ރައާގެ ގެއާއި ހަމައަށް އާދެވުމުން ރައާ ކާރުން ފޭބިއެވެ. “ތެންކިޔު” ރައާ ރީތި ހިނިތުންވުމަކާއިއެކު އެހެން ބުނުމަށްފަހު ގެއަށް ވަންނަަން ހިގައިގަތެވެ. “އެނީ ޓައިމް” އީހަންގެ އެއަޑަށް ރައާ ފަހަތް ބަލައިލިއިރު އޭނާ އިނީ ރީތި ފިރިހެންވަންތަ ހިނިތުންވުމަކާއިއެކު އޭނާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ރައާވެސް ރަކި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ގެއަށްވަނެެވެ. އެތެރެއަށް ދިޔަކަން ޔަޤީންކޮށްލުމަށްފަހު އީހަން އޭނާގެ ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ.
ޔަލީނާގެ އަތުން އެމީހްކު ދޫކޮށްލުމާއިއެކު ޔަލީނާ އެމީހާއާއި ދިމާއަށް ރަނގަޅަށް ބަލައިލިއެވެ. އަޒްލާންގެ ތޫނު ފެހި ކުލައިގެ ދެލޯ އެހާ ކައިިރިން ފެނުމުން ޔަލީނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެދެލޯ ހާދަހާ ރީއްޗެވެ! އެދެލޮލަށް ބަަލަން ކެތްނުވެގެން ޔަލީނާ އިސްޖަހައިލިއެވެ. އަޒްލާންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
“ކީ…ކީތްވެ އަ..ހަރެން މި…ތަނަ…ތަނަށް ތި ގެނަ….” ޔަލީނާ ތުރުތުރު އަޅަމުންދިޔަ އަޑަކުން ދައްކަމުންދިޔަ ވާހަކަ ހުއްޓައިލަން މަޖުބޫރުވީ އޭނާގެ ތުންފަތުގައި އަޒްލާންގެ އަތް އެޅުމުންނެވެ. އަދި އޭނާ ޔަލީނާގެ އިސްއުފުއްލުމަށްފަހު އޭނާ އާއި ހަތަރު ކަޅި ހަމަ ކުރުވިއެވެ. އެދެލޮލުން މިހާރު ފެންނަނީ ހިތްދަތިކަމާއި ހިތާމަވެރިކަމެވެ. އެދެލޮލުގެ ސަބަބުން ޔަލީނާގެ އެންމެ ފުން ނާރަށްވެސް އެއަސަރު ކުރިއެވެ. އަޒްލާން ކުއްލިއަކަށް ފަހަތަށް ޖެހިލިއެެވެ. ޔަލީނާ އަނެއްކާވެސް އިސްޖަހައިލީ އެތޫނު ބެލުމުގެ ދަށުން ސަލާމަތްވުމުގެ ނިޔަތުގައެވެ
“ލީނާ….” އަޒްލާން ޔަލީނާއަށް އެހާ ލޯބިން ގޮވައިލުމުން ޔަލީނާއަށް އިސްއުފުލަން މަޖުބޫރުވިއެވެ.
“މަށަށް މަޢާފުކުރޭ!” އަޒްލާން އެހެން ބުނެލިއިރު އެއަޑުގައިވި ވޭން އިހްސާސްކުރާކަށް ޔަލީނާއަކަށް އުނދަގުލެއްނުވިއެވެ.
“މަށަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ! އެކުށުން ލީނާއަށާއި ކިތައްމެ މީހެއްގެ ދިރިއުޅުމަށް އެކަމުން އަސަރުކޮށްފި.” މިވާހަކަތަކުން ޔަލީނާގެ ދެލޮލަށް ކަރުނަ ޖަމާވާނަފެށީ އަޒްލާން އޭނާއާއި ދިމާއަށް އެދުވަހު ކީ އެއްޗެހި ހަނދާންވުމުންނެވެ.
“ލީނާދިޔަ ދުވަހު މަށަށް ކިނާންއާއި ލައާލީގެ ރޭވުން އަޑު އިވުނު. އެދެމީހުން އުޅުނީ ލީނާ މަރައިލަން…” އަޒްލާން އެހެން ބުނީ ދެލޯ މަރައިގެން ހުރެއެވެ. އެބުނި ވާހަކައިން ޔަލީނާއަށް ލިބުނީ ޝޮކެކެވެ.
“އާނ! އެދެމީހުން އުޅުނީ ލީނާ މަރައިލަން. އެދުވަހަށްފަހު މަ މާލްމެންގެ ކައިރީގައި މަޢާފަށް އެދުނިން. ނަމަވެސް….ގިނަ ދުވަހެއްނުވެ ކިނާން ކަލް މަރައިލާފި. އެއީ އޭނާގެ ރޭވުން އަޑުއިވުނުކަމަށްޓަކައި. މިހާރު އޭނާހުރީ ޖަލުގަ. މަގޭ ކުށެކޭ ކިޔައިގެން މާލްމެެން މަ ދުރުކުރީ… އޭގެ ފަހުން ދެތިން މަސްނުވެ މަގޭ މަންމަ މަރުވީ! އެހެންވެ ކޮންމެހެންވެސް ހަދާފަ މަށަށް ޖެހުނީ ރާއްޖެ އަންނަން…” އަޒްލާން ވޭތުވެގެން ދިޔަ އަހަރުގައި ވެނިމުނު ކަންތައް ކިޔައިދިންއިރު އޭނާހުރީ ފެންކަޅިވެފައެވެ. ޔަލީނާގެ ދެލޮލަށް ޖަމާވެފައިހުރި ކަރުނަތައް ކޯތާފަތް މައްޗަށް ވެރެމުންދިޔައިރު މާބޮޑަށް ރޮވިދާނެތީވެހުރީ އަނގަ މަތީގައި އަތްވެސް އަޅައިގެންނެވެ.
“ލީނާ! ހެޔޮ ނުވާނެ…. މަށަށް މަޢާފުކުރޭ!” އަޒަލާން އެހެން ބުނީ މީހެއްގެ ހިތް ރޮއްވައިލާފަދަ އަޑަކުންނެވެ. އެހާވެސް އެއަޑު އަސަރުގަދައެވެ.
“އަ….ހަރެން އަ..ޒްލަ…އަޒްލާންއަށް މަ…ޢާ…ފު ކޮށްފިން..” ޔަލީނާ ގިސްލަމުން ބުންޏެވެ.
“އަމް….. މަ ދަ..ދަނީ.” ޔަލީނާ ބުންޏެވެ.
“މަޑުކޮށްބަލަ!” އަޒްލާން އެހެން ބުނުމާއިއެކު ދޮރުގެ ތަޅުގައި އަތް ޖައްސައިލައިގެންހުރި ޔަލީނާ އަޒްލާންއަށް ބަލައލިއެވެ.
“އެއްޗެއް ކައިލައިގެންނުން ދާން ވާނީ…” އަޒްލާން ހިނިތުންވެލަން މަސައްކަތްކުރަމުން ބުންޏެވެ.
“އޯކޭ.” ޔަލީނާ އެހެން ބުނުމަށްފަހު ކޮޅަށްހުރީ ތަނެއްގައި އިށީންނަން ނުކެރިގެންނެވެ.
ޔަލީނާ އެހެން ހުރިގޮތުން ހީވަނީ ބީރައްޓެއްސެއް އެތާ ހުރިހެންނެވެ. ހިތަށް އެރި އެއްޗަކުން އަޒްލާންއަށް ހެވުނެވެ. ނަމަވެސް ހޭން ފެށިީ ޔަލީނާއަށް ނުފެންނާނެ ހެންނެވެ.
“މިތާ އިށީނދޭ!” ސޯފާ ދައްކައިލަމުން އެހެން ބުނުމަށްފަހު އަޒްލާން ކޮޓަރިއަށް ދިޔައެވެ.
ޔަލީނާ ހީކުރީ އަޒްލާން ރެސްޓޯރެންޓަކުން ކަހަލަ ތާކުން އެއްޗެއް އޯޑަރުކުރާނީކަމަށެވެ. އިރުކޮޅެއްނުވެ އަޒްލާން ނިކުތީ ކުރިން ލައިގެންހުރި ގަމީހާއި ކަޅުކުލައިގެ ޖިންސު ބަދަލުކޮށްލައިގެންނެވެ. މިހާރު ލައިގެންހުރީ ކަޅުުކުލައިގެ ޓީޝާރޓްއަކާއި ނޫކުލައިގެ ސޯޓެކެވެ. ޔަލީނާ ހީކުރިގޮތާއި ޚިލާފަށް އަޒްލާން ބަދިގެއަށްގޮސް ދެ ނޫޑްލިސް ޕެކެޓު ކައްކައިގެން އެއެއްޗެހި ދެތައްޓަށް އަޅައިގެން ގެނައެވެ. އަދި އެއާއިއެކު ހޫނު ސައިވެސް ގެނައެވެ. ޔަލީނާ ހުރީ އަނގައިން ސޮނި ވެއްޓޭވަރުވެފައެވެ. ޔަލީނާ ހީކުރީ އަޒްލާންއަކީ އޮފީހުގައި އުޅޭ މީހެއްކަމުން ކައްކަން ނޭނގޭނެ ކަމަށެވެ.
“އާދޭ ކާން..” އަޒްލާން އެހެން ބުނުމުން މޭޒު ކައިރިއަށްގޮސް އަޒްލާންއާއި ކުރި މައްޗަށްވީ ގޮނޑީގައި އިށީނެވެ.
“ލީނާ ހީކުރީ މަ އޮފީހުގައި އުޅޭތީ ނުކައްކާނެކަމަށްދޯ؟ ނޫނީ މަ ކާއެއްޗެއް ގެންނާނީ ރެސްޓޯރެންޓުން ކަމަށް ދޯ؟” ޔަލީނާއަށް ހީވީ އަޒްލާން އޭނާގެ ހިތް ކިޔައިލިހެންނެވެ.
“ކިހިނެތް އިނގުނީ؟” ޔަލީނާ އެއްސެވެ.
“ތިއިންނަ ގޮތަކުންވެސް މީހަކަށް ނޭނގި ހިނގައިދާނެތަ؟ ހަހަހަަ..” އަޒްލާން އެހެން ބުނެލަމުން ހިނިގަނޑެއް ޖަހައިލިއެވެ.
“އަސްލު މަ ކުޑައިރު މަންމަމެން ބައްޕަމެން މަގޭ ކައިރިއަކު ނޫން އުޅެނީ. އަސްލު މަ ވަރަށް ކުޑައިރު ކައްކާހިތްވޭ. އެހެންވެ އަތާއި ތަންތަން ފިއްސައިގެންކަމަކު ކައްކަން ދަސްކުރީ.” އަޒްލާން ކިޔައިދިނެވެ.
“ކާން ފަށަންވީނުން؟” ޔަލީނާ ނުކައި އިންނަން ފެށުމުން އަޒްލާން ބުންޏެވެ.
ޔަލީނާ ހިނިތުންވެލުމަށްފަހު ނޫޑްލީސްކޮޅެއް އުލަށް އޮޅައިލަން އުޅެނިކޮށް އޭނާގެ އަތުން ސައިތަށީގައި ޖެހިފައި މުޅި ސައިތަށި ބިންމައްޗަށް ވެއްޓުނެވެ. ސައިތަށި ވެއްޓުނު ތަނާ ހޫނު ސައިއެތި އޭނާ ގެ ފަޔަށް އެޅި އެ ތަށި ތަޅައިގެން ދިޔައެވެ. ތަދުވިވަރުން އޭނާއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. ހަމަ އެވަގުތު އޭނާގެ ފައި ބިއްލޫރިކޮޅަކަށް ހެރުނެވެ. އެއާއިއެކު ޔަލީނާއަށް ވަރަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. އަޒްލާން ސިހިފައި ޔަލީނާ ވެއްޓެން ދަނިކޮށް ޔަލީނާގެ އުނަގަނޑުގައި ފަސޭހަކަމާއިއެކު ހިފެހެއްޓިއެވެ. ޔަލީނާ ބިރުން އޭނާގެ ދެއަތުން އަޒްލާންގެ ޓީޝާރޓުގައި ވަރަށް ބާރަށް ހިފެހެއްޓީ ދެލޯ މަރައިގެން ހުރެއެވެ. އެވަގުތަކީ އީހަން އަޒްލާން ހޯދުމަށް އެތެރެއަށް ވަތް ވަގުތުކަމުން އީހަންއަށް ހުރިހާ މަންޒަރެއް ފެނުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

