
މިޝްކާ (ފުރަތަމަބައި)
ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރެވެ. ބާރަށް ވައިޖެހެމުން ދިޔައިރުގައި ފަޒާގައި ހަރުލައިފައިވަނީ ރާޅު މުގުރަމުންދާއަޑެވެ. އުނޑުމަތިން ވިއްސާރަ ވިލާ ފެންނަމުން ދިޔަނަމަވެސް އޮއްސެމުން ދިޔަ އިރުގެ އަލިކަން ކޮންމެވެސް ވަރަކަށް ފައުޅުވަމުންދިޔައެވެ. މަޑު އޮރެންޖު ކުލައެއް ވިލާތަކުން ފެންނަން ހުރިއިރުގައި ބަލައިލަން ވަރަށްވެސް ހިތްގައިމެވެ. އަތިރިމަތީގެ ދޮންވެލިގަނޑު މަތީގައި އިށީންދެލައިގެން އިން އަލީނާގެ ނަޒަރު ހުއްޓިފައި ހުރީ މޫދާއި ދިމާއަށެވެ. ނުވަމަހަށް އަޅައިފައިވާ ބަނޑުގައި ފިރުމައިލަމުން އަލީނާ ބަލައިލީ ރާޅުޖަހާފަށުގައި ހިނގަމުންއައި ނަވީންއަށެވެ. އަލީނާއާއި ނަވީންގެ ކައިވެންޔަށް ހަތަރު އަހަރު ފުރިފައިވާއިރުގައި މިއީ އެދެމަފިރިންގެ އަލަތު ދަރިފުޅެވެ. ދިގު އިންތިޒާރެއްގެ ފޮނިމޭވާއެވެ. އެދެމަފިރިންނަށް މާތްﷲ ލެއްވި ރަޙްމަތެކެވެ. އެދެމަފިރިންނަށް މިހާރު އިންތިޒާރު ކުރެވެނީ ހެޔޮހާލުގައި އެދަރިފުޅު ދުނިޔެއަށް ނޭވާލާނެ އުފާވެރި ދުވަހަށެވެ.
”ހިނގާ އަވަހަށް ގެއަށް ދަމާ…..އަނެއްކާ ގެއާ ހަމައަށް ނުދެވެނީސް ވާރޭ ވެހެންފަށާފާނެ……”
ނަވީން އައިސް އަލީނާއާއި އަރާހަމަ ކުރަމުން ބުނެލީ އުޑުމަށްޗަށް ނަޒަރު ހިންގާލަމުންނެވެ. އަލީނާ ހިނިތުންވެލަމުން ނަވީން ދިއްކޮށްލި އަތުގައި ހިފާ މަޑުމަޑުން ތެދުވިއެވެ. އަލީނާއާއި ނަވީންގެ ދެމަފިރިންނަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންއަންނަ ދެމީހުންނެވެ. ނަވީންގެ އެއްބަނޑުއެއްބަފާ ކޮއްކޮއެއް ފިޔަވާ ދެން ނަވީންގެވެސް އަލީނާގެ ވެސް އާއިލާގެ އެއްވެސް މީހެއް މިހާރު ދުނިޔޭގައި އެއްނެތެވެ. ނަވީންގެ ކޮއްކޮ ރާއިދު މީގެ ހަތްއަހަހަރު ކުރިން މާލެބަދަލުވިގޮތަށް ރަށަކަށް ނާދެއެވެ. އެހެންކަމުން ނަވީންއާއި އަލީނާ ދިރިއުޅެމުންދަނީ އެކަންޔެވެ. ނަވީން ވަޒީފާ އަދާކުރަނީ ރަށުއޮފީހު ވޮޗަރެއްގެ މަގާމުގައެވެ. ރަގަނޅު ތައުލީމީ ފެންވަރެއް ނެތުމުގެ ސަބަބުން ރަގަނޅު ވަޒީފާއެއް ލިބޭގޮތްނުވީއެވެ. މަސްވެރިކަންވެސް ނަވީން ދޫކޮށްލީ މައިބަދައަށް ލިބުނު ގެއްލުމެއްގެ ސަބަބުން އިތުރަށް އެމަސައްކަތް ކުރެވެން ނެތީމައެވެ. ޑޮކްޓަރު އިރުޝާދު ދެއްވީ މައިބަދައަށް ބުރަވާފަދަ އެއްވެސް މަސައްކަތެއްނުކުރުމަށެވެ. އެހެންނޫނަސް ނަވީންއަކީ ކަނޑުމަށްޗަށް ވެސް ބަލިމީހެކެވެ. ކޮންމެ އަކަސް މަސްވެރިކަންވެސް ނަވީންއަށް ކުރެވޭކަށްނެތެވެ. ދުވަސްތައް ހަލުވިކަމާއިއެކު ހޭދަވަމުންދިޔައެވެ. ނަވީން އިނީ ދަންވަރު ޑިއުޓީގައި އޮފީސްކައިރީގައި އިން ގޮޑިއެއްގައެވެ. ނަވީންގެ ފޯނު ރިންގުވާން ފެށީ އެހެން އިންދައެވެ.
”ނަވީން…..އަލީނާ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީވެ އެބަ އުޅޭ އާދެބަލަ އަވަހަށް….”
އެކޮޅުން އެއިވިގެން ދިޔައީ ނަވީންމެންގެ އަވަށްޓެރިއެއް ކަމަށްވާ ލީނާގެ އަޑެވެ. އަލީނާގެ ބަނޑަށް ދުވަސްފުރިފައި ވުމުގެ ސަބަބުން ނަވީންގެ ދަންވަރު ޑިއުޓީ އޮންނަ ރޭރޭގައި ލީނާ ނިދަނީ އެގޭގައެވެ. ލީނާގެ އެގާތްކަމާއި ހެޔޮކަން ނަވީން އަބަދުވެސް ހަދާނުގައި ބަހައްޓައެވެ. ނަވީން އަވަސްއަވަހަށް އަންގަންވީ ތަނަށް އެންގުމަށްފަހު މިސްރާބުޖެހީ ގެއަށްދިއުމަށެވެ. ނަވީންއަށް ގެއާއި ހަމައަށް ދެވުނު އިރުގައި ރަށު ހޮސްޕޮޓަލުގެ އެމްބިއުލާންސް އައިސްއެގޭ ކަިރީގައި އޮތެވެ. އެމަޖެންސީކޮށް އަލީނާ ހޮސްޕިޓަލަށް ގެންދެވުނުގޮތަށް ވަގުތުން ވިއްސާ ކޮޓަރިއަށް ވެއްދިއެވެ. ނަވީން ދުޢާ ކުރަމުން ދިޔައީ ލިބެން އުޅޭ ދަރިފުޅާއި އަލީނާހެޔޮ ހާލުގައި ލައްވާތޯއެވެ. ވިހެއުމަކީ ކިހާވޭނެއް އަޅާނެ ކަމެއްކަން ނަވީންއަށްވެސް އިޙްސާސް ކުރެއެވެ. އަލީނާއަށް ކެއްތެރިކަން ދެއްވުމަށްވެސް ނަވީން އެތައް ފަހަރަކު ދުޢާ ކުރަމުން ދިޔައެވެ. ހަތްވަރަކަށް ގަޑިއިރުގެ ދިގުއިންތިޒާރަކަށްފަހު އިވިގެން އެދިޔައީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ.
”އަލްހަމްދްލިލާހި….”
ނަވީން ވަގުތުން މާތްﷲއަށް ޙަމްދް އެޅީ ވީއުފަލެއްގެ ބޮޑުކަމުންނެވެ. އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވިއްސާކޮޓަރިން ނިކުމެގެންއައި ނަރުސް ކުއްޖާގެ އަތުގައި ލޯބި ލޯބި ކުއްޖެއްއޮތެވެ.
”ޕޭޝެންޓް އަދި ބޭބީގެ ހާލުވެސް ރަގަނޅު…..”
ނަވީންއަށް ބަލައިލަމުން އެނަރުސް ކުއްޖާ ބުނެލިއެވެ. އަދި އަތުގައި އޮތް ތުއްތު ފުރާނަ ނަވީންގެ އަތަށް މަޑުމަޑުން ލައިދިނެވެ. ނަވީންގެ ނަޒަރު ހުއްޓުނީ ލޯބި ލޯބި ފުށްގަނޑެއްހެން އޮތް ދަރިފުޅަށެވެ. އެ މައުސޫމް ފުރާނަފެނި ނަވީންގެ ހިތް ލޯބިން ފުރިގެންއައެވެ. ނަވީން ހީލަމުން ނިކަން ލޯބިން އެލޯބި ލޯބި ދަރިފުޅުގެ ކޮލުގައި ބޮސްދިނެވެ.
”ބައްޕަގެ ދޮން ދޫނި…..ބައްޕަގެ މިޝްކާ…..”
…………………
ރެއާދުއާ ދައުރު ވަމުން ގޮސް ފަސްއަހަރު ފާއިތުވެގެން ދިޔައީ ހަލުވިކަމާއި އެކުގައެވެ. މިހާރު މިޝްކާއަށް ފަސްއަހަރު ފުރިފައިވީ ނަމަވެސް އަދިވެސް ހުންނަނީ ނިކަން ލޯބިކޮށްނެވެ. ރަގަނޅު ރޫފައަކާއި އެކު ދިގު އިސްކޮޅެއް ހުރުމުގެ ސަބަބުން ބަލާބެލުމަށް އެއުމުރުގެ ކުއްޖެއްހެން ވެސްހީނުވެއެވެ.
”ބައްޕާ…….ބައްޕާ……ދެން ކޮންދުވަހަކުންތަ މިޝްކޮމެން މާލެދަނީ……”
ނަވީންއައިސް ގެއަށް ވަނުމުން މިޝްކާއައިސް އަ ހައިލީ ފުޅާ ހިނިތުންވުމަކާއި އެކީގައެވެ. މި މަންޒަރުފެނި ނަވީންއަށް ވެސް ހިނިތުންވެ ނުލައެއް ނީންދެވުނެވެ.
”ސާބަހޭ ދަރިފުޅާ…..މިހާރު ތިހެންވެސް މިއަދު ކިތައްފަހަރު އެހިއްޖެ؟….އިންޝާﷲ މާދަމާ އެއީ ދާދުވަހޭ…..”
މިޝްކާ އައިސް ނަވީންއިން ޖޯލިފަތީގައި އިށީނުމުން ނަވީންގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. މާލެ ދާން އުޅޭކަން އިނގުނު ދުވަހުން ފެށިގެން އެސުވާލު މިޝްކާ ނަވީންއާއި ތަކުރާރުކޮށް ކުރެއެވެ. ރާއިދުގެ އެދުމަށް މާލެދާން ނަވީން ނިންމީ ވަޒީފާ ގެއްލިފައި ވުމާއިއެކުގައި ދެން ރަށުގައި ކުރާނެ އިތުރު އެހެން މަސަތްކަތެއްވެސް ނެތީމައެވެ. ރަގަނޅު ވަޒީފާއަކާއި އުޅޭނެތަން ދޭނެވާހަކަ ރާއިދު ބުނުމުން ނަވީން މިރަނުގެ ފުރުސަތު ނަގާލަން ބޭނުންނުވީއެވެ. ވާނީވެސް އެހެންތާއެވެ. ނަވީންވެސް އެހެން މައިންބައިންހެން އަމިއްލަ ދަރިފުޅަށް ފަސޭހަ ރަގަނޅު ދިރިއުޅުމެއް ހޯދައިދޭން ބޭނުންވެއެވެ. ރަގަނޅު ތައުލީމީ ފެންވަރުވެސް ހުންނާނީ މާލޭގައިކަން ނަވީންއަށް އިނގެއެވެ. މާލެދާ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. އެހެންކަމުން މިޝްކާ ހުރީ އުފަލުން ފޮޅިފައެވެ. މިޝްކާއެހާ އުފާވެފައި ހުއްޓާ ފެނުމުން ނަވީންއާއި އަލީނާވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ. ހަވަރަކަށް ގަނޑިއިރުގެ ދިގު ދަތުރަކަށް ފަހު ލާންޗުގޮސް މާލެ ބަދަރާއި ކައިރިކޮށްލި އިރުގައި މިޝްކާއިނީ ވަށައިގެން ފެންނަންފެށި މަންޒަރުތައް ފެނި ހައިރާންވެފައެވެ. އެއޮށް އަނގަގަދަ ކުއްޖާ އެއްވެސް ބަހެއް ބުނެލުމެއްނެތި ވަށައިގެން ތަންތަން ހޯދާބަލަމުން ދިޔައެވެ. އާތަނަކަށް އާދެވުމުން މިޝްކާއިނީ ރަގަނޅަށްވެސް ހައިރާންވެފައެވެ.
”އަސްތާ ބައްޕާ…..”
.”ކިހިނެއްވީ ދަރިފުޅާ؟….”
ނަވީން ހާސްވެފައި އަހައިލިއެވެ.
”ބައްޕާ…..މީ ހާދަ އަޑުގަދަ ތަނެކޭ ދޯ……ހާދަ މީހުންވެސް ގިނައޭ…..މަގުމަތީގަ ހުސް ދުއްވާ އެއްޗެހި……ކިހިނެއްތަ މިޝްކޮ މިތާނގަ ހިނގާނީވެސް……”
ލާންޗުން ފޭބި މިޝްކާ މާލޭގެ ހަލަބޮލި މާހައުލަށް ނަޒަރު ހިންގަމުން ބުނެލީ ހައިރާންކަމާއިއެކުގައެވެ. ނަވީން ހީލަމުން މިޝްކާގެ ސުވާލުތަކަށް ޖަވާބުދެމުން ބަލައިލީ މަގުގެ އަނެއްފަރާތުން ނަވީންއަށް ހަނައަޅައިލި ރާއިދުއަށެވެ. އެތަށް އަހަރު ތަކަކަށްފަހު ލޯބިވާ ކޮއްކޮ ފެނުމުން ނަވީންހުރީ ވަރަށް އުފަލުންނެވެ. މަގުގެ ދެފަރާތް ބަލާލަމުން ރާއިދު އައިސް ނަވީންގައި ބައްދާލީ ނިކަން އުފާވެފައި ހުރެއެވެ. އަލީނާވެސް ރާއިދުއަށް ހިނިތުންވެލިއެވެ.
”އަހަށް…..މިހިރީތަ ދޮންބެގެ ކޮއްކީ…..ހާދަ ބޮޑުވެއްޖެއޭ ދޯމިހާރު……”
ރާއިދުއަށް ލޯބިލޯބިކޮށް ހުއްޓިލައިގެން ހުރި މިޝްކާ ފެނި ބުނެލިއެވެ.
”ލައްބަ ތީ ދޯ އަޅުގަނޑުގެ ދޮންބެއަކީ….”
މިޝްކާވެސް ހިނިތުންވެލަމުން ބުނެލިއެވެ. ރާއިދު މިޝްކާގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލިއެވެ. އެބެލުމުގައި ހުރި ތަފާތުކަން ދެނެގަންނާކަށް ކުޑަކުޑަ މިޝްކާއަކަށް ނޭންގުނެވެ،
(ނުނިމޭ)