
ތީއޭ އުފަލަކީ…3
” މިރޭ އެބަ ޖެހޭ ޝޮޕިންކޮށްލަން ދާން. އެއްޗެއް ގަންނަން ވެފަ އެބައޮތްތަ؟ ” ރޭގަނޑުގެ ނުވައެއް ޖަހާކަށްހާއިރު އާންމުކޮށް ލީއާ ފެންވަރައިގެން ނުކުންނާނެއެވެ. މިރޭވެސް އެއައީ ތާޒާ ވެލައިގެންނެވެ. ތުވާލިން ބޯ ހިއްކަމުން ނުކުތް ލީއާ އެހެންބުނީ އެނދުގައި ތިބި ޒީނާ އަށާއި ޒައިނީއަށެވެ. ޒައިނީ އޮތީ ނިދިއައިސްގެން އެސްފިޔަތަކަށް ބަރުވެ ގަދަ ނިންޖަކަށް ބޭނުންވެފައެވެ. ޒީނާ އޮތީ ކުޑަ ފޮތެއް ހުޅުވާލައިގެނެވެ. ހީވާ ގޮތުން އެއީ ވާހަކަ ފޮތެކެވެ. ލީއާ ކުޑަދޮރުތަކާއި ދިމާލަށް ގޮސް ދޮރެއް ހުޅުވާލުމަށްފަހު ކޮޓްރިއާއި ވާގޮތަށް އިށީނެވެ. ” ޒީ..ދެން ބުނެބަލަ ދާނަންތަ؟ ” ވާހަކަ ފޮތަށް ގޮސް ގެއްލިފައި އޮތް ޒީނާއަށް ދެވަނަ ފަހަރަށް ގޮވާލުމުން ފޮތް އެއްކައިރި ކޮށްލާ ބަލާލިއެވެ. އޭރު ޒައިނީ ފުން ނިންޖަކުން ނިދާލައިފިއެވެ. ” މްމްމް… ދޮންތި ދޭބަލަ. ވަރަށް ޓަޔާޑް މިރޭ. ” ޒީނާ ފަރުވާ ކުޑަ ގޮތަކަށް ނަމަވެސް އެހެން ބުނީ ދާން ބޭނުން ނުވާތީއެވެ. އެ މީހުންގެ މައިންބަފައިން ދުނިޔެއާއި ވަކިވި ދުވަހުއްސުރެ ފެށިގެންވެސް ޒީނާ ލީއާ ދެކެ ފޫހިވެއެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އެމީހުންނާއި ވަކިވާންޖެހުނު ސަބަބަކީ ލީއާއެވެ. އެއީ ލީއާގެ ފަރުވާ ކުޑަ ކަމުން ލިބުނު ހިތާމައެއް ކަމުގައި ޒީނާ ދެކެއެވެ. އެހެންނަމަވެސް ޒައިނީ ކުރިމަތީ އެކަން ފާޅުނުކުރަނީ އެވެ. އެއީ އެކަމެއް ހިނގިއިރު ޒައިނީ ވަރަށް ކުޑަވީމައެވެ. ޒީނާއަކީ މަޖާ މިޒާޖުގެ ކުއްޖެއް ނަމަވެސް ރުޅިއައިސްފިއްޔާ ކިއޭނުކިޔޭ އެއްޗެއް އޭނައަކަށްވެސް ނޭނގެއެވެ. ވާނީވެސް އެހެންތާއެވެ. ރުޅިއަކީ ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ލައްވާފައިވާ ސިފައެކެވެ. ތަފާތަކީ އެކި މީހުން އިމްތިހާން ކުރެވޭ ގޮތެވެ. އެ ސިފަ ކޮންޓްރޯލް ކުރާ މިންވަރެވެ.
ލީއާ ފިހާރައަށް ދާން ނުކުތް އިރު ނުވަގަޑި ބައިވަނީއެވެ. ފިހާރަ ހުންނަނީ އެމީހުންގެ ގެއާއި ތަންކޮޅެއް ދުރުގައި ކަމުން ލީއާއަށް ދިހަވަރަކަށް މިނެޓް ހިނގަން ޖެހުނެވެ. މަގު ބައްތިތަކާއި މަދުމަދުން ދެކޮޅަށް ދުއްވާފައި ދާ ސައިކަލު ތަކުގެ އަލި ފިޔަވާ އެހެން އައްޔެއް އެސަރަހައްދުގައި ނުވެއެވެ. އުޑުމަތީގައިވާ ތަރިތައް ފުސްކަމުން ހީވަނީ ވިއްސާރައިގެ އަސަރު ކޮށްފާނެ ހެނެވެ. ލީއާ އަވަސް އަވަހަށް ފިހާރައަށް ވަދެ ބޭނުންވާ ސާމާނުކޮޅެއް ގަނެލިއެވެ. ދެވަނަ ސިކުންތުގައި ހަނދާންވީ މާދަމާއަކީ ޒައިނީގެ އުފަންދުވަސް ކަމެވެ. އަވަހަށް ހަރުގަނޑުތަކާއި ދިމާއަށް ގޮސް ކޭކު ފުށް ހުރިތޯ ބަލަމުން ހަރުގަނޑު ކައިރީ މަޑުމަޑުން ހިނގާލިއެވެ. ތަންކޮޅެއް މަތީގައި އަތުރާފައި ހުރި ޕެކެޓުތަކުގައި އަތް ނުޖެހިގެން އޭނާ ކުޑަކޮށް ފުންމާލިއެވެ. އެވަގުތު ފުއް ޕެކެޓާއެކީ ކުޑަކުޑަ ލީއާވެސް ޓައިލްސް މައްޗަށް ވެއްޓުނެވެ. މާބާރަކަށް އަޑެއް ނުކިޔައެވެ. ހިކިކަމުންނާއި ހުންނަލެއް ކުޑަ ކަމުން މާ ބޮޑަށް ލުއި ވީ ކަންނޭނގެއެވެ. ޓައިލްސް މަތިން ތެދުވަންވެގެން އަތް ހިއްލާލާ ފަހަތް ބަލާލީ މީހަކު ފެންނަން ހުރިތޯއެވެ. ނަސީބު ރަނގަޅު ކަމުން މީހަކު ފެންނަން ނެތުމުން ފުން ނޭވާ އެއް ދޫކޮށްލެވުނެވެ. ދެން އަތް ވިއްދާފައި ކުރިމައްޗަށް ބަލާލިވަގުތު ސިހިގެން ދިޔައީ ކުރިމަތީ ދެފައި ފެންނަން ހުރުމުންނެވެ. ލޯ މަރައިގެން ތުންފަތުގައި ދަތްއަޅައިލައިގެން ހުރެ މަޑުމަޑުން ތެދުވެ އިސް އުފުލާލާފައި ބަލާލީ ސްލޯ މޯޝަންގައި ހުރެއެވެ. ރަނގަޅަށް ބަލާލެވުނު ވަގުތު ކުރިމަތިން ފެނުނީ އޭނާ މި ދުނިޔޭންވެސް ދެކެން ބޭނުންނުވާ މޫނެވެ. އެ މޫނު ދެކެ ފޫހިވާން ބޭނުންވި މޫނެވެ. އާނއެކެވެ. އެއީ ހަމަ އޭނާއެވެ. އެ ދެލޮލެވެ. ބޭރުގެ ސެލެބްރިޓީއެއް ވައްތަރުޖަހާ އެ ރީތި މޫނެވެ. ހަމަ އެ ފިރިހެން ވަންތަ ހަށިގަނޑެވެ. މީގެ ނުވަ އަހަރު ކުރިން ނޭނގިނަމަވެސް ލީއާގެ ހިތް ދެވިފައިވާ މީހާއެވެ. ވޭތުވެ ދިޔަ ތިން އަހަރުތެރޭ ހަނދާން ނައްތާލަން ބޭނުންވިނަމަވެސް ހިތާއި ސިކުނޑީގެ ކޮންމެވެސް ކަނެއްގައި ފިލާ ހުރި ޒުވާނާއެވެ. އެއީ އޭނާ ބޭނުންވިނަމަވެސް މިދުނޔޭން ލިބެން ނެތް ލޯތްބެކެވެ. އެ ދުލުން ހާމަ ނުކުރިޔަސް އަދިވެސް އެ ހިތް އެދި ގޮވަނީ އޭނާއަށެވެ. ޒީޝާން އެވެ. ހިތާހިތުން އެނަން ކިޔާލުމަށްފަހު އަނގަމަތީ އަތްއަޅާ ލެވުނެވެ. ހިތް ތެޅެން ފެށީ މޭގަނޑު ފުންމާފައި ނުކުންނަހާ ބާރަށެވެ. އެ ދުވަހު އެ ހިތަށް ކުރި އިހްސާސްތައް މިއަދުވެސް ކުރެވެން ފަށައިފިއެވެ. ނަމަވެސް ޒީޝާން އަބަދުގެވެސް އާދައިގެ މަތިން ފަރުވާކުޑަ ގޮތެއް މޫނުމަތިން ފާޅު ކޮށްލަމުން އެތަނުން ދުރަށް ދިޔައީއެވެ.
ގަޑިން އެގާރަ ޖެހި އިރުވެސް ލީއާގެ ލޮލަކަށް ނިންޖެއް ނައެވެ. ޒީޝާން ގެ ހިޔާލުތަކުން ލީއާގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދަނީއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅިވެސް އޭނާއަށް އޮވެވުނީ އެ ހަނދާންތަކާއި ދުރު ނުވެވިފައެވެ. ލީއާ ބޮލުގައި ރިއްސަން ފެށުމުން ކުޑަކޮށް ތާޒާ ވެލުމަށްޓަކައި ފެންވަރާލަން ކަމަށް ފާހާނާއަށް ވަނެވެ. ފެން މާގަނޑު ދޫކޮށްލުމާއެކު ލީއާގެ މުޅި ހަށިގަނޑު ތެންމާލީ އެތައް ހާސް ފެންތިކި ތަކުން ނެވެ. ލީއާއަށް މާގަނޑު ދޫކޮށްލައިގެން ހުރެވުނީ ގަބުވެފައެވެ. އޭނާއަށް ހުރެވުނީ ދުރު ހަނދާނަކަށް ގޮސް ހުސްވެފައެވެ. އެއީ މީގެ ނުވަ އަހަރުކުރިއެވެ. ގްރޭޑް ހައެއްގައި ކިޔަވަން އުޅުނު އަހަރެވެ. ރަނގަބީލުގެ އަޑުފަށް ގަނޑާއެކު ސްކޫލު ކުދިންތައް ކްލާސްތަކަށް ވަދެގަތީ ހޭލަމޭލަވަމުންނެވެ. ލީއާވެސް ގޮސް އޭނާއަށް ހާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނދެލިއެވެ. އޭރު ޒީޝާންމެންވެސް އުޅެނީ އެ ކްލާހުގައެވެ. ރީތި ކަމުން އޭނާގެ ޖާދޫގައި ނުޖެހޭ އެއްވެސް އަންހެން ކުއްޖަކު ނެތެވެ. ކޮންމެ ކުއްޖަކުވެސް ބޭނުންވަނީ ޒީޝާން އެ ކުއްޖެއްގެ ކައިރީ އިނުމަށެވެ. ހަމަ އެފަދައިން ލީއާވެސް އެގޮތަށް އުންމީދުކޮށްގެން އިނެވެ. ލީއާއާއި ޖެހިގެން ހުރި ގޮނޑީގައި އިށީންނާނެ ކުއްޖަކަށް އިންތިޒާރުކޮށްގެން އިންދާ ޒީޝާން އައިސް ޖައްސާލީ ލީއާ ކައިރީގައި ހުރި ޑެސްކްގައެވެ. ޑެސްކްތަށް އަތުރާފައި ހުރިގޮތުން ހީވަނީ ލޯބި ލޯބި ޖޯޑު ކޮޅެއް ހެނެވެ. ކޮންމެ ޕެއާރ އެއްގައިވެސް އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް އިނދެއެވެ. ލީއާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. މިވީ ކިހިނެއް ހެއްޔެވެ. އޭނާ ހަމަ ހިތާހިތުން އެކަމަށް އެދިލާ އިރަށް އެކަން އެވީއެވެ. ހިންދިރުވާލުމަށްފަހު ކުޑަކުޑަ ލީއާ ގެ ސަމާލުކަން ހުއްޓުވީ ޓީޗަރ އާއި ދިމާލަށެވެ. ޒީޝާންއަށް އިތުރަށް ސަމާލުކަން ނުދޭން ވެގެން ނެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއަކުން ޒީޝާން ލީއާގެ ސަމާލުކަން ހޯދައެވެ. ފުރަތަމަ ޒީޝާން މަޑުމަޑުން އިނދެގެން ލީއާގެ އިނގިއްޔާ ކުޅެން ފެށީއެވެ. ލީއާ ފޫހިވެގެންނާއި ގަތް ލަދަކުން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. އިރުކޮޅަކުން އިވެންފެށީ މަޑުމަޑުން މޭޒު ދަމާ އަޑެވެ. ބަލާލި އިރު ލީއާގެ މޭޒާއި ދުރަށް ޒީޝާންގެ މޭޒު ގެންދަނީއެވެ. އެހެންގޮސް ކައިވަތެއްހާތަން ދުރުކޮށްފިއެވެ. ލީއާ ވީ ފޫއްސަކުން މާބޮޑުކަމަކަށް ނުހަދާ ފޮނިބޮޑު ސޮރެކޭ ހިތަށް އަރުވާލިއެވެ. ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް އާކަމެއް ޒީޝާން ކޮށްލަމުން ދިޔައެވެ. އެއިން ކޮންމެ ހަރަކާތަކުންވެސް ލީއާ ފުރަތަމަ ފޫހިވި ނަމަވެސް ދެން އެކަންވީ ހިތްހަމަ ޖެހޭކަމަކަށެވެ.
ކިތަންމެ ގިނަ ދުވަހެއް ވިނަމަވެސް ދެމީހުން ދޭތެރޭގައި އެއްވެސްކަހަލަ ވާހަކަ ދެއްކުމެއް ނޯވެއެވެ. ލީއާއަށް ޖެއްސުންކޮށްލާ ވަގުތު އަނގައިންބުނާ ބަސްތައް މެނުވީއެވެ. ނަމަވެސް ފާއިތުވަމުންދާ ކޮންމެ ދުވަހެއްގަވެސް ޒީޝާން ކުރާ ކަންތައްތައް ލީއާގެ ހިތުގައި ބިންވަޅު ނެގެމުން ރައްކާކުރެވެމުން ދިޔައެވެ. ގްރޭޑް ހަތަކާއި ހަމައިން ޒީޝާން ރިޕީޓް ވުމުން ލީއާ ދެރަވިއެވެ. ދެރަވާންވީ ސަބަބެއްވެސް އޭނާއަކަށް ނުވިސްނުނެވެ. އާނއެކެވެ. މިވީ އަހަރުތަކުތެރޭގައި އެއްވެސް ވަރަކަށް ދެމީހުން ނޯމަލް ކޮށް ވާހަކަ ދައްކައެއް ނުހަދައެވެ. އެއީ އެއް އިރެއްގަވެސް ވި ކަމެއް ނޫނެވެ. އަހަރުތައް ފާއިތުވަމުން ގޮސް ގްރޭޑް ދިހައެއް ނިންމިއިރުވެސް ލީއާއަށް ޒީޝާންގެ ހަނދާން ނައްތައެއް ނުލެވުނެވެ. ހަތަރުދަމު ލޯ އަބަދު ދުށުމަށް އެދެވުނީ ޒީޝާން އަށެވެ. މިއާ ހިލާފަށް އެ އަހަރުތަކުތެރޭ ޒީޝާން އެތައް ކުދިންނަކާއި ރައްޓެހިވެ ގުޅުން ބަދަހި ކުރިއެވެ. އޭގެތެރެއިން ޒީޝާންވެސް ޝަމާހާގެ ލޯބީގެ މަޅިގައި ހައްޔަރުވިއެވެ. ޝަމާހާ ހުންނަލެއް ލޯބިކަމުންނާއި ދޮންކަމުން ހުރިހާ ފިރިހެން ކުދިންގެ ހިތްތައްވެސް އޭނާއަށް ލިބެމުން ދިޔައެވެ. ނަމަވެސް ޝަމާހާ ލޯބިވަނީ ޒީޝާން ދެކެ ކަމުން އެދެމީހުންގެ ގުޅުން އިތުރަށް ބަދަހިވިއެވެ. ދޭތެރެ ދޭތެރެއިން މައްސަލަ ޖެހި ދެމީހުން ރުޅިވި ކަމުގައިވިޔަސް މިއަދުވެސް އެދެމެދުގައި ކޮންމެވެސް ވަރެއްގެ ކަނެކްޝަންއެއް ވާކަން ކަށަވަރެވެ.