Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިން ލަފްޒުން (23)

Dheem&Eekku Level 410 Stories100 Login500 Login
November 29, 2020 10 Mins Read
8 Comments

ކުރި ނުފެންނާތީ އިރު އިރުކޮޅާ ބޯއަރި ކޮއްފައި ބަލަމުން ކުރިއަށް ހިނގަމުން ދަނިކޮށް ކުއްލިއަކަށް ކުރި މައްޗަށް އެރި މީހާ ގައިގައި ލަމްހާ ޖެހުނެވެ. އަތުން ފޮއްޓާއި ކަރުދާސްތަށް ދޫވެ އަރި އަޅާލި ވަގުތު ލަމްހާގެ އަނގައިން ތޫލި ހަޅޭކެއް ބޭރުވިއެވެ. ބިރުގަތް ވަރުން ލަމްހާގެ ދެލޯ މަރާ ދަގުޅި ކޮއްލެވުނެވެ. ނަމަވެސް ބިންމަތީގައި ޖެހުމުގެ ބަދަލުގައި ލަމްހާއަށް އިހްސާސްވީ ބާރުގަދަ ދެއަތް އޭނަގެ އުނަގަނޑުގައި ހިފާލިކަމެވެ. ބާރަށް ތެޅެމުން ދިޔަ އޭނާގެ މޭގައި އަތް އަޅާލަމުން ލަމްހާ ދެލޯ ހުޅުވާލިއެވެ.

ކުރިމަތީ ހުރި ސޫރަ ފެނިފައި ތެޅެމުން ދިޔަ އޭނާގެ ހިތްވެސް ހުއްޓިއްޖެއެވެ. އެސްފިޔަ ޖަހާލަންވެސް ނުކުޅެދިފައިވާ ލަމްހާގެ ދެލޮލުން އެއްވެސް އިހްތިޔާރަކާ ނުލާ ކަރުނަ ހިލުނެވެ.

ދުވަސްތަކަކަށް ފަހު ލަމްހާގެ މޫނު އެހާ ގާތުން ފެނުމުން ސުހާންގެ ހިތް ހުއްޓުނު ކަހަލައެވެ. ހަށިގަނޑުގައި ކަރަންޓުގެ ރާޅު ބާންޏެއް ދުވެލާފައި މުޅި ހަށިގަނޑު އައްސި ކޮއްލިއެވެ.

“ލަމް..”

“ސުހާން”

ދެމީހުންގެ ދުލުން ބޭރުވެގެން ދިޔައެވެ.

“ލަމް..” ސުހާން ލަމްހާ ތެދުކޮއްފައި އުނަގަނޑުން އަތް ދޫކޮއްލިއެވެ. ލަމްހާގެ އަތުގައި ހިފާލުމަށް އެދި ސުހާން ކުރިއަށް ނެގި ފިޔަވަޅު ހުއްޓުނީ ލަމްހާ ފަހަތަށް ޖެހިލުމުންނެވެ.

ލަމްހާ ފެނުމުން އުފާވެފައި ހުރި ވަރުން ސުހާން  ލަމްހާ ގެނެސް އަތުތެރޭ ބޮނޑި ކޮއްލަން ބޭނުންވިއެވެ. ސުހާން ހީކުރީ އެނާ އެކޭވެސް އެއްފަދައިން ލަމްހާވެސް އުފާވާނެ ކަމަށެވެ. ނަމަވެސް ލަމްހާގެ މޫނު މަތީގައިވި މާނަ ދޭހަ ނުވާ ކުލަވަރު ފެނުމުން ސުހާން ހިތުގައި ޖެހުނެވެ.

“ލަމް.. އާދެބަލަ.. ކީއްވެ ދުރުގަ ތިހުންނަނީ..” ސުހާން ލަމްހާގެ ގާތަށް ޖެހިލިއެވެ. ނަމަވެސް ސުހާން އޭނާގެ އަތުގައި ހިފާން ވާއިރަށް ލަމްހާ ތިރިވެ ބިންމައްޗަށް ވެއްޓުނު ކަރުދާސްތަށް ނަގަން ފެށިއެވެ.

ސުހާންވެސް ގުދުވެފައި ކަރުދާސްތަށް ނަގަން ފެށިއެވެ. ކަރުދާސްތަށް ލަމްހާގެ އަތަށް ލައި ދިނުމުން ލަމްހާ ކޮޅަށް ތެދުވިއެވެ.

“ޝުކުރިއްޔާ” ލަމްހާ އެހެން ބުނެފައި ސުހާންއާ ދުރަށް ހިނގައި ގަތެވެ.

“ލަމް މަޑު ކޮއްބަލަ.. ކީއްވެ ތިދަނީ؟ ލަމް ކީއްވެ އަހަންނާ ދުރަށް ތިދަނީ؟” ސުހާން ލަމްހާއާ ދިމާއަށް ހިނގައި ގަތެވެ. ނަމަވެސް ލަމްހާ ފަސް އެނބުރި ބަލާވެސް ނުލައެވެ. އާޒިމްވެސް ފާހަނައިން ނުކުތުމުން ސުހާން އިތުރަކަށް ލަމްހާ ފަހަތަކުން ނުދެއެވެ.

“ސުހާން.. ކިހިނެއްވީ؟” އާޒިމް އަހާލިއެވެ. އާޒިމްގެ ސުވާލަށް ޖަވާބު ދޭން ބޭޏުން ނުވެފައި ސުހާން އަވަހަށް ލިފްޓާ ދިމާއަށް ހިނގާގަތެވެ. ލަމްހާ ކަންތަށް ކުރި ގޮތުން ސުހާން މާޔޫސްވިއެވެ. ލަމްހާގެ ލޮލުން ފެންނަން ހުރި ދުރު ކަމާ ހިލޭކަން ފެނިފައި ސުހާން ޖެހިލުންވިއެވެ.

ލަމްހާގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިފަހައްޓާ ލެވުނީ ކިހިނެއް ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ގެޔަށް ދާ ގަޑި ޖެހުމުން ސިޑި މަތީގަޔާ ލިފްޓު ކައިރީގައި މީހުން ގިނަވީމާ ކަންނޭނގެއެވެ. އަތުގައި ހުރި އެއްޗެހި މައްޗަށް ލާފައި ލަމްހާ ގެޔަށް ދިއުމަށް ނުކުތެވެ.

“ލަމް.. ކިހިނެއްވެފަ ތިހުރީ؟” ގެޔަށް އައިސް ވަތް ލަމްހާގެ ހުދު ވެފައިވާ މޫނު ފެނިފައި ލުވޭޒާ އަހާލިއެވެ.

“ކަމެއް ނުވޭ” ލުވޭޒާގެ އިތުރު ސުވާލުތަށް ކުރިމަތި ވެދާނެތީ ލަމްހާ ދުވެފައި މައްޗަށް އެރިއެވެ.

ކޮޓަރިއަށް ވަދެވުމާއެކު އޭނާ ދޮރު ލައްޕާ ތަޅުލިއެވެ. ދޮރުގައި ބުރަކަށި ޖައްސާލާފައި ލަމްހާ ތިރިވިއެވެ. ކަކޫ މަތީ ބޯއަޅާލާފައި ލަމްހާގެ ރުއިން ފަޅާގެން ދިޔައެވެ. ސުހާން ފެނުމުން ލަމްހާ އުފަލެއް ނުވިއެވެ. ސުހާންގެ ސޫރަ ފެނުމުން އޭނާގެ ހިތަށް ކުރީ ގޮތް ނޭނގޭ އަސަރެކެވެ. މިއޮތް ހުރިހާ ދުވަހު ސުހާން އޭނާގެ ގާތަށް ނައިސް މިއަދު އައުމުން އޭނާގެ ހިތް ޝަކުވާ ކުރަން ފެށިއެވެ. ވިޝާމްއާ އިންނަން އެއްބަސްވެ ހުރިހާ ކަމެއް ހަމަ ޖެހުމުން ސުހާން އައީ ކީއްވެ ހެއްޔެވެ. ކުޑަ ތަންކޮޅެއް ނަމަވެސް ކުރިން ނައީ ކީއްވެ ހެއްޔެވެ. ސުހާންއަށް ލަމްހާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ. އޭނާ ސުހާން ގާތު ދައްކާނި ކޮންވާހަކަ އެއް ހެއްޔެވެ.

އެކަނި ވުމުން ލަމްހާ ހިތް ފުރޭވަރަށް ރޯލިއެވެ. ބިންމަތިން ތެދުވެ ގޮސް ލަމްހާ އެނދުމަތީ އިށީނެވެ. ދަބަހުގައި އޮތް ފޯނު ރިންގުވާން ފެށީ އެވަގުތު އެވެ.

ސްކުރީން ގަނޑަށް އަރާފައިވާ ނުދަންނަ ނަންބަރު ފެނިފައި ލަމްހާ ވިސްނާލިއެވެ. ނުވެސް ދަންނަ ނަބަރަކުން އޭނާއަށް އެގުޅާނި ކާކުބާވައެވެ.

ދެފިކުރެއްގައި ހުރެ ލަމްހާ ފޯނު ނެގިއެވެ.

“ލަމް.. މީ ސުހާން.. ކީއްވެ މިއަދު ލަމް އެގޮތަށް ކަންތަށް ކުރީ.. ލަމް ކީއްވެ އަހަންނާ ވާހަކަ ނުދައްކަނީ”  ލަމްހާ ފޯނު ނެގުމާއެކު ސުހާންގެ ބަރު އަޑު ކަންފަތުގައި ޖެހުމާއެކު އޭނާ އަވަހަށް ފޯނު ކަނޑާލިއެވެ.

ދެވަނަ ފަހަރަށް ގުޅަން ވާއިރަށް އޭނާ ފޯނު ނިއްވާލިއެވެ.

އެރޭގެ ވަގުތެކެވެ. ލަމްހާގެ ގޭ ކުރިމައްޗަށް ސުހާން ސައިކަލު މަޑު ކޮއްލިއެވެ. ސައިކަލު ހަރު ޖެއްސުމަށް ފަހު ސުހާން އޭނާގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އެއަށް ފަހު ލަމްހާގެ ނަންބަރަށް ފިއްތާލިއެވެ. ލަމްހާ ފޯނު ކަނޑާލުމުން ސުހާން އަނެއްކާވެސް ގުޅިއެވެ. ސުހާން ކިތަންމެ ވަރަކަށް ގުޅި ނަމަވެސް ލަމްހާ ފޯނު ނުނަގާނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާ ބަލި ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ.

އެންމެ ފަހުން ސުހާން ލަމްހާއަށް މެސެޖެއް ކޮއްލިއެވެ.

ލީން ނިންދެވުމަށް ފަހު ލަމްހާ ލެޕު ހިފައިގެން ލިޔާ މޭޒުކައިރީ އިށީނެވެ. ސުހާން އައި ފަހުން ލަމްހާ ހުންނަނީ ތަބީއަތު ގޯސްވެފައެވެ. ލުވޭޒާގެ އާދޭހާ އެކުވެސް އެރޭ ކެވުނީ ވަރަށްވެސް މަދުންނެވެ. ވަރުބަލި ވެފައި ވީނަމަވެސް އެރޭ އޭނާއަށް ނުނިދޭނެކަން ލަމްހާއަށް އެނގެއެވެ.

ލެޕުން ކުޑަ މަސައްކަތެއް ކުރަން އިން ލަމްހާ އިރު އިރުކޮޅާ ފޯނަށް ބަލާލެވެއެވެ. ސުހާންގެ އަޑު އަހާލާ ހިތްވި ނަމަވެސް ކޮންމެ ފަހަރަކު ކަނޑާލެވެނީ ދައްކާނީ ކޮން ވާހަކައެއް ކަމެއް ނޭނގިގެނެވެ. ދެންވެސް ސުހާން ގުޅާނެ ކަމަށް ބަލަން ހުއްޓާ ފޯނަށް އައީ މެސެޖެކެވެ.

“ލަމް.. އައި ނީޑްޓު ޓޯކް ޔޫ.. ލަމްގެ އިންތިޒާރުގަ އަހަރެން ހުންނާން.. ޕުލީސް ތިރިއަށް ފާބަ ބަލަ”

ސުހާންގެ މެސެޖު ފެނުމުން ލަމްހާ ކޮޅަށް ތެދުވެވުނެވެ. ކޮޓަރިން ނުކުމެ ލަމްހާ ދިޔައީ މަގަށް ވާގޮތަށް ހުންނަ ކުޑަ ދޮރު ކައިރިއަށެވެ. ދެވަނަ ބުރީގައި ހުރި އެ ކުޑަދޮރުން މަގުގައި ހުރި ސުހާން ވަރަށް ރީތިކޮށް ފެނެއެވެ. ސައިކަލު މަތީ އިން ސުހާން އިރު އިރުކޮޅާ ފޯނަށް ބަލާލައެވެ. ހީވާގޮތުން އޭނާ  އެއިންތިޒާރު ކުރަނީ ލަމްހާގެ ޖަވާބަކަށެވެ.

ސުހާންގެ ކައިރިއަށް ދިޔުމުގެ ބަދަލުގައި ލަމްހާ ވަނީ ކޮޓަރިއަށެވެ. އަދި އެނދުމަތީގައި އިށީނެވެ. ލަމްހާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ސުހާން ދައްކަން އެއުޅޭ ވާހަކައެއް އަޑު އަހަން ބޭނުންވެއެވެ. އެދެމެދު އޮތް ހަމަ ނުޖެހުން ރަނގަޅު ކުރަންވެސް ބޭނުމެވެ. ކުރިއެކޭ އެއްގޮތަށް ސުހާން އާއެކު އުފަލުގައި އުޅެންވެސް ބޭނުންވެއެވެ. ނަމަވެސް އެންމެ ފަހަރަކު ނަމަވެސް ސުހާންގެ ގާތަށް ގޮސްފި ނަމަވެސް ލަމްހާއަށް ސުހާން ދޫކޮއްލަން ދަތިވާނެއެވެ. ވިޝާމްއާ އިންނަން އެއްބަސްވެ ހުރެ ސުހާންއަށް ފުރުސަތެއް ދެވޭނީ ކިހިނެއް ހެއްޔެވެ. ސުހާންއަށް ފުރުސަތެއް ދީފިނަމަ އޭނާއަށް އަނެއްކާވެސް އެ ތެދުވެވުނީ ހަމްޒާއާ ދެކޮޅަށެވެ. އަނެއްކާވެސް ބޮޑު ހަމަ ނުޖެހުމެކެވެ. އަމިއްލަ އުފާ ގުރުބާން ކުރަން ޖެހުނު ނަމަވެސް ލަމްހާ އޭނާގެ ބައްޕައާ ދެކޮޅަށް ދާކަށް ބޭނުމެއް ނޫނެވެ.

ލަމްހާގެ އިންތިޒާރުގައި ވޭތުވަމުން ދިޔަ ކޮންމެ މިނެޓެއް ސުހާންގެ ހިތަށް ބިރުވެރިކަމާ މާޔޫސްކަން ވެރިކުރަމުން ދިޔައެވެ. ލަމްހާ އެގޮތަށް ސުހާންދެކެ ރުޅި އައުމުން ސުހާން ހިތް ޝަކުވާއިން ފުރުނެވެ. ހަގީގަތް ކިޔައިދޭން އޭނާއަށް އެންމެ ފުރުސަތެއްވެސް ނުދީ ވިޝާމްގެ ބަސް ލަމްހާ ގަބޫލު ކުރުމުން ސުހާން ހިތުގައި ޖެހުނެވެ. ލަމްހާ ދެކެ އޭނާ ވާލޯބި ލަމްހާއަށް ޝައްކުވުމުން އޭނާ ދެރަވިއެވެ. އޭނާއަށް ކުޑަކޮށްވެސް އިތުބާރު ނުކުރުމުން ސުހާންގެ ހިތް ޝަކުވާ ކުރަނީއެވެ.

ދޮޅު ގަޑީރު ވީއިރުވެސް ލަމްހާއެއް ނުނިކުމެއެވެ. ލަމްހާ ދެން ނުނިކުންނާނެ ކަން ދެނެގަނެވުމުންވެސް ސުހާން ދާކަށް ބޭނުމެއް ނޫނެވެ. އަލި ވިލެންދެންވެސް އޭނާ ލަމްހާއަށް އިންތިޒާރު ކުރާނެއެވެ.

ކުއްލިއަކަށް ވައި ގަދަވާން ފެށިއެވެ. ގަދަ ވައި އެއްވެސް ރަހުމެއް ނެތި އައިސް ސުހާންގެ ގަޔަށް ގޯނާ ކުރަން ފެށުމުން ސުހާން ތުރު ތުރު އަޅައި ގަތެވެ. ދެއަތް ތިލަ ކާއްތާލާފައި ޖީބަށް ޖަހާލާފައި ސުހާން އުޑާ ދިމާއަށް ބަލާލެވުނެވެ. ހިނދުކޮޅެއް ތެރޭ ވާރޭ ކަނިތަށް އެ މޫނުގައި ބީހިލިއެވެ. ގަދަވަޔާއެކު ތުނިކޮށް ވާރޭ ވެހެން ފެށިއެވެ.

ހިޔަލަށް ދިއުމުގެ ނިޔަތުގައި ސުހާން ސައިކަލުން ފޭބި ވަގުތު ރެޑް ރޯސް ކުރިމައްޗަށް ހުއްޓުނު ކާރު ފެނުނެވެ. ކާރުން ފޭބި ވިޝާމް ފެނުމުން ސުހާން ރުޅިވެރި ނަޒަރަކުން ބަލާލިއެވެ. ސުހާން އާއި ލަމްހާ ދޭތެރޭ އެފަދަ ބޮޑު ހަމަ ނުޖެހުމެއް އުފެއްދުމުން އޭނާ ވިޝާމްދެކެ ކުރިއަށް ވުރެ ބޮޑަށް ނަފްރަތު ކުރެވުނެވެ.

“ސުހާން.. މިތާ ކީއްކުރަނީ؟” ކާރު ދޮރު ޖެހުމަށްފަހު ވިޝާމް ސުހާންއާ ދިމާއަށް ހިނގައި ގަތެވެ.

“އަހަރެން ކޮންމެ ކަމަކު އައި ނަމަވެސް އެއީ ކަލެއާ ބެހޭ ކަމެއް ނޫން..” ސުހާން ބުނެލިއެވެ.

“މިހެން އަހަން ޖެހުނީ ސުހާން ކަހަލަ ބިޒީ މީހަކު ކެނެޑާގަ ނުހުރެ މިތާ ހުރީމަ” ވިޝާމް ހީލަމުން ބުނެލިއެވެ.

“ލަމްހާ ހޯދަންތަ ތިއައީ؟.. އެހެން ވެއްޖެއްޔާ އަހަރެން ބުނަން އޮތީ މިހާރު މާބޮޑަށް ލަސްވެއްޖެއޭ.. ތަންކޮޅެއް ކުރިން އައި ނަމަ” ވިޝާމް ސުހާންގެ ކޮނޑުގައި ޖަހާލިއެވެ.

“އަހަރެން ކަލެއަކާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން” ސުހާން ވިޝާމްގެ އަތް ފޮޅުވާލިއެވެ.

“ހާދަ ރުޅިއައިސް. އަނެއްކާ އަހަރެންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟” ވިޝާމް އަހާލިއެވެ.

“ތިއީ ތިހާ ގޮތް ކުޑަ މީހެއް ކަމަކަށް އަހަރެން ކުރިއަކުން ހިޔެއް ނުކުރަން.. ލަމްހާ އަހަރެންނާ ދުރު ކުރަން ކަލޭ ކުރި ކަންތަށް އަހަންނަށް އެނގެޔޭ” ސުހާން ބުނެލިއެވެ.

“ހަހަ.. ސިއާތަ ތިހެން ބުނީ؟ ރަނގަޅު. އަހަރެން ސިއާ ލައްވާ އެފޮޓޯތަށް ނެގުވީން. އެކަމު ތިދެމީހުން ދޭތެރޭ މައްސަލަ ޖެހުނީ އަހަރެންނާ ހުރެއެއް ނޫން.. އެއީ ތިދެމީހުންގެ ދޭތެރޭ އޮތް އިތުބާރު ކުޑަވީމަ” ވިޝާމް ބުނެލިއެވެ.

“އަހަރެން ލަމްހާ ކައިރީ ހުރިހާ ވާހަކައެއް ބުނާނަން. ލަމް އަހަންނަށް އިތުބާރު ކުރާނެ.. ކަލޭ ތިކުރީ ބޭކާރު ކަމެއްކަން އަހަރެން ސާބިތު ކޮއްދޭނަން” ސުހާން ބުނެލިއެވެ.

“ލަމްހާ ކަލެއަށް އިތުބާރު ކުރާނަމަ މިއަދު ތިދެމީހުން ދޭތެރޭ މައްސަލައެއް ނުޖެހުނީހެއްނު.. އަހަރެން ހަމަ ދެބަހެއް ބުނެލިތަނާ އޭނަ ގަބޫލު ކުރީ އޭނަ ސުހާންދެކެ ލޯބި ނުވާތީ..” ވިޝާމް ބުނެލިއެވެ.

“ލަމްހާ ހާސްވެފަ  ހުރި ވަގުތުގެ ބޭނުން ކަލޭ ހިފީ އިނގިއްޖެތަ.. ތިއީ ވިޝާމް ކުޑައިރުގެވެސް ކަންތަށް ހުންނަ ގޮތް. އެންމެ ކުޑައިރުން ސުރެވެސް ވިޝާމް އަހަންނަށް ނަފްރަތު ކުރާކަން އެނގޭ. އަހަންނޭ ކިޔައިގެން ބައްޕަ ކައިރީ ދޮގު ހަދާކަންވެސް އެނގޭ. އަހަރެން ބޭނުންވާ އެއްޗެހި ގަދަކަމުން އަތުލުމަކީ އާކަމެއް ނޫނެއްނު. އެކަމު އަހަރެން ޝަކުވާއެއް ނުކުރަން. އެކަމު ކީއްވެ ލަމްހާ؟ ކީއްވެ ؟”  ސުހާން ވިޝާމްގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ. ރުޅި އައިސް ހުރި ވަރުން ސުހާން ތުރު ތުރު އަޅަން ފެށިއެވެ.
“އަހަންނެއް ނޫން ކަލޭ އަތުން ލަމްހާ ޖަހާ ގަތީ.. ކަލޭ އަހަރެން އަތުން ލަމްހާ ޖަހާގަތީ.. ލަމްހާއާ ފުރަތަމަ ބައްދަލުވީ އަހަރެން. ލަމްހާ ދެކެ ފުރަތަމަ ލޯބިވީވެސް އަހަރެން. ކަލޭ މިދޭތެރެއަށް ވަނީ މާފަހުން.” ވިޝާމް ސުހާންގެ މޭގައި އަޅާ ކޮއްޕާލިއެވެ.

“ވިޝާމްގެ ބޭނުން ލަމްހާ އެންމެ ބޭނުންވި ދުވަހު ވިޝާމް ލަމްހާ ދޫކޮއްލީ. ވިޝާމްގެ މުޅި އާއިލާވެސް ލަމްހާ ބޭނުމެއް ނުވި. ކީއްވެ؟ ލަމްހާގެ ދަރިއަކު ހުންނާތީތަ؟ ދެން ކީއްވެ މިއަދު ވިޝާމް ލަމްހާ ބޭނުންވެގެން ތިއުޅެނީ؟ ލަމްހާއަކީ މިހާރު އަހަރެންގެ މިހެއް ވީމަތަ؟” ސުހާން ބުނެލިއެވެ.

“މީގެ ހަތަރު އަހަރު ކުރިން ވީ ކަމެއް ކަލެއަކަށް ނޭނގޭނެ.. އަހަރެން ލަމްހާ ދެކެ ލޯބި ވާވަރެއްވެސް ކަލެއަކަށް ނޭނގޭނެ. އަހަރެން ލަމްހާ ދޫކޮއްލަން ޖެހުނީ ކީއްވެ ކަމެއްވެސް ނޭނގޭނެ” ވިޝާމް އެހެން ބުނެފައި ސުހާންގެ މޫނު މަތީގައި ގޮށް މުށުން ޖެހިއެވެ. މޫނު މަތިން ދިލަ ނަގާ ގަތުމުން ސުހާންއަށް މޫނުގައި އަތް އަޅާ ލެވުނެވެ..

“އެއީ ވިޝާމްގެ ފިނޑިކަން. އެނގިއްޖެތަ. އަހަރެންނާ ލަމްހާ ދުރު ކުރިނަމަވެސް ލަމްހާ ވިޝާމްދެކެ ލޯބިވާނެ ކަމުގެ ކޮން ޔަގީން ކަމެއް އޮތީ.. ލޯތްބަކީ ގަދަކަމުން ވެވޭނެ އެއްޗެއް ނޫން ” ސުހާން ބުނެލިއެވެ.

“އަހަރެން ލަމްހާގެ ލޯބި ހޯދާނަން. ގަދަ ކަމުން ވިޔަސް ހޯދާނަން. އަހަންނަށް ލަމްހާ ނުލިބިއްޖެއްޔާ ކަލެއަކަށްވެސް ނުލިބޭނެ. އެކަކަށްވެސް ނުލިބޭނެ” ވިޝާމް އަނެއްކާވެސް ގޮށް މުށުން ސުހާންގެ މޫނު މަތީ ޖެހިއެވެ. ވިޝާމް ޖެހިލެ ބާރުކަމުން ސުހާންގެ ތުންފަތަށް ދަތް ވަދެ ތުންފަތުން ލޭއަންނަން ފެށިއެވެ. މޫނު މަތިން ނަގައިގަތް ދިލައިން ސުހާންގެ ރުޅި ފަޅައިގެން ދިޔައެވެ. ވިޝާމްގެ ގައިގައި ޖެހުމަށް އޭނާ އަތް މަޅާލިއެވެ. ނަމަވެސް ސުހާންގެ އަތް ވިޝާމްގެ ގައިގައި ޖެހުމުގެ ކުރިން ލަމްހާ އޭނަ ހުއްޓުވިއެވެ.

އެނދުމަތީ އޮތް ލަމްހާއަށް ވާރޭ ވޭހޭ އަޑަށް ސިހިފައި ތެދުވެވުނެވެ. އަދިވެސް ސުހާން މަގުގައި ހުރިތޯ ބަލަން ކުޑަ ދޮރު ކައިރިއަށް ދިޔަވަގުތު ފެނުނު މަންޒަރުން ލަމްހާ އަވަހަށް ދުވެފައި ގެއިން ނުކުތެވެ. ލަމްހާއަށް އެތަނަށް އާދެވުނީ ސުހާން އަތް މަޅާލި ވަގުތުއެވެ.

“ސުހާން.. ހުއްޓާލާ.. ކިހިނެއްތަ ވެގެން މިއުޅެނީ” ލަމްހާގެ އަޑު އިވިފައި ދެމީހުންނަށްވެސް ބަލާލެވުނެވެ.

“ލަމް.. އަހަރެން” ސުހާން އިސް ޖަހާލީ ކުއްވެރިއެއް ފަދައިންނެވެ.

“ލަމް ހިނގާ އެތެރެއަށް” ވިޝާމް ލަމްހާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ލަމް.. މަޑު ކޮއްބަ.. އަހަރެން ދައްކާ ވާހަކައެއް އަޑު އަހާބަލަ” ސުހާން ލަމްހާގެ އަނެއް އަތުގައި ހިފެ ހެއްޓިއެވެ.

“ސުހާން.. ދޫކޮއްލާ ލަމްގެ އަތުން” ވިޝާމް ނުރުހިފައި ބުނެލިއެވެ.

“ލަމް ޕުލީސް އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ” ވިޝަމްގެ އިންޒާރަކަށް ސުހާން ފަރުވާލެއް ނެތެވެ.

” ވިޝާމް.. ވިޝާމް ދެން ދޭ.. ބައްޕަ އަދި ގެޔަކަށް ނުދުރުވޭ” ލަމްހާ އެހެން ބުނެފައި ވިޝާމްގެ އަތް ދުރު ކޮއްލިއެވެ.

“ލަމް.. ސުހާންއާ އެކަނި ވާހަކަ ދައްކާކަށް އަހަރެން ހިތްހަމަ އެއް ނުޖެހޭ. މިހާރު ތިއީ..”

“އައި ނޯ. މިއީ އެންމެ ފަހު ފަހަރު” ލަމްހާ އެހެން ބުނުމުން ވިޝާމް ބުނަން އުޅުނު ޖުމްލަ މެދު ކެނޑުނެވެ.

ހިތާ ދެކޮޅަށް ވިޝާމް ކާރަށް އަރާ ދުއްވާލިއެވެ. ވިޝާމް ދިޔުމުން ސުހާން ލަމްހާ ގާތަށްޖެހިލިއެވެ.

“ސުހާން.. އަހަރެން ސުހާންގާތު ދައްކާނެ އެއްވެސް ވާހަކައެއް ނެތް.. ވާހަކަ ދައްކާކަށް ބޭނުމެއްވެސް ނޫން..” ލަމްހާ ބުނެލިއެވެ.

“ލަމް ކީއްވެ ތިހެން ތި ކަންތަށް ކުރަނީ.. ” ސުހާން ލަމްހާގެ ކޮނޑުގައި ހިފަހައްޓާ ކައިރި ކޮއްލިއެވެ.

“އަހަރެން ސުހާން ދެކެ ރުޅި އައި ސަބަބު ހަމަ ރަނގަޅަށްވެސް އެނގޭނެ. މި ހުރިހާ ކަމެއް ދިމާވީ ސުހާންގެ ސަބަބުން.” ލަމްހާ ސުހާންގެ އަތް ފޮޅު ވާލިއެވެ.

“ލަމް އަހަންނަށް އިތުބާރެއް ނުކުރަންތަ؟” ސުހާން ސީދާ ލަމްހާގެ ދެލޮލަށް ބަލަމުން ބުނެލިއެވެ.

“ކުރިން.. ވަރަށް ބޮޑަށް ކުރިން.. އެކަމު އެއީ އަހަންނަށް ކުރެވުނު ކުށެއް. އަހަރެން ކުރި އިތުބާރު ފުނޑު ފުނޑު ކޮއްލީ ސުހާން އެއް ނޫންތަ.. ދެން މިއަދު އައިސް އަހަރެން މިހެން ހަދަނީ ކީއްވެހޭ ތިއަހަނި ކީއްވެ. އަހަރެން ހޯދަން ނާންނާށޭ ނުބުނަންތަ”  ލަމްހާ އަނެއް ފަރާތަށް އެނބުރެމުން ބުނެލިއެވެ.

“ލަމް ކީއްވެ އަހަންނަށް އިތުބާރު ނުކުރަނީ. އަހަރެން ލަމްއަކަށް ބޭވާފާތެރިއެއް ނުވަން. އަހަރެންގެ އެއްވެސް ކުށެއް ނެތި އަހަންނަށް ތިހާ ބޮޑު އަނިޔާއެއް ތި ދެނީ ކީއްވެ. ލަމް އަހަރެންދެކެ ރުޅިއައިސް ދިޔުމުން އަހަރެން ދެރަވާނެ ވަރު ނޭނގޭތަ” ސުހާންގެ އަޑު ކެނޑިގެން ދިޔައެވެ. އެދެލޯ ތެމިއްޖެއެވެ.

“އަދިވެސް ސުހާންތަ ދެރަވާންވި.. ސުހާން އަހަރެންނާ ދޭތެރޭ ކަންތަށް ކުރިގޮތުން އަހަރެން ދެރައެއް ނުވާނެތަ. އަހަރެންނަށް ކިހާ އޮޅުވާލުމެއް އޮޅުވާލިން. ކިހާ ދޮގެއް ހެދިއްޖެ” ލަމްހާ ބުނެލިއެވެ.

“އަހަންނަކަށް ނޭނގެ ވިޝާމް އަހަރެންނޭ ކިޔައިގެން ދެއްކީ ކޮން ވާހަކަ ތަކެއް ކަމެއްވެސް. އެކަމު ވިޝާމް ދެއްކި ވާހަކަތަށް ލަމް ގަބޫލު ކުރީމަ އަހަރެން ވަރަށް ދެރަ ވެއްޖެ. އަހަރެން ކައިރީ އެންމެ ފަހަރަކުވެސް އަހާލި ނަމަ. އެންމެ ފަހަރަކުވެސް ކަންވީގޮތް އޮޅުން ފިލުވަން މަސައްކަތް ކުރިނަމަ..” ސުހާން ލަމްހާ ކޮނޑުގައި ހިފާ އަނެއްކާވެސް ގާތް ކޮއްލިއެވެ.

“ހެއްކާ އެކީ ފެންނަން ހުރީރުވެސް ސުހާން ތިހަދަނީ ދޮގު. އަހަންނަކަށް ދެން ނޭނގެ ގަބޫލު ކުރަންވީ ކޯއްޗެއް ކަމެއްވެސް. އަހަރެން ހީކުރި ކަހަލަ މިހެއް ނޫން ސުހާންއަކީ. ސުހާންދެކެ ލޯބިވުމާ އިތުބާރު ކުރެވުމަކީ އަހަންނަށް ކުރެވުނު ކުށެއް. ލީވް މީ އެލޯން ސުހާން.. އަހަރެން ސުހާންގެ ވާހަކައެއް އަޑު އަހާކަށް ބޭނުމެއްނޫން. ތިދުލުން ހަދާ ދޮގުތަށް އަޑު އަހާކަށް ބޭނުމެއް ނޫން” ލަމްހާ ބުނެލިއެވެ. އަދި ސުހާންގެ އަތް ފޮޅުވާލާފައި ދުރަށް ޖެހިލިއެވެ.

“އެންމެ ފަހަރަކުވެސް އަހާބަލަ އަހަރެން ހަމަ ހަގީގަތުގަވެސް ސިއާ އާ ގުޅުމެއް ބޭއްވިންތޯ.. އަހާބަލަ. އޭރުން އަހަރެން ހުރިހާ ވާހަކައެއްވެސް ކިޔައި ދޭނަން. ލަމް މިވަގުތު ރުޅި އައިސް ހުރި ސަބަބު އަހަންނަށް އެނގޭ.. އެކަމު އަސްލު ކަންވިގޮތް އެނގުނީމަ އަހަރެންދެކެ ރުޅިއެއް ނާންނާނެ. ލަމްހާ އަށް ކުރެވުނީ ކިހާ ވަރެއްގެ ކުއްހީ އެއްކަންވެސް އެނގޭނެ. ” ސުހާން ބުނެލިއެވެ.

“ލަމް ވަދޭ އެތެރެއަށް. އަދި ދިމާވާނެ. އެދުވަހަކުން އަހަރެން ހުރިހާ ވާހަކައެއް ކިޔާ ދޭނަން. މިރޭ ކިޔައި ދިނަސް ލަމްހާ ގަބުލު ކުރާނެ ކަމެއް ނޭނގެ” ސުހާން އެހެން ބުނެފައި ދުރަށް ހިނގައި ގަތެވެ.

ސުހާން ސައިކަލަށް އަރާ ދުއްވާލުމުން ލަމްހާވެސް އެތެރެއަށް ވަނެވެ. އެރޭގެ ބާކީ އޮތް ވަގުތު ލަމްހާއަށް ސުހާންގެ ބަސްތަކާ މެދު ވިސްނުނެވެ.

ސުހާން އެދައްކަނީ ހަގީގަތެއް ނަމަވެސް ލަމްހާއަކަށް ސުހާންއަކަށް ފުރުސަތެއް ނުދެވޭނެއެވެ. ނަމަވެސް އޭރުން އެއީ އެއްވެސް އިންސާފެއް ނޫނެވެ.

 

ފަތިހެވެ. ނަމާދަށް ހޭލިގޮތަށް ނުނިދިގެން ލަމްހާ ނުކުތީ ބޭރަށެވެ. ބާރު ޓައިޓަކާ ޓޮޕު ކޮޅުގައި ލަމްހާ ނުކުތީ ދުވާ ބޫޓަށް އަރައިގެނެވެ. ސިކުނޑީގައިވަ ހިޔާލުތަކުން ދުރުވެލުމަށް ފަތިހުގެ ފިނިކަމުގައި ދުވެލުމަކީ ރަނގަޅު ހިޔާލެއް ކަމަށް ހިތް ބުނުމުންނެވެ.

ކުރިންވެސް ލަމްހާ ދުވަންދާ މަގުތަކުން ލަމްހާ ދުވަން ފެށިއެވެ. ކަންފަތުގައި ޖަހާފައި އިން ހެޑު ސެޓުން އިވެމުން ދިޔަ ލަވަޔާ ދޭތެރޭ ވިސްނަމުން ދިޔައިރު އޭނާގެ ފަހަތުން ހިނގާފައި އަންނަ ސުހާންއެއް އޭނާއަކަށް ނުފެނެއެވެ. މީހަކު ފަހަތުން އަންނަ ކަމުގެ އިހްސާސެއްވެސް އޭނާއަށް ނުވާ ކަހަލައެވެ.

ސުހާން ބޭރަށް ނުކުތީ ނުނިދިގެންނެވެ. ނަމަވެސް މިގޮތަށް ލަމްހާއާ ބައްދަލު ވާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އިއްތިފާގުން މިލިބުނު ފުރުސަތުގެ ބޭނުން ސުހާން ހިފަން ބޭނުންވިއެވެ. ލަމްހާ ދުވަމުން ދިޔައީ އާދާގެ ވަރަކަށް ކަމުން ބޮޑެތި ފިޔަވަޅު ތަކުން ސުހާން އެއް ދުރުމިނެއްގައި ހިނގަމުން ދިޔައެވެ.

އިރުއަރާ މަންޒަރު ބަލަން ލަމްހާ އަތިރި މައްޗަށް ދިޔައެވެ. މޫދާ ތަންކޮޅެއް ދުރުގައި ލަމްހާ ވެލިގަނޑުމަތީ އިށީނެވެ. ވިލާތަކު ތެރެއިން ފާޅުވަމުން ދިޔަ އިރާ ދިމާއަށް ބަލަހައްޓައިގެން ހުރި ލަމްހާ ފުން ހިޔާލެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ.

ސުހާންގެ ހިޔާލުތަށް ސިކުނޑި ވަށާލުމުން ލަމްހާއަށް ރޮވެން ފެށުނެވެ. ކޯތާ ފަތްމައްޗަށް ފުރޮޅިލާ ކޮންމެ ކަރުނަ ތިއްކެއް އޭނާގެ އޮމާން ހަންގަނޑު ތެރެއަށް ގެނބިގެން ދެއެވެ. އެ ކަރުނަތަށް ފުހެލަންވެސް އޭނާ ބޭނުމެއް ނޫނެވެ.

ލަމްހާ އާ ތަންކޮޅެއް ދުރުގައި ސުހާން މަޑުކޮއްލިއެވެ. ދުރުގައި ލަމްހާގެ މޫނަށް ބަލަން ސުހާން އިނެވެ. ކައިރިއަށް ދާން ބޭނުންވި ނަމަވެސް ލަމްހާ ފުން ވިސްނުމެއްގައި އިނުމުން ސުހާން މަޑުކުރީއެވެ.  ނަމަވެސް ލަމްހާ ރޮނީކަން އެނގުމުން ލަމްހާ ކައިރިއަށް ދާން ނެގި ފިޔަވަޅު ހުއްޓުނީ ލަމްހާގެ ފޯނަށް މީހަކު ގުޅުމުންނެވެ.

“ކީކޭ މަންމާ؟” ލުވޭޒާ ގުޅުމުން ލަމްހާ ފޯނު ނެގިއެވެ.

“އާން މިދަނީ.. އެހާ ލަހެއް ނުވާނެ” ލަމްހާ އެހެން ބުނެފައި ފޯނު ބޭއްވިއެވެ. ލުވޭޒާ އޭނާ ލަސްވެގެން ހޯދާތީ އެތަނުގައި އިތުރަށް މަޑުނުކޮށް ގެޔަށް ދިއުމަށް ލަމްހާ ހިނގައި ގަތެވެ.

ލަމްހާ ގެޔަށް ދާން ހިނގައި ގަތުމުން ސުހާންވެސް އޭނާ ފަހަތުން ދިޔައެވެ.

މަޑު ފިޔަވަޅު ތަކުގައި ހިނގަމުން ދިޔަ ލަމްހާ ސިހުނީ މިހަކު އައިސް އޭނާގެ އަތުގައި ހިފުމުންނެވެ.

“ސުހާން.. ދޫކޮއްލާ” އޭނާގެ އަތުގައި ހިފީ ސުހާންކަން އެނގުމުން ލަމްހާ ކުޑަކޮށް ހަމަ ޖެހުނެވެ. އޭރު އެދެމީހުންނަށް ތިބެވުނީ ގޭގެ ދޮރާއްޓާ ވަރަށް ކައިރީގައެވެ.

“ލަމް ވާހަކަ ނުދައްކާ.. މިފަހަރު އަހަރެން ދައްކާ ވާހަކަ އަޑު އަހާ” ސުހާން ބުނެލިއެވެ.

“އަހަންނަށް އެނގޭ ލަމްހާ ދެކެ ވިޝާމް ލޯބިވާކަން. އަހަންނަށް ވުރެވެސް ކުރިން. ލަމްހާދެކެ ވިޝާމް ލޯބި ވާއިރު އޭނަ އަހަރެންނޭ ކިޔައިގެން ދެއްކި ވާހަކަ ތަކަކީ އަހަރެމެން ދެމީހުނ ދޭތެރޭ މައްސަލަ ޖައްސަން ދެއްކި ވާހަކަ ތަކަކަށް ވެދާނެ ކަމަކަށް ލަމް ކުޑަކޮށްވެސް ހިޔެއް ނުކުރަންތަ؟” ސުހާން އަހާލިއެވެ.

ލަމްހާ އެއަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ.

“އަހަރެން ލަމްހާއަށް ބޭވަފާތެރި ވީކަމުގެ ހެއްކަކީ މިފޮޓޯތަށް ތަ؟ މިފޮޓޯތަށް ފެނީމަ ވިޝާމް ދެއްކި ވާހަކަތަށް ލަމްއަށް ގަބޫލު ކުރެވުމަކުން އަހަރެން ލަމް ކުއްވެރިއެއް ނުކުރަން. އެއީ އެވަގުތު ލަމްހާ ހުންނާނި ވަރަށް ހާސްވެފަ ކަން އަހަންނަށް އެނގޭތީ.. އެކަމު މިފޮޓޯ ތަކަކީ ލަމް ތިހީކުރި ކަހަލަ ކަމެއްނޫން ” ސުހާން ފޯނުން ސިއާ ފޮނުވާފައި ހުރި ފޮޓޯތަށް ދައްކާލިއެވެ. އަދި އެފޮޓޯތަކުން އެހެން ފެންނަންވީ ސަބަބު ތަފްސީލުކޮށް ކިޔައި ދިނެވެ. ސިއާ އާއި ސުހާންގެ ދެމެދު ވެވިފައި ބައްދަލުވުންތަކުގައި ވީހުރިހާ ކަމެކެވެ.

“އަހަރެން ތިވާހަކަތަށް ގަބޫލުކުރަންވީ ކީއްވެ.؟ އަނެއްކާވެސް ތިއީ ސުހާން ހަދާ ދޮގުތަކެއް ނޫން ކަމެއް އަހަންނަށް އެނގޭނީ ކިހިނެއް” ލަމްހާ ބުނެލިއެވެ.

“މިއީ ވިޝާމްގެ ރޭވުމެއް.. އަހަންނަށް ހުރިހާ ވާހަކައެއް ސިއާ ކިޔައި ދިން. ވިޝާމް ލަމްހާއާ ބައްދަލު ކުރި ވަގުތު އަހަރެން ހުރީ ސިއާ ކައިރީ. އެއީވެސް ވިޝާމް ބޭނުންވި ގޮތް” ސުހާން ބުނެލިއެވެ.

“އެދުވަހު ސުހާން ފޯނު ނުނެގީ ސިއާ ކައިރީ ހުރީމަތަ” ލަމްހާ ބުނެލިއެވެ.

“އަހަރެންގެ ފޯނު ނިވުނީ. ލަމް.. މި ރެކޯޑިން އަޑު އަހާބަލަ. މިއީ އަހަރެންނާ ސިއާގެ އެންމެ ފަހު ބައްދަލުވުމުގަ ދެކެވުނު ވާހަކަ. ” ސުހާން ފޯނުގައި އިން އޯޑިއޯ އިއްވާލިއެވެ.

ލަމްހާގެ ބަސް ހުއްޓުނެވެ. އޭނާއަށް ކުރެވުނީ ކިހާ ބޮޑު ކުއްހީއެއް ހެއްޔެވެ. ސުހާންގެ އެއްވެސް ކުށެއް ނެތްއިރު އޭނާއަށް އެދެވުނީ ކިހާ ބޮޑު އަނިޔާ އެއްހެއްޔެވެ.

“ލަމް.. އަހަރެން ލަމް އަކަށް ދުވަހަކުވެސް ބޭވަފާތެރިއެއް ނުވާނަން. އެއަށްވުރެ ބޮޑަށް އަހަރެން ލަމްދެކެ ލޯބިވޭ” ސުހާން ލަމްހާ ގެނެސް އަތުތެރޭ ބޮނޑި ކޮއްލިއެވެ.

އެއްފަހަރާ އެތަށް ކަމެއް ސިކުނޑި ވަށާލުމުން ލަމްހާ ހުރީ ހުއްޓުން އަރާފައެވެ. ދެންކަންތަށް ކުރަންވީ ގޮތެއްވެސް ލަމްހާއަކަށް ނޭނގުނެވެ.

ލަމްހާ ސުހާންގެ މޭގައި އަތް އަޅާ ދުރު ކޮއްލިއެވެ.

“ސުހާން.. އަހަރެން ބޭނުމެއްނޫން މިގުޅުން އިތުރަކަށް ކުރިއަކަށް ގެންދާކަށް.. އަހަރެން ބޭނުމެއްނޫން” ލަމްހާ އިސްޖާހާލަމުން ބުނެލިއެވެ.

“ލަމް.. އެ ކިއްވެ؟ ލަމް އަދިވެސް އަހަރެން ދެއްކި ވާހަކަ ގަބޫލެއް ނުކުރަންތަ” ސުހާން ލަމްހާގެ މޫނުގައި ދެއަތުން ހިފާ ހިއްލާލިއެވެ.

“އަހަރެން ސުހާންއަށް ފުރުސަތެއް ދޭކަށް ބޭނުމެއްނޫން.. އަހަންނަށް މާފް ނުކުރިއަސް އަހަރެންގެ ޝަކުވާއެއް ނެތް. އެކަމު ސުހާނއަށްވެސް ރަނގަޅު ވާނީ އަހަރެން މަތިން ހަނދާން ނައްތާ ލިއްޔާ” ލަމްހާ ސުހާންއާ ދިމާއަށް ބަލާކަށް ނުކެރުނެވެ. ދުރު ބަލަމުން އެބަސްތަށް ބޭރު ކޮއްލީ ސުހާންގެ މޫނު ފެނިއްޖެ ނަމަ އޭނާގެ ހިތް ބަލިވާނެތީއެވެ. ސުހާންގެ ފެންކަޅި ވެފައިވާ ދެލޯ ފެނިއްޖެނަމަ އޭނާ ދޫކޮއްލަން ނުކުޅެދޭނެތީއެވެ.

“ލަމް.. އަހަރެން ކިހިނެއް ލަމް މަތިން ހަނދާން ނައްތާލާނީ؟ އަހަރެން ލަމްދެކެ ވަރަށް ލޯބިވޭ” ސުހާން ބުނެލިއެވެ.

“ސުހާން ދެކެ ލޯބި ނުވާ މީހަކަށް އިންތިޒާރު ކުރުން އެއީ އެހާ ބުއްދިވެރި ގޮތެއް ނޫން” ލަމްހާ ބުނެލިއެވެ.

“ލަމް އަހަރެންދެކެ ލޯބި ނުވަނީތަ؟” ސުހާން ލަމްހާގެ މޫނަށް ބަލާލިއެވެ. އެމޫނު މަތީގައިވި ކުލަވަރު ފެނިފައި ސުހާން ހިތުގެ ވިންދު އަވަސްވިއެވެ. އެދެލޮލުގައި ކަރުނައިގެ އަސަރު ހުރިނަމަވެސް އެދެލޮލުން ދުރުކަން ފާހަގަ ވިއެވެ. ލަމްހާ ސުހާންދެކެ ލޯބި ނުވަނީ ހެއްޔެވެ. ހަމަ އަސްލުވެސް ލަމްހާ ސުހާން މަތިން ހަނދާން ނައްތާލީ ހެއްޔެވެ.

އޭނާގެ މޫނު މަތީގައިވި ކުލަވަރަކީ ލަމްހާގެ އަސްލު އިހްސާސްތަށް ފޮރުވުމަށް ދަމާލެވިފައިވާ ފަރުދާއެއްކަން ސުހާންއަށް އެނގޭނީ ކިހިނެއް ހެއްޔެވެ.

“އަހަރެން މިހާރު ސުހާންދެކެ ލޯތްބެއް ނުވޭ.. އަހަރެން މިހާރު އެހެން މީހަކު ދެކެ ލޯބި ވެވިއްޖެ” ލަމްހާ އެހެން ބުނެފައި ގެއަށް ވަނުމަށް ހިނގައި ގަތެވެ.

“ބުނޭ ތީ ދޮގެކޭ.. ތިއީ ދޮގެއް. ކީއްވެ އަހަންނަށް ތިހެން ތިހަދަނީ” ސުހާން ލަމްހާ އަތުގައި ހިފަހައްޓާ ހުއްޓުވިއެވެ.

“ސުހާން ޕުލީސް. އަހަރެން މަތިން ހަނދާން ނައްތާލާ..” ލަމްހާއެހެން ބުނެފައި އެތެރެއަށް ވަނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..6

Next

ޢިއްޒަތްތެރި ލޮބުވެތި މުސްލިމު އަޚުންނޭވެ!

Next
November 29, 2020

ޢިއްޒަތްތެރި ލޮބުވެތި މުސްލިމު އަޚުންނޭވެ!

Previews
November 29, 2020

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..6

8 Comments!

  1. shambbx says:
    November 29, 2020 at 8:31 pm

    woah am amazed hama anthareez vhje liyuntheringe hunaru fenifa i will share my opinion mi story fully kiyaalaafa i am sorry i used to be daily commenter ekam dhimaavi life prob akun vaahaka site uh nuvadheveythaa almost one year velaafa mi aee this part is so wow am speachless gudluck in ur future stay safe

    1. Dheem&Eekku says:
      December 1, 2020 at 7:08 am

      Thank you shambbx ❤️❤️
      Will look forward to your opinion… Hope you are doing okay now.
      stay safe n tc ??

  2. ♡Maii♡ says:
    November 29, 2020 at 8:54 pm

    Alhe suhaan aa lam aa dhuru nukohba☹???.. vishaam aa gulheny hama hanaa?.. btw mi part vx hama varah varah reethi????❤❤❤❤❤❤❤❤ when next part?? waiting♡~~~

    1. Dheem&Eekku says:
      December 1, 2020 at 7:10 am

      Hehe..
      Thank you Maii.❤️❤️

  3. YEOJA says:
    November 29, 2020 at 9:00 pm

    Vrh Sali mi part vess
    Masha Allah
    Vrh emotional Hama rovihje
    Mi part nimunu iru vss neygunu veeheya yeoja akah heheh
    Suhaan sand lamhaa guleyne irakah waiting
    Stay safe and take care

    1. Dheem&Eekku says:
      December 1, 2020 at 7:13 am

      Haha. Aslu mi part ge eh intention aky ves kiyuntherin emotional kollun ???
      anyway thanks YEOJA ❤️❤️❤️

  4. RrYn says:
    November 29, 2020 at 10:13 pm

    Maasha Allah!! mi prt ves varah reethi ! and lam and suhaan dhuru nukurahchey!!! ??????❤
    love u
    tc

    1. Dheem&Eekku says:
      December 1, 2020 at 7:15 am

      Thank you RrYn ❤️❤️❤️.
      Suhan aa lamha ge ending bittersweet or happy tho balan stay tuned ingey. Only a few parts left ??

Comments are closed.

Next Episodeތިން ލަފްޒުން (24)←


All Right Reserved!