އަމުރުކޮއްލުމުން އެއަންހެންކުއްޖާ އަވަހަށް ފައިލަމްގެ އަތުން ނެއްޓިގެން އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ހިނގައިގަތެވެ.
“އޭތް ނީޝަލް.. ނީޝަލްގެ ތިއްތަބޭގެގާތުގައި ބުނާތި ޕޮލިހުން މަށަށް ޖާގައެއް ހޯދަދޭން ޓްރައިއެއް ދެއްޗޭ.. ނޫނީ މާދަމާ ތިއްތަބެ ލާން އައީމައި މަ ބުނެފާނަން…” ހޫރީން ބުނެލިއެވވެ. “ތިއްތަބޭގެގާތު އަހަރެން ބުނެފާނަމޭ.. ތިއްތަބޭގެ ނައިޓް ޑިއުޓީ އޮންނާތީ މަ މާދަން އަންނަނީ ހިނގާފައި…” ނީޝަލް އެހެން ބުނެލިއަޑު އަހާފައި ހޫރީން ބަލާލީ އިޒްކާންއާއި ދިމާލަށެވެ.
“ކޮބާ.. އިޒްކާން އެއްޗެކޭ ނުބުނާނަންތަ..؟” ހޫރީންގެ އެބެލުމުން އިޒްކާންއަށް ހީވީ އެހެން ބުނަން ހޫރީން އުޅުނުހެންނެވެ. “އަހަރެން ގޮސްފާނަން ލައިދޭން..” އިޒްކާން އެހެން ބުނެލުމުން ހޫރީން ކުޑަކޮށް ހިނިތުންވެލާފައި ފުންނޭވާއެއް ދޫކޮއްލިއެވެ. “ގްރޭޓް.. އަހަރެން ތިދެމީހުން އަންނަންދެން ގޭޓް ދޮށުގައި މަޑުކުރާނަން.. ދެން ގަޑި ނުޖެހޭތި..!” ހޫރީން އެހެން ބުނެ ނިންމާލީ ނީޝަލް އެކަމާއި ދެބަސްވާން އެއްވެސް ފުރުސަތެއްނުދީއެވެ. “އޯކޭ..” ނީޝަލް އެއްބަސްވުމުން ހޫރީންއާއި އިޒްކާން ވީ ހައިރާނެވެ. ދެމީހުންވެސް ހީކުރީ ކޮންމެވެސް އުޒުރެއް ދައްކާފައި ނީޝަލް ނުދާން އުޅޭނެކަމަށެވެ. “އޯކޭ.. ދޮންބެގާތު ބުނައްޗޭ އިޝާނަމާދަށްފަހު މަ އަންނާނޭ އިނގޭ..” ހޫރީންއާއި ދިމާލަށް ބަލާލާފައި އިޒްކާން ބުނެލިއެވެ. “އޯކޭ..” ހޫރީން ބުނެލިއެވެ.
އަތިރިމަތީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާފައި ނީޝަލް ގޮވައިގެން އިޒްކާން ގެއަށް ދިޔައީ ސައިކަލުގައެވެ. “ދީބަލަ…” ނީޝަލް ސައިކަލުން ފައިބާފައި އިޒްކާންގެ ގާތުގައި އެދުނެވެ. “ކޯޗެއް ދޭންވީ..؟” އިޒްކާން އެހެން ބުނެލިގޮތުން ހީވީ ކޮންމެ އެއްޗެއް ވެސް ދޭން މިހުރީ ތައްޔާރަށޭ ބުނެލި ހެންނެވެ. “އައިޑީ… އިންސްޓާގެ..” ނީޝަލް ބުނެލިއެވެ. އިޒްކާން ހިތާހިތުން ހިނިތުންވެލާފައި ނީޝަލްއަށް އޭނާގެ އައިޑީ ބުނެދިނެވެ. އިޒްކާން އެހެން ބުނެލާފައި ލޯގަނޑުން ނީޝަލްގެ މޫނަށް ބަލާލިއެވެ. އެތުންފަތުގައިވާ ހިނިތުންވުން އަބަދުގެ އަބަދަށް ދެމިގެންދާނެކަމަށް އިޒްކާންއަށް ދުއާ ކުރެވުނެވެ.
ނީޝަލް ގެއަށް ވަތްއިރު ނައިލް ސޯފާގައި ގުޅަވެލައިގެން އޮތެވެ. ނިޔަފަތި ކާށެވެ. ނައިލް ނިޔަފަތި ކާނީ ވަރަށް ހާސްވެގެންކަން އެނގޭތީ ނީޝަލް ކޮޓަރިއަށް ދިޔުމުގެ ކުރިން ނައިލްގެ ކައިރީގައި އިށީނެވެ. “ކިހިނެތްވީ..؟” ނީޝަލް އެއްސެވެ. “އެއްކަލަ އަންހެން ކުއްޖާ…..” ނައިލް ވަނީ ހާސްވެގެން ގޮސް ނޭވާކުރުވެފައެވެ. “ކޮން އަންހެން ކުއްޖެއް..؟” ނީޝަލްއަށް އޮޅުނެވެ. “މިކޮޅަށް އައި ފުރަތަމަ ދުވަހު މަގޭ ގައިގައި ލައިގަތް ކުއްޖާ..” ނައިލް ކުރުކޮށް ނަމަވެސް ކިޔާދެވޭތޯ ބެއްޔެވެ. “އެކުއްޖާ ކިހިނެތްވީ…؟” ނީޝަލް އެއްސެވެ. “މިއަދު ހަވީރު ތިއްތަ ބުނެގެން ފިހާރައަށް ދިޔަތަނާ ހަމަ އެ އަންހެން ކުއްޖާގެ ގައިގައި ލައިގަތީ… މިހާރު އެ ކުއްޖާ ހުރީ ރަތަށް އަރާފައި.. އޭނަ ހީކުރަނީ މިހާރު މަ މިއީ ސްޓޯކާރއެއް ކަމަށް…” ނައިލް ކިޔައިދިނެވެ. “އެކަމާ ބިރުން ތި އިނީ..؟” ނީޝަލް އެއްސެވެ. “ކާކު ބުނީ މަ މީނީ ބިރުންނޭ..؟” ހާސްވެ ބިރުން ފިތްކަނޑައިގެން ދާވަރުވެފައި އިން ކަމުގައިވިޔަސް ނައިލް ބިރުގަނެފައި އިންކަމަކަށް އެއްބަހެއް ނުވިއެވެ.
“އޯކޭ… އެކުއްޖާ ކައިރީ އެކްސިޑެންޓެކޭ ބުނިނަމަ..” ނީޝަލް ތެދުވަމުން ބުނެލިއެވެ. “ބުނީމޭ ބުނީމޭ.. ތިހެން ވެސް ބުނީމޭ.. އޭނަ ނުކުރި ގަބޫލެއް… ބޯހަރު އަންހެން ކުދިންނަކީވެސް އުޅޭ ބަޔެއްތާ…” ނައިލް ބުނެލިއެވެ. “ލޮލް ނައިލް ޔޫ މައިޓް އެންޑް އަޕް ފޯލިންގ ފޯރ ހާރ..” ނީޝަލް ކޮޓަރިއަށް ވަންނަމުން އެހެން ބުނެލީ ނައިލްއަށް ޖެއްސުންކޮށްލާ ހިތްވެފައި ހުރިވަރުންނެވެ. ނީޝަލް އެހެން ބުނެލުމުން ނައިލް ލޯ އަޅާލި ގޮތަށް ފުންމައިގެން ތެދުވިއެވެ. “ދޮންތާ ޔުއަރ ޑެޑް…!!!” ނައިލް ސޯފާމަތީގައި އޮތް ޒުކާންގެ ޓެޑީ ނަގާ ނީޝަލް އާއި ދިމާލަށް ހހޫރާލިއެވެ.
ނީޝަލް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮށްލައިގެން މަޣްރިބް ނަމާދު ކޮށްފައި ބާކީ ނުނިމި ހުރި ފިލާވަޅުތައް ނިންމަން އިށީނެވެ. އޭރުވެސް ޒީޝް އޮތީ ނިދާފައެވެ. ޓެން ވެސް އާދައިގެމަތިން ޒީޝް ގާތުގައި އޮތެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލާފައި ނީޝަލް ގަލަން ނަގާ ފިލާވަޅުތައް ނިންމަން ފެށީ ގަޑިއަށް ބަލާލާފައެވެ. ގަޑިން ހަތްގަޑި ފަނަރަ ވީއިރު ނީޝަލް ފިލާވަޅުތައް ހަދަންފެށީ އިޝާ ނަމާދަށް ގޮވުމުގެ ކުރިން ފިލާވަޅުތައް ނިންމޭތޯއެވެ.
“ހަލޯ..؟” ފޯނު ރިންގުވާން ފެށުމުން އިޒްކާން ފޯނު ނެގިއެވެ. “ޔޯ…” އެކޮޅުން އައިހަމްގެ އަޑު ޖެހުނެވެ. “ހޭ.. ކިހިނެތްވީ..؟” އިޒްކާން އެއްސެވެ. “ޔާން ބުނީ މިރޭ ނުވައެއް ނުޖަހަނީސް އެއްކަލަ ތަނަށް ދައްޗޯ…” އައިހަމް ބުނެލިއެވެ. “މިރޭ…؟ ކީއްކުރަން..؟” އިޒްކާންއަށް އަހާލެވުނެވެ. ހިޔާން ‘އެއްކަލަ ތަނަށް’ ދާނީ އެންމެ މަގުސަދެއްގައި ހުރެކަން އެނގިހުރެވެސް އިޒްކާންއަށް އެހުނެވެ. “ދެން މަގޭ ގާތު ނާހަބަލަ… ކަލޭ މިރޭ އައީމަ އެނގޭނެއެއްނު…” އައިހަމް ފޯނު ކަނޑާލީ އިޒްކާން އިތުރަށް އެއްޗެކޭ ނުބުނަނީހެވެ. އަވަސްއަވަހަށް އިޒްކާން ބެލީ އާހިލަށް ގުޅޭތޯއެވެ. “ކީކޭ ބްރޯ..؟” ގުޅިހާ އަވަހަށް އާހިލް ފޯނު ނަގައިފިއެވެ. “ބްރޯ.. ކަލޭ މިރޭ އެއްވެސް ތަނަކަށް ދަންތަ..؟” ހިތްއަވަސްވެފައި ހުރެ އިޒްކާން އެއްސެވެ. “އަދި ނެތް އެއްވެސް ޕްލޭނެއް.. ކިހިނެތތްވީ..؟” އާހިލް ‘އެއްކަލަ ތަނަށް’ ނުދާކަން އެނގުމުން އިޒްކާންއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. “އެހެންވިއްޔާ ކަލޭ އަވަހަށް ކިޔަވަން އުޅޭ… އައި… މިބުނީ އައިރީން ބުނި މާދަމާ ފިޒިކްސް ޓެސްޓެއް ނަގާނެ ވާހަކަ..” އިޒްކާން ބުނެލިއެވެ. “އޭ ހުވާ..؟ ބްރޯ ކަލޭ ސީރިއަސް..؟” އާހިލް އެއްސެވެ. “އާނއެކޭ… ދެން އަނެއްކާ ޓެސްޓުން ސުމެއް ހޯދައިގެން އަންނާނީކީއެއްނޫން އިނގޭ..” އިޒްކާން ފޯނު ކަނޑާލުމުގެ ކުރިން ބުނެލިއެވެ. އެނދުމައްޗަށް އުއްޑުން ވެއްޓިގަނެ އިޒްކާންއަށް ނިތްކުރިމަތީގައި އަތް ބާއްވާލެވުނެވެ. “ޔާން މިފަހަރުވެސް..؟” އިޒްކާން އޮތީ ބޯގޮވާވަރުވެފައެވެ.
“ހައިނާއަށް ގުޅަންވީއެއްނު..؟ ނޫނީ އިކުވާން ނޫނީ ރަނާ ނަމަވެސް މީހަކަށް..؟” ކާން އިނދެފައި އަވްލީން ބުނެލިއެވެ. “ހްމްމް… އެކަމަކު އަވް އަހަރެން ހަމަ ހައިރާންވެއްޖެ.. ނީޝް ހޯދުމުގެ ބޭނުމުގައި ރޫހާން ރާއްޖެ ދިޔައީމައި…” ކައިޔަން ބުނެލިއެވެ. މޭޒުމަތީގައި ހުރި ސްޕްރައިޓް ތަށިން ކޯވަރެއް ބޯލަމުންނެވެ. “ގިވްއަޕް ނުކުރާ މީހުންވެސް އުޅޭނެދޯ.. ދޭ ފައިޓް ފޯރ ދަ ވަން ދޭ ލަވް…” އަވްލީން ބުނެލިއެވެ. “އަވަހަށް ޗުއްޓީ ހަމަޖެއްސޭތޯ އުޅެންވީ އަވް ވެސް… އަހަރެމެން ނީޝަލް ރާއްޖެއަށް ފޮނުވީވެސް ރޫހާންއަށް ފޮރުވަންވެގެން.. އޭނާއަށް ކިހިނެތްބާ އެނގުނީ ނީޝަލް ފޮނުވީ ރާއްޖެއަށް ކަން..؟” ކައިޔަން އެއްސެވެ.
“އަހަރެންނަކަށްވެސް ނޭނގޭ… އެކަމަކު ރޫހާން ނީޝްއަށް ހެދިގޮތް އެންމެ ރަނގަޅަށް އެނގޭނީ އަހަރެމެން ދެމީހުންނަށާއި މާޔާ، ޒެލީ އަދި ނައިލްއަށް އެކަނި ވިއްޔަ..” އަވްލީން ބުނެލިއެވެ. “ޒެލީ ކޮބައިތަ މިހާރު..؟” ކައިޔަން އަހާލިއެވެ. “ޒެލީގެ ޚަބަރެއް ނުވާތާ މިހާރު ފަސްވަރަކަށް މަސް އެ ވަނީ…” އަވްލީންވެސް ނެޒެލީގެ މަތިން ހަނދާންވިއެވެ. “އެކަމް މިހާރު ނީޝްއަކަށް ނޭނގޭނެއެއްނު ޒެލީއަކީ ކާކުކަމެއް..” ކައިޔަން ބުނެލިއެވެ. “ކައި ލެޓްސް ސްޓޮޕް ޓޯކިންގ އަބައުޓް ދެޓް..” ކައިޔަން ފެށި ވާހަކައިން އަވްލީންއަށް އުނދަގޫވާގޮތްވިއެވެ. “އޯކޭ.. އަވް ޗުއްޓީ ލިބޭތޯ ބަލާތި އިނގޭ…؟” ކައިޔަން ކައި ނިމިގެން ތެދުވަމުން ބުނެލިއެވެ. “ބަލާނަން..” އަވްލީން ކޭތަށިތައް ނަގަމުން ބުނެލިއެވެ. އަތްދޮވެލައިގެން ކައިޔަން މިސްރާބުޖެހީ ކޮޓަރިއަށް ވަންނާށެވެ.
ރޭގަނޑުގެ ކެއުން ކައި ނިމުނުހާ އަވަހަކަށް އިޒްކާން ތެދުވިއެވެ. “އިޒްކާން… އައިރީން ސްކޫލަށް ލައިދޭން ދޭބަލަ.. މަންމަ މިއުޅެނީ ސެލޫނަށް ދާންވެގެން…” ތަށިތައް ދޮންނަން ހުރި ރަނާ އެދުނެވެ. “އައި ކީއްވެގެން މިރޭ ސްކޫލަށް ދަނީ..؟” އިޒްކާން އެއްސެވެ. “މާދަން ޓެސްޓު އޮންނާތީ އެކްސްޓްރާ ކްލާހަކަށް..” އިސްޓާކީނަށް އަރަމުން ނުކުތް އައިރީން ބުނެލިއެވެ. ”އަވަސްކުރޭ..” ގަޑި ބަލާލާފައި އިޒްކާން ބުނެލިއެވެ. އޭރު އަށްގަޑި ބައިވާން ހަ މިނެޓް އޮތެވެ. އައިރީން ބޫޓަށް އެރުމުން އިޒްކާން އަވަހަށް އައިރީން ގޮވައިގެން ސްކޫލަށް ލާން ދިޔައެވެ. ސްކޫލް ގޭޓްދޮށުގައި މަޑުކޮށްލަމުން އިޒްކާން ދެކޮޅު ބަލާލީ އާހިލްގެ ހިލަމެއް ވޭތޯއެވެ. “ތި ކްލާސް އެންމެންވެސް މިރޭ އެކްސްޓްރާ ކްލާހަށް އާދޭ ދޯ..؟” އިޒްކާން އެއްސެވެ. “އަންނަން ބޭނުންވާ މީހަކު އަންނާނެ.. ގައިމުވެސް ސަރ ބުނި އެންމެން ވެސް އަންނައްޗޭ..” އައިރީން ދަބަސް އަޅުވަމުން ބުނެލިއެވެ. “ބާއި ދޮންބޭ..” ކުދިންތައް ކްލާހާއި ދިމާލަށް މިސްރާބު ޖެހުމުން އައިރީން އިޒްކާންގެ މުލައްދަނޑީގައި ކުޑަކޮށް ބައްދާލާފައި އެތެރެއަށް ދުއްވައިގަތެވެ.
އިޒްކާން ދެން ދުއްވާލީ އައިހަމް އިރުކޮޅެއް ކުރިން ބުނި ‘އެއްކަލަ ތަނަށް’ ދދިޔުމަށެވެ. އެއީ އެރަށު ގައި ފަޅަށް ހުންނަ ގެއެކެވެ. ހިޔާންގެ ޖަގަހައެވެ. އިޒްކާން މަޑުމަޑުން ގޮސް އެތަނާއި ތަންކޮޅެއް ދުރުގައި ސައިކަލު ޕާރކު ކޮށްލާފައި ގޮސް އެތެރެއަށް ވަނެވެ. “އައްދިއްޔޯއި..!!” މީހަކު އޭނާގެ ބޮލުގައި ޖެހުމުން އިޒްކާންއަށް ވީތަދުން އެނބުރި ބަލާލެވުނީ އެކަން ކުރި މީހެއްގެ ބޯ ދުޅަކޮށްލާނަމޭ ހިތާއެވެ. ނަމަވެސް ފަހަތުގައި އާހިލް ހުރުމުން އިޒްކާން ހާސްވާގޮތްވިއެވެ. “ކަލޭ ބުނީމެއްނު މިރެއަށް އެއްވެސް ޕްލޭނެއް ނެތޭ..؟” އިޒްކާން ވައިއަޑުން އެއްސެވެ. “މަ ބުނީ މިރެއަށް އަދި އެއްވެސް ޕްލޭނެއް ނެތޭ..” ‘އަދި’ މި ބަސް އާހިލް ތަންކޮޅެއް ބާރަށް ކިޔާފައި ޖުމމްލަ ނިންމާލިއެވެ. “އެކަމަކު…” “ކަލޭ ފޯނު ކަނޑާލިފަހުން އައިހަމް މަށަށް ގުޅީ..” އާހިލް އިޒްކާންއަށް ފުރުސަތެއް ނުދީ އެއްނޭވާއިން ކިޔާލިއެވެ. “ކީއްވެގެން ސްކޫލަށް ނުދިޔައީ..؟” އިޒްކާން އެއްސެވެ. “އެއީ ދާހިތް ނެތީމަ..” އާހިލްގެ ޖަވާބު ކުރެވެ. “މާދަމާ އޮތް ޓެސްޓޯ..؟” އިޒްކާން އެއްސެވެ. “ބަލަ އެހެންވެޔޭ މަ މިތަނަށް މިއައީ ފިޒިކްސް ފޮތް ހިފައިގެން..” އާހިލް އަތުގައި އޮތް ފޮތް ދައްކާލިއެވެ. އާހިލް އެއައީ އިޒްކާން ކުރާނެ ކޮންމެ ސުވާލަކަށް ތައްޔާރުވެގެންކަން އެ ފޮތް އަންގައިދިނެވެ. “ސްކޫލަށް ނުދަންޏާ ޔުނީފޯމް ލައިގެން ތިއައީ ކީއްވެ..؟” އިޒްކާން އެއްސެވެ. “މަންމަ އަވަހަށް ބޭރަށް ފޮނުވާނީ މިހެންކަމަށް ވީމައި..” އާހިލް ހިނިގަނޑެއް ޖަހާލިއެވެ. ހިޔާން މިރޭ ކުރަން އުޅޭ ކަންތައް މަތިން ހަނދާންވުމުން އިޒްކާން އާހިލްގެ އަތުގައި ހިފާ ދަމާ ކޫއްތަމުން ކަހަލަ ގޮތަކަށް ވަތް ދޮރާއި ދިމާލަށް މިސްރާބު ޖެއްސެވެ. “މިރޭ ކަލޭ މިތާ ނުހުއްޓަސް އޯކޭވާނެ.. އަވަހަށް ދޭ އެކްސްޓްރާ ކްލާހަށް..” އިޒްކާން ބުނެލިއެވެ. “ކަލޭ މޮޔަވީތަ..؟ މަގޭ ގައިން ދޫކުރޭ..” އާހިލް އިޒްކާންގެ އަތުން ވީއްލިގަނެވޭތޯ ބެއްޔެވެ. “މިބުނީނު ދޫކޮށްލާށޭ..!؟!؟” އާހިލް ކުއްލިއެއް ޖަހާފައި އިޒްކާންގެ އަތުން ވީއްލިގަތް ވަގުތާއި ދޮރު މަތީގައި ފައިލަމާއި އައިހަމް ހުއްޓުނު ވަގުތު ވެގެން ދިޔައީ ދާދި އެއް ވަގުތަކަށެވެ.
“ކަލޭމެން ދެމީހުން އައީތަ..؟” ފައިލަމް އެއްސެވެ. އޭރު ފައިލަމްގެ ގައިގައި ތަތްވެގެން ކަހަލަގޮތަކަށް އަންހެން ކުއްޖަކު ހުއްޓެވެ. “ހްމްމް..” ބުނާނެ އިތުރު އެއްޗެއް ނޭނގުމުން އިޒްކާން ބުނެލިއެވެ. “ހިޔާން ވެއްޖެ އެތެރޭގައި… ދޭބަލަ ވަންނަން…” އައިހަމް އާހިލްގެ ކޮނޑަށް އަތް ވައްޓާލައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އިޒްކާން ހާސްވިއެވެ. އާހިލް މިތަނަށް ނައިސްވޭތޯ އިޒްކާން ބެލީވެސް އަލުން ހިޔާން ކުރާ ކަންތައްތައް އާހިލްއަށް ނުދެއްކުމަށްޓަކައެވެ. މީގެ ކުރިން ދެ ފަހަރަކު ވެސް ހިޔާން އެ ކުށެއްނެތް ދެ އަންހެން ކުދިންނަށް ޖެއްސި ހާލާއި ކުރި އަނިޔާތައް އާހިލްއަށް ވަނީ ފެނިފައެވެ. އިޒްކާން އިރުކޮޅަކު އެތަނުގައި ހުރެހުރެފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ.
“ހެހެ އާދެވިއްޖެދޯ…” ހިޔާން ހިނިގަނޑެއް ޖަހާލިއެވެ. އެތާ ރަހުމުކުޑަ ގޮތަކަށް ތަޅުންގަނޑުމައްޗަށް އެއްލާލާފައިވާ އަންހެން ކުއްޖާގެ މޫނު އިޒްކާންއަށް ފާހަގަވިއެވެ. އެއީ މިއަދު ގެއއްލިގެން އުޅުނު ޝަހާމާ ނޫން ދެވަނަ އަންހެންކުއްޖެއް ނޫނެވެ. “ޔާން.. ކަލޭތަ މީނަ ކިޑްނެޕް ކުރީ..؟” އިޒްކާންއަށް އެހުނެވެ. “ގައިމެއްނޫންތަ ބްރޯ.. ތިއީ އަހާ ކަހަލަ ސުވާލެއްތަ..؟” ހިޔާންގެ އަނދިރިފަރާތް މިވަނީ ފެންނާށެވެ. “މީހަކަށް އެނގިއްޖެއްޔާ..؟” އިޒްކާން ހިތްހަމަނުޖެހިފައި ބުނެލިއެވެ. “ސާބަހޭ ހީވޭތަ އަހަރެމެން ތެރެއިން މީހަކު އެހެން މީހެއްގެ ކައިރީގައި މި ވާހަކަ ނުބުނަނީސް އެއިން މީހަކަށް މިއިން ކަމެއް ފަޅާއަރާނެ ހެން..؟” ހިޔާން ބުނެލިއެވެ. “މަ ނޫޅެން މިކަން ބަސްޓް ކޮށްލާކަށް..” އާހިލް ހުރީ ކުޑަކޮށް ބިރުގަނެ މޭ ނުބައިކޮށްފައި ނަމަވެސް ހަމަޖެހޭކަމަށް ހެދެމުން ބުނެލިއެވެ. “މަވެސް ނޫޅެން..” އައިހަމް އަސަރެއް ނެތް ރާގަކަށް ބުނެލިއެވެ. “މަ އަދި އަމުދުން ނޫޅެން ބްރޯ..” ފައިލަމް ބުނެލިއެވެ. “ދޭބަލަ އިށީންނަން…” ހިޔާން ފައިލަމްގެ ކޮނޑުގައި ޖަހާލާފައި ގޮސް އިށީނެވެ. “އޭތް އޯކޭތަ މަ ބެލްކަންޏަށް ނުކުމެލިޔަސް..؟” އިޒްކާން އެދުނެވެ. ހިޔާން ފާޑަކަށް އަނގަ ހަދާލާފައި ދާށޭ ބުނެލިއެވެ. “ހާދަ ފިނޑިވީ..؟” ފައިލަމް އެހެން ބުނުމުންވެސް ނުހުއްޓި އިޒްކާން ބެލްކަންޏަށް ނުކުތެވެ. އެ އަންހެން ކުއްޖާއަށް ހިޔާން ހަދާލާގޮތް ބަލަނން އިޒްކާންއަށް ލާހިކެއް ނޫނެވެ.
ހިޔާން ކުރިންވެސް އެކަން ކުރާތީ އިޒްކާން ދެތިން ފަހަރަކު އެކަން ހުއްޓުވަން މަސައްކަތްކުރިއެވެ. ނަމަވެސް ހިޔާން އެކަން ހުއްޓާލަން ބޭނުންނުވާތީ އިޒްކާން އެންމެފަހުން ދޫކޮށްލީއެވެ. އެކަކަށްވެސް ހިޔާންގެ އެ އަމަލުތައް ނާންގާ އިޒްކާން އުޅެމުން އެ ގެންދަނީ އެންމެ ގާތް އެކުވެރިޔާއަށް ވީތީ އެ ކަން ކުރަން ނުކެރިގެންނެވެ. އިޒްކާން ނުކުތުމާއި އެކީގައި އާހިލްވެސް ނުހުންނަންވެގެން އަވަހަށް ބެލްކަންޏަށް ނުކުތެވެ.
ނީޝަލް އެނދުގައި ދެފައި ވަށްކޮށްލައިގެން އިނީ އިޒްކާންގެ ޕޯސްޓްތައް ބަލާށެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން ދިޔައިރު ނީޝަލްގެ ތުންފަތުގައި ވަނީ އެންމެ ރީތި ހިނިތުންވުމެވެ. “ނީޝީ…” ޒީޝް ކުއްލިއަކަށް ކަންފަތްބުޑުގައި ހަޅޭއްލަވައިގަތުމުން ސިއްސައިގެންގޮސް ނީޝަލްއަށް ފޯނު ހޫރާނުލެވުނީ ހަމަ ކިރިޔާއެވެ. “ކީކޭ ކީކޭ ކުޑާ ކިހިނެތްވީ..؟” ނީޝަލްއަށް އެހުނެވެ. އޭރު ޒީޝް ލޯހަނިކޯށްލައިގެން ބަލަން ހުރީ ނީޝަލްގެ ފޯނާއި ދިމާލަށެވެ. އޭރު ހުޅުވިފައިވަނީ އިޒްކާންގެ ފޮޓޯއެއް ކަމުން ކަރުކެހިލާ ވަރަށް ނުވާކަމަށް ހަދާލަމުން ނީޝަލް ފޯނު ބާލީސް ދަށަށް ކޮއްޕާލިއެވެ. “ނީޝީ..” ޒީޝް އިތުރަށް ދެލޯ ހަނިކޮށްލަމުން ގޮވާލިއެވެ. “ކީކޭ ޒީޝީ ކުޑާ…؟” ނީޝަލް އެއްސެވެ. “ފޯނުގައި ވަރަށް މަޖާ ނޫނީ ވަރަށް ރީތި އެއްޗެއް އޮތްހެން ހީވޭ ނީޝް ހިނިއައިސްފައި އިންގޮތުން… ދައްކަބަލަ ކުޑާވެސް ބަލާލަން..” ޒީޝް ނީޝަލް ކައިރީގައި އިށީންނަމުން ބުނެލިއެވެ. ”އެއީ… އެއީ… ގޯލްޑްފިޝްއެއްގެ ވީޑިޔޯއެއް..” ނީޝަލް އޮޅުވާލަން ވެގެން ބުނެލީ ޚިޔާލަށް ފުރަތަމަ އައި ޖުމްލައެވެ. “އެހެންތަ..؟ ސައުންޑްސް ފަން… ދައްކަބަލަ ކުޑާއަށް..” ޒީޝް ގަދަހަދާލިއެވެ. “އެކަމަކު ހިޔެއްނުވޭ ކުޑާ މި ވީޑިޔޯ ބަލާހިތްވާނެހެންނެއް… އެ ވީޑިޔޯގައި… އެ ވީޑިޔޯގައި އެ ގޯލްޑްފިޝް މަރުވަނީ..” ވަރަށް އަސަރާއި އެކީގައި ނީޝަލް އެހެން ބުނެލިގޮތުން ގައިމުވެސް ނީޝަލްއަށް އޮސްކަރ އެވޯޑެއް ހައްގުކަން ޔަގީނެވެ. “ނީޝް… ލުކް އެޓް މައި އައިޒް..” ޒީޝް ދެލޯ ބޮޑުކޮށްލާފައި ނީޝަލްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
“އާހްހް ފައިން.. އެއީ ފިރިހެން ކުއްޖެއް..” ނީޝަލް އެންމެފަހުން ބަލި ގަބޫލުކުރިއެވެ. “ސާބަސް..” ޒީޝް ނީޝަލްގެ ފޯނަށް ބަލާލާފައި ހައިރާންވެގެން ނީޝަލްގެ މޫނަށް ބަލާލިއެވެ. ”މިކުއްޖާދެކެ ލައިކް ވަނީ..؟” ޒީޝް އެއްސެވެ. ”އާނ.. ކިހިނެތްވީ..؟” ނީޝަލްއަށް އެހުނެވެ. ޒީޝް ސީރިއަސް ވެފައި އިން ވަރުންނެވެ. “ޕާރފެކްޓް މެޗް… ހަމަ ބަރާބަރު..” ކުދިކުދިވެފައިވާ ހިތަކާއި އެކީގައިވެސް ޒީޝް ބެލީ ނީޝަލް ރަކިކޮށްލާ ހެއްވާލެވޭތޯއެވެ. އެކަން ކާމިޔާބުވީ ނީޝަލް ތުންފަތުގައި ހަފާލާފައި ދުރު ބަލާލުމުންނެވެ.
“އޭތް..” އާހިލް ގޮވާލުމުން އިޒްކާން ސިއްސައިގެން ދިޔައެވެ. “މިއަދު ކަލެއާއި އެކީގައި ހުއްޓެއްނު އަންހެން ކުއްޖެއް…؟” އާހިލް ވާހަކަ ފެށީ ދުރުދުރުންނެވެ. ޝައުގެއް ނެތް ކަހަލަ ގޮތަކަށް އިޒްކާން ހްމްމް އެއް ލައްވާލިއެވެ. “އެ ކުއްޖާދެކެ ލޯބިވޭދޯ..؟” އާހިލް ދެން އަހާލި ސުވާލުން އިޒްކާންއަށް ވިސްނާލަން ޖެހުނެވެ. “ވޭތަ..؟” އިޒްކާން ހަނުހުރުމުން އާހިލް ސުވާލު ތަކުރާރުކޮށްލިއެވެ. އަނެއްކާ ވެސް އިޒްކާން ލައްވާލީ ހްމްމް އެކެވެ. އިޒްކާންގެ މޫޑު ގޯސްވެފައި ހުރިވަރުން އާހހިލް ބެލްކަނީގައި ލެނގިލިއެވެ. “ކަލޭ ބަލައިގެން އުޅެއްޗޭ.. މިރަށުގެ ގާތްގަނޑަކަށް އެންމެންގެ ލޯތައް ހުރީ އެކުއްޖާއަށް އަމާޒުވެފައި…” އާހިލް ބުނެލިއެވެ. އިޒްކާން ހްމްމް އޭ ބުނެލިއެވެ. “ވާހަކަ ދައްކަންވީގޮތް ހަނދާން ނެތުނީތަ..؟” އާހިލް އެއްސެވެ. “ނޫން..” އިޒްކާން ބުނެލިއެވެ. ހިޔާން ކުރާ ކަންކަމާއި ހުރެ އިޒްކާން އަދިވެސް ހުރީ ބޯގޮވާފައެވެ. “ކަލޭ ތިވަރަށް ބޯފަޅައިގެން ދާއިރު ކީއްވެގެން އަދިވެސް ޔާންގެ ބެސްޓް ފްރެންޑްގެ މަގާމުގައި ތި އިނީ..؟” އާހިލް އެއްސެވެ. “އަހަރެން މީ އޭނަގެ ބެސްޓްފްރެންޑަށް ވާތީ..” އިޒްކާން ދެމުން ގެންދިޔައީ އެހާ މމާނަ ފުން ނޫން ޖަވާބުތަކެކެވެ.
“ކަލެއަށް އިނގޭތަ ހިޔާން އުޅެނީ ކަލެއާއި……….” “އާހިލް.. ކަލޭވެސް މިތަނުގައިތަ..؟” އާހިލްއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ފަހަތުން ފައިލަމްގެ އަޑު އިވުނެވެ. ހިންދިރުވާލާފައި އާހިލް ފަހަތް ބަލާލިއެވެ. އޭރު ޒާތަކަށް ހިނިއައިސްފައި ފައިލަމް ހުއްޓެވެ. “އާނ..” އާހިލް ބުނެލިއެވެ. “ނިމުނީ ދެން.. ޔާން ވެސް އައިހަމް ވެސް ބޭރަށް ނުކުމެއްޖެ..” ފައިލަމް ބުނެލިއެވެ.
އާހިލް އާއި އިޒްކާން ގޮވައިގެން ފައިލަމް ބޭރަށް ނުކުތްއިރު ހިޔާން ޝަހާމާ އެގޭގައި ހުރި ގަސްތަކުގެ ތެރޭގައި ބާއްވަނީއެވެ. އިޒްކާން ދެލޯ ބޮޑުކޮށްލިއެވެ. “މަރެއް ނުވެޔޭ ސާބަސް..” ހިޔާން ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. އިޒްކާން ހުރިގޮތުން ހީވަނީ އާދައިގެ މީހަކަށް މާރާމާރީއެއް ހިންގާތަން ފެނުނު ހެންނެވެ. “ދާން އުޅެމާ..” ހިޔާން ސައިކަލަށް އެރިއެވެ. ”ދަނީ އަހަރެމެންވެސް…” ފައިލަމް އާހިލްގެ ކޮނޑަށް އަތް ވައްޓާލިއެވެ. އައިހަމްވެސް އާހިލް އާއި ފައިލަމް އާއި އެއްވަރަކަށް ހިނގައިގަތެވެ. ހިޔާންދެކެ ހިތްހަމަނުޖެހިފައި ހުރެ ނަމަވެސް އިޒްކާން ދިޔައީ ހިޔާން އާއި އެއްވަރަކަށެވެ. ކޮންމެފަދަ ގޮތަކަށް އުޅުނުކަމުގައިވިޔަސް އިޒްކާންގެ ހިތުގައި ހިޔާންއަށް ދެވިފައިވާ މަގާމު ވަރަށް މައްޗެވެ. ނަމަވެސް އިޒްކާންއަށް ނޭނގުނީ ކުޑައިރުއްސުރެ ވެސް އެންމެ ގާތް އެކުވެރިޔާގެ މަގާމުގައި އިން ހިޔާން އޭނާއާއި ދެކޮޅަށް ރާވާފައިވާ ރޭވުމެވެ.
ގެއަށް ގޮސް އިޒްކާން އަވަހަށް އޮށޯތީ ނިދާށެވެ. މާދަމާ ނީޝަލް ބަލައިދާން ޖެހޭނެތީ އަވަހަށް ހޭލަން ވެގެންނެވެ. ނިދާއެއްޗެއްސަށް ބަދަލުކޮށްގެން އިޒްކާން އަވަހަށް އެނދަށް އެރީ އަވަހަށް ނިދޭނެކަމުގެ އުންމީދުގައެވެ. އިޒްކާންގެ ޚިޔާލުތަކުގެ ތެރޭގައި ގެނބިފައި ނީޝަލްއަށް އޮވެވުނީ ބާރަގަޑި ބައި ވަންދެންނެވެ. ނިދި އައިސް އޭނާގެ މައްޗަށް ވެރިވެގަނެފިއެވެ. އެކެއް ޖެހުމުގެ ކުރިން ނީޝަލް އޮތީ ފުން ނިންޖެއްގެ ތެރެއަށް ގެނބިފައެވެ.
ޖެހިގެން އައި ދުވަހެވެ. ދަޅައަޅާލި އިރަށް އިޒްކާން ފުންމައިގެން ތެދުވިއެވެ. އަވަހަށް ތެދުވެވުނުކަމުގެ އުފާ ފާޅުކުރަމުން އިޒްކާން އަވަހަށް ތައްޔާރުވާން ފެށިއެވެ. އަވަހަށް ހޭލައިގެން އުޅުނު ނީޝަލްގެ ހާލަކީވެސް މިއެވެ. ޒީޝް ނަގައިދިން ހަނދުފަޅިއެއް ކުރަހާފައިވާ އަޅި ކުލައިގެ ހެދުމާއި ހުދުކުލައިގެ ޖިންސް ލައިގެން ނީޝަލްއަށް ތައްޔާރުވެވުނު ވަގުތު ރީތިވާން ބޭނުން ކުރެވުނީވެސް ކޮން ސާމާނެއް ކަމެއް ނޭނގުނެވެ. އެހާވެސް އިޒްކާންގެ މޫނު ދެކިލާހިތުން ނީޝަލް ވަނީ ކެތްމަދުވެފައެވެ. ތައްޔާރު ވެނިމިގެން ނީޝަލް އެނދުގައި އިށީނީ އިއްޔެ ހެދި ފިލާވަޅުތައް ރީޗެކް ކޮށްލުމަށެވެ. ”އައިސްފިން..” އިޒްކާންގެ ފަރާތުން ދެންމެ އެ ލިބުނު ކުޑަކުޑަ މެސެޖްއަކީ ނީޝަލްގެ ބޮޑު ހިނިތުންވުމުގެ ފަހަތުގައިވާ ސަބަބެވެ.
ތިރީގައި ހުރެފައި އިޒްކާން ގަޑިއަށް ބަލާލިއެވެ. އޭރު ހަގަޑި ބައިވީއެވެ. އޭނަ ނީޝަލްއަށް ގަޑި ކީ ހަގަޑި ސާޅީހަށެވެ. އިރުއަރާ މަންޒަރެއް ކުރަހާފައިވާ ހުދު ޓީޝާޓެއްގެ މަތިން ކަޅު ޖެކެޓެއް ލައިގެން ހުރިއިރު ހީވަނީ ހޮލީވުޑްގެ ތަރިއެއް ހެންނެވެ. ސައިކަލުމަތީގައި ހުރި އިޒްކާންގެ ލޯމަތީގައި މީހަކު އަތް އެޅިއެވެ. އެއަތުގެ ބީހުމުން އެކަނިވެސް އެއީ ނީޝަލްކަން އިޒްކާންއަށް އެނގުނެވެ.
”ތިއީ ނީޝަލްކަން އިނގޭ…” އިޒްކާން ބުނެލިއެވެ. “ހޫރީން ހަމަރަނގަޅަށްދޯ އިއްޔެ ބުނީ..؟ އިޒްކާން ތިއީ ހަމަ މައިންޑް ރީޑް ކުރާ މީހެއް…” ނީޝަލް ހީލަމުން ސައިކަލަށް އެރިއެވެ. “ހާދަހާ މީރުވަސް އެބަ ދުވައޭ…” ސައިކަލު ދުއްވާލަމުން އިޒްކާން ބުނެލިއެވެ. “އަޅެ ހަމަ އެހާވަރަށްތަ މިހުރީ ސެންޓު ޖެހިފައި..؟” ނީޝަލް އެހެން އަހާލާފައި ކުޑަދޮރާއި ދިމާލަށް ބަލާލިއިރު ޒީޝް ކުޑަދޮރު ކައިރީ ހުރެގެން ޕިސްޕިސް ކިޔަނީއެވެ. އޭރު ޒީޝްގެ އަތުގައި ހުސްވެފައިވާ ސެންޓްފުޅިއެއް އޮތެވެ. ޒީޝްއަށް ޓާޓާ ކިޔާލެވުނުތަނާ ހެން ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާލާފައި ގޮސް އިޒްކާން ގޯޅި އަކުން އަޅައިފިއެވެ. ގޭޓްދޮށުގައި މަޑުކޮއްލައިގެން ހުރި ހޫރީން އިންތިޒާރަށް ނިމުމެއް އައީ އިޒްކާންއާއި ނީޝަލް އައިސް މަޑުކޮއްލުމުންނެވެ. ”މަ ހީކޮއްގެން މިހިރީ އަދި ނާންނާނެކަމަށް..” ހޫރީން ގަޑިއަށް ބަލާލަމުން ބުނެލި އެވެ. “މި އައީއެއްނު..؟” ނީޝަލް ބުނެލިއެވެ. ދުރުގައި ބަލަން ހުރި ހިޔާން ހުރީ ބަލާށެވެ. ގާތުގައި ފައިލަމް ހުއްޓެވެ.
“އަނހަ.. ޔާން ކައެގެ މޭމަތީގައި މިއޮތީ ކޯޗެއް..؟” ހިޔާންގެ ގަމީހަށް އިޝާރާތް ކޮއްލަމުން ފައިލަމް އަހާލިއެވެ. “ކޯޗެއް..؟” ހިޔާން އެއްސެވެ. ލައިގެން ހުރި މެރޫން ކުލައިގެ ގަމީހަށް ބަލާލަމުންނެވެ. “މަށަށް ހީވަނީ ގިނަ މީހުން އެއަށް ކިޔާ އުޅެނީ ހަސަދައޭ…” ފައިލަމް އެހެން ބުނެ ހިޔާންގެ ލޮލަށް ބަލާލިއެވެ. ހިޔާންގެ ލޮލުން އެކަނިވެސް އިޒްކާން އާއި ނީޝަލް ދުރުކުރުވަން ބޭނުންވާ މިންވަރު އަންގައިދެއެވެ.
= ނުނިމޭ =
4 Comments!
Comments are closed.
I am the first dhw. Vrh reethi vhk ei. Love it. Dhen in bai avahah up kohlahche
Labba dear you are first 😀 Thank you so much Insi kuhjja ?✨? Insha allah maadhan part 10 kiyaalan libeyne ingeii ?✨? So happy to see your comment 😀 Once again thanks a lot dear ?✨?
Wow vrh Sali mi part vsss ❤️❤️❤️❤️
Masha Allah Hama best ❤️❤️❤️❤️
Aleyyy nezely haadha haalehgaeyy uleny egen???????
Roohaan haadha nubaeyy???
Hiyaan egen kudhinah kihineh tha hadhaany ??????aniyaa kurany tha nooney rape kurany tha even??????????????
Aleyy neeshal and izkaan like each other wow❤️❤️❤️❤️ fahkaa so exited???????❤️❤️??
But hiyaan dhw ????
Hahahhaha nail dhw hahahahahhaha ?????????????heeheee kon girl eh baa eyy aireen baa ❤️❤️❤️❤️❤️❤️❤️❤️
Waiting for the next part ingeyy yooon darl❤️❤️❤️
Love u sooo much ❤️❤️❤️❤️❤️
Stay safe and take care❤️?❤️❤️
Aww thank u so much Ril dearlss ?✨? yesh dhww poor Xely ;( Lets say Hiyaan does bpth… Yoon beynumeh nuvi detail kuraakah thats y vrh indirect koh liyefa e iny Hiyaan ge part 😀 Yeshh Izkaan nd Neeshal Likes each other ?✨? Ahahaha lets see dhw Nyle akee kon girl eh ge stalker kan… 😀 Insha allah nxt part maadhan kiyaalan libeyne 😀 Aww love u more n more Ril lwbss ?✨? U stay safe 2 n take good care ingeii Ril ???