ތީއޭ އުފަލަކީ…2
ލީއާ ގޮސް ކުޑަ ދޮރުތައް ހުޅުވާލާ ސާފު ވައި ކޮޅެއް ލިބިގަތެވެ. ދެރަވެ ހިތް ނުތަނަވަސްވާ ކޮންމެ ވަގުތަކު ކުޑަދޮރުތައް ހުޅުވާލާފައި ހިތް ހަމަޖެހުން ލިބިގަނެއެވެ. ގިނަ ފަހަރަށް އޭނާގެ ޝަކުވާތައް ކަރުނައިގެ ސިފާގައި ބޭރުކޮށްލައެވެ. ކޮންމެ ފަހަރަކުވެސް ހިތް ފުރެންދެން ރޯލެވުމުން ނޫނީ އެތަނުން ދުރަށްވެސް ނުދެއެވެ. އެވަގުތު ޖެހިލި ވައި ރޯޅިއަކުން ދެލޯ މަރާލައިގެން ކުޑަދޮރުން ބޭރަށް ބޯ ދީގެން ހުރި ލީއާގެ ހަށިގަނޑުގައި ބޮސްދީފައި ދިޔުމުން ހީކަރުވައިގަތެވެ. ހީވީ މީހަކު އައިސް މޫނުމަތީ ބީހިލިހެއްނެވެ. ބުނަން ނޭނގޭފަދަ އަރާމެއް އެ ހަށިގަނޑަށް ކުރުވިއެވެ. ދެލޯ މަރާލައިގެން ހުރެވުނީ ކިހާ އިރެއް ވަންދެންކަންވެސް ނޭނގުނެވެ. އޭނާ ސިހިފައި ހޭވެރިކަންވީ ފަތިސް ނަމާދު ބަންގި ގޮވާ އަޑަށެވެ. އަވަސް އަވަހަށް ކޮއްކޮމެންނަށް ގޮވާ ނަމާދު ކުރަންތައްޔާރުވިއެވެ.
ޝޫޓިންގް ސްޓާ ނަމަކަށް ކިޔާ އެގެއަކީ ލީއާގެ ބައްޕަގެ މަސައްކަތުން ހަދާ ނިމިފައިވާ ގެއެކެވެ. ލީއާގެ މަންމަ ލަވްޒާއާ އެކު އޭނާގެ ބައްޕަ ޒޯހަން އާ ދިރިއުޅުމެއް ފެށީ އެ ގޭގައެވެ. ގެހަދާ ނިންމާލީ އެ ތިންކުދިންވެސް ވަރަށް ކުޑަ އިރުއެވެ. ގޭގައި ތިން ކޮޓްރިއާއެކު ފުދޭވަރެއްގެ ބޮޑު ތަނަވަސް ސިޓިންގ ރޫމެއް ހަދާލާފައިވެއެވެ. ސިޓިންގ ރޫމާއި އިންވެގެން ކާގެއާއި ޖެހިގެން ކުޑަކުޑަ ގުދަނެއް ކަހަލަ ތަނެއްވެސް ހަދާލާފައިވެއެވެ. މިއަދާ ހަމައަށް އައިއިރުވެސް އެ ގުދަނުގައި ވަނި ކޮންކަހަލަ ކަންތައްތަކެއް ކަމެއް އެއިން އެއްވެސް ކުއްޖަކަށް ނޭނގޭނެއެވެ. އަދި އެނގުމުގެ ފުރުސަތެއްވެސް ނުލިބެއެވެ. ލީއާގެ ބައްޕައާއި މަންމަ މަރުވިފަހުން އެ ތަނުގެ ތަޅުދަނޑިފަތި އަބަދުހެންމެ ގެންގުޅެނީ ގާދިރުއެވެ. އޭނާ އެތަނަށް ވަދެ ކުރާ ކަމެއް ކޮށް ނިންމާލާފައި ތަޅުދަނޑިފަތި ހިފައިގެން ދަނީ ގެއަށެވެ. ގޭގައި ތިން ކޮޓްރި ހަދާލާފައި ވި ނަމަވެސް އެ ތިން ކުދިން ނިދަނީ އެއް ކޮޓްރިއެއްގައެވެ. ދެން ހުރި ދެ ކޮޓްރިއަކީ މަދުމަދުންނަމަވެސް ކުއްޔަށް ދޫކުރާ ދެކޮޓްރިއެވެ. އެއިން ކޮޓަރިއެއްގެ ބޮޑުކަމުން އެއްފަހަރާ ބާރަ ވަރަކަށް މީހުންނަށް ތިބެވޭ ވަރުވާނެއެވެ. ކޮޓަރިތައް ހަދާލާފައިވާލެއް ފުރިހަމަ ކަމުން އެގެއަށް އަންނަ ކޮންމެ މީހަކުވެސް ތައުރީފްގެ ބަސްތައް އަމުނާލައެވެ. ނަމަވެސް މިހާރު އެ ދެ ކޮޓަރި ހުރީ ހުހަށެވެ.
ހެނދުނުގެ ސައި ގަޑިއަށް ލީއާ މިއަދު ތައްޔާރު ކޮށްލީ ރޮށްޓާއި ކުޅިމަހެވެ. “ޒީނާ.. ޒައިނީ އަށް ގޮވާބަލަ.. ބުނޭ ސައިބޯން އަންނާށޭ…” ކާގެތެރޭ މޭޒުމަށްޗަށް ތަށިތައް އަތުރަމުން ދިޔަ ލީއާ ޒީނާއަށް ބުނެލިއެވެ. އޭރު ޒީނާ ކޮޓްރިން ނުކުމެގެން އަންނަނީއެވެ. ޒައިނީއަކީ އެ ކުޑަ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. އެ ތިން ކުދިންގެ މަންމަ އާއި ބައްޕަ މިއަދު ދުނިޔެއަކު ނެތެވެ. މީގެ ބާރަވަރަކަށް އަހަރުކުރިންއެދެމީހުންވަނީ ނިޔާވެފައެވެ. އޭރު ލީއާގެ އުމުރުން އެންމެ އަށް އަހަރެވެ. ޒީނާގެ އުމުރުން ހަ އަހަރެވެ. އަދި ޒައިނީގެ އުމުރަކީ އެންމެ ފަސް އަހަރެވެ. އެހެންވެ މިއަދާ ހަމައަށްވެސް ގޭގެ ހުރިހާ ޒިންމާތައް ނަގަން ޖެހިފައިވަނީ ލީއާ އަށެވެ. މިހާރު ލީއާއަކީ ރަށު އޮފީހުގައި ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ވަޒީފާއެއްގައި އުޅޭ ފަރާތެކެވެ. އޮފީހުގައި އުޅޭތާ އަދި މިވީ އެއްމަހެވެ. އޭނާއަށް ލިބޭ އެއްޗަކުންނާއި ކޮޓަރި ކުއްޔަށް ދީގެން ލިބޭ ކުޑަ ފައިސާ ކޮޅުން މިހާރު އެ އާއިލާ ބެލެހެއްޓެއެވެ. މިއަދު ލީއާ މީހަކަށް ވެފައި އެވަނީ އޭނާ މަންމަގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ ގާދިރުގެ ހެޔޮ ކަމުންނެވެ. ލީއާ HR ޑިގްރީ ހެދުމަށްމިދިޔަ 3 އަހަރު މާލެ ފޮނުވީވެސް ގާދިރުގެ ހަރަދުގައި ހުރިހާ ކަމެއް ހަމަޖައްސާފައެވެ. ލީއާ މާލެ ދިޔުމުން ޒީނާއާއި ޒައިނީ ބެހެއްޓީ ގާދިރުގެ އަންހެނުން ގާތުގައެވެ. ގާދިރުއާއި ޚިލާފަށް ގާދިރުގެ އަންހެނުން އަސްމާ އަކީ ނިކަން ހެޔޮ ފިރިމީހާދެކެ ލޯބިވާ އަންހެނެކެވެ. ލީއާ ރަށަށް އައިފަހުން ޒީނާއާއި ޒައިނީމެން ތިން ކުދިން އަނެއްކާވެސް އަމިއްލަ މައިންބަފައިންގެ ގެޔަށް ބަދަލުވީއެވެ. މިހާރުވެސް ގާދިރުބޭ ހެޔޮ ކަމުގެ ނަމުގައި ދޭތެރެ ދޭތެރެއިން ފައިސާ ދިއްކޮށް ލައެވެ. ނަމަވެސް އެ ހެޔޮ ކަމުގެ ފަހަތުގައި މަކަރުވެރި ރޭވުމެއް ވާކަމެއް އޭނާގެ މަންމަ މެން ތިބިއިރު އެމީހުންނަކަށް ނޭނގެއެވެ. އެކަމަކު މިއަދާ ހަމައަށް އައިއިރު 20 އަހަރުގެ ލީއާ އަށް ކޮންމެވެސް ވަރަކަށް އެ މަކަރުވެރި ހިޔަޅުގެ ރޭވުން އެނގިފައި ވެއެވެ. ގާދިރުއަކީ ލީއާ މަންމަމެން އުމުރުގެ މީހެކެވެ. އޭނާގެ އުމުރުން މިހާރު ގާތްގަނޑަކަށް 40 ހަކަށް އަހަރު ވެދާނެއެވެ. ޒީނާ ކޮޓްރި ދޮރު ހުޅުވާލުމަށްފަހު ލޯގަނޑު ކުރިމަތީ ފުނާއަޅަން ހުރި ޒައިނީއަށް ގޮވާލިއެވެ. އެއަށްފަހު ދެކުދިން ނުކުމެ ގޮސް ކާގެއަށް ވަނެވެ. ކާން ތިބެގެން އެންމެން ނިކަން މަޖާ ވާހަކަތައް ދެއްކިއެވެ. ” ދޮންތިއަށް އިނގޭތަ؟ ދޮންތި އޮފީހަށް ދިޔައިމަ ކޮންމެ ދުވަހަކު ކުޑޫ މަށަށް އުނދަގޫ ކުރާވަރު؟” ވާހަކައިގެ ފޯރީގައި ޖެހިފައި އިން ޒައިނީ ދެއްކީ ޒީނާގެ ވާހަކައެވެ. ޒައިނީ ނިކަން މަޖާ ހިނިގަނޑެއް ޖަހާލިއެވެ. ” ކުރީ ދުވަހަކުވެސް މަ ގޭތެރޭގައި އުޅެނިކޮށް މީހަކު މަރަށްތެޅި ތެޅިފަ ހަޅެއް ލަވާ އަޑު އިވިގެން ގޮސް ކޮޓްރި ބަލާލިއިރު…” ޒައިނީ އަށް ހެވޭ ވަރުން ވާހަކަ ދެއްކޭ ވަރެއް ނުވިއެވެ. ކުރިމަތީ އިން ޒީނާ އިނީ ދެލޯ ބަކަމޫނެއްހެން ހަދައިގެން ތުން ދަމާ ދިގުކޮށްގެންނެވެ. ހެވޭ ނުހެވޭ ވަރުވެފައި އަނެއްކޮޅުން ލީއާ އިނީ އަނގަޔަށް ލީ ރޮށިކޮޅުވެސް ދިރުވާލާނެ ގޮތެއް ނޭނގިފައެވެ. ” ކަމަކުވާ މީނަ ފާހާނަ ތެރޭގަ ކުރަތްޕެއް އިނދެގެންނޯ ނިކުންނަން ނުކެރިފަ.. އައްހައްހައްހަހާ. އަދި އެންމެ ފަހުން ކުރި ކަންތައް އިނގޭތަ. ކުރަފި އުދުއްސައިގަތީމަ މީނަ އައިސް ޖެހިގަތީ މަ ގައިމަށްޗަށް. ހިކިކޮށް ހުއްޓަސް ހީވީ ބަރު ހިލަގަނޑެއް ގައިމައްޗަށް ވެއްޓުނުހެން. ” މުޅި ކާގޭގައި ގުގުމަމުން ދިޔައީ ޒައިނީގެ ހުނުމުގެ އަޑެވެ. އެ ވަރަކަށް ޒައިނީ ހޭތީވެ ލީއާ އިނީ ދެލޯ ބޮޑުކޮށްލައިގެން އަނގަ ތަންމިނަށް ހުޅުވައިގެންނެވެ. ” ހޫމް. ދެން ހެވެއްނު، ޒައިވެސް މާރީތި ކަމެއްނޫނޭ ކޮއްލީއެއް. ” ޒީނާ މުށްކަވާލަމުން އެ ރީތި ބޮޑު ދެލޯ ވަށްކޮށްލިއެވެ. ” ޒައި މަ ތުވާލިގަނޑު ބޮލުގަ އޮޅާފަ ހުއްޓާ ދުރަށް ކޮށްޕާލިތަނުން އެނދުމަތިން ވެއްޓުނީ. ނަސީބެކޭ ކުރަފި އައިސް ޖެއްސީ ޒައި ގައިގަ. ދެން ތުވާލިގަނޑުން ތަޅައިގަތީމަ ކުރަތްޕާއެކީ ޒައިވެސް އޮތީ ބަލިވެފަ..” ޒީނާ ކޮށްލިކަންތައް މަޖާވެލާފައި ފާޅުކޮށްލިއެވެ. އެންމެނަށް އެއްފަހަރާ ހީގަނެވުނެވެ. އެ ވަގުތު ގާދިރު އައިސް ވަނުމުން ލީއާ ހުނުން ހުއްޓާލިއެވެ. ދެން ތިބި ދެކުދިންނަކަށް މީހަކު އައި ކަމެއް ނެނގުނެވެ. އަދިވެސް ހުނުމުގެ ފޯރީގައި ތިބީއެވެ. ” ހާދަ ވަރަކަށް ހިނިއަންނަނީ މިއަދު؟” ގާދިރުގެ އަޑުން މުޅި މާހައުލު ހިމޭންކޮށްލިއެވެ. ގޮތެއްފޮތެއް ނެތި އޭނާ އައިސް ފްރިޖުން ފިނިފެން ފުޅިއެއްނަގާ އަނގަޔަށް ފެން ކޯވަރެއް އޮއްސާލިއެވެ. ޒައިނީއާއި ޒީނާ ވަށްކަޅިން އެދިމާލަށް ބަލަމުން ތުން ތަޅުވާލީ ފޫހިގޮތަކަށެވެ. ލީއާ ބޮލުގެ އިޝާރާތުން އެހެން ނުހެދުމަށް ބުނެލިއެވެ. ގާދިރު އައިސް ލީއާ ތަންކޮޅެއް ކައިރީގާ ހުރި ގޮނޑިއެއްގައި އިށީނުމުން ތިން ކުދިންވެސް ގަދަކަމުން ހީލިއެވެ. ” ކޮބާ މިއަދު އޮފީހަށްް ދާން ނުޖެހެނީތަ؟ ” ރޮށިކޮޅަށް ކުޅިމަސް ކޮޅެއް އަޅާފައި އެ ބޮޑު އަނގަޔަށް ލަމުން ގާދިރުގެ ސުވާލު ސީދާ އަމާޒު ކޮށްލީ ލީއާ އަށެވެ. އޭނަގެ އަނގަޔަށް އެވަގުތު ޖެއްސުނު ވައްތަރަކުން ޒީނާއަށާއި ޒައިނީއަށް އެތެރެއެތެރެއިން ހެވުނެވެ. ” ހޫމް. މިއުޅޭ ބަލި އުޅޭތީ ބަންދު ކޮށްފި މަހަކަށް. ގޭގައި ތިބެންވީ ހަމަ. އެކަމަކު އޮފީސްް ވޯކްސް ހަދަން ޖެހޭނެ. ގޭގައި އިނދެގެން ވިޔަސް. ” ލީއާ ވާހަކަ ދެއްކީ ބޭނުންވެގެން އިނދެގެންނެއް ނޫނެވެ. އެވަގުތު ގާދިރު ލީއާ އަތުގައި އޮތް ފެންފުޅީގައި ހިފިއަސް އެ ހިފާލީ ލީއާގެ އަތުގައި ހިފުމުގެ ނިޔަތުގައެވެ. ވަގުތުން ލީއާ އަތް ދަމައިގަތެވެ. ” ހާދަ ކުޅިކޮށް ހަދާލާފައޭ މި ހުރީ. އެކަމަކުވެސް ވަރަށް މީރު. ކާކު ހެދީ؟” ގާދިރު ޗޫސް ދަމަމުން އެހެންބުނީ ވަރަށްވެސް ހުތުރު މާނައެއްގައެވެ. އެހެންބުނުމާއެކު ލީއާއަށް ދެލޯ އަޅާލެވުނެވެ. ގާދިރުއަކަށް އެ މަންޒަރު ނުފެންނާނެއެވެ. ޒައިނީއާއި ޒީނާ އެތާ ނުތިބެންވެގެން ބަނޑު ނުފުރުނު ކަމުގައިވިޔަސް ދިޔައީ ކޮޓްރިއަށެވެ. ގާދިރު އެދުންވެރި ގޮތަކަށް ބަލާލީ ލީއާއަށެވެ. އެ ބަލާލުމުން ލީއާގެ ހިތުގައި ގާދިރުއަށްޓަކައި ފުރަތަމަ ފަހަރަށް ނަފްރަތުގެ ހުޅުކޮޅު އެ ހިތުގައި ރޯކޮށްލެވުނެވެ. އަވަސްއަވަހަށް ތަށިތައް ނަގާ ކަމަށް ހަދާފައި ޒިންކް ދޮށަށް ގާތްވެލިއެވެ. އެ ގާދިރު އެ އުޅެނީ ކޮން ފާޑަކަށް ހެއްޔެވެ؟ ލީއާ ހިތާހިތުން ގާދިރުއަށް ހަޅެއްލެވިއެވެ. ފުރުސަތުގެ ބޭނުން ހިފާފާ ގާދިރު އައިގޮތަށް އައިސް ހުއްޓުނީ ލީއާ ކައިރީގައެވެ. އޭނާގެ ފަހަތުގައެވެ. ފަހަތުގައި މީހަކު ހުރިހެން ހީވެގެން ބަލާލި އިރު ގާދިރު ހުރީ އޭނާއާ ނުހަނު ގާތުގައި އަތް އުފުލާލައިގެންނެވެ. ވަގުތުން ލީއާ އޭނާގެ އަތް ފޮޅުވާލާފާ ދުރަށް ޖެހިލިއެވެ. ” ގާދިރު ކޮންފާޑަކަށް ތި އުޅެނީ. މިހާރު ތި އަރަނީ މާ މައްޗަށް އިނގޭ. މަންމަގެ ރައްޓެއްސަކަށް ވީތީ ތިއީތަ ކޮށްދޭންވީ ކަމަކީ. ތި ނުލިބިގެން އުޅޭ އެއްޗެއް ބުނެބަލަ. ” ލީއާ ޝަހާދަތް އިނގިލި ދިއްކޮށްލަމުން ފަހަތަށް ޖެހެމުން ދިޔައެވެ. ” ނާރަމޭ މައްޗަކަށް. ހުރިތާއޭ މިހިރީ. ނޭނގޭތަ ބޭނުންވެގެން މި އުޅޭ އެއްޗެއް؟ ” ގާދިރު ރުޅިވެރި ރާގަކަށް ބުނެލިއެވެ. ލީއާއަށް އެ ނުލަފާ މީހާއާ ދިމާލަށް ކަޅިއަޅާލެވުނެވެ. ގާދިރު ހިނގަމުންގޮސް ލީއާ ފާރުގަ ތަތްކޮށްލާ ހައްޔަރު ކޮށްލިއެވެ. އޭނާއަކަށް އެ މުސްކުޅި މީހާގަނޑުގެ ހަރަކާތްތަކުން ރުޅިގަދަވެގެން އަތްނުލާންވެގެން މޭޒުމަތީ އިން ތައްޓެއް ނަގާ ގާދިރުގެ ނިއްކުރީގައި އަޅާ ދުރަށް ކޮށްޕާލިއެވެ. އަންނަ ރުޅީގައި ލީއާއަށް އެ ލިބޭ ބާރަކީވެސް ނަސީބެއްނޫންހެއްޔެވެ؟ ގާދިރު ލީއާ އާ ދުރުވިއެވެ. އެދެމެދުގައި ހުންނާނީ ތިން ފޫޓެއްހާ ތަނެވެ. ގާދިރު އަތްމަޅާލާ ލީއާ އާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު ޒައިނީ ފޯނަށް ބަލަމުން އައިސް ކާގެއަށް ވަންނަ ތަން ލީއާއަށް ފެނުނެވެ. “ޒައި.. ކާކު ގުޅީ؟.. ދައްކަބަލަ ފޯން..” ލީއާ ޒައިނީ އާއި ދިމާލަށް ހިނގައިގަތުމުން ގާދިރު ފަސްޖެހުނެވެ. އެ އުމުރުގެ ކުއްޖެއް އަތުގައި ފޯނެއް އޮއްވާ ފެނިއްޖެޔާ ގާދިރު ވަރަށް ބިރުގަންނާނެއެވެ. ރެކޯޑް ކޮށްލާފާ ބަސްޓް ކޮށްލާކަށްވެސް އެ މީހުން ފަހެއް ނުޖެހޭނެއެވެ. ނުވާކަމަކަށް ހަދާފައި ގާދިރު އެގެއިން ފިލާ ރައްކާވެއްޖެއެވެ. އޭނާ ދިއުމުން ޒައިނީއާއި ލީއާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ” ތޭންކްސް މައި ބޭބީ.” ލީއާ ޒައިނީގެ ކޮނޑުގައި ޖަހާލިއެވެ. ގާދިރުގެ އެފަދަ ހަމަލާ އަކަށް ތިންކުދިންވެސް ތިބެނީ ހުޝިޔާރުވެ ކުރީބައިގާ ޕްލޭން ކޮށްލައިގެންނެވެ. ” ކުޑޫ ފާހާނާގައި އުޅޭތީ މަ މިއައީ. ސޮރީ.” ޒައިނީ އިސްދަށަށް ޖަހާލިއެވެ. ” އެ ޢޯކޭވާނެ. ޒައިވެސް ޖެހޭނެ ކަންކަމާ ކުރިމަތި ލާން ދަސްކުރަން… މިހާރު 16 ވެސް ވެއްޖެ އެއްނު. އެންޑް މި އަހަރު 17 ވާނެ ދޯ. ޓުމޯރޯ” ލީއާ ކިޔާލިއެވެ. ” އޯވް. ކަރާޓީ ދަސްކޮށްލަންވީ ދޯ” ޒައިނީ އަތަށާއި ފަޔަށް ވައްތަރެއް ޖައްސާލަމުން ހީގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

