އެނދުމަތީގައި އޮތް ހުދު ކުލަައިގެ ފޮއްޓަށް ބަލަހައްޓައިގެން ޒޯޔާއަށް ހުރެވުނެވެ. އޭތި އެތަނުގައި ބޭއްވި މީހަކާ މެދު ހިތުގައި ސުވާލު އުފެދުނެވެ. މަޑު މަޑުން އައިސް ޒޯޔާ އެނދުގައި އިށީނދެ އެ ފޮށީގައި އަތް ހާކާލިއެވެ. މެދު ސައިޒުގެ އެފޮށީގެ އެތެރޭގައި އޮތް އެއްޗެއް ހޯދުމުގެ ޝައުޤުވެރިކަން ޒޯޔާގެ ހިތުގައި އުފެދިގެންދިޔައެވެ.
ފޮށީގެ މަތިގަނޑު ހިއްލާލުމާއެކު އެންމެ ފުރަތަމަ ވެސް ޒޯޔާގެ ލޮލުގައި އަޅައިގަތީ މަތީގައި ބާއްވާލެވިފައި އޮތް ނޯޓު ކޮޅެކެވެ.
“ވެއަރ ދިސް އެންޑް ކަމް ޓު ދި ޓެރެސް..” އެގަނޑުކޮޅުގައި ވިއެވެ. އިތުރު ހައިރާން ކަމެއް ލިބިގެން ދިޔަ ޒޯޔާ ފޮށީގެ ތެރެ ރަނގަޅަށް ބަލައިލިއެވެ. ނޯޓު ކޮޅުގެ ދަށުގައި އޮތް ކަޅު ކުލައިގެ ހެދުން ޒޯޔާގެ ލޮލުގައި އަޅައިގަތީ ދެނެވެ.
ފޮށިން ހެދުން ނަގަމުން ޒޯޔާ ރަނގަޅަށް ބަލައިލިއެވެ. އަދި އެ ހިފައިގެން އައިސް ލޯގަނޑު ކުރިމަތީ ހުއްޓެމުން އެހެދުން ގަޔާލާ ޖައްސާލިއެވެ. މޭމަތި ރަފްލް ޑިޒައިނަށް ފަރުމާ ކުރެވިފައިވާ އެ މެކްސީ ހެދުމުގެ އަތާއެކު ކަޅު ލޭސްފޮތި ބޭނުން ކުރެވިފައި ވެއެވެ. ރީތި، ސާދާ އެހެދުން ފެނުމާއެކުވެސް ޒޯޔާގެ ހިތް ކިޔާލީ އައިވިންގެ ނަމެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވި އިރު އަވަސް އަވަހަށް އައިވިން ބުނި ފަދައިން ތައްޔާރުވާން ފެށިއެވެ.
ހެދުން ލައި ތައްޔާރު ވެލުމަށްފަހު ޒޯޔާ ފަހު ފަހަރަށް އޭނާގެ ސޫރަ ލޯގަނޑުން ބަލައިލިއެވެ. ލައިފާ ހުރި ހެދުން އޭނާގެ ގަޔަށް ނުހަނު ހެޔޮވަރެވެ. ހެދުން އިޚްތިޔާރު ކުރުމުގައި އައިވިންގެ މޮޅުކަމަށް ހިތާއި ހިތުން ޒޯޔާއަށް ތަޢުރީފު ކޮށްލެވުނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒޯޔާ އިސްތަށިގަނޑު ރީތި ކޮށްލަމުން ފޮށީގައި އޮތް ހެދުމާ ގުޅޭ ފައިވާނަށް އަރާލިއެވެ. އެއަށްފަހު ކޮޓަރިން ނިކުމެ ސިޓިންގްް ރޫމުގައި ހުރި ސިޑިން އޭނާ މިސްރާބު ޖެހީ ހާމަ ފެންޑާޔަށެވެ.
ތެޅި ތެޅި އޮތް ހިތަކާއެކު ހާމަފެންޑާއަށް ނިކުން ޒޯޔާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ދެލޯ ބޮޑުކޮށްގެން ހުރެ ވަށައިގެން ފެންނަން އޮތް މާޙައުލަށް އޭނާއަށް ނަޒަރު ހިންގާލެވުނެވެ.
އެކި ޑިޒައިންތަކަށް ދިއްލާފައިވާ ލެންޓާންތައް ޓެރަސްގެ މާބްލްސް ތަކުގައި ޔާޤޫތު ތަކެއްހެން ވިދަމުން ދިޔައެވެ. ޒޯޔާގެ އިންތިޒާރުގައި އިން މީހެއް ފަދައިން އައިވިން ގޮނޑީގައި އިނދެފައި ކުއްލި އަކަށް ތެދުވިއެވެ. އަވަސް ފިޔަވަޅުތަކުގައި އައިސް ޒޯޔާގެ ކުރިމަތީ ހުއްޓި އެ އަތުގައި އައިވިން ހިފާލިއެވެ.
“އައި ވޯޒް ރައިޓް.. ބްލެކް ސޫޓްސް ޔޫ ސޯ ވެލް..” އައިވިންގެ ހިނިތުންވުމާއެކު އެދެލޯވެސް ވިދަމުން ދާފަދައެވެ. ޒޯޔާއަށް އައިވިން އަށް ނަޒަރު ހިންގާލެވުނީ އެވަޤުތުއެވެ. ކަޅުކުލައިގެ ގަމީހާއި ފަޓުލޫނުގައި ބެގީ ކުރެވިފައިވާ އިރު އައިވިންވެސް ފެންނަމުން ދިޔައީ ނުހަނު ފިރިހެންވަންތަ ކޮށެވެ.
“ހިނގާ މޭޒު ކައިރިއަށް..” އައިވިން އެހެން ބުނިއިރު ޒޯޔާގެ އަތުގައި ހިފަމުން އެދިމާއަށް ހިނގައިގަންނަނީއެވެ.
މޭޒާ ކައިރިވީހެން ޒޯޔާއަށް އިތުރު މަންޒަރުތައް ފެންނަމުން ދިޔައެވެ. މޭޒުގެ މެދުގައި އުއްބައްތިތައް ދިއްލާލެވިފައި ވާއިރު ތަފާތު ބާވަތްތަކުގެ ކާތަކެތި އަތުރާލެވިފައި ހުއްޓެވެ. އެހުރިހާ އެއްޗަކަށް ހައިރާން ކަމާއެކު ބަލަމުން ދިޔަ ޒޯޔާ ސިހުނީ އައިވިންގެ އަޑާއެކުއެވެ.
އައިވިން އޭނާގެ ގޮނޑީގައި ބާއްވާފައި އޮތް ރަތް ފިނި ފެންމަލުގެ ގުލްދަސްތާ ނެގިއެވެ. އެބޮޑު މާބޮނޑި ނަގަމުން އެއީ ޒޯޔާއަށް ކަމަށް ބުނެލިއެވެ.
ޒޯޔާގެ އަނގަ ލެއްޕޭނެ ހިނދުކޮޅެއް ނުލިބެއެވެ. ފެންނަމުން ދިޔަ ހުރިހާ މަންޒަރެއް ވެސް އޭނާއަށް ސިފަވަމުން ދިޔައީ ހުވަފެނެއް ފަދައިންނެވެ. އައިވިންގެ ޢަމަލުތަކުގެ ފަހަތުގައިވަނީ ކީކޭ ކަން ނަގައިގަންނާކަށް ޒޯޔާ އަކަށް ނޭނގުނެވެ.
“މިރޭ މީ މާ ޙާއްސަ ރެޔަކީތަ..؟” މާތަކުން ވަސް ބަލާލަމުން ހިނިތުންވެ ހުރެ ޒޯޔާ ސުވާލު ކޮށްލިއެވެ. އެއާއެކު އައިވިން އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ޒޯޔާއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. އައިވިން އާ ދިމާއަށް އޭނާ ބަަލައިލީ ސުވާލު އުފެދި ހުރެއެވެ.
“ބަލާ ހަނދު.. މިރޭ މީ ފުލް މޫން ނައިޓް އެއް..” އައިވިން ހަނދު ދައްކާލަމުން ބުނެލިއެވެ. ޒޯޔާއަށް ވަޤުތުން މަތި ބަލައިލެވުނެވެ . އެހިނދު އައިވިން ބުނި ވާހަކައިގެ ތެދުކަން ހާމަވިއެވެ. އަދި އާދައިގެ ސާދަ ފަނަރައިގެ ހަނދަކަށްވުރެ މިރޭގެ ހަނދު އަލިގަދަވެފައި ބޮޑުކަމަށް ދައްކަމުން ދިޔައެވެ.
“ހިނގާ އެހަށް ކާން ފަށަށް.. މީ އަހަރެން ޒޯ އަށް ތައްޔާރުކޮށްދިން ޑިނަރ އެއް އިނގޭ.. ރަހަތަކަށް ރަނގަޅަށް އިންސާފު ކުރާތި..” އައިވިން ސަމާސާ ރާގަކަށް ބުނެލިއެވެ.
“އައިވިންް ކޮން އިރަކު މިހުރިހާ ކަމެއް ކުރީ..؟” ޒޯޔާ އާޝޯހު ވެފައި އިނދެ ސުވާލު ކުރަމުން ތައްޔާރު ކުރެވިފައިވާ ތަފާތު އެކި ކާއެއްޗެހި ތަކަށް ނަޒަރެއް ދިނެވެ.
“އެއީ ސިއްރެއް..” ކަނދުރާގައި އަތް ހާކާލަމުން އައިވިން ނޫންގޮތަކަށް ޖަވާބު ދިނެވެ. ހީވީ ސުވާލުން އަވަހަށް ރެކިގަންނަން އުޅުނުހެންނެވެ. ދެމީހުން އެކީގައި ކެއުމަށް އިންސާފު ކުރަމުންދިޔައިރު ދޭތެރެއަކުން ކާއެއްޗެހީގެ މީރުކަމަށް ޒޯޔާ ތަޢުރީފު ކޮށްލައެވެ.
******
ކެެއުން ނިންމާލުމަށްފަހު ދެމީހުން ހުއްޓިލައިގެން ތިބީ ޓެރަސްގެ ރެއިލިންގްތައް ދޮށުގައެވެ. އުޑުގައި ޝާއްބަ ކަމާއެކުު ރަނިކަން ކުރަމުން ދިޔަ ނަލަ ނަލަ ހަނދަށް ބަލަހައްޓައިގެން ޒޯޔާ ހުރީ ދެއަތުން އައިވިން ދިން ފިނިފެންމާބޮނޑި ނޭފަތުގައި ޖައްސާލައިގެންނެވެ. އެ ފިނިފެން މާތަކުގެ ތެރެއިން ފެންނަމުންދިޔަ ޒޯޔާގެ ދެލޮލަށް އައިވިން އަށް ބަލަހައްޓައިގެން ހުރެވުނެވެ. އުޑުގައި ބަބުޅަމުންދިޔަ އަލިގަދަ ހަނދަށްވުރެ އެހިތުން ޖާގަ ދެވުނީ އެދެލޮލަށެވެ. ހީވާކަހަލައެވެ. އައިވިންގެ ހަނދަކީ ޒޯޔާއެވެ.
“ޒޯ…” އައިވިން ގޮވާލި ގޮތުން ޒޯޔާ ބަލައިލިއެވެ. ހީވީ އައިވިން ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެ ހުރެ ގޮވާލިހެންނެވެ. އައިވިންގެ މޫނުމަތިން ޒޯޔާއަށް ފެނުނީ ކަމަކާ ޖެހިލުންވެފައި ހުރި ކަމުގެ އަސަރުތަކެވެ.
“އަހަންނަށް އެނގޭ އަހަރެންނާ އެކު އުޅެން ޒޯއަށް އުނދަގޫވާނެ ބައިވަރު ސަބަބުތައް އެބަހުރިކަން.. އެކަމަކު އަހަރެން ބޭނުމީ އެހުރިހާ ގޮންޖެހުމަކާއެކުވެސް މުޅި އުމުރު ދުވަހު ޒޯ އާއެކު ދިރިއުޅެން.. އަހަންނަށް ނުރަނގަޅު ކިތަންމެ ކަމެއް ކުރެވިފަވެސް އެބަހުރި..އެކަމަކު އަހަރެން މަސައްކަތް މި ކުރަނީ އަހަރެންގެ އަމިއްލަ ނަފްސު އިސްލާޙު ކުރަން.. ހަޤީޤަތުގަ ޒޯ އާ ދިމާވިފަހުން އަހަރެން ދިރިއުޅުމާ މެދު ދެކޭ ނަޒަރިއްޔާތު މުޅިން ބަދަލު ވެއްޖެ.. އަހަރެން ބޭނުން ޒޯއަށް ލިބެން އުޅޭ ދަރިފުޅަށް ރަަނގަޅު ބައްޕަ އަކަށްވާން.. އަހަރެން ބޭނުން ޒޯ އަށް ރަނގަޅު، އަޅާލާ، އޯގާތެރި ފިރިއަކަށްވާން.. ތިދެމީހުން ރައްކާތެރިކޮށް ހިމާޔަތް ކުރާނެ މީހަކަށް ވާން.. އަހަރެން..އަހަރެންގެ ދިރިއުޅުން ފުރިހަމަ ވާނީ ތި ދެމީހުންނާއެކު..އަހަރެން ޒޯ ދެކެ ވަރަށް ވަރަށްް ލޯބިވޭ.. ބުނެދެން ނޭނގޭހާވެސް ބޮޑަށް ލޯބިވޭ.. ޒޯ އާ ވަކިވެދާނެ ޚިޔާލު ކުރެވުނަސް އަހަރެން މޮޔަވާވަރުވޭ..” އައިވިން އޭނާގެ އިޙްސާސްތައް އެހާ ފާޅުކަންބޮޑު ގޮތެއްގައި ޒޯޔާގެ ކުރިމަތީ ބަންޑުން ކޮށްލާ މީ ފުރަތަމަ ފަހަރެވެ. އެވާހަކަތައް އަޑު އަހަން އައިވިންގެ ދެލޮލަށް ގެއްލި ހުރި ޒޯޔާގެ ހިތް ތެޅެމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އެވާހަކަ ތަކަކީ މީހެއްގެ ފަރާތުން އިވިދާނެ ކަމަށް ކުރިން ޒޯޔާ އުންމީދު ކުރި ވާހަކަ ތަކެއް ނޫނެވެ. މީހަކަށް އޭނާ އެހާ ޚާއްސަ ވެދާނެކަމަށް ޒޯޔާ ހުވަފެނުގައިވެސް އުންމީދެއް ނުކުރެއެވެ.
އައިވިން އޭނާގެ ޖީބުން ކަޅު ކުލައިގެ މަހުމާ ކުޑަ ކުޑަ ފޮއްޓެއް ނެގިއެވެ. ޒޯޔާގެ ކުރިމަތީއެއްފައި މަައްޗަށް ތިރިވެ އެކުޑަ ކުޑަ މަޙުމާ ފޮށި ހުޅުވާލިއެވެ.
“ޒޯ.. ވިލް ޔޫ މެރީ މީ..؟” ފޮށި ތެރޭގައި އިން ހުދުކުލައިގެ އަލިމަސްޖެހި އަނގޮއްޓި ޒޯޔާގެ ލޮލުގައި އަޅައިގަތެވެ. އައިވިންގެ ދުލުން ބޭރުވި ކޮންމެ ލަފްޒަކާއެކު ޒޯޔާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އުފާވެރިކަމާއެކު ހިތުތެރޭގައި އެތަކެއް ޖަޒުބާތުތަކެއް އެއްފަހަރާ އުތުރި އަރައިގެން ދިޔައެވެ. ފިނިފެންމާ ބޮނޑިން މޫނު ފޮރުވާލެވުނު ޒޯޔާއަަށް ރޮވެން ފެށުނެވެ.
“ޒޯ.. ރޮނީތަ..؟ އަހަރެން..” އައިވިން އުޅުނީ މާތައް ޒޯޔާގެ މޫނާ ދުރު ކުރާށެވެ. ނަމަވެސް އޭގެ ކުރިން ޒޯޔާ މާތައް ދުރުކޮށްލަމުން އައިވިންގެ ގައިގާ އޮޅުލައިގަތެވެ. އޭރުވެސް އެދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ތުންފަތް ބައްދާލައިގެން ހުރި ގޮތުން ރުއިން ހިންދާލަން މަސައްކަތް ކުރާކަން ދޭހަވެއެވެ.
“އައި ލަވް ޔޫ އައިވިން..އަހަންނަށް އައިވިން ދެކެ ވަރަށް ބޮޑަށް ލޯބި ވެވިއްޖެ.. އައިވިން އާ ނުލާ އަހަރެން ވަރަށް އެކަނިވާނެ..ދުވަަހަކުވެސް އައިވިން އާ ވަކިވާކަށް ބޭނުމެއް ނޫން..” ޖަޒުބާތުގެ އޮއިވަރުގައި ޖެހިފާހުރި ޒޯޔާއަށް އެހިތުގެ ހާލު އިޚްތިޔާރަކާ ނުލާ ހާމަކޮށްލެވުނެވެ.
“އަދި އެއްފަހަރު ބުނެބަލަ..” ޒޯޔާ އުނަގަނޑުގައި އެދެއަތް ވަށާލަމުން އައިވިން ދެލޯ މަރާލިއެވެ. ޒޯޔާގެ އަނގައިން އޭނާ ދެކެ ލޯބިވާކަން ހާމަކުރާނެ ދުވަހަކަށް ހާދަ އިންތިޒާރެއް އޭނާ ކުރިއެވެ.
“އައި ލަވް ޔޫ ..” ޒޯޔާ އައިވިންގެ މޭގައި ބޯ އަޅާލަމުން ދެލޯ މަރާލިއެވެ.
“އަހަންނަށް އެނގޭ ކުރިންވެސް ޒޯ އަހަރެންދެކެ ލޯބިވާކަން.. އެކަމަކު ތި ދުލުން ބުނާ އަޑު އިވުމުން ބުނެދެންނޭނގޭހާ އުފާވެއްޖެ..” އައިވިން ޒޯޔާ ދުރުކޮށްލަމުން އެދެލޮލަށް ބަލައިލިއެވެ.
“އަދިވެސް އަހަރެންގެ ސުވާލަކަށް ޖަވާބެއް ނުދެމެންނު..” އަައިވިންގެ ވާހަކަ އާއެކު ޒޯޔާ ހަނދާންވީ ދެނެވެ. ރަކި ގޮތަކަށް ބޯ ޖަހާލުމާއެކު އައިވިންގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ފޮށިން އަނގޮއްޓި ނަގަމުން ޒޯޔާގެ ކަށި އިނގިލީގައި އައިވިިން އަނގޮއްޓި އަޅުވާލަދިނެވެ. ދެމީހުންގެ ނަޒަރު އެކަކު އަނެކަކާ ސީދާ ވީއިރު މޫނުމަތިން ފެންނަމުންދިޔައީ ހިތްހަމަޖެހުމުގެ ހިނިތުންވުމެވެ. ދެލޮލުން ހާމަވަމުން ދިޔަައީ އެއްވާހަކައެކެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







wow sis vrh sali mi part vss
masha allah
OMG aivin and zoya guluneetha wow veh lwbii mi part edemeehun ulunugothun
fazlaa hunaane dhw foori eh nagaalaafaa hehehehe
vrh guley aivin and zoya masha allah
ugh adhi zafar men thibeyne dhw joon vxx l they hve so many enemys adhi zoya ge vakin
hope edemeehunge gulumah ehvxx hurahe neyleythoo
sis mee kitha part ge stry eh
waiting for the next part sisoo
love u soo much
and stay safe and take gud care sis 🙂
Thank u so much Ril. V ufaavejje mi bai kamudhiyaeema.. i was pretty nervous to submit this part.. wonder dhuvahakuves mikahala part eh adhi nuliyaathy v jehilunvi. Ekam dear ah kamudhiyaeema v ufaavejje n hinhama jehijje. Ya dhw.. let’s hope for the best dhw. Wonder ah ves neynge aslu kithah parts innaane kameh?. Ongoing story eh veema adhi neynge bunaakah.. adhi nimeykan noolhe hama gaimuves.lym dearr.. u too b safe n tvgc?❤️
Ohh asluvxxx vrh sali mi part
Mikahala baeh liyunu furathama buraa balaafaa Hama awesome vrh Sali describe kohdeefaa huri goi vxxx
Awwwwwnn I ah vrh reethi Hama